ވަޤުތަކީ ރެލެޓިވް އެއްޗެއް: ދުނިޔޭގެ 1 ސިކުންތަކީ، މަލާއިކަތުންނަށް 0.000،000،0558 ސިކުންތު ކަމުގައިވެދާނެ!
http://www.alithari.com
ވަޤުތަކީ ކޮބައި
ހެއްޔެވެ؟ އިންސާނުން ދުނިޔޭގައި އުޅެން ފެއްޓީއްސުރެ, ރެޔާއި ދުވާލަށް
އަންނަބަދަލު ތަކަކީ, އެބައިމީހުން ވަޤުތު ދަނެގަންނަށް ބޭނުންކުރާ
ހާދިސާ ތަކެކެވެ. މިގޮތުން އެބައިމީހުންގެ ދިރިއުޅުމުގެ ޙަރަކާތްތައް،
ރޭގަނޑާއި ދުވާލަށް ބަހައިލައިގެން ކުރިޔަށް ގެންދިޔައެވެ. އެންމެކުރީގެ އިންސާނުންވެސް ހޮހޮޅަތަކުގައި
އުޅުނު ދުވަސްވަރު,
ދުވާލުގެ ވަޤުތުތައް ޝިކާރަކުރުމުގައި އާއި ކާބޯތަކެތި އެއްކުރުމުގައި
ހޭދަކުރިއެވެ. އަދި އިރުއޮއްސި އަދިރިވުމުން، ހޮހޮޅަތަކަށް ވަދެ
ނުރައްކާތެރި ޖަނަވާރުތަކުގެ ކިބައިން ސަލާމަތް ވެވޭނެގޮތްތައް ހޯދުމަށްފަހު،
ނިދާ އަރާމުކޮށް އުޅުނެވެ. އެދުވަސްވަރުގެ އިންސާނުން، ދުވާލުގެ
ވަޤުތުތައް އެކިދަންފަޅިތަކަށް ބަހާލުމުގައި، އުޑުމަތީން އިރު ފެންނަން
ހުންނަ ހިސާބާއި، އުޑުމަށްޗަށް އަންނަ ކުލަތަކަށް ބަލާއުޅުނެވެ. އެގޮތުން
ފަތިހާއި ހެދުނާއި މެންދުރާއި އަސުރު އަދި އިރުފުހޭ ވަޤުތާއި އަދިރިވާވަޤުތުތައް
ފާހަގަކޮށް އެބައިމީހުން އެކިއެކި ކަންކަންކުރުމަށް ވަޤުތުތައް
ކަނޑައެޅިއެވެ، އަދި އޭގެ އިތުރުން ހަނދަށް އަންނަބަދަލަށް ބަލައިގެން
މަސްމަހުގައި ހުންނަ ދުވަސްތައް ގުނަމުން ދިޔައެވެ، އަދި ކޮންމެ ބާރަ އައު
ހަދަކުން މަސްގުނަމުންގޮސް 12 ވުމުން އަހަރެއްގެ ގެ ގޮތުގައި ބަލައި
އުޅުނެވެ. އަދި އަހަރުގެ މުއްދަތު ބަހައިލައި މޫސުމަށް އަންނަ ބަދަލާއި
ގުޅުވާ ކިއެވެ. މިގޮތުން ބަހާރު މޫސުމާއި ޚަރީފް މޫސުމާއި ފިނި މޫސުމާއި ހޫނު
މޫސުން ފާހަގަ ކުރިއެވެ. އަދި އެހެން ތަންތަނުގެ އަހުލުވެރިން
އަހަރުގެ މުއްދަތު ދެބަޔަކަށް ބަހާލައި ވިއްސާރަ މޫސުމާއި ހޫނު މޫސުމް
ވަކިކުރިއެވެ. މިގޮތުން އަޅުގަނޑުމެން ރާއްޖޭގައި ކިޔާއުޅެނީ ހުޅަނގު
މޫސުމާއި އިރުވައި މޫސުމެވެ.
ދުނިޔޭގެ އެބުރުމާއި ރޭދުވާ
ދުނިޔޭގެ
އެއްރޭ އެއްދުވާލަކީ 24 ގަޑިއިރެވެ. ރޭދުވާ ވަކިވަނީ, އަބަދުވެސް އިރުގެ އަލި
އެޅިފައި ހުނަންނަނީ، ދުނިޔޭގެ އެއްފަޅިއަށް ކަމުގައިވާތީއެވެ.
ދުނިޔެ އެބުރެމުންދާއިރު އެކި ގައުމުތަކަށް އެކި ގަޑިތަކުގައި
އިރު އަރާ އޮއްސެއެވެ. ބައެއް ޤައުމުތަކަށް ދުވާލު ވާއިރު އެހެން
ޤައުމުތަކަށް ވަނީ ރޭގަޑެވެ. ދުނިޔެ، އޭގެ އެކްސިސްގައި އެބުރެނީ ހުޅަގުން
އިރަށެވެ. ވުމާއެކު ދުނިޔޭގައި ހުންނަ މީހަކަށް، އިރު ހަނދާއި ތަރިތައް އަރާ
އޮއްސޭތަން ފެންނަނީ އިރުން ހުޅަނގަށެވެ. ދުނިޔޭގެ އުތުރުތަނޑިން،
ޕޮލާރިސް ތަރި އާއި އަޅާ ބަލާއިރު، ދުނިޔެ އެބުރެނީ ކައުންޓާރ
ކޮލޮކްވައިސް ކޮށެވެ. އިރުން އަލި އެޅިފައި ހުންނަގޮތަށް ބަލާއިރު،
ދުނިޔެ ގާތްގަޑަކަށް 23.4O އަށް އެބުރޭ އެކްސިސް
ހުންނަނީ ކަތިކޮށެވެ. (ވިކިޕީޑިޔާ،
2017). ތިރީގައި މިވާ އެނިމޭޝަނުން ދައްކައިދެނީ ދުނިޔެ އެބުރެމުން ދާއިރު
ރެއާއި ދުވާލު ބަދަލު ވަނީ ކިހިނެއް ކަމުގައެވެ.
ދުނިޔެ
އެބުރުމުން ރޭދުވާލު ބަދަލުވާގޮތް- ސޯސް www.topnews.in :
ރެއާއި ދުވާލުގެ ދިގުމިން އަހަރުގެ އެކިދުވަސްވަރު ދުނިޔޭގެ އެކިސަރަހައްދު ތަކުގައި
ބަދަލުވަމުން ދެއެވެ. މިބަދަލު
އަންނަނީ އިރުވަށައި ދުނިޔެ އެބުރޭއިރު، އެކްސިސް އަބަދުވެސް އެއްފަރާތަކަށް ކަތިވެފައި ހުރުމުގެ ސަބަބުންނެވެ. އަދި
އޭގެސަބަބުން އިރާއި އެސަރަޙައްދު ތަކާއި
ދޭތެރޭގެ ދުރުމިން ތަފާތުވެ އިރުން ލިބޭ ހޫނުކަން އަހަރުގެ އެކި ދުވަސްވަރުގައި ބަދަލުވެއެވެ. ނަތީޖާއެއްގެ ގޮތުން އެޤައުމެއް އޮންނަ ހިސާބެއްގެ ގޮތުން ތަފާތު މޫސުމްތައް
ތަޖުރިބާ ކުރަން ޖެހެއެވެ.
އަދި އޭގެ އިތުރުން
އެކި ދުވަސްވަރު އިރުމަތީ ފަރާތުން އިރުއަރާ ތަނާއި، ހުޅަނގަށް އޮއްސޭތަން ތަފާތުވެ، އުޑު މަތިން އިރު
ދަތުރުކުރާ މަގަށް ކޮންމެވެސް ވަރެއްގެ
ބަދަލުތަކެއް ވެސް އާދެއެވެ. އިރުއަރާ ތަނާއި އޮއްސޭ ތަން ތަފާތުވިޔަސް މި ސަރަޙައްދުތައް ހުންނަނީ
ކަނޑައެޅިފައިވާ ދެ ތަނެއްގެ ދޭތެރޭގައި
އެވެ. ކޮންމެ އަހަރަކުވެސް އިރު ހިނގާ މަގު އުތުރުން ދެކުނަށް ގޮސް އަނެއްކާ އެބުރި ކުރީގެ މަގަށް
އިޔާދަ ވެއެވެ. މިވާހަކަ ކީރިތި ޤުރުއާނުގެ سورة الرحمن ގެ 17 ވަނަ އާޔަތުގައި އަދި سورة المعارج ގެ 41 އާޔަތުގައި
ބަޔާން ކުރައްވާފައި ވެއެވެ. އެ އާޔަތްތައް ތިރީގައި މިވަނީ އެވެ.
رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ ﴿١٧﴾
އިރުއަރާ ދެތަނާއި، އިރުއޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ. (އެބަހީ: ދެ موسم އަށް އިރުއަރާ ދެތަނާއި، އޮއްސޭ ދެތަނުގެ
ވެރިރަސްކަލާނގެއެވެ.) (ޤުރުއާން 55:17).
عَلَىٰ أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ ﴿٤١﴾
ފަހެ، مشرق ތަކާއި، مغرب ތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން
ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ
ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ. (ޤުރުއާން 70:41).
ތިރީގައިވާ އެނިމޭޝަނުން ދައްކައިދެނީ، އިރު ހިނގާ ދަނޑިއަށް އަހަރުގެ ތެރޭގައި ބަދަލު އަންނަގޮތެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެ
އޮންނަނީ އީކުއޭޓަރު އޮންނަ ހިސާބުގައި
ކަމުގައިވާތީ، މި ބަދަލު އެހާބޮޑަކަށް ފާހަގަ ނުކުރެވުނަސް އީކުއޭޓަރާއި ދުރުވާވަރަކަށް މިބަދަލު ބޮޑަށް
ފާހަގަ ކުރެވެއެވެ.
އަހަރުގެ
އެކިދުވަސްވަރު އިރު ހިނގާ ދަނޑި
ރެޔާއި ދުވާލާއި ބެހޭގޮތުން ކީރިތި ޤުރުއާނުގެ سورة ابراهيم ގެ 33 ވަނަ އާޔަތުގައި
ކެނޑި ނޭޅި ދުނިޔެ ހިގަހިނގާ ހުންނަކަން ބަޔާން ކުރައްވާފައި ވެއެވެ. އަދި سورة الرحمن ގެ 5 ވަނަ
އާޔަތުތުގައި އިރާއިހަނދު ބަރާބަރު ހިސާބެއްގެ
މަތިން ހިގާކަމުގައިވެއެވެ. އެއީ ގާތްގަޑަކަށް ކޮންމެ 24 ގަޑިއިރަކުން ދުނިޔެ ބުރެއްޖެހުމާއި އަދި ގާތްގަޑަކަށް ކޮންމެ 27 ދުވަހަކުން ދުނިޔެވަށާ ހަނދު ބުރެއް ޖެހުމެވެ. މިދެންނެވި 2 އާޔަތް ތިރީގައި
ބަޔާންކޮށްލާނަމެވެ.
وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَائِبَيْنِ ۖ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ ﴿٣٣﴾
އަދި އެކަލާނގެ
ތިޔަބައިމީހުންނަށްޓަކައި، އިރާއި ހަނދު خدمة ތެރި ކުރެއްވިއެވެ.
ކެނޑިނޭޅި ހިނގާގޮތުގައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭދުވާ خدمة ތެރި ކުރެއްވިއެވެ (ޤުރުއާން 14:33)
الشَّمْسُ وَالْقَمَرُ بِحُسْبَانٍ ﴿٥﴾
އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ
މަތިންހިނގައެވެ (ޤުރުއާން 55:5).
ހަނދުގެ ދައުރު ކުރުމާއި މަސްދުވަސް
އެންމެ ކުރީ ޒަމާނުއްސުރެ ހަނދަކީ އިންސާނުންނަށް
ވަރަށް މުޙިއްމު އެއްޗެކެވެ. ހަނދުގެ އަލިކަމުގެ
ސަބަބުން ރޭގަނޑު، އިންސާނާ ހެލިފެލިވެއުޅެ،
އެއްތަނުން އަނެއްތަނަށް ދަތުރު ކުރަން ފަސޭހަވިއެވެ، އޭގެ އިތުރުން ދިޔަވަރަށް އަންނަ ބަދަލުތައް ދަނެގަނެ،
މަސްވެރިކަމާއި ޝިކާރަކުރުން ރަގަޅު ވަޤުތުތައް
ވަކިކުރަން ފަސޭހަ ވިއެވެ، މަހުގެ ދުވަސްތައް
ގުނުމުގައި ހަނދުގެ އަލިކަން ހުންނަ ބައްޓަމަށް (ފޭސް) އަންނަބަދަލަކީ ކުރީއްސުރެން އިންސާނުންނަށް މުޙިއްމު
އެއްޗެކެވެ. ތިރީގައިވާ ތަސްވީރުން
ދައްކައިދެނީ ހަނދުމަހެއްގެ އެކިރޭތަކުގައި ހަނދު ފެންނަ ގޮތެވެ،
ހަނދު އެކިރޭރޭ އެކިބައްޓަމަށް ފެންނަނީ ހަނދަށް، އިރުގެ
އަލިކަން އެޅިފައި ހުންނަފަޅި،
ދުނިޔެއަށް ފެންނަ މިންވަރު ބަދަލުވާތީ އެވެ. މިހެން މިކަން ދިމާވަނީ ދުނިޔެ ވަށައި ހަނދު އެބުރެމުންދާއިރު، އިރާއި
ހަނދާއި ދުނިޔެ ހުންނަ ތަން އެކި ދުވަހު
ބަދަލުވާތީ އެވެ. ތިރީގައިވާ ކުރެހުމުން އެ ފެންނަނީ މި ދެންނެވި ހަނދުގެ މަންޒިލް ތަކެވެ.
ކީރިތި ޤުރުއާންގެ سورة يونس ގެ 5 ވަނަ އާޔަތުގައި ހަނދު ނޫރެއްކަމުގައި
ލައްވާފައިކަމާއި ހަނދު ދައުރުކުރަމުން
ދާއިރު ވަކި މަންޒިލްތަކެއް މިންވަރުކުރެއްވި ކަމުގައިވެއެވެ. ހަނދުގެ “ފޭސް”ތައް އެކިރޭރޭ ތަފާތުކޮށް
އަޅުގަނޑުމެންނަށް ފެންނަނީ ވަކި
“ޕޮސިޝަން” ތަކެއްގައި ދުނިޔެއާއި އިރާއި ހަނދު ހުންނައިރުއެވެ. އެވާހަކަ ޤުރުއާނުގައި އެވަނީ “މަންޒިލް”
ކަމުގައި ބަޔާން ކުރައްވާފައެވެ. ދުވާލުގެ
ވަޤުތުގައި އިރުގެ އަލީގެ ސަބަބުން، ހަނދު އެހާފާޅުކޮށް ނުފެނިހުރެ ރޭގަނޑު ފެންނައިރު އަލި އެޅިފައިވާ ފަރާތުގެ ބައްޓަން ހުންނަނީ ހުރީ ކުރީ ރެޔަށްވުރެ ތަފާތުކޮށެވެ. އޭގެ ސަބަބުން މައްސަރުތަކުގެ ދުވަސްތަކުގެ އަދަދު ކުރީއްސުރެ އިންސާނުންނަށް ގުނަން އެގުނެވެ. އަދި سورة يس ގެ 39 ވަނަ އާޔަތުގައި ހަނދުގެ ބައްޓަން (ފޭސް) އަށް އަންނަބަދަލުގެ ވާހަކަ ﷲ ޤުރުއާންގައި ބަޔާން
ކުރައްވާފައި ވެއެވެ. ފަޅި ހަނދުގެ
ސިފަޔަކީ ގުދުވެފައިވާ އިހާގޮނޑިއެއް ކަމުައި ބަޔާން ކުރައްވާފައި ވެއެވެ. އަދި ހަމަ އެ ސޫރަތުގެ 40 ވަނަ
އާޔަތުން، އިރާއި ހަނދު ވަކި އޯބިޓްތަކެއްގައި
ލައްވާފައިވާ ކަން އެގެއެވެ، އަދި އެކަތީގެ ހިނގުމުން އަނެކަތީގެ ހިނގުމުގެ ވަޤުތަށް އަސަރު
ނުކުރާކަން އެގެއެވެ. ހަނދު ދުނިޔެ ވަށައި ދައުރު ކުރުމަކުން، ދުނިޔޭގެ ރެޔާ
ދުވާލުގެ ވަޤުތަކަށް ބަދަލެއް ނާދެއެވެ. އިރުވަށާ ދުނިޔެ އޭގެ އޯބިޓްގައި ބުރެއްޖަހަނީ ގާތަގަޑަކަށް 365 ދުވަހުންނެވެ. އަދި ހަނދު
ދުނިޔެ ވަށައި އޭގެ އޯބިޓްގައި ބުރެއްޖަހަނީ
ގާތްގަޑަކަށް 27 ދުވަހުންނެވެ، އަދި އެހެންމެ ދުނިޔެ ބުރެއްޖަހަނީ ގާތްގަޑަކަށް 24 ގަޑިއިރުންނެވެ.
މިދެންނެވި ސޫރަތްތައް ތިރީގައި
ބަޔާންކޮށްލާނަމެވެ.
الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ ۚ مَا خَلَقَ اللَّـهُ ذَٰلِكَ إِلَّا بِالْحَقِّ ۚ يُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ ﴿٥﴾
އެކަލާނގެއީ، އަލިކަމެއްކަމުގައި އިރު ލައްވައި، ނޫރެއްކަމުގައި ހަނދު
ލެއްވި ރަސްކަލާނގެއެވެ. އަދި އެ ހަނދު
ހިނގުމަށް منـزل ތަކެއް މިންވަރުކުރެއްވިއެވެ.
(އެއީ) ތިޔަބައިމީހުން އަހަރުތަކުގެ عدد އާއި (މައްސަރުތަކާއި ދުވަސްތަކުގެ) حساب ދެނެގަތުމަށްޓަކައެވެ. حق ގޮތުން މެނުވީ، اللَّه، އެތަކެތި ނަހައްދަވައެވެ. އެނގޭބަޔަކަށް އެކަލާނގެ آية ތައް تفصيل ކޮށްދެއްވަތެވެ.
(ޤުރުއާން 10:5).
وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ ﴿٣٩﴾
އަދި ހަނދަށް
ތިމަންރަސްކަލާނގެ منـزل ތަކެއް މިންވަރު
ކުރެއްވީމެވެ. ދުވަސްވެ، ހިކި،
ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާނދެނެވެ. (އެބަހީ: ހުޅެވިހަނދަކަށް ބަދަލުވެއްޖައުމަށް ދާނދެނެވެ.) (ޤުރުއާން 36:39).
لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ ﴿٤٠﴾
ހަނދު އަތުލައިގަތުމަކީ،
އިރަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައި ދާކަމަކަށްވެސް ނުމެވޭމެއެވެ. އަދި
އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި
ހިނގަހިނގާ ހުރެތެވެ (ޤުރުއާން 36:40).
ސޯލާ
ސިސްޓަމް ގެ ޕްލެނެޓް ތަކުގައި ވަޤުތު
އަޅުގަނޑުމެންގެ ދުނިޔެ ނިސްބަތްވާ ސޯލާ ސިސްޓަމްގެ އެކިއެކި ޕްލެނެޓް
ތަކުގައި ރެޔާ ދުވާލުގެ ވަޤުތު ތަފާތެވެ.
އެޕްލެނެޓްތައް އެބުރޭ ބާރުމިން ތަފާތު ވުމާއިއެކު ދުވާލާއި ރޭގަނޑުގެ ދިގުމިންވެސް ތަފާތެވެ. ބައެއް ޕްލެނެޓްތަކުގެ ރެއާއި ދުވާލުގެ ދިގުމިިން ދުނިޔޭގެ ރެއާއި
ދުވާލާއި އަޅާކިޔާއިރު ވަރަށް ދިގެވެ.
ތިރީގައިވާ ތަސްވީރުން ދައްކައިދެނީ އެކިއެކި ޕްލެނެޓްތަކުގައި ރެއާއި ދިގުމިނެވެ.
މަތީގައިވާ ޓޭބަލުން އެނގޭގޮތުގައި ރެޔަކާ ދުވާލެއް އެންމެ ދިގީ
މާކަރީގައެވެ. އެއީ ދުނިޔޭގެ 59
ދުވަހެވެ. އަދި އެހެންމެ ކުރީ ޖުޕިޓާރގައެވެ. އެއީ ދުނިޔޭގެ 10 ގަޑި އިރެވެ. މި ވަޤުތުތައް އިތުރަށް ދަނެގަތުމަށްޓަކައި
އަޅުގަނޑު މިސާލެއް ނަގާނަމެވެ.
ކިޔުންތެރިޔާ ދުނިޔެއަށް އައިއިރު ތިބާއާއި އެކު އެއްމާބަނޑު 5 ބެއިން ދުނިޔެއަށް އުފަންވި ކަމުގައި
ދެކޭށެވެ. ތިބާ ދުނިޔޭގައި މަޑުކުރިއިރު އެހިދުން
އެހިދަށް އަނެއް ހަތަރުބެއިން މާކަރީއާއި ވީނަސްއާއި މާސް އަދި ޖުޕިޓާރ އަށް ހިޖުރަކުރިއެވެ. އެތަންތަނުގެ ވެއްޓަކީ އިންސާނުންނަށް އުޅެވޭނެ ވެއްޓެއް ކަމުގައި ޚިޔާލަށް
ގެންނަވާށެވެ. ތިބާގެ އުމުރުން އަދަކީ 50
ވަނަ އުފަންދުވަހެވެ. އެމީހުންނަށް ފުރުނީ ކިތައް އަހަރު ހެއްޔެވެ؟
އެހެން
ޢާލަމް ތަކުގައި ވަޤުތު
އިންސާނާގެ ލޮލަށް ނުފެންނަ ޢާލަމްތަކުގައި ވަޤުތުހުރި ޤޮތް ކީރިތި ޤުރުއާންގައި ކޮންމެވެސް ވަރަކަށް ބަޔާްން ކުރައްވާފައި ވެއެވެ، އެގޮތުން سورة المعارج ގެ 4 ވަނަ އާޔަތުގައި ملائكة ންނާއި، جبريل ގެފާނު ﷲ ގެ حضرة އަށް އަރައި
ވަޑައިގަންނަވަނީ ދުނިޔޭގެ 50،000 އަހަރުގެ ދުވަހެއްގައި ކަމުގައި އޮވެއެވެ. ތިރީގައިވަނީ އެ އާޔަތެވެ.
تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ ﴿٤﴾
ފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، ملائكة ންނާއި، جبريل ގެފާނު، އެކަލާނގެ حضرة އަށް
އަރާވަޑައިގަންނަވާނެތެވެ. (ޤުރުއާން 70:4)
މި ރޭޝިއޯ ބޭނުންކޮށްގެން ހިސާބު ހެދުމުން އެގެނީ
އަޅުގަނޑުމެންނަށް 1 ސިކުންތަކީ، މަލާއިކަތުންނަށް 0.000،000،0558 ސިކުންތުކަމެވެ.
އަޅުގަނޑުމެންގެ ޔުނިވާރސްގައި އެންމެ ބާރަށް ދަތުރުކުރެވެނީ އަލިއަށެވެ.
އަލިއަށް 1 ސިކުންތުން ދަތުރުކުރެވޭ ދުރުމިން
މަލާއިކަތުންނަށް 55.8 ނެނޮސެކަންޑުން ކަނޑައްތު ކުރެވޭނެކަން މަތީގައިވާ ހިސާބުން އެނގެއެވެ. މީގެ
މާނަޔަކީ މަލާއިކަތުންނަށް ސްޕާރ ލުމިނަލް ސްޕީޑްގައި ދަތުރު ކުރެވޭނެ ކަމެވެ. އެ ސްޕީޑަކީ ގަޑިޔަކު 19،710
ބިލިޔަން ކިލޯމީޓަރުގެ ބާރު މިނެވެ.
ނަމަވެސް މިހާރުގެ ފިޒިކްސް ތިޔަރީ ތައް ބޭނުން ކުރެވޭނީ ސަބްލުމިނަލް ސްޕީޑަށެވެ. އެއީ އެއްވެސް
އެއްޗަކަށް އަލިއަށްވުރެ ބާރަށް ދަތުރު ނުކުރެވޭނެ
ކަމުގައި ބަލައިގެންނެވެ. އައިންސްޓައިން އާއި
ނަތަން ރޯޒަން، ޖެނެރަލް ރެލެޓިވިޓީ
ބޭނުންކޮށްގެން ސްޕޭސްގެ ދަތުރުތަކުގައި، ވަޤުތާއި ދުރުމިން ކުރުކުރެވޭނެ ގޮތެއް، 1935 ގައި ހިސާބުން ހޯދިއެވެ. އެއީ
ވޯމްހޯލް ބޭނުންކޮށްގެންނެވެ. ތިޔަރީއިން ވޯމްހޯލް ހުންނަކަން އައިންސްޓެއިންމެން ހޯދިކަމުގައި ވިޔަސް އަދި މިހާހިސާބަކަން އެއްވެސް މީހަކަށް ވޯމް ހޯލެއް ފެނިފައެއްނުވެއެވެ. (ރެޑް،
2015). ހަމައެކަނި އަޅުގަނޑުމެންނަށް
ވޯމްހޯލް ބޭނުންކޮށްގެން، ސްޕޭސްގައި ދުރު ދަތުރުތައް ކުޑަވަޤުތުކޮޅަކުން ކުރާތަން ފެންނަނީ ފިކްޝަން ފިލްމުތަކުގައެވެ.
މަލާއިކަތުންގެ ދަތުރުގެ ވަޤުތައް ވިސްނާއިރު އަޅުގަނޑުގެ ނަޒަރުގައި މަލްޓިވާރސް ތިޔަރީ އަކީވެސް މަލާއިކަތުންނަށް އަލިއަށްވުރެ ބާރަށް ދަތުރުކުރެވިދާނެ ކަމުގެ ފުރުސަތު އޮތްކަން ދައްކުވައިދޭ ތިޔަރީ އެކެވެ. މަލްޓިވާސްތިޔަރީގައި ވަނީ އަހަރެމެންގެ ޔުނިވާރސްނޫން އިތުރު ޔުނިވާރސްތައް ހުރެދާނެކަމަށެވެ. އަދި އެތަންތަނުގައި ތަފާތު ފިޒިކަލް ލޯސްތަކާއި ކޮންސެޓެންޓް ތައް ހުރެދާނޭ ކަމަށެވެ. އެފަދަ ޔުނިވާރސް އެއްގައި ތަފާތުގިނަ ފުރުސަތުތަކެއް ހުންނާނެއެވެ.
މަލާއިކަތުންގެ ދަތުރުގެ ވަޤުތައް ވިސްނާއިރު އަޅުގަނޑުގެ ނަޒަރުގައި މަލްޓިވާރސް ތިޔަރީ އަކީވެސް މަލާއިކަތުންނަށް އަލިއަށްވުރެ ބާރަށް ދަތުރުކުރެވިދާނެ ކަމުގެ ފުރުސަތު އޮތްކަން ދައްކުވައިދޭ ތިޔަރީ އެކެވެ. މަލްޓިވާސްތިޔަރީގައި ވަނީ އަހަރެމެންގެ ޔުނިވާރސްނޫން އިތުރު ޔުނިވާރސްތައް ހުރެދާނެކަމަށެވެ. އަދި އެތަންތަނުގައި ތަފާތު ފިޒިކަލް ލޯސްތަކާއި ކޮންސެޓެންޓް ތައް ހުރެދާނޭ ކަމަށެވެ. އެފަދަ ޔުނިވާރސް އެއްގައި ތަފާތުގިނަ ފުރުސަތުތަކެއް ހުންނާނެއެވެ.
ވަަޤުތަކީ ރެލެޓިވް އެއްޗެކެވެ. އެކި ޢާލަމްތަކުގައި ވަޤުތު ތަފާތެވެ. ސްޕޭސް-ޓައިމް އަކީ ﷲ ހެއްދެވި އެއްޗެކެވެ. ތިރީގައި ވަނީ ކީރިތި
ޤުރުއާނުގެ سورة السجدة ގެ 5 ވަނަ އާޔަތެވެ. މި އާޔަތާއި ކުރީގެ އާޔަތާއި އަޅާބަލާއިރު
ވަޤުތަކީ ރެލެޓިވް އެއްޗެއްކަން އެގެއެވެ.
ހަޤީޤީ ވަޤުތު ދެނެވޮޑިގެންވަނީ އަބަދަށް ދެމިވޮޑިގެންވާ މާތް ﷲ އެވެ.
يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ ﴿٥﴾
އުޑުން ފެށިގެން ބިމާ ހަމަޔަށް ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. ދެން ތިޔަބައިމީހުން ގުނާގޮތުން އެއްހާސް އަހަރުގެ މިންވަރުގެ
ދުވަހެއްގައި، އެހުރިހާ ކަމެއް އެކަލާނގެ حضرة އަށް އަރައިގެންދެއެވެ. (ޤުރުއާން 32:5).
މި އާޔަތުގައި
ވާގޮތުން މިފަހަރު ﷲގެ حضرة ގައި ދުނިޔޭގެ 1 ސިކުންތަކީ 2.74 މައިކްރޯ ސެކަންޑު އެވެ. އެއީ 0.000،000274 ސިކުންތުއެވެ.
ތިރީގައި ވާ އާޔަތުން އެގެނީ ދުިނިޔެއަށްވުރެ
ވަޤުތު ގިނަ ޙާލަތެކެވެ. ތިރީގައިވަނީ سورة المؤمنون 113 ވަނަ އާޔަތު މަޙުޝަރުގެ ބިމުގެ ދުވަސް ބަޔާންކޮށްފައިވާ
ގޮތެވެ.
قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ فَاسْأَلِ الْعَادِّينَ ﴿١١٣﴾
އެއުރެން ދަންނަވާނެތެވެ. ތިމަންމެން ތިބީ، އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހެއްގެ ބައެއްގައެވެ. ފަހެ، ހިސާބުކޮށް އަދަދުކުރާ މީހުންނާ سؤال ކުރައްވާށެވެ!
މިފަހަރު ހިސާބުހަދާއިރު އަޅުގަނޑު ބޭނުންކުރާނީ 1 ދުވަހެއެވެ. އަދި މިހިސާބު ހެދުމުގައި އެވްރެޖެ އުމުރަކީ 63 އަހަރުކަމުގައި
ބަލާނަމެވެ. ވީމާ މަޙުޝަރުގެ 1 ދުވަހަކީ ދުނިޔޭގެ 22995 ދުވަހެވެ. ވީމާ މަހުޝަރުގައި
22995 ގުނަ ވަޤުތު ދިގުވާނެއެވެ. ދެން سورة يونسގެ 10 ވަނަ އާޔަތައް ބަލާލާނަމެވެ.
وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوا إِلَّا سَاعَةً مِّنَ النَّهَارِ يَتَعَارَفُونَ بَيْنَهُمْ ۚ قَدْ خَسِرَ الَّذِينَ كَذَّبُوا بِلِقَاءِ اللَّـهِ وَمَا كَانُوا مُهْتَدِينَ ﴿٤٥﴾
އެކަލާނގެ އެއުރެން محشر އަށް ފޮނުއްވާ ދުވަހު، ދުވާލުން ساعة އެއްގެ މިންވަރަށް މެނުވީ (ދުނިޔޭގައި ނުވަތަ ކަށްވަޅުގައި) އެއުރެން ނުތިބޭކަހަލައެވެ. އެއުރެންގެ މެދުގައި تعارف ވާނެތެވެ. اللَّه އާ
ބައްދަލުވާނޭކަން ދޮގުކުޅަ މީހުން،
ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. އަދި އެއުރެންނީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. (ޤުރުއާން 10:45).
މިފަހަރު ދުނިޔޭގެ 63 އަހަރަކީ މަހުޝަރުގެ 1 ގަޑިއިރު ކަމުގައި ބަލާލާނަމެވެ. އޭގެ މާނަޔަކީ މަހުޝަރުގެ އެއްގަޑިއިރަކީ ދުނިޔޭގެ 551880
ގަޑިއިރެވެ. ވީމާ 551880 ގުނަ ވަޤުތު
މަހުޝަރުގައި ދިގުވާނެއެވެ. މީގެން ދޭހަވަނީ މަހުޝަރުގެ ބިމުގައި އެކިމީހުންނަށް ވަޤުތު އިހުސާސްކުރެވޭނީ އެކި
މިންވަރަށް ކަމުގައެވެ.
ކާއިނާތު (އަޅުގަނޑުމެންގެ ޔުނިވާރސް)
ހެއްދެވި ދުވަހުގެ އަދަދު
ކީރިތި ޤުރުއާންގެ سورة ق 38 އާޔަތުގައިވަނީ ﷲ އުޑުތަކާއި ބިމާއި އެދެމެދު ވާހާތަން
ހެއްދެވީ 6 ދުވަހުންކަމުގައި ވެއެވެ.
މިހާހިސާބަށް މި މަޒުމޫނުގެ އެކިތަންތަނުގައި ވަޤުތުތައް ބަޔާން ކުރެވިފައިވާގޮތުން ވަޤުތަކީ
ކަނޑައެޅިފައިވާ އެއްޗެއްނޫންކަމާއި ވަޤުތު
ދިގުވުމާއި ކުރުވުން ބިނާވަނީ އެވަޤުތު ކަނޑައެޅިފައިވާ ތަނަކަށްކަން ވަރަށް ރަގަޅަށް ސާބިތު ކޮށްދެވިއްޖެއެވެ. އަޅުގަނޑުމެން އިންސާނުން ވަޤުތުބަލަން އެންމެ
އިހުޒަމާނުއްސުރެ ބޭނުންކުރި މިންގަޑަކީ
އަޅުގަނޑުމެން ދިރިއުޅޭ ދުނިޔޭގެ ބުރުޖެހުމެވެ. ނުވަތަ ރެޔަކާއި ދުވާލެއްގެ ދިގުމިނެވެ. މިނެޓާއި ސިކުންތު
ކަނޑައެޅުނީ އޭގެ މައްޗަށް ބިނާކޮށެވެ. ވީމާ ދުނިޔެ
ނޫންތަނެއްގެ ވަޤުތުވެސް އަޅުގަނޑުމެން އިންސާނުންނަށް ބަލަން އެގޭނީ ހަމަ އެމިންގަނޑާއި ގުޅުވައިގެންނެވެ. އެހެންކަމުން ޤުރުއާނުގައިވެސް ވަޤުތު ބަޔާން
ކުރެވިފައިވަނީ އެގޮތަށެވެ. އިންސާނާޔަށް
ވިސްނަންފަސޭހަގޮތަކަށެވެ. ތިރީގައި މިވަނީ سورة ق ގެ 38 އާޔަތެވެ.
وَلَقَدْ خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ ﴿٣٨﴾
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ
ތަކެތި ހަދުވަހުގެ ތެރޭގައި
ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް ވަރުބަލިކަމެއް ލިބިވޮޑިއެއް ނުގަންނަވަތެވެ. (ޤުރުއާން 50:38)
ކީރިތި ޤުރުއާންގައި މި 6 ދުވަހަކީ ދުނިޔޭގެ ކިތައް ދުވަސް ކަމުގައި ބަޔާންކުރައްވާފައި ނެތެވެ. ދުނިޔޭގެ ދުވަސްތައް ފެއްޓޭނީ
ދުނިޔެ ހެއްދެވުމުން ކަމުގައިވާތީ
ކާއިނާތާއި ދުނިޔެ ހެއްދެވުމަށް ނެގި ދުވަސް ދުނިޔޭގެ ދުވަހުންބަޔާން ކޮށްފައިނެތުމަކީވެސް ޤުރުއާން މުޖިޒާތެއްކަމުގައި ބެލޭނެ އެއްކަމެވެ. ހަމަ އެކަނި އެގެނީ
އޭގެން ދުވަހަކީ ދުނިޔޭގެ
ދިގުމުއްދަތެއްކަމުގައެވެ. ސައިންޓިފިކް ގޮތުން އެގެނީ ޔުނިވާރސްގެ އުމުރަކީ 13.8 ބިލިޔަން އަހަރުކަމުގައެވެ. ދުނިޔޭގެ އުމުރަކީ 4.5
ބިލިޔަން އަހަރެވެ. ވީމާ 9.3 ބިލިޔަން
އަހަރު ދުނިޔެ އުފެދުމާދެމެދު ނެގިއެވެ. މިއަދަދު 6 ކުން ގެއްލުމުން 1.55 ބިލިޔަން އަހަރެވެ. މީމާ މީގެން އެގެނީ ﷲ ހަޒްރަތުގައި ދުނިޔެހެއްދެވިއިރު 1 ދުވަހަކީ ދުނިޔޭގެ
ދުވަހުން ވަރަށް ގިނަދުވަސް ކަމުގައެވެ. އެ
ޓައިމްސްކޭލުން އަންދާޒާކޮށްފިއްޔާ މިއަދުގެ ދުނިޔޭގެ 1 އަހަރަކީ 0.65 ނެނޮސެކަންޑް އެވެ. ތިރީގައިވާ
ޗާޓަކީ ވިސިބަލް ޔުނިވާރސް އުފެދުނުއިރު އެކިއެކި
ބައިތައް ފުރިހަމަވި މުއްދަތު ލަފާކޮށް ދައްކައިދޭ ޗާޓެކެވެ.
الإسراء والمعراج
މުސްލިމް އުއްމަތައް ﷲ ދެއްކެވި އެންމެ ބޮޑު އެއް ޗެލެންޖަކީ އަޅުގަނޑުމެންގެ މާތް ރަސޫލާގެ އިސްރާ-މިޢުރާޖްގެ ދަތުރުފުޅެވެ. ކީރިތި
ޤުރުއާންގެ سورة الإسراء ގެ 1 ވަ އާޔަތުަގައި އަދި سورة النجم ގެ 11 ވަނަ އާޔަތުން 18 ވަނައާޔަތުގައި އެކަލޭގެ ފާނުންގެ ދަތުރުފުޅުގެ ވާހަކަ
އޮތީ ތިރީގައިވާ ގޮތަށެވެ.
سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ﴿١﴾
އެކަލާނގެ ހުސްطاهـر ވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް
އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركات ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ
ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ.
ހަމަކަށަވަރުން، އެކަަލާނގެއީ، މޮޅަށް
އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. (ޤުރުއާން 17:1).
مَا كَذَبَ الْفُؤَادُ مَا رَأَىٰ ﴿١١﴾ أَفَتُمَارُونَهُ عَلَىٰ مَا يَرَىٰ ﴿١٢﴾ وَلَقَدْ رَآهُ نَزْلَةً أُخْرَىٰ ﴿١٣﴾ عِندَ سِدْرَةِ الْمُنتَهَىٰ﴿١٤﴾ عِندَهَا جَنَّةُ الْمَأْوَىٰ ﴿١٥﴾ إِذْ يَغْشَى السِّدْرَةَ مَا يَغْشَىٰ﴿١٦﴾ مَا زَاغَ الْبَصَرُ وَمَا طَغَىٰ ﴿١٧﴾ لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ الْكُبْرَىٰ ﴿١٨﴾
އެކަލޭގެފާނު
ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު إنكار އެއް ނުކުރައްވަތެވެ. (11) އެކަލޭގެފާނު
ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ
ހެއްޔެވެ؟ (12) ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ:
محمد ގެފާނު) އެހެންފަހަރަކުވެސް އެ ملائكة އާ ދެކެވަޑައިގަތްކަން ކަށަވަރެވެ. (13) سدرة المنتهى ގެ ކައިރިންނެވެ. (14) އެތާނގެ ކައިރީގައި جنة المأوى ވެއެވެ. (އެއީ مؤمن ތަކުންގެ ފުރާނަތަކުގެ مركز އެވެ.) (15) سدرة المنتهى ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ. (16)އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ. (17) ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ. (18) (ޤުރުއާން 18-53:11).
މިދަތުރު ފުޅަކީވެސް ދުނިޔޭގެ ވަޤުތުން
ކުރު ވަަޤުތުކޮޅެއްގައި ކުރެވުނު ދިގުދަތުރެކެވެ.
މިޢުރާޖް ގެ ދަތުރުފުޅަށް ބަލަމާ ހިގާށެވެ. އާދައިގެ އިންސާނާ އަބަދުވެސް ނޭވާލާން ބޭނުންވެއެވެ.
އެހެންނަމަވެސް އެދަތުރުފުޅުގެ ތެރޭގައި
އެކަލޭގެ ފާނަށް އެފަދަ ބޭނުންފުޅެއް ޖެހި ވަޑައިނުގެން އެކަލޭގެ ފާނުންގެ ހަށިކޮޅު ޖިބްރީލްގެފާނުންގެ އަރިއަހުގައި
އުޑުތަކަށް ޓެލެޕޯޓް ކޮށްލެވުނީ ބާވައެވެ.
ވިކިޕީޑިޔާ ބުނާގޮތުން ޓެލެޕޮޓޭޝަން އަކީ ތިއަރެޓިކަލްގޮތުން މެޓާރ އާއި އެނާޖީ، އެއްތަނުން އަނެއްތަނައަށް ގެންދިޔުމެވެ. ޓެލެޕޮޓޭޝަންގެ ތެރޭ ޑިސްޓެންސް (ދިގުމިން) އަށް ބަދަލެއް ނައަންނާނެއެވެ. އަދި މިހާ ހިސާބަށް އިންސާނުންނަށް ޓެލެޕޯރޓް ކުރެވިފައި ނެތެވެ. ނަމަވެސް ސްޓާރޓްރެކްގައި މެޓީރިއަލައިޒިންގް އަދި
ޑީމެޓީރިއަލައިޒިންގެ ބޭނުންކޮށްގެން
އިންސާނުން ޓެލެޕޯރޓް ކުރެއެވެ. ބައެއް ޢިލްމުވެރިން ދެކެނީ އެއީ އެކަލޭގެ ފާނު ރޫޙާނީ ގޮތުން ކުރެއްވި ދަތުރުފުޅެއް ކަމުގައެވެ. އަދި އަނެއްބައި ޢިލްމުވެރިން ދެކެނީ ޖިސްމާނީ
ގޮތުން ކުރެއްވި ދަތުރު ފުޅެއްކަމުގައެވެ.
ދެފަރާތުންވެސް ސައްޚަ ހަދީސްތަކުން ދަލީލް
ނަންގަވައެވެ. އަޅުގަނޑު ވަކިފަރާތަކަށް ބުރަނުވެ ދަންނަވާނީ،، ނެތުމުގެ ތެރެއިން އިންސާނާ މިދުނިޔެއަށް ގެންނެވި ﷲ އަށް
ހުރިހައިކަމެއް ކުޅަދުންވަންތައެވެ. ދުނިޔޭގެ
ކުޑަ ވަޤުތުކޮޅެއްގައި އެކަލޭގެފާނުން ދިގުދަތުރުފުޅެއް ކުރެއްވުމަކީ މި މަޒުމޫނުގެ ކުރީގެ ބައިތަކުގައި ކުރެވުނު ބަހުސް ތަކަށް ބަލާއިރު ވެވޭނެކަމެކެވެ.
ނިންމުން
މި މަޒްމޫނުގައި
އަޅުގަނޑު އަލިއަޅުވާލަން މަސައްކަތް ކުރީ ވަޤުތުގެ މިންވަރަކީ އެކިތަންތަނުގައި ތަފާތު އެއްޗެއްކަން ދައްކައި
ދިނުމެވެ. ދުނިޔޭގެ އެކިތަންތަނަށް ރެއާއި
ދުވާލުގެ މިންވަރު ތަފާތެވެ، އަދި އެހެންމެ ސޯލާ ސިސްޓަމްގެ ޕްލެނެޓް ތަކުގައިވެސް ތަފާތެވެ. އަދި ﷲ حضرةގައި އަދި އެހެނިހެން ޢާލަމް ތަކުގައިވެސް
ވަޤުތުގެ މިންވަރު ތަފާތެވެ. ވަޤުތަކީ ރެލެޓިވް އެއްޗެކެވެ.1 ދުވަހުގެ ދިގުމިން ގަޑިތަކަކުން ފެށިގެން ހާސް އަހަރު އަދި މިލިޔަން އަހަރަށްވެސް ބެލިދާނެއެވެ. ވަޤުތުގެ
މިންވަރު ބިނާވަނީ އެވަޤުތު ބެލޭ
ތަނަކަށެވެ. މަޒްމޫނުގެ އެކިއެކި ތަންތަނުގައި އަޅުގަނޑު ހިމެނީ. ކީރިތި ޤުރުއާނުގައި އެކިގޮތްގޮތައް
ވަޤުތާ ބެހޭގޮތުން އައަިސްފައިވާ ވާހަކަ
ތަކެވެ. އަދި އަޅުގަނޑު މަސައްކަތް ކޮށްފައިވާނީ އެވާހަކަތަކަކީ މިޒަމާނުގެ ސައިންސްގެ ޢަލީގައި
ތެދުއެއްޗެއްކަން ދައްކައިދިނުމެވެ. ތިބާ
އަޅުގަނޑުގެ މި މަޒްމޫނު ކިޔާލުމުން އަޅުގަނޑު ވަރަށް އުފާކުރާކަން ދަންނަވަމެވެ. އަދި އަޅުގަނޑަށް
މިމަޒްމޫނު ލިޔުމުގެ ހެޔޮ ތައުފީޤް ދެއްވި
ކަމަށްޓަކައި ﷲ އަށް ޙަމްދު ކުރަމުން ނިންމާލަމެވެ.
Comments