Skip to main content

President Abdulla Yameen Address the nation on the occasion of the 52nd Independence Day.


ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު


بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
ދިވެހިރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛

السّلام عليكم ورحمة الله وبركاته

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އެންމެހާ ދިވެހި ރައްޔިތުންނަށް ދަންނަވަނީ، އަޅުގަނޑުގެ ހިތުގެ ލޯތްބާއި، ޠާޢަތާއެކު.

މިނިވަންދުވަހުގެ ނިދާއަކީ، އިނގިރޭސީންގެ އަޅުވެތިކަމުގައި، ދިވެހިން ތިބި ތިބުން ނިމުމަކަށް ގެނެސް، ދިވެހިދިދަ އެންމެ ފުރިހަމަގޮތުގައި ވިހުރުވާލުމުގެ ފަޚުރު، ދިވެހިން ލިބިގަތުމުގެ ނިދާ. މިއަދު މި މުނާސަބަތު ފާހަގަކުރަމުންދާއިރު، އިނގިރޭސީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނާއި، ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި، އެކި ސިފަސިފައިގައި ޖިހާދުކުރެއްވި ބޭފުޅުންގެ ހަނދާން އާކޮށް، އެ ބޭފުޅުންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި، ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި މިއަދުވެސް މި ޖިހާދުގައި ދެމިތިއްބެވި ދިވެހި އަޚުންނާއި އުޚުތުންނަށް ކާމިޔާބު މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަން.


ލޮބުވެތި ދިވެހި ރައްޔިތުން؛

މިއަދު ދިވެހި ޤައުމު މިއޮތީ، އެތެރޭގެ ހަފޮޅު ގިރާކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމީ ސަފުތައް ތަރުތީބުކޮށްފައި. ބޭރުގެ ފަންނުވެރިންނާއި މާހިރުންނާއެކު ވާދަކުރަން ނުކުމެ. މިއަދު އަޅުގަނޑުމެން ކޮންމެ މީހެއްގެ ސުވާލަކަށްވާން ޖެހޭނީ، ދުނިޔޭގެ މައިދާންތަކަށް ނުކުމެ، ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކޮށް، ކާމިޔާބުކުރާހާ ހަކަތަ ޤައުމުގައި އެބަހުރިތޯ ކުރެވޭ ސުވާލު. މިކަމަށް ބޭނުންވާ ފަންވަރު ދިވެހި މުލައްދަނޑިތަކުގައި އެބަހުރިތޯ ކުރެވޭ ސުވާލު. މިއަދުގެ ދިވެހި ދުވުންތެރިންނާއި ކުޅުންތެރިން ވާދަކުރަނީ، ސަރަޙައްދީ ރޭސްތަކުގެ ފައިނަލުގައި ކަމުގައިވާއިރު، މިއަދުގެ ދިވެހި ދަރިވަރުން ވާދަކުރަނީ، ބައިނަލްއަޤްވާމީ ފާސްތަކާއި އިނާމުތަކުގެ އެންމެ މަތީ ފަންތިއަށް. މިފަދަ ވަގުތެއްގައި ޤައުމުގައި ހުރި ކަންކަން ތަރުތީބުކޮށް، ހުރިހާ ވަގުތެއް، ޤައުމު ތަރައްޤީކުރުމުގެ މަސައްކަތަށް ހުސްކުރަންޖެހޭ. ޤައުމުގެ ތޫނު ސިކުނޑިތަކާއި ޒުވާން ހަކަތަ، ޤައުމަށް ޚިދުމަތްކުރުމަށް ތައްޔާރު ކުރެވެންޖެހޭ. މިއީ، އަޅުގަނޑުގެ ޒިންމާ.

ތަރައްޤީގެ މަސައްކަތްތަކަށް ބަލާއިރު، މިދިޔަ 4 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި، ރާއްޖެ ކުރިން ނުދެކޭ މިންވަރަށް ތަރައްޤީގެ މަސައްކަތްތައް ކުރެވިފައިވޭ. މިއިން ހަމަ ކޮންމެ ކަމަކީވެސް، ކުރަންޖެހި ނުކުރެވި، އަހަރުތަކެއް ފާއިތުވެފައިވާ މަސައްކަތްތަކެއް.

- ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް، މިހާރު ޚިދުމަތްނުދެވޭ މިޒަމާނުގެ ފެންވަރުގެ ބޯޓުފަހަރަށް ޖާގަހޯދައިދީ، ދިވެހިންގެ އެއަރޕޯޓަކީ ޤައުމުގެ ފަޚުރެއްކަމުގައި ހެދުމުގެ މަޝްރޫޢާއި، ކަނޑުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ސަބަބުން، ވިޔަފާރީގެ ދޮރުތައް އިތުރަށް ހުޅުވިގެންދާނެ.

- އައި.ޖީ.އެމް.އެޗް ގެ 25 ބުރީގެ ޢިމާރާތާއި، މި ރިޔާސީ ދައުރުގައި އިތުރަށް ދޭންފެށުނު ޞިއްޙީ ޚިދުމަތްތަކާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ތަރައްޤީއާއެކު، ޢާއިލާއާ ދުރުގައި ރާއްޖެއިން ބޭރުގައި، ބޮޑެތި ބަލިތަކަށް ފަރުވާކުރަން ތިބެންޖެހޭ ޖެހުން ނިމުމަކަށް ގެނެވޭނެ.

- ހުޅުމާލޭގެ ތަރައްޤީއާއި އިތުރަށް ބިނާކުރެވޭ ބޯހިޔާވަހިކަމުގެ ސަބަބުން އުފާވެރި ދިރިއުޅުމަކަށް ކޮންމެ ޢާއިލާއަކަށްވެސް ފުރުޞަތު ލިބިގެންދާނެ.

- މާލެ-ހުޅުލެ ބްރިޖުގެ ސަބަބުން ދިރިއުޅުމަށް ފަސޭހަތަކެއް ލިބިގެންދާނެ.

- އަންނަ އަހަރުގެ ނިޔަލަށް ހުޅުވުމަށް މަސައްކަތްކުރެވެމުންދާ 30 ރިޒޯޓާއެކު، އިތުރު 18,000 ވަޒީފާގެ ފުރުޞަތު ހުޅުވި، ގިނަ ޢާއިލާތަކަކަށް ދިރިއުޅުން ތަނަވަސްކުރެވޭނެ.

- ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްދިނުމަށް ކުރިޔަށްދާ މަސައްކަތްތަކާއި، މި ދައުރުގައި ހަދައި ނިންމާފައިވާ 33 ބަނދަރާއި އަދި މަސައްކަތް ކުރިޔަށްދާ 39 ރަށުގެ ބަނދަރާއި، 13 ރަށުގައި މިހާރު ކުރިޔަށްދާ މަގު ހެދުމުގެ މަޝްރޫޢުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ގިނަ މައްސަލަތަކަކަށް ޙައްލު ލިބިގެންދާނެ.

މިއިން ހަމަ ކޮންމެ ކަމަކުން ވަޒީފާތައް އިތުރުވެ، ދިރިއުޅުމުގެ ފެންވަރު މައްޗަށް ޖެއްސޭނެ.

ލޮބުވެތި ދިވެހިރައްޔިތުން؛

ޒަމާނުއްސުރެ، ރާއްޖޭގެ ނަމަކީ އަމާންކަމާ ގުޅިލާމެހިފައިވާ ނަމެއް. ރާއްޖެއަކީ، ރީތިކަމާއި ނަލަކަމާއި އަދި ހަމަޖެހުމުގެ ސުވަރުގެ. ދިވެހިންނަކީ ހިތްހެޔޮކަމާއި މަޑުމައިތިރިކަމާއި އަނެކާއަށް އަޅާލުމާއި މަރުޙަބާ ކިޔުމުގެ ނަމޫނާ. ހިމޭންކަމާއެކު ފަތުރާލެވިފައިވާ ހުދު ސާލެއް ފަދަ ދިވެހި ގޮނޑުދޮށްތަކަކީ، އެންމެ ޟަޢީފު ކުދި ދޫނިތަކަށްވެސް ނުރައްކަލެއްނުވާ މަންޒިލެއް.

އެހެން ނަމަވެސް، މިއަދު މިއޮތީ އެދުވަސް ގެއްލެންފަށާފައިކަން ހިތާމަޔާއެކު ޤަބޫލުކުރަންޖެހޭ. ހަމަޖެހުމާއި އަމާންކަމުގެ ޒަމާން އަތުނުޖެހޭހާ ހަމަޔަށް ދިޔުމުގެ އިންޒާރުގެ ރަނގަބީލު ޖަހަން ފަށައިފިކަންވެސް ޤަބޫލުކުރަންޖެހޭ. ޒަމާނުއްސުރެ ހިނގަން ލިބިފައިވާ ފައިތިލަވަޅެއް ނެތް، އޮމާން ހުދު ފަސްގަނޑުގެ ރާސްތާ، ޙަސަދައިގެ ކަނިތަކުންނާއި އަނިޔާވެރިކަމާއެކު ޤަތުލުކުރެވި، ބިމަށް އޮހޮރުވޭ ދިވެހިންގެ ލެއިން ފޯވެފައިވާކަން ޤަބޫލުކުރަންޖެހޭ.

ބޭރުގެ އިސްތިޢުމާރީ ބާރުތަކުގެ ނުފޫޒުތަކަށް ނޫނެކޭ ބުނުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތި ކުރުވަނީ މިއަދު ދިވެހިންގެ ފަރާތުން. ގޭގޭގެ ފެންޑާގައްޔާއި ރަށްރަށުގެ ހޮޅުއަށިތަކުން އިވެނީ، ކުދިންގެ ހުނުމާއި މުސްކުޅިންގެ އުފާވެރި ވާހަކަތަކުގެ ބަދަލުގައި، ފުރައްސާރައާއި ހަނގާކުރުމާއި ރުޅިވެރިކަމުގެ ބަސްތައް. ޙަސަދައާއި ފިތުނައާއި އަދި ހަމަނުޖެހުމުގެ ބެރުތަކަށް ޤައުމީ ފެންވަރުގައި ވަނީ ޖާގަދެވިފައި. ރާއްޖޭގެ އެތައް ރަށެއްގެ ހަމަޖެހުމާއި ތަރައްޤީއަށް އަދި ރައްޔިތުންގެ މުސްތަޤްބަލަށް ހަމަޖެހުން ގެނެސްދޭނޭ ފުރުޞަތުތައް ގެއްލުވައިލާފައިވަނީ ފާޅުގައި. ޖެހިލުންވުމުގެ އެއްވެސް އަސަރެއްނެތި ސިޔާސީ ބޭނުންތަކަށް.

މި މަންޒަރުތަކަށް ބަލާއިރު، ފެންނާން އޮތް ޙަޤީޤަތަކީ، މިއަދު ރާއްޖޭގެ ސިޔާސީ ނިޒާމު ބައްޓަންވެފައި އޮތީ، އަމިއްލަ ފައިދާގެ ހެދުން އަޅައިގެން، ރައްޔިތުންގެ ނަން ބޭނުންކޮށްގެން ހަމަނުޖެހުން އުފެއްދޭގޮތަށްކަން. އެހެންނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިފަދަ ކަންކަމަށް އިޖާބަދީގެން، ދިވެހި ރައްޔިތުންގެ ޞިއްޙަތަށް ހޭދަކުރާނެ ފައިސާއާއި ކަރަންޓު ބިލު ދެއްކޭނޭ ގޮތެއް ނުހޯދޭނެކަން. ދުނިޔެއިން ރަންވަނަތައް ހޯދާ ހުރިހާ ދިވެހި ދަރިވަރުންނަށް އެކަށީގެންވާ ތަޢުލީމުގެ ފުރުޞަތުތަކެއް ހޯދައިނުދެވޭނެކަން. ބަނދަރުތަކާއި، ހޮސްޕިޓަލުތަކާއި އަދި ގެދޮރުގެ މަސައްކަތަށް ހުރި ފައިސާއާއި ވަގުތު މިކަންކަމަށް ހޭދަކުރަންޖެހޭކަން.

ލޮބުވެތި ދިވެހި ރައްޔިތުން؛

ދިވެހި ދައުލަތުގެ ދުސްތޫރީ އޮނިގަނޑަކީ، ރިޔާސީ ނިޒާމެއްގެ މައްޗަށް އެކުލެވިގެންވާ އަދި އެކުލެވެންޖެހޭ އޮނިގަނޑެއް. އެއީ، ތިޔަ ލޮބުވެތި ރައްޔިތުން 2007 ވަނަ އަހަރު ނިންމަވާފައިވާ ނިންމެވުމެއް. ރިޔާސީ ނިޒާމެއްގެ އެންމެ މައިގަނޑު ސިފައަކީ، ރައްޔިތުން ވަކި މެނިފެސްޓޯއެއްގައި، ވަކި މުއްދަތަކަށް ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސްވެރިއަކަށް ވަކި މީހަކު ހޮވުން. ދައުލަތުގެ އަދި ސަރުކާރުގެ އެންމެ މަތީވެރިއަކަށް އެންމެ މީހަކު ހުރުން.

ހަމައެއާއެކު، ރިޔާސީ ނިޒާމުގައިވެސް، ދައުލަތުގެ ކަންކަމާ ޙަވާލުވެތިބޭ މީހުން، ޖަވާބުދާރީ ކުރުވުމަށް އުޞޫލުތަކެއް ކަނޑައަޅާފައި ހުރޭ. މިކަންކަން ކަނޑައަޅާފައި ހުންނަނީ ދައުލަތާއި ރައްޔިތުންގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް. ދައުލަތް އެންމެ ފުރިހަމަ ގޮތުގައި ހިންގުން ކަށަވަރުކުރުމަށް.

ރިޔާސީ ނިޒާމުގެ އެންމެ ޚާއްޞަ އަނެއް ސިފައަކީ، ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ނެތަސް، ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ސަރުކާރުގެ އެންމެ އިސްވެރިޔާ ހުރެގެން ދައުލަތް އަދި ސަރުކާރު ކުރިޔަށް ގެންދިޔުން.

ދުސްތޫރީ އޮނިގަނޑުތަކުގައި މިކަންކަން މިގޮތަށް ހަމަޖެހިފައި ހުންނަނީ ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް އެކަމުގައި އޮތަތީ. ޤައުމުގެ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި، އަދި ޤައުމުގެ ރައްޔިތުންގެ ސަލާމަތުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ހަމަކޮންމެ ދުވަހަކު ކޮންމެ ވަގުތެއްގައިވެސް ކުރިޔަށް ދާންޖެހޭތީ. މިއިން ކޮންމެ ކަމަކަށް ބުރޫއަރާ ކޮންމެ ފަހަރަކީ، ޤައުމަށް އެތައް ގެއްލުންތަކެއް ލިބޭ ފަހަރުތަކެއް ކަމުގައިވާތީ. އަގުހުރި އެތައް ފުރުޞަތެއް ގެއްލޭ، ދައްކަންޖެހޭ އަގު، ބޮޑު ކަންކަން ކަމުގައިވާތީ.

ދިވެހި ލޮބުވެތި ރައްޔިތުން؛

ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި، ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ވަނީ، deadlock އަކަށް ފަރުމާކުރެވިފައި. ރައީސަކަށް ހުންނަ މީހަކު ރައްޔިތުންގެ ކުރިމައްޗަށް، އެއް އަތް ފަހަތަށް ބަނދެގެން ނެރެވޭގޮތަށް އެކުލަވާލެވިފައި. ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ދައުލަތް ހުއްޓުމަކަށް ގެނެވޭފަދަ ފުރުޞަތުތަކެއް ދައުލަތުގެ ދުޝްމަނުންނަށް ހޯދައިގަނެވޭނެ ފަދަޔަކުން ހަމަޖެއްސިފައި. އަދި ރާއްޖެ ފަދަ ކުޑަ، މީސްކޮޅު މަދު، ތަނަވަސްކަން ކުޑަ ޤައުމަކަށް ހިންގޭ ވަރަށްވުރެ، މާ އޮޅުންބޮޅުން ބޮޑުކޮށް. ޅަފަތުގައިވާ އަދި، ޑިމޮކްރަސީގެ އާދަތައް އެ ބައެއްގެ ތާރީޚުގައިނުވާ ދައުލަތަކަށް، އެއްދުވަހުން އެންމެ ފުރިހަމައަށް ތަންފީޛުކުރެވޭ ވަރަށްވުރެ، ބުރަ ބޮޑުކޮށް.

ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފައަކީ، ރައްޔިތުން އިޚްތިޔާރުކުރާ މީހުން، ރައްޔިތުންގެ ކަންކަން ކުރަން ތިބުންކަމުގައިވާއިރު، ރާއްޖޭގެ އިންތިޚާބީ އޮނިގަނޑަށް އެކަނި ބަލައިލި ނަމަވެސް، މިކަން އޮތީ ވަރަށް ހާމަކަން ބޮޑުގޮތެއްގައި ފެންނަން.

ޤާނޫނު އަސާސީ ތަޞްދީޤު ކުރެވިގެން، މިދިޔަ 9 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި، ޤައުމީ ފެންވަރުގައި 7 އިންތިޚާބު ބޭއްވިފައިވޭ. ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ މުއްދަތަށް އެކަނިބެލިނަމަވެސް، މިދިޔަ 9 ވަރަކަށް އަހަރުދުވަހުގެ ތެރެއިން، 40 ޕަސެންޓާ ގާތްކުރާ ޢަދަދެއް ހޭދަކޮށްފައިވަނީ އިންތިޚާބުގެ މަސައްކަތުގައި. މިއަދު ކޮންމެ 466 ދިވެހި ރައްޔިތަކަށް، ޤައުމީ ފެންވަރުގައި ބޭއްވުނު އިންތިޚާބަކުން، އިންތިޚާބު ކުރެވިފައިހުރި މުސާރަވެރިއަކު ދައުލަތުގައި އެބަހުރި.

މިއިން ކޮންމެ ބޭފުޅަކު މަސައްކަތްކުރައްވަނީ ޤައުމީ މަޞްލަޙަތުގައި ކަމުގައިވާނަމަ، ޙަޤީޤީ ސުވާލަކަށްވާންޖެހޭނީ، މަގުތައް އަމާންވެ، ކުޑަކުދިންނާއި މުސްކުޅިންނަށް ރޭގަނޑު ނިދާލެވި، ދަރިވަރުންނަށް އިމްތިޙާން ހަދަން ހަމަހިމޭންކަމާއެކު ތިބެވުނީމާ އޭގެ ފައިދާ ލިބޭނީ ކޮން ބަޔަކަށްތޯ ކުރެވޭ ސުވާލު. ޤައުމުގައި އަމާންކަން ޤާއިމުކުރެވުނީމާ، އެއިން ފައިދާވާނީ މުޅި ޤައުމަށްނޫންތޯ ކުރެވޭ ސުވާލު. އިންތިޚާބު ކުރެވިފައިވާ މުސާރަވެރިންގެ ޒިންމާއަކީ، ރައްޔިތުންގެ އުންމީދުތަކާއި ކުރިއެރުމާ ގުޅިފައިވާ އަމާނާތެއް ނޫންތޯ ކުރެވޭ ސުވާލު.

ހަމަ މިނޭވާގައި، ކުރެވެންޖެހޭ އަނެއް ސުވާލަކީ، ރައްޔިތުން ކަނޑައަޅާފައިތިބޭ މީހުން، ސިޔާސީ ބޭނުމަށް، ސަރުކާރުގެ ކާމިޔާބީތައް ހުއްޓުވުމުގެ މަޤްޞަދުގައި، ރައްޔިތުންނަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތައް މަޑުޖައްސުވައި، ތަރައްޤީ ހުއްޓުވުމަށް، ދުސްތޫރުން އަދި ޤާނޫނުން ދީފައިވާ ބާރުތައް ބޭނުންކުރެވިދާނެތޯ ކުރެވޭ ސުވާލު. ސިޔާސީ ބޭނުމެއްގައި ސަރުކާރު ބަލިކަށިކޮށް އަމިއްލަ ފައިދާއެއް ހޯދުމަށް، ދުސްތޫރީ ބާރުތަކުގެ ބޭނުންކުރެވިދާނެތޯ ކުރެވޭ ސުވާލު. މިފަދަ މަސައްކަތްތަކަކީ، ޤާނޫނީ ޙުދޫދުގެ ތެރެއިން ކުރެވޭ ޖާއިޒު މަސައްކަތްތަކެއްތޯ ކުރެވޭ ސުވާލު.

ދިވެހި ލޮބުވެތި ރައްޔިތުން؛

އަބަދުވެސް އަޅުގަނޑު ދަންނަވަމުން އަންނަ ފަދައިން، އަޅުގަނޑު މި ޤައުމުގެ ހުންގާނުގައި ހިފީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ހަނގުރާމަ ކުރަން. ސިޔާސީ މައިދާނުގައި ތިބޭ މީހުން 24 ގަޑިއިރު ކުރާ، އަމިއްލަ އެދުމުން ފޮރުވިފައިވާ ސިޔާސީ ސުވާލުތަކަށް ޖަވާބުދިނުމަށްވުރެ، އަޅުގަނޑަށް މުހިންމީ ރައްޔިތުންނަށް ޚިދުމަތްކުރުން. ޤައުމުގައި އެތައް އަހަރުތަކެއްވަންދެން ޙައްލުނުވެ ހުރި މައްސަލަތަކަށް ޙައްލު ހޯދައިދިނުން. ތިޔަބޭފުޅުންގެ ދަރިންނަށް، އަދި އެދަރިންގެ ދަރިންނަށް، މާދަމާއަކީ ހިތްފަސޭހަ ދުވަސްތަކެއް ކަމުގައި ހަދައިދިނުން.

އެހެންކަމުން، މިއަދު އަޅުގަނޑުގެ ހަނގުރާމައަކީ :-

- އިސްލާމްދީން ނޫން އެހެން ދީންތަކަށް ދިވެހި ގޮނޑުދޮށްތަކުން ޖާގަހޯދައިދިނުމަށް ކުރެވޭ މަސައްކަތާ ދެކޮޅަށް ކުރާ ހަނގުރާމަ.

- ދިވެހި ޒުވާނުން އިސްލާމްދީން ދޫކޮށްދިޔުމުގެ މައްސަލައަށް ޙައްލު ހޯދުމުގެ ހަނގުރާމަ.

- ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަން ޔަޤީންކުރުމުގެ ހަނގުރާމަ.

- ޓެރަރިޒަމާއި ހައްދުފަހަނަޅައި ދިޔުމާ ދެކޮޅަށް ކުރާ ހަނގުރާމަ.

- މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކޮށް، އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމުގެ ނިޒާމުތައް ފުރިހަމަކުރުމުގެ ހަނގުރާމަ.

- ދައުލަތުގެ ދަރަނި އަދާކޮށް، ޒަމާނުއްސުރެ ވަޅުޖެހިފައިވާ ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގެ ހަނގުރާމަ.

- ދިވެހިންގެ އަތުން ބީވުމުގެ ބިރުހީވެފައިވާ، ވަޒީފާގެ ބާޒާރު ފަހިކޮށް، ދިވެހި ޒުވާނުންގެ ކުރިމަގު އުޖާލާކުރުމުގެ ހަނގުރާމަ.

މިއީ ހަމަގައިމުވެސް މިދިޔަ 4 އަހަރުދުވަހުގެ ތެރޭގައި، މި ޤައުމަށް އުފަންވީ މައްސަލަތަކެއް ނޫން. އެއާ ޚިލާފަށް މިއީ، އަޅުގަނޑުގެ ސަރުކާރަށް ވާރުތަވީ މައްސަލަތަކެއް. މި މަސައްކަތުގައި އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރުގެ މުވައްޒަފުން ރެޔާދުވާލު މަސައްކަތްކުރާއިރު، މިކަންކަން ނާކާމިޔާބު ކުރުވުމަށް ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިކުރުވުމަކީ، ޤައުމުގެ މަޞްލަޙަތެއް ނޫން. ރައްޔިތުންގެ މަޞްލަޙަތެއްވެސް ނޫން. އެއްވެސް ބީދައަކުން، ޤައުމަށްޓަކައި ކުރެވޭ މަސައްކަތެއްނޫން.

ލޮބުވެތި ދިވެހި ރައްޔިތުން؛

އެތެރެއިންނާއި ބޭރުން، ދުރާއި ގާތުން ކެނޑިނޭޅި ކުރިމަތިކުރުވާ ގޮންޖެހުންތަކާއެކުވެސް، މި މަސައްކަތުގައި އަޅުގަނޑު ދެމި، މިހުރީ، މި ޤައުމާމެދު އަޅުގަނޑުގެ އުންމީދުތަކެއްވާތީ. މި ޤައުމުގެ ދަރިންނާމެދު އަޅުގަނޑުގެ ޔަޤީންކަމެއް އޮތަތީ. މި ދީބާމެދު އަޅުގަނޑުގެ ހުވަފެންތަކެއްވާތީ.

މިދެންނެވި ކަންކަމުގެ ތެރޭގައި އަޅުގަނޑުގެ އަމާޒުތަކެއްވޭ.

- އަޅުގަނޑުގެ އަމާޒަކީ، ރައްޔިތުންގެ އާމްދަނީއާއި ފުދުންތެރިކަން އިތުރުކުރުން.

- މަސްތުވާތަކެއްޗާއި، ކުށުގެ ވެށީގައި ހައްޔަރުވެފައިވާ ޒުވާނުން އެ ވެށިން އަނބުރާ ގެނެސް، އެކުދިންނަށް މުޖްތަމަޢުގައި ވަޒީފާގެ މައިދާނުން ފުރުޞަތު ހޯދައިދިނުން.

- ކުށްވެރިން ބެލެހެއްޓުމަށާއި، ރިހެބިލިޓޭޝަނަށް ކުރަންޖެހޭ ބޮޑު ޚަރަދު ހޯދުން.

- ބޯހިޔާވަހިކަމަށާއި ޞިއްހަތަށް އަދި މަސައްކަތްތެރިންގެ މުސާރައަށް ބޭނުންވާ ފައިސާ ހޯދުން.

- މުޖްތަމަޢުގައި ހަވާސާވެފައި ތިބި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ޢިލްމު އުނގެނުމަށް ދަތި ކުދިންނަކީވެސް މުސްތަޤްބަލެއް އޮތް ކުދިން ކަމުގައި ހަދައިދިނުން. އެ ކުދިންގެ އުންމީދުތަކުގައި ކުލަ ޖައްސައިދިނުން.

- ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައި.ޖީ.އެމް.އެޗް އަކީ، ސަރަޙައްދުގައި ފަހަތަށް ޖައްސާނުލެވޭނެ ތަންތަނަށް ހެދުން.

- އަޅުގަނޑުމެންގެ ކުޅުންތެރިންނާއި ދުވުންތެރިންނަކީ ބަލިނުކުރެވޭނެ ބަޔަކަށް ހެދުން.

- އަޅުގަނޑުމެންގެ ފަންނާނުންނަކީ، ފަންނީ ރޮނގުތަކުން ދުނިޔޭގެ ލީޑަރުންކަމުގައި ހެދުން.

އަޅުގަނޑުގެ ޔަޤީންކަމަކީ މި ޤައުމު ކިތަންމެ ކުޑަނަމަވެސް، މީސްކޮޅު މަދުނަމަވެސް، މިކަންކަން އަޅުގަނޑުމެންނަށް ކުރެވިދާނެކަން. ދިވެހި ދަރިންގެ ކިބައިގައި އެވަރުގެ ތޫނުކަން އެބަހުރިކަން. އެވަރުގެ ޝައުޤު، މިޤައުމުގައި އެބަހުރިކަން.

މިކަންކަން ކުރުމަށް އަޅުގަނޑާ ޙަވާލުކުރައްވާފައިވަނީ ތިޔަ ލޮބުވެތި ރައްޔިތުން. މި މަސައްކަތުގައި އަޅުގަނޑާއެކު ބައިވެރިވެވަޑައިގަތުމަށް ތިޔަ އެންމެ ބޭފުޅުންނަށް ދަޢުވަތު އަރުވަން. ދިވެހި ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނީ ތިމަންނާވެސް ބައިވެރިވެގެންނޭ ބުނުމުގެ އުފާ ޙާޞިލުކުރެއްވުމަށް އިލްތިމާސްކުރަން. މި ޤައުމުގެ ތުއްތުކުދިންގެ ލޮލުގެ ވިދުވަރުގައިވާ އުންމީދުތައް ހާސިލްކޮށްދިނުމުގެ ޝަރަފު ހޯއްދެވުމުގެ ފުރުޞަތު އޮތީ ހުޅުވިފައި. ފަޚުރުވެރި ދިވެހިންގެ ޤައުމީ ރޫޙާއެކު މިކަމުގައި ބައިވެރިވެވަޑައިގަންނަވާ. އެއީ، މުޅި ޤައުމަށް ލިބޭނެ ކުރިއެރުމެއް. ދިވެހި ދިދައިގެ ކުލަތަކަށް ލިބޭނެ އުޖާލާކަމެއް.

ޤައުމާމެދު އޮންނަ ފަޚުރު އޮންނަންވާނީ ޤައުމު ފަޚުރުވެރިވުމަށްފަހުގައެއް ނޫން. އެއާ ޚިލާފަށް ޤައުމުގެ ފަޚުރު ބިނާކުރެވޭނީ، ތިމާގެ ފަޚުރު ޤައުމާއެކުވެގެން.

އަޅުގަނޑުމެން އެންމެންގެ ކާމިޔާބީ ވަނީ ޤައުމުގެ ކާމިޔާބީއާ ގުޅިފައި. ޤައުމު ބަލިވާއިރު ބަލިވާނީ އަޅުގަނޑުމެން އެންމެން އެކުގައި.

މި މަސައްކަތުގައި އަޅުގަނޑު ވާގި އެދެނީ ﷲގެ ޙަޟްރަތުން. އަޅުގަނޑުގެ ނިޔަތުގެ އިޚްލާޞްތެރިކަން އެކަލާނގެ ދެނެވޮޑިގެންވާނެ.

މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށްމެ ލަހައްޓަވާށި! ތިޔަ އެންމެ ލޮބުވެތި ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް މިންވަރު ކުރައްވާށި!

ﻭَﻣَﺎ ﺗَﻮْﻓِﻴﻘِﻲ ﺇِلاَّ ﺑِﺎﻟﻠَّﻪِ ﻋَﻠَﻴْﻪِ ﺗَﻮَﻛَّﻠْﺖُ ﻭَﺇِﻟَﻴْﻪِ ﺃُﻧِﻴﺐُ .

والسّلام عليكم ورحمة الله وبركاته





Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.