Skip to main content

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ:ނަސީމާ މުހައްމަދު

ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.

ދިވެހިރާއްޖޭގައި މީހުން ފުރަތަމަ ދިރިއުޅޭންފެށި ދުވަސްވަރު އެނގިއްޖެ ނަމަ، އިންޑިޔާކަނޑުގައި މީހުން ދަތުރުކުރަންފެށި ދުވަސްވަރުގެ ތާރީޚުވެސް އެނގިދާނެއެވެ. ބައެއް މުއައްރިޚުން ވިދާޅުވާ ގޮތުގައި، އިންޑިޔާކަނޑު ހުރަސްކޮށް އުތުރުކަރަ (އިންޑިޔާގެ ސަބްކޮންޓިނަންޓް ކަމަށް މިހާރު ކިޔާ ހިސާބު) އަށާއި، ދުރުއިރުމައްޗަށް ނައުފަހަރު ދަތުރުކުރަން ފެށީއްސުރެ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅެފައިވާނެއެވެ. ސަބަބަކީ، ޖޯގްރަފީގެ ގޮތުން ދިވެހިރާއްޖެ އޮންނަނީ އިންޑިޔާކަނޑު ހުރަސްކޮށް ނައުފަހަރު ދަތުރުކުރާ މަގުތަކުގެ މެދުތެރޭގައި ކަމަށް ވުމެވެ.
އިހުޒަމާނުގައި އުޅުއްވި، އިތުބާރުކުރެވޭ ބައެއް ލިޔުންތެރީންގެ ލިޔުއްވުންތަކުގައި، ދިވެހިރާއްޖޭގެ ވާހަކަތައް ކޮންމެވެސް ވަރަކަށް ހިމަނުއްވާފައި އެބަހުއްޓެވެ. މި ފަދަ މަޢުލޫމާތު ހުރި އެންމެ ގިނަ ދުވަސްވީ ލިޔުންތަކުގެ ތެރޭގައި، މީލާދީން ފުރަތަމަ ޤަރުނުގެ ތެރޭގައި ރޯމްގައި ލިޔެވިފައިވާ "ޕެރިޕްލުސް މާރިސް އެރިތުރީ" ނަމަކަށް ކިޔުނު ނިޔަމިކަމުގެ ފޮތުގައި، އިންޑިޔާކަނޑުގައިވާ "ލިމުރިކެ" ނަމަކަށްކިޔާ ރަށެއްގެ ކައިރީގައިވާ ޖަޒީރާތަކަކުން ކަހަނބުފަތް ހޯދާ ވާހަކަ ލިޔެފައި ވެއެވެ. މި ދެންނެވި "ލިމުރިކެ" އަކީ މަލާބާރުކަރައެވެ. ކަހަނބުފަތް ހޯދާ ޖަޒީރާތަކަކީ ދިވެހިރާއްޖޭގެ ޖަޒީރާތަކެވެ. މީލާދީން ދެވަނަ ޤަރުނުގެ ތެރޭގައި، ގްރީކްގެ މަޝްހޫރު ނުޖޫމީ ޢިލްމުވެރިޔާ ޓޮލަމީގެ ލިޔުއްވުމުގައި ވެސް ދަތުރުވެރިކަމާބެހޭ ވާހަކަތަކުގައި ދިވެހިރާއްޖޭގެ މަޢުލޫމާތު ހުއްޓެވެ. ވީމާ، ދިވެހިރާއްޖެއަކީ އިހުޒަމާނުގައި ހުޅަނގުގެ ދަތުރުވެރީން ދަންނަ ތަނެއްކަން އަޅުގަނޑުމެންނަށް އެނގެއެވެ.
ރޫމީންގެ އެހެން ލިޔުންތެރިއެއް ކަމުގައިވީ އަމިއާނުސް މަރުސެލިނުސް (320- 390މ) ލިޔުއްވި ތާރީޚީ ލިޔުއްވުމެއްގައި، މީލާދީން 362 ވަނަ އަހަރު، އެ ޤައުމުގެ ޖޫލިއަން ރަސްގެފާނުގެ އަރިއަހަށް ދިވީންގެ (ދިވެހީންގެ) ވަފުދެއް ރަސްމީ ގޮތުން ވެދުން ހިފައިގެން ދިޔަކަމަށް ވިދާޅުވެފައިވެއެވެ. މިލިޔުމުގައި ސަރަންދީވީންގެ (ސިންގަޅައިންގެ) ވާހަކަ ލިޔުއްވާފައި ވަނީ ތަފާތު ބައެއްގެ ގޮތުގައެވެ. ރަސްމީ ދިވެހި ވަފުދެއް އެހިސާބަށް ދަތުރުކޮށްފައި ވާނީ، އެ ޒަމާނުގެ ދިވެހީންނަކީ އަމިއްލަ ވެރިކަމެއް ހިންގަމުންގެންދިޔަ ބަޔަކަށް ވާތީ ކަމާއި ތަންދޮރުވެސް ފިލާފައިވާ ބަޔަކަށް ވާތީ ކަމާމެދު ޝައްކެއް ނުކުރެވެއެވެ. ދިވީންނާއި ސަރަންދީވީންގެ ނަން ވަކީން ލިޔެފައިވަނީ މި ދެބައި މީހުންނަކީ ދެ ޤައުމެއްގެ މީހުންކަން އެޒަމާނުގެ ރޫމީންނަށް ވެސް އެނގިފައިވާތީއެވެ.
ސީނުކަރައިގެ ޓޭންގް ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގެ ރެކޯޑުތަކެއްގައި، މީލާދީގެ 658 ވަނަ އަހަރާއި 662 ވަނަ އަހަރު، ސީނުކަރައިގެ ރަސްގެފާނު އަރިހަށް ދިވެހީން ވެދުން ހިފައިގެން ދަތުރުކުރި ކަމަށް ލިޔެފައިވެއެވެ. ވެދުމުގައި ހުރީ ރާއްޖޭގައި އުފައްދާ ތަކެތި ކަމަށާއި، އަދި ސީނުކަރައަށް އައުމަށް އެމީހުންނަށް ކުރަންޖެހުނީ ވަރަށް ދިގު ދަތުރެއް ކަމަށް ވެސް އެ ރެކޯޑުގައި ވެއެވެ. މިދެންނެވި ވެދުން ފޮނުއްވާފައި ވަނީ އެއިރު ދިވެހިރާއްޖޭގެ ތަޚުތުގައި އިންނެވި ސިރީ ބަލާދީއްތިޔަ މަހާރަދުންނެވެ. މިކަންކަން ހިނގާފައިވަނީ ރާއްޖެ އިސްލާމްވުމުގެ ގާތްގަނޑަކަށް 500 އަހަރު ކުރިންނެވެ. އެ ލިޔުމުން ޤަބޫލުކުރެވޭ ގޮތުގައި، އެޒަމާނުގައި ސީނުކަރައާއި ދިވެހިރާއްޖެއާ ދެމެދުގައި މުޢާމަލާތްތަކެއް ކުރެވުނެވެ. އެއިރު ދިވެހިރާއްޖޭގައި ރަސްކަމެއް އޮތުމާއެކު، ރަސްކަމެއް ހިނގާނީ، އަދި އެހެން ޤައުމަކަށް އެ ރަސްކަމުން ވެދުން ފޮނުއްވާނީ، އެކަށީގެންވާ ރަނގަޅު އާދަކާދަތަކެއް ރާއްޖޭގައި އޮތީމާ ކަމަށް ބެލެވެއެވެ. އަދި ބޭރު އެހެން ޤައުމުތަކުގެ މަޢުލޫމާތު އެޒަމާނުގެ ދިވެހީންނަށް އެނގޭތީއެވެ. މިމަޢުލޫމާތުން ދޭހަވަނީ، އެއިރުވެސް ރާއްޖޭގައި އެތަކެއް ސަތޭކަ އަހަރު ވަންދެން ދިވެހީން ވަޒަންވެރިވެ އުޅެފައިވާ ކަމެވެ.
އޮޅުދޫކަރައިގެ (ލަންކާގެ) އާސާރީ ލިޔުމެއް ކަމަށްވަ "މަހަވަންސާ" ގައި، މީލާދީ ސަނަތުގެ، 500 އަހަރު ކުރީން ހުޅަނގުއުތުރު އިންޑިޔާގެ ރަށެއްކަމަށް ބުނެވޭ "ސިންހަޕުރަ" އިން، އެ ރަށުގެ ރަސްގެފާނުގެ ދަރިކަލުން، ޕްރިންސް ވިޖަޔާ އޮޅުދޫކަރައަށް ވަޑައިގެންނެވިއިރު، އެބޭފުޅުން ދަތުރުކުރެއްވި ނައުތަކުގެ ތެރެއިން ނަވެއް ދިވެހިރާއްޖެއަށް އައިކަމަށް ބުނެފައިވެއެވެ. މި ވާހަކައިގައި ޙަޤީޤަތެއް އެކުލެވިފައިވުން އެކަށީގެންވެއެވެ. މިހެނީ، ދިވެހިބަހުގެ އަޞްލާއި ސިންގަޅަ ބަހާ ހުރި ގާތްކަމާއި، މީހުންގެ ސިފައަށް ބަލާއިރު، މި ދެ ނަސްލުގެ މީހުންގެ މެދުގައި ތިމާގެކަން ހުރިކަމަށް ފެންނާތީއެވެ. އެހެންވީމަ މި ދެރަށުގައި އެއްރަށަކުން އައި ބައެއް އުޅުނު ކަމަށް ވެދާނެއެވެ. މިހާރުގެ ބައެއް ލިންގުއިސްޓުން (ބަހުގެ މާހިރުން) ވިދާޅުވާ ފަދައިން، ފެންނަން ހުރި ހެކިތަކަށް ބަލާއިރު، މި ދެބަހަކީ އެއް މައި ބަހަކުން ހެދިފައިވާ ދެބަހެއް ކަމަށްވުން އެކަށީގެންވެއެވެ.
އިސްވެ ދެންނެވި ނައު އުތުރުކަރައިން ދިވެހިރާއްޖެއަށް އައިއިރު، މި ބިމުގައި މީހުން ދިރިއުޅެން ފަށައިފި ކަމަށް ބަލަންޖެހެއެވެ. މިހެން ދަންނަވަން ޖެހެނީ، ތޯރް ހަޔަދާލް ލިޔުއްވާފައިވާ "ދަ މޯލްޑިވް މިސްޓްރީ" ގައި ހިމެނިފައިވާ ވާހަކައަކަށް ބަލާފައެވެ. އޭގައި އޭނާ ބައްލަވާފައި ވަނީ، އުތުރުކަރައިގެ ހުޅަނގު ސަރަހައްދުގައި، އިންޑަސް ކޯރުގެކައިރީގައި އެވޭލާ ޒަމާނުގައި އޮތް "އިންޑަސްވާދީގެ ރަށްވެހިކަމާ" ރާއްޖެއާ ކޮންމެވެސް ގުޅުމެއް އޮތް ކަމަށެވެ. މި ދެންނެވި އިންޑަސްވާދީގެ ރަށްވެހިކަން އުވިގެންދިޔައީ، ގާތްގަނޑަކަށް މީލާދީ ސަނަތުގެ 1500 އަހަރު ކުރީންނެވެ. ހަޔަދާލް ވިދާޅުވެފައިވާ ގޮތުގައި އެ ރަށްވެހިކަމުގައި ބޭނުންކުރި ލޯތާލް ނަމަކަށް ކިޔުނު ބަނދަރުގެ ބިނާތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ބޮލިތަކެއް ފެނުނެވެ. އެޒަމާނުގައި މިބޮލި، "މޯލްޑިވް ކައުރީ" ލިބެނީ ހަމައެކަނި ދިވެހިރާއްޖެއިންނެވެ. ވީމާ އެމީހުންނަށް މިބޮލި ލިބިފައިވާނީ މި ރާއްޖޭގައި ދިރިއުޅުނު ބައެއްގެ އަތުން އެތަކެތި ހޯދައިގެންނެވެ. ޤަބޫލުކުރެވޭ ގޮތުގައި މި ބޮލިހިލާ ގޮތް އެނގޭނީ މި ފަސްގަނޑުގައި އެކަން ކޮށްއުޅުނު ބަޔަކަށެވެ.
އިންޑިޔާ ކަނޑުގައި ރާއްޖެ އޮންނަ މަޤާމަށް ބަލާއިރު، ދިވެހީންގެ ކާބަފައިން މިރާއްޖެއަށް އައުން އެކަށީގެންވާ އެތައް ރަށެއް ވެއެވެ. މިރަށްރަށަށް ބަލައިލާއިރު، އެންމެ ކައިރީގައިވާ އެއް ރަށަކީ ލަންކާއެވެ. ޖޯގްރަފީގެ ގޮތުން ރާއްޖެއާއި ލަންކާ ދާދި ކައިރީގައި އޮތުމުގެ ސަބަބުން، ލަންކާއިން ރާއްޖެއަށް މީހުން ހިޖުރަކުރުމަކީ ހިނގައިފައިވެދާނެ ކަމެކެވެ. ލަންކާގެ މީހުންނަކީ، މާގިނައިން ކަނޑުދަތުރުކޮށް އުޅުނު ބައެއް ކަމަކަށް އެނގިފައެއް ނުވެއެވެ. އެބައިމީހުންގެ ޚާއްޞަ ނައުފަހަރުގެ ވާހަކައެއް އިވިފައެއް ނޯވެއެވެ. އަދި ލަންކާގެ ތާރީޚީ ލިޔުމެއްގައިވެސް އެރަށުގެ މީހުން ރާއްޖެއަށް ހިޖުރަކުރި ވާހަކަ ލިޔެފައިވާތީ ނުފެންނަނީ، މާގިނަ މީހުން އެއްފަހަރެއްގެ މަތިން އައިސްފައި ނުވާތީ ކަމަށްވެސް ވެދާނެއެވެ. މަދު ޢަދަދެއްގެ މީހުން އެރަށުން އެކިފަހަރު މަތިން އައިސްފައިވާ ކަމަށް ލަފާކުރެވެނީ، މީލާދީގެ ދިހަވަނަ ޤަރުނާއި ބާރަ ވަނަ ޤަރުނާއި ދެމެދުގައެވެ. މިއީ މިރާއްޖޭގައި ދިވެހީން އުޅެންފެށިތާ މާފަހުގެ ދުވަސްވަރެކެވެ.
މީލާދީން 1899 ވަނަ އަހަރު، ޕްރޮފެސަރ ޖޯން ސްޓޭންލީ ގާޑިނަރް ދިވެހިރާއްޖެއަށް ވަޑައިގެން، ދިވެހީންގެ އަޞްލު ހޯއްދެވުމުގެ ގޮތުން މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. މިކަމަށްޓަކައި ރާއްޖޭގެ އެކިރަށްރަށުގެ ދިވެހީންގެ އިސްކޮޅާއި، ބޮލާއި، ހަށިގަނޑުގެ ސައިންޓިފިކް މިންތަކެއް ނެންގެވިއެވެ. މިމަޢުލޫމާތުގެ ދިރާސާގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގައި މައިގަނޑުގޮތެއްގައި އުޅެނީ، ތިރީގައި މިދަންނަވާ ރަށްރަށުގެ ނަސްލުތަކުގެ މީހުން ކަމަށެވެ.

.1 އިންޑިޔާގެ ސަބްކޮންޓިނެންޓާއި ލަންކާ.
.2 ޢަރަބިކަރަ.
.3 އެފްރިކާ.
.4 އަސޭކަރަ (މިހާރުގެ އިންޑޮނީޝިއާ އާއި މެލޭޝިއާ).

މި ރިޕޯޓަށް ބަލާއިރު، މި ދެންނެވި ނަސްލުތަކުގެ ސިފަތައް، މީލާދީން 1899 ވަނަ އަހަރު ދިވެހީންގެ ތެރޭގައި ހުރިކަން ޕްރޮފެސަ ގާޑިނަރުގެ ދިރާސާއިން އަޅުގަނޑުމެންނަށް ދޭހަވެއެވެ. ނަމަވެސް އެ ނަސްލުތަކުގެ މީހުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ވަނީ، އެއަށްވުރެ ކުރީގެ އެކި ދުވަސްވަރުގައިކަން، ތާރީޚުންނާއި އެކިއެކި ލިޔުންތަކުން އަޅުގަނޑުމެންނަށް ގަބޫލުކުރެވެއެވެ.
މިހާރުގެ ދިވެހީންގެ ސިފައަށް ބަލައިލާއިރު، ގިނަ މީހުން ވައްތަރުވަނީ ދެކުނު އިންޑިޔާގެ މީހުންނާއި ލަންކާގެ މީހުންނާއެވެ. އިންޑޮނީޝިއާގެ މީހުންގެ ސިފަތައް ހުންނަ މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއްނޫނެވެ. ހަމުގެ ކުލަ ދޮންވެފައި، ލޮލުގެ ކަޅި މުށިކުލައިގައި ހުންނަ މީހުންވެސް ދިވެހީންގެ ތެރޭގައި އެބަތިއްބެވެ. މޫނުގެ ސިފައިގައި ޢަރަބީންގެ ވައްތަރާއި، އެފްރިކާ މީހުންގެ ގޮތްތައް ހުންނަ މީހުންވެސް ފެނެއެވެ. އަދި ބައެއް ރަށްރަށުން އެއް ނަސްލެއްގެ ސިފަތައް މާ ގިނައިން ފެންނަން އެބަހުރިވެސްމެއެވެ. ވީމާ، މިފަދަ ކަންތައްތަކަށް ވިސްނާލާއިރު، އެކި ފަހަރުމަތިން އެކި ޤައުމުގެ ދަތުރުވެރީން އައިސް، އެބައިމީހުން އެއް ރަށެއްގައި ވަޒަންވެރިވެ އުޅެފައިވާ ކަމަށް ފެނެއެވެ. މިހެންވުމުން، އެ ރަށެއްގައި އެ ނަސްލެއްގެ މީހުން ގިނައިން ތިބުމަކީ އެކަށީގެންވާ ކަމެކެވެ.
ދިވެހީންގެ ޒަމާންވީ އާދަކާދައަށް ބަލާއިރު، ހުޅަނގު ދެކުނު އިންޑިޔާގެ މީހުންނާ އެއްކަހަލަ ކަންތައް ވަރަށް ގިނައެވެ. މި ދެންނެވި އާދަކާދަތަކަކީ އެންމެ ކުރީއްސުރެ ދިވެހީން ގެންގުޅުނު ގޮތްތަކެވެ. އާދެ! ދޯނި ބަނުން، ޅާނބުލައިގެން ރުކަށް އެރުން، ގެދޮރު އެޅުން، އަދި ކާބޯތަކެތި ތައްޔާރުކުރާ ގޮތްތައްވެސް މީގެ ތެރޭގައި ހިމެނެއެވެ. އަޅުގަނޑުމެން ބޭނުންކުރާ "ދޯނިބަނުން" މި ބަހަކީ، މަލާބާރު މީހުން ފަދައިން ދޯނިފަހަރު ރޯނުން ބަން ދުވަސްވަރަކު ބޭނުންކުރި ބަހެއް ކަމަށް ވެދާނެއެވެ. ދާދި ފަހަކާ ޖެހެންދެން، ލަކްޝަދީބުގައިވެސް ދޯނި ބަނދެ އުޅުނީ މި ގޮތަށް ކަމަށް ވެއެވެ. ދޯނިބަންނަން އަޅުގަނޑުމެން މިހާރު މި ގެންގުޅޭ ގޮތްތަކަކީ، ފަހުގެ ދުވަސްވަރެއްގައި ޢަރަބީންގެ ފަރާތުން ދަސްކުރި ގޮތްތަކެއް ކަމަށްވެސް ވެދާނެއެވެ. ކުރިން ދެންނެވިފަދައިން، މަލާބާރުގައި އިންޑިޔާކަނޑުގެ އައްސޭރީގައި އުޅޭ މީހުންގެ ވަރަށް ގިނަ އާދަކާދަ ދިވެހީންގެ އާދަކާދައާ ވަރަށް ވައްތަރެވެ. މި ހިސާބުގެ މީހުން ޢާއްމުކޮށް ކޮށްއުޅުނު މަސައްކަތަކީ މަސްވެރިކަމެވެ. މިމީހުންނަކީ ކަނޑުމައްޗަށް ވަރަށް ފަރިތަ ބައެކެވެ.
\ ކުރިން ދެންނެވިފަދައިން، މަލާބާރުކަރައިގެ އިންޑިޔާކަނޑުގެ އައްސޭރިފަށުގައި އުޅޭ މީހުންގެ ވަރަށް ގިނަ އާދަކާދަ ދިވެހީންގެ ކުރީގެ އާދަކާދައާ ވަރަށް ވައްތަރެވެ. މި ހިސާބުގެ މީހުން ޢާއްމުކޮށް ކޮށްއުޅުނު މަސައްކަތަކީ މަސްވެރިކަމެވެ. އެހެންކަމާއެކު މިމީހުންނަކީ ކަނޑުމައްޗަށް ވަރަށް ފަރިތަ ބައެކެވެ. އަދި މި މީހުންނަކީ މަސްވެރިކަން ކުރުމުގައި ވަރަށް ދުރަށް ދަތުރުކޮށް އުޅުނު ބައެއްވެސްމެއެވެ. ރާއެރުމަކީވެސް އެމީހުންގެ ތެރޭގައި ވަރަށް ގިނަމީހުން ކޮށްއުޅުނު މަސައްކަތެކެވެ. މިމީހުންނަކީ އެޒަމާނުގައި ދަނޑުވެރިކަން ކޮށްއުޅުނު ބައެއް ނޫނެވެ. މިފަދައިން އުޅުނު މަސްވެރީންގެ ތެރޭގައި "މުއްކަވާރުން"ނާއި "ޕަރަވާއިން" ހިމެނުނެވެ. މިމީހުންނަކީ މަލާބާރުގެ ރަސްރަސްކަލުންގެ ވެރިކަމާ ދުރުގައި، އެމީހުންގެ އަމިއްލަ މިނިވަންކަން ހިފަހައްޓައިގެން، މިނިވަން ގޮތަކަށް މަސްވެރިކަން ކޮށްގެން ދިރިއުޅުނު ބައެކެވެ.
ދިވެހިރާއްޖޭގައި މީހުން ފުރަތަމަ ވަޒަންވެރިވީ ޒަމާނުގައި، މަލާބާރުކަރައިގެ މަސްވެރީންތަކެއް ރާއްޖެއަށް އައިސް، އެކި ރަށްރަށުގައި ވަޒަންވެރިވެ، ޢާއިލާތަކެއް އުފައްދާފައި ވުމަކީ އެކަށީގެންވާ ކަމެކެވެ. އެމީހުންގެ މަސްދޯނިފަހަރުގައި ރާއްޖެއާ ހަމައަށް އައުމަކީ، ކަނޑުމައްޗަށް އެހާ ފަރިތަ ބަޔަކަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. މި ކަމާމެދު ވިސްނާލާއިރު، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ދިރިއުޅެންފެށި ޑްރެވީޑިއަން ނަސްލުގެ ބަޔަކީ، މި ދެންނެވި ފަދަ މަސްވެރި ޢާއިލާތައް ކަމަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ތަންދޮރުފިލާފައި ތިބި މީހުންނާއި، ރަސްމަތިފުށުގެ މީހުން ރާއްޖެއަށް އައިސް ވަޒަންވެރިވެފައި ވަނީ އޭގެ ފަހުގައި ކަމަށް ލަފާކުރެވިފައި ވެއެވެ. އެކި ގޮތްގޮތުން ބަލާއިރުވެސް ދިވެހީންގެ އަސްލުވަނީ މަސްވެރިކަމާ ގުޅިފައިކަމީ، ޒަމާނުއްސުރެ ދިވެހީންވެސް ދަންނަ އަދި އެކަމަށްޓަކައި ފަޚުރުވެރިވާ ކަމެކެވެ. މި ކަމަށް އިތުރު ބާރުވެރިކަމެއް ލިބެނީ، ދިވެހިރާއްޖޭގެ ރަށްރަށަށް ޒަމާނުއްސުރެ ކިޔަމުން އަންނަ ނަންތަކުންނެވެ. ބުނެވޭ ގޮތުގައި، ގިނަ ދުވަސް ވުމުންވެސް، އެންމެ ކުޑަކޮށް ބަދަލުތައް އަންނަނީ ތަންތަނަށް ކިޔާ ނަންނަމަށެވެ. ދިވެހިރާއްޖޭގެ ރަށްރަށުގެ ނަންތަކަށް ބަލާއިރު، ގިނަ ނަންނަމަކީ ޑްރަވީޑިއަން އަޞްލުން އައިސްފައިވާ ނަންނަމެވެ. ދިވެހިބަހުގައި ވެސް ޑްރެވީޑިއަން ބަހުގެ އަސަރު ހުރިކަމަށް ބަސްވާރުން ވިދާޅުވެފައި ވެއެވެ. އަދި ވަރަށް ގިނަ ނަންނަމަކީ، ކަނޑުމަތީގައި ގިނައިން އުޅޭ މީހުން، އެމީހުންގެ ދަތުރުތަކުގައި އެކިރަށްރަށް ފާހަގަކުރުމަށް، އެރަށެއްގެ ސިފަ ނުވަތަ އޮންނަ މަޤާމު ފާހަގަކުރުމަށް، ކިޔާނޭފަދަ ނަންނަމެވެ. މިސާލަކަށް "ކަނޑުމޫނުފުށި" (ކަނޑާދިމާއަށް އޮންނަ ރަށް)، "ކަނި ފިނޮޅު" (ކަނުގައި އޮތް ފިނޮޅު) މިފަދަ ވަރަށް ގިނަ ރަށްރަށް ދިވެހިރާއްޖޭގެ ޗާޓުފޮތްތަކުން ފެނިވަޑައިގަންނަވާނެއެވެ. މިފަދަ ނަންތައް ހުރުމާއެކު ލަފާކުރެވެނީ، މީގެ ގިނަ ނަންތައް ކިޔައިފައިވާނީ، އެރަށްތައް ފެންނަފަށުން، ކަނޑުމަތީގައި ގިނައިން ދަތުރުކޮށް އުޅުނު މަސްވެރިން ފަދަ މީހުން ކަމަށެވެ.
ދިވެހި ރަދީފުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ދިވެހީންގެ މާޒީގައި، "މުއްކަވާރު" މިނަން ބޭނުންކޮށް އުޅުނީ މަލާބާރީންގެ ތެރޭގައި އުޅުނު ކަނޑުފޭރޭ މީހުންނަށެވެ. އެޒަމާނުގައި ކަނޑުމަތީގެ ކަންތައްތައް ހުރި ގޮތުން، ކަނޑުމަތިން ދިމާވާ ބަޔަކާ ހަމަލާ ދިނުމަކީ ވަރަށް ޢާއްމު ކަމެކެވެ. ޚާއްޞަކޮށް ވިޔަފާރި މުދާއުފުލާ ނަވެއް ފެނިއްޖެނަމަ، އެނަވަކަށް ހަމަލާއެއް ނުލިބި ސަލާމަތްވުމަކީ ވަރަށް ނާދިރުކަމެކެވެ. އެކި ޤައުމުތަކުގެ ކަނޑުފޭރޭ މީހުންގެ ފަރާތުން މިފަދަ ނައުފަހަރަށް މެދުވެރިކޮށް އުޅުނު ނުރައްކައުތައް ވަރަށް ވެސް ބޮޑެވެ. މިކަންކަން ހިނގަނީ ހަމައެކަނި އިންޑިޔާކަނޑަކު ނޫނެވެ. އެޓްލާންޓިކް ކަނޑާއި އަދި ދުރުއިރުމަތީގެ ކަނޑުތަކުގައި ވެސް "ކަނޑުފޭރޭމީހުންގެ ބަލި" އެޒަމާނުގައި ވަރަށް ބޮޑަށް އޮތެވެ.
މީލާދީން 10 ވަނަ ޤަރުނާއި 12 ވަނަ ޤަރުނާ ދެމެދުގައި، ދެކުނު އިންޑިޔާގެ ޗޯޅާއިން އެހިސާބުގެ ހުރިހާ ރަށެއް އަތުލައިގަތުމަށް ފަހު، ލަންކާގެ އުތުރުބަޔާއި، ދިވެހިރާއްޖޭގެ ދެއަތޮޅެއް ހިފައިގެން ތިބި ވާހަކަ ރެކޯޑުކުރެވިފައި ވެއެވެ. މިކަން ކުރީ ވެސް އެހިސާބުގެ ކަނޑުތަކުން ދަތުރުކުރާ ވިޔަފާރި ނައުފަހަރު އަތުލައި، އެނައުތަކުގައި ހުންނަ މުދާތައް ފޭރުމުގެ ބޭނުމުގައި ކަމަށްވެއެވެ. މި ރަށްތަކުގެ ކައިރީގައިވާ ކަނޑުތަކުން، މެދު އިރުމައްޗަށާއި އަދި ދުރުއިރުމައްޗަށް، މުދާއަރުވާ ބަރުކޮށްފައިވާ ވިޔަފާރި ނައުފަހަރު ދަތުރުކޮށް އުޅުނެވެ. ޗޯޅާއިންގެ މީހުން ދިވެހިރާއްޖޭގެ މިދެންނެވި ރަށްތައް ހިފައިގެން ސަތޭކަ ވަރަކަށް އަހަރު ވަންދެން ތިބިކަމަށް ވެއެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުން ވާހަކަދައްކައި އުޅުނީ ކޮން ބަހަކުން ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް ދިވެހިބަހުގައި އެކުލެވިފައިވާ ޑްރެވީޑިއަން ލަފުޒުތައް، މިސާލަކަށް، ކަނޑު، ތީމު، ފަރު، ފުށި، ފަދަ ބަސްތަކުން ލަފާކުރެވެނީ، އެބައިމީހުން ބޭނުންކުރި ބަހަކީ ޑްރެވީޑިއަން ޢާއިލާގެ ބަހެއް ކަމަށެވެ. އެއަށްފަހުގައި ރާއްޖެއަށް ގިމަށްއައި (ވަޒަންވެރިވާންއައި) މީހުންނަކީ، އުތުރުކަރައިން ދެކުނަށް ދަތުރުކުރި އާރިއަން ނަސްލުގެ ބައެކޭ ދެންނެވިދާނެއެވެ. މިގޮތުން އައި މީހުންނަކީ، ތަންދޮރުފިލާފައި ތިބި ބައެއް ކަމަށް، ފެންނަންހުރި ހެކިތަކުން ދައްކައެވެ. ލިޔުމުގެ ހުނަރުވެރި ކަމާއި، ބޭސްވެރިކަމާއި، ނުޖޫމީ ޢިލްމުވެރިކަމާއި އެމީހުންގެ ސަޤާފަތްވެސް މިރާއްޖެއަށް ގެނައެވެ. ގަލުގެ މަސައްކަތްތެރިކަމާއި ރަނގަޅު ފެންވަރެއްގެ ޢުމްރާނީ މަސައްކަތްކުރުމުގެ ކުޅަދާނަކަންވެސް އެމީހުންގައި ހުއްޓެވެ. މިބައިމީހުން އައުމުން ދިވެހިރާއްޖޭގެ ސަޤާފަތް ކުރިއަރާފައި ވާނެއެވެ. ރަސްކަމެއް އުފެއްދީ މިބައިމީހުން ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިއީ ސްރީލަންކާގެ މަހަވަންސާގައި ބުނެފައިވާ ޕްރިންސް ވިޖަޔާގެ ރަށުގެ މީހުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިހެން ދެންނެވެނީ، ވިޖަޔާގެ ނައުކޮޅާ އެކުގައި ދަތުރުކުރި ނަވެއް ބެހިގެން ދިވެހިރާއްޖެއަށް އައިކަމަށް އެ ރެކޯޑުގައި ލިޔެފައިވާތީއެވެ.
ފެންނަންހުރި ހެކިތައް ދައްކާ ގޮތުން، މިދެންނެވި މީހުންގެ ބަހަކީ ސާންސްކިރިތުން އުފެދިފައިވާ ބަހެކެވެ. މިބަހުން ވާހަކަދައްކާ މިނަސްލުގެ އެހެން ބަޔަކު، އެއިރު ލަންކާއަށްވެސް ދިޔައެވެ. ލަންކާއާއި، އިންޑިޔާއާއި، ދިވެހިރާއްޖޭގެ ސަޤާފީ ކަންތައްތަކުގައި ހުންނަ ގާތްކަމުން ލަފާކުރެވެނީ، މި ރަށްރަށުގެ މީހުންގެ ސަޤާފަތަކީ އެއް އަސްލެއްގެ އެކި ގޮފިތަކުން އައިސްފައިވާ ސަޤާފަތެއް ކަމަށެވެ. މި ދުވަސްވަރަކީ، ދެކުނު އިންޑިޔާގެ ނަސްލުތަކުގެ ތެރެއިން ކަނަޑާ، ތެލެގޫ، ތަމަޅަ އަދި ލަންކާގެ ސިންގަޅައިން، ވަކިވަކި ނަސްލުތަކުގެ ގޮތުގައި ތާރީޚީ ލިޔުންތަކުގައި ފާހަގަކުރެވެންފެށި ދުވަސްވަރެވެ. މިދެންނެވި ނަސްލުތަކުގެ މީހުންނަކީ ދިވެހިރާއްޖެއާ އެންމެ ކައިރީގައިވާ ހިސާބުތަކުގައި އުޅުނު މީހުންނެވެ.
265 އިން 238 ބީ. ސީ. އީ. އަށް އިންޑިޔާގައި ރަސްކަންކުރެއްވި މޯރިޔާ ދަރިކޮޅުގެ އަޝޯކާ ރަސްގެފާނު، އިންޑިޔާގެ ދެކުނުގެ ރަށްތަކަށާއި، ލަންކާއަށާއި، އިރުމަތީ އެތެރެވަރީގެ ރަށްރަށަށް، ބުޑިޒަމް އުނގަންނައިދޭނޭ އެދުރުން ފޮނުއްވި އިރު، މީގެ ބައެއް މީހުން ދިވެހިރާއްޖެއަށް ވެސް ފޮނުއްވާފައިވާ ކަމަށް ބުނެވެއެވެ. ދިވެހިރާއްޖެއަކީ އިންޑިޔާގެ މީހުން މާކުރީއްސުރެ ވެސް ދަންނަ ތަނަކަށް ވުމާއެކު، މިކަން މިހެން ހިނގައިފައިވެދާނެއެވެ.
ދިވެހިރާއްޖޭގައި ހުރި ހުރިހާ އާސާރީ ސަރަހައްދުތަކުގެ ތެރެއިން ސައިންޓިފިކް އުޞޫލުން ކޮނެ ދިރާސާކުރެވިފައިވާ ހަމައެކަނި ތަނަކީ، މާލެއަތޮޅު ކާށިދޫގައި އޮންނަ ކުރުހިންނަ ތަރާގަނޑެވެ. މި ސަރަހައްދުގައި ވަނީ އެވޭލާ ޒަމާނުގެ ބުޑިސްޓު ފައްޅިއަކާއި އެތަނާ ގުޅޭ ބިނާތަކެވެ. މި ތަނުން ވަރސް ގިނަ އަދަކަށް ދިވެހިބޮލި ފެނިފައިވެއެވެ. މި ބޮއްޔަކީ މީލާދީގެ ގާތްގަނޑަކަށް ތިންވަނަ ޤަރުނުގެ ތަކެއްޗެވެ. އެހެންކަމާއެކު، މިތަން ބިނާކުރެވިފައި ވާނީ ގާތްގަނޑަކަށް އެދުވަސްވަރުގައި ނުވަތަ އެއާގާތް ދުވަސްވަރެއްގައި ކަމަށް ބެލިދާނެއެވެ.
ނިލަންދެއަތޮޅު ނިލަންދޫގައި އޮންނަ އާސާރީ ސަރަޙައްދުންނާއި ހައްދުންމަތީ ގަމުން ފެނިފައިވާ ބައެއް ތަންތަނަކީ، އިންޑިޔާގެ މަޝްހޫރު ބައެއް އާސާރީ ތަންތަނާއި، ލަންކާގައި ހުރި ޒަމާންވީ ބައެއް ބުޑިސްޓު ދީނުގެ ބިނާތަކާއި އެއްކަހަލަ ފަރުމާއެއް ހުރިކަން ފާހަގަކުރެވެއެވެ. އެހެންކަމާއެކު އެ ދުވަސްވަރުގައި ދީނީ ކަންކަމުގައި، މިސަރަހައްދުގެ ރަށްރަށުގެ މެދުގައި ގުޅުންތައް ހިނގާފައިވާނޭ ކަމަށް ފެނެއެވެ.
މީލާދީން ގާތްގަނޑަކަށް ނުވަވަނަ ޤަރުނާއި ދިހަވަނަ ޤަރުނުގެ ތެރޭގައި އުފައްދާފައިވާ ވަރަށް ގިނަ ބުޑިސްޓު އާސާރުތައް ރާއްޖޭގެ ރަށްރަށުން ފެނިފައި ވެއެވެ. މީގެ ތެރޭގައި ގިނައީ ވަޖްރަޔާނާ ބުޑިޒަމްގެ (ތާންތްރިކް ބުޑިޒަމްގެ) ތަކެއްޗެވެ. ބުޑިޒަމްގެ މި މަޒުހަބަކީ، އެވޭލާ ޒަމާނުގައި ލަންކާގައި މާބޮޑަކަށް ފެތުރިފައި އޮތް މަޒުހަބެއް ނޫނެވެ. ބުޑިޒަމްގެ މި މަޒުހަބު އިންޑިޔާގައި ފުރަތަމަ އުފެދުނީ މީލާދީގެ ގާތްގަނޑަކަށް ފަސްވަނަ ޤަރުނުގައި ކަމަށް ބުނެވެއެވެ. އިންޑިޔާގައި ވެސް މި މަޒުހަބު ބޮޑަށް އޮތީ ބަންގާޅާއި އޮޅިއްސާއާއި އިރުމަތީ އިންޑިޔާގައެވެ. އިންޑޮނީޝިއާގައިވެސް މި ދީން އޮތެވެ. މި ވައްތަރުގެ ބުޑިޒަމް އިންޑިޔާގައި ދެމިއޮތީ މީލާދީގެ ގާތްގަނޑަކަށް 8 ވަނަ ޤަރުނާ ހަމައަށެވެ. އެއަށް ފަހުގައި، އެ ދީނުގެ މީހުން ހިންގަމުން ގެންދިޔަ ނޭދެވޭ ޢަމަލުތަކެއްގެ ސަބަބުން، އިންޑިޔާގެ އެތައް ރަށަކުން އެމީހުން ފޮނުވާލެވުނު ކަމަށް ބުނެވެއެވެ. އެއިރު ވަނީ ބުޑިޒަމް އޮތް އެތައް ރަށަކަށް މިމަޒުހަބު ފެތުރިގެންގޮސްފައެވެ. ޓިބެޓްގައި މިމަޒުހަބު ވަރަށް ގަދައަށް އަށަގެންފައިވުމާއި އެކު، މިމަޒުހަބަށް "ޓިބެޓަން ބުޑިޒަމް" ގެ ނަމުންވެސް ކިޔައި އުޅުނެވެ. ދިވެހިރާއްޖެއިން ވަޖްރަޔާނާ ބުޑިޒަމްގެ އާސާރުތައް ފެނިފައިވުމާއެކު އަޅުގަނޑުމެންނަށް އެނގެނީ، އެ މަޒުހަބުގެ ބައެއް މީހުން ދިވެހިރާއްޖެއަށް ވެސް ހިޖުރަކޮށްފައިވާ ކަމެވެ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި، އިރުމަތީ އިންޑިޔާގެ ބަންގާޅާއި އޮޅިއްސާގެ މީހުންނާއި އަދި އިންޑޮނީޝިއާގެ މީހުން ވެސް، އެވޭލާ ޒަމާނުގައި ދިވެހިރާއްޖެއަށް ދަތުރުކޮށް އުޅުނެވެ. ވުމާއެކު ވަޖުރަޔާނާ މަޒުހަބު ދިވެހިރާއްޖެއަށް މިއިން ރަށަކުން ގެނެސްފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.
ދިވެހީންގެ ފޯކްލޯރުގެ ތެރެއިން ބައެއް ވާހަކަތަކާ ވަޖްރަޔާނާ ބުޑިޒަމްއާއި އަދި ހިންދޫދީނުގެ ވާހަކަތަކާ ވެސް ގުޅިފައިވެއެވެ. ރަންނަމާރީގެ ވާހަކައާއި ވަޖްރަޔާނާ ބުޑިޒަމް އާއި ގުޅެއެވެ. ހިންދޫ ދީނުގެ ބައެއް ލަފުޒުތައްވެސް އަޅުގަނޑުމެންގެ ފޯކްލޯރުގައި ހިމެނިފައިވާކަން ފާހަގަކުރެވެއެވެ. މިސާލެއް ދަންނަވާ ނަމަ، އަޅުގަނޑުމެންގެ ވާހަކަތަކުގައި މިކިޔާ "ހަންޑި"އާއި "ހާމުންޑި" އައިސްފައިވަނީ ހިންދޫ ދީނުގެ" ޗަންޑީ"އާއި "ޗާމުންޑީ" މި ދެނަމުންނެވެ. މިއީ އެދީނުގެ "ކާލީ" އާއި "ދުރުގާ" ކަލާނގެއަށް ނިސްބަތްވާ ދެ ނަމެވެ.
އިސްވެ ބަޔާންކުރެވުނު ހުރިހާ ހެކިތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުންނަކީ، ހުޅަނގު ދެކުނު އިންޑިޔާގެ މީހުންކަމަށް ލަފާކުރެވެއެވެ. މިއީ ރަށްފުށުގެ ދިރިއުޅުން ފަށައިގަން މީހުންނެވެ. އެކިއެކި ހުނަރުތައް ލިބިފައި ތިބި، ލިޔެކިޔަން ދަންނަ އާރިޔަން ނަސްލުގެ މީހުން އައިސްފައިވަނީ އޭގެ ފަހުންނެވެ. އޭގެ ފަހުން ތަފާތު ޤައުމުތަކުގެ މީހުން، އެކި ދުވަސްވަރު ދިވެހިރާއްޖެއަށް އައިސް ދިރިއުޅެން ފެށިއެވެ. ނަތީޖާއަކަށްވީ ދިވެހިބަހާއި ސަޤާފަތް މުއްސަނދިވެ އެތައް ނަސްލެއްގެ މީހުން އެކުވެރިކަމުގައި ޞުލްޙައިގައި އުޅޭ "ދިވެހިރާއްޖެ" ނަމަކަށް ކިޔާ ޤައުމެއް އުފެދުމެވެ. 

ނޯޓް: މިލިޔުމުގައިވާ މަޢުލޫމާތު ހޯދީ މި ދަންނަވާ ލިޔުންތަކުންނެވެ: .1ލާޒް ވިލްގޮންގެ ކަލެކްޝަން ވޮލިޔޫމް 2 : ދަ މޯލްޑިވް އާކިޕެލަގޯ އެންޑް އިޓްސް ޕީޕަލް .2 ތޯރ ހަޔަރޑާލްގެ "ދަ މޯލްޑިވް މިސްޓްރީ" .3 އަޅުގަނޑު ލިޔުނު މަޒުމޫނު "ދިވެހީންގެ އަޞްލު". .4 ބާނާޑް ކޮކްލިން ލިޔުއްވި މަޒުމޫނު "ޓްރޭޑް އެންޑް ޝިޕްސް އޮފް ދަ ސައުތް ސީޒް". .4 ޑރ. ޕީ. ރަގުޕަތީ ލިޔުއްވި "ދަ ސައުތް އޭޝިއަން ހެރިޓޭޖް އޮފް އާރލީ މޯލްޑިވްސް"

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...