Skip to main content

އިމާމް ޣަޒާލީގެ المنقذ من الضلال ގެ ތަރުޖަމާ

ޑރ.ހަސަން ޙަމީދު
(އިނގިރޭސި ތަރުޖަމާއަކުން ދިވެހިބަހަށް ތަރުޖަމާ ކޮށްފައި)
gazinside
ތަރުޖަމާ ކުރި ފަރާތުގެ ބަޔާނެއް: އިސްލާމް ދީން ޤަބޫލު ނުކުރާ މީހަކަށް އެ ދީނުގެ މޮޅުކަމުގެ ވާހަކަތައް ދައްކައިގެން ނުވަތަ ޤުރްއާނުން ހެކި ނެރެގެން މާކަ ބޮޑު ކުރިއެރުމެއް ނުހޯދޭނެއެވެ. އެއީ، ގިނަ ފަހަރު، އިސްލާމް ދީން ޤަބޫލު ނުކުރާ މީހާ، ދީނީ ހަމަތަކެއް އަދި އެހެން ދީނެއްވެސް ޤަބޫލެއް ނުކުރެއެވެ. މިފަދަ ބައެއް މީހުންނާ ވާހަކަ ދައްކަން ޖެހެނީ ފިކުރުގެ ހަމަތަކުގެ މަތިންނެވެ. އެމީހުން ބޭނުންވަނީ ލޮޖިކް ނުވަތަ މަންޠިޤްގެ ހަމަތަކުން ދީނުގެ ޙުއްޖަތްތައް ހާމަކޮށްދޭން ށެވެ.
ދީނުގެ ތެދުަކަމާ މެދު، ފިކުރުގެ ހަމަތަކުން އެންމެމޮޅު ފޮތްތަކެއް ލިއެފައިވާ އެކަކީ ޣަޒާލީ އިމާމެވެ.  އޭނާއަކީ ދިވެހިން ކުރިން ވަރަށް މާތްކޮށް ހިތި، އަދި ހުޅަނގުގެ މީހުން މިހާރުވެސް ވަރަށް ބޮޑަށް އޭނާގެ ލިޔުއްވުންތައް ދިރާސާ ކުރާ ފަލްސަފާވެރި އެކެވެ. މިސަބަބަށްޓަކައި އޭނާއަށް ”އިސްލާމް ދީނުގެ ޙުއްޖަތު“ ނުވަތަ އިސްލާމް ދީނުގެ ތެދުކަމުގެ ހެއްކޭ ކިޔާ ލަގަބެއްދީފައި ވެއެވެ. މީގެ 740 އަހަރު ކުރިން، ނަޞާރާ ދީނަށް މީހުން ފުރަގަސްދޭން ފެށުމުން، އެ ދީނުގެ ޢިލްމުވެރިޔަކު (ތޮމަސް އެކީނާސް) ލިޔުނު މަޝްހޫރު ފޮތަކީ ވެސް މި ޣަޒާލީ އިމާމުގެ ފޮތްތަކުން ވަގުލުކޮށްފައިވާ (ހަވާލާނުދީ ނަގުލުކޮށްފައިވާ) ދަލީލުތަކެއްގެ މައްޗަށް ލިޔެފައިވާ ފޮތެކޭ ބުނެއުޅެއެވެ. ޣަޒާލީ އިމާމު ނިޔާވީ މީގެ 900 ވަރަކަށް އަހަރު ކުރިންނެވެ.
ޣަޒާލީ އިމާމުގެ މަޝްހޫރު ފޮތެއް ދިވެހި ބަހަށް ތަރުޖަމާ ކުރާހިތުން ހުއްޓައި، އަޅުގަނޑުގެ ރައްޓެއްސެއް ކަމުގައިވާ ޖާދުﷲ ޖަމީލު، އެ ފޮތުގެ އިނގިރޭސިބަހުގެ ތަރުޖަމާއެއް ކިޔާލަން ދެއްވައިފިއެވެ. މިފޮތް ކިޔާލުމުން މި ފޮތުގައި ބޭނުންކޮށްފައިވާ ދީނުގެ ތެދުކަމުގެ ދަލީލުތަކުން އީމާންކަން ބަލި ދިވެހި ހިތްތަކަށް ޝިފާއެއް ލިބިދާނެ ކަމަށް ހިތައި މިފޮތް ތަރުޖަމާ ކުރާހިތް އާ ވެއްޖެއެވެ. ޣަޒާލީގެ ޙަޔާތްޕުޅުގެ މައްޗަށާއި އެ ފޮތުގައިވާ ދަލީލުތަކުގެ މައްޗަށް މަދްރަސަތުލް ޢަރަބިއްޔާގެ ދަރިވަރުންނަށް އަޅުގަނޑު ހުށަހެޅި ޕްރެސެންޓޭޝަނެއް މިއޮތީއެވެ.
މީގެ ފަސް އަހަރެއްގެ ކުރިން، ބޭރުގެ ޢިލްމުވެރިޔަކު މާލޭގެ މައިދާނެއްގައި ދިން ތަޤްރީރެއްގައި، ދިވެއްސަކު ދީން ޤަބޫލުނުކުރާކަމަށް، ވަގުތުން ދުރަށް ދައްކަމުންދިޔަ ޓީވީ ހެކިކޮށް، މުރުތައްދު ވިއެވެ. މި މައްސަލާގައި، ހައެއްކަ ދުވަސް ފަހުން،  އޭރުގެ އސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު،  އަޅުގަނޑާ ފޯނުން ގުޅުއްވައި އޭނާއަށް ނަޞޭޙަތް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެކަމުން އޭރު ދުރުވެގަތަސް، އަޅުގަނޑަށް ފެނުނީ ދިވެހީންގެ ވަޙްދަތަށްޓަކައި އަޅުގަނޑުގެ ފަރުދީ އަދި ޤައުމީ ވާޖިބެއް އޮތް ކަމަށެވެ. މި ފޮތް ތަރުޖަމާ ކުރުމަކީ މުހިއްމު ކަމެއްކަމަށެވެ. ފޮތަކީ އޭގައި، ދިވެހި ބަހުގައި ވަކި ލަފުޒެއް ނުހިމެނޭ އެތައް  ޚިޔާލެއް ހިމެނޭ ފޮތެކެވެ. ފޮތަކީ ފަލްސަފާ ފޮތެކެވެ. ފޮތުގެ އަޞްލު އޮތީ ޢަރަބި ބަހުންނެވެ. އެ ފޮތް އިނގިރޭސި ބަހަށް ދެތިން މީހުން ތަރުޖަމާކޮށްފައި ވެއެވެ. އެ ތަރުޖަމާތައް އަޅުގަނޑަށް ލިބިފައި ވެއެވެ. މީގެ ތެރެއިން އެ ތަރުޖަމާއަކީ ޢަރަބި ޢިލްމުވެރިއެއް ޣަޒާލީގެ ފޮތުގެ މައްޗަށް ލިޔެފައިވާ ތަފްސީރެކެވެ.  އަޅުގަނޑަކީ ތަޢުލީމުގެ ފަލްސަފާ، ޔުނިވަރސިޓީ ފެންވަރުގައި ކިޔަވައި، އެ މާއްދާ ކިޔަވާ ދިނުމަށް މުޤައްރަރެއް އެކުލަވާލައި، ޤައުމީ ޔުނިވަރސިޓީގައި އެ މާއްދާ ކިޔަވާދީފައިވާ މީހެއްކަމުން،  ފަލްސަފާގެ ހުޅަނގުގެ މަޞްދަރުތައް އަޅުގަނޑަށް އެނގެއެވެ. އެހެންކަމުން، މިފޮތް ތަރުޖަމާ ކުރުމަށް ހިތްވަރު ލިބުނީއެވެ.  މިފަދަ ފަލްސަފާ ފޮތްތަކުގެ އެންމެ ބޮޑު މައްސަލައަކީ، ސާޅީހަކަށް އަހަރު ނުވާ  އަދި ބުއްދި ފުރިހަމަނުވާ މީހުންނަށް، މި ބާވަތުގެ ފޮތްތަތުގައި ބަޔާންކޮށްފައިވާ މުހިއްމު ވާހަކަތަކުގެ ދޭހަ ދަތިކަމެވެ. ފިލޯސަފަރުންނަކީ، ގިނަ ފަހަރު ޢުމުރުން ދުވަސްވެ، ދުނިޔޭގެ ހަމަތަކާއި ފިކުރުގެ މަތީ ކުންނުތަކަށް އެރި، ބުއްދި ފާގަތި ވެފައިވާ މީހުންނެވެ. މި މަސައްކަތުން މަދު ނަމަވެސް ދިވެހި ބަޔަކަށް މަންފާއެއް ކޮށްފިނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލްވީއެވެ.

އިމާމް غزالي އާ މެދު
(އިނގިރޭސިބަހަށް ތަރުޖަމާ ކުރި ފަރާތުގެ ބަޔާނެއް)
އަބޫ ޙާމިދު އިބްނު މުޙައްމަދުލް ޣަޒާލީ (ابو حامد محمد ابن محمد الغزالی)‎ އުފަންވެވަޑައިގެންނެވީ ފާރިސް ކަރައިގެ ޠޫސްގައި ހިޖްރީ ސަނަދުން 450 (މީލާދީން 1058) ގައެވެ. އޭނާއަކީ ފާރިސް ކަރައިގެ މަޝްހޫރު އިސްލާމީ ޢިލްމުވެރިއެކެވެ. ޤާނޫނީ ޢާލިމެކެވެ. ފިލޯސަފަރެކެވެ. އަދި ސޫފީ އެކެވެ. ފިލޯސަފަރުން ނުވަތަ ފަލްސަފާ ވެރިންނަކީ ދުނިޔޭގެ އެކިކަންކަމާ މެދު ފިކުރުކުރުމަކީ، އެމީހުންގެ ދިރިއުޅުމުގެ މައިގަނޑު މަސައްކަތް ކަމަށް ބަލައިގެން ވިސްނާ މީހުންނެވެ. ފިލޯސަފީ އަކީ ޔޫނާނީ ނުވަތަ ގްރީކް ބަހުގެ ލަފުޒެކެވެ. އެ ބަހުން ’ފިލޯ‘ އަކީ ލޯބިކުރުމެވެ. ’ސޮފީ‘ އަކީ ޙިކްމަތްތެރިކަމެވެ.  ފިލޯސަފީ އުފެދިފައިވާ މި ދެ ލަފުޒުން ދޭހަކޮށްދެނީ  ޙިކްމަތްތެރިކަމަށް ލޯބިކުރުމެވެ. ފިލޯސަފީއަކީ ޙަޤީޤަތާއި، ޢިލްމާއި، ދެތުމުގެ އަސާސީ ޠަބީޢަތާ ބެހޭ ޢިލްމެވެ. މި ޢިލްމު އަހުލުވެރިންނަށް ކިޔަނީ ފިލޯސަފަރުންނެވެ. ނުވަތަ ފީލްސޫފުންނެވެ.
ޣަޒާލީގެ ބައްޕައަކީ ޣަޒާލީ ފަދައިންސޫފީއެކެވެ. ސޫފީންނަކީ ނުވަތަ ޞޫފީންނަކީ ތަޞައްވަފުގެ އަހުލުވެރިންނެވެ. އެއީ މާތް اﷲ މަޢުރިފާކޮށް ދެނެގަތުމަށްޓަކައި ހިތް ޙަލާޞްކޮށް މަސައްކަތް ކުރާ މުސްލިމް ބައެކެވެ.
ޣަޒާލީގެ ޅައުމުރުފުޅުގައި އޭނާގެ ބައްޕަ އަވަހާރަވެވަޑައިގަތުމުން، ޣަޒާލީ ބެއްލެވީ އޭނާގެ ބައްޕަގެ ރަޙްމަތްތެރިއެކެވެ. މީލާދީން 1070 ވަނަ އަހަރު ޣަޒާލީއާއި އޭނާގެ ކޮއްކޮ ޤުރްއާން އާއި ފިޤްހު ކިޔަަވައި ވިދާޅުވުމަށް ގޫރުގާން އަށް ވަޑައިގަތެވެ. މިއީ ފާރިސްކަރައިގެ އުތުރުގެ ސަހަރެކެވެ. އެ ޝަހަރުގައި އޭނާ ހަތް އަހަރު މަޑު ކުރެއްވިއެވެ.
ފާރިސްކަރައިގެ މަޝްހޫރު ނިޝާޕޫރަށް ޣަޒާލީ ކުރެއްވި  މުހިއްމު ފުރަތަމަ ދަތުރުފުޅު ކުރެއްވީ 1080 ވަނަ އަހަރު، އެމަނިކުފާނުގެ ޢުމުރުފުޅުން 23 ވަނަ އަހަރުފުޅު ގައެވެ. އެފަހަރު އޭނާ މަޝްހޫރު އިސްލާމީ ޢިލްމުވެރިޔާ، އަބޫލްމާލީ ޖުވޭނީ ގެ ދަރިވަރަކަށް ވެ ވަޑައިގަތެވެ. އަލްޖުވޭނީގެ ނަންފުޅު ހިނގާފައިވަނީ ދެޙަރަމުގެ އިމާމުގެ ނަމުންނެވެ. އަލްޖުވޭނީ 1085 ވަނަ އަހަރު ނިޔާވުމުން، ޚުވާޖާ ނިޒާމުލްމުލްކް ޠޫސީގެ ދަރުބާރަށް ވަޑައިގަތުމަށް ޣަޒާލީއަށް ދަޢުވަތު އެރުވުނެެވެ. ޠޫސީ އަކީ ތުރުކީންގެ ރަސްކަލުންގެ ތެރެއިން އޭރުގެ ސަލްޖޫޤިޔާން ރަސްގެފާނުގެ ބާރުގަދަ ވަޒީރެވެ. ފަހެ ސަލްޖޫޤިޔާން ރަސްކަލުންނަކީ މުޅި މެދުއިރުމަތީގައި ރަސްކަން ހިންގި ދަރިކޮޅެކެވެ. ޔޫރަޕުގެ ފުރަތަމަ ޞަލީބީން މެދުއިރު މައްޗަށް އަރައިގަތީ ވެސް މި ރަސްކަލުންނާ އިދިކޮޅަށެވެ. ނިޒާމުލްމުލްކު ޠޫސީ މަޝްހޫރު ވެފައިވަނީ އޭރުގެ އެންމެ ބޮޑު އިސްލާމީ ތަޢުލީމުދޭ މަރުކަޒު ނުވަތަ ޖާމިޢާ، ބަޣްދާދުގައި ޤާއިމް ކުރެއްވުމުންނެވެ. މަދަރުސާތައް އުފެދިގެން އައީ މިމަރުކަޒު ނަމޫނާއަކަށް ބަލައިގެންކަމަށް ވެއެވެ. މި ޖާމިޢާ އަށް ނަންކިޔާފައި އެވަނީވެސް މި ވަޒީރުގެ ނަންފުޅުންނެވެ.
ނިޒާމުގެ ދަރުބާރަށް ޣަޒާލީ ވަޑައިގަތުމުން، އޭނާގެ ޢިލްމީ ހައިބަތު އާ މެދު ވަޒީރު އާސޯޚުވެ ވަޑައިގެން، ބަޣްދާދުގެ ނިޒާމިއްޔާގެ އިސް ޕްރޮފެސަރުކަން އޭނާއަށް ދެއްވިއެވެ. އެއީ 1091 ވަނަ އަހަރު، ޣަޒާލީގެ އުމުރުފުޅުން 33 އަހަރުފުޅު ގައެވެ. ފަހެ، މިފަދަ މަޤާމެއް އެ ދުވަސްވަރު، އަދި ފެންވަރު ރަނގަޅު ޖާމިޢާތަކުން މިހާރުވެސް، މީހުންނަށް ޢާންމުކޮށް ލިބެނީ 50 އަހަރު ވުމަށް ފަހުއެވެ. ނިޒާމިއްޔާގައި ޣަޒާލީ 300 ދަރިވަރުންނަށް ތަޤްރީރު ކުރައްވާ ކަމަށް ވެއެވެ. އޭނާގެ މުނާޒަރާ ތަކާއި ބަހުސްތަކުގެ މޮޅުކަމުން، ޣަޒާލީގެ ނަންްފުޅު އިސްލާމީ ހުރިހާ ޝަހަރަކަށް ފެތުރިގެން ދިޔައެވެ.
ކިޔަވައިދޭތާ ހަތަރު އަހަރު ފަހުން، ޣަޒާލީއަށް ބޮޑު މައްސަލަ އެއް މެދުވެރިވިއެވެ. މި މައްސަލައިގެ އަސަރުތަކަކީ މައިގަނޑު ގޮތެއްގައި ރޫޙާނީ، ދީނީ ކަންކަމަށް ވިއަސް، އެކަމުގެ ސަބަބުން ޣަޒާލީގެ ހަށިކޮޅަށް މާއްދީ ބަލިތަކެއް މެދުވެރިވިއެވެ. މި ”އާލާސްކަންފުޅުގެ“ ސަބަބުން އޭނާ ވަޒީފާ ދޫކުރައްވާ، 1095 ވަނަ އަހަރު ޙައްޖު ވުމުގެ ނަމުގައި ބަޣްދާދުން ނުކުމެވަޑައިގަތެވެ. ޣަޒާލީގެ ދަރިކަލުންނާއި އަނބިކަބަލުންނަށް އުޅުއްވޭނޭ ގޮތް ތަނަވަސް ކޮށްދެއްވުމަށް ފަހު، މުދާތައް ބައްސަވާ ލައްވައި ފަކީރު ސޫފިއެއްގެ އުޅުއްވުން ޚިޔާރު ކުރެއްވިއެވެ. ދިމިޝްޤް އާއި ޤުދުސްއަށް ދަރުތުފުޅު ކުރެއްވިއެވެ. އަދި މަދީނާއާއި މައްކާއަށް 1096 ގައި ވަޑައިގަތުމަށް ފަހު ޠޫސްގައި އެކަނިވެރިކަމުގައި (ޚައުލަތުގައި) އެތައް އަހަރެއް ވަންދެން އުޅުއްވިއެެވެ. ދުނިޔެއަޅައި އުޅުއްވުން ނިންމަވައި، ނީޝާޕޫރުގައި ހުންނަ ނިޒާމިއްޔާގައި، 1106 ވަނަ އަހަރު ދުވަސްކޮޅެއް ވަންދެން ކިޔަވައިދެއްވަން ފެއްޓެވިއެވެ. އެހާރުން އޭނާއަށް އައިސްފައިވާ ބަދަލަކީ ދާއިމީ ބަދަލެކެވެ. ދުނިޔެވީ ދީނުގެ މުދައްރިސަކުން ދީނީ މުދައްރިސަކަށް ބަދަލުވެވަޑައިގަތެވެ. ދީން ކިޔަވައިދޭ މުދައްރިސަކުން، ދީންވެރިކޮށް އުޅޭ މުދައްރިސަކަށް އެނބުރިވަޑައިގަތެވެ. 1111 ގެ ޑިސެމްބަރު މަހު، ޣަޒާލީ ފުރައުއްތަ ވަންދެން، އޭނާ ހުންނެވީ ޠޫސް ގައެވެ. ޢަބްދުއްރަޙްމާން އައްލާމް އަކީ އޭނާގެ ހަމައެކަނި ދަރިކަލުންނެވެ.

ފެށުން بسم الله الرحمن الرحيم

ކޮންމެ މެސެޖެއް އަދި ކޮންމެ ވާހަކައެއް ފެށޭ އިރު، ޙަމްދު ކުރެވޭ الله ގެ ކިބަފުޅަށް ޙަމްދު ހުއްޓެވެ. އަދި މަގުފުރެދުމުން ތެދުމަގު ދައްކައިދެއްވާ، އޮޅުމުންނާއި ކުށުން މީސްތަކުން ރައްކާތެރިކުރެއްވި ނަބިއްޔާ، އަދި މާތް الله ކަނޑައެޅުއްވި ރަސޫލާ، މުޙައްމަދުގެ ފާނަށާއި އެކަލާގެފާނުންގެ އާލުންނާއި އަޞްޙާބުންނަށް ރަޙްމަތް ލައްވާށިއެވެ.
މިއަށްފަހު ދަންނައެވެ.
ދީނުގައި، އަހަރެންގެ އަޚާއެވެ. ޢިލްމުގެ ސިއްރުތަކާއި ބޭނުމާއި ދީނީ ނިޒާމުތަކުގެ އާސޯޚުކުރުވަނިވި ފުންކަން ހާމަކޮށްދިނުމަށް، ތިބާ އަހުރެންގެ ކައިރީގައި އެދެފިއެވެ.. އަދި މަޒުހަބުތަކުގެ އަރާރުުމުގެ އޮޅުންބޮޅުމުން، ޙައްޤާއި ތެދު ވަކިކޮށް ދެނެގަތުމަށް އަހުރެން ކުރި މަސައްކަތުގައި ދިމާވި ދަތިތައް ބަޔާންކޮށްދިނުމަށް، ތިބާ އަހުރެންގެ ކައިރީގައި އާދޭސްކޮށްފިއެވެ. ތަޤްލީދު ނުވަތަ މީހަކު ބުނާތީ އެއްޗެއް ޤަބޫލުކުރުމުގެ ހާމަ މައިދާނުން، ޙައްޤު ތެދު، ސީދާކޮށް ފެންނަ ކުންނަށް އެރުމަށް އަހުރެން ކުރި މަސައްކަތް ކިޔައިދިނުމަށް ތިބާ އަހުރެންގެ ކައިރީގައި ބުނެފިއެވެ. ތިބާ އެދެނީ އަހުރެންގެ ކައިިރިން ހަތަރު ކަމަކަށެވެ. ފުރަތަމަ، ދީނީ ޢިލްމު ނުވަތަ ކަލާމުން އަހުރެންނަށް ކުރި މަންފާ ކިޔާދިނުމަށެވެ. ތަޢުލީމު ނުވަތަ ”ދަންނަ މީހާ ދޭ އިރުޝާދު“ އެއީ ޙައްޤު ތެދުކަމަަށް ޤަބޫލުކުރާ މީހުންގެ ގޮތްތަކުން އަހުރެން އިންކާރުުކުރާ ކަންތައްތައް ބުނެދިނުމަށެވެ. ފަހެ، އެމީހުން ވިސްނާ ގޮތުން، އިމާމެއް ނުވަތަ ދީނީ ޢިލްމުވެރިއެއް ބުނާ ވާހަކަތައް، ވިސްނުމެއް ނެތި ޤަބޫލުކުރުމުން (ތަޤްލީދުއިން)، ޙައްޤު ތެދު ދެނެގަތުުމަށް ހުރަހަކަށް ވެއެވެ. ތިންވަނައަށް ތިބާ އެދެނީ، ފިލޯސަފީ ނުވަތަ ފަލްސަފާގެ ގޮތްތަކުން އަހުރެން ޤަބޫލުނުކުރާ ކަންތައްތައް ބަޔާންކޮށްދިނުމަށެވެ. އެންމެފަހު، ހަތަރު ވަނަކަމަކަށް ތިބާ އެދެނީ، ސޫފީ ދިރިއުޅުމުން އަހުރެން ތާއީދުކުރާ ކަންތައްތައް ކިޔާދިނުމަށެވެ. އިންސާނުން ޤަބޫލުކުރާ ކަންތައްތައް ދެނެގަތުމަށް ކުރި ގިނަ ތަހުލީލުތަކުން އަހުރެންނަށް ސާފުކޮށް ހާމަވި ބޭނުންތެރި ތެދު، ތިބާއަށް މިފޮތުން އެނގޭނެއެވެ. އަދި ބަޣްދާދުގައި އެތައް ދަރިވަރުންތަކެއް ލިިބިފައިވަނިކޮށް، ކިޔަވައިދިނުން ދޫކުރި ސަބަބާއި، ދިގު ޒަމާނަކަށް ފަހު، ނިޝާޕޫރަށް އަހުރެން އެނބުރިއައި ސަބަބު ތިބާއަށް އެނގޭނެއެވެ. އަހުރެން ތިބާއަށް ޖަވާބުދިނުމާއިގެންކުރިއަށް މިދާ ސަބަބަކީ، ތިބާ އަހުރެންގެ ކައިރިން ތިޔަ އެދޭ އެދުމަކީ އިޚްލާޞްތެރި އެދުމަކަށް ވާތީއެވެ. މިކަމުގައި އަހުރެން މާތް ﷲ ގެ ވާތްގަށް އެދެމެވެ. އަދި އަހުރެން އެކަލާންގެއަށް އިތުބާރު ކުރަމެވެ. އެކަލާނގެ އޯގާތެރިކަމަށް އެދެމެވެ. އަދި ނުރައްކާތަކުން ދިފާޢުކޮށްދިނުމަށް އަހުރެން އެކަލާންގެ ކިބައިން އެދެމެވެ.
ދަންނާށެވެ. ފަހެ އެންމެ މަތިވެރި މާތް ﷲ، ތިބާ ރަނގަޅު ގޮތުގައި ފުރިހަމަ ކުރައްވައި ޙައްޤު ލިބިގަތުމަށް ތިބާ ގެ ހިތް މަޑުކުރައްވާށިއެވެ! {“ޙައްޤު” ބައެއް ފަހަރު ބޭނުންކުރަނީ ސީދާ، އޮޅުމެއް ނުވާ ތެދު ނުވަތަ ޙަޤީޤަތަށް އިޝާރާތް ކުރުމަށެވެ. މިއީ ދިވެހިން ޢާއްމުކޮށް “ޙައްޤު” ބޭނުންކުރާ މާނައެއް ނޫނެވެ.} އިންސާނުން ތަފާތު ދީންތަކަށާއި ޢަޤީދާތަކަށް އުޅޭކަން ތިބާއަށް އެނގޭނެއެވެ. އަދި ތަފާތު ދީންތަކުގައި ދީނީ ލީޑަރުން ވެސް ވާ ކަމާއި، އިސްލާމުންގެ މުޖުތަމަޢު ވެސް އެކި މަޒުހަބުތަކަށް ބެހިގެންވާކަން ތިބާއަށް އެނގޭނެއެވެ. މިހުރިހާ ކަންތައްތަކެއް ފުން ކަނޑެއް ފަދައެވެ. މި ކަނޑުގައި ގިނަމީހުންް ވަނީ ޣަރަޤެވެ. ސަލާމަތުގެ އައްސޭރިއަށް ފޯރަނީ މަދުބައެކެވެ. ”ކޮންމެ ގިންތިއެއްގެ މީހުންނަށް ވެސް ހީކުރެވެނީ ދިންނަވަނީ ހަމައެކަނި އެ ގިންތިއެއްގެ މީހުން ކަމަށެވެ. އަދި އެ ގިންތިއެއްގެ މީހުން އެމީހުންނަށް ލިބިފައިވާ ގޮތަކާ މެދު އުފައުކޮށް އުޅެތެވެ“ (ޤުރްއާން 23:53؛ 30:32). މިއީ ތެދު އަދި އިތުބާރުކުރެވޭ ރަސޫލުންގެ އަމީރު، މުޙައްމަދު (ޞ.ޢ.ޥ) މިފަދައިން ކުރިން ހަދީސް ކުރެއްވި ފަދައިންނެވެ. ”އަހުރެންގެ އުއްމަތް 73 ބަޔަށް ބެހިގެން ދާނެއެވެ. ދިންނަވާނީ އެ ބައިތަކުގެ ތެރެއިން އެއް ބަޔެވެ.“ ފަހެ، އެކަލޭގެފާނު އެންގެވިފަދައިން ކަންތައްތައްވެ ހިނގައްޖެއެވެ.
އަހުރެން ފުރާވަރަށް އެރުމުން – މިބުނީ ޢުމުރުން ވިހި އަހަރުވުމުގެ ކުރީންސުރެ މިއަދާ ހަމައަށް (މިހާރު އަހުރެންނަށް 50 އަހަރަށް ވުރެ މަތި ވެއްޖެއެވެ) – އަހުރެން މި ފުން ކަނޑުގެ (އިންސާނުން އުޅޭ ދީންތަކާއި އެބައިމީހުންގެ ޤަބޫލުކުރުންތަކުގެ) އެންމެ އަޑި ހޯދާ ބެލުމަށް ފީނާ ފީނުން ހުއްޓައެއް ނުލަމެވެ. އަދި ޖެހިލުންވާ ފިޑިއަކާ ޚިލާފަށް، ކެރުމާއި އެކީ ސާފުނުވާ ސުވާލުތަކުގެ ތެރެއަށް ވަންނަމެވެ. އަދި ޝައުޤާއެކީ ދަތިތަކާ ކުރިމަތިލައި، އުދަނގޫ، ނުސާފު މައްސަލަތަކުގެ ތެރެއަށް ކެރުމާ އެކީ ފުންމައިގަންނަމެވެ. އަދި ކޮންމެ ބައެއްގެ ކޮންމެ މަޒުހަބެއްގެ ޤަބޫލުކުރުންތަކާމެދު ފިކުރު ހިންގަމެވެ. އަދި ކޮންމެ ދީނެއްގެ ފޮރުވިފައިވާ ކަންތައްތައް، އެ ދީނެއްގެ މީހުން އަޅުކަން ކުރާ އުޞޫލުތަކާއި ގޮތްތަކުންނާއި އީމާންވާ ކަންތައްތަކުން ދެނެގަތުމަށް މަސައްކަތް ކުރަމެވެ.
އަހުރެން މިގޮތަށް ކަން ކުރަނީ، ޙައްޤު ކުރިއަރުވާ ފަރާތްތަކާއި ދޮގު ކުރިއަރުވާފަރާތްތައް ވަކިކޮށް ދެނެގަތުމަށެވެ. އަދި، އިޙްލާޞްރިކަމާއެކު ސުންނަތަށް ތަބަޢަވާ ފަރާތްތައް، ބިދުޢާ ފަތުރާ ފަރާތްތަކާ (މުބްތަދީންނާ) ވަކިކުރުމަށެވެ. އަހުރެން ބާޠިނީއަކާ ބައްދަލުވެއްޖެނަމަ އޭނާ ޤަބޫލުކޮށް އީމާންވާ ކަންތައްތައް ދެނެނުގަނެ ދުލެއް ނުކުރަމެވެ. [ބާތިނީންނަކީ ޤުރްއާންް އާއީ ދީނީ އެހެން ލިޔުންތަކާއި ގޮތްތަކުގައި، ފޮރުވިފައިވާ އެހެން މާނައެއްވާކަމަށް ޤަބޫލުކުރާ މީހުންނެވެ. އެމީހުން ދެކޭ ގޮތުގައި ޙައްޤު ދެނެގަނެވޭނީ އަމިއްލައަށް ފިކުރުކޮށްގެން ފުންކޮށް ވިސްނައިގެންނެވެ.] އަދި ޒާހިރީއަކާ ބައްދަލުވެއްޖަނަމަ، އޭނާ އީމާންވާ ކަންތައްތަކުގެ ރުކުންތައް ނުވަތަ މުހިންމު ބައިތައް ދެނެގަންނަމެވެ. [ޒާހިރީންނަކީ ޤުރްއާންގެ މާނައަކީ އޭގައިވާ ލަފުޒީ ބޭރުފުށުގެ މާނަ ކަމަށް ޤަބޫލުކުރާމީހުންނެވެ. މިބައިމީހުންނަކީ ޤުރްއާން އަށާއި ސުންނަތަށް ތަބަޢަވާ މީހުންނެވެ. ނަމަވެސް، އެމީހުން، ޤިޔާސް ނުވަތަ ދީނުގައި ކަމަކަށްވާ ޙުކުމެއް، އެފަދަ އެހެން ކަމަކަށް ނަޤުލު ކުރެވޭނެކަމަށް ޤަބޫލެއް ނުކުރާނެއެވެ.] އަދި އަހުރެން ފިލޯސަފަރުންގެ ޙަޤީޤީ ފިކުރު ދެނެގަންނަން ބޭނުން ވެއެވެ. [ފިލޯސަފަރުން ނުވަތަ ފަލްސަފާ ވެރިންނަކީ، ކަންކަމާމެދު ފުންކޮށް ވިސްނާ، އެކަންކަމާ ބެހޭ ތިއަރީތައް ނުވަތަ ނަޒަރިއްޔާތައް ނެރޭ މީހުންނެވެ]. އަދި އަހުރެން މުތަކައްލިމުންގެ [ދީނުގެ ހަމަތަކުގެ ޢިލްމުވެރިންގެ (ތިރި ބައްލަވާ¹)] ބަހުސްތަކާއި މުނާޒަރާތަކުގެ ބޭނުން ދެނެގަންނަން ބޭނުން ވެއެވެ. އަދި ސޫފީންގެ ސިއްރުތައް އޮޅުންފިލުވަން ބޭނުންވެއެވެ. [ސޫފީންނަކީ މާތްކަލާނގެ ދެނެގަތުމާއި އެ ކަލާނގެއާ ކުއްތައްވެގަތުމަކީ މަޤްޞަދުކަމަށް ބަލައި، ހިތަށް ފަރުވާދީ އުޅޭ ބައެކެވެ. . ޞަލަފީންނަކީ ރަސޫލާ ސުވަރުގެވަޑައިގަތުމަށްފަހު އައި ދެތިން ޤަރުނުގައި އުޅުނު މުސްލިމުންގެ ގޮތްތަކަކީ ރަނގަޅުގޮތްތައްކަމަށް ޤަބޫލުކުރާ މުސްލިމުންނެވެ.] އަހުރެން އެ މީހުންގެ އުޅުންތައް ބަލައި އެދަތި އުޅުމުން ލިބިގަންނަ މަންފާ އަށް ބަލަމެވެ. ހަމަ މިގޮތަށް، ސަގާފީގޮތްތައް ޤަބޫލުނުކުރާ، ދުނިޔެ އުޅުމަކީ މާނައެއް، ބޭނުމެއް ނެތް ކަމެއްކަމަށް ޤަބޫލުކޮށް، ދުނިޔެއާއިގެން އުޅޭ، ކަލަކުވޮޑިގެންވާ ކަމަށް ގަބޫލުނުކުރާ ޒިންދީގުން ގެންގުޅޭ ފޮނި ޚިޔާލާތުގެ ސަބަބުތައް އަހުރެން ހޯދާ ބަލަމެވެ.
އެންމެ ޒުވާން ދުވަސްވަރުން ފެށިގެން، ކަންކަމުގެ މަތިވެރި ޙަޤީޤަތް ދެނެގަތުމަށް ފެންބޮަވައިގެންފައި ވުމަކީ، އަހުރެން އަމިއްލައަށް ނުވަތަ ޤަޞްދުގައި ކުރިކަމެއް ނޫނެވެ. އެއީ ޤުދްރަތީގޮތުން މާތްކަލާނގެ އަހުރެންގެ ކިބައިގައި ލައްވާފައިވާ ކަމެކެވެ. އަހުރެން ފުރާވަރާ ގާތްވުމުން ސަގާފީގޮތުން ޅައިރު، އަހުރެން ބަދެފައިވާ ބަދެވުންތައް ދޫވާންފަށައިފިއެވެ. އަދި އާދަކާދަތަކުން އަހުރެންގެ ކިބައިގައި ހަރުލި އާދަތައް ވަކިވާން ފަށައިފިއެވެ. އަހުރެންނަށް ފާހަގަކުރެވުނީ ނަޞާރާ ކުޑަކުދިން ނަޞާރާއިންގެ ގޮތުގައި ބޮޑުވާކަމެވެ. އަދި ޒުވާން ޔަހޫދިން ޔަހޫދިއްޔަތުގައި ބޮޑުވާކަމެވެ. އަދި ޒުވާން މުސްލިމުން، އިސްލާމްދީނަށް ތަބަޢަވެގެން ބޮޑުވާކަމެވެ. އަހުރެންނަށް މުޙައްމަދުގެފާނު (މާތް ﷲ އެކަލޭގެފާނަށް ޞަލަވާތް ލައްވާށިއެވެ) ގެ މި ޙަދީޘް އަޑުއިވިފައި ވެއެވެ. ”ކޮންމެ އިންސާނަކުވެސް އުފަންވަނީ ފިޠުރަތުގެ ގޮތުގައެވެ. އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞްރާނީއަކަށް ނުވަތަ މަޖޫސީއަކަށް ހަަދަނީ އޭނާގެ މައިންބަފައިންނެވެ.“
އަހުރެންގެ ހަށިގަނޑުގައިވާ ބާރެއް އިންސާނާގެ ތަބީޢަތުގެ އަޞްލުދެނެގަތުމަށްޓަކައި ތަޙްޤީޤުކުރުމަށް ގަދައެޅިއެވެ. އަދި އެހެންމީހުން ބުނީމާ ކަންކުރާގޮތާއި މައިންބަފައިންނާ މުދައްރިސުން ބުނީމާ ކަންކުރުމުގައި ގެންގުޅޭ ޤަބޫލުކުރުންތަކާ މެދު ސުވާލު އުފެއްދުމަށް، އެ ބާރު އަހުރެންނަށް ނުފޫޒު ފޯރުވަމުންދިޔައެވެ. އެދުުރުން ހިތުން ކިޔައިދޭ، އެއްވެސް ސުވާލުކުރުމެއް ނެތި، މީހުން ޤަބޫލުކުރާތަކެތީގެ ތަފާތުތައް ދެނެގަންނަން އަހުރެން މަސައްކަތް ކުރީމެވެ. މިފަދަ ތަކެއްޗާ މެދު ފުންކޮށް ވިސްނުމުން އެތަކެތީގެ ތެދާއި ދޮގާމެދު މައްސަލަ އުފެދެއެވެ.
އަހުރެންގެ ނަފްސާ ސުވާލުކުރީމެވެ. އަހުރެންގެ މަޤްޞަދަކީ ކަންކަމުގެ އެންމެ ފުން ޙަޤީޤަތްތައް ދެނެގަތުމެވެ. އަހުރެންބޭނުންވަނީ ޢިލްމުގެ އަރަގު ދަމައިގަތުމަށެވެ. ޔަޤީންވާ ޢިލްމަކީ، އޭގެ ތެދުކަން އެއިން ހާމަވާ، ޝައްކުރުމަށް ޖާގަނުދޭ، އަދި ކުށެއްގެ ނުވަތަ އޮޅުވާލުމެއްގެ ފުރުޞަތެއްނެތް، ނުވަތަ އެފަދަ ވަސްވާހަކަށް ތަންނުދޭ ޢިލްމެވެ. މިއީ ޢިލްމުލްޔަޤީން އެވެ. ތެދުކަން ކަށަވަރުވާ ޢިލްމެވެ. އިންސާނާ ވާންވާނީ ކުށްހީތަކުން ރައްކާތެރިވެގެންނެވެ. ޔަޤީންއާ ބަދެވިގެންނެވެ. މިސާލެއްގެ ގޮތުން ހިލަގަނޑެއް ރަންގަނޑަކަށް ބަދަލުކޮށްލުުން ނުވަތަ ދަނޑިބުރިއެއް ހަރުފައަކަށް ބަދަލުކޮށްލުމުން، ޢިލްމުގެ ތެދުކަމާ މެދު ޝައްކުވެގެން ނުވާނެއެވެ. އަދި އެހެން ގޮތްގޮތަށް އެކަން ސިފަކޮށްދިނުމަށްް ޖާގަލިބިގެން ނުވާނެއެވެ. އެއްވެސް މީހަކު އަހުރެންނަށް ދިހަޔަކަށް ވުރެ ތިނެއް ގިނަަކަމަށް ވިސްނައިދޭން އުޅުމުން، އޭނާ އަހުރެންގެ ކުރިމަތީގައި ދަނޑިބުރިއެއް ހަރުފައަކަށް ބަދަލުކޮށްލިއަސް، ދިހައެއް ތިނަކަށް ވުރެ ގިނަކަމާ މެދު އަހުރެންގެ ފިކުރުގައިވާ ޢިލްމަށް ޝައްކު ކުރެވިގެން ނުވާނެއެވެ. މިފަދަ ކަމެއް އަހުރެންގެ ކުރިމަތީގައި ކޮށްފިނަމަ، އެކަމާމެދު އަހުރެން އާސޯޚުވާނެކަން ޔަޤީން އެވެ. ނަމަވެސް ޢަދަދުތަކުގެ ތަރުތީބާ މެދު އޮންނަ ޔަޤީންކަމަށް ޝައްކެއް ނުކުރެވޭނެއެވެ.
މިބުނި ރޮނގުން ފިކުރު ހިންގުމުން އަހުރެންނަށް ވިސްނުނީ، މި ބުނެވުނު ފަދަ ޔަޤީންކަމާ އެކު ނޭނގޭ ހުރިހާ ޢިލްމަކީ ޝައްކު ޢިލްމު ކަމެވެ. އެފަދަ ޢިލްމަކީ އިތުބާރުހުރި އަދި ރައްކާތެރި ޢިލްމެއްނޫނެވެ. އަދި އޭގައި ކުށެއްވެދާނެ އެއްވެސް ޢިލްމަކީ، ޙައްޤުކަން ޔަޤީންނުވާ ޢިލްމެވެ.
————————————
¹ މުތަކައްލިމުންނަކީ ކަލާމް ގެ ޢިލްމުވެރިންނެވެ. ޢަރަބި ބަހުން، މި ތަނުގައި ”ކަލާމް“ އިން މާނަ ކުރަނީ ބައެއްގެ މެދުގައި ދެކެވޭ ވާހަކައަށެވެ. ޑިސްކޯސް ނުވަތަ ދަންވާ އަށެވެ.  އެއީ ބައެއްގެ މެދުގައި ކުރެވޭ ބަހުސެވެ. ނުވަތަ ޒުވާބެވެ. މުތަކައްލިމުން އެމީހުންގެ ޢިލްމަށް ކިޔަނީ ޢިލްމުލް އުޞޫލެވެ. ހަމަތަކުގެ ޢިލްމެވެ. މިބައިމީހުންނަކީ ދީނީ ޢިލްމުގެ ބައެއް އަސާސްތަކާ މެދު ސުވާލު އުފައްދާ މީހުންނެވެ. މިފަދަ ސުވާލުތަކުގެ ތެރޭގައި ސިޔާސީ ގޮތުން ވެރިކަމުގައި ހުންނަ މީހާ ހޮވާގޮތް ހިމެނެއެވެ. އެއީ ރަސޫލާގެ ދަރިފަސްކޮޅުން އަންނަ ކަމެއް ހެއްޔެވެ؟  ނުވަތަ ޤައުމުގެ މުހިއްމު މީހުން ނުވަތަ ގިނަ މީހުން އެއްބަސްވާ ފަރާތްހެއްޔެވެ؟ ދެވަނަ ސުވާލަކީ، ބޮޑު ފާފައެއް ކުރި މީހާއީ މުސްލިމެއް ހެއްޔެވެ؟ ތިންވަނަ މިފަދަ ސުވާލުތަކުގެ ތެރޭގައި އަންަނަނިވި ސުވާލު ހިިމެނެއެވެ:  އިންސާނާއަށް ކަންކަން ކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބިގެންް ވޭ ހެއްޔެވެ؟ އެއީ ޤަޟާޤަދަރާ ބެހޭ ސުވާލެވެ. ހަތަރުވަނަ މިފަދަ ސުވާލުގެ ތެރޭގައި، މާތް ﷲ ގެ ސިފަފުޅުތައް ހިމެނެއެވެ. މިފަދަ އެތައް ސުވާލެކެވެ. މިފަދަ ސުވާލުތަކަށް މުތަކައްލިމުން ބުއްދީގެ ހަމަތަކުން ބަހުސްކޮށް ހަދަތެވެ.  ހަތަރު ޚަލީފާއިންގެ ދުވަސްވަރު މިފަދަ ސުވާލުތައް ނެރެފައި ނުވާތީ، ބައެއް މީހުން މި ޢިލްމަށް ނަފުރަތު ކުރެއެވެ.

ބާބު 2

ސޯފިސްޓްރީ[1] (ސަފްސަތާ) ގެ ގޮތްތައް އަދި ހުރިހާ ޢިލްމަކަށް އިންކާރުކުރުން.

އަހުރެން ދަންނަ އެކި ބާވަތް ބާވަތުގެ ޢިލްމާ މެދު ފިކުރު ހިންގުމުން ވިސްނުނީ ކުރިން ބުނެވުނު ޔަޤީން އިލްމު އަހުރެންގެ ކިބައިގައި ނެތް ކަމެވެ. މާތުރަ، މިހެން މިބުނީ އަހުރެންގެ ހިއްސުތަކުން ޔަޤީން ކުރެވޭ ނުވަތަ ޢިލްމުގެ ބާވަތުން އިތުރު ހެއްކެއް ނެތި ސުބޫތުކުރެވޭ ޢިލްމު ފިޔަވައެވެ.
އަހުރެން ދެން އަމިއްލަ ނަފުސަށް ބުނީމެވެ. ”ދެން މިހާރު މާޔޫސްކަން، އަހުރެންގެ ކިބައަށް އައުމުން، ނޭނގޭ ކަންތައްތައް ދެތުމަށް ދެން އޮތްގޮތަކީ ހަަމައެކަނި ޔަޤީންވާ ޢިލްމުން ކަންކަން ބެލުމެވެ. އެއީ ހިއްސުތަކުން ކަށަވަރު ކުރެވޭ ކަންތައްތަކާއި ފިކުރުން ޔަޤީންކުރެވޭ ޙައްޤު ތެދެވެ. އެހެންކަމުން މި ދެކަންތައްތަކާ މެދު ބޮޑަށް ފިކުރުކޮށް، ސުވާލުތަކަކަށް ޖަވާބު ހޯދަން ޖެހެއެވެ. އެ ސުވާލުތަކަކީ ހިއްސުތަކުން އަހުރެންނަށް އިޙްސާސްވާ، އަދި، ފިކުރުން ޔަޤީންކުރެވޭ ޢިލްމު އެއީ ކުށްތަކުން ބަރީޢަވެގެންވާ ޢިލްމުހެއްޔެވެ؟ ނޫނީ އެއީ ”ޢިލްމުވެރިންގެ“ ނުވަތަ ކަމެއްގެ މާހިރުން ގެ ބަހާ މެދު އަހުރެން ކުރިން ކުރި ޝައްކު އާ އެއްފަދަ ”ޢިލްމެއް“ ހެއްޔެވެ؟ ނުވަތަ ފިކުރީ ޢިލްމް (ތިއޮރެޓިކަލް ނޮލެޖް ނުވަތަ ނަޒަރިއްޔާތު) އާ މެދު ގިނަ މީހުން އޮންނަ ޔަޤީންކަން ފަދަ އެއްޗެއް ހެއްޔެވެ؟ މިބާވަތުގެ ޢިލްމުން ޔަޤީންކަމަށް ވާޞިލުވެވިދާނެ ހެއްޔެވެ؟ މިގޮތުގައި އަނެއްކާ ހައިރާން ކަމެއް ނުވަތަ ވަހުމެއް ނުވަތަ ލޮލަށް އޮޅުވާލެވޭ އިލޫޝަންއެއް ނުވަތަ ތޫހަމް ފަދަ ކަމެއް ނުވޭ ބާވައެވެ؟“
އެހެންކަމުން ދެން އަހުރެން ޝައުޤާއެކު ބެލީ ހިއްސުތަކުގެ ދަލީލުތަކާއި ފިކުރު ބޭނުންކޮށްގެން ދޭހަވާ ތަކެތި، ނުވަތަ އޮޅުންފިލާކަންކަން ޝައްކު ކުރެވިދާނެތޯ ބެލުމަށެވެ. މި މަގުން ފިކުރު ހިންގުމުން އަހުރެންނަށް ވިސްނުނީ ހިއްސުތަކުން ލިބޭ ދަލީލުތަކަކީ ތެދު ނޫންކަމެވެ. ހިއްސުތަކުން ލިބޭ މަޢުލޫމާތާއި ހެއްކަން އަހުރެންގެ އިތުބާރު ގެއްލިއްޖެއެވެ. މި ޝައްކު ހުރިހާ ކަމަކަށް ފެތުރިގެން ދިޔައެވެ. ސަބަބު މި ބުނަނީއެވެ.
ހިއްސުތަކުން ޢިލްމާ މެދު ލިބޭ ދަލީލުތަކަށް ނުވަތަ ހެކިތަކަށް އިތުރުބާރު ކުރާނީ ކިހިނެއް ހެއްޔެވެ؟ ފެނުމުގެ ހިއްސު ނުވަތަ ލޮލަކީ ހިއްސުތަކުގެ ތެރެއިން އެންމެ ބާރުގަދަ ހިއްސެވެ. އަހުރެމެންނަށް ހިޔަންޏަކަށް ބަލައިގެން އެއީ ތަނެއްގައި ހަރުލާ ހުރި އެއްޗެއްތޯ ނުވަތަ ދައުރުވާ ނުވަތަ ޙަރަކާތް ކުރާ އެއްޗެއްތޯ ބެލިދާނެއެވެ. ގަޑިއެއްހާއިރުު ބެލުމުން އަހުރެމެންނަށް ފާހަގަ ކުރެވޭނީ ހިޔަނި ކުރިން ހުރި ތަނުން އެހެން ތަނަކަށް ބަދަލު ވެއްޖެކަމެވެ. މަޑުމަޑުންނެވެ. ކުއްލިއަކަށް ނޫނެވެ. ހިޔަނި އަބަދުވެސް ދިޔައީ ބަދަލުވަމުންނެވެ. އެއްވެސް އިރަކު ހުރިތަނަކު ހުއްޓި ނުހުރެއެވެ. ލޮލުން ތަރިއަކަށް ބެލުމުން އަހަރުމެންނަށް ތަރި ފެންނަނީ ލާރިފޮއްްޗެއް ހާ ކުޑަކޮށެވެ. ނަމަވެސް، ހިސާބުކުރުމުން ދުނިޔެއަށް ވުރެވެސް ތަރި ބޮޑުކަމަށް ވެއެވެ. މި މިސާލާއި މިފަދަ އެހެން މިސާލުތަކުން ޔަަގީންވަނީ، ހިއްސުތަކުން ލިބޭ މަޢުލޫމާތަކީ، ފިކުރު ބޭނުންކޮށްގެން ވަޒަންކޮށްފިނަމަ، މުޅިން ކުށް މައުލޫމާތު ކަމެވެ.
ދެން އަހުރެން އަމިއްލަ ނަފްސަށް ބުނީމެވެ. ”ތިމާގެ އަމިއްލަ ހިއްސުތަކަށް ބަރޯސާކޮށްގެން ލިބޭ ހެކިތަކާއި ޢިލްމުގައި، ތެދުކަމެއް ރައްކާތެރިކަމެއް ނުވެއެވެ. ޢިލްމުގެ ޔަޤީންކަންވަނީ ފިކުރީ ޙަޤީޤަތްތަކުގައި ބާވައެވެ. މި ޙަޤީޤަތްތަކަކީ ފިކުރުކުރުމުގެ އެންމެ ފުރަތަމަ ނުވަތަ އަސާސީ ކަންކަމެވެ. (ފިކުރުގެ އަސާސީ ޙަޤީޤަތްތަކަށް ކިޔަނީ އައުލިއްޔާތު ނުވަތަ އެކްސިއަމް އެވެ.) މިސާލަކަށް ތިނަކަށް ވުރެ ދިހައެއް ޢަދަދުގެ ގޮތުން ބޮޑެވެ. އެއްވެސް އެއްޗެއް، އެއް އިރެއްގައި، ތެދު ޙަޤީޤަތަށްވެފައި ހަމަ އެ އިރު (އެއް ހިނދެއްގައި) ދޮގަކަށް ނުވާނެއެވެ. ކާއިނާތުގައިވާ އެއްވެސް އެއްޗެއް، ވުޖޫދުކުރައްވައި، އުފައްދަވައިފައިވާނަމަ، އެ ތާއަބަދަކު ނުވާނެއެވެ. އެއްވެސް އެއްޗެއް ނުވަތަ ކަމެއް ވެފައިވާނަމަ، އެ އެއްވެސް އިރެއްގައި ނުވާ އެއްޗަކަށް ނުވަތަ ކަމަކަށް ނުވާނެއެވެ. އެއްވެސް އެއްޗެއް، ކަމަކަށް ނުވަތަ އެއްޗަކަށް ބޭނުންކޮށްފައިވާނަމަ، އެކަމެއް ނުވަތަ އެއްޗެއް ނުވެނުދާނޭ ކަމަކަށް ނުވާނެއެވެ.“
ދެން އަހުރެންގެ ހިއްސުތަކުން ލިބުނު ދަލީލުތައް ޖަވާބު ދިނެވެ. ”ބުއްދީގެ ހަމަތަކުން ނިންމާ ކަންތައްތަކަށް ކުރެވޭ އިތުބާރު، ހިއްސުތަކުން ނިންމާ ކަންތައްތަކަށް ކުރެވޭ އިތުބާރާ ތަފާތުކަން ކަލެއަށް ޔަޤީން ހެއްޔެވެ؟ ކަލޭ އަހުރެމެންނަށް (ހިއްސުތަކަށް) އިތުބާރު ކުރީމެވެ. ދެން ބުއްދީގެ ހަމަތައް އަހުރެމެންނަށް އިތުބާރު ނުކުރެވޭނެކަމަށް ތުހުމަތު ކޮށްފިއެވެ. ބުއްދީގެ ހަމަ އެގޮތަށް ކަލެއަށް ނުއެންގިނަމަ، ތިބާ އަހުރެމެންނަށް އަދިވެސް އިތުބާރު ކުރާނެއެވެ. ވިސްނިން ހެއްޔެވެ؟ ބުއްދީގެ ހަމަތަކަށް ވުރެ މަތިވެރި އެއްޗެއް ވެދާނެއެވެ. އެއިން ބުއްދީގެ ހަމަތަކަކީވެސް ޝައްކުރަންޖެހޭ، ކުށްޖެހޭ އެއްޗެއްކަން ދައްކަފާނެއެވެ. އެއީ ބުއްދީގެ ހަމަތައް، ހިއްސުތަކަށް ޝައްކު ކުރި ފަދައިންނެވެ. މި ބުނި ބުއްދީގެ ހަމަތަކަށް ވުރެ މަތިވެރި އުޞޫލެއް ކަލެއަށް ނުފެންނަ ކަމީ، އެފަދަ އުޞޫލެއް ނެތްކަން ނުވަތަ ނުވާކަން ކަށަވަރުވާ ކަމެއް ނޫނެވެ.“
އަހުރެންނަށް މިކަންތައްތައް ވިސްނުމުން، އެތައް އިރެއް ވަންދެން ބަސް ހުއްޓި، ބުނާނެ އެއްޗެއް ނޭނގި ހުރީމެވެ. މި އުދަނގޫ މައްސަލަ، ނިދީގެ މައްސަލަ ފަދައެވެ. މީހާ ނިދީގައިވާ އިރު (ހުވަފެން ފެންނައިރު) މީހާ އެކިކަންކަން ޤަބޫލުކުރާކަމަށް ފެނެއެވެ. އަދި އެކި ހާލަތްތަކުގައި އެކި ކަންކަމުގައި ވެއެވެ. އެކަންކަން، އެ ހުވަފެނުގެ ތެރޭގައި، އެއްވެސް ޝައްކެއް ވަސްވާހެއް ނެތި ތެދުކަމަށް ޤަބޫލު ކުރެވެއެވެ. ނަމަވެސް މީހާއަށް ހޭލެވުމުން، ހުވަފެނުގައި ފެނުނު ކަންތައްތަކުގެ ދެކޮޅު ނުޖެހޭކަމާއި ހުސްކަން ފާހަގަ ކުރެވެއެވެ. އެއީ ޚިޔާލުތަކެއްކަން، ވަސްވާސްތަކެއްކަން، ބިލާހެއްކަން ޔަޤީން ވެއެވެ. ހަމަ މިގޮތަށް، ހިއްސުތަކުން އެނގިގެން ޤަބޫލުކުރާ ކަންތައްތަކާއި ފިކުރުގެ ހަމަތަކުން އެނގިގެން ޤަބޫލު ކުރާ ކަންތައްތަކާ މެދު އިންސާނާއަށް އޭނާގެ އަމިއްލަ ނަފުސާ ސުވާލު ކުރެވިދާނެއެވެ. ހުވަފެނުގައި ވުމާއި ހޭލާ ހުރުމާ އަޅާކިޔާފަދައިން، ހޭލާހުރުމާއި އަދި އެއަށް ވުރެ މީހާ ހޭލެންތެރި މަތީ އެހެން ޙާލަތެއް ވެދާނެ ކަމަށް ޚިޔާލަށް ނުގެނެވޭނެ ހެއްޔެވެ؟ މިބުނި މަތީ ހާލަތުގައި އިންސާނާ ވާއިރު، އޭނާއަށް ހީވާނީ ހޭލާހުރުމަކީ ނިދި ފަދަ ހާލަތެއް ކަމަށެވެ. އަދި މި ޙާލަތުގައި ބުއްދީގެ ހަމަތަކުން ބަލާއިރު ޙައްޤު ނުވަތަ ޔަޤީންޢިލްމު، އަގެއްނެތް ޚިޔާލީ ބިލާހެއް ކަމަށް ނޫނީ އެހެން އެއްޗަކަށް ނުވާނެެއެވެ.
މިބުނި މަތިވެރި ޙާލަތަކީ ފަހަރެއްގެ ވަލީ ވެރިން ނުވަތަ ސޫފީން އެބުނާ ޙާލު ކަމަށް ވެދާނެއެވެ. އެ ޙާލަތުގައި އެމީހުން ބުނާގޮތުން، ނަފްސްގެ ތެރެއަށް ގެނބިގެން ގޮސް، ހިއްސުތަކުން ބުއްދި ވަކިވެ، ބުއްދީގެ ހަމަތަކާ އެއްގޮތްނުވާ ޙާލަތަކަށް އެމީހުންނަށް ވަދެވެއެވެ.
މި ޙާލަތަކީ މަރުކަމަށް ވެދާނެެބާވައެވެ؟ މާތް ﷲ ޞަލަވާތް ލެއްވި ރަސޫލާ ޙަދީޘް ނުކުރައްވާ ހެއްޔެވެ؟ «އިންސާނުންވަނީ ނިދީގައެވެ. އެމީހުންނަށް ހޭއަރަނީ މަރުވުމުންނެވެ.» [މިއީ ޙަދީޘް އެއް ކަމަށް ޣަޒާލީ ވިދާޅުވިޔަސް މިއީ ޚުތުބާއެއްގެ ޢިބާރާތެއްކަމަށް ބައެއް ޚަދީޘް ޢިލްމުވެރިން ވިދާޅުވެއެވެ.] މި ދުނިޔޭގެ ޙަޔާތަކީ، މި ޙަޔާތުގެ ފަހުން އޮންނަ ދިރިއުޅުމަށް ބަލާއިރު، ހުވަފެނެކެވެ. މަރުވުމުން، ތަކެތި އަހަރުމެންނަށް ފެންނާނީ އެހެން އައްޔެއްގައެވެ. އެއީ ޤުރްއާންގައި ވާ ފަދައިންނެވެ. «ފަހެ ތިމަންރަސްކަލާނގެ ތިބާގެ ކިބައިން ޣާފިލުކަމުގެ ފަރުދާ ކަޝްފު ކުރެއްވީމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ» (22: 50).
ދެން މިޚިިޔާލުތައް، އަހުރެންގެ ސިކުނޑިއަށް އުދަނގޫކޮށް، ސިކުނޑި ’ކަމުންދާ ކަމަށް‘ ހީވާން ފެށިއެވެ. އަހުރެންގެ މި ބަލިމަނޑު ޙާލަތް ހަންހާރަކުރެވޭނެ ގޮތެއް ހޯދޭތޯ އެތައް ކަމެއް ކޮށް، ކާމިޔާބެއް ނުވިއެވެ. ބުއްދީގެ ހަމަތަކަށް ރުޖޫޢަވެގެން ނޫނީ އެ ޚިޔާލުތަކުން މިންޖުވެވޭނޭ ގޮތެއް ނެތެވެ. ނަމަވެސް އަހުރެންގެ ހިތުގައި ޝައްކު އުފެދިފައިވަނީ މި ހަމަތަކާ މެދުއެވެ. އަހުރެންގެ ހިތުގެ މި ހައިރާންކުރުވަނިވި ބަލި ބޮޑުވަމުން، ދިގު ދެމުން ގޮސް، ދެ މަސް ދުވަސް ބަލީގައި ވިއެވެ. މި ޙާލަތުގައި، ބޭރުފުށުން އެގޮތަށް ނުފެނުނަސް އަދި ދައްކާ ވާހަކައިން ހީނުވިއަސް، ސަފާ ނުވަތަ ޝައްކު ބަލީގެ ތެރެއަށް އަހުރެން  ވެއްޓުނެވެ. އެ ޙާލަތުގައި އެއްވެސް ޢިލްމަކީ ތެދުކަމަށް ޤަބޫލެއް ނުކުރެވެއެވެ. ދެން އެންމެ ފަހުން، މާތް ﷲ، އަހުރެން މި ބަލިން ނަޖާ ކުރައްވައި ޞިއްޙަތާއި ހަމަ ބުއްދި ދެއްވައިފިއެވެ. އަހުރެންނަށް ވިސްނުނީ، ފިކުރީ ހަމަތަކަކީ މަޤްބޫލު އެއްޗެއް ކަމެވެ. އަދި މި ހަމަތަކަށް އިތުބާރުކުރުމުން، އަހުރެންނަށް ރައްކާތެރިކަމާއި ޔަޤީންކަން ލިބުނެވެ.
އަހުރެންނަށް މި މަންޒިލަށް ލެފުނީ ތަރުތީބުން މައްސަލަތަކާ މެދު ފިކުރުކޮށްގެން ނޫނެވެ. މާތް ﷲ އަހުރެންގެ މެޔަށް ފޮނުއްވި އައްޔެއްގެ ސަބަބުންނެވެ. [ހިތަށް އިލްހާމްވި ފިކުރެއްގެ ސަބަބުންނެވެ.] މި އައްޔަކީ ގިނަ ޢިލްމުގެ ތަޅުދަނޑިއެވެ.
އިލާހީ ކަންތައްތައް ދެނެގަތުންވަނީ، އުޞޫލުތަކަކާއި ހަމަތަކެއްގެ މަތިން ފިކުރުކުރުން ކަމަށް ދެކޭމީހާ، މާތް ﷲ ގެ ރަޙްމަތް ފުޅުގެ ފުޅާކަން ހަނިކޮށްފިއެވެ. ސޫރަތުލް އަންޢާމްގެ 6 ވަނަ އާޔަތުގައިވާ (فمن يرد الله أن يهديه يشرح صدره للإسلام: الأنعام: 6:125) (الشرح) ގެ މާނައާ ބެހޭ ގޮތުން މާތް ﷲ ގެ ރަސޫލާ (ޞ.ޢ.ޥ) އާ ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. «މާތް ﷲ ތެދުމަގު ދައްކަވަން އިރާދަ ކުރައްވާ މީހާގެ މޭ (ހިތް) އެކަލާނގެ އިސްލާމްދީނަށް ހުޅުއްވައެވެ». ރަސޫލާ ޙަދީޘް ކުރެއްވިއެވެ. «އޭގައިވަނީ މާތް ﷲ ހިތަށް ފޮނުއްވާ ނޫރެއްގެ ވާހަކައެވެ.» ރަސޫލާ އާ ސުވާލު ދެންނެވުނެވެ، «އެ ނޫރު އިންސާނާއަށް ފާހަގަ ކުރެވޭނީ ކިހިނަކުން ތޯއެވެ ؟» ޖަވާބުގައި، ރަސޫލާ (ޞ.ޢ.ޥ) ޙަދީޘް ކުރެއްވިއެވެ. «އަވާމެންދުރުން (ތޫހަމް) އިން ފުރިގެންވާ މި ދުނިޔެއާ ދުރަށް ދިއުމާ އެކު، ތާއަބަދުގެ ދުނިޔެއާ، ސިއްރުން، ގާތްވުމުންނެވެ.» އެހެން ޙާލަތެއްގައި ރަސޫލާ (ޞ.ޢ.ޥ) ޙަދީޘް ކުރައްވާފައި ވެއެވެ. «މާތް ﷲ އެކަލާނގެ އިންސާނާ އުފައްދަވާފައިވަނީ އަނދިރިކަމުގެ ތެރޭގައެވެ. ދެން އެކަލާނގެެ ނޫރުފުޅު އެތަކެތީގެ މައްޗަށް ފޮނުއްވިއެވެ.» އިންސާނާ ތެދު ހޯދުމަށް މަސައްކަތް ކުރަންވާނީ މި އަލީގެ އެހީގައެވެ. މި އަލި [ނޫރުފުޅު] މީހުންގެ މައްޗަށް މާތް ﷲ، އެކި ފަހަރު، ފޮނުއްވައެވެ. އެލިބިގަތުމަށް އަހުރެމެން ފާރަވެރިވެ ތިބެންވާނެއެވެ. އެއީ އަންނަނިވި ޙަދީޘްގައި ވާ ފަދައިންނެވެ. «ތިޔަބައިމީހުންގެ ޙަޔާތުގެ ވަކި ދުވަސްތަކެއްގައި (ވަޤުތުތަކެއްގައި)، މާތް ﷲ ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ރަޙްމަތްފުޅުގެ މެސެޖްތައް ފޮނުއްވައެވެ. މި މެސެޖްތައް ލިބިގަތުމަށް އެ އަންނަނޭ މަގުމަތީގައި ތައްޔާރުވެ ހުންނާށެވެ.»
ޚުލާޞާ ކޮށްލުމުގެ ގޮތުން ބުނަމެވެ. ދަންނާށެވެ. ޙައްޤު (ތެދު) ހޯދުމަށް އިންސާނާ ހިތްމަތް ކުރަންވާނީ، ވަރަށް އިޚްލާޞްތެރިކަމާއި ހިތްވަރާ އެކު، ފުރިހަމައަށް ބަރާބަރަށެވެ. ނުފެންނާނޭ އެއްޗެއް ހޯދަން ކުރާ  މަސައްކަތާ އެއްވަރަށެވެ. އަސާސީ ޙަޤީޤަތްތައް ހޯދާކަށް ނުޖެހެއެވެ. ބުއްދީގައި، އެ ތެދުތައް ނުވަތަ ޙަޤީޤަތްތައް ހިމެނިގެންވެއެވެ. އެ ހޯދަން މަސައްކަތް ކޮށްފިނަމަ، އަހުރެމެންނަކަށް އެއެއް ނުފެންނާނެއެވެ. އެކަމަކު، ނުފެންނާނޭ އެއްޗެއް ހޯދުމަށް މަސައްކަތް ކުރާ މީހާ، ފެންނާނެ އެއްޗެއް ހޯދުމަށް މަސައްކަތް ކުރުމުގައި ކަންފަސޭހަކުރުުމުގެ އިލްޒާމުން ސަލާމަތްވެގެން ވެއެވެ.

[1] ސޯފިސްޓުން ނުވަތަ ސަފްސަތާއިންނަކީ ބަހުސެއްގައި އޮޅުވާޅުމުގެ މަޤްޞަދުގައި ނުގުޅޭ މަކަރުވެރި ހެކިދައްކާ މީހުންނެވެ. މިމީހުން ދައްކާވާހަކައިވާ ދަލީލުތަކުން އެއީ ވަރަށް ޙައްޤު ބަސްހެން ހީވާނެއެވެ. ނަމަވެސް ފުންކޮށް ވިސްނައިފިނަމަ، އެއްވެސް ބުރަދަނެއް އެމީހުންގެ ޒުވާބަކު ނުހިމެނޭއެވެ.






Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.