Skip to main content

6.7 million dollars single window project corruption

6.7 މިލިއަން ޑޮލަރުގެ ސިންގަލް ވިންޑޯ މަޝްރޫއުގައި ކޮރަޕްޝަން؟!
ފަޒީނާ އަހުމަދު:މިހާރު

އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް ކުރިއަށް ގެންދަން ހުޅުވާލި ބީލަމަށް، ޝަރުތު ހަމަނުވާ ކުންފުންޏަކުން ކުރިމަތިލައި، އެހެން ހުރިހާ ކުންފުންޏެއްގެ މައްޗަށް ކުރި ހޯދި ގޮތާ މެދު ސުވާލު އުފެދިއްޖެ އެވެ.

ޚިދުމަތްތައް މިހާރަށް ވުރެން ލުއި ފަސޭހަކުރަން ކުރިއަށް ގެންދާ މަޝްރޫއު، ހަވާލުކުރީ ވެބް ފޮންޓެއިން އޭޝިއާ އިންކޯޕަރޭޓެޑާ އެވެ. އެ ކުންފުނިން މި މަޝްރޫއު ހޯދީ ފިލިޕީންސްގައި ހުންނަ ވެބް ފޮންޓެއިންގެ ނަމުގައި ޑޮކިއުމެންޓް ހުށަހަޅައިގެން ނަމަވެސް ހުރިހާ މަސައްކަތެއް ކުރިއަށް ގެންދަނީ ޔޫއޭއީގައި ހުންނަ ވެބް ފޮންޓެއިންނެވެ. އެކަމަކު މިއީ އެ މަޝްރޫއާ ގުޅޭ ޓެންޑާގެ ޝަރުތުތަކާ މުޅިން ޚިލާފު ކަމެއް ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅި މައްސަލައިން ސާފުކޮށް އެނގެ އެވެ. 

ފުރަތަމަ ކަމަކީ ފިނޭންސް މިނިސްޓްރީގެ ޓެންޑަ އިއުލާނުގައި ޕްރޮޖެކްޓް ހިންގަން ކުރިމަތިލާ ކުންފުނިތައް ނިސްބަތްވާން ޖެހޭ ގައުމުތަކުގެ ލިސްޓުގައި ޔޫއޭއީ ހިމެނިފައި ނެތުމެވެ. ދެވަނަ މައްސަލައަކީ، ވެބް ފޮންޓެއިންގެ ފިލިޕީންސް ބްރާންޗުގައި، ޓެންޑާގައި ކަނޑައަޅާފައިވާ ތަޖުރިބާ އާއި އެފަދަ ސިންގަލް ވިންޑޯ ޕްރޮގްރާމެއް ތައްޔާރުކޮށް ހިންގާފައި ހުންނަން ޖެހޭނެ ކަމަށް ބުނެފައިވާ މުއްދަތުގެ ޝަރުތު ވެސް ހަމަނުވުމެވެ. މަޝްރޫއަށް ކުރިމަތިލާ ކުންފުނިތައް ނިސްބަތްވާން ޖެހޭ ގައުމުތަކުގެ ލިސްޓްގައި ފިލިޕީންސް ހިމެނެ އެވެ. އެކަމަކު ފިލިޕީންސްގައި ހުންނަ ވެބް ފޮންޓެއިން އޮފީހަކީ، ކުރިން ސިންގަލް ވިންޑޯ ފަދަ ނިޒާމެއް ގާއިމްކޮށް، ހިންގާފައިވާ ބައެއް ނޫނެވެ. އެހެންކަމުން އޭސީސީއަށް މައްސަލަ ވެއްދި ފަރާތުން ގަބޫލުކުރަނީ އެ ބޮޑު މަޝްރޫ ވެބް ފޮންޓެއިންނަށް ދީފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ.

 އެ ފަރާތުން ހުށައެޅި މައްސަލާގައި ތުހުމަތުކޮށްފައިވަނީ މަޝްރޫ ހަވާލުކުރީ ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ކަމަށެވެ. އެ މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަން އޭސީސީން "މިހާރު" އަށް ކަށަވަރު ކޮށްދެ އެވެ. 

 އޭޑީބީގެ ލޯން އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގެ ބޭނުމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ރާއްޖޭގެ އިމްޕޯޓް-އެކްސްޕޯޓް ވިޔަފާރިތަކަށް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމެވެ. ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން އޮންލައިން ޕޯޓަލެއްގެ ތެރެއިން އިމްޕޯޓާއި އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް ލުއި ފަސޭހަކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިދެ އެވެ. އެ ޕޯޓަލަށް ކަމާ ގުޅޭ ވުޒާރާތައް ގުޅުވާލައި، އިމްޕޯޓް-އެކްސްޕޯޓް ހުއްދަތައް އަންނަ އަހަރުގެ ތެރޭގައި އޮންލައިންކޮށް ފޯރުކޮށްދޭން ފަށާނެ ކަމަށް ސަރުކާރުން މިދިޔަ ފެބުރުއަރީ މަހު ވަނީ ބުނެފަ އެވެ. 

 އިކޮނޮމިކް މިނިސްޓްރީގެ މި މަޝްރޫއަށް ކުރިމަތިލާން ފިނޭންސް މިނިސްޓްރީން ހުޅުވާލުމުން ކަމުގެ ތަޖުރިބާ ހުރި ބޮޑެތި ބައެއް ކުންފުނިތަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ސިންގަލް ވިންޑޯގެ މަޝްރޫއުތައް ހިންގުމުގައި، ތަޖުރިބާކާރު ދުނިޔޭގެ ކުންފުނިތައް ވެސް ހިމެނެ އެވެ. އެކަމަކު މަޝްރޫއު އިއުލާންކުރި ފަހުން ވެސް ބަޔަކާ ހަވާލުނުކޮށް ފަސް މަސް ދުވަސް ބޭއްވުމަށް ފަހު ގާބިލް ކުންފުނިތައް "ޑިސްކޮލިފައިކޮށް"، ބިޑުގައިވާ ޝަރުތުތަކަށް ނުފެތޭ ކުންފުންޏަކާ ހަވާލުކުރި ކަމުގެ ތުހުމަތު، އޭސީސީއަށް ހުށައެޅި މައްސަލާގައި، ވަނީ ކޮށްފަ އެވެ. 


އަގުގެ ގޮތުން މިހާ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާއިރު، ހަވާލުކުރީ ކޮން ބަޔަކާ ކަމެއް، އަދި އޭގެ ތަފްސީލެއް ވެސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މި ޕްރޮޖެކްޓާ ގުޅުވައި ކުރާ ތުހުމަތުތަކަށް ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ ބަހެއް ހޯދަން ފޯނުން ގުޅައިގެންނާއި ލިއުމުން ކުރި މަސައްކަތުން އަދި ލިބިފައެއް ނުވެ އެވެ.

 ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކުރާ ސަބަބުތައް: 

- މަޝްރޫ ހޯދަން ބައިވެރިވެވޭ ގައުމުތަކުގެ ލިސްޓުގައި ޔޫއޭއީ ނުހިމެނޭއިރު، ފިލިޕީންސް ކުންފުނީގެ ނަމުގައި ކުރިމަތިލައި، އެކަމަކު ޔޫއޭއީގައި އޮފީސް ހުންނަ ކުންފުނިން މަޝްރޫއު ކުރިއަށް ގެންދިއުން.  
- ވެބް ފޮންޓެއިންގެ މައި އޮފީސް ޔޫއޭއީގައި ހުންނަ އިރު، އެކި ގައުމުތަކުގައި ހިންގި ޕްރޮޖެކްޓްތައް ވެސް، އޮޅުވާލުމުގެ ތެރެއިން، އެ އޮފީހުން ކުރިއަށް ގެންދިއުން. 

 - ފިލިޕީންސްގައި ހުންނަ ކުންފުނިން މީގެ ކުރިން ސިންގަލް ވިންޑޯގެ އެއްވެސް ޕްރޮޖެކްޓެއް ހިންގާފައިނުވުން. އެހެންކަމުން ބިޑުގައި އެ ކުންފުނީގެ ނަން އޮތަސް، އެ ބިޑް ޑިސްކޮލިފައިވާން ޖެހޭނެ ކަމަށް ބެލުން. 

  ސިންގަލް ވިންޑޯ މަޝްރޫއު ފަސް އަހަރަށް ވެބް ފޮންޓެއިނާ ހަވާލުކުރުމުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް އޭސީސީ އަށް ހުށަހެޅި ލިއުމުގައި ފާހަގަކޮށްފައިވެ އެވެ. ފުރަތަމަ ކަމަކަށް އެ މަޝްރޫއު ހަވާލުކުރި ޔޫއޭއީގެ ވެބް ފޮންޓެއިން އަކީ ބިޑް ޑޮކިއުމެންޓުގައި ސާފުކޮށް ބަޔާންކުރާ ގައުމުތަކުގެ ލިސްޓުގައި ނުހިމެނޭ ކުންފުންޏަކަށް ވުމެވެ. މި ބިޑް ކާމިޔާބުކުރަން ފިލިޕީންސްގައި ހުންނަ ވެބް ފޮންޓެއިން އޭޝިއާ އިންކޯޕަރޭޓެޑްގެ ނަން ބޭނުންކުރުމަކީ އޮޅުވާލުމެއް ކަމަށް ވެސް ބުނެފައިވެ އެވެ. 

ވެބް ފޮންޓެއިންގެ މައި އޮފީސް ޔޫއޭއީގެ ދުބާއީގައި ހުންނަ އިރު މަޝްރޫއުތައް ވެސް ހިންގަނީ އެ އޮފީހުންނެވެ. ސިންގަލް ވިންޑޯ މަޝްރޫއަށް ކުރިމަތިލެވޭނެ ގައުމުތަކެއްގެ ކަނޑައަޅައި ފިނޭންސް މިނިސްޓްރީން އާއްމުކުރި ބިޑް ޑޮކިއުމެންޓުގައި 68 ގައުމެއް ލިސްޓްކޮށްފައިވެ އެވެ. އޭގެތެރޭގައި ޔޫއޭއީ ނުހިމެނޭ އިރު ބިޑް ޑޮކިއުމެންޓުގެ 4.2 ވަނަ މާއްދާގައިވާ ގޮތުން، މި ލިސްޓުގައި ނުހިމެނޭ ގައުމަކުން މި ޕްރޮޖެކްޓް ކުރިއަކަށް ނުގެންދެވޭނެ އެވެ. 

 މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތުކުރާ ގޮތުގައި މީގެ ކުރިން އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާ ފިލިޕީންސްގެ ވެބް ފޮންޓެއިންގެ ނަމުގައި ކުރިމަތިލީ، ލިސްޓްގައި ހިމެނޭ ގައުމެއްގެ ނަން ބޭނުންކޮށް، ބިޑް ކާމިޔާބު ކުރާށެވެ. ހަމައެކަނި ކަރުދާސް ކުންފުންޏެއްގެ ގޮތުގައި ބެލެވޭ އެ ކުންފުނިން މަޝްރޫއު ނެގިއަސް ހިންގަނީ ދުބާއީގައި ހުންނަ މައި އޮފީހުން ކަމުގެ ތުހުމަތު ވެސް، އޭސީސީއަށް ހުށައެޅި މައްސަލާގައި، ކޮށްފައިވެ އެވެ. އެއީ، ބޮޑު އޮޅުވާލުމެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެ އެވެ.

 އެ ފަރާތުން ހުށަހެޅި ލިއުންތަކުގެ ތެރޭގައި، މި މަޝްރޫއާ ގުޅޭ ގޮތުން ވެބް ފޮންޓެއިނުން ހިންގާފައިވާ މުއާމަލާތްތަކެއް ވެސް ހިމެނެ އެވެ. ފިނޭންސް މިނިސްޓްރީއާ އެކު އެ މުއާމަލާތް ހިންގީ ޔޫއޭއީގައި ހުންނަ ވެބް ފޮންޓެއިން އޮފީހުގެ އިސް ބޭފުޅެއް ކަމަށް ވެސް ތުހުމަތުކުރެ އެވެ.

 އޭސީސީ އަށް ހުށަހަޅައި "މިހާރު"އަށް ކޮޕީ ލިބިފައިވާ ލިއުމާއި ފިނޭންސްގެ ބިޑް ޑޮކިއުމެންޓުގައިވާ ގޮތުން ބިޑުގައި ބައިވެރިވާ ކުންފުނިތަކުން މަދުވެގެން 4 މިލިއަން ޑޮލަރަށް ވުރެ ދަށް ނޫން ދެ މަޝްރޫއު ހިންގާފައި ހުރުމަކީ ޝަރުތެކެވެ. އެކަމަކު ފިލިޕީންސްގެ ވެބް ފޮންޓެއިންގައި މި ޝަރުތު ހަމައެއްނުވެ އެވެ. އޭގެ ބަދަލުގައި ބިޑް ކާމިޔާބު ކުރަން ހުށަހެޅީ ޔޫއޭއީގައި ހުންނަ މައި އޮފީހުން ހިންގި މަޝްރޫއުތަކުގެ ލިއުންތައް ކަމަށާއި އެއީ ވެސް ބޮޑު އޮޅުވާލުމަކަށް ވެދާނެ ކަމަށް، މައްސަލާގައި ބުނެފައިވެ އެވެ. 

 ވެބް ފޮންޓެއިން އިން ވަނީ މި މަޝްރޫއު އެ ކުންފުންޏަށް ކާމިޔާބުވި ކަން ފާހަގަކޮށް، ޔޫއޭއީގައި ހުންނަ އޮފީހުގެ ނަމުގައި މައުލޫމާތުތަކެއް ވެސް އާއްމުކޮށްފަ އެވެ. އެ މައުލޫމާތުން ވެސް އެނގޭ ގޮތުގައި، މަޝްރޫއު ހިންގާނީ ދުބާއީގައި ހުންނަ ކުންފުނިންނެވެ. އަދި ފިލިޕީންސް ކުންފުންޏަކީ ހަމައެކަނި ރިސާޗް އެންޑް ޑިވެލޮޕްމެންޓް ބޭނުމަށް ހިންގާ ކުންފުންޏެއް ކަން ވެސް އެ މައުލޫމާތުން އެނގެ އެވެ.

 ސިންގަލް ވިންޑޯ މަޝްރޫއަށް ވެބް ފޮންޓެއިނަށް ވުރެ ޓެކްނިކަލް ގޮތުން ވެސް ގާބިލް، އަގުގެ ގޮތުން ބަލާއިރު އެތައް މިލިއަން ޑޮލަރެއް ހެޔޮ ކުންފުނިތައް ބާކީކޮށް، އެ ކުންފުންޏާ ހަވާލުކުރީ ނުފޫޒު ގަދަ ފަރާތްތަކެއްގެ މަސްލަހަތާއި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހުރެގެން ކަމަށް ވުން އެކަށީގެންވާ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތުކުރެ އެވެ. އެހެންކަމުން އެދިފައި ވަނީ މި މައްސަލަ އަވަހަށް ތަހުގީގުކޮށް، ވެބް ފޮންޓެއިން ޝަރުތު ހަމަނުވާ ނަމަ އެއްބަސްވުން ކެންސަލްކޮށް، ދައުލަތަށް ލިބިދާނެ ގެއްލުމަކުން އަރައިގަތުމަށް މަސައްކަތް ކޮށްދިނުމަށެވެ. 

 އޭސީސީ އަށް ފުރަތަމަ މި މައްސަލަ ހުށައެޅީ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ޑިސެމްބަރު 5، 2019 ގަ އެވެ. މައްސަލަ ހުށަހެޅި އަމިއްލަ ފަރާތުން އެ ފަހަރު ވެސް އެދުނީ މި ޕްރޮޖެކްޓް އެވޯޑުކުރުން ހަވާލުކުރުން ހުއްޓުވައިދޭށެވެ. އެކަމަކު އޭސީސީގެ މާ ބޮޑު އަޅާލުމެއް ނުލިބުމުން ދެ ވަނަ ފަހަރަށް ކޮމިޝަންގެ ސަމާލުކަމަށް މިކަން ގެނައުމުން މައްސަލަ ރަޖިސްޓްރީކުރީ ޑިސެމްބަރު، 11، 2019 ގަ އެވެ. 

 ހުށަހެޅި މައްސަލައިގައިވާ ލިއުންތައް ދިރާސާކޮށް، މައްސަލައިގެ ތަހުގީގު ފަށަން ނިންމި ކަން މައްސަލަ ހުށަހެޅި ފަރާތަށް އެންގީ، މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. 

 އިކޮނޮމިކް މިނިސްޓްރީ އާއި ވެބް ފޮންޓެއިނާ ދެމެދު މި އެއްބަސްވުން ކުރިއަށް ގެންދަން ސޮއިކުރީ އޭސީސީ އަށް ހުށަހަޅައި ތަހުގީގު ނުފަށައި އޮތް މުއްދަތުގެ ތެރޭގައި ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތުކުރެ އެވެ. "އޭސީސީގެ ވެސް ޒީރޯ ޓޮލަރެންސަކަށް ވާން ޖެހޭނީ [މިފަދަ ބޮޑު] މައްސަލަ ހުށަހެޅުމާ އެކު ބެލުން. އެކަމަކު މި ޕްރޮޖެކްޓްގެ ކަންކަން ނުބެލި އޮއްވައި އެވޯޑުކުރުމަކީ ސަރުކާރުން އާއްމުކުރާ ސިޔާސަތާ އެއްގޮތަށް އަމަލުކުރުން ކަމަކަށް ނުދެކެން،" މައްސަލަ ހުށަހެޅި ފަރާތުން "މިހާރު" އަށް ބުންޏެވެ. 

މިކަމާ ގުޅިގެން "މިހާރު" އިން އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ފުރަތަމަ ގުޅުމުން ވިދާޅުވީ އެ މަޝްރޫއުގެ ކުރިއަށް ގެންދާ ޓީމު ނުވަތަ މައުލޫމާތު އެނގިވަޑައިގަންނަވާނެ ބޭފުޅަކު މެދުވެރިކޮށް މައުލޫމާތު ހިއްސާކޮށްދެއްވާނެ ކަމަށެވެ. އެކަމަކު، ޚަބަރެއް ނުވެގެން ފަހުން ގުޅުމުން ވިދާޅުވީ ބޭނުންވާ މައުލޫމާތު ލިއުމުން އެ މިނިސްޓްރީ އަށް ހިއްސާކޮށްދިނުމަށެވެ. އެ މައުލޫމާތަށް "މިހާރު" އިން ވަނީ ފިނޭންސާއި އިކޮނޮމިކް މިނިސްޓްރީގައި އެދިފަ އެވެ. 

 ވެބް ފޮންޓެއިނުން އޮޅުވާލައިގެން ހުށަހެޅި ލިއުންތަކުގެ މައްޗަށް އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރުމަކީ، އޭސީސީ އަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާ ގޮތުގައި، ޓެންޑަރުގައި ބައިވެރިވާ ކުންފުނިތަކުގެ ހައްގު ނިގުޅައިގަނެވޭނެ ކަމެކެވެ. އަދި މިއީ، ޓެންޑާ ކުރުމުގެ މަގްސަދު ހާސިލްނުވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.


Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.