Skip to main content
ހއ. ހޯރަފުށީގައި ޤާއިމުކުރެވިފައިވާ ނަރުދަމާގެ ނިޒާމު އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު


بســم اللّـه الرّحمـن الرّحيــم
      
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
މި ފުށްޓަށް އަފުރެން އަންނަން ހޯރައަޅާތާ ވަރަށް ދުވަސްވެއްޖެ. އަފުރެން އައުމާއެކީ އަފުރެންނަށް ތިކީ މަރުޙަބާއަށް ހޯރަފުށީގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަދި ކައިރި ރަށްރަށުން ވަޑައިގެންނެވި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ، އަޅުގަނޑާއި އަޅުގަނޑުގެ ޓީމުގެ ފަރާތުން ޝުކުރު ދަންނަވަން.
 
މިހާ ނުވަގުތެއްގައި އަޅުގަނޑުމެން އައުމުންވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މިރަށުގެ ރައްޔިތުންގެ ތެރޭގައި، އަޅުގަނޑުމެންނާ ދޭތެރޭގައި ރައްޔިތުންގެ މެދުގައި އުފެދިފައި އޮތް އިޚްލާޞްތެރި ޝުޢޫރުތައް. އަދި ހަމައެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިރަށުގެ މަލަމަތި ޒީނަތްތެރި ކުރެވިފައި މިވަނީ ތިޔަބޭފުޅުންގެ އުންމީދާއި ޖޯޝުން ފުރިގެންވާ މަންޒަރުތަކުން. އާދެ، ދިވެހި ސަރުކާރުން ﷲގެ އިރާދަފުޅާއެކީ ރައްޔިތުންނަށް ފުއްދައިދޭން ބުނެފައި ހުރި ވަޢުދުތައް، ތިޔަބޭފުޅުން އެ ވަޢުދުތައް ބަލައިގަންނަވާ މިންވަރު، އަޅުގަނޑުމެންނަށް މިރަށުގެ މަލަމަތިން ފެނިގެން މިދަނީ.
 
އާދެ، ﷲގެ ރަޙްމަތާއެކީ މިކަންކަން ޙަޤީޤަތަކަށް ވެގެންދާނެ. ﷲ އަކީ ގަދައަޅައި މަސައްކަތްކުރާ އަޅުންނަށް ނަޞްރާއި ކާމިޔާބު މިންވަރު ކުރައްވާ އިލާހު. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އިރާދަކުރެއްވިއްޔާ އިހަވަންދިއްޕޮޅު ތަރައްޤީކުރަން ކުރާ މަސައްކަތް. އުތުރުން ގޮސް ތުރާކުނާ ހަމައިން ފެށިގެން ގޮސް މުޅި ރާއްޖޭގެ ހުރިހާ ދިމާއެއް، އައްޑުއަތޮޅާ ހަމައަށް ތަރައްޤީކުރަން ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ސަރުކާރުގެ މިހާރުގެ އަމާޒަކަށް، ދެއަހަރުބައި ވެގެންދިޔައިރު، އަމާޒަކަށްވެފައި މިއޮތީ، އުތުރުގައި މިހިރަ އަތޮޅުތައް ޓޫރިޒަމްގެ ޞިނާޢަތުން ޒީނަތްތެރިކޮށްލުން. އާދެ، ބޭނުމަކަށްވަނީ މި ދާއިރާގެ ރަށްރަށަށް ބޭނުންވާ ތަރައްޤީ ގެނެސްދިނުން. އޭގެ ފެށުމެއްގެ ގޮތުން އަޅުގަނޑު މީގެ ދެތިން ރެއެއް ކުރިން އިޢުލާނުކުރީ ހޯރަފުށީގައި އެއަރޕޯޓެއް ހަދާ ވާހަކަ. އެ އިޢުލާނު އަޅުގަނޑުމެން ކުރިއިރު، އަޅުގަނޑުމެން މީގެ މަސައްކަތްތަކެއް ވަނީ ކޮށްފައި. ހޯރަފުށީގެ އެއަރޕޯޓަކީ ކުޅުދުއްފުށީގެ އެއަރޕޯޓާއެކީ، މި އުތުރުގެ ސަރަޙައްދު، ތިލަދުންމަތީގެ ސަރަޙައްދު، މިދެންނެވި ގޮތަށް އުފާފާގަތި ރައްޔިތަކު އުޅޭ ސަރަޙައްދަކަށް ބަދަލުކޮށްލުމަށް އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓް ޓީމުން ކުރައްވާ މަސައްކަތް.
 
އާދެ، އަޅުގަނޑުމެންގެ ތަރައްޤީ އަމާޒު، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ބަޔާންކުރެވިފައި އެވަނީ. އަޅުގަނޑުމެން ބޭނުންވަނީ، ކުރުގޮތަކަށް ދަންނަވާ ކަމަށްވަންޏާ، ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ފުދުންތެރިކަން އިތުރުވެގެންދިޔުން. ރައްޔިތެއްގެ ފުދުންތެރިކަން އިތުރުވެގެންދާއިރު، އެކަންކަން ކުރެވޭނީ، ދެހާހަށްވުރެ މަތީ އާބާދީ، މިސާލަކަށް، ހޯރަފުށްޓަށް ބަލާކަމަށްވަންޏާ، ހޯރަފުށްޓަށް ބޭނުންވާ މިދެންނެވި ކަހަލަ ހުރިހާ ޚިދުމަތްތައް ހޯރަފުށީގައިވެސް ހަމަވެގެން، ހަމަޖެހިގެން. ހޯރަފުށީގައި މިއަދު މި ހުޅުވިގެން މިދަނީ، ނޫނިއްޔާ ނިންމުމުގެ ރަސްމިއްޔާތު، އަޅުގަނޑުމެން މި ފާހަގަކުރަނީ ނަރުދަމާގެ ފަސޭހަކަން ހޯރަފުށީގެ ލޮބުވެތި ރައްޔިތުންނަށް ލިބިގެންދާކަން. މިއީކަންނޭނގެ، ނަރުދަމާއެއް ފަށައިދޭންވެސް އަޅުގަނޑު އައި ރަށަކީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް އުފާ ލިބެނީ، އަޅުގަނޑަށް އުފާވެރިކަމާއި ޝަރަފް މި ލިބެނީ، ހޯރަފުށީގެ ނަރުދަމާ ނިންމުމުގެ މަސައްކަތް، އާދެ، ނަރުދަމާގެ ފަސޭހަކަން ފެށުމުގެ މަސައްކަތް ރައްޔިތުންނަށް ލިބޭ އިޙްތިފާލުގައި، ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމުގައި ބައިވެރިވުމުގެ އުފާ.
 
އެޔާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ހަމަ މިރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމަށް ބޮޑުހިލަ ޖެއްސުމުގެ މަސައްކަތް މިވަނީ ފެށިފައި. ދެހާހަށްވުރެ މަތީގެ އާބާދީއަކަށް ބޭނުންވާ ވަރަށްގިނަ ޚިދުމަތްތަކެއް އިރާދަކުރެއްވިއްޔާ ހޯރަފުށީގައި މިދަނީ ހަމަޖެހެމުން. ކުރިއަށް ހުރި ކަންތައްތަކަށް ބަލާކަމަށްވަންޏާ، ދެން ހޯރަފުށްޓަށް އެންމެބޮޑު، ނޫނިއްޔާ އެންމެ އިސްކޮށް ބޭނުންވާނެ ކަމެއްގެ ގޮތުގައި މިއޮތީ ހޯރަފުށްޓަށް ސާފު، ރައްކާތެރި ބޯފެން ލިބިގެން ދިޔުން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މިހާރުވަނީ މީގެ ހުރިހާ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް ކޮށް ނިންމާ ހިސާބަށް ގޮސްފައި. އަޅުގަނޑަށް އުންމީދު ކުރެވެނީ، މިއަހަރުގެ ތިންވަނަ ކްއާޓަރުގެ ތެރޭގައި، އާދެ، ފަހު ތިންމަސްދުވަހުގެ ތެރޭގައި، އަޅުގަނޑު އުންމީދު ކުރަނީ، މި މަސައްކަތުގެ ޢަމަލީ މަސައްކަތް، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިރަށުގައި ފެށިގެންދާނެ ކަމަށް.
 
ފެނާއި ނަރުދަމާއާ، މިހެންގޮސް މިރަށަށް ބޭނުންވާ ބޮޑެތި ޚިދުމަތްތައް އިރާދަކުރެއްވިއްޔާ މި ހަމަޖެހިގެންދަނީ. އެހެންނަމަވެސް، އަޅުގަނޑުމެން އިންސާނުންނަކީ، އަޅުގަނޑުމެންގެ ޠަބީޢަތް ނިޔާކުރާގޮތުން އަބަދުވެސް އިތުރު ކަންކަން ބޭނުންވާނެ ބައެއް. އަޅުގަނޑުމެން ބޭނުންވާ ކަންކަމުގެ ތެރޭގައި، ޝައްކެއްވެސްނެތްގޮތުގައި، މިވަރުގެ އާބާދީ ހުންނަ ރަށްރަށުގެ ތެރޭގައި މަދަނީ މަޞްލަޙަތު ބެލެހެއްޓުމަށްޓަކައި ފުލުހުންގެ ރެޒިޑެންސެއް، ނޫނީ ފުލުހުން ޙަރަކާތްތެރިވާނެ މަރުކަޒެއް ހުންނަންޖެހޭ ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން. އެނގިވަޑައިގަންނަވާނެ، މިހާރު މި މަރްކަޒު އެޅުމުގެ މަސައްކަތްވެސް މިވަނީ ބީލަމަށްލެވިފައި. އިރާދަކުރެއްވިއްޔާ، ހަމަ މިއަހަރުގެ ތެރޭގައި މި މަރުކަޒު އެޅުމުގެ މަސައްކަތް ފެށިގެންދާނެ.
 
ދެންމެ ވަރަށް އިޙްސާންތެރިކަމާއެކީ، އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރެއިން ކައުންސިލްގެ ރައީސް ޢަލީ ޢާރިފް އަދި ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އިސްމާޢީލްގެ ވާހަކަފުޅުގައި، މިރަށުގައި އަދި މި ދާއިރާގައި ކުރެވިފައި ހުރި ބައެއް ކަންތައްތަކުގެ ވާހަކަ އެ ވިދާޅުވީ. އާދެ، ހަމަ ކޮންމެ ދިމާއެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ ހަމަ މަސައްކަތްތަކެއް ކޮށްދެވޭތޯ. ސްކޫލް ޢިމާރާތް ކުޑަވާކަމަށްވަންޏާ، ސްކޫލް ޢިމާރާތް ބޮޑުކޮށްދެވޭތޯ އެބަ ބަލަމު. ސްކޫލަށް ބޭނުންވަނީ މަލްޓި ޕަރޕަސް ހޯލެއް ކަމަށްވަންޏާ، ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް ނިންމައިދެވޭތޯ އަޅުގަނޑުމެން ބަލަން. އަޅުގަނޑު އުންމީދު ކުރަނީ، މިއަހަރުގެ ތެރޭގައި މި މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތް މިހާރު ގާތްގަނޑަކަށް އެހެރީ ނިމިފައި. މިއަހަރުގެ ތެރޭގައި ދަރިވަރުންނަށް މި މަލިޓް ޕަރޕަސް ހޯލްގެ ބޭނުންހިފަން ލިބޭނެ.
 
އަދި ހަމައެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު އެންމެ އިސްކަމެއްދޭ ބަޔަކީ ޒުވާނުން. މިއީ އެއްގޮތަކަށްވެސް ދޮށީ ރައްޔިތުންނަށް އިޙްތިރާމް ނުކުރާތީ، ނޫނީ ލޯބިނުވާތީކީ ނޫން. އަޅުގަނޑު ލޯބިވަން، ދިވެހި ހުރިހާ ރައްޔިތުންދެކެ. ޒުވާނުންގެ ޙަރަކާތްތަކަށް ބަލާކަމަށްވަންޏާ، ހަމަ މިރަށުގައި ހިނގާ ކަންތައްތައް އަޅުގަނޑު ހަމަ މި ދަންނަވާލަނީ. ޒުވާނުންގެ ޙަރަކާތްތަކަށް ބަލާކަމަށްވަންޏާ، ޒުވާނުންނަށް އެންމެ ފޯރިގަދަ އެއްކަމަކަށް މިވަނީ ފުޓްސަލް ދަނޑުގައި ފުޓްބޯޅަ ކުޅެލުމުގެ އުފާ. އަވިނުދޭ ގަޑިގަޑީގައި ފުޓްބޯޅަ ކުޅެލުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަދުވެސް އަވިނުދޭ ގަޑިއެއްގައި، ދެން އަވިނުދޭ ގަޑިއެއްގައި، ފުޓްސަލް ދަނޑު މިރަށުގައި ހުޅުވިގެންދާނެ.
 
އަންހެން ކަނބަލުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ބަށިކޯޓު، ވޮލީކޯޓު، އަދި ބާސްކެޓްބޯޅަ ކޯޓާ، އަދި މިނޫންވެސް އެހެން ކަންކަން، ސްޕޯޓްސް އެރީނާއަށް ތަރައްޤީކުރަން ބޭނުންވާ މަސައްކަތުގެ ތެރެއިން، ބާސްކެޓް، ވޮލީ، ބަށި، މިފަދަ ކޯޓުތައް އެޅުމުގެ މަސައްކަތް މިހާރު އެވަނީ ސިފައިންގެ ވެލްފެއަރ މަސައްކަތްކުރާ ކުންފުންޏާ ޙަވާލުކުރެވިފައި. އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ފެށިގެންދާނެ. އެހެންވީމާ، ޒުވާން ރައްޔިތަކަށް ބޭނުންވާ، ޒުވާން ރައްޔިތަކަށް ބޭނުންވާ ގިނަ މަސައްކަތްތައް މިހިރީ ފެށިފައި. މި މަސައްކަތް މިގޮތަށް ކުރުމުގެ ބޭނުމަކަށްވަނީ، އަޅުގަނޑުމެންނަކީ، ހަމައެކަނި އަޅުގަނޑުމެންގެ ތަރައްޤީގެ ތެރޭގައި، ރަށަށް ބޭނުންވާ ޚިދުމަތް އެކަނި ލިބިގެން ފުދޭ ބަޔަކަށް، މިއަދު އަޅުގަނޑުމެންގެ ރައްޔިތުން ގަބޫލުނުކުރާތީ. އަޅުގަނޑުމެންގެ ރައްޔިތުން ގަބޫލުކުރަނީ، އަޅުގަނޑުމެންގެ ރައްޔިތުން ކުރިއަށްދާން ބޭނުންވާ ހުރިހާ ދާއިރާއެއްގައި ކުރިއަށް ދެވޭނެ މަގު، ކޮންމެ ސަރުކާރެއް އޮތަސް ތަނަވަސްކޮށްދޭންވާނެ ކަމަށް. އަޅުގަނޑުމެންގެ ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި އުފަލާއެކީ ގަބޫލުކުރަނީ، ރައްޔިތުން ބޭނުންވާ ކަންކަން އަޅުގަނޑުމެން ކޮށްދިނުން. އެކަންކަން ކޮށްދިނުމުގައި، މިދެންނެވި ކަހަލަ ޚިދުމަތްތަކުގެ އިތުރަށް، ރައްޔިތުންގެ އާމްދަނީ އިތުރުވާނެ ގޮތްތަކާ ދޭތެރޭގައި، ސަރުކާރުގެ ވިސްނުން އަމާޒުވެގެން މިދަނީ.
 
އަޅުގަނޑުމެންގެ ޓީމުން މަސައްކަތް މިކުރަނީ، ރެޔާދުވާލު މުރާލިކަމާއެކީ، މިދެންނެވި ޚިދުމަތްތައް އަވަސްގޮތަކަށް ދެވޭތޯ. އަވަސްކޮށް މަސައްކަތް ކުރުމަކީ، ޝައްކެއްވެސްނެތްގޮތުގައި ރައްޔިތުންނަށް އޭގެ ފައިދާ އެންމެ ބޮޑަށް ލިބިގެންދާނެކަން. މަސައްކަތް ކުރުމުގައި ވައްޓަފާޅިއަށް ގެނެވޭ ބަދަލުގެ ސަބަބުން އަޅުގަނޑުމެންނަށް އަވަސް ނަތީޖާތަކެއް ނެރެވޭގޮތަށް އިރާދަކުރެއްވިއްޔާ ކަންކަން ކުރެވިގެން މިދަނީ. މިކަންކަން ކުރުމުގެ ތެރޭގައިވެސް ރައްޔިތުން ކަންބޮޑުވާ ކަންކަމަށް، މި މަޝްރޫޢުތައް ހިންގާއިރު، ޓެންޑަރ ކުރުމުގައި، ރައްޔިތުން ކަންބޮޑުވާ ކަންކަމުގެ ތެރޭގައި، ފަސާދައިގެ ޢަމަލުތައް ހިމެނޭތީއާއެކީ، ކޮންމެވެސްވަރަކަށް މަޝްރޫޢުތައް ދިގުލައިގެންދަނީ. ނޫނީ މަޝްރޫޢުތައް ފެށުން ލަސްވެގެންދަނީ. އަޅުގަނޑުމެން މިހާރުވެސް މި މަޝްރޫޢުތައް ދޫކުރާއިރު، ކުރީގައި ހަމަ އޮންނަ ހުރިހާ އުޞޫލަކަށް، ޓެންޑަރ ކުރުމާއި، ޓެންޑަރ އިވެލުއޭޓް ކުރުމާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން މައްސަލައެއް ބެލުމުގެ ބޭނުމުގައި މަޝްރޫޢު ހުއްޓާލަންޖެހޭ ކަމަށްވަންޏާ، އެއަށްވެސް ޖާގަލައިގެން، އަޅުގަނޑުމެން މަޝްރޫޢުތައް މިގެންދަނީ. އެހެންނަމަވެސް، އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތަފާތަކީ، މަސައްކަތް އަވަސްކުރުމަށް، މިނޫން އެހެން ދާއިރާތަކުގައި ކުރެވެން ހުންނަ ވަރަށްގިނަ ކަންތައްތައް ހުރީމަ، އެ މަސައްކަތުގެ ފަސޭހަކަން ހޯދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުން އިރާދަކުރެއްވިއްޔާ މަޝްރޫޢުތައް އަވަސްވެގެން މިދަނީ.
 
އަޅުގަނޑުމެން އުންމީދުކުރަން އިރާދަކުރެއްވިއްޔާ، އެއަރޕޯޓްގެ ޚިދުމަތް މިރަށުގައި، ހޯރަފުށީގައި މި ކުރިމަތީގައި މިއޮތް ތިލަ ހިކިގެންދާއިރު، އިރާދަކުރެއްވިއްޔާ 2018 ވަނަ އަހަރު ނިމުމުގެ ކުރިން މިރަށަށް ދެން އަރާނީ ހޯރައެއް ނޫން، ހަމަ އުދުއްސާފައި ޖައްސާނެ މަތިންދާބޯޓް ޖައްސާނެކަމާ ދޭތެރޭގައި އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑު އެހެން މި ދަންނަވާލި ސަބަބަކީ، ކުރީގައި ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ ޓީމުގެ ޢަޒުމަކަށްވެފައި މިއޮތީ، ކުޅުދުއްފުށީގައި އެއަރޕޯޓެއް އެޅުން. ކުޅުދުއްފުށީގެ އެއަރޕޯޓް ލަސްވެގެން ދިޔައީވެސް ސަރުކާރުގެ މައްސަލަތަކެއް އުޅޭތީކީ ނޫން. ކުޅުދުއްފުށީގެ އެއަރޕޯޓް ފުރަތަމަ ލަސްވެގެންދިޔައީ، ކުޅުދުއްފުށްޓަށް ސަރުކާރުން ފޮނުވި ޓީމުން މަސައްކަތް ކުރަން ދިޔައިރު، ކުޅުދުއްފުށީގެ އެއަރޕޯޓް އަޅާނެ ޖާގަޔާ ދޭތެރޭގައި ރައްޔިތުންގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމެއްގެ ތެރޭގައި. ކައުންސިލްގައި އުފެދުނު ނުތަނަވަސްކަމެއްގެ ތެރޭގައި، ކުޅުދުއްފުށީގެ އެއަރޕޯޓް ލަސްވެގެން އެދިޔައީ. އެހެންނަމަވެސް، މިހާރު ދެވަނަ ވިސްނުމަކަށް ވަޑައިގެންފައި، އަޅުގަނޑުމެންނާއެކީ މިހާރު އެއޮތީ އެއްބަސްވެވަޑައިގެންފައި، ކުޅުދުއްފުށީގައި އެއޮތް ކުޅި ހިއްކައިގެންވެސް އެއަރޕޯޓް އެޅުމަކީ ކުރެވިދާނެ ކަމެއް ކަމަށް. އެހެންވީމާ، އަޅުގަނޑުމެންގެ މަސައްކަތް މި ފަށަނީ، ހޯރަފުށްޓާއެކީ ކުޅުދުއްފުށި، އަދި ހަމައެހެންމެ، ށ. އަތޮޅުގައި ފުނަދޫގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް. މިއީ އުތުރަށް އަޅުގަނޑުމެން ޓުއަރިޒަމާއެކީ ތަރައްޤީ ގެންނަން ކުރާ މަސައްކަތް. އަޅުގަނޑުމެން ހަމަ އުންމީދު މިކުރަނީ، އިރާދަކުރެއްވިއްޔާ 2018 ގައި ވޯޓްފޮށްޓާ ހަމަޔަށް ވަޑައިގަތުމުގެ ކުރިން، މި ތިން ރަށުގައިވެސް އެއަރޕޯޓް އަޅައި، އަދި މި ރަށްރަށަށް ބޯޓުޖައްސައި، ބޯޓު އުދުއްސާތަން އަޅުގަނޑުމެންނަށް ފެނިގެންދާނެކަމަށް.
 
އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، ހަމަ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ، ވަރަށް ހިތްޕުޅުހެޔޮކަމާއެކީ ވަރަށްގިނަ ހަދިޔާ އަޅުގަނޑަށް ކުރައްވާފައި ހުރީމަޔާއެކީ، އެހުރިހާ ބޭފުޅުންނަށް ވަކިވަކިން ހަމަ އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވާލަން ބޭނުންވޭ. ތަރުތީބުންދާ ކަމަށްވަންޏާ، އެންމެ ފުރަތަމަ މިރަށުގެ ކައުންސިލްގެ ރައީސް ޢަލީ ޢާރިފް، ވަރަށް އިޙްސާންތެރިކަމާއެކީ، ވަރަށް ހެޔޮބަސްފުޅުތައް އަޅުގަނޑަށް ހަދިޔާކުރައްވައިފި. އޭގެތެރޭގައި، މި ދާއިރާގެ ޢަޒުމު ވަރަށް ސާބިތުކަމާއެކީ ހުށަހަޅުއްވައިދެއްވައިފި. އެހެންވީމާ، ޢަލީ ޢާރިފަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު މި ދަންނަވަނީ، ހޯރަފުށީގެ ހުރިހާ ރައްޔިތުންގެ ޝުޢޫރުތައް، އެމަނިކުފާނުގެ އިޚްލާޞްތެރި ޝުޢޫރުތަކުގެ ތެރޭގައި ހިމެނިގެންދާތީ، އެކަމަށް ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން. ހަމައެހެންމެ، ޢަލީ ޢާރިފަށްފަހު ވާހަކަފުޅު ދެއްކެވި ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އިސްމާޢީލްގެ ވާހަކަފުޅުގައިވެސް ތަކުރާރުކޮށް އެ ޝުޢޫރުތައް އަޅުގަނޑާ ހަމަޔަށް ހަދިޔާ ކުރައްވައިފި. ވަރަށް އިޙްސާންތެރިކަމާއެކީ ހަދިޔާ ކުރައްވައިފި. އަޅުގަނޑު ގަބޫލުކުރަނީ، ހަމަ ތަކުރާރުވެގެން މި އަންނަނީ، ރައްޔިތުންގެ ހެޔޮ ޝުޢޫރުތައް އަޅުގަނޑުމެންނާ ދޭތެރޭގައި އެހާވަރަށް ފާޅުކަންބޮޑުގޮތެއްގައި އެކުލެވިފައިވާތީއޭ. އަޅުގަނޑަށް ޝައްކެއްނުކުރެވޭ، އަޅުގަނޑުމެން މިރަށަށް އައިމަ، އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި މަރުޙަބާއިން އެކަނި އަޅުގަނޑަށް ފުދޭ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އޮތް ޝުޢޫރުތައް އަޅުގަނޑުމެންނާ ހަމަޔަށް ތިލަކޮށްލަދެއްވާތީ. އެކަމަށްޓަކައި މުޙަންމަދު އިސްމާޢީލަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު މި ދަންނަވަނީ. މުޙަންމަދުގެ ވާހަކަފުޅުގައި ވިދާޅުވި، މި އުތުރުގެ އަތޮޅުތަކުން ވޯޓުގެ އިންތިޒާމު ހަމަޖައްސަވަން ބޭނުންފުޅުވާގޮތް. ޚާއްޞަކޮށް، އޭނަ ހިމެނިވަޑައިގަންނަވާ ދާއިރާ، ހއ.އަތޮޅުގެ ދާއިރާތަކުން 5 މެންބަރުން ގުޅިވަޑައިގަންނަވައިގެން މަސައްކަތްތަކެއް ފަށްޓަވަން ރަމަޟާން މަސް ދުއްވާލައްވާފައި. އެހެންވީމާ، މުޙަންމަދު ފޫގަޅުއްވަން ބޭނުންވާ ހުރިހާ ކަމެއް އަޅުގަނޑުގެ ފަރާތުން ފަހިކޮށްދޭނަން. އެކަމަށްޓަކައި ދާއިރާގެ 5 މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ޝުކުރު ދަންނަވަން.
 
އަޅުގަނޑު ހަމަ އެބޭފުޅުންނަށްވެސް، އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިކަމުގައި އަޅުގަނޑުމެންގެ ސަރުކާރު އައީ އަޅުގަނޑުމެންނަކީ ސިޔާސީ މަސައްކަތް ކުރަން ދަންނަ ބަޔަކަށްވާތީކީ ނޫން. ހަމަ ތެދުތެދަށް ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑަކީ ސިޔާސީ މަސައްކަތް ކުރަން ދަނެގެން، އެކަން ކުރަން އުޅޭ މީހެއް ނޫން. އަޅުގަނޑަކީ އަޅުގަނޑުގެ ތަޢުލީމީ ޙަޔާތުގައި، އިޤްތިޞާދާ، މިކަހަލަ ޞިނާޢީ މަސައްކަތްތަކާ، މިކަހަލަ ގުޅުންހުރި މާއްދާތައް ކޮންމެވެސްވަރަކަށް އުނގެނޭތޯ މަސައްކަތްކުރި މީހެއް. އެހެންވީމާ، އަޅުގަނޑަށް އޭގެ ޒާތުގައި އެންމެ ދުރު ދާއިރާއަކަށް ޙަޤީޤަތުގައިވެސް ވާނީ ސިޔާސީ މަސައްކަތްތައް. އެހެންނަމަވެސް، ރައްޔިތުންނަށް ޚިދުމަތް ކުރާށާއި، އޭރު އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، އަޅުގަނޑުގެ ބޭބެ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އެދިވަޑައިގަތުމާއެކީ އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ. އެހިސާބުން އަޅުގަނޑުގެ ސިޔާސީ މަސައްކަތް ފެށިފައި މިއޮތީ. އެއީކީ އެއްގޮތަކަށްވެސް ސިޔާސީ މަސައްކަތުގެ ތެރޭގައި އުޅޭކަށް އަޅުގަނޑު ބޭނުންވާތީކީ ނޫން. އެހެންނަމަވެސް، ފިޠުރަތުން ކަންކަން ނިންމަވާގޮތަށް، ހުރިހާ ކަމެއްވެސް ހަމަޖެހިގެންދާނީ، ތަރުތީބުވެގެންދާނީ. އޭގެ ނަތީޖާއަކަށް ވެގެން މިދިޔައީ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ތަނަވަސް ތާއީދު އަޅުގަނޑަށް ދެއްވުމާއެކީ، އަނެއްކާވެސް ތިޔަބޭފުޅުންނަށް އިތުރު މަރުޙަލާއެއްގައި، ނޫނިއްޔާ ތަންކޮޅެއް ފަސޭހައިން ކަންކަން ނިމޭ މަރުޙަލާއަކާ ހަމަޔަށް، ތިޔަބޭފުޅުންގެ ތާއީދާއެކީ އަޅުގަނޑަށް އާދެވުނީ. އެހެންވީމާ، އަޅުގަނޑުމެން މިކުރަނީ އިޚްލާޞްތެރި މަސައްކަތެއް. އަދިވެސް އަޅުގަނޑުމެން ކުރަން ބޭނުންވަނީ ސިޔާސީ މަސައްކަތެއް ނޫން.
 
ހަމައެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެން ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް، އެ ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ތެރޭގައި، ޠާރިޤު އިބްރާހީމް، އަޅުގަނޑުގެ އަޚު، އެމް.ޑީ.އޭ.ގެ ލީޑަރު އަޙްމަދު ސިޔާމްވެސް، އެ ދެއްކެވި އިޚްލާޞްތެރި ވާހަކަފުޅަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމޭ. ކޮންމެ ބޭފުޅެއްގެ ވާހަކަފުޅުގައިވެސް އެ ފާހަގަކުރައްވަނީ، އަޅުގަނޑުމެންގެ ސަރުކާރު، އަޅުގަނޑުމެންގެ ޓީމު، އެއީ އެމް.ޑީ.އޭ.ގެ ލީޑަރާއި، އެމް.ޑީ.އޭ.ގެ ޓީމު ހިމެނޭގޮތަށް މިކުރެވޭ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ތަރައްޤީ ގެނެސްދޭންކުރާ މަސައްކަތް. މިއަދު ތިޔަބޭފުޅުންނަށް ތިޔަ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގެންނެވި އެއް މަޝްރޫޢަކީ އެއަރޕޯޓްގެ މަޝްރޫޢު. އެއަރޕޯޓްގެ މަޝްރޫޢަށް އެކަނި ބަލައިލި ކަމުގައިވީނަމަވެސް، އަޅުގަނޑަށް މި މަޝްރޫޢުގައި އުނދަގޫ ކުރެއްވި ބޭފުޅުން މިތާ ކުރީ ބަރީގައި މި ތިއްބެވީ. އަޅުގަނޑުގެ ކެބިނެޓުން، ޝައްކެއްވެސްނެތްގޮތުގައި، ޒަމީރާއި ސަޢީދު މި މަޝްރޫޢުގެ ވާހަކަ އަޅުގަނޑާ ހަމަޔަށް ގެނެސްދެއްވި، އަޅުގަނޑަށް ކަށަވަރުކޮށްދެއްވި. އަޅުގަނޑަށް ކުރީގައިވެސް ކަށަވަރުނުވަނީކީ ނޫން. އެހެންނަމަވެސް، ގަބޫލުކުރައްވާ، ރާއްޖޭގައި ހިންގަން ހުރި ބިޔަ ބޮޑެތި މަޝްރޫޢުތަކާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާ. އެޔާއެކީ އަބަދުއަބަދު ކަހަލަގޮތަކަށް މި މަޝްރޫޢުގެ ވާހަކަ އަޅުގަނޑާ ދެއްކެވި ދެބޭފުޅުންގެ ތެރޭގައި، އަޅުގަނޑުގެ އަޚު ސިޔާމާއި، މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އިސްމާޢީލް ހިމެނޭ. އެހެންވީމާ، މިއީ ވަރަށްގިނަ ބޭފުޅުންތަކެއް ކުރެއްވި މަސައްކަތް. ޝައްކެއްވެސްނެތްގޮތުގައި، ތިޔަބޭފުޅުންދެކެ ލޯބިފުޅުވާ އަދި މިދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް އިންތިޒާރު ކުރައްވާ، އުންމީދު ކުރައްވާ ބޭފުޅުންތަކެއް ކުރެއްވި މަސައްކަތްޕުޅުތަކެއް. އަޅުގަނޑަށް ގަބޫލުކުރެވޭ، ރައްޔިތުންގެ މަޖިލީހުގެ ހަމަ ކޮންމެ މެންބަރަކީވެސް ދާއިރާއަށް ބޭނުންވާ މަސައްކަތްތައް، ހަމަ ވީ އެންމެ ފުޅާމިނެއްގައި ގެނެސްދެއްވޭތޯ މަސައްކަތް ކުރައްވާ ބޭފުޅުން.
 
އަޅުގަނޑުމެންގެ މިރަށުގައި، ކައިރީ ރަށްރަށުން ވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރޭގައި އިހަވަންދޫން ވަޑައިގެން ތިއްބެވި ބޭފުޅުން އެބަ ތިއްބެވި. ހަމަ ތިޔަބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދަކީވެސް ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ ދާއިރާގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ބޭފުޅެކޭ. އެކަމަކު އެޔާއެކީވެސް އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދާއިރާތަކުގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނިފައި ހުންނައިރު، އަޅުގަނޑުމެންގެ ހުނަރުވެރިކަމާ، މިކަންކަން ހުންނަވަރުން، އަދި ވިސްނައިދިނުމުގެ ބާރު ހުންނަ މިންވަރުންނާއެކީ، ތަފާތުކޮށް މެންބަރުން އެ މަސައްކަތްތައް ކުރައްވަނީ. އެހެންނަމަވެސް، މުޙަންމަދަކީވެސް އަޅުގަނޑާ ވަރަށްގާތް ގުޅުމެއް ބަހައްޓަވައިގެން، ދާއިރާއަށް ބޭނުންވެފައި ހުރި ކަންތައްތަކުގެ ވާހަކަ، އަބަދުއަބަދު ކަހަލަ ގޮތަކަށް އަޅުގަނޑާ ދައްކަވާ ބޭފުޅެއް. ރައްޔިތުންގެ މަޖިލީހުގެ ފްލޯރގައި މައުޟޫޢާ ގުޅޭގޮތުން، މައުޟޫޢަކަށް ވާހަކަދެކެވޭ ކަމަށްވަންޏާ، ބަޖެޓާ ބެހޭގޮތުން ވާހަކަ ދެކެވޭ ކަމަށްވަންޏާ، އިޤްތިޞާދީ ތަރައްޤީއާ ބެހޭގޮތުން ވާހަކަ ދެކެވޭ ކަމަށްވަންޏާ، ކޮމިޓީގެ މަރުޙަލާގައި، ނޫނީ މަޖިލީހުގެ ފްލޯރގައި، ތަޅުމުގެ ތެރޭގައި، ހަމަ މި ދާއިރާތަކުގައި ތިއްބެވި ހުރިހާ މެންބަރުންވެސް އެ ވާހަކަފުޅު ދައްކަވާ. މީގެތެރޭގައި އަޅުގަނޑު ހަމަ ދަންނަވާނަން ތަފާތުކުރުމެއްނެތި، އެމް.ޑީ.ޕީ.ގެ މެންބަރުންވެސް އެ ދާއިރާތަކަށް ތަރައްޤީ ގެންދަވަން މަސައްކަތް ކުރައްވާ. ތަރައްޤީ ގެންދަވަން ވާހަކަފުޅު ދައްކަވާ. އެ ކްރެޑިޓް އެބޭފުޅުންނަށް އަރުވަންޖެހޭ. އެކަމަކު އެޔާއެކީވެސް ދަންނަވަންޖެހޭ، އެކަންކަން ހިމަނައިގެން އަޅުގަނޑުމެން ބަޖެޓް ހުށަހެޅީމަވެސް، އެބޭފުޅުންނަކަށް ވޯޓް ދެއްވާކަށް ފަސޭހަފުޅެއްނުވޭ. އެހެންވީމާ، މީގައި ނުގުޅޭ ދެކަމެއް އެބައުޅޭ. އަޅުގަނޑު ހަމަ އަޅުގަނޑަށް އިޙްސާންތެރިކަމާއެކީ، ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުޢޫރު ފާޅުކޮށްދެއްވި ހަމަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ހިތުން ޝުކުރު އަދާކޮށް މި ނިމުނީ.
 
އެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެން މުޅި ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ޝުކުރު. މިރަށުގައި ހިމެނިފައިމިވާ މުއައްސަސާތަކުން، ފެނަކާވިޔަސް، އަތޮޅު މަދަރުސާ ކަމުގައިވިނަމަވެސް، އަދި ޕޮލިސް ސްޓޭޝަން ކަމުގައިވިނަމަވެސް، އަދި މިނޫން އެހެން ތަނަކުން ކަމުގައިވިޔަސް، ވަރަށް ވަރުގަދައަށް މަސައްކަތް ކޮށްދެއްވާފައި މިވަނީ ރަށުގެ ކައުންސިލާއެކީ އަދި ރައްޔިތުންނާއެކީ، ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމް.ޑީ.ޕީ.ގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވައިގެން، އަޅުގަނޑުމެންގެ  މި ޖަލްސާއަކީ، އަދި އަޅުގަނޑުމެންގެ މި ޒިޔާރަތަކީ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި ހުރި ޝުޢޫރުތައް އެންމެ ކުލަ ރީތިކޮށް އަޅުގަނޑުމެންނަށް ހަދިޔާ ކުރައްވަން ކުރެއްވި މަސައްކަތްޕުޅު. މި މަސައްކަތް ކުރައްވާފައިވަނީ، މިދެންނެވި ހުރިހާ ފަރާތްތަކެއް ގުޅިވަޑައިގަންނަވައިގެން. ޝައްކެއްވެސްނެތްގޮތުގައި، މިވަރުގެ ވަރުގަދަ މަސައްކަތްތަކެއް މުއައްސަސާއަކުން ނުކުމެ ކުރާ ނަމަވެސް، މުއައްސަސާތަކަކުން ގުޅިގެން ކުރާ ނަމަވެސް، ރައްޔިތުންގެ ތާއީދާއި ތަރުޙީބު ފުރިހަމައަށް އެކަމަށް ލިބިގެން ނޫނިއްޔާ އެކަމެއް ނުވާނެ. އެހެންވީމާ، އެކަންކަން ގެންގޮސްދެއްވި ކަމަށްޓަކައި ހަމަ ހޯރަފުށީގެ ހުރިހާ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ، ތިޔަބޭފުޅުންނަށް އަފުރެންގެ ހިތުގައި އުފެދިފައި އޮތް ޝުޢޫރު، ތިޔަބޭފުޅުންނަށް ހުށަހަޅަން.
 
އަޅުގަނޑުމެންގެ ކުރަންހުރި މަސައްކަތްތައް، އިހަވަންދިއްޕޮޅު އަތޮޅުގެ ރަށެއްގައި ވާހަކަ ދައްކާފައި ފައިބައިގެން ނުދެވޭނެ، އައިހެވަންގެ މަޝްރޫޢުގެ ވާހަކަ ނުދައްކައެއް. މުޅި އިހަވަންދިއްޕޮޅުގެ ތަރައްޤީގެ ވާހަކަ ނުދައްކައެއް ނުދެވޭނެ. މިއީކީ އަޅުގަނޑުގެ ހުވަފެނެއްވެސް ނޫން. މިއީކީ އަޅުގަނޑު ކުރަހަން ބޭނުންވި ތަޞްވީރެއްވެސް ނޫން. މިއީ އަޅުގަނޑު ޙަޤީޤަތަކަށް ހަދަން ބޭނުންވާ މަޝްރޫޢެއް. މިއީ މި މަޝްރޫޢާ ދޭތެރޭގައި އެތަކެއް މަސައްކަތް ކުރެވިފައި އޮތް މަޝްރޫއެއް. އެހެންވީމާ، މިއީކީ އިއްޔެ މެންދުރުގެ ހުވަފެނެއް ނޫން. މިއީކީ ހަމަ އެއްގޮތަކަށްވެސް ދެބަދޭތެރޭވެފައި އޮތް ވަގުތެއްގައި އައި ޚިޔާލެއްވެސް ނޫން. މި މަޝްރޫޢުގެ މަސައްކަތްތަކަކީ އަޅުގަނޑު ޓްރޭޑް މިނިސްޓްރީގައި، ފުރަތަމަ އޮނަރަބްލް އިލްޔާސް އަރިހުގައި މަސައްކަތް ކުރިއިރު، އޭގެފަހުން ވަޒީރެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރިއިރުވެސް، ހަމަ މި ދާއިރާއަށް ގެންނަން ގިނަ މަސައްކަތްތަކެއް ކުރެވިފައި އޮތް މަޝްރޫޢެއް. އަޅުގަނޑުމެން އަބަދުވެސް ބޭނުންވޭ، ބައިނަލްއަޤްވާމީ ސީޕޯޓެއް ރާއްޖޭގައި އޮންނަން. މާލޭގެ ޕޯޓުގެ އިތުރަށް. މާލޭގެ ޕޯޓު އިތުރަށް ބޮޑުކުރެވެންނެތީމަޔާއެކީ، އިތުރު ޕޯޓެއް އޮންނަން ބޭނުންވޭ. އަދި އެ އޮންނައިރު އަވަށްޓެރި ޤައުމުތަކަށް، ބޮޑެތި ބައްރުތަކާ ކައިރީގައި މިކަހަލަ ސީޕޯޓެއް އޮވެއްޖެ ކަމަށްވަންޏާ، ވިޔަފާރީގެ ނަފާ ނެގޭނެ މިންވަރު، އަޅުގަނޑުމެންގެ ޚިޔާލަށް އާދޭ. އަޅުގަނޑުމެންގެ ނަޞީބަކީ، ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ނަޞީބަކީ، ޤުދުރަތީ ރީތިކަމާއެކީ، އަޅުގަނޑުމެން ހިމަނުއްވައި ދެއްވާފައި އޮތް ސަރަޙައްދުގެ މުހިންމުކަން، އަޅުގަނޑުމެންގެ ޚިޔާލަށް ގެނައުން. އަޅުގަނޑުމެން ހިމެނިފައި އޮތް ސަރަޙައްދަށް ބަލާކަމަށްވަންޏާ، މިދެންނެވި ކަހަލަ ނަފާ ނެގުމުގެ ފުރުޞަތު އަޅުގަނޑުމެންގެ ތެރޭގައި އެބައޮތް. މިދެންނެވި ކަހަލަ ނަފާ ނެގޭނެ. އެހެންވީމާ، މިއީކީ މިދެންނެވި ގޮތަށް، މާކުރީގައި އަޅުގަނޑުމެން ޚިޔާލުކޮށްފައި އަދި ކަރުދާސްތަކެއް އެކުލަވައިލައި، އަދި ކަރުދާސްތަކެއްގެ މައްޗަށް ހިސާބު އަކުރުތަކެއް އެކުލަވައިލާފައި އޮތް މަޝްރޫޢެއް. އެހެންވީމާ، ﷲގެ ރަޙްމަތާއެކީ މި މަޝްރޫޢު ޙަޤީޤަތަކަށްވެގެންދާނެ. އެހެންނަމަވެސް، މި މަޝްރޫޢާ ބެހޭގޮތުން މުޙަންމަދު އިސްމާޢީލް އެ ވިދާޅުވީ މީގެ ޙަޤީޤަތް. މިއީ 4.5 ބިލިއަނަށްވުރެ ކުޑަނޫން މަޝްރޫޢެއް. މި މަޝްރޫޢަށް ޝައުޤުވެރިކަން ހުށަހަޅާފައި ހުރި ސަރުކާރުތައް އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންނަށް ހުށަހަޅާފައި ހުރި ސަރުކާރުތައް އެބަހުރި. އޭގެތެރެއިން އެއް ސަރުކާރަކީ ހަމަ އެވަރުގެ ބޮޑު އެހެން މަޝްރޫޢެއް ފ. އަތޮޅު ސަރަޙައްދުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެނިގެންދާނީ، މިއަހަރުގެ ސެޕްޓެންބަރު މަހު ފެށިގެންދާތަން.
 
އެހެންވީމާ، މިހިރީ މުޅި ދިވެހިރާއްޖޭގެ ލޭންޑްސްކޭޕް ބަދަލުކުރާވަރުގެ ބޮޑެތި މަޝްރޫޢުތައް. މުޅި ދިވެހިރާއްޖޭގެ ތަރައްޤީގެ ޗާޓްގެ މަލަމަތި މިދަނީ ބަދަލުވަމުން. އެހެންވީމާ، މިކަހަލަ ބޮޑެތި މަޝްރޫޢުތަކެއް، އެއްފަހަރާ ފަސް ހަ މަޝްރޫޢެއް ހިންގުމަކީ، އެއްވެސް ބަޔަކަށް ފަސޭހަކަމެއް ނޫން. އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫން. ފައިސާ ލިބުނު ކަމުގައިވީނަމަވެސް، ހެޔޮ އަގެއްގައި އެކަން ކުރާކަމަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރޭގައި އެކަން ކުރުމުގެ ޤާބިލުކަން އުފެދެންދެން، އަޅުގަނޑުމެންނަށް އެކަން ކުރުން ލަސްކުރެވެންޖެހޭ. އެހެން ނޫންކަމަށްވަންޏާ ވާގޮތަކީ، އެ މަޝްރޫޢަށްދާ ޚަރަދު ބޮޑުވެގެން، ގުނަވެގެން ދަނީ.
 
އައިހެވަންގެ މަޝްރޫޢާ ދޭތެރޭގައި އަޅުގަނޑު ކުރާ އުންމީދުތަކުގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. މި މަޝްރޫޢު އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށްވާނެ. މި މަޝްރޫޢުގެ މަސައްކަތް، ޢަމަލީ މަސައްކަތް، ބިން ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި ފަށާނަން. މިއަހަރު ހުސްވުމުގެ ކުރިން އަޅުގަނޑުމެން ފަށާނަމު. ބިން ހިއްކުމުގެ މަސައްކަތުގައިވެސް ހަމަ ތިޔަބޭފުޅުންގެ ހިތްޕުޅަށް އަންނާނެ، ހުޅުމާލޭގެ ދެވަނަ ފިޔަވަހި އެއޮތީ 9 ހަފްތާގެ ތެރޭގައި މި ސަރުކާރުން ކޮށްފައޭ. ތެދުފުޅެއްމެ. އެހެންވީމާ، ކީއްވެގެންހޭ އައިހެވަންއަކީ އެހާ އިސްކަންދޭ މަޝްރޫޢަކަށްވާއިރު، ބިން ހިއްކުމުގެ މަސައްކަތް ނުހިނގަނީ؟ އަޅުގަނޑު ހަމަ އޭގައި ދަންނަވާލަން ބޭނުންވަނީ، ހަމަ އެއީވެސް ރައްޔިތުންގެ ހެވާއި ލާބަޔަށް އަޅުގަނޑުމެން ކުރާ އިންތިޒާރެއް، އުންމީދެއްގެ ބޮޑުކަމުންނޭ. ޤުދުރަތީ މުއްސަނދިކަން އޮތް ގޮތަށް ބަލާއިރު، އަޅުގަނޑުމެންގެ ރާއްޖެއަކީ ބިން ބޮޑުކޮށްގެން، އޭގެ ނަފާ ރައްޔިތުންނަށް ލިބެން އޮތް ރާއްޖެއެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ ރާއްޖޭގެ ބިންތައް ފުރިގެން، އެކަމާ ދޭތެރޭގައި ކަންބޮޑުވެގެން ވިސްނައި ފިކުރުކުރަންޖެހޭ ރާއްޖެއެއް ނޫން. ﷲގެ ޙަޟްރަތަށް ޙަމްދުކުރަންޖެހޭ އަޅުގަނޑުމެން މިކަމުގައިވެސް. އަޅުގަނޑުމެންގެ ރާއްޖެއަކީ ތިލަ ފަޅުތަކާއި، ބޮޑެތި ފަޅުތައް ހިމެނޭ ރަށްތަކެއް، އަތޮޅުތަކެއް ހިމެނޭ ދައުލަތެއް. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގެ ބިން ބޮޑުކުރެވެން އެބައޮތް.
 
ބިން ބޮޑުކުރުމަކީ ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށް، ނޫނީ ދިވެހިރާއްޖޭގެ ރައުސްމާލަށް، ބައިތުލްމާލަށް އިތުރުކުރެވޭނެ އެންމެބޮޑު ރައުސްމާލު. އެހެންވީމާ، ބިން ބޮޑުކުރުމުގެ މަޤްޞަދަކީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި، އަދި އަޅުގަނޑުމެންގެ ސަރުކާރުގައި ވަރަށްމަތީ ދަރަޖައެއް ދެވިފައި އޮތް ކަމެއް. އެކަމަކު އެކަން މި ކުރަންޖެހެނީ އަޅުގަނޑުމެން އަމިއްލައަށް. އެކަން ރާއްޖޭގައި މިހާތަނަށް ކުރަމުން މިދަނީ އަޅުގަނޑުމެންގެ ކުންފުނިތަކުން. އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ.ވެސް އެބަ އިންނެވި. އަޅުގަނޑުމެންގެ ކުންފުނިތަކަށްވުރެ ގިނައިން ބޮޑެތި މަޝްރޫޢުތައް މި ހިންގެނީ ބޭރުގެ ކުންފުނިތަކުން. ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަލައިފި ކަމަށްވަންޏާ، ބޭރުގެ ކުންފުންޏަކުން އެކަން ކޮށް ނިންމާފައި އެއޮތީ. ކީއްވެގެންތޯ އަޅުގަނޑުމެންގެ މުއްސަނދިކަން ކޮންމެހެން ބޭރު ބަޔަކަށް ދޭންވީ؟ މިއީ އަޅުގަނޑުމެންގެ މުއްސަނދިކަން. އަޅުގަނޑުމެންގެ ކުންފުންޏެއް ލައްވައި މިކަން ކުރުވިއްޖިއްޔާ މާމޮޅު އިތުރު. ޝައްކެއްވެސްނެތްގޮތުގައި، ކުންފުންޏަށް ލިބޭ ގިނަ މަޝްރޫޢުތަކުގެ މާނަޔަކީ، ގިނަ ވަޒީފާތަކެއް، އިތުރު ވަޒީފާތަކެއް ޒުވާނުންނަށް ހުޅުވިގެންދިޔުން. އަދި ކުންފުނީގެ ތަނަވަސްކަން އިތުރުވެގެންދިޔުން.
 
އެހެންވީމާ، އަޅުގަނޑުމެން މި އުންމީދު ކުރަނީ، އެމް.ޓީ.ސީ.ސީ. އަށް މި ބޭނުންވާ ރިސޯސް ތަނަވަސްކޮށްދީގެން، އެމް.ޓީ.ސީ.ސީ. އިންވެސް ހަމަ އެ ފެންވަރުގެ ކުންފުންޏަކަށް، ހުޅުމާލޭގެ ބިން ހިއްކި ފެންވަރުގެ ކުންފުންޏަކަށް އެމް.ޓީ.ސީ.ސީ ހަދައިދެވޭތޯ ކުރާ އުންމީދު. ސަރުކާރުގެ ކުންފުންޏެއް މުއްސަނދިވެގެން ދިޔައިމަ، ސަރުކާރުގެ ކުންފުންޏަކަށް މިފަދަ ވަސީލަތްތައް ތަނަވަސްވެގެން ދިޔައިމަ، އެއީ އެމް.ޓީ.ސީ.ސީ.ގައި ހުންނަ ވެރިޔަކު ވަކިވެގެންދާއިރު، ނޫނީ ރައީސް ޔާމީން ވެރިކަމުން ވަކިވެގެންދާއިރު، އަޅުގަނޑު ޖީބަށްލައިގެން ގެންދާނެ މުދަލެއް ނޫން. އެއީ ރައްޔިތުންނަށްޓަކައި ކުރިއަށް އިންވެސްޓް ކުރެވޭ މުދާ. އިންވެސްޓް ކުރެވޭ އިންވެސްޓްމަންޓް. އެހެންވީމާ، އަޅުގަނޑުމެން މި ބެލީ، މިދިޔަ އަހަރު އަޅުގަނޑުމެން މަސައްކަތްކުރީ. މިދިޔަ އަހަރު މަސައްކަތް ކޮށްގެން، އިރާދަކުރެއްވިއްޔާ މިއަހަރުގެ ފަހުކޮޅު އަޅުގަނޑުމެން މި އުންމީދު ކުރަނީ، ހަމަ މިފަދަ ޑްރެޖަރެއް އެމް.ޓީ.ސީ.ސީ. އަށް ހޯދައިދޭން. އަނެއްކާވެސް ސަރުކާރުން ލޯނު ނަގައިގެން، އެމް.ޓީ.ސީ.ސީ. އަށް މި ޑްރެޖަރު ހޯދައިދެނީ. މި ޑްރެޖަރުން ކުރާ، އެންމެ ކުރީކޮޅު ކުރާ މަސައްކަތްތަކުގެ ތެރޭގައި، އައިހެވަން ހިއްކުމުގެ މަޝްރޫޢު ހިމެނޭތޯ އަޅުގަނޑު މިދަނީ މަސައްކަތް ކުރަމުން.
 
އެހެންވީމާ، ދަންނަވާލަން ބޭނުންވަނީ، އައިހެވަންގެ ވާހަކަވެސް އަޅުގަނޑުމެން މިހާރު ނުދައްކަނީކީ ކޮންމެހެން އެއީކީ ޚިޔާލީފޮލަޔަށްވާތީކީ ނޫނޭ. ކޮންމެހެން އެއީކީ އަޅުގަނޑުގެ ހުވަފެނަކަށް އެކަނި ވެފައި އޮތީމައެއް ނޫނޭ. އެކަމަށް ތަރުތީބު ކުރަންޖެހޭ ކަންތައްތައް ތަރުތީބުވީމަ، އަޅުގަނޑުމެންނަށް އެކަންކަން ކުރެވެން މި އަންނަނީ. މިއިން ކޮންމެ ކަމަކަށް، ދެންމެ ސިޔާމްގެ ވާހަކަފުޅުގައި އެ ވިދާޅުވީ، ހަމަ ބޮޑެތި ލޯނު ނަގައިގެން، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. ހަމަ ތެދުތެދަށް ދަންނަވާ ކަމަށްވަންޏާ، ﷲގެ ދަރުމަ، ﷲގެ ރަޙްމަތް މިވަގުތު އަޅުގަނޑުމެންނަށް ހަމަ ބޮޑީ. އަޅުގަނޑުމެންނެއް މާމޮޅުވެގެންނެއް ކުރާ ކަންތައްތަކެއް ނޫން މިއީކީ. އަޅުގަނޑުމެން މާމޮޅުވެގެން ކުރާ މަސައްކަތެއް ނޫން މިއީ. އަޅުގަނޑުމެން ހެޔޮ ނިޔަތުގައި ރައްޔިތުންނަށް ޚިދުމަތް ކުރަން މިކުރާ މަސައްކަތުގައި، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް ފުރުޞަތުތައް، ދުނިޔޭގެ އެތަން މިތަނުން ތަނަވަސްވެގެންދަނީ. އަދި އަޅުގަނޑުމެންނާ ދައުލަތްތަކާއެކީ އުފެއްދޭ ގުޅުންތަކުގެ ސަބަބުން، އެ ދައުލަތްތަކުން އަޅުގަނޑުމެންނަށް މިކަހަލަ ކަންކަމުގައި އޯގާތެރިކަމާއި ދީލަތިކަމާއެކީ އަޅުގަނޑުމެންނަށް އެހީތެރިވެވަޑައިގެން ދެއްވަނީ.
 
ދިވެހި ރައްޔިތުންނަކީ މަޢުޞޫމް ބައެއް. ދިވެހި ރައްޔިތުންނަކީ މަޢުޞޫމް ބައެއް. ދިވެހި ދައުލަތަކީ މަޢުޞޫމް ދައުލަތެއް. ދައުލަތް ނުބައި ގޮތްގޮތަށް ބޭރުގައި ސިފަވެގެންދަނީ، ކުރެހިގެން މިދަނީ، އަޅުގަނޑުމެންގެ ތެރެއިން އަޅުގަނޑުމެންގެ ވިސްނުންތަކަށް، އަޅުގަނޑުމެންގެ އުޞޫލުތަކަށް މުޅިން އިޙްތިރާމް ނުކުރާ، ނޫނިއްޔާ ސިޔާމްގެ ލަފްޒުން ދަންނަވާ ކަމަށްވަންޏާ، ޣައްދާރުވެރިވާ ބަޔަކު، އަޅުގަނޑުމެން ހުތުރުގޮތަކަށް ސިފަކޮށްދޭން ކުރާ މަސައްކަތްތަކުގެ ނަތީޖާ. މި ނަތީޖާ ހިތި އަޅުގަނޑުމެންނަށް. މި ސަބަބަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި، ބޭރުން އަޅުގަނޑުމެންނަށް އެހީ ލިބެމުން އައި ބައެއް ދައުލަތްތަކުން ލިބޭ އެހީ ލިބުމުގައި ދަތިތަކެއް މި ހުންނަނީ. އެހެންނަމަވެސް، ﷲގެ ރަޙްމަތް އަޅުގަނޑުމެންނަށް ތަނަވަސް. އެއް ޤައުމުން އަޅުގަނޑުމެންނަށް އެހީނުވާކަމަށްވަންޏާ، ނޫނީ ބަހަނާ ދައްކާ ކަމަށްވަންޏާ، އަނެއްކާވެސް ޓަކިޖަހާނެ އެހެން ދޮރެއް ހުޅުވޭނެ. އެމަގުން އަޅުގަނޑުމެން ކުރާ މަސައްކަތުގައި، އަޅުގަނޑުމެންނަށް ހަމަ ހެޔޮ އަގުގައި އިންޓްރެސްޓް ލިބިގެން ދަނީ. އަނެއްކާ އެ ވިދާޅުވި ޢަދަދަކީ، ޢަދަދަށް ބަލައިލައިފި ކަމަށްވަންޏާ، ދާދި ފަސޭހައިން ހޯދިދާނެ ޢަދަދެއް. އެ ޢަދަދު ނޫންތޯ، އަޅުގަނޑު މިއޮތްހާ ދުވަހު ފޮރުވައިގެން، އެމް.ޑީ.ޕީ. ސަރުކާރުން ވިދާޅުވި. މިއޮތްހާ ދުވަހު ފޮރުވައިގެން އުޅުނީ 800 މިލިއަން ޑޮލަރު. އެހެންވީމާ، 800 މިލިއަން ޑޮލަރު، 2 ޕަސެންޓްގައި އަނބުރާ ދައުލަތަށްދޭކަށް އަޅުގަނޑަކަށް އުނދަގުލެއްނުވާނެ. އެހެންވީމާ، ފަސޭހަކަމާއެކީ އެ 800 މިލިއަން ޑޮލަރު ލިބިގެން އެދިޔައީ ދޮގެއްތޯ.
 
އެހެންނަމަވެސް، ދަންނަވާލަން މިއުޅޭ ވާހަކަޔަކީ، އަޅުގަނޑުމެން މިފަދަ ރަށްރަށުގައި އެއަރޕޯޓް ހަދަމުންދާއިރު، އަޅުގަނޑުމެންގެ މަރުކަޒީ އެއަރޕޯޓާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައިލައްވާ! އަޅުގަނޑުމެންގެ މަރުކަޒީ އެއަރޕޯޓަކީ، މުޅި އިޤްތިޞާދު، އެ އެއަރޕޯޓެއްގެ މައްޗަށް ބިނާވެފައި އޮންނާނެ އެއަރޕޯޓް. ރޭ ނޫން އިއްޔެރޭ ހަމަ ވަރަށް އުފާވެރި އިޙްތިފާލެއްގައި އަޅުގަނޑުމެން އެކަންކޮށް މި ނިންމީ. އެއަރޕޯޓް ބިނާކުރުމުގެ މަސައްކަތް، ޓަރމިނަލް ބިނާކުރުމުގެ މަސައްކަތް ކޮށް ނިންމީ. އިރާދަކުރެއްވިއްޔާ، އެ އެއަރޕޯޓް ހެދުނީމަ، އަޅުގަނޑުމެންގެ އުންމީދުތައް ޙަޤީޤަތަކަށް ވެގެން އަންނަތަން އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، ރާއްޖޭގައި އުފެދިފައި މިހިރަ ހުރިހާ އިޖުތިމާޢީ މައްސަލަތަކަށް، އޭގެ ޙައްލެއް އަންނާނީ، ރައްޔިތުން އިޖުތިމާޢީ މައްސަލަތަކުން ހަނދާންނެތޭވަރުގެ އަފިހުނެއް ރައްޔިތުންނަށް ލިބިގެން. އެ އަފިހުނަކީ ރައްޔިތުން ބާރުވެރިވުން. ޒުވާނުން ބާރުވެރިވުން. ޒުވާނުން ބޭކާރުގޮތުގައި ވަގުތުނަގާނުލައި، ޒުވާނުންނަކީ ޤައުމު ކުރިއަށް ގެންދަން، ޒުވާނުންގެ ޢާއިލާއަށް ބޭނުންވާ ލާރި ހޯދަން، ޒުވާނުންގެ ޙަޔާތް ބާއްޖަވެރިކުރަން މަސައްކަތްކުރާ، އާމްދަނީ ހޯދާ ބަޔަކަށް ހަދާނެ ފުރުޞަތުތަކެއް ރާއްޖޭގައި އުފައްދައިދެވިގެން.
 
އެހެންވީމާ، ޒުވާނުން ބާރުވެރިކުރުވަން ކުރާ މަސައްކަތަކީ، މިދެންނެވި އަފިހުން އަޅުގަނޑުމެންގެ ތެރޭގައި ބެހުން. ޒުވާނުން ހަމަޖެހިގެން ނޫނިއްޔާ، އަޅުގަނޑުމެންގެ ރާއްޖެ ކުރިއަކަށްނުދާނެ. ޒުވާނުންގެ މައްސަލަތަކުގެ ތެރޭގައި މިހިރީ ހަމައެކަނި ޒުވާނުންނަށް ވަޒީފާ ނުލިބޭ މައްސަލައެއް ނޫން. އެންމެ އަސާސް، ގެދޮރުވެރިކަން. މިރަށުގައިވެސް އުޅޭނެކަންނޭނގެ، ވަކިން ދިރިއުޅެވޭނެ ގޮތެއްނެތީމަ، ޒަވާޖީ ޙަޔާތެއް ފަށާ ހިސާބަށް ޢުމުރު ގޮސްފައި ތިބި މީހުންވެސް، މީހުންނާ ނީނދެ އަދި މަޑުކޮށްލައިގެން ތިބި ކުދިން ތިބޭނެކަންނޭނގެ. ހަމަގައިމުވެސް މާލެ ސަރަޙައްދުގައި މަދެއްނޫން. އެބަޖެހޭ މިކަންކަން ކޮށްދޭން. މިކަންކަން ހަމަޖެހިގެން ނޫނިއްޔާ، އަޅުގަނޑުމެންގެ ތެރޭގައި މިއުފެދޭ އުދާހަކަށް އެއްވެސްކަހަލަ ހަމަޖެހުމެއް ނާންނާނެ. އެހެންވީމާ، އެ މަސައްކަތް ކުރެވޭތޯ އަޅުގަނޑުމެން މި ބަލަނީ، މިދެންނެވި ކަހަލަ ބޮޑެތި މަޝްރޫޢުތައް ހިންގައިގެން. މިކަހަލަ ބަނދަރު ހަދައިގެން، އެއަރޕޯޓް ހަދައިގެން އަޅުގަނޑުމެންނަށް މިކުރެވޭ ކަންކަމުގެ ނަތީޖާގެ އިތުރަށް، އަޅުގަނޑުމެންގެ ޓުއަރިޒަމްގެ ޞިނާޢަތާއި، އެހެން ޞިނާޢަތްތައް އިތުރުކޮށްގެން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނީ. މިރަށަށް މިއަދު ދަތިވެފައި އޮތް ކަންތައްތަކުގެ ތެރޭގައި، މިރަށުގައި ނޫނީ ކަނޑިންމައިގެ ބޮކިނެތުން، ފައިކަށިކުޑަވުން ހިމެނޭކަންނޭނގެ. އެކަމަކު އެއީ ނިސްބަތުން ރާއްޖޭގެ ސަރުކާރުން ކުރަންޖެހޭ ކަންކަމަށް ބަލާކަމަށްވަންޏާ ކުޑަކަމެއް. އެހެންވީމާ، ކުޑަކަމެއްވީމަ، އުފާވެރި ޚަބަރެއްވެސް އަރުވާނަން. އަޅުގަނޑު މިއަދު މިތަނަށް އައިއިރުވެސް އެ މަސައްކަތް އެޕްރޫވްކޮށްފައި، އެމް.ޓީ.ސީ.ސީ.އާ ވަނީ ޙަވާލުކޮށްފައި.
 
އަޅުގަނޑުމެން މި ހިންގާ މިދެންނެވި ކަހަލަ ބޮޑެތި ބިޔަ މަޝްރޫޢުތަކަކީ ޙަޤީޤަތުގައިވެސް މުޅި ދިވެހިރާއްޖެއާ ދޭތެރޭގައި، އަޅުގަނޑުމެންގެ ރައްޔިތުންގެ އުންމީދާއި އަދި ރާއްޖެއިން ބޭރުގެ ފަރާތްތައް، އަޅުގަނޑުމެންނާއެކީ ވާދަކުރޭ. ގަބޫލުކުރައްވާ، އިޤްތިޞާދީ ކޮންމެ ކުރިއެރުމަކަށް އަޅުގަނޑުމެންނާއެކީ ވާދަކުރޭ އެހެން ހުރިހާ ދައުލަތްތައް. ސިޔާމްގެ ވާހަކަފުޅުގައި، އަޅުގަނޑުމެން ބާނާ މަސްކޮޅު އެކްސްޕޯޓްކުރާ ވާހަކަ އެ ވިދާޅުވީ. މި ދަނީ ދުނިޔޭގައި މަސް ބާނައި އެކްސްޕޯޓްކުރާ އެތައް ދައުލަތެއްގެ މަހާއެކީ، އަޅުގަނޑުމެންގެ މަސް މިދަނީ ހަމަ އެއް ބާޒާރުތަކަކަށް. ވާދަވެރިކަން ދޮގެއްތޯ. ހަމަ ވާދަވެރިކަން. އެހެންވީމާ، އަޅުގަނޑުމެންގެ މަސް ގަންނަންޖެހޭ ސަބަބެއް އޮންނަންވާނެ. އެހެންވީމާ، މި ވާދަވެރިކަން އުފެއްދުމާއި، މި ވާދަވެރިކަމަކީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ވާދަވެރިކަމެއް. އަޅުގަނޑުމެންނާ ވާދަކުރަނީ ހަމަ ތަރައްޤީއަށް ފެންބޮވައިގެންފައި ތިބި ކޮންމެ ބައެއް. ރާއްޖޭގެ ރައްޔިތުންގެ ޠަބީޢަތެއް ނޫން، ހަމައެކަނި ތަފާތު ޠަބީޢަތަކީ. ހުރިހާ ރައްޔިތުންގެ ޠަބީޢަތުގައިވެސް ކުރިއަށް ދިޔުމުގެ ޖޯޝާއި ރޫޙުވާނެ.
 
މިރަށަށް އައިމަ، ވަރަށް ޖޯޝުން ފުރިފައި އޮތް ރައްޔިތެއް އޮތް ރަށަކަށް ހޯރަފުށި އަޅުގަނޑަށް ފާހަގަކުރެވޭ. މިރަށުގައި ކުރިއަށް ދިޔުމުގެ ވިންދު، ކުރިއަށް ދިޔުމުގެ ރޫޙު އެބަހުރި. އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މިދެންނެވި ކަހަލަ ހުރިހާ ދައުލަތްތަކާއެކީ ވާދަކޮށްގެން، ވާދަވެސް މިކުރަންޖެހެނީ، ހޯދާ ލޯނެއްވެސް، ހަމަ ވާދަކޮށްގެން ހޯދަން މިޖެހެނީ. މި ލޯނުދޭން ބޭންކްތަކުން ތިބީކީ، ނޫނިއްޔާ އެކިއެކި މުއައްސަސާތަކުން ތިބީ ހަމައެކަނި ދިވެހިރާއްޖެ ދޭތޯ ބަލާކަށް ނޫނެއްނޫންތޯ؟ ހަމަ ދިވެހިރާއްޖެ ގޮތަށް، ކިޔުގައި ތިބެ ޓަކިޖަހާ އެތައް ދައުލަތެއް އެބަތިބި ނޫންތޯ. އަޅުގަނޑުމެން އެކްސްޕޯޓްކުރާ ކޮންމެ މުދަލެއް، އެކްސްޕޯޓްކުރާ މާކެޓެއްގައި، އެ މުދާ އެހެން ޤައުމުތަކުން ހަމަ އެ ދޮރު ހުޅުވާލައިގެން ވަންނަން ބޭނުންވާ އެތައް ދައުލަތެއް އެބަތިބި ދޮގެއްތޯ؟ އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކީ، ހަމަ އެއަށް އެތައް ބައިވަރު ވާދަވެރިންތަކެއް ވާދަކުރާ މަސައްކަތްތަކެއް.
 
އެހެންވީމާ، މި މަސައްކަތް ކުރާއިރު، އަޅުގަނޑު ހަމަ ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ސަރުކާރުތައް އައިސްފައި ދިޔުމަކީ އަޅުގަނޑުމެންގެ ސިޔާސީ ޙަޔާތް އޮތްގޮތުން، ސަރުކާރުތައް އައިސް ދިޔުމަކީ އޭގެ ޒާތުގައި ވާނެ ކަންކަން. މީހުން ބަދަލުވާނެ. ބަދަލުނުވާ އެއްޗަކީ ރައްޔިތުންގެ ވިސްނުމާއި، ރައްޔިތުންގެ އުންމީދު. އަޅުގަނޑުމެންގެ ސަރުކާރުން ކުރެވޭ ކަންކަމާ ދޭތެރޭގައި ބައެއް ބޭފުޅުން ފާޑު ވިދާޅުވާއިރު، ކޮންކަމެއްތޯ ކުރެވުނީ އައްސަވާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ދެންމެ ޠާރިޤުގެ ވާހަކަފުޅަށް ހަމަ ޖަވާބުދެމުން، ހަމަ ވިދާޅުވި ވާހަކަފުޅަށް ތާއީދު ކުރަމުން، އަޅުގަނޑުވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރުން ކަމެއް ނުކުރެވެއޭ. އެހެންނަމަވެސް، ސަރުކާރެއް އޮވެ ގޮސްފައި، ނިމި ގޮސްފައި، އެ ސަރުކާރުގެ ބޭފުޅުން މިއަދު މި ސަރުކާރުން ކަމެއް ނުކުރާ ކަމަށްވަންޏާ، މި ސަރުކާރުން ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން އެބަ ގަބޫލުކުރައްވާތާ. ހުރިކަން ގަބޫލުކުރައްވަންޏާ، އެބޭފުޅުންގެ ތިން އަހަރު އެކަންކަން ނުކުރެއްވީ ކީއްވެހޭ؟ ވަރަށް ސާދާ ސުވާލެއް ނޫންތޯ؟ ހަމަގައިމު އެބޭފުޅުންނަށް ނުކުރެއްވިގެން، މިހާރު އެކަންކަން މިހާރު ހުރިކަން ފާހަގަ މިކުރެވެނީ. އެހެންވީމާ، އެކަން އަޅުގަނޑުމެން ކުރާނަން. އެކަމާ ދޭތެރޭގައިވެސް އެބޭފުޅުންވެސް އަދި ރައްޔިތުންވެސް ޝައްކުކުރައްވާނެ ކަމެއްނެތް. އަޅުގަނޑުމެން މިދަނީ ހެޔޮގޮތުގައި ރައްޔިތުންނަށް ޚިދުމަތް ކުރަމުން.
 
އަޅުގަނޑުމެންނަކީ މީހުންގެ އަބުރު ކަތިލަން މަސައްކަތްކުރާ ބައެއް ނޫން. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އަމިއްލަ ހައިބަތު ދަމަހައްޓާކަށް، ނޫނިއްޔާ އަޅުގަނޑުމެންގެ އަމިއްލަވަންތަ ސިފަތައް ކުރިއަށް ގެންދާކަށެއް، ބޭރު ދައުލަތްތަކަށް ގޮސްގެނެއް، ދުވަހަކުވެސް އަޅުގަނޑުމެންނެއް ދިވެހިރާއްޖެއަށް ނިކަމެތިކަމެއް އަންނަ ކަމެއް އަޅުގަނޑުމެން ނުކުރާނެ. ދިވެހިރާއްޖެއަށް ހެޔޮއެދިވަޑައިގަންނަވާ ކަމަށްވަންޏާ، ދިވެހިރާއްޖެއަށް ހެޔޮއެދިވަޑައިގަންނަވާ ކަމަށްވަންޏާ، ދިވެހިރާއްޖެ ނިކަމެތިކުރަން ވާހަކަ ދެއްކުމަކީ ބޭނުންތެރި ކަމެއް ނޫން. އެއިން ލިބޭނީ ގެއްލުން. އަދި އެ ނިކަމެތި ކަމުގެ ވާހަކަ ދައްކަވާ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ، ދާއިމީ ޙިމާޔަތް ހޯއްދަވައިގެން ތިއްބެވި ބޭފުޅުން. 50 އަހަރުގެ މިނިވަންކަމެއް އަޅުގަނޑުމެން ޙަޔާތުގައި އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، މި 50 އަހަރުގެ ކުރީގައިވެސް މިކަހަލަ ދާއިމީ ޙިމާޔަތް ހޯއްދެވި ބޭފުޅުންގެ ވާހަކަ އަޅުގަނޑުމެން އަޑުއަހަމު. ހަމަ ތާރީޚުގެ ތެރެއިން. ބޮޑުތަކުރުފާނާ ހަމަޔަށް ނުދިޔަކަމުގައިވީނަމަވެސް، އެއަށްވުރެ ފަހުގެ ތާރީޚުން އަޅުގަނޑުމެންނަށް ފެނޭ. 50 އަހަރު ފަހުން މާބޮޑު ތަފާތެއް ނެތް. އަނެއްކާވެސް ހަމަ ޙިމާޔަތް އެ ހޯއްދަވަނީ. އެހެންވީމާ، ޙިމާޔަތް ހޯއްދަވާއިރުވެސްއަޅުގަނޑު ދަންނަވަނީ، އަޅުގަނޑުމެންގެ މަންމައިންނާއި ބައްޕައިންނާއި، އަޅުގަނޑުމެންގެ ތިމާގެމީހުންނާއި ދަރިންނާ އުޅެން ބޭނުންވާނެ ތަނެއް އޮންނަންވާނެ ކަމަށް ހަމަ ކޮންމެ މީހަކުވެސް ގަބޫލުކުރާށޭ. ކޮންމެ ސިޔާސީ މީހަކުވެސް ގަބޫލުކުރާށޭ. އެހެން ކަމަށްވަންޏާ، އެތަނަކަށް ނިކަމެތިކަން ގެންނަން، އެބަޔަކު ރިޒުޤުން މަޙްރޫމް ކުރަން ވާހަކަ ދެއްކުމަކީ ހަމަ ކުރެވިގެންވާނެ ކަމެއްނޫން. އެހެންވީމާ، މިކަންކަމާ ދޭތެރޭގައި ހުރިހާ ރައްޔިތުން ވާހަކަފުޅު ދައްކަވާ! ހޭލުންތެރިވެވަޑައިގަންނަވާ!
 
އަޅުގަނޑަކީ ޚިދުމަތް ކުރަން ރައްޔިތުންގެ އަރިހަށް އައި މީހެއް. އަޅުގަނޑަކީ ސިޔާސީ މަސައްކަތް ކުރަން އައި މީހެއް ނޫން. އަދިވެސް އަޅުގަނޑު ރައްޔިތުންގެ އަރިހަށް ޚިދުމަތް ކުރަން މި އަންނަނީ، ޚިދުމަތް ކުރެވޭނެ ކަމަށް އުންމީދު ކުރާތީ. އެކަމަކު ހަމަ މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރައްޔިތުންގެ ނިންމެވުމަކީ އަޅުގަނޑު އެ ނިންމުމަށް އިޙްތިރާމް ކުރާނެ ނިންމުމެއް. ހަމަގައިމުވެސް 2018ގެ ވޯޓުން ރައްޔިތުން އަޅުގަނޑު ގެޔަށް ފޮނުވާލައިފި ކަމަށްވަންޏާ، ދެން ޤާނޫނީ ސަރުކާރެއް އުފެދިފައި އޮންނައިރު،  އެ ސަރުކާރު ވައްޓާލާކަށް މަގުމަތިން ފެންނާނެ މީހަކަށް އަޅުގަނޑެއް ހަމަގައިމުވެސް ނުވާނެ.
 
 އަޅުގަނޑުމެން ކުރާ މަސައްކަތެއް، އަޅުގަނޑުމެން ޕާޓީ އުފައްދައިގެން އިދިކޮޅުގައި ތިބިއިރުވެސް އަޅުގަނޑުމެން ކުރި މަސައްކަތްކުރީ ޤާނޫނުގެ ތެރެއިން. ޤާނޫނުގެ ތެރެއިން. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑުމެން ކުރި މަސައްކަތެއް ކުރީ. އަޅުގަނޑުމެން އެ މަސައްކަތްކުރީ ރަށްރަށަށް އައިސް، ރަށްރަށުގެ ރައްޔިތުންގެ ހިތުގެ އިޚްލާޞްތެރިކަން ހޯދަން ކުރި މަސައްކަތް އަޅުގަނޑުމެން ކުރީ. އަޅުގަނޑުމެން މަގުމައްޗަށް ނުކުތީ، އަޅުގަނޑުމެން މަގުމައްޗަށް ނުކުތީ މަދުފަހަރެއްގައި. އަޅުގަނޑުމެން މަގުމައްޗަށް ނުކުތީ، އަޅުގަނޑުމެން ގަބޫލުކުރާ މުޅި އަސާސް، އެ މައްޗަށް ބިނާވެފައި އޮތް ޤާނޫނުއަސާސީއާ ޚިލާފަށް، ޖުޑީޝަރީގެ މިނިވަންކަމަށް އިޙްތިރާމްނުކޮށް، ފަނޑިޔާރަކު ރަޙީނުކޮށް، ހައްޔަރުކޮށް، ވީނުވީތަނެއް ނޭގުނު ހިސާބުން އެ ފަނޑިޔާރާއި އަދި ޤާނޫނުއަސާސީ ދިފާޢުކުރުމަށްޓަކައި އަޅުގަނޑުމެން މަގުމައްޗަށް ނުކުތީ. އެއީ މިއަދުވެސް އަޅުގަނޑު ދެކޭގޮތުގައި ހަމަ ރައްޔިތުން ކުރަންޖެހޭނީ އެކަހަލަ ޖާއިޒު މަސައްކަތް.
 
ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވެއްޖެ ކަމަށްވަންޏާ، ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް ބޮޑެތި ކަންތައްތަކެއްކޮށް، އެކަންތައްތަކުގެ ނަތީޖާއިން އަޅުގަނޑުމެން މުޅި ޗާޓުން ފުހެވޭވަރުގެ ކަންތައްތައް ކުރެވޭ ކަމަށްވަންޏާ، އެއީ ރައްޔިތުން، ރައްޔިތުންގެ ބަސް ބުނަންޖެހޭ ހިސާބު. އޭގެކުރިން، ރައްޔިތުންގެ ވޯޓަކުން 5 އަހަރުގެ ދައުރަކަށް މީހަކު އިންތިޚާބު ކުރީމަ، މަސައްކަތް ކުރުމުގެ ޖާގަ އެމީހަކަށް އެންމެން ދޭންވާނެ. އަދި އަމުދުން އިސްލާމީ ޢިލްމުވެރިން އެ ޖާގަ ދޭންވާނެ. އެމީހުން ކިޔަވައިގެން ހުރި އެއްޗެއް އެނގޭ ކަމަށްވަންޏާ، އެމީހުން ގަބޫލުކުރަންޖެހޭނެ އެކަން. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދައުލަތެއް އުފެދިފައި މި އޮންނަނީ ވަރަށްގިނަ ރައްޔިތުންގެ މަސައްކަތުންނޭ. ދައުލަތް އުފެދިގެން އައިމަ، އެ ދައުލަތް ދަމަހައްޓަން މަސައްކަތް ކުރުމަކީ، އެ ދައުލަތުގައި ހިމެނޭ ހަމަ ކޮންމެ ފަރުދެއްގެ ޒިންމާއެއް. ދައުލަތުގެ ތެރޭގައި ހަމަނުޖެހުމާއި، ހަލަބޮލިކަން އިތުރުވެއްޖެ ކަމަށްވަންޏާ، މިކަހަލަ ރަށްރަށަށް އަންނަ ތަރައްޤީ މަޙްރޫމްވެގެންދާނެ. ކޮބައިތޯ މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އައި ތަރައްޤީ؟ މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހަމަޖެހުން އޮތްނަމަ، އަދި އިޤްތިޞާދީ މަސައްކަތް ކުރަން އޭރު ތިބި ވެރިންނަށް ވަގުތު ލިބުނުނަމަ، މިތަންތަން އޮންނާނީ ތަރައްޤީވެފައޭ. މިއަދަކު ނޫނޭ ތަރައްޤީނުވާ ވާހަކަ ދައްކަންޖެހޭނީ. އެ ފުރުޞަތުތަކުން މަޙްރޫމްވެގެންދިޔައީ، އަޅުގަނޑުމެންގެ ތެރޭގައި އުފެއްދި ހަލަބޮލި ކަންކަމުން. އެ ހަލަބޮލިކަން އުފެއްދި ބޭފުޅުން މިއަދުވެސް އެ ވިދާޅުވަނީ، ތިމަންނަމެން މިކުރަނީ ތިމަންނަމެންގެ އަމިއްލަ މަސައްކަތެއް ނޫނޭ. ޤައުމުގެ ޙައްޤުގައި ކުރާ މަސައްކަތޭ. ޤައުމުގެ ޙައްޤުގައި ކުރާ މަސައްކަތް ކަމަށްވަންޏާ، ޤައުމު ނޭވާލާން ޤައުމަށް ފުރުޞަތުދޭންވާނެ.
 
   والسّلام عليــكم ورحـمــة اللّـه وبـركاتـه.
 


Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.