Skip to main content

Achieving and maintaining classroom dscipline

ކޮންމެ މުދައްރިސަކަށް ވެސް ކިލާހުގެ ސުލޫކު ހިފެހެއްޓިދާނެ
ލިޔުނީ: ޑރ. ހަސަން ޙަމީދު 

މި މަޒުމޫނަކީ، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުން ނެރެމުން ދިޔަ ޢިލްމީ މަޖައްލާ، ”ފަނާރު“ ގެ އޮކްޓޯބަރ 2000 ގެ ޢަދަދުގައި (ވޮލިއުމް 4، ޢަދަދު 2 ގައި) ޝާއިޢު ކުރެވުނު މަޒުމޫނެކެވެ. މިހާރުގެ މުދައްރިސުންނަށް ފައިދާއެއް ކޮށްފާނެތީ، އަނެއްކާ ހުށަހަޅާލީ އެވެ. ކިޔަވައިދިނުމުގައި ކިލާހުގެ ސުލޫކު ހިފެހެއްޓުމަކީ، އެންމެ މުހިއްމު ކަމެވެ. ކިތަންމެ މޮޅު މުދައްރިސެއް  ނަމަވެސް، ކިލާހުގެ ސުލޫކު ނުހިފެހެއްޓޭ ނަމަ، އޭނާއަށް ކިޔަވައިދޭނޭ ފުރުޞަތެއް ނުލިބޭނެއެވެ.

ކިޔުންތެރިންގެ އިތުބާރު ހޯދުމުގެ މަޤްޞަދުގައި، ލަދުވެތިކަމާއި މަޢާފާއެކު ދަންްނަވާލަމެވެ. ކޮމްޕިއުޓަރ ސައިންސް އާއި ފިޒިކްސްގެ ދާއިރާއިން ބެޗްލަރ ޑިގްރީ ހޯދުމަށް ފަހު، ސެކަންޑަރީ ފެންވަރުގައި ކިޔަވާދިނުމުގެ އެއް އަހަރު ދުވަހުގެ ޕޯސްޓްގްރޭޖުއޭޓް ޑިޕްލޮމާއެއް އަޅުގަނޑު ކިޔެވީމެވެ. ޢަމަލީ ތަމްރީނު ހޯދުމަށް ޓެސްމޭނިއާގެ ސްކޫލްތަކުގައި ހޭދަކުރި 50 ދުވަހުގެ ތެރޭގައި، އެންމެ ފުރަތަމަ އަޅުގަނޑު ފޮނުވީ ވަޒީފާނެތް މީހުން އުޅޭ އަވަށެއްގެ ސްކޫލަކަށެވެ. މަތީ ގްރޭޑްގެ ދަރިވަރުން ކަމުންނާއި ނަސްލު ތަފާތުކަމުން، ކިޔަވައިދޭންޖެހޭ ކުދިންގެ އިސްކޮޅު އަޅުގަނޑަށް ވުރެ ދިގެވެ. ގަދަ ކަނޑުގައި ދުއްވައިގެން ނޫނީ ކުޅަދާނަ ކަލާސީންނެއް ނުއުފެއްދޭނެއެވެ.  މި ތަޖުރިބާއިން އަޅުގަނޑަށް ލިބިފައިވަނީ ”HD“ އެވެ. އެ ފަހުން ވެސް، އަޅުގަނޑު ގްރޭޑް 7 އިން ފެށިގެން ގްރޭޑް 20 (ޕީއެޗްޑީ) ގެ ދަރިވަރުންނަށް މަދަރުސާތަކާއި އެހެން ތަންތަނުގައި ކިޔަވައިދިނުމުގަ އާއި މިކަމާ ގުޅޭ އެހެން ކަންކަމުގައި ފަންސަވީސް ވަރަކަށް  އަހަރު ހޭދަ ކުރެވިފައި ވެއެވެ. އަަދި، އެތައް މާއްދާތަކެއް ދަސްކުރާ މުދައްރިސުންނަށާއި އެކި ފަރާތްތަކަަށް ކިޔަވައިދެވިފައި ވެސް ވެއެވެ. އަޅުގަނޑު މިދަންނަވާ އެއްޗެއް މި ދަންނަވާލަނީ ތަމްރީނާއި ތަޖުރިބާގެ އަލީގައެވެ.

ސްލޫކުން، އަޅުގަނޑު މި މާނަކުރަނީ، ދަރިވަރުން ކިލާހުގައި އުޅޭ ގޮތް ނުވަތަ ޢަމަލުތައް ހުންނަ ގޮތަށެވެ. ކިލާހުގެ ވެށި ނުވަތަ މާހައުލު ވަކި ހަމަތަކެއްގެ މަތީގައި ހިފެހެއްޓިފައިވާ  ގޮތަށެވެ. ސުލޫކު ހިފެހެއްޓުމަކީ، މުދައްރިސެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ހުނަރެކެވެ. ކޮންމެ މުދައްރިސަކުވެސް އަހުލުވެރިވާން ބޭނުން ފޭޑި (ކަންތައް ކުރުމާއި، އުޅުމުގެ ވައްޓަފާޅި) އެކެވެ. މިހެން މި ދެންނެވީ، މި ހުނަރު ނެތް މުދައްރިސަކަށް ކިތަންމެ މޮޅު ސަނަދެއް ލިބިފައި ވިއަސް، ކިލާސް ކޮންޓްރޯލު ނުކުރެވޭނަމަ، އޭނާ ދަންނަ އެއްޗެއް ދަރިވަރުންނަށް އޮޅުން ފިލުވާދޭނޭ ފުރުޞަތެއް ނުލިބޭނެތީ އެވެ. އޭނާ އަބަދުވެސް މަޝްޣޫލުވެގެން އުޅެން ޖެހޭނީ ކޮންމެވެސް ކުދިންތަކެއްގެ ސަކަރާތުގެ ކަންތައްތައް ހަމަޖައްސާށެވެ. ވަގުތުތައް ދާނީ ކިލާހުގައި ޝަރީޢަތް ކުރުމަށެވެ. ކިޔަވައިދިނުން ލަސްކުރަންޖެހޭނީ ކިލާހުގެ އަޑު މަޑުވަންދެންނެވެ. މާގިނަ ހިނދެއް ނުވެ ދެން އިވޭނީ ގަޑި ނިމޭ ރަނގަބީލުގެ އަޑެވެ.


މިއާ ޚިލާފަށް ރަނގަޅަށް ކިލާސް ކޮންޓްރޯލް ކުރަން ދަންނަ މުދައްރިސަކަށް ކާމިޔާބު ކަމާ އެކު ކިޔަވައި ދެވޭނެއެވެ. މުދައްރިސް ދަންނަ އެއްޗެހި ދަރިވަރުންނަށް ފަސޭހަކަމާއެކު އޮޅުންފިލުވައިދެވޭނެއެވެ. އަދި ދަރިވަރުންނަށް އެ އެއްޗެއް ފަސޭހަކަމާ އެކު ދަސްވާނެެއެވެ. ކިޔަވައިދޭން ފަސޭހަވެ، ކިޔަވައިދިނުމުން ލިބޭ އުފާ ބޮޑުވާނެ އެވެ.

އިހު ބުނެވުނު ސަބަބުތަކާ ހެދި، ކިލާސް ވަކި ހަމަތަކެއްގެ މަތީގައި ހިފެހެއްޓުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ކިލާހުގެ ސުލޫކު، ހިފަހައްޓާ މީހަކީ މުދައްރިސެވެ. އެހެނީ ކިލާހެއްގެ ދޮރުމަތިން ހިނގާއިރު، ކޮންމެ ހެޑްމާސްޓަރަކަށް އަދި ކޮންމެ ސުޕަވައިޒަރަކަށް ވެސް ތަޖުރިބާ ކުރެވޭނީ ހަމަ އެއް ކިލާހެއްގެ ކުދިން، އެކި މުދައްރިސުންގެ ގަޑީގައި ސުލޫކު ހުންނަނީ އެކި ގޮތަށް ކަމަށެވެ. ބައެއް މުދައްރިސުންގެ ގަޑީގައި ކުދިން ޝައުޤުވެރިކަމާއެކު ކިޔަވައެވެ. ބައެއް މުދައްރިސުންގެ ގަޑީގައި ކިލާހުގެ އަޑުގަދަކަމުން ޖެހިގެން އޮންނަ ކިލާހުގެ މުދައްރިސުންނަށް އުނދަގޫވާހާ ވެއެވެ. ނަމަވެސް، ކިލާހަކީ އެއް ކިލާހެވެ. މިހެންކަމުން، ކިލާހުގެ ސުލޫކު ބަލަހައްޓާ މީހަކީ މުދައްރިސްކަން ކަށަވަރު ވެއެވެ.

ހެޑްމާސްޓަރުންނަށާއި ސްޕަވައިޒަރުންނަށް ފާހަގަ ކުރެވޭ އަނެއް ކަމަކީ، ބައެއް މުދައްރިސުން ވަޒީފާގެ ފުރަތަމަ ދުވަސްވަރު، ކިލާސް ކޮންޓްރޯލް ނުކުރެވުނަސް، ދުވަސްކޮޅެއްގެ ތެރޭގައި އެ މުދައްރިސުންގެ ގަޑިތަކަކީ ނަމޫނާ ގަޑިތަކަކަށް ހަދާ ކަމެވެ. މިކަމުން ދޭހަވަނީ ކިލާސް ކޮންޓްރޯލު ކުރާނެ ގޮތަކީ މީހުން ދަސްކުރާ ކަމެއް ކަމެވެ. އެއީ އެމީހާއަށް އުފަންވާއިރު ޠަބީޢީ ގޮތުން ދެއްވައިފައިވާ ހުނަރެއް ނޫން ކަމެވެ.

އިސްވެ ދެންނެވުނު ބުރުހާނުތަކުން، މި މަޒުމޫނު ކިޔުއްވާ ކޮންމެ މުދައްރިސަކަށް ވެސް އުއްމީދު އައު ކުރެއްވިދާނެއެވެ. ތިމާއަކީ މިހާރުވެސް ކިލާސް ރަނގަޅަށް ކޮންޓްރޯލު ކުރައްވާ ބޭފުޅެއްނަމަ، އެކަމުގެ މުހިއްމު ކަމެވެ. އެ ހުނަރު އިތުރަށް ތަރައްޤީކުރައްވަން ބޭނުންފުޅު ނަމަ، އެކަން ކުރެއްވިދާނެ ކަމުގެ ޔަޤީން ކަމެވެ. ތިމާގެ ކިލާސްތަކުގެ ސުލޫކާ މެދު، ފާޑުކިޔަނިވި ގޮތަކަށް ފިކުރު ކުރެއްވުމަށް ފަހު، މި ހުނަރު ތޫނު ކުރެއްވުމުގެ ޤަޞްދެވެ. އާދެ! ކޮންމެ ކަމެއް ވެސް ކުރުމަށް ހިތުލައި ޢަޒުމް ކަނޑައެޅުމަކީ އެކަން ކާމިޔާބުވުމުގެ ދެބައިކުޅަ އެއްބައެވެ.

ކިލާހުގެ ސުލޫކު ހިފަހައްޓާނީ ކިހިނަކުންތޯ އެވެ؟ ޝައްކެތް ނެތެވެ. މިކަން ކުރާނޭ ގޮތްތައް މުދައްރިސުންގެ ޢަދަދުހާ ގިނަވާނެއެވެ. އެއީ ކާމިޔާބު ކޮންމެ މުދައްރިސެއްގެ ގާތުގައި، އޭނާ ކިލާސް ކޮންޓްރޯލު ކުރަމަށް ބޭނުން ކުރާ ގޮތްތަކަކީ ކޮބައިތޯ އަހައިފި ނަމަ، ތަފާތު އެތައް ޖަވާބެއް ލިބޭނެއެވެ. އެފަދަ ކޮންމެ ގޮތަކީ ވެސް އެހެން މުދައްރިސުން، އަޖުމަބެލުމަށް އެގޮތްތަކާ މެދު ވިސްނުމަށް ރަނގަޅު ކަންތައްތަކެވެ. މި މަޒުމޫނުގައި އަޅުގަނޑު ބަލައިލާނީ ބައެއް ފޮތްތަކާއި އަމިއްލަ ތަޖުރިބާއިން ދަސްވެފައިވާ ކިލާސް ކޮންޓްރޯލުކުރުމުގައި ކާމިޔާބު ބައެއް އުޞޫލުތަކަށެވެ. މިއިން ކޮންމެ ގޮތަކީ، ކޮންމެ މުދައްރިސަކަށް ވެސް ރަނގަޅު، ކޮންމެ ޙާލަތެއްގައި ވެސް ބޭނުންކުރެވޭނޭ ހުނަރުތަކެއްކަމަށް ދަޢުވާއެއް ނުކުރަމެވެ.

އާދެ! ބަލިބަލިން ރައްކާތެރިވުން، ބަލިޖެހުމަށް ފަހު ބޭސްކުރުމަށް ވުރެ ރަނގަޅުކަމަށް ހުރިހާ އެންމެންވެސް ޤަބޫލު ކުރެއެވެ. ކިލާހުގެ ކޮންޓްރޯލު ދިއުމަށް ފަހު، އެއަނބުރާ ހޯދައިގަތުމަކީ ދަތިކަމެކެވެ. އެހެންކަމުން، މައްސަލައެއް ދިމާނުވާގޮތް ހެދުމަކީ މައްސަލައެއް ޖެހުމަށް ފަހު، އެކަން ރަނގަޅު ކުރުމަށް ވުރެ މުހިއްމު ކަމެކެވެ.

އަޅުގަނޑުގެ ތަޖުރިބާގައި، ކިލާހުގެ ސަކަރާތް އެންމެ ބޮޑުވާ ވަގުތަކީ، ގަޑި ބަދަލުވާ ވަގުތެވެ. އެއް މުދައްރިސަކު ކިލާހުން ނުކުމެ އަނެއް މުދައްރިސަކު ވަނުމާއި ދޭތެރޭގައި ހޭދަވާ ވަގުތެވެ. މި ވަގުތަށް ފަރުވާތެރިވުމަކީ، ވަރަށް މުހިއްމު ކަމެކެވެ. ތިމާގެ ގަޑި ޖެހުމުން ވީހާ އަވަހަށް ކިލާހަށް ވަނުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އަޅުގަނޑު މަދަރުސާތަކުގައި ކިޔަވައިދިން އިރު، ހުސް ގަޑިއެއް އޮތް ނަމަ، ޖެހިގެން އޮންނަ ގަޑި ފެށެން އެއް މިނެއްޓަށް ވާއިރަށް އެ ގަޑި އޮންނަ ކިލާހުގެ ކުރިމައްޗަށް އަޅުގަނޑު ދަމެވެ.  މިކަމުން، ކިލާހުގައި ކިޔަވައިދޭން ހުންނަ މުދައްރިސަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ފުރަތަމަ ކޮޅުގައި އިޙްސާސް ކުރެވުނަސް ދާދި އަވަހަށް ތިމާގެ ގޮތަށް އެހެން މުދައްރިސުން ފަރިތަވެއެވެ. މިހެން ކަންތައްތައް ކުރުމުން ސަކަރާތް ޖަހަން ދަރިވަރުންނަށް ދެވޭ ފުރުޞަތު ކުޑަވެއެވެ. އެންމެ ރަނގަޅު ކަމަކީ ކިލާހުގެ ކުދިންނަށް މުދައްރިސް އަންނަނީ ކިޔަވައިދޭ ހިތުންކަން ޤަބޫލުކުރެވޭ ކަމެވެ. އަދި މުދައްރިސް ކިޔަވައިދޭ މާއްދާއަށް އެކުދިން ހުންނަ ޝައުޤު އިތުރުވާ ކަމެވެ. މި ތަޖުރިބާތަކާ ގުޅިގެން މުދައްރިސުންގެ ކަންތައްތައް ސުޕަވައިޒުކުރަން ޖެހުމުން، ކޮންމެ މުދައްރިސަކު ވެސް ގަޑިފެށުމާ އެކު ވީހާ އަވަހަށް ކިލާހަށް ވަނުމަށް އަޅުގަނޑު ބާރު އެޅީމެވެ. އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި ކުޑަކުދިންނަށް ސަކަރާތް ގަންނާނޭ ފުރުޞަތު ދީފިނަމަ، އެކުދިން އެކަން ކުރާނެއެވެ. އެއީ ޢުމުރުފުރާގެ ކުދިންގެ ޠަބީޢަތެވެ.

އެންމެ ފުރަތަމަ ފެންނަ ފެނުމަކީ، އެންމެ ފުރަތަމަ ނަޒަރަކީ އެންމެ ގިނަ ދުވަހަށް ދެމިހުންނަ ނަޒަރޭ މީހުން ބުނެ އުޅެއެވެ. ކިލާހަށް މުދައްރިސް ވަނުމަށް ފަހު، އެންމެ ފުރަތަމަ ކުރާ ކަމަކީ ބާކީ އޮންނަ ވަގުތުތައް ހޭދަވާނޭ ގޮތް އަންގައިދޭ ފާލެކެވެ. އެހެންކަމުން، މުދައްރިސް ބޭނުންވާ މާހައުލު، ކިލާހުގައި ވީހާ އަވަހަށް އުފެއްދުމަކީ ބޭނުން ކަމެކެވެ. ގަޑި ޖެހުމާއި އެކު، ސާބިތުކަމާއެކު ކިޔަވައިދޭން ފަށަން ޖެހޭނެއެވެ. ކޮންމެ ޓާމެއްގެ ފުރަތަމަ ހަފުތާ އަކީ، ކޮންމެ ގަޑިއެއްގެ ފުރަތަމަ މިނެއްޓު ކޮޅަކީ ވަރަށް ހަރޮށިކަމާއެކު މުދައްރިސް މަސައްކަތް ކުރަންޖެހޭ ވަގުތެވެ. އަޅުގަނޑު އުޞޫލަކީ، ކިލާހަށް އަޅުގަނޑު ވަނުމާއެކު ދަރިވަރުން ކޮޅަށް ތެދުވުމެވެ. އަޅުގަނޑު ވަދެގެންދާނީ ކިލާހުގެ އެންމެ ފަހަތަށެވެ. ކޮއްޅަށް ތިބި ކުދިންނަށް އިށީންނަން ހުއްދަ ދެނީ އެކި ކުދިންނަށް ވަކިވަކިންނެވެ. އެކި ސަފު އެކި ފަހަރު އެވެ. އެންމެ މަޑުން އެންމެ ހަރުދަނާ ކަމާއެކު ކޮއްޅަށް ތިބޭ ކުދިން  އެންމެ ފުރަތަމަ އެވެ. މިގޮތަށް އަޅުގަނޑު ކަންތައްތައް ކުރަނީ އަކީ އެކުދީންގެ އިޙްތިރާމް ގަދަކަމުން ހޯދާކަށެއް ނޫނެވެ. ކޮއްޅަން ތެދުވުމުގެ ކުރިން، އިށީދެގެން ތިބުމުން ހަށިގަނޑާއި ސިކުނޑިއަށް ލިބިފައިވާ ލޮޑުކަން ފިލުވާލުމަށެވެ. އަދި ކުރީ ގަޑި ނިމި، އައު ގަޑިއެއް ފެށުނުކަން ކުދިންގެ ސިކުނޑީގައި ރަޖިސްޓަރީ ކުރުމަށެވެ. އެހެންނޫނީ، ކިލާހުގެ ފުރަތަމަ ދެތިން މިނެއްޓު ގައި ވެސް، ކުދިން ނިންމަމުން ދާނީ ކުރީ ގަޑީގެ މަސައްކަތެވެ. ބައެއް ކުދީންނަށް ގަޑި ބަދަލުވެ އެހެން މާއްދާއެއްގެ ގަޑި ފެށުނުކަން ރޭކާލާނީ ވެސް މާ ފަހުންނެވެ.

މުދައްރިސްގެ އަޑަކީ، އޭނާއަށް ކިލާސް ކޮންޓްރޯލު ކުރުމަށް ލިބިފައިވާ އެންމެ ތޫނު  ހަތިޔާރެވެ. އެހެންކަމުން، ހުނަރުވެރިކޮށް އަޑު ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ. ކުއްޖަކަށް އަނިޔާއެއް ލިބެމުންދާ ހިނދެއްގައި ރައްކާތެރިވުމަށް ގޮވާލުމަށް މެނުވީ އަޑު ނުއުފުލާ ތިމާގެ އަޑު ކޮންޓްރޯލުކުރުން މުހިއްމެވެ. މުދައްރިސް ހަޅޭއްލަވައިގެން އިރުޝާދު ދޭނަމަ، ދާދި އަވަހަށް އެކަމަށް އެކުދިން ފަރިތަވެ، އަޑު އުފުލުމުން ނޫނީ ދެން އިތުރު ޙަރަކާތްތެރިކަމެއް އެކުދިންގެ ފަރާތަކުން ނުއުފެއްދޭނެ އެވެ. މުދައްރިސް ވާހަކަ ދައްކަން ޖެހޭނީ ދަރިވަރުން ވާހަކަ ނުދައްކާ ނަމައެވެ. މުދައްރިސް ވާހަކަ ދައްކަނިކޮށް ކުއްޖަކު ވާހަކަ ދައްކަން ފަށައިފި ނަމަ، ކޮންމެވެސް އެކަކު ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭނެއެވެ.

އަޅުގަނޑަށް ތަޖުރިބާ ކުރެވިފައިވާ ގޮތުގައި، ބައެއް މުދައްރިސުން ކިލާހުގައި ނާކާމިޔާބު ވަނީ، މުދައްރިސް ދައްކާ ވާހަކަ ގިނަކަމުންނެވެ. ދަރިވަރުންގެ ޚިޔާލު ހޯދުމަށް ކުދިން ވާހަކަ ދެއްކުމަށް ފުރުޞަތު ނުދެވޭ ކަމުންނެވެ. މިކަލަކަށް އައިސް، ކިޔަވައިދިނުމުގެ ފެންވަރު ބެލުމުގައި މުދައްރިސްގެ ވާހަކަ، ދަރިވަރުންގެ ވާހަކައަށް ވުރެ މަދު ނަމަ، ކިޔަވައިދިނުން ރަނގަޅުކަމަށް ލިޔެފައި ހުންނަ ލިޔުންތައް ހުރެއެވެ. ބައެއް މުދައްރިސުން ކިލާސް ކޮންޓްރޯލުކުރުމުގެ ނިޔަތުގައި، ޕީރިއަޑް އެއްކޮށް  ވާހަކަ ދައްކަފާނެއެވެ. ވަރުބަލިވުމުގެ އިތުރުން މިކަމުގައި އެތައް ނޭދެވޭ ކަމެއް އެކުލެވިގެން ވެއެވެ. ހުއްޓާނުލައި ވާހަކަ ދައްކާނޭ މަޢުލޫމާތާއި ޙިކުމަތް ކިތަންމެ ޢިލްމުވެރި މީހަކަށް ވެސް ލިބިފައެއް ނުވާނެއެވެ. އެހެންކަމުން، މިގޮތަށް ވާހަކަ ދައްކާ މުދައްރިސުން އެ ދައްކާ ހުރިހާ ވާހަކައަކީ ކިޔަވައިދޭ މާއްދާއާ ގުޅޭ ވާހަކަތަކެއް ނޫނެވެ. މިކަމުން، ދަރިވަރުންނަށް އޮޅުން އަރާނެއެވެ. މުދައްރިސް ދައްކާ ވާހަކަތަކުން ނޯޓުކުރަންވީ – ހަނދާންކުރަންވީ – ކޮން ވާހަކައެއް ކަމެއް ނޭނގޭނެއެވެ. މިއާ ޚިލާފަށް ކޮންމެހެން ބޭނުންވާ އެއްޗެއް ނޫނީ ނުބުނާ މުދައްރިސް ދައްކާ ކޮންމެ ވާހަކަ އަކީ ދަރިވަރުން ކަނުލައި އަޑުއަހަން ޖެހޭ، ދަސްކުރަން ޖެހޭ، އެއްޗެއްކަން ހުރިހާ ކުދިންނަށް ވެސް އެނގޭނެއެވެ. ކިލާހުގައި އެއްވެސް މީހަކު ވާހަކަ ނުދައްކާ ވަގުތަކީ ވެސް މުހިއްމު ވަގުތެކެވެ. އިރުއިރުކޮޅުން އެއްވެސް މީހަކު ވާހަކަ ނުދެއްކުމުން، ކިލާހުގެ ކާރުބާރު ލަސްކޮށް، މަޝްވަރާ ކުރެވުނު ކަންތައްތަކާ މެދު ފިކުރު ކުރާނޭ ފުރުޞަތު ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބެއެވެ. ފަހެ، މިޔުޒިކެއްގެ ރީތިކަން ވަނީ އޭގެ އަޑުތަކަކު އެކަންޏެއް ނޫނެވެ. އެއަޑުތަކުގެ ދެމެދުގައިވާ ހަމަހިމޭން ވަގުތުތައް ނުވާނަމަ، އެއްވެސް މިޔުޒިކެއް އަޑުއަހާ ހިތެއް ނުވާނެއެވެ.

އޮޅުދޫ ކަރައާއި އުތުރުކަރައިގެ ބައެއް މުދައްރިސުންގެ ކިބައިން އަޅުގަނޑަށް ފާހަގަ ކުރެވޭ އެއްކަމަކީ، ދަރިވަރުންގެ އިޙްތިރާމު ހޯދުމަށާއި އެކުދިން ކޮސްކޮށްލުމުގެ ބޭނުމުގައި އެމީހުން ޒާތީ ވާހަކަތައް ކިލާހުގައި ދައްކާ ކަމެވެ. މާޒީގެ ދުވަސްތަކުގައި ކޮށްފައިވާ މޮޅު ކަންތައްތަކާއި ތިމާގެ ހަސަބާއި ނުވަތަ މުއްސަނދިކަމާއި ޢިލްމުވެރިކަމާ މެދު ސަޅިކަނޑާކަމެވެ. މުދައްރިސުން ވިސްނަންވީ ދަރިވަރުން ފުރަތަމަ ހަފުތާގައި މިފަދަ ވާހަކަތަކުން އާސޯޚު ކޮށްލެވުނަސް، ވަރަށް އަވަހަށް ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ އަމިއްލަ ތަރާދަކުން މުދައްރިސުން ކިރާ ފެންވަރު ބަލާ ކަމެވެ. ރާއްޖޭގެ ރަށްތައް ފަދަ ކުދިކުދި މުޖުތަމަޢުތަކުގައި މަސައްކަތްކުރާ ކޮންމެ މުދައްރިސަކަށް ބޭނުންވާ އެއްކަމަކީ ޒާތީ އެކަހެރި ކަމެކެވެ. ޕްރައިވަސީ އެވެ. ޚަލްވަތެވެ. އެހެން މީހުންގެ ލޮލާއި ދުލާއި ކަންފަތުން ނިވާވެފައިވާ ކުޑަ ނަމަވެސް ޒާތީ މިނިވަންކަމެއް އޮތުމެވެ. މި ކަމަކީ މުދައްރިސަކާއި ދަރިވަރެއްގެ ދެމެދުގައި އޮންނަން ޖެހޭ ގުޅުމަށް މުހިއްމު ކަމެކެވެ. ދަރިވަރުންނަށް މުދައްރިސް މާ ފަރިތަ ވެއްޖެނަމަ، މުދައްރިސްގެ ހުރިހާ ކަމެއް ފާޅުވެއްޖެނަމަ، ކިލާސް ކޮންޓްރޯލު ކުރަން ދަތިވާނެއެވެ. މިކަމުގެ އެއް ހެއްކަކީ، މި ދެންނެވި ދުރުކަން ނެތް މީހުންނަށް  އަމިއްލައަށް ކިޔަވައިދޭން ނުހަނު ދަތިވާ ކަމެވެ. އަނބިންނާއި ފިރިންނަށް، ދަރިންނާއި ވަރަށް ގާތް މީހުންނަށް ކިޔަވައިދޭން އުނދަގޫވާ ކަމެވެ. ބޭރުން ރަށަށް އަރާ މުދައްރިސުންނަށް ފުރަތަމަ ހަފުތާގައި ކިލާސް ކޮންޓްރޯލުކުރަން ފަސޭހަވަނީ ދަރިވަރުންނާ ދެމެދު އޮންނަ މި ގާތްކަން ނެތީމައެވެ. މުދައްރިސް ވިސްނަންވީ ދަރިވަރުންގެ ސުލޫކު ހިފެހެއްޓުމަކީ އޭނާގެ މަސްއޫލިއްޔަތެއް ކަމެވެ. ދަރިވަރުންނާ ރަޙްމަތްތެރިކަމުގެ ގުޅުމެއް ބޭއްވޭނީ ތިމާގެ މަސްއޫލިއްޔަތު ނިމި ދަރިވަރުން މަދަރުސާއިން ވަކިވުމުންނެވެ.

އަޅުގަނޑު މި މަޒުމޫނު ލިޔަންފެށީ ކިލާހުގެ ސުލޫކު ހިފެހެއްޓުމުގައި ވިސްނަންވީ ދެދޮޅަހަކަށް ނުކުތާ އާ މެދު ކުރުކޮށް ލިޔުމުގެ ނިޔަތުގައެވެ. ނަމަވެސް ފުރަތަމަ ތިން ނުކުތާ އާ އެކު، މި ޢަދަދުގައި މިކަމަށް އޮތް ޖާގަ ފުރިއްޖެއެވެ. ކާމިޔާބު މުދައްރިސަކަށް ވުމަށް — މުދައްރިސަކަށް ވުމުން ލިބޭ ހިތްހަމަ ޖެހުމާއި އުފާ ހޯދުމަށް —  ބޭނުންތެރި މި ހުނަރުވެރިކަމާ މެދު އަދި ފަހުން ލިޔުމުގެ ޤަޞްދު ވަރަށް ބޮޑަށް އެބައޮތެވެ.

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.