http://www.hassanhameed.com/?page_id=2558
އުފާވެރި
ކާވެންޏަކަށް، ކާވެނީގައި މައްސަލަ ޖެހުމުން އެކަން ޙައްލުކުރަން
އެހީތެރިވެދޭ ނަފްސާނީ ޢިލްމުވެރިންނާއި އެ ދާއިރާގެ ޢިލްމުވެރިންނާއި
ސައިކޮލޮޖިސްޓުންނާއި ކައުންސެލަރުން ދީފައިވާ ނަޞޭޙަތްތަކުގެ ތެރެއިން
އެންމެ ރަނގަޅު 50 ނަޞޭޙަތް ތިރީގައި އެވަނީއެވެ. އެމީހުންގެ ނަންތައް ވަނީ
އުނިކޮށްފައެވެ.
1.
ކާވެނީގެ ޢުމުރު ދިގުކުރުމަށް އަދި ކާވެނީގެ އުފާވެރިކަން މަތިކުރުމަށް،
ތިމާގެ ޒިންމާތައް ފުރިހަމައަށް އަދާކުރާށެވެ. ކާވެންޏަކީ ދެމީހުން ކުރާ
ކަމެކެވެ. އެހެންކަމުން، ތިމާގެ މަސްއޫލިއްޔަތު އަދާނުކޮށް އޭނާއަށް
އިނގިލި ދިއްކުރުމަކީ ކުޑަކުދިން އުޅޭގޮތަށް އުޅުމެވެ.
2.
އެކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެން ޖެހޭނެކަމަށް ހީކުރާށެވެ.
ކަމަކާ ރުޅިއަންނަ ވަގުތުގައި ހެއްދެވި ނުހެއްދެވި އޭނާއަށް ގޮވުމުގެ
ކުރިން، މި ދުވަސް ވެސް މާޒީވާނެކަން ހަނދާން ކުރާށެވެ. ކިތަންމެ
ދިރާސާތަކަކުން ދައްކަނީ ކިތަންމެ ހިތާމަވެރި ކައިވެންޏެއްގައި އުޅޭ
ދެމަފިރިންވެސް، ފަސްވަރަކަށް އަހަރު ފަހުން ކާވެނި ވަރަށް އުފާވެރިކަމަށް
ބުނާ ކަމެވެ. އެހެންކަމުން، ރުޅިއިސްވާ ކުޑަހިނދުކޮޅެއްގެ ސަބަބުން، މުޅި
ދިރިއުޅުން ހިތްދަތިވެދާނެ ކަމެއް ކުރުމުގެ ކުރިން ނުވަތަ ބަހެއް
އިއްވުމުގެ ކުރިން ވިސްނާލާށެވެ
3.
ކޮންމެ އަންހެނަކުވެސް، ފިރިމީހާ އޭނާއަށް ސަމާލުކަން ދިނުމުގައި ވަގުތު
ހޭދަކުރަން އެދެއެވެ. އަދި އޭނާގެ ލޮލަށް ކަޅި ޖަހާ ނުލާ ބެލުމަށް
އެދެއެވެ. މި ސަމާލުކަން ލިބުމުން ފިރިމީހާގެ ބޭނުންތައް ދެނެގަންނަށް
އަނބިމީހާއަށް ފަސޭހަ ވެއެވެ. އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިވާ
ގޮތަކީ މިއެވެ.
4.
އޯގާތެރިކަން، ނިޔަނެތިކަން، އުޅުންތެރިކަން، ކެރުން ފަދަ އޭނާގެ މިޒާޖާ
ގުޅޭ ލަފުޒުތަކުން އޭނާއަށް ހަދިޔާ ކުރާށެވެ. މަޖަލާއި ހިނިތުންވުމާއި
އުފާވެރިކަން ގެނެސްދޭނޭ ފުރުޞަތުތައް ހަމަޖައްސާށެވެ. އޭނާއަށް ލޯބިވާކަން
އެނގޭނޭ ކަންތައްތައް ފާހަގަކޮށް އެކަންކަން ކުރާށެވެ. ކުދިކުދި
ކަންތައްތަކާ ދޭތެރޭ ސަމާލުކަން ދޭށެވެ. އޭނާގެ ހިތް މަޑުވެ ހުޅުވޭނޭ
ކަންތައްތައް ޤަޞްދުގައި ކުރުމަކީ، ކާވެނީގެ އުފާވެރިކަން މަތިވެ
ދެމީހުންނަށް އެކުގައި ގިނަ ދުވަހު އުޅެވޭނޭ ކަމެކެވެ.
5.
އޭނާ ބަދަލެއް ނުވާނެކަން ޤަބޫލުކުރާށެވެ. ކާވެންޏަށްފަހު،
ބަދަލުވާނެކަމަށް ހީކުރި މިޒާޖާއި ޠަބީޢަތުގެ ކަންތައްތަކެއް، ބަދަލެއް
ނުވާނެއެވެ. މީހުންގެ ޠަބީއަތަކީ ފަސޭހައިން ބަދަލުވާ އެއްޗެއް ނޫނެވެ.
ގިނަ ފަހަރު، ބަދަލުވާނެކަމަށް ހީކުރި ކަންތައްތައް، އޭނާގެ
ބަރާބަރުނޫންކަން، ކައިވެންޏަށް ފަހު ބޮޑަށް ހާމަވާނީއެވެ. އެހެންކަމުން
އެކަންތައްތައް ބަދަލުކުރަން އުޅުމުގެ ބަދަލުގައި އެކަންކަމަށް ތިބާގެ ހިތް
ޞުލްޙަ ކުރުވާށެވެ. ނޫނީ ވަކިވާށެވެ.
6.
ގިނަ ކާވެނިތައް ރޫޅޭ އެންމެ ބޮޑު އެއްސަބަބަކީ ފައިސާގެ މައްސަލަތަކެވެ.
މީހުން ފައިސާއާއި ޚަރަދުބަރަދު ކުރާގޮތް ވަރަށް ބޮޑަށް ތަފާތެވެ.
އެކަންކަމާ ދެމީހުން އެއްބަސްވުމަކަށް އައިސް އެ އެއްބަސްވުމާ އެއްގޮތަށް
ކަންތައްތައް ކުރާށެވެ.
7.
ކައިވެންޏަކީ ބޮޑު ވަޒީފާއެއްކަމަށް ދެކޭށެވެ. ކައިވެނީގެ އުފާވެރިކަން
ދެމެހެއްޓުމަށްޓަކައި، ކޮންމެ ދުވަހަކު އެމީހެއްގެ ވަޒީފާ އަދާކުރަން
ޖެހޭނެކަން ހަނދާން ކުރާށެވެ. އަރާރުމަކާ ހަމައަށް ދިއުމުގެ ކުރިން ދިމާވާ
މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރާށެވެ. އެންމެ ފުރަތަމަ
އޭނާއަށް ހިތްކީ އޭނާގެ ރަނގަޅު ސިފަތަކާއި ކަންތައްތައް ބޮޑެތި
މައްސަލަތަކުގެ ތެރޭގައި ހަނދާން ކުރާށެވެ.
8.
ފަސްދޮޅަށް އަހަރުވަންދެން ކާމިޔާބު ކާވެންޏެއްގައި އުޅުނު ދެމަފިރިން
ކައިރީގައި އެމީހުންގެ ކާވެނީގެ ސިއްރަކީ ކޮބައިތޯ ބުނުމުން އެމީހުން ދިން
ޖަވާބަކީ ތި ހުރިހާ ދެމަފިރިންނަށް ހުރި ފިލާވަޅެކެވެ: ”އަހުރެމެން
ދެބަސްވެ އަރާރުމެއް ވާން ޖެހިއްޖެ ނަމަ، އެ އަރާރުންވަނީ އެކަކު
އަނެކަކުގެ އަތުގައި ހިފަހައްޓައިގެން ހުރެއެވެ. މިކަމުން މި އަރާރުމަކީ
ވަގުތީ ވިއްސާރައެއް ކަމާއި އަވަހަށް އަލިވިލޭނޭކަމާއި ގުޅުމަކީ ދާއިމީ
ކަމެއްކަން އަހުރެމެންގެ ހިތަކުން ނުފިލައެވެ.“ އެކަކު އަނެކަކުގެ އަތުގައި
ހިފަހައްޓައިގެން ހުރެ އަރާރުންވަންޏާ އަރާރުންވާށެވެ.
9. ތިމާގެ ބައިވެރިޔާ ބަދަލުކުރުމަށް ނޫޅެ އޭނާ މިހާރު ހުރިގޮތް އެންމެ ރަނގަޅުކަމުގައި ބަލައިގަންނާށެވެ.
10.
ކާވެނީގެ މުސްތަޤްބަލާ ދޭތެރޭ ތަޞައްވުރެއް ކަނޑައަޅާށެވެ. އެކުގައި
އިށީދެ ވާހަކަ ދައްކައިގެން، މުސްތަޤްބަލްގައި އުޅޭނޭ ތަނަކާއި ކުރާނޭ
ކަންތައްތަކާއި ހަދާނެ ގޮތްތަކުގެ ތަޞައްވުރެއް ކަނޑައަޅާށެވެ. ކޮންމެ
މީހެއްގެ އުއްމީދުތަކާއި ތަޞައްވުރުތައް ދެމީހުންނަށްވެސް އެނގޭނަމަ،
އުފާވެރި ކާވެންޏެއް ދަމަހައްޓަން މާ ފަސޭހަވާނެއެވެ.
11.
ބައިވެރިޔާގެ ކުށްދައްކާ ވާހަކަ ދައްކަން ހިތަށް އަރާ ކޮންމެ ފަހަރަކު
އެކަން ހިތުން ނެރެލާށެވެ. ބައިވެރިޔާއަށް އެހީތެރިވެވޭނޭ ކޮންމެ ކަމެއް
ކޮށްދޭށެވެ. އަދި ތިމާގެ ބެސްޓް ފްރެންޑް އަށް ކުރާ އިޙްތިރާމް އޭނާއަށް
ކުރާށެވެ.
12. އެކަކު އަނެކަކުގެ އިޙްސާސް ތަކާއެކު މުޢާމަލާތް ކުރުމާއި އެކުގައި ވަގުތު ހޭދަކުރުމަކީ ކާވެނި ވަރުގަދަ ކުރުމުގެ ތަޅުދަނޑިއެވެ.
13.
ކާވެނި ކުރަން އުޅުނު އިރު ކަންތައްތައް ކުރި ގޮތަށް، ހަފުތާއަކު އެއް
ފަހަރު އެކުގައި ދެމީހުން ބޭރަށް ދާށެވެ. ދެމީހުންނަށް އެކުގައި ތިބެގެން
ވާހަކަ ދެއްކޭނެ ފަދަ ކަމެއް ކުރާށެވެ.
14.
އަވަދިނެތި އުޅެންޖެހުމާއި ދަރިންނާއި ވަޒީފާއާއި ސޯޝަލް މީޑިއާގެ
ސަބަބުން، ކައިވެންޏަށް ފަހު، ދެމަފިރިން އެކަކު އަނެކަކަށް ”ގެއްލެ“ އެވެ.
ދުޅަހެޔޮ ކާވެންޏަކީ އާއިލާ އާއެކު ހޭދަކުރާ ވަގުތާއި، އެކަނި ހޭދަކުރާ
ވަގުތާއި އެހެން ޙަރަކާތްތަކުގައި ހޭދަކުރާ ވަގުތުތައް ކޮންމެވެސް ވަރަކަށް
ހަމަހަމަކޮށްގެން އުޅެން އެނގުމެވެ. ކޮންމެ ދެމަފިރިއަކަށް ވެސް، މިގޮތަށް
އެކި ކަންތައްތަކަށް ހޭދަކުރާ ވަގުތު ތަފާތު ވެދާނެއެވެ. ނަމަވެސް
ކޮންމެވެސް ހަމައެއް ނެތްނަމަ، ކާވެނި އަނަރޫފަ ވެދާނެއެވެ.
15.
ދެމީހުން އެކި ކަންތައްތަކުގައި ދެބަސްވާނެ ގޮތް ދަސްކުރާށެވެ. އެއްވެސް
ދެ މީހަކު ހުރިހާ ކަމަކަށް އެއްބަހެއް ނުވެއެވެ. އެއީ އެކަން އޮންނަންވީ
ގޮތް ވެސް މެއެވެ. އެކަމަކު މި ދެބަސްވުމަށް ދެމީހުންވެސް ރުހި
ތާއީދުކުރަން ވާނެއެވެ.
16.
މުހިއްމީ ހަދިޔާ އަށް ދޭ އެތީގެ އަގެއް ނޫނެވެ. އެ ކަމަށް ކުރަން ޖެހުނު
ފިކުރެވެ. އެކަމަށް ކުރި ވިސްނުމެވެ. އެސް.އެމް.އެސް އިން ނުވަތަ
ކަރުދާހުގެ މެސެޖެއް ނަމަވެސް، އެކި އިރު އޭނާ ހީ ނުކުރާ ވަގުތެއްގައި
ލިބޭނޭ ގޮތް ރާވާށެވެ. އަދި އެކަން ކުރާށެވެ.
17.
ކާވެނީގައި އެންމެ މުހިއްމީ ފިރިމީހާއާއި އަންހެން މީހާ އާ ދެމެދު އޮންނަ
ގުޅުމެވެ. މި ގުޅުމަށް ވުރެ، ދަރިންނާއި ވަޒީފާއާއި ޝައުޤުހުންނަ
އެހެންކަންތައްތަކަށް އިސްކަން ދެވުމުން ކާވެނީގެ މައްސަލަ ޖެހެން އޮންނާނީ
ފަށާފައެވެ. އެންމެ އިސްކަމެއް، ކައިވެންޏަށް ދިނުމުން ކާވެނި
އުފާވެރިވާނެއެވެ.
18.
”ކަލޭ“ ކިޔާފައި އެއްވެސް ޖުމުލައެއް ނުބުނާށެވެ. އޭގެ ބަދަލުގައި ތިމާގެ
އިޙްސާސްތަކާއި ޚިޔާލުތައް ބުނެދޭށެވެ. މިއީ ބުނަން ފަސޭހަ ވިއަސް
ތަންފީޒުކުރަން އުނދަގޫ ކަމެކެވެ. އެކަކު އަނެކަކަށް އެތައް ފިކުރަކާއި
ޚިޔާލުތަކެއް ފޮރުވައެވެ. ހިތާމަތަކާއި ފިކުރުތަކާއި އުފަލާއި
އެކަނިވެރިކަމާއި ނުތަނަވަސްކަން ފަދަ ފިކުރުތައް ހާމަކުރުމުން މުޢާމަލާތް
ކުރަން ފަސޭހަ ވެއެވެ. އެކުވެރިކަމުގައި ޝުޢޫރުތައް އުފެދެއެވެ.
19.
އޭނާގެ ކުށްދެއްކުމާއި އޭނާ ކުށްވެރިކުރުމުން އެއްކިބާ ވާށެވެ. އެކަމުގެ
ބަދަލުގައި އޭނާގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކަށް އިސްކަންދީ ފޯކަސް
ކުރާށެވެ. އަދި ތެދުވެރިކަމާއިއެކު، ކުރިން ނުރާވާ ތިބާ އޭނާއާ
ރުހޭގޮތްތައް ބަޔާން ކުރާށެވެ. މިކަން ތިބާގެ އަމިއްލަ ނަފުސަށް ވެސް
ކުރާށެވެ.
20.
ކާވެނީގެ މާޒީގެ އުފާވެރި ތިން ވަގުތެއް ހިތުގެ ތެރޭގައި ކޮންމެ ދުވަހަކު
އާލާކޮށްލާ އެ ވަގުތުކޮޅުގެ އިޙްސާސްތައް ހަނދާނަށް ގެންނާށެވެ.
21.
ތިބާގެ ކާވެނި އުފާކުރުމަށް ތިރީގައި މިބުނާ ޢިބާރާތްތައް ބޭނުންކުރުން
ގިނަކުރާށެވެ: އަހަރެން ޔޫ ދެކެ ވަރަށް ލޯބިވޭ؛ އަހަރެން މިހުރީ ބުނާކަމެއް
ކޮށްދޭން؛ އަހަރެންނަށް ތިބުނާ އެއްޗެއް އޮޅުން ފިލާ؛ ކަންތައް ކުރެވުނު
ގޮތާ މެދު އަހަރެން ވަރަށް ހިތާމަކުރަން؛ ޝުކުރިއްޔާ؛ އަހަރެންނަށް ތި
ކޮށްދޭ ކަންތައްތައް ޝުކުރުވެރިކަމާއެކު ބަލައިގަންނަން؛ ފެނުމުން ވަރަށް
އުފާވެއްޖެ؛ ތިއީ ކާމިޔާބުކުރެވުނު ވަރަށް ބޮޑުކަމެއް.
22.
ކޮންމެ ދުވަހަކު ބައިވެރިޔާއަށް އިސްތިޙްސާނުގެ (އެޕްރިސިއޭޝަންގެ) ބަހެއް
އިއްވާށެވެ. އޭނާ އުފާވާ ކަހަލަ ޢިބާރާތެއް އިއްވާށެވެ. މިއީ އޭނާގެ
މުހިއްމުކަން ތިބާގެ ޙަޔާތަށް އޮތް މިންވަރު ހާމަކޮށްދޭނޭ ކަމެކެވެ.
23.
މަދުވެގެން ދުވާލަކު ފަސް ފަހަރު ބައިވެރިޔާއަށް ޤަދަރުދީ
ތަޢުރީފުކުރާށެވެ. ހިތުގެ އަޑިން އޭނާގެ އަޞްލު ޠަބީޢަތަށް
ތަޢުރީފުކުރާށެވެ. މިކަން ވީހާ އުފެއްދުންތެރިގޮތަކަށް އޭނާއަށް
އަންގާށެވެ.
24. ތިމާގެ ފޯކަސް ނުވަތަ ސަމާލުކަން ދޭ ކަން، ތިމާގެ ބައިވެރިޔާގެ އަގު ވަޒަންކުރުމަށް ބަދަލުކޮށްލާށެވެ.
25.
މީރު ކާވެންޏެއްގެ އެންމެ ބޭނުން ބޮޑުފަލަހަ (ކައްކާއެއްޗެއްސަށް
އަޅާމައިގަޑު ބާވަތް) އަކީ އިޙްތިރާމެވެ. އެކަކު އަނެކަކަށް އިޙްތިރާމް
ކުރާށެވެ. އަނެކާ ނިކަމެތިކުރުމަށް، އަގުވައްޓާލުމަށް އެއްވެސް އެއްޗެއް
ނުބުނާށެވެ. ހުތުރު ބަސްތަކަކީ ދަތްއުގުޅާ ބޭސްފުޅިއަކުން ބޭސް
ފިއްތައިގެން ނެރުން ފަދަ ކަމެކެވެ. ނެރުމަށް ފަހު، އަނބުރާ ވެއްދޭނޭ
ގޮތެއް ނޯވެއެވެ.
26.
ތިމާ އާއި ބައިވެރިޔާ އާ މެދު އޮންނަ ގުޅުން ވަޒަން ކޮށްލުމަށް ވަކި
ވަގުތު ތަކެއް، 15 މިނެއްޓު ނަމަވެސް ކަނޑައަޅާށެވެ. މި ވަގުތުގައި
ދަރިންނާއި ކުރަން ހުރި ކަންތައްތަކާއި ޒިންމާތަކުގެ ވާހަކަ ނުދައްކާށެވެ.
ދެމީހުންގެ ވާހަކަ ދައްކާށެވެ.
27.
ދިރާސާތަކުން ބަދަލެއްނެތި ފާހަގަ ކުރެވެނީ އެކަކު އަނެކަކުގެ ގައިގާ
އަތްލުމުން، ދެމީހުންގެ ގުޅުން ގަދަވާ ކަމެވެ. އެއީ ހަށިގަނޑުން އުފައްދާ
“އޮކްސިޓޯސިން” ކިޔާ ހޯމޯން އެއްގެ ސަބަބުންނެވެ. އެހެންކަމުން، އެކަކު
އަނެކަކުގެ ގައިގައި އުނގުޅޭނެ ފުރުޞަތެއް ނަގާނުލާށެވެ. މިގޮތަށް
ގާތްވާނަމަ، މަދުވެގެން 10 ވަރަކަށް ސިކުންތު އެކަމުގައި މަޑުކޮށްލާށެވެ.
28.
ކާވެނީގެ ގޮށް ބާރުކުރަން، އަރައިރުމެއްގައި ދެކޮޅުން ދައްކާ ވާހަކައިގައި
ވެސް ރަނގަޅު ތެދު ނުކުތާތައް ހުންނަކަން ވިސްނާށެވެ. ދެމީހުން ދައްކާ
ވާހަކައިގައިވެސް ތެދުވާކަން ޤަބޫލުކުރެވޭނަމަ، ދެމީހުންނަށް އަރައިރުން
މަޑުކުރަން ފަސޭހަވާނެ އެވެ.
29.
ފުރާވަރުގައި، އަނބިމީހާ، ފިރިހެނުން ރުއްސައި ލަންބަން، އަދި ފިރިމީހާ،
އަންހެނުން ރުއްސައި ލަންބަން ގެންގުޅުނު އުކުޅުތައް ހަނދާން ނައްތާ
ނުލާށެވެ. މިކަން ކާވެނީގެ އާދައަކަށް ހަދާށެވެ. ކަނޑައަޅާ ވަކި
ވަގުތެއްގައި ނުވަތަ ވަކި އިރެއްގައި ފުރާވަރުގައި އުޅުނުގޮތަށް ބައިވެރިޔާ
އާއެކު އުޅޭށެވެ. މިއީ ކާވެނީގެ ހޫނުކަމުގެ ހުޅުކޮޅު ނުނިވި ހުންނާނޭ
ގޮތެވެ. އެންމެ ފުރަތަމަ ދެމީހުން ރައްޓެހިވީގޮތް ހަނދާން ކުރާނޭ ޚާއްޞަ
ވަގުތެއް ހަމަޖައްސާށެވެ.
30.
ތިމާގެ އުޅުމާ ގުޅިގެން ހިތްހަމަ ނުޖެހޭ ވާހަކައެއް ބައިވެރިޔާ ބުނާނަމަ،
އެވާހަކަ ކަނުލައި އަޑުއަހާށެވެ. އަދި، އޭނާ ބުނި ވާހަކަ، އޭނާއަށް އެ
ލަފުޒުތަކުން ރަނގަޅަށް އިވުނުކަން ހާމަކޮށްދޭން ކިޔާދޭށެވެ. މިހެން
ކަންތައްތައް ކުރުމުން، ދިފާޢުކުރުމުގެ ރޫޙް ގޮސް، އޭނާ ބުނާ އެއްޗެއް
ވިސްނައިގަތުމަށް ފަސޭހަވެއެވެ.
31.
ވަރީގެ ޤާނޫނީ ވަކީލުން ވަރިވާން ދިމާވާ އެންމެ ބޮޑު ސަބަބު ބުނެއެވެ.
އެއީ ބައިވެރިން ކާވެނި އުފާވެރިކުރުމަށްޓަކައި އިންވެސްޓް ނުކުރާކަމެވެ.
އެކަމަށް މަސައްކަތް ނުކުރާކަމެވެ. އަހަރުމެންގެ ފައިސާ އާއި ވަގުތާއި
މަސައްކަތް ހޭދަކުރާކަންކަމަށް އަހުރެމެން ލޯބިކުރަމެވެ. ކާވެނި
އުފާވެރިކުރަން އިންވެސްޓް ކުރާނަމަ، ކައިވެންޏަށް ކުރާ ޤަދަރު
މަތިވާނެއެވެ. ވަޒީފާއަށް ނުވަތަ ވިޔަފާރިއަށް ނުވަތަ އެހެންކަންކަމަށް
ތިކުރާ އިންވެސްޓްމަންޓް، ކައިވެންޏަށް ކުރާށެވެ.
32.
ތިބާގެ ކާވެންޏަށް ލޯބިކުރުމަށް ތިބާއަށް އަޅާލާށެވެ. އަހުރެންގެ
ކައިރިއަށް އަންނަ ކިތަންމެ ޕޭޝަންޓުންނެއް ބުނަނީ އެމީހުންގެ ކާވެނި
ފޭލިވާން ދިމާވި ސަބަބަކީ އެމީހުންގެ ބައިވެރިޔާގެ މަތިން ފޫހިވުމެވެ.
ތިބާގެ އަމިއްލަ ހަށިގަނޑާއި ހުންނަ ގޮތަށް އަޅާލާނަމަ، ކާވެނި ތާޒާވެފައި
އޭގައި ދިރުން ހުންނާނެއެވެ. ކާވެނީގެ އައު ވަޢުދެއް މިއަދު ކަނޑައަޅާށެވެ:
އަމިއްލަ ހަށިގަނޑާއި އުޅުމާ ދޭތެރޭ އަޅާލާނަމެވެ. އޭރުން އިޙްތިރާމާއި
އިތުބާރުވެރި ގޮތެއްގައި ތިޔަ ދެމަފިރިން މުސްކުޅިވަމުން ދާނެއެވެ.
33.
ވަފާތެރިކަމަށް އިސްކަން ދޭށެވެ. އަނެއް ޖިންސްގެ މީހުންނާ މާ ގާތްވުމަކީ
އެއްކަމަކުން އަނެއްކަމަކަށް ކައްސާލަމުން ގޮސް އެންމެ ފަހުން ކާވެނި
މަރާލާނޭ ކަމެކެވެ. މޮބައިލް ފޯނާއި އިންޓަރނެޓްގެ ޒަމާނުގައި އެހެން
ފަރާތަކާ ކުރެވޭ ހުރިހާ މުޢަމަލާތަކީ ބައިވެރިޔާއަށް ފެނިދާނޭ އެއްޗެއް
ކަމަށް ބަލައި، ނޭދެވޭ މުޢާމަލާތް ކުރުމުން އެއްކިބާ ވާށެވެ. ތިބާގެ
މުޢާމަލާތް ރަނގަޅުތޯ ޗެކް ކުރަން، އޭނާ އެހެން މީހަކާ އެގޮތަށް މުޢާމަލާތް
ކުރާނަމަ، ތިބާއަށް ވާނޭގޮތް ހިތަށް ގެންނާށެވެ.
34.
މަޢާފު ދިނުން އާދައަކަށް ހަދާށެވެ. ކާވެންޏަކީ ފަސޭހައިން މަޢާފު ދޭ،
ދެމީހެއްގެ ދެމެދުގައިވާ ގުޅުމެކެވެ. އަހުރުމެން އެންމެންނަށް ކުށް
ކުރެވެއެވެ. އެކުށްތަކުން އެންމެ ބޮޑަށް ހިތްދަތިކުރުވެނީ އަހުރެމެން
އެންމެ ލޯބިވާ މީހާ އެވެ. ތިބާ މަޢާފުދިނުމަށް އަވަސް ވާނަމަ، އޭނާވެސް
ތިބާއަށް މަޢާފު ދިނުމަށް އަވަސްވާނެއެވެ.
35.
ލޯބިވުމަކީ ތިބާއަށް ލިބިފައިވާ އިޚްތިޔާރެކެވެ. މީހަކު ކިޔާދިނެވެ:
”އެއްދުވަހަކު އަހަރެން ހޭލާފައި، އަހަރެން ފިރިމީހާ ދެކެ ލޯބިނުވާކަން
ގަބޫލު ކުރެވުނެވެ. ދެން އަހަރެންނަށް ވިސްނުނު ކަމަކީ ލޯބިވުމަކީ
އަހަރެންނަށް ލިބިފައިވާ އިޚްތިޔާރެއް ކަމެވެ. އަހަރެން ބޭނުން ނަމަ، ލޯބި
ވެވިދާނެއެވެ. ބޭނުންނަމަ، ލޯބި ނުވެވިދާނެއެވެ. ދެން އަހަރެން ޤަޞްދުކުރީ
ފިރިމީހާ ދެކެ ލޯބިވުމަށެވެ.“ ތިބާ ބޭނުންނަމަ، އެއީ ފިރިމީހާއަށް ނުވަތަ
އަނބިމީހާއަށް ކުރެވިދާނޭ ކަމެކެވެ. އޭނާ އާ ދޭތެރޭ ލޯބިވާ މީހަކާ ދޭތެރޭ
ކަންތައްތައް ކުރާ ގޮތަށް ކަންތައްތައް ކުރާށެވެ.
36.
ވަރިވާން ވެގެން އަންނަ މީހުންގެ ކައިރިން އަހުރެންނަށް ފާހަގަ ކުރެވޭ
ކަމަކީ، އެމީހުން ބައިވެރިޔާ އާ ވާހަކަ ނުދައްކާ ކަމެވެ. ”މި މީހުން
އެމީހުންގެ ޙަޔާތުގެ ކަންތައްތައް ދާ ގޮތް، އަނބިމީހާއަކަށް ނުކިޔާ ދެއެވެ.
މަސައްކަތުން ގެއަށް އައިސް މަޑުން އިންނަނީއެވެ. ހަމަހިމޭންކަން
އިޚްތިޔާރު ކުރުމަކީ ކާވެނި ވަރުގަދަވާ ކަމެއްނޫނެވެ. އަނގަ ލައްޕައިގެން
އިނުމުން އޭނާވެސް އަނގަލައްޕައިގެން އިންނާނީ އެވެ. އެހެންވީމާ،
އަހައިފިނަމަ، ތިބާގެ ދުވަހުގެ ކަންތައްތައް ދިޔަ ގޮތުގެ ޚުލާޞާއެއް
ކިޔާދޭށެވެ. އެއީ ފޫހިކަމަކަށް ވިއަސް މެއެވެ. އަދި އޭނާގެ ދުވަހާ ބެހޭ
ގޮތުން ސުވާލުކުރާށެވެ.“
37.
އެއް ޓީމެއްގައި އުޅޭށެވެ. ކިތަންމެ ވަރަކަށް ދެބަސް ވިއަސް، ތިޔަ
ދެމީހުންނަކީ ޢަދާވާތްތެރިންނެއް ނޫނެވެ. ތިޔައީ އެއްޓީމަކަށް ކުޅޭ
ދެމީހުންނެވެ. އެހެންވީމާ، މަޢާފު ދިނުމާއި އެކު، ކުރިން ވެގޮސްފައިވާ
ކަންތައްތައް ހިތުގައި ބަހައްޓައިގެން ދުވަސްކޮޅުކޮޅުން އެ ވާހަކަ ތަކުރާރު
ނުކުރާށެވެ. ރުޅިއާއި ދެރަވުމުގެ ޝުޢޫރުތައް ފާޅުކުރާށެވެ. އެކަންތައްތަކާ
މެދު އޭނާއަށް އިނގިލިދިއްކޮށް އޭނާ ކުށްވެރި ނުކުރާށެވެ. ތި ޓީމަށް
ކާމިޔާބު ލިބޭނީ އޭރުންނެވެ.
38.
އެހެން ހިތްކިޔާފާޑުގެ މީހަކާ ބައްދަލުވިއަސް، އޭނާގެ ކިބައިގައި
އުނިކަންތައްތަކެއް ހުންނާނޭ ކަން ވިސްނާށެވެ. އަދި ކުރިމަތިވާ
ކަންތައްތަކެއްގެ ސަބަބުން ވަރަށް ބޮޑު މައްސަލަތަކެއް ޖެހިދާނެ ކަން
ވިސްނާށެވެ. ތަޅާފޮޅުން ނިމި، ހިރަފުސް އޮބޭއިރު، އަލަށް ގުޅުނު މީހާއާއެކު
އުޅެވެނީ ގިނަ ފަހަރު ވަކި އުފަލަކުން ނޫނެވެ. އެހެންވީމާ، ގުޅުނު މީހާއާ
އެކު އުޅެވޭތޯ ބަލާށެވެ. ތިމާމެން ދެމީހުން، އެކަކު އަނެކަކު އިންނަން
އިޚްތިޔާރު ކުރީ ޤަޞްދުގައިކަން ހަނދާން ކުރާށެވެ.
39.
އަބަދަކު އުފަލަކު ނޫޅެވޭނެއެވެ. އެއްވެސް ކާވެންޏަކީ ފިނިފެން މަލުގެ
ދާނެއް ނޫނެވެ. އެހެންކަމުން، މައްސަލަތައް ޖެހޭނެކަމާއި އެކަންކަން
ޙައްލުކުރަން ޖެހޭނެކަން އަބަދުވެސް ހަނދާން ކުރާށެވެ. މައްސަލަތައް
ކުރިމަތިވުމަކީ ކާވެނި ހަރޮށި ވާނޭ ކަމެކެވެ. ވިއްސާރަގަނޑުގައި ނުޖެހޭ
ކެޔޮޅުންނެއް ކަނޑުމައްޗަކަށް ނުހޭނޭނެއެވެ. ދިމާވާ މައްސަލަތައް އެކުގައި
ޙައްލުކުރުމުން އާޚިރުގައި ކާވެނި ހަރުދަނާ ވެއެވެ.
40.
ކާވެނީގެ ބައިވެރިޔާ ގެއްލިދާނެކަން ހަނދާން ކުރާށެވެ. މީހުން ހީކުރަނީ
ކާވެނިކުރުމުން، އަދި ދަރިން ލިބުމުން ދެން އެކުގައި އަބަދު އުޅެވިދާނެ
ކަމަށެވެ. އެކަމަކު ގިނަ ފަހަރު އެހެން ކަންތައްތައް ނުދާކަން ހަނދާން
ކުރާށެވެ. ރާއްޖޭގެ ކިތަންމެ ބައެއްގެ އަލަތު ކާވެނި ވަނީ ނާކާމިޔާބެވެ.
މިކަން ހަނދާނުގައި ބެހެއްޓޭނަމަ، ކާވެނި ރޫޅިދާނެކަމާއި މި ގުޅުމަކީ
ދާއިމީ ކަމެއް ނޫންކަމާއި ކޮންމެ ބައިވެރިޔަކުވެސް އަނެކާ ރުއްސަން ހަމަ
ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަންޖެހޭ ކަން ވިސްނޭނެއެވެ.
41.
ވަރީގެ ޤާނޫނީ ވަކީލަކު (ލޯޔަރަކު) ބުންޏެވެ. ގިނަ އަރާރުންތައް ފެށެނީ
އަންނަނިވި ދެ މާނަ ހިމެނޭ ޢިބާރާތުންނެވެ. ”އަބަދުވެސް“ އާއި ”އެއްވެސް
ގޮތަކަށް ނުކުރާ“ އިންނެވެ. މިފަދަ ލަފުޒުތަކުން ގިނަ ފަހަރު ވާގޮތަކީ،
އަނެކާގެ ކުށް ދެއްކުމަށް އެކަކަށް ހިތްވަރު ލިބެނީއެވެ. އޭގެ ބަދަލުގައި
ތިމާގެ އިޙްސާސްތައް ކިޔާދޭނަމަ މާ ރަނގަޅުވާނެ އެވެ: ”އަޙްމަދު ކުރިން
އަހަރެން ވަރަށް ރީއްޗޭ ބުނޭ؛ މިހާރު އެއްވެސް ގޮތަކަށް އެހެންނުބުނޭ…
މިހާރުވެސް އަހަރެން އަޙްމަދަށް ރީތިތަ؟“ މިހެން ބުނުމުގެ ބަދަލުގައި
ބުނާށެވެ: ”ހަނދާން ވޭތަ މި ދިޔަ މަހު ބާޒާރަށް ދިޔަރޭ؟ އަޙްމަދު އެރޭ
އަހަރެން ރީއްޗޭ ބުނީމަ ވަރަށް އުފާވި.“
42.
މަދުވެގެން އަހަރަކު އެއް ފަހަރު ދެމީހުން އެކަނި ޗުއްޓީއަށް ދެވެން
އޮތިއްޔާ ދާށެވެ. ކުރަން ގޭގައި ހުރި ކަންތައްތަކާއި ދުވަހީ ހާސްކަމާއި
މަސައްކަތްތަކަށް ބަލައި، އެކުގައި ޗުއްޓީއަށްދިއުމަކީ ދަތިކަމަކަށް
ވެދާނެއެވެ. ނަމަވެސް ދިރާސާ ތަކުން ދައްކަނީ ހަފުތާ ބަންދަކަށް ނަމަވެސް،
ދިރިއުޅުމުގެ ހާސްތަކުން ވަކިވެ، ދެމީހުންގެ ގުޅުންތައް ބަދަހިކުރުމަށް
އެކަހެރިވުމަކީ ކާވެންޏަށް މަންފާ ކުރާ ކަމެއް ކަމެވެ. މިފަދަ އެކަހެރި
ޗުއްޓީއަކުން، ތިމާ އެކަކު އަނެކަކު ދެކެ ލޯބިވާ ސަބަބު އަލުން ވަޒަންކޮށް
އިޙްތިފާލު ކުރެވޭނެއެވެ.
43.
ވަރުގަދަ ކައިވެންޏަކީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ.
ފައިސާގެ މުޢާމަލާތްތަކާއި ގަންނަންޖެހޭ ތަކެއްޗާއި މިފަދަ ކަންކަމުގައި
ބައިވެރިޔާއަށް އިތުބާރު ކުރާށެވެ. ދެމީހުން ބައިވެރިވެގެން ނިންމަންޖެހޭ
ނިންމުންތައް ނިންމަން މަޝްވަރާއަށް ހުށަހަޅާނެކަމަށް އޭނާއަށް އިތުބާރު
ކުރާށެވެ.
44.
ތިމާގެ ހިތްހަމަޖެހުމާއި އުފަލަށް ބައިވެރިޔާއަށް ބަރޯސާ ނުވާށެވެ. ކޮންމެ
ބައިވެރިޔަކު ވެސް، އެމީހުން ގަޔާ ވެގެން ކުރާނޭ ޝައުޤުވެރިވާ
ކަންތައްތަކެއް ހުންނަން ޖެހޭނެއެވެ. ތިމާގެ ހުރިހާ އުފަލަކާއި
މުނިފޫހިފިލުވުމަކީ އަނެކާގެ ޒިންމާއެއް ކަމަށް ދެކޭނަމަ، ތިކުރާ
އުއްމީދުތައް މާޔޫސްވުން ގާތެވެ. މަސައްކަތަށް ފަހު ގެޔަށް އައުމުން،
ތިމާއާ ދޭތެރޭ ލޯބިވެތިކޮށް ހިތައި، ތިބާގެ ދިރިހުރުމުގެ މުހިއްމުކަމުގެ
އަގު އޭނާ ވަޒަންކޮށްދޭނޭކަމަށް ހިތަށް އަރުވައިގެން ނުވާނެއެވެ. އެގޮތަށް
ކަންތައްތައް ކުރުމުން ހިތްހަމަޖެހުމެއް އަދި އުފަލެއްވެސް ނުލިބޭނެއެވެ.
ވީމާ، ކޮންމެ މީހަކުވެސް، ޝައުޤުވެރިވާ، އެމީހާ ކުރާހިތުން ކުރާ
ކަންތައްތަކެއް ހުންނަން ޖެހޭނެއެވެ. މިފަދަ ކަންތައްތަކުން، ދެމީހުން
އެކުގައި ޙިއްޞާކުރާނޭ ވަގުތާއި ޙަރަކާތްތަކެއްގެ ފުރުޞަތު ތަނަވަސް
ވާނެއެވެ.
45.
ފިރިންނަށް ދަސްވާންވީ ކަމަކީ އަނބިން ދައްކާ ވާހަކަތައް އެމީހުން ކަނުލާ
އަޑުއަހަން އެމީހުން އެދޭ ކަމެވެ. ފިރިން ކޮންމެހެން ހުރިހާ މައްސަލަތަކެއް
ހައްލުކޮށްދޭކަށް ނުޖެހެއެވެ. ކަނުލައި އަޑުއެހުމަކީ އަނބިމީހާއަށް ދެވޭ
އަގުހުރި ޚިލާފު ހަދިޔާއެކެވެ. އަނބިންނަށް އެނގެންވީ ކަމަކީ ފިރިހެނުން
އެކަނި އުޅެނޭ ވަގުތު ބޭނުންވާ ކަމެވެ. އެމީހުން ވަކިން އުޅޭނޭ ފުރުޞަތު
ދިނުމުން، އެމީހުންނަށް ތިބާގެ ލޮބުވެތިކަން ވަޒަންކުރަން ފަސޭހަވާނެއެވެ.
އަދި ކާވެންޏަށް އޮންނަ އިތުބާރު މަތިވާނެއެވެ.
46.
މުހިއްމު ވާހަކަތައް މަޑުމައިތިރި ތައާރަފަކާ އެކު ނޫނީ ނުފަށާށެވެ.
”ފާތުން… އަހަރެން ހޮނިހިރު ދުވަހު މަހަންދާން އުޅޭތީ ފާތުން
ބުނިއެއްޗަކުން މިހުރީ އޮޅިފައި… މި ވާހަކަ ދައްކާލަން ރަނގަޅު ވަގުތަކަށް
ވާނީ ކޮންއިރެއް؟“ މުހިއްމު ވާހަކަތައް ބައިވެރިޔާއާ ދައްކަން ފެށުމުގެ
ގޮތުން މަޑުމައިތިރި މަގަކުން އެ ވާހަކަ ތަކަށް ވާސިލު ވުމުން މާ އެދެވޭ
ނަތީޖާއެއް ނުކުންނަކަމަށް އަހަރެން ކައިރިއަށް ކާވެނީގެ
މައްސަލަތަކާއިގެން އަންނަ މީހުން ބުނެއެވެ.
47.
އުފަލުން އުޅޭށެވެ. ކާވެންޏަކީ އަމިއްލަ ނަފުސާ ގުޅޭ ކަމެކެވެ. ބުނަން
ހެއްޔެވެ؟ ކަމަނާއެވެ. ތިބާ އުފަލުން ނޫޅޭނަމަ، ތިބާއަކަށް އުފާވެރި
ކާވެންޏެއްގައެއް ނޫޅެވޭނެ އެވެ. މިއީ މައްސަލައިގެ ފެށުމާއި ނިމުމެވެ. 13
އަހަރު ވަންދެން ފްލައިޓް އެޓެންޑެންޓަކަށް އުޅުމުގެ ވަޒީފާއިން އެއްޗެއް
ބުނިޔަ ދޭށެވެ: ”އެންމެ ފުރަތަމަ، ތިމާ އޮކްސިޖަން މާސްކް އަޅުއްވާށެވެ.
އެއަށްފަހު އެހެން ފަސިންޖަރުންނަށް އެހީތެރިވެދޭށެވެ.“ އެންމެ ފުރަތަމަ،
ތިމާއަށް ރަނގަޅު ނިންޖާއި ކަސްރަތް ލިބޭތޯ ބަލާށެވެ. އަދި ރަނގަޅަށް ތިމާ
ކައި، އަމިއްލަ ނަފުސައްޓަކައި ރީތިކޮށް ހުރެވޭތޯ ބަލައި، ހިނިތުންވެ
ވިސްނުން ހިންގާށެވެ. ކާވެނީގެ އުފާވެރިކަމަކީ ފަހުން އަންނަ ކަންތަކެވެ.
އަދި އެއީ މިކަމުގެ ނަތީޖާއެވެ. ކާވެނި އުފާވެރިވުމުން ތިބާ އުފާވަނީކީ
ނޫނެވެ.
48.
ކާވެނީގެ ހުޅުކޮޅު ގަދަޔަށް ރޯވެފައި ހުރުމަށް އެއްކޮށް އުޅޭ ވަގުތާއި
އެކަހެރި ވަގުތުތަކުގެ ތަފާތު ދެނެގަންނާށެވެ. އެކިއެކި ސޯޝަލް
ކަންތައްތަކުގައި ދެމަފިރިން އެއްކޮށް އުޅުމާއި، އާއިލާއާއެކު އެއްކޮށް
އުޅުމާއި ގޭގެ މަސައްކަތް އެއްކޮށް ކުރުމާއި އެކަހެރިކޮށް ދެމަފިރިން
ވަގުތު ހޭދަކުރުން ތަފާތެވެ. އައު ކަންތައްތައް ތަޖުރިބާކުރުމަށް ދެމީހުން
އެކަނި ހޭދަކުރާނޭ ވަގުތުތަކެއް ހޯދާށެވެ. ހިނގަން ދިއުމާއި އައު
ތަޖުރިބާތަކަށް ދެމީހުން އެކަނި ހޯދާ ވަގުތަކީ އެކެހަރި ވަގުތެވެ.
49.
ކާވެނީގައި ދެމީހުންގެ މުޢާމަލާތްތައް ކިހިނެއް ހެއްޔެވެ؟ ގިނައީ
ހިތްހަމަޖެހޭ މުޢާމަލާތްތައް ހެއްޔެވެ؟ ނޫނީ ހިތްހަމަ ނުޖެހޭ
މުޢާމަލާތްތައް ހެއްޔެވެ؟ ތިބާގެ ބައިވެރިޔާ ތިބާއާ ދޭތެރޭ އޯގާތެރިކަމާއި
ހިތްހެޔޮކަމާއި އިޙްތިރާމާއި ކެތްތެރިކަމާ އެކު މުޢާމަލާތް ކުރާނަމަ،
އެގޮތަށް އޭނާއާ ދޭތެރޭ މުޢާމަލާތް ކުރަން ފަސޭހަވާނެއެވެ. ރުޅިވެރިކަމާއި
ނަފުރަތާއެކު މުޢާމަލާތްކުރާ ނަމަ، ތިމާ އިޖާބަ ދޭއިރު ނިޔަނެތިވާން
ދަތިވާނެއެވެ. އެހެންކަމުން، އަނެކާއަކީ ބޮޑު ދަރުމައެއް ކަމަށް ބަލައި
މުޢާމަލާތް ކުރަން ފަށަމާތޯއެވެ؟ ނަތީޖާއަކަށް ވާނީ ތިމާއާއި ތިމާގެ ކާވެނި
ބާއްޖަވެރިވުމެވެ.
50.
ބައިވެރިޔާއަކީ ތިމާއަށް ތިމާގެ ނަފުސު ދެނެގަތުމަށް ލޯގަނޑެއް ކަމަށް
ދެކޭށެވެ. އަދި އޭނާއާ ދޭތެރޭ ރުޅިއައިސް ހިތްހަމަ ނުޖެހޭ ކަމެއް
ވެއްޖެނަމަ، އެ ލޯގަނޑުން ބަލައި، ތިމާގެ އުޅުން ފުރިހަމަ ކުރަން
މަސައްކަތް ކުރާށެވެ.
[ތަރުޖަމާއެއް]
Comments