Skip to main content

End of the worl

ޔުނިވާރސް އަދި އިންސާނީ ނަސްލުގެ ނިމުން
http://www.alithari.com

އެކިއެކި މަޒުމޫނުތަކުންނާއި، ދީނީ ދަރުސުތަކުން އަދި ޓީވީއާއި ރޭޑީޔޯ ޕޮރޮގްރާމުތަކުން ޤިޔާމަތުގެ ވާހަކަ އަޅުގަނޑުމެން އަޑުއަހަމުއެވެ. އަދި ކީރިތި ޤުރުއާނުގެ އެކި ސޫރަތްތަކުގައި އާއި، ޚާއްސަކޮށް ސޫރަތުލް ޤިޔާމުގައި އެވާހަކަތައްވެއެވެ. މުސްލިމުންގެ މި ސެންޓްރަލް ތީމަށް އެތައްގިނަ ޢިލްމުވެރިން ލިޔުއްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި “ވަޤުތު” ބަޔާންކުރައްވާފައިވަނީ ރެލެޓިވް އެއްޗެއްގެ ގޮތުގައެވެ. މިގޮތުން ބަލާއިރު ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ހާދިސާތަކަކީ އެވަޤުތު ޖެހޭއިރު ދުނިޔޭގައި އުޅޭ މީސްތަކުންނާއި ދިރުންވާއެއްޗެތިތަކަށް ކުރިމަތިވާ ހާދިސާތަކަކާއި، އަދި އިންސާނީ ނަސްލު ނެތިދިޔުމާއި، އަލުން ދިރުއްވާ މަހުޝަރުކުރެއްވުމާއި، ހިސާބުބެއްލެވުމާއި އަދި އެބަޔަކު ދުނިޔޭގައި ކުރި ޢަމަލުތަކަށް އަޒާބާއި ސަވާބު ދެއްވާ ދުވަހެއްގެ ގޮތުގައެވެ. އަދި އޭގެ އިތުރުން ދުނިޔެ ފަނާވުމާއި ޔުނިވާރސްގެ ނެތިދިޔުމާއި ގުޅުންހުރި ހާދިސާތަކެއްވެސް ޤުރުއާނުގައިވެއެވެ. މިހުރިހާ ހާދިސާތައް ވަނީ ވަކިކްރޮނޮކޮޖިކަލް ތަރުތީބަކުން ނޫންކަމުގައިވިޔަސް އެއާއި މެދު ވިސްނާބަޔަކަށް މައިގަނޑުކަންކަން ތަރުތީބުކޮށްލެވޭނެއެވެ. މިގޮތުން ފުރަތަމަ ކަމެއްގެގޮތުގައި ޤުރުއާނުގައިވަނީ ޤިޔާމަތްވުން ކައިރިވެއްޖެކަމުގައި އަންގައިދޭ ހާދިސާތަކެވެ. މިގޮތުން ހަނދު އިރައިގެންދިޔަ ހާދިސާއެވެ. ދެން ޖިއޮލޮޖިކަލްގޮތުން ދުނިޔެއަށް އަންނައާދަޔާޚިލާފު ބަދަލުތަކަކާއިއެކު އިންސާނުނަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއްގެ ވާހަކައެވެ. މި ހާދިސާތަކަށްފަހު، ދުނިޔެއިން އިންސާނުން ނެތިދިޔުމަށްފަހު، މަހުޝަރަށް ފޮނުއްވަވާއިރު ދުނިޔެއަށް ޖިއޮލޮޖިކަލް ގޮތުން ބޮޑުބަދަލުތަކެއް އައިސް، އަދި އުޑަށްވެސް ބަދަލުތަކެއް އަންނަވާހަކަތަކެވެ. އުޑަށް އަންނަބަދަލުތަކުން އަންގައިދެނީ މިލްކީވޭގެ ތަރިތަކަށް އަދި ޔުނިވާރސްއަށް ބަދަލުތަކެއް އަންނަކަމުގައެވެ. އޭގެފަހުގައި އިރާއި ހަނދުގުޅި އުޑު ފަޅައިގެންގޮސް ތަރިތައް ބުރައިގެންދާ ވާހަކަވެއެވެ. އަދި އެންމެފަހުން އުޑުތައް ފައްފަށްޖެހި ކުރިން ހުރިގޮތަށް ބަދަލުވާ ވާހަކައެވެ. ވުމާއިއެކު މިހާދިސާތަކަކީ މުޅި ޔުނިވާރސް ނިމިދާ ހާދިސާތަކެކެވެ. މީގެ އެއްހާދިސާ އަނެއް ހާދިސާއާއި ދެމެދު ޖިޔޮލޮޖިކަލް ޓައިމުން ބަލާއިރު އަހަރުތަކަކުން، މިލިޔަން އަހަރުތަކަކުން އަދި ބިލިޔަން އަހަރުތަކަކުންވެސް ގުނާލެވިދާނެއެވެ. ކީރިތި ޤުރުއާންގައި އުޑުތަކާއި ބިމާއި ދެމެދުގައި ވާހާތަކެތި 6 ދުވަހުން ހެއްދެވިކަމުގައިވެއެވެ. ނަމަވެސް މީގެ އެއްދުވަހަކީ ޖިއޮލޮޖިކަލް ޓައިމުން 1.55 ބިލިޔަން އަހަރެވެ.


 ޤިޔާމަތް ކައިރިވެއްޖެ ކަމުގެ އަލާމާތް

ހުޅަނގުން އިރުއެރުން: ޤިޔާމަތުގެ ވަރަށްގިނަ އަލާމާތްތައް ހަދީސުން އެނގެއެވެ. މީގެތެރެއިން ބައެއްކަންކަން މިހާރުވެސް ހިގާފައިވެއެވެ. މިލިޔުމުގައި އަޅުގަނޑު ފާހަގަކޮށްލާނީ “ހުޅަނގުން އިރުއެރުމާއި” ބެހޭގޮތުންނާއި ހަނދު އިރުމާއި ބެހޭގޮތުންނެެވެ. މޫސުމާބެހޭ ދިރާސާކުރާ ގިނަފާރާތްތަކުން ބުނަމުންދަނީ ދުނިޔޭގެ މެގްނެޓިކްފީލްޑް ކުރިއަށްއޮތް 1000 އަހަރާއި 10000 އަހަރުގެ މުއްދަތުގެ ތެރޭގައި ބަދަލުވާނޭ ކަމުގައެވެ. އެކަމުގެ ހެތްކެއްގެ ގޮތުން އެބޭފުޅުން ވިދާޅުވަނީ ވެއަތުވެދިޔަ 160 އަހަރުގެ ތެރޭގައި ފާހަގަ ކުރެވޭ ވަރަށް ދުނިޔޭގެ މެގްނެޓިކް ފީލްޑްގެ ބާރު ދެރެވަމުން އައިސްފައިވާ ކަމުގައެވެ. މިހެން މިކަންދިމާވަނީ، މެގެނެޓިކްފީލްޑްގެ ޕޯލް ބަދަލުވުމުގެ މަރުހަލާގެ ތެރޭގައިއެވެ. (އޮސްޓިން، 2015). މެގްނެޓިކްފީލްޑް ބަދަލުވުމުން ސަމުގާއިން ދައްކާނީ އިރުމަތީފަރާތް ހުޅަނގުގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން ދެން އިރުއަރާނީ ހުޅަނގުންނެވެ. އަދި އޮއްސޭނީ އިރުމަތީ ފަރާތަށެވެ. މިއީ ދުނިޔޭގެ އެބުރުން ބަދަލުވެގެން ވާގޮތެއް ނޫނެވެ. މިއީ ދުނިޔޭގެ ކޯގައި ހުންނަ ދަގަނޑުގެ މާއްދާގައި އުފެދޭ މްގްނެޓިކް ފީލްޑްގެ ޕޯލް ބަދަލުވުމުގެ ސަބަބުން ވާގޮތެކެވެ. ޖިއޮލޮޖިސްޓުން ހާމަކުރާގޮތުގައި ދުނިޔޭގެ ތާރީޚްގައި މިކަން ކުރިންވެސް ތަކުރާރު ވެފައިވެއެވެ. އެންމެފަހުން މިހާދިސާ ހިނގާފައިވަނީ ސްޓޯންއޭޖްގެ ދުވަސްވަރު، މީގެ 780،000 އަހަރު ކުރިންނެވެ. ސައިންޓިސްޓުން ހާމަކުރާގޮތުގައި މެގްނެޓިކް ފީލްޑް މާބޮޑަށް ދަށްވެއްޖެނަމަ ދުނިޔޭގެ މުއާސަލާތީ ޚިދުމަތަށް ބުރޫއަރައި، ކަރަންޓްކެނޑި، ތަންތަނުގައި ރޯވުން ފަދަ ހާދިސާތައް ހިނގާނެއެވެ. އަދި އޯޒޯންލޭޔާ ނެތިދިޔުމުގެ ސަބަބުން ދުނިޔޭގެ ބިމާ ހަމަޔަށް އަންނަ އަލްޓްރާ ވައިލެޓް އަލީގެ ބާރުގަދަވެ ހަމުގެ ކެންސަރުޖެހުން އިތުރުވާނެއެވެ. ހުޅަނގުން އިރުއެރުމަކީ މީ ބާވައެވެ؟ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. محمد ( صلى الله عليه وسلم) ހަދީސްފުޅު ކުރެއްވިކަމަށް صحيح البخاري އާއި مسلم ގައިވާ ހަދީސެއް ތިރީގައި ބަޔާންކޮށްލާނަމެވެ.
 Al-Bukhaari (4635) and Muslim (157) narrated that Abu Hurayrah (may Allaah be pleased with him) said: The Messenger of Allaah (peace and blessings of Allaah be upon him) said: “The Hour will not begin until the sun rises from its place of setting. When it rises from its place of setting, all people will believe, but on that day ‘no good will it do to a person to believe then, if he believed not before,’ [al-An’aam 6:158].” 
ހަނދު އިރުން: މިހާދިސާއަކީ ކީރިތި ޤުރުއާނުގައިވާ ހާދިސާއެކެވެ. އަޅުގަނޑުމެންގެ ރަސޫލާގެ ޙަޔާތްޕުޅުގައި ހިނގާފައިވާ ހާދިސާއެއްކަން ސައްޚަ ހަދީސްތަކުންވެސް އެނގެއެވެ. اقْتَرَبَتِ السَّاعَةُ وَانشَقَّ الْقَمَرُ ﴿١﴾ قيامة ވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ. (ޤުރުއާން، 54:1) މިއީ މުސްލިމުންނާއި މުސްލިމުނޫން މީހުންނާއި އެންމެ ހޫނުގަދަކޮށް ކުރެވޭ އެއްބަހުސެވެ. ސަބަބަކީ ހަނދާއި ދުނިޔެއާއި ދެމެދު ހުންނަ ގްރެވިޓީގެ ސަބަބުން ދުނިޔޭގެ ދިޔަވަރަށް ބަދަލު އައުމާއިއެކު ކުއްލިއަކަށް ހަނދު ދެފަޅިވެފައި ގުޅިއްޖެނަމަ އާދަޔާޚިލާފް ގަޑިތަކެއްގައި ބައެއް ޤައުމުތަކަށް ދިޔަވަރު ބަދަލު ވާނެތީއެވެ. ކުއްލިއަކަށް އަންނަ ބަދަލެއްގެ ސަބަބުން، ސުނާމީފަދަ ގްލޯބަލް ބިޔަރާޅެއް ނެގުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެފަދަ ބަދަލެއް އައިނަމަ ގިނަ ޤައުމުތަކަށް އެކަން އެނގޭނެއެވެ. އެބައިމީހުން ބުނަނީ ތާރީޚީ އެފަދަ ރެކޯޑެއް ނެތްކަމުގައެވެ. 2012 ގައި ނާސާގެ ދެ ޓްވިން ގްރެއިލް ޕޮރޯބުންވަނީ އެއްއަހަރުގެ ދިގުމުއްދަތަކައް ހަނދުގެވަށައި ބުރުޖަހައި، ބިމުގެއަޑީގެ ސްޓްރަކަޗާރތައް މެޕްކޮށްފައެވެ. ނަމަވެސް މިހޯދިހޯދުމުގެ ތެރޭގައިވެސް އަދި މުޅިހަނދު ދެފަޅިވެފައި ވާކަމުގެ ނިޝާނެއް ފެނިފައި ނެތެވެ. ނަމަވެސް ހަނދުގެ ބިންގަޑުގައި އެކިސައިޒްގެ އެސްޓްރޮއިޑް ޖެހުމުގެ ސަބަބުން ކްރޭޓާރސް އުފެދިފައިވެއެވެ. ބައެއްތަންތަން 200 ވަރަކަށް މޭލަށްވުރެ ބޮޑެވެ. 
ހަނދުގައި ހުންނަރޮގުތައް
ތަސްވީރުތަކުން އަޅުގަނޑުމެންނަށް ފެންނަ އެތައް ކިލޯމީޓަރެއްގެ ދިގު ރޮނގުތައް (ރައިލް) ހަނދުގެ ވަށްބުރައްވުރެ ކުރެވެ. މިފަދަ ރޮގުތައް ބައެއް ޕްލެނެޓްތަކާއި އެހެން ހަނދުތަކުގައިވެސް ހުންނަކަމަށް ވެއެވެ. މިތަންތަނަކީ ދުނިޔޭގެ ބިމުގައި ވާދީތަކާާއި ކޯރުތައް ހުންނަގޮތަށް ހުންނަތަންތަނެވެ. ހަނދުގެ ބިންމަތީގައި ލާވާ ދަތުރުކޮށްފައިވާ މަގުތައް ކަމުގައި ސައިންސްވެރިން ބުނެއެވެ. ނާސާއިން ހަނދު އެގޮތަށް ދެފަޅިނުވާކަމަށް ބުނެފައިވިޔަސް. މީގެ މާނަޔަކީ ކުރިއަށްއޮތްތަނުގައި ހެދޭ ދިރާސާޔަކުން އެކަން ވެފައިވާކަމަށް ހެކި ނުލިބޭނެއެކޭވެސް ނޫނެވެ. އަދި ﷲ އަށް ކޮންމެކަމެއްވެސް ކުޅަދުންވަންތައެވެ. އަޅުގަނޑު ދެކުނު ފޯރަމްއެއްގައި މުސްލިމަކު، ވެދާނެ އެހެން އިތުރުގޮތެއް ލިޔެފައި އޮތެވެ. އޭނާ މިސާލަކަށްދީފައިވަނީ، ހަނިކޮށް ދިގުކޮށްހުންނަ އެސްޓްރޮއިޑެއް ނުވަތަ ހިލަޔެއް ހަނދާއި ގާތުން ދުނިޔެއާއި ދޭތެރެއިން ދިޔައީ ކަމުގައިވެސް ވެދާނެކަމުގައެވެ. އެހެން އެކަންވެއްޖެނަމަ، ލޮލަށްފެންނަ އެންގަލުން ހަނދުދެފަޅިވާކަމަށް ފެނިދާނެއެވެ. އެ އެއްޗެއްގެ ދިގުމިނާއި އަދި ދާބާރުމިނުގެ ނިސްބަތުން ހަނދު އިރުމާއި ގުޅުމާއި ދެމެދުގެ ވަޤުތައް ބަދަލު އަންނާނެއެވެ. އަދި އެސާއަތް ނުވަތަ ވަޤުަތު އެކަލޭގެފާނަށް ﷲ އިލްހާމުކުރެއްވުމަކީ ވެދާނެގޮތެކެވެ. އެއީ އޭނާގެ ޚިޔާލެވެ. ސައެންސްވެރިން ބުނާގޮތުގައި ހަނދަކީ ދުނިޔެއުފެދުނު ދުވަސްވަރު މާސްސައިޒުގެ އެއްޗެއް، ދުނިޔޭގައި ޖެހުމުގެ ސަބަބުން ދުނިޔެއިން އިރިގެން ދިޔަބަޔެކެވެ.(ރެޑް، 2017). ސުވާލަކީ ހަނދު އިރިއްޖެކަމުގައި މިހާދިސާއާއި ގުޅުވައިގެން ޤުރުއާނުގައި އައިސްފައި އޮވެދާނެބާވައެވެ؟ އެކަމަކު އޭރުން، މިހާދިސާ ހިނގާނީ ރަސޫލާގެ ޙަޔާތްޕުޅަކު ނޫނެވެ. ކޮންމެއަކަސް މިކަން ދިމާވިގޮތެއް އެންމެމޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ. ތިރީގައި މިވަނީ މިކަމާއި ގުޅުންހުރި ދެ ނެރޭޝަނެކެވެ. عبد الله ابن عباس‎ އާއި عبدالله بن مسعود އަކީ ކީރިތި ރަސޫލާގެ ދެސަޙާބީންނެވެ. 
 Narrated Ibn Abbas: The moon was split into two parts during the lifetime of the Prophet. ( Sahih al-Bukhari 3638) Narrated Abdullah bin Masud: During the lifetime of the Prophet the moon was split into two parts and on that the Prophet said, “Bear witness (to thus). (Sahih al-Bukhari 3636)
____________________________________________________________
ދިރުންވާތަކެތި ނެތިދިޔަ ނުރައްކާތެރި ހާދިސާަތަކަކީ އިންސާނީ ނަސްލު ނިމިދާނެ ގޮތުގެ މިސާލުތަކެއްބާ؟
އެކިއެކިދުވަސްވަރު ދުނިޔޭގައި އުޅުނު، ދިރުންވާތަކެއްޗަށް އައިސްފައިވާ ބަދަލުތައް ފޮޒިލް ރެކޯޑްތަކުން ފެނެއެވެ. މީގެތެރޭގައި އަލަށް އުފަންވެފައިވާ ބާވަތްތަކާއި ދުނިޔެއިން ނެތިގޮސްފައިވާ ބާވަތްތަކުގެ ރެކޯޑުތައްވެސްމެއެވެ. ތާރީޚަށް ބަލާއިރު ދެންނެވޭނީ އެފަދަ ބަދަލުތަކުގެ އަސްލު ގުޅިފައި ހުންނަނީ ދުނިޔޭގެ ވެއްޓަށް އެކިފަހަރު އައިސްފައިވާ އާދަޔާއިޚިލާފު ބަދަލުތަކާއި އެވެ. މިގޮތުން ޖައްވުން އަންނަ މީޓިއޮރައިޓްސް ދުނިޔެއަށް ވެއްޓުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި އަލިފާންފަރުބަދަތައް ގޮވުމުންފަދަ ކުއްލިބަދަލުތައް، ދުނިޔޭގެ ވެއްޓަށް މާޒީގައިވެސް އައިސްފައިވެއެވެ. މިފަދަ ގޮތަކަށް އަންނަ ކުއްލި ބަދަލުތައް ދިރުންވާތަކެއްޗަށް ތަޙައްމަލު ނުކުރެވިގެން ދުނިޔެއިން ނެތިގޮސްފައިވެއެވެ، ލޯކަލް ލެވެލްގައި އާއި ގްލޯބަލް ލެވެލްގައިވެސް މެއެވެ. ތިރީގައިވާ ޗާޓުންދައްކައިދެނީ ދުނިޔޭގެ ދިރުންވާތަކެތި އެންމެ ގިނައިން ނެތިގެންދިޔަ 5 ފަހަރުގެ ހުލާސާއެކެވެ. 


 އެންމެން ދަންނަ ޑައިނަސޯސް ނެތިދިޔަ ސަބަބެއްކަމަށް ބައެއް ސައިންސްވެރިން ދެކެނީ ގާތްގަޑަކަށް 6 މޭލުގެ އެސްޓްރޮއިޑެއް ދުނިޔޭގައި ޖެހުމެެވެ. މިއެތި ވެއްޓިފައިވަނީ މެކްސިކޯ ގެ “ޗީކްޝޫލޫބް” އަށެވެ. މިތަނުގައި އެކަމުގެ ނިޝާންތައް ފެންނަން މިހާރުވެސް އެބަހުއްޓެވެ. މި ހިލަ، ދުނިޔޭގެ ވައިގެ ފަށަލައަށް ވަނުމާއިއެކު ފްރިކްޝަންގެ ސަބަބުން ވަރަށް ގަދަޔަށް ހޫނުވެ ބިޔަ އަލިފާނުގެ ބޯޅައަކަކަށް ބަދަލުވިއެވެ. 
 
 ސައިންސްވެރިން ބުނާގޮތުގައި، އޭތި ވެއްޓުނު ވަޤުތު އެހިސާބުގެ ލޮނުގަނޑު އާތްވަށް އަރައިގެންގޮސް، ދުނިޔޭގެ ކްރަސްޓުން ބޮޑުސަރަހައްދެއް ގޮވައި އެސްޓްރޮއިޑްގެ ބައިތަކާއެކު އެތައްޓަނެއްގެ ހިލަޔާއި ޕޮލްވަރައިޒް މައިކްރޮސްކޯޕިކް ޑަސްޓު، އެކިދިމަދިމާލަށް ބުރައިގެން ދިޔައެވެ. މީޓިއޮރައިޓް ޖެހުނު ވަޤުތު ވަރުގަދަ ބިންހެލުމެއް އައިސް، ސޮކްވޭވެއް އުފެދި، ދުނިޔޭގެ ބިންގަނޑު ރަގަބީލެއްހެން ރިންގުވެ، ބިންގަޑު ކަނޑައިގެންގޮސް، ވޮލްކޭނިކް އިރަޕްޝަންތަކެއް ކުރިމަތިވިއެވެ. ވޮލްކެނޯސްތަކުންނާއި މަތިންވެއްޓުނު ހޫނުހިލަތަކުން ޖަންގަލިތަކުގައި ރޯވިއެވެ. އަދި ވައިގެތެރެއަށް ބުރައިގެންދިޔަ އެތައްހާސް ސާމާނާއި ވިހަގޭސް އެކުލެވިގެންވާ ވިލާގަނޑެއް އުފެދި މުޅި ދުނިޔޭގެ އުޑުމަތި އެތައްމައްސަރަކަށް ނިވާވެ، އަލިނުލިބި، ވައި ނުސާފުވެ، ދިގު ފިނިމޫސުމެއް އައިސް، ގަސްގަހާގެއްސާއި ޖަނަވާރުތައް ބަނޑަށް ޖެހި މަރުވިއެވެ.
____________________________________________________
އިންސާނުން ނެތިދާނީ ސްޕަވެލްކޮނޯތަކެއް ގޮވުމުގެ ސަބަބުންބާވައެވެ؟ 
ބައެއް ސައިންސްވެރިން ދެކެނީ ޑައިނަސޯސް މަރުވެފައިވަނީ އެސްޓްރޮއިޑް ދުނިޔޭގައި ޖެހުމުގެ ސަބަބުން ކުރިމަތިވި، ބިންހެލުންތަކުގެ ސަބަބުން އަލިފާންފަރުބަދަތަކެއް ގޮވައިގެންކަމުގައެވެ. ސަބަބަކީ މުޅިދުނިޔެ ބިޔަ ކާރިސާޔަކަށް ގެނެވޭނެފަދަ ބޮޑެތި އަލިފާން ފަރުބަދަތައް (މިވަޤުތު އެކްޓިވް ނުވިޔަސް) ދުނިޔޭގެ ގިނަ ސަރަޙައްދުތަކުގައި ހުރުމެވެ. މިގޮތުން ޑައިނަސޯސްތަކުގެ ނިމިދިޔުމާއި ގުޅުންހުރިކަމަށް ބައެއްމީހުން ޤަބޫލުކުރާ، އަލިފާން ފަރުބަދަތަކެއް ހުރި ސަރަހައްދެއްކަމަށްވާ، އިންޑިޔާގެ ޑެކަން ޕްލެޓޯގެ ޑެކަން ޓްރެޕްތައްވެސް ފާހަގަ ކޮށްލަންޖެހެއެވެ. ޑެކަން ޓްރެޕްތަކަކީ ބަސާލްޓް ލާވާގެ ބެޑްތަކެއް ހުރިސަރަޙައްދެކެވެ، ގާތްގަޑަކަށް 580،000 އަކަމޭލުގެ ސަރަޙައްދެއްގައި މިބެޑްތައްވާއިރު، އިންޑިޔާގެ ބައެއް ސްޓޭޓްތައްކަމަށްވާ މަހަރާސްޓްރާ އާއި ގުޖުރާތާއި މަދިޔަޕްރަދޭޝް ގެ ބޮޑުސަރަޙައްދެއްގެ ބިންގަޑުވަނީ ވޮލްކެނިކް ހިލައިން އެކުލެވިގެންނެވެ. މީގެ 63 އާއި 67 މިލިޔަން އަހަރުގެ ކުރީގައި ގޮވި އަލިފާންފަރުބަދަތަކުން އެރި ލާވާތަކަކުން އުފެދިފައިވާ ބެޑްތަކެއް ކަމަށް ސައިންސްވެރިން ބުނެއެވެ. މިދުވަސްވަރަކީ ޑައިނަސޯސްވެސް ނެތިދިޔަ ދުވަސްވަރެއެވެ. 

ޔުނިވާރސިޓީ އޮފް ކެލިފޯނިޔާގެ ޖިއޮލޮޖިސްޓް، ރިޗާޑް އާއި އޭނާގެ ޓީމްގެ ސައިންސްވެރިން ހެދި ރިސާޗެއް، 2015 އެޕްެރީލްގައި ޖިއޮލޮޖިކަލް ސޮސައިޓީ އޮފް އެމެރިކާގެ ބުލެޓިންގައި ޕަބްލިޝްކުރިއެވެ. ރިޗާރޑްމެންގެ ޕޭޕަރުގައި ފާހަގަކޮށްފައިވަނީ ޑެކަން ލާވާ އިރަޕްޝަންގެ އަސްލަކީ ޗީކްޝޫލޫބް އަށް ވެއްޓުނު އެސްޓްރޮއިޑް ކަމުގައެވެ. (ސެންޑާރސް، 2015). ޓޮމް ރޯލީ (2014) ގައި www.dailystar.co.uk ގައި ލިޔެފައިވާ އާޓިކަލްއެއްގައި ބުނެފައިވަނީ ޔޫއެސްއޭގެ ޔެލޯސްޓޯން ނެޝަނަލްޕާކްގެ ބިމުގެ އަޑީގައިވާ ލާވާ އާދައިގެ ވޮލްކެނޯއެއްގެ ލާވާއަށްވުރެ މިހާރު 100 ގުނަ ބާރުގަދަވެފައި ވާކަމަށާއި ގޮވާނީ ކީއްވެގެންކަން އަދި ކޮންއިރަކުކަން ނޭގުނަސް ކުރިއަށް އޮތް 10 އަހަރުތެރޭ ގޮވުން ގާތްކަމުގައި، ސްވިސް ސައިންސްޓިސްޓް ވިމް މަލްފްރައިޓް އާއި ޓީމުން ހޯދައިފައިވާކަމަށެވެ. ދުނިޔޭގައިވާ މިފަދަ ބިޔަ، ނުރައްކާތެރި 6 ސުޕަ ވޮލްކެނޯ ވެއެވެ. ކުރީގެ ފިޒިސިސްޓް އަދި ނާސާގެ އެސްޓްރޯނަޓް، ޑ.ރ. އެޑްލޫ ވަރަށް ފަހުން theguardian.com އަށްދިން އިންޓިވިއުއެއްގައި، މިޤަރުނުގުގައި ދުނިޔެއާއި ވަރަށް ކައިރިން 5 މެގަޓަން ބާރުގަދަ އިމްޕެކްޓެއް އުފެދޭނެ އެސްޓްރޮއިޑެއް، ދާނެކަމަށް ވިދާޅުވިއެވެ. ހިސާބުތަކުން ދައްކަނީ، މި އެސްޓްރޮއިޑް ދުނިޔޭގައި ޖެހުމުގެ %30 ޗާންސް ވާކަމުގައެވެ. ވީމާ މިފަދަ ގިނަ ވޮލްކެނޯތަކެއް އެއްފަހަރާ މިފަދަ ގޮތަކަށް ގޮވައިފިނަމަ މުޅިދުނިޔެ ޒަަލްޒަލާއަކަށް ދާނެއެވެ.

1. 3% ވުރެ ގިނަމިންވަރެއްގެ ކާބަން ޑައިއޮކްސައިޑް ހަށިގަނޑަށް ހިގައްޖެނަމަ ބޯއެބުރުމާއި ނޭވާލާން އުދަގޫވުމާއި ޑިޒިނަސް އިހުސާސްކުރަން ޖެހޭނެއެވެ، އަދި %15 ވުރެ ގިނަމިންވަރެއް ހަށިގަނޑަށް ދިޔަނަމަ ހޭނެތުމާއި މަރުވުންވެސް ކުރިމަތިވާނެއެވެ.

2. ސަލްފާ ޑައިއޮކްސައިޑްގެ ސަބަބުން ހަންގަޑަށާއި ލޮލާއި ނޭފަތާއި ކަރުތެރޭގެ މިއުކަސްމެންބްރެއިން އިރިޓޭޓްވާނެއެވެ.

3. ހައިޑްރިޖަމް ސަލްފައިޑްގޭސް ވައިގެތެރޭ ހުންނަމިންވަރު 500ppm އަށްވުރެ މަތިވެއްޖެނަމަ 5 މިނެޓްތެރޭ އިންސާނުން ހޭނެތި ގަޑިއެއްހާއިރުތެރޭ މަރުވާނެއެވެ.

ވީމާ ޤުރުއާންްގައި އެވާފަދަ ވޮލްކެނިކް އިރަޕްޝަންތަކެއް ކުރިމަތިވެޖެނަމަ މީސްތަކުންނަށް ވޭންދެނިވި އަޒާބަކަށް އެކަންވާނެއެވެ. ޑައިނަސޯސް މަރުވެދިޔަ ހާދިސާގައި އުފެދުނުކަމަށް ސައިންސްވެރިން ބުނާފަދަ ވޮލްކެނޯތަކުން އަރާސާމާނުން އުފެދޭ ވިލާގަނޑެއްގެ ސަބަބުން ދުނިޔެއަށް އިރުގެ އަލިކަން ނުލިބިއްޖެނަ،މަ ދުނިޔޭގެ އީކޯސިސްޓަމް ހަލާކުވެ ގަސްގަހާގެހި މަރުވެ ފުޑްޗެއިންނަށް ބޮޑެތި އަސަރުކުރާނެއެވެ، ތިރީގައި އަޅުގަނޑު ލިޔެފައިވަނީ ކުރިންދެންނެވި ސޫރަތްތަކާއި އޭގެ ތަރުޖަމާއެވެ.

فَارْتَقِبْ يَوْمَ تَأْتِي السَّمَاءُ بِدُخَانٍ مُّبِينٍ ﴿١٠﴾ يَغْشَى النَّاسَ ۖ هَـٰذَا عَذَابٌ أَلِيمٌ﴿١١﴾
ފަހެ، ފާޅުވެގެންވާ ދުމަކާއިގެން އުޑު އަންނަނިވި ދުވަހަށް انتظار ކުރާށެވެ! (10) އެ، ދުން މީސްތަކުން ފޮރުވައިލާނެތެވެ. (އަދި އެއުރެން ބުނާނެތެވެ.) މިއީ ވޭންދެނިވި عذاب އެކެވެ.(11) (ޤުރުއާން. 11-44:10)

وَإِذَا الْجِبَالُ سُيِّرَتْ ﴿٣﴾ وَإِذَا الْعِشَارُ عُطِّلَتْ ﴿٤﴾ وَإِذَا الْوُحُوشُ حُشِرَتْ ﴿٥﴾ 
އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ. (3) އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ. (4) އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ.(5) (ޤުރުއާން؛ 5-3: 81)

وَتَرَى الْجِبَالَ تَحْسَبُهَا جَامِدَةً وَهِيَ تَمُرُّ مَرَّ السَّحَابِ ۚ صُنْعَ اللَّـهِ الَّذِي أَتْقَنَ كُلَّ شَيْءٍ ۚ إِنَّهُ خَبِيرٌ بِمَا تَفْعَلُونَ ﴿٨٨﴾
އަދި ފަރުބަދަތައް ތިބާ ދެކެމުއެވެ. އެ ތަކެތި ވިލާތައް ހިނގައިދާގޮތަށް ހިނގައިދާ حال، ތިބާ ހީކުރަނީ، އެ ތަކެތި ހަރުލައި ހުރިކަމަށެވެ. (އެއީ) اللَّه ގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (ޤުރުއާން، 27:88).

 إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا ﴿١﴾ وَأَخْرَجَتِ الْأَرْضُ أَثْقَالَهَا ﴿٢﴾ ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ. (1) އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ خزانة ތަކާއި ކަށްތައް) ނެރެއުކާލައިފިހިނދެވެ.(2) (ޤުރުއާން 2-99:1).

__________________________________________________________________________________________________________  

ކަނޑުގައި ރޯވުން

އަޅުގަނޑުމެންގެތެރެއިން ގިނަބަޔަކަށް ކަނޑުގައި ރޯވާވާހަކަ ބުނެފިނަމަ ޤަބޫލުކުރަން އުނދަގޫވެދާނެ އެވެ. ނަމަވެސް ކީރިތި ޤުރުއާނުގައި سورة التكوير ގެ 6 ވަނަ އާޔަތުގައި ކަނޑުތައް އަދައިގަންނަވާހަކަ ވެއެވެ. އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާފަދައިން ތަނެއް ރޯވެއްޖެނަމަ އަލިފާން ނިއްވާލަން އާންމުކޮށް ބޭނުންކުރަނީ ފެނެއެވެ. ފެން އުފެދިފައިވަނީ ހައިޑްރިޖަން އާއި އޮކްސިޖަން އިންނެވެ. ހައިޑްރިޖަންއަކީ އޭގައި ގަދަޔަށް ރޯވާ ގޭހެކެވެ، އަދި އޮކްސިޖަންއަކީ ރޯވުމަށް މަޤުފަހިކޮށްދޭ ގޭހެވެ. cbsnews.com ގައި ސެޕްޓެމްބަރު 2007 ގައި އޮތް ޚަބަރެއްގައިވާގޮތުން ޖޯން ކެންޒުއަސް ކިޔާ ކެންސާރ ރިސާޗަރަކު، އެކްސިޑެންޓަކުން ލޮނުފެނުގައި ރޯވާކަން ހޯދިއެވެ. މިކަން އޭނާޔަށް އެގުނީ ރޭޑިޔޯފްރިކްއެންސީ ބޭނުންކޮށްގެން، ލޮނުފެން ޑީސެލިނޭޓްކުރަން އުޅުމުގެ ތެރޭގައެވެ. އޭނާ ހޯދާފައިވަނީ، ކަނޑުލޮނު ޜޭޑިޔޯފްރިކްއެންސީއަށް އެކްސްޕޯސް (ހާމަ) ވެފައިވާނަމަ ލޮނުގައި ރޯވާކަމުގައެވެ. ދެން އުފެދޭ އަނެއްސުވާލަކީ ދުނިޔޭގެ ކަނޑުތަކުގައި ރޯވާފަދަ ރޭޑިއޯވޭވްސް އަންނަނީ ކޮންތަނަކުން ހެއްޔެވެ؟ 2001 ޖެނުއަރީގައި ނާސާގެ ވެބްސައިޓްގައި ބުނެފައިވަނީ އަޅުގަނޑުމެންގެ ޕްލެނެޓަކީ އޭގެ އަމިއްލަ ޒާތުގައި ރޭޑިޔޯވޭވްސް އުފައްދާ އެއްޗެއްކަމުގައެވެ. ރޭޑިއޯ ފްރިކުއެންސީ އޮޑިބަލް ފްރެކްއެންސީއަށް ބަދަލުކޮށްފައި އަޑުއިވޭގޮތަށް ޔޫޓިއުބް ވީޑިޔޯއެއް ނާސާއިން ނެރެފައިވެސްވެއެވެ. ވުމާއިއެކު ދުނިޔެއަށް އަންނަ ޖިއޮލޮޖިކަލް ބަދަލުތަކަކުން ދުނިޔޭގެ ރޭޑިއޯފްރިކުއެންސީއަށް ބަދަލުއައިސް، ހޫނުލާވާ ކަނޑަށް އެޅުމާއި އެކު ކަނޑުގައި ހުޅުހިފައި ރޯވެދާނެބާވައެވެ؟ ކަނޑުގައި ރޯވެދާނެކަމަށް މާނަކުރެވޭ އަނެއްގޮތަކީ އިރު ގާތްގަޑަކަށް މީގެ 3.2 ބިލިިޔަން އަހަރުފަހުން އަލިގަދަވުމުގެ ސަބަބުން، އުފެދޭ ހޫނުން ކަނޑުތައް ކެކުމެވެ. ފުރަތަމަ ގޮތް މެދުވެރިވެއްޖެނަމަ އެތަން އިންސާނުންނަށް ފެނިދާނެއެވެ. ނަމަވެސް ދެވަނަގޮތަށް ދިމާވާނަމަ އިންސާނުން މިދުނިޔޭގައި އުޅެވޭވަރަށްވުރެ ދުނިޔެ ހޫނުގަދަ ވެދާނެއެވެ.
وَإِذَا الْبِحَارُ سُجِّرَتْ ﴿٦﴾ 
އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ. (6) (ޤުރުއާން؛ 6: 81)

____________________________________________________________

ކަނޑުތައް ހުޅުވި، ބިން ހަމަހަމަވެ އެއް ބިމަކަށްވުން:

އެއްދުވަސްވަރެއްގައި ދުނިޔޭގެ ބިން ނުވަތަ މިހާރުގެ ކޮންޓިނެންޓްތަކަކީ ފޭންޖިޔާާ (Pangaea) އޭކިޔާ އެއް ކޮންޓިނެޓްއެވެ. މިއީ ބުނެވޭގޮތުގައި ޑައިނަސޯސް އެންމެ ފުރަތަމަ އުފަންވި ބިމެވެ. ސައިންސްވެރިން އެއްބަސްވާގޮތުން އަލުން ކޮންޓިނެޓްތައް ގުޅި ބިން އެއްބިމަކަށް ވާނެއެވެ. ސުޕަކޮންޓިނެންޓް އުފެދޭނީ ކުރީގައި އުފެދުުނު ސްޕަކޮންޓިނެންޓްގެ މަތީގައެވެ. މިމޮޑެލް ބުނާގޮތުގައި މިސްޕަކޮންޓިނެންޓް އުފެދޭނީ ޕޭންޖިޔާ އޮތްސަރަހައްދުގައި، އެމެރިކާއާއި އޭޝިޔާ، އެޓްލާންޓިކް ކަނޑުން ގުޅިގެންނެވެ، ނުވަތަ އެމެރިކާއާއި އޭޝިޔާއާއި ޕެސިފިކް ކަނޑުން ގުޅިގެންނެވެ. މިގޮތަށް ކޮންޓިނެންޓްތައް ގާތަށް ލެފުމުން، ހުރިހާ ކަނޑުތަކެއް ހުޅުވިއެއްކަނޑަކަށް ވެދާނެއެވެ. ތިރީގައިވާ ތަސްވީރުން ދައްކައިދެނީ ސްޕަކޮންތިނެންޓް އުފެދޭނެކަމަށް ބެލެވޭގޮތެވެ. މި ސްޕަކޮންޓިނެންޓަށް ސައިންސްވެރިން ދީފައިވާނަމަކީ “އެމޭޝިޔާ” އެވެ.


ކީރިތި ޤުރުއާނުގެ سورة الإنفطار ގެ 3 ވަނަ އާޔަތުގައި މިވާހަކަ ބަޔާންކުރައްވާފައިވަނީ ތިރީގައިވާ ގޮތަށެވެ. 

وَإِذَا الْبِحَارُ فُجِّرَتْ ﴿٣﴾ 
އަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ. (ޤުރުއާން 82:3)

އަޅުގަނޑުމެންނަށް ޤުރުއާނުން ދޭހަވަނީ، ފުރަތަމަ ތާޅަފިލި ފުމެލެވޭ އިރު މުޅިދުނިޔެއަށް ބޮޑު ޒަލްޒަލާއެއް އައިސް ބިން ހެލުމާއި، ބިންގަނޑު ކަނޑައިގެން ދިޔުމާއި، އަލިފާންފަރުބަދަތައް ގޮވުމާއި، ވޮލްކެނިކް އިރަޕްޝަން ކުރިމަތިވުމާއި އަދި މުޅިދުނިޔޭގެ ވައިގެ ފަށަލަ ވޮލްކެނިކް ޑަސްޓުން ކިލަބުވެފައިވާނެކަމެވެ. އަދި އޭގެފަހުގައި ދެވަނަ ތާޅަފިލިއާއިއެކު، އިންސާނުން އަލުން ދިރުއްވާއިރު ދުނިޔޭގެ ބިމަށް ބަދަލުތަކެއް އައިސް އުޑުވެސް ބަދަލުވާނެކަމެވެ. މިކަން ވެދާނެގޮތަކީ، ދެތާޅަފިލީގެ ދޭތެރޭ އިންސާނުން ދުނިޔޭގައިނެތި ދިގުމުއްދަތެއްނަގައި. ދުނިޔޭގެ ވެށި ބަދަލުވުމެވެ. އެގޮތުން ބިންގަޑުހަމަވެ އެއްބިމެއްގެ ގޮތުގައި ފެންނަން އޮތުމެވެ. އަދި އެމުއްދަތުގައި އިރަށާއި މުޅި ސޯލާސިސްޓަމްއަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ދުނިޔޭގެ އެބުރުން ލަސްވެ މަހުޝަރުގެ ދުވަސް ދިގުވުމެވެ. 

نُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ ﴿٦٨﴾ 

ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. اللَّه އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (محشر ބިމުގައި) ބަލަބަލައި ތިބޭނެތެވެ. (ޤުރުއާން، 39:68)

وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا ﴿٤٧﴾ 
އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ލުހެލައްވައި، ފުނޑުފުނޑުކޮށްލައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން) ބިންގަނޑު ހަމަހަމަވެ ފާޅުވެގެންވާތީ ތިބާދެކޭނޫއެވެ. އަދި އެއުރެން محشر އަށް ފޮނުއްވާހުށީީމެވެ. ފަހެ، އޭގެތެރެއިން ހަމައެކަކުވެސް ދޫނުކުރައްވާހުށީމެވެ. (ޤުރުއާން؛ 18:47)
________________________________________________________

އިންސާނުން އަލުން ދިރުއްވާއިރު އުޑާއި ބިން!

4.57 ބިލިޔަން އަހަރުވެފައިވާ އިރަކީ މެދުއުމުރުގެ ތަރިއެކެވެ. މިއީ މެއިން ސީކުއެންސްގެ ތަރިއަކަށްވުމާއެކު ކުރިއަށް އޮތް 4 ވަރަކަށް ބިލިޔަން އަހަރު އިރުގައިވާ ހައިޑްރިޖަން ނިއުކްލިޔާ ފިއުޝަންގެ ސަބަބަުން، ހީލިޔަމް އަށް ބަދަލުވާނެއެވެ. (ކެނަލް، 2016). ހީލިޔަމް އިތުރުވަމުން ދާވަރަކަށް އިރުގެ ކޯ ދާނީ ކުޑަވަމުން ނެވެ. ވުމާއި އެކު ނިއުކްލިޔާރ ރިއެކްޝަންގެ ރޭޓުމަތިވެ ގިނަ ހަކަތަ އުފައްދާނެއެވެ. އަދި ގާތްގަޑަކަށް 3.5 ބިލިޔަން އަހަރު ވާއިރު މިހާރަށްވުރެ 40 ޕަސެންޓް އިރުގެއަލިގަދަވާނެއެވެ. މިހާލަތުގައި ދުނިޔެއަށް ވާނެގޮތް ސައިންސްވެރިން ދެގޮތަކަށް ކިޔައެވެ. ފުރަތަމަ ގޮތަކީ ޕޯލްގައި ހުރި އައިސްތައްވިރި، ކަނޑުކެކި އާތްވަށް އަރައި އަދި އެޓްމޮސްފިޔާރ ނެތިދިޔުމެވެ. އެއިރުން ދުނިޔެވާނީ ދިރުންނެތް، ވީނަސް ކަހަލަ ޕްލެނެޓަކަށެވެ. އެކަމަކު މީގެ 5.4 ބިލިޔަން އަހަރު ފަހުން އިރުގައިވާ ހުރިހާ ހައިޑްރިޖަން ހުސްވުމުން އިރުގެ ކޯ ހޫނުގަދަވެ ކުޑަވެ ޑެންސް ވާނެއެވެ. އަދި އިރުގެ ބޭރުފަށަލަ އެކްސްޕޭންޑް(ބޮޑު) ވާނެއެވެ. މިހާހިސާބުން އިރު ރެޑްޖަޔަންޓަކަށް ބަދަލުވާނެއެވެ. އަދި މާކަރީ އާއި ވީނަސް އަދި ހަނދު އަދި ފަހަރެއްގައި ދުނިޔެ، އިރުގެ ގަަދަ ހޫނުން ފިހިގެން އާތްވަށް އަރައިދާނެއެވެ. އިރު ފުފޭއިރު އުފައްދާ ސޯލާ ވިންޑުން، އިރުގެ %30 މާސް އުނިވާނެއެވެ. ވުމާއި އެކު ދުނިޔެއަށްވެދާނެކަމަށް ސައިންސްވެރިންބުނާ ދެވަނަ ގޮތަކީ، އިރާއި ދުނިޔެއާއި ދޭތެރޭ ހުންނަ ގްރެވީޓޭޝަނަލް ފޯސް ދަށްވެ މަޑުމަޑުން އިރާދުރަށް ދުނިޔެ ފޭވުމެވެ. (ހެރިސް، 2017). އަދި އިރުގައި ހުރި ސާމާނު އިރާއި ވަކިވަމުންގޮސް ހަމައެކަނި ފިނި ކޯރ ވައިޓް ޑްވާފަކަށް ބަދަލުވެދާނެއެވެ. އިރުގެ ޙަޔާތުގެ ބާކީބައިގައި މަޑުމަޑުން ފިނިވަމުން “އަލިކަން ފިލާގޮސް” ބްލެކް ޑްވާފްއަަކަށް ވެދާނެއެވެ. ތިރީގައިވާ ތަސްވީރުން ދައްކައިދެނީ، އިރުފަދަ ތަރިއެއް އުމުރުގެ ފަހުކޮޅުގައި، އޭގެ ބޭރުގައިވާ ފަށަލަ ދުރަށްފޭވެ ތޮށިގަނޑެއްހެން ތަރީގެ ވަށައިލެވިފައިވާތަނެވެ. މެދުގައި ކުޑަކުޑަކޮށް އެވަނީ ވައިޓްޑްވާފް ސްޓޭޖްގައިވާ ތަރިއެވެ. މިފަދަ ޙާލަތަކަށް އިރު އަންނައިރު ދުނިޔެ ސަލާމަތްވެ މި ތޮށިގަނޑުން ބޭރަށް ނުކުތުމުގެ ފުރުސަތުލިބި، އެކަށީގެންވާ ދުރުމިނަކަށް ދެވުނުނަމަ، އަނެއްކާވެސް އިންސާނުންނަށް އުޅެވިދާނެ ފިނިހޫނުމިން ދުނިޔެއަށް ލިބިދާނެއެވެ. އޭރުން ދުނިޔެއަށް ދުވާލުގެ އުޑުފެންނާނީ ނޫކުލައިގެ އުޑުގެ ބަދަލުގައި سورة الرحمن 37 ވަނަ އާޔަތުގައި އެވާފަދައިން “ރަތް ފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް” ފަދައިންނެވެ. އޭގެތެރެއިން سورة التكوير ގެ 1 ވަނަ އާޔަތުގައިވާ ފަދައިން އަލި ފަނޑުވަމުންދާ (އަލިކަން ފިލަމުންދާ) އިރު ފެންނަން އިންނާނެއެވެ. ރޭގަނޑު ހަނދެއް ނާރާނެއެވެ. ސަބަބަކީ އިރު ރެޑްޖަޔަންޓަކަށް ބަދަލުވީއިރު މާކަރީ، ވީނަސް އަދި ހަނދު އިރުގެ ގެ ތެރެއަށް ވަދެ، سورة القيامة ގެ 8 ވަނަ އާޔަތުގައިވާފަދައިން “އިރާއި ހަނދު އެއްތަން ވެފައި” ވާތީއެވެ. އިންސާނުން ފުރަތަމަ ނެތިދިޔަފަހުން އެތައްބިލިޔަން އަހަރުވެފައިވާތީ، ޔުނިވާރސްގެ އެކްޕޭންޝަންގެ ގެ ސަބަބުން މިލްކީވޭގެ ތަރިތައް ފޭވެ سورة التكوير ގެ ދެވަނަ އާޔަތުގައިވާފަދައިން، “ބުރަބުރައިގެން ގޮސް” ތަރިތަކުގެ އަލިވެސް ފަނޑުވެފައި ވެދާނެއެވެ. މިހާރު ސައިންސުގެ އިލްމުން ލިބެން ހުރިމައުލޫމަތުން އެހާދިސާތައް އަޅުގަނޑަށް ގުޅުވާލެވެނީ މިހެންނެވެ. ދެން އުފެދޭ އަނެއް ސުވާލަކީ ދުނިޔެ މިބުނިފަދައިން، އިރުގެ ރެޑްޖަޔަންޓް ފޭސްއިން ސަލާމަތް ވެދާނެ ބާވައެވެ؟ physicsworld.com ގައި ޖޯން ކާޓްރައިޓް (2007) ބުނެފައިވާގޮތުން ދުނިޔޭގެ އޯބިޓާއި އެއްގޮތް އޯބިޓެއްގައި ހުރިޕްލެނެޓެއް، އޭތި ދައުރުކުރަމުން ދިޔަ ތަރީގެ ރެޑް ޖަޔަންޓް ސްޓޭޖުން ސަލާމަތްވެފައިވާކަން ރޮބާޓޯ ސިލްވޮޓީ ވަނީ ހޯދާފައެވެ. މީގެން އެގެނީ ދުނިޔެވެސް އިރުގެ ރެޑްޖަޔަންޓް މަރުހަލާއިގައި ހަލާކުނުވެ ދުރަށްފޭވެ ސަލާމަތްވުމުގެ ފުރުސަތު އޮވެދާނެކަމެވެ. ހުރިހާކަމެއް ދެނެވޮޑިގެންވަނީ މާތްﷲ އެވެ. 

يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّـهِ الْوَاحِدِ الْقَهَّارِ﴿٤٨﴾

އެދުވަހުން، ބިން އެހެން ބިމަކަށް، އަދި އުޑުތައް (އެހެން އުޑުތަކަކަށް) ބަދަލުކުރައްވާނެތެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ގެ حضرة އަށް އެންމެން ނުކުންނާނެތެވެ. (ޤުރުއާން، 14:48) 

فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ ﴿٣٧﴾
ފަހެ، އުޑު ފަޅަފަޅައިގެންދާހިނދު، ރަތްފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ. (ޤުރްއާން: 55:37)

وَخَسَفَ الْقَمَرُ ﴿٨﴾وَجُمِعَ الشَّمْسُ وَالْقَمَرُ ﴿٩﴾
އަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ. އަދި އިރާއި، ހަނދު އެއްތަންކުރައްވާހިނދެވެ. (ޤުރުއާން 7-8: 75)

 إِذَا الشَّمْسُ كُوِّرَتْ ﴿١﴾ وَإِذَا النُّجُومُ انكَدَرَتْ ﴿٢﴾ 
އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ. (1) އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ. (2) (ޤުރުއާން؛ 2-1: 81)

وَيَوْمَ تَشَقَّقُ السَّمَاءُ بِالْغَمَامِ وَنُزِّلَ الْمَلَائِكَةُ تَنزِيلًا﴿٢٥﴾
ވިލާތަކާއެކު އުޑު ފަޅަފަޅައިގެންދާ ދުވަސް ހަނދުމަކުރާށެވެ! އަދި ގިނަ عدد އަކަށް އެދުވަހު ملائكة ން ބާވައިލައްވާނެތެވެ.(ޤުރުއާން 25:25)

وَالْمَلَكُ عَلَىٰ أَرْجَائِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ ﴿١٧﴾ يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ ﴿١٨﴾
އަދި ملائكة ން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެތެވެ. އެދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ عرش ފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް ملائكة ންނެވެ. (17) އެދުވަހުން (حساب ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސްކަމެއް ވަންހަނާއެއް ނުވާނެތެވެ. (18). (ޤުރުއާން. 18-69:17)
___________________________________________________


ބިގްރިޕް އާއި އެހެނިހެން ތިއަރީތައް

އެންމެ އިތުބާރުހުރި ފަހުގެ މެޝަމަންޓުތަށް ބޭނުންކޮށްގެން، ޔުނިވާރސް އެކްސްޕޭންޑްވާ މިންވަރު ގްރެވިޓީގެ ސަބަބުން ދައްވޭތޯ ސައިންސްވެރިން ބެލިބެލުމުން ފާހަގަ ކުރެވިފައިވަނީ، ޔުނިވާރސްގެ އެކްސްޕޭންޝަން އެކްސަލަރޭޓް ވަމުންދާކަމުގައެވެ. ސައިންސްވެރިން ބުނާގޮތުގައި، ގޮތްނޭގޭ ޑާރކް އެނާޖީ ގްރެވިޓީއާއި ދެކޮޅަށް، ޔުނިވާރސް އެކްސްޕޭންޑްކުރަނީ އެވެ. މި ޑާރކްއެނާޖީއަކީ އައިސްޓައިންގެ ޖެނެރަލް ރެލެޓިވިޓީ ވުޖޫދަށް ގެނައިއިރު އީކުއޭޝަންއަށް ކޮސްމޮލޮޖިކަލް ކޮންސްޓެންޓއޭ ކިޔާފައި އޭނާލާފައިވާ ޓާރމެކެވެ. (މޮސްކޯވިޓްސް، 2011) . ޑާރކްއެނާޖީއިން އެއްވަރެއްގެ ފޯސް ޔުނިވާރސްއަށް ލާކަމަށްވެފައި ސްޕޭސް އެކްސްޕޭންޑުވާނަމަ، ގެލެކްސީތަކުގެ ދޭތެރޭހުރި ޖާގަ ބޮޑުވަމުންގޮސް މިލްކީވޭއަށްވުރެ ދުރުން އެއްވެސް އެއްޗެއް ނުފެންނާނެއެވެ. މި މޮޑެލްއަށް ކިޔަނީ ބިގްފްރީޒެވެ. އެންމެފަހުން ޔުނިވާރސްވާނީ ފިނި އަނދިރި ހުސްތަނަކަށެވެ. ހުރިހާ އެއްޗެއް ޑިކޭވެ ނިމިދާނެއެވެ. ޑާރކް އެނާޖީއިން އަންނަ ފޯސްގެ މިންވަރު ދަށަށް ދިޔަނަމަ، ގްރެވިޓީގެ ބާރުގަދަވެ ޔުނިވާރސްގައިވާ ތަކެތި ކައިރިވަމުންގޮސް ޔުނިވާރސް، ބިގްބޭނގ ފެއްޓުނުފަދަ ޑެންސިޓީމަތި ޕޮއިންޓަކަށް ނިމިދާނެއެވެ. މިމޮޑަލްއަށް ކިޔަނީ ބިގްކްރަންޗެވެ. ތިންވަނަ ގޮތަކީ ޑާރކްއެނާޖީން އުފެދޭ ފޯސް މަތިވެ ޔުނިވާރސް އެކްސްޕޭންޑްވަމުންގޮސް ބިގްރިޕް އަކުން ފަޅަފަޅައިގެން ދިޔުމެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ގެލެކްސީ މިލްކީވޭވެސް އެކައްޗެއްގެ ގޮތުގައި ނޯވެވޭނެއެވެ. އޭގެފަހުން ތަރިކާއި ޕްލެނެޓްތަކާއި އަދި އެޓަމްސްތަކަށްވެސް އިންޓާނަލް ފޯސްގެ ސަބަބުން ދެމި ނޯވޭނެއެވެ. (ނެމިރޯފް އަދި ބޮނެލް، 2003). ޑާރޓްމަތް ކޮލެޖް ގެ ރޮބާރޓް ކޯލްޑްވެލް އޭނާގެ ފޭޕަރު، “ފެންޓަމް އެނާރޖީ އެންޑް ކޮސްމިކް ޑޫމްސްޑޭ” ގައި 2003ގައި ބިގްރިޕްގެ ވާހަަކަ ހުށައެޅިއެވެ. އެމީހުން ބޭނުން ކުރީ ނާސާގެ ވިލްކިންސަން މއަިކްރޯވޭވް އެނިސޮޓްރޮޕީގެ ޕްރޯބްގެ ކޮސްމިކް މައިކްރޯވޭވް ބެކްގްރައުންޑް ޑޭޓާރއެވެ، ކޮންމެގޮތެއްވިޔަސް މި 3 މޮޑެލްގެ ތެރެއިން ރަގަޅީ ކޮންމޮޑެލްއެއްކަން ކަށަވަރުވާނީ ޑާރކްއެނާޖީއަކީ ކޮންއެއްޗެއްކަން އިތުރަށް އެގިގެންކަމުގައި ސައިންޓިސްޓުން ބުނެއެވެ. މިހާ ހިސާބަށްދާއިރު މިޔުނިވާރސްއިން، ސްވަރުގެއާއި ނަރަކަވާ ޔުނިވާރސްއަށް އިންސާނުން ބަދަލުކުރެވިފައިވުން ގާތެވެ. އެދަތުރުގެ މިސާލަކީ އަޅުގަނޑުމެންގެ މާތް ރަސޫލާގެ މިއުރާޖްގެ ދަތުރުފުޅުބާވައެވެ؟ ހިސާބު ބެއްލެވޭ ދުވަހު އެހާގިނަ މަލާއިކަތުން ބާވާލެއްވުމުގެ އެއްސަބަބަކީ އެއީ ބާވައެވެ؟ ކޮންމެއަކަސް މިކަން ދެނެވޮޑިގެންވަނީ ކާއިނާތުގެ ވެރި މާތްﷲ އެވެ. ކީރިތި ޤުރުއާނުގެ، މޫރިތި އާޔަތްތައް ބައްލަވާށެވެ. ގުރުއާނުގައި އައިސްފައިވާ ގޮތުން ޔުނިވާރސްގެ ނިމުން ގާތީ ބިގްކްރަންޗް މޮޑެލް އާއިއެވެ.





وَإِذَا السَّمَاءُ كُشِطَتْ ﴿١١﴾ وَإِذَا الْجَحِيمُ سُعِّرَتْ ﴿١٢﴾ وَإِذَا الْجَنَّةُ أُزْلِفَتْ ﴿١٣﴾ 
އަދި އުޑު ގެންދަވާ ހިނދެވެ. (11)އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ. (12) އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ.(13). (ޤުރުއާން، 13-81:11)

وَمَا قَدَرُوا اللَّـهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ ﴿٦٧﴾
اللَّه އަށް قدر ކުރުން حق ވެގެންވާގޮތުގައި، އެއުރެން އެކަލާނގެއަށް قدر އެއް ނުކުރެތެވެ. އަދި قيامة ދުވަހުން، މުޅިބިންވާހުށީ، އެކަލާނގެ قدرة ތެރިކަމުގެ މުށްޕުޅުގެ ތެރޭގައެވެ. އަދި އުޑުތައްވާހުށީ، ފަށްޖަހައިލަައްވާފައިވާ حال، އެކަލާނގެ قدرة ތެރިކަމުގެ ކަނާތްޕުޅުގައެވެ. އެއުރެން شريك ކުރާ ތަކެތިން، އެކަލާނގެ ހުސްطاهر ވެ، މަތިވެރިވެވޮޑިގެންވެއެވެ. (ޤުރުއާން 39:67)

وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَائِبَيْنِ ۖ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ ﴿٣٣﴾ އެދުވަހަކީ، ފޮތްތަކުގެ ފަތްފުށް ފަތްޖަހައިލެވޭ ފަދައިން، ތިމަންރަސްކަލާނގެ އުޑު ފަތްޖައްސަވައިލައްވާ ދުވަހެވެ. އެންމެފުރަތަމަ އުފެއްދެވި ފަދައިން، އެ ތަކެތި އަލުން إعادة ކުރައްވާ ހުށީމެވެ. އެއީ ތިމަންރަސްކަލާނގެ މައްޗަށްއޮތް وعد އެކެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންތައް ކުރައްވާހުށީމެވެ. (ޤުރުއާން 21:104)
 ________________________________________________________

ނިންމުން

މި މަޒްމޫނުގައި އަޅުގަނޑު މަސައްކަތްކޮށްފައިވަނީ، ސައިންސުން ލިބެންހުރި އެންމެ ފަހުގެ ހޯދުންތަކާއި ކީރިތި ޤުރުއާންގެ އަލީގައި އާޚިރަތްދުވަހާއި ޤިޔާމަތްދުވަހު ޔުނިވާރސްއަށް އަންނަ ބަދަލާއި ބެހޭގޮތުން ފުރިހަމަ ލިޔުމެއް ހުށައެޅޭތޯއެވެ. މިޒަމާނުގެ ޒުވާނުންނާއި ކިޔަވާކުދިންނަށް ޚާއްސަކޮށްގެން، ސައިންސުން އަޅުގަނޑުމެން އުގެނޭ އެއްޗެތިން އަޤީދާ ވަރުގަދަކުރެވޭނޭ މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި، އަޅުގަނޑުމެން މިގެންގުޅޭ ޓެކްނޮލޮޖީއެއް ނެތެވެ. ތަރިތައް އުފެދޭގޮތާއި ފަނާވާގޮތެއްގެ މަޢުލޫމާތެއް މީހުންގެނެތެވެ. ކީރިތި ޤުރުއާންއަކީ ޔުނިވާރސް ހެއްދެވި މާތްﷲ ބާވައިލެއްވި ފޮތެއްކަމުގައި ނުވާނަމަ އެކަން އެނގޭނީ ދެން ކޮން އިންސާނަކަށްތޯ އަމިއްލަނަފްސާ ތިބާ ސުވާލުކޮށްބަލާށެވެ. މި މަޒްމޫނު ލިޔުނުއިރު ވަޤުތަކީ ރެލެޓިވް އެއްޗެއްކަމުގައި އަޅުގަނޑު ބަލައިފައިވާނެއެވެ. މިގޮތުން ޤިޔާމަތުގެ ބައެއް ހާދިސާތަކަކީ ޖިއޮލޮޖިކަލް ޓައިމުން ގިނަދުވަސްތަކެއް ނަގާ ކަމެއްގެ ގޮތުގައި ބަލައިފައި ވާނެއެވެ. އިތުރަށް މައުލޫމާތު ހޯދަން އަޅުގަނޑު މިވެބްސައިޓްގައި ލިޔެފައިވާ “ވަޤުތު” މަޒުމޫނު ތިބާ ކިޔާނޭ ކަމުގައި އުއްމީދުކުރަމެވެ. މިދާރިޔާގެ ބާވަތުން ފުދޭވަރެއްގެ ގިނަލިޔުންތައް މި މަޒުމޫނަށް މަޢުލޫމާތު ހޯދުމުގެ ގޮތުން އަޅުގަނޑު ކިޔައިފައިވެސްވާނެއެވެ. ރިފަރެންސް ލިސްޓުން އެ ވަސީލަތްތައް ތިބާޔަށް ފެންނާނެއެވެ. މި ވެބްސައިޓްގެ ކޮންމެ އާޓިކަލް އަކީ “ޕްރިންޓާރ އެކުވެރި” އާޓިކަލްއެކެެވެ. ތަޢުލީމީ ބޭނުންތަކަށް ޕްރިންޓްކޮށްގެން އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ހުރިހާ ފަރާތްތަކަކަށްވެސް ދެވިފައިވާނޭ ކަމުގައި އުފަލާއެކު ފާހަގަކުރަމެވެ. އަޅުގަނޑު އެދެނީ އަޅުގަނޑު ލިޔާ ޢިލްމީ މަޒުމޫނުތަކުން ކިޔުންތެރިންގެ މަޢުލޫމާތު މުއްސަދިވެގެން ދިޔުމެވެ. އަދި މިފަދަ ލިޔުންތައް ލިޔުމުގެ ހެޔޮތައުފީޤް ﷲ މިންވަރުކުރައްވާކަމަށްޓަކައި ޝުކުރުވެރިވަމުން، ތިބާޔަށް މި މަޒްމޫނު ކަމުދިޔަނަމަ އެހެން ރަޙުމަތްތެރިންނާއި ހިއްސާކޮށްލަދެއްވާނޭ ކަމުގައުއްމީދުގައި ނިންމާލާމެވެ.

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.