ތައާރަފު
ތަޢުލީމު ލިބިފައިވާ މީހެއްގެ އެންމެ
ވަރުގަދަ ދަލީލަކީ ސާފުކޮށް ވާހަކަ ދައްކަން އެނގުމާއި، ފުރިހަމައަށް
ޢިބާރާތް ކުރަން އެނގުމެވެ. މީހެއްގެ ފިކުރުގެ ފުރިހަމަ ކަމާއި ފުންކަން،
އެމީހަކު ލިޔެފައިވާ ލިޔުންތަކުން ހާމަވާނެއެވެ. ފުރިހަމައަށް ޢިބާރާތް
ކޮށްފައިވާ ލިޔުންތަކުގައި ތިންކަމެއް ހިމެނޭނެއެވެ. އެތިންކަމަކީ، ބަހުގެ
ގަވާއިދުތަކަށް ޢިބާރާތްތައް ފެތުމާއި، ތަރުތީބުން ސާފުކޮށް ޚިޔާލުތައް
ހުށަހެޅިފައިވުމާއި، ކިޔާހިތްވާ ލުއި ގޮތަކަށް ޢިބާރާތް ކޮށްފައިވުމެވެ. މި
ބުނި ތިންކަން ހިމެނޭގޮތަށް ޢިބާރާތް ކުރުމަކީ، ޝައުގުވެރިކަން ހުންނަ
ނަމަ، ކޮންމެ މީހަކަށް ވެސް ދަސްކުރެވޭނެ ހުނަރެކެވެ.
ލިޔެކިޔުންތަކަކީ މީހުން ދައްކާ ވާހަކައާއި
ލިޔާ ލިޔުމެވެ. މި ތަކެއްޗަށް އިނގިރޭސި ބަހުން ކިޔަނީ ޑިސްކޯސް އެވެ.
ޢަރަބިބަހުން ހަދީސްއެވެ. ކޮންމެ ބަހެއްވެސް، ތަންކޮޅެއް މައްޗަށް
ކިޔަވާއިރު، ލިޔެކިޔުންތައް އޭގެ އެކި ބަހާތަކަށާއި ސިފަތަކަށް ރޫޅާ
ހަދައެވެ. އެއީ އެ ލިޔެކިޔުންތަކުގެ އަސަރުތަކާއި ސިފަތައް ދިރާސާ
ކުރުމަށްޓަކައެވެ. މިގޮތަށް ލިޔެކިޔުންތައް ދިރާސާ ކުރުމަށް ކިޔަނީ
ޑިސްކޯސް އެނެލިސިސް އެވެ. ޑިސްކޯސް އެނެލިސިސް ގައި ޢިބާރާތްތަކުގެ
ފެންވަރު ބެލުމަށް ބޭނުންކުރާ ގޮތްތަކުގެ ތެރެއިން އެންމެ މުހިންމު
ދެގޮތަކީ ޢިބާރާތްތަކުގެ އެކުލެވުމާއި އެމުނުމަށް ބެލުމެވެ. އެކުލެވުމަށް
އިނގިރޭސިބަހުން ކިޔަނީ “ކޮހިރަންސް” އެވެ. އެމުނުމަށް “ކޮހީޜަން” އެވެ.
ކޮހިރަންސްގެ މާނަ އިހު ބަޔާންކުރެވުނީއެވެ. އެއީ، ޢިބާރާތްތަކުން
ފުރިހަމަ، ލޮޖިކަލް ނުވަތަ މިންޠަޤީ މާނައެއް ނުކުތުމެވެ. ކޮހީޜަން އަކީ
އެއް ޢިބާރާތް އަނެއް ޢިބާރާތާ ގެތިފައި ވުމެވެ. ލިޔެކިޔުމެއް ފުރިހަމައަށް
އެކުލެވިފައި، އެމުނުން ކަމުނުގޮއްސާނެ އެވެ. އަދި ހަމަ އެފަދައިން
ރަނގަޅަށް އެމުނިފައިވާ ޖުމުލަތަކެއްގެ އެކުލެވުން ގޯސް ވެދާނެއެވެ.
މިސާލެއްގެ ގޮތުން އަންނަނިވި ޢިބާރާތްތަކާ މެދު ވިސްނާށެވެ.
އަހުރެންނަކީ މުދައްރިސެކެވެ. މުދައްރިސް ކިލާހަށް އައީ ލަހުންނެވެ. ކިލާހުގެ ބިއްތައް ހަދާފައިވަނީ ދަނޑިފަނުންނެވެ.
މި ޢިބާރާތްތަކުގައި އެމުނުން ހިމެނެއެވެ.
އެއީ ކުރީ ޖުމުލައިގައި ހިމެނޭ ލަފުޒެއް ފަހު ޖުމުލައިގައި
ބޭނުންކޮށްގެންނެވެ. ނަމަވެސް، ޢިބާރާތްތަކުގައި އެކުލެވުމެއް ނުވެއެވެ.
އިޖްމާލީ ނަޒަރަކުން ޖުމުލަތަކަށް ވިސްނުމުން، ލިޔުންތެރިޔާ އެ ބުނަން
އުޅެނީ ކޮން އެއްޗެއްކަން ދޭހައެއް ނުވެއެވެ. ޤަބޫލުކުރެވެނީ
ޕެރެގުރާފުގައިވަނީ އެއްވެސް ގުޅުމެއް ނެތް ވާހަކަތަކެއް ކަމެވެ.
މަތީގައިވާ ޕެރެގުރާފުގައި، އެމުނުން އެންމެ ރަނގަޅު ވިޔަސް، އެކުލެވުމެއް
ނުވެއެވެ. މި މިސާލާ އިދި ޕެރެގުރާފެއް އަހުރެމެންނަށް ވިސްނިދާނެއެވެ.
އެއީ އެމުނުން ނެތި، އެކުލެވުން ހިމެނޭ މިސާލެކެވެ. އަންނަނިވި
ޕެރެގުރާފަށް ވިސްނާށެވެ.
އަޙްމަދު: އެ އިވެނީ ފޯނުވާ އަޑު.ޙަލީމާ: އަހުރެން ފެންވަރަނީ.އަހްމަދު: އެންމެ ރަނގަޅު.
މި ޕެރެގުރާފުގައިވާ ޢިބާރާތްތަކަށް
ވިސްނާއިރު، އެއް ޢިބާރާތް އަނެއް ޢިބާރާތާ އެމުނިފައެއް ނުވެއެވެ.
ޗޭނެއްހެން ޢިބާރާތްތައް ގެތިފައެއް ނުވެއެވެ. ނަމަވެސް، އިބާރާތްތައް
އެކުލަވައެވެ. ޢިބާރާތްތަކުން ފުރިހަމަ މާނައެއް އަހުރެމެންނަށް
ދޭހަވެއެވެ. އެއީ އެފަދަ ޢިބާރާތްތަކެއް އިވިދާނެ ޙާލަތެއް އަހުރެމެންނަށް
ވިސްނޭތީއެވެ.
ރަނގަޅަށް ޢިބާރާތް ކުރުމުގައި، ޖުމުލަތައް
އެކުލެވުމާއި އެމުނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަހަރުމެންނަށް ބައެއް
ކަހަލަ ލިޔުންތައް ކިޔުމުންނާއި ކިޔުންތައް އިވުމުން އަސަރުކުރަނީ އެ
ލިޔެކިޔުންތަކުގެ އެކުލެވުމާއި އެމުނުން ފުރިހަމަ ކަމުންނެވެ. ޖުމުލަތަކުގެ
އެކުލެވުމާއި އެމުނުމަކީ ކިޔަވައިދެވިދާނޭ ހުނަރުތަކެކެވެ. މިކަމަށް
ބޭނުން ކުރާ ބަހުގެ އުކުޅުތަކަކީ އަދަބީ ލިޔުންތަކުން ދިރާސާކޮށްފައިވާ
ކަމެކެވެ. އެކުލެވުމާއި އެމުނުން ފަރިތަވަންދެން ދަސްކޮށްފިނަމަ، ކޮންމެ
މީހަކަށްވެސް އަދަބީ ފެންވަރުގެ ލިޔުމެއް ލިޔެވިދާނެއެވެ. ދިވެހިބަހުންނާއި
އިނގިރޭސި ބަހުގެ ބައެއް ލިޔުންތަކުން އަހުރެންނަށް ފާހަގަ ކުރެވެނީ ގިނަ
ބަޔަކު އެމުނުމާއި އެކުލެވުމަށް ރަނގަޅަށް ސަމާލުކަން ނުދޭކަމެވެ. މިކަން
ހުރިހާ ފެންވަރެއްގެ މީހުންގެ ލިޔުންތަކުން ވެސް ފެނެއެވެ.
ޕޯސްޓްގްރޭޖުއޭޓް ސަނަދުތަކަށް ކިޔަވާ ދަރިވަރުންގެ ލިޔުންތަކުން ވެސް
އެކުލެވުމާއި އެމުނުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް ފާހަގަކުރެވެއެވެ.
ޖުމުލަތަކުގެ އެކުލެވުމާއި އެމުނުމުގެ އުކުޅުތަކަކީ ހުރިހާ ބަހަކަށް ޢާންމު
ކަންކަމެވެ. އެހެންކަމުން، ދިވެހިބަހުން އެ ކަންކަމަށް ފަރިތަވެއްޖެނަމަ،
އިނގިރޭސި ބަހާއި އެހެން ބަސްބަހުން ޢިބާރާތްކުރުމަށް ވަރަށް ބޮޑު
ކުރިއެރުމެއް ލިބޭނެއެވެ.
ޖުމުލަތައް އެކުލެވުން
ޖުމުލައެއް މީހަކު ކިޔަމުންދާއިރު އެ
ޖުމުލައެއްގެ މާނައާ ދޭތެރޭ އޭނާ ވިސްނާނެއެވެ. ލިޔުންތެރިޔާ ބުނަން
ބޭނުންވި އެއްޗަކާމެދު ފިކުރުކުރާނެއެވެ. ކިޔުންތެރިޔާ ހީކުރާގޮތަށް ނުވަތަ
އުއްމީދުކުރާ ގޮތަށް ޚިޔާލުތައް ތަރުތީބު ކުރެވިފައިވާނަމަ، ލިޔުން
ސާފުވެފައި ދޭހަ ފަސޭހަ ވާނެއެވެ. ލިޔުމަކުން ކިޔުންތެރިޔާއަށް އެއްވެސް
އެއްޗެއް ދޭހަނުވާނަމަ، ޖުމުލަތަކުގައި އެކުލެވުން ނެތީއެވެ. އެކުލެވުން
ރަނގަޅަށް ލިޔުމަށް ބައެއް ލިޔުންތެރިން ގެންގުޅޭ އުކުޅަކީ، ޖުމުލައެއް
ކިޔަމުންދާއިރު ކިޔުންތެރިޔާ ހިތާހިތާ ކުރާނެ ސުވާލާމެދު ފިކުރުކޮށް، އެ
ސުވާލުތަކަށް ޖަވާބު ލިބޭގޮތަށް ޖުމުލަތައް ޢިބާރާތް ކުރުމެވެ.
މިކަމަށްޓަކައި، ކޮންމެ ލިއުމެއް ލިއާއިރު، ކިޔުންތެރިންނަކީ
ކޮންބައެއްކަމާއި އެމީހުންގެ ބޭނުންތައް ފިކުރުގައި ބަހައްޓަން ޖެހޭނެއެވެ.
ކުރިން ފާހަގަކުރިކަން އެހެން
ޢިބާރާތްތަކަކުން ތަކުރާރު ކުރާނަމަ، ލިއުމެއް މީހަކު ކިޔަމުންދާއިރު،
ޖުމުލައިގައި އަދި ޕެރެގުރާފުގައި ބުނާ އެއްޗެއް ދޭހަކުރުމަށް އަބަދުވެސް
އޭނާ މަސައްކަތް ކުރެއެވެ. ދޭހަ ނުވާނަމަ، ލިޔުމުގައި އެކުލެވުން ނެތީއެވެ.
ކޮންމެ ޖުމުލައެއްވެސް ލިޔެފައި އޮންނަންވާނީ ކޮންމެވެސް އެއްޗަކާ
މެދުއެވެ. ވަކި ޚިޔާލެއް ބަޔާން ކުރުމަށެވެ. ޕެރެގުރާފެއްގައި ހިމެނޭނީ
މައިގަނޑު އެއް ޚިޔާލެކެވެ. ޕެރެގުރާފުގެ މައިގަނޑު ޚިޔާލު ހިމެނޭ
ޖުމުލައަށް ބައެއް މީހުން މައިގަނޑު (ޓޮޕިކް ނުވަތަ މައުޟޫޢު) ޖުމުލައޭ
ކިޔައެވެ. ކިޔުންތެރިޔާއަށް ޕެރެގުރާފުގެ މައިގަނޑު ނުކުތާ ނުވަތަ ޕޮއިންޓް
އަންގާދެނީ މައިގަނޑު ޖުމުލައިންނެވެ. ޕެރެގުރާފުގެ މައިގަނޑު ޚިޔާލު
ނުވަތަ ޓޮޕިކް ކިޔުންތެރިޔާއަށް ދެނެގަނެވޭ އަވަސްމިނަކީ ނުވަތަ ފަސޭހަ
ކަމަކީ، ޖުމުލަތަކުގެ އެކުލެވުން ރަނގަޅުކަން އަންގައިދޭ ނިޝާނެކެވެ. މި
ޚިޔާލު ހިމެނޭ ޖުމުލަ ޕެރެގުރާފެއްގައި އެންމެ ފުރަތަމަ ޖުމުލައިގެ
ގޮތުގައި ނުވަތަ އެންމެ ފަހު ޖުމުލައިގެ ގޮތުގައި ނުވަތަ މެދު ތެރޭ
ޖުމުލައެއްގެ ގޮތުގައި ވެސް ހިމެނިދާނެއެވެ. ދެން ހުންނަ ޖުމުލުތަކަކީ، މި
ޖުމުލައިގައި ބުނާ އެއްޗެއް ޞަރީޙަ ކުރާ ނުވަތަ ތަފުސީލުކުރާ ނުވަތަ
މައިގަނޑު ޖުމުލައަށް ބާރުދޭ ޖުމުލަތަކެވެ. މި ފަދަ ޖުމުލަތައް ޢާންމުކޮށް
ހަތަރު ބަޔަކަށް ބަސްވާރުން ބަހައެވެ. އެއީ މައިގަނޑު ޖުމުލައިގައި
ފާޅުކުރާ ޚިޔާލަށް ތާއީދުކުރާ މަޢުލޫމާތު ހިމެނޭ ޖުމުލައާއި، އިދި ނުވަތަ
ތަފާތު މަޢުލޫމާތު ހިމެނޭ ޖުމުލައާއި، ތަރުތީބު ބަޔާންކުރާ ޖުމުލައާއި
މައިގަނޑު ޖުމުލައިގެ ލޮޖިކް ނުވަތަ މަންޠަޤް ސާފުކޮށްދޭ ޖުމުލައެވެ.
ޖުމުލަތަކުގެ އެކުލެވުން ބިނާވެގެން ވަނީ
ޖުމުލަތަކުގައިވާ ޚިޔާލުތައް ތަރުތީބުކުރާ ގޮތެއްގެ މައްޗަށެވެ. މިތަރުތީބު
ހައެއްކަ ގޮތަކަށް ކުރެވިދާނެއެވެ. އެއީ ޢާންމު ވާހަކަތަކަކުން ޚާއްޞަ
ވާހަކަތަކަށް، މުޅި އެތިން ވަކި އެއްޗަކަށް، ބޮޑު އެއްޗަކުން ކުޑަ
އެއްޗަކަށް، ކާރިން ގާތަށް، އަދި މިހާރުން މާޒީއަށް ނުވަތަ ތާރީޚް ނުވަތަ
ވަގުތުގެ ތަރުތީބަށެވެ. މީގެ އިތުރަށް އެއްޗެއް މަތިން ތިރިއަށް ނުވަތަ
ތިރިން މައްޗަށް ނުވަތަ މުހިންމުކަމުގެ ތަރުތީބުން ޖުމުލަތައް
އެކުލަވާލެވިދާނެއެވެ. ބައެއް ޕެރެގުރާފުތަކުގައި މި ކުރިން ބުނި
ހަމަތަކުގެ ސީދާ އިދިކޮޅު ތަރުތީބުވެސް ބޭނުންކޮށްފާނެއެވެ. މިސާލެއްގެ
ގޮތުން، ޢިމާރާތެއް ސިފަކުރަން، އަހުރެމެންނަށް ތިރީބުރިން ފެށިގެން މަތީ
ބުރިއާ ހަމައަށް ތަންތަން ހުރިގޮތް ޢިބާރާތްކުރެވިދާނެއެވެ. ނުވަތަ
ފުރާޅުން ފެށިގެން ތަޅުމާ ހަމައަށް ސިފަކުރެވިދާނެއެވެ. ހާދިސާއެއް
ސިފަކުރުމަށް، އެ ހާދިސާއެއްގައި ފުރަތަމަ ހިގި ކަންތަކުން އެންމެ ފަހުން
ހިގި ކަންތަކަށް ތަރުތީބު ކުރެވިދާނެއެވެ. މިފަދަ ތަރުތީބެއް
ޕެރެގުރާފެއްގައި ނެތްނަމަ، ކިޔުންތެރިޔާއަށް ވާހަކަ އޮޅޭނެއެވެ. ދޭހަ
ނެތޭނެއެވެ. ތިރީގައި މިވާ ޕެރެގުރާފުގައި ޖުމުލަތައް އަތުރާފައިވަނީ ކޮން
ތަރުތީބަކުން ހެއްޔެވެ؟ ޕެރެގުރާފުގެ މައިގަނޑު ޖުމުލައަކީ ކޮބައި
ހެއްޔެވެ؟
ޞިއްޙަތުގެ މައްޗަށް ބުރަވެތިބެ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ކެއުން ހަމަޖައްސާފައި އޮންނަނީ، އަޅުގަނޑުމެންނާއި ވަރަށް ވެސް ތަފާތު ގޮތަކަށެވެ. އެންމެ ފުރަތަމައިން، ވަރަށް ހެނދުނާ ބޯލާ ހުސް ސައިތައްޓެކެވެ. ދެން ހެނދުނު އަށެއްޖަހާ އެހައިކަންހާއިރު، ގާތްގަޑަކަށް ބަނޑުފުރާކާ ނާސްތާއެކެވެ. އެއަށްފަހު، މެންދުރުން އަނބުރާ އެކެއްޖަހާ އެހައިކަންހާއިރު ކާ މެންދުރުގެ ކެއުމެވެ. މެންދުރުން އަނބުރާ ތިނެއް ޖެހުމާއި ހަތަރެއް ޖެހުމާއި ދެމެދުގައި ބޯ ލުއި ސައެކެވެ. އިރުއޮއްސި ހަތެއް ޖެހުމާއި އަށެއް ޖެހުމާއި ދެމެދު ކާ ރޭގަނޑުގެ ކެއުމެވެ. ދޭތެރެ ދޭތެރޭގައި ކާކެއުންތަކެއް އެބައިމީހުން ނުގެންގުޅެތެވެ.
މުޙައްމަދު އަމީން. (1951). “އިންސާނާގެ ޞިއްޙަތު” ޞ.45.
ފުރިހަމައަށް ލިޔެފައި ހުންނަ
ޕެރެގުރާފުތައް ބެލުމުން ކިޔުންތެރިންނަށް، ޕެރެގުރާފެއްގައި މާނަ
އެކުލެވޭގޮތަށް ނުވަތަ ކޮހިރަންސް ހުންނަ ގޮތަށް ލިޔުމަށް ބޭނުން
ކޮށްފައިހުންނަ އަދަބީ އުކުޅުތައް ފާހަގަ ކުރެވޭނެއެވެ. ރީއްޗަށް ޢިބާރާތް
ކުރުމަށް އެހެންމީހުން ލިޔެފައިވާ ޖުމުލަތުގެ މާނައިގެ އިތުރަށް،
ޖުމުލަތައް އެކުލަވާލާފައި ހުންނަގޮތަށް ފިކުރު ހިންގަން ޖެހެއެވެ.
ޖުމުލައެއް ލިޔަން ފެށުމުގެ ކުރިން، ހިތުގައި އެ ޖުމުލައިގެ ލަފުޒުތައް
އަތުރާލުމަށްފަހު އިބާރާތްތަކުގެ އެކުލެވުމުގެ ހަމަތަކަށް ވިސްނާލަން
ޖެހެއެވެ. ނަމެވެސް ގިނަ ފަހަރު، ގިނަ މީހުންނަށް ވާގޮތަކީ އެމީހުން ޖުމުލަ
ލިޔަން ފަށަނީ ނިންމާނޭ ގޮތް ޚިޔާރުނުކޮށް، އެމީހުންނަށްވާ އިލްހާމެއްގެ
މައްޗަށް ބުރަވެއެވެ. މިހެންވުމުން، ޕެރެގުރާފުގެ އެކުލެވުން ދެރަވެއެވެ.
އެމީހުންނަށް ޤަބޫލުކުރެވެނީ، ލިޔާއިރު ހިތަށް އަންނަ ޚިޔާލުތައް
ލިޔެލުމުން، އޭގައި ޠަބީޢީ ގޮތުން އެކުލެވުން ހިމެނޭނޭ ކަމަށެވެ. އެއީ އެއް
ވަގުތަކު އައި ޚިޔާލުތަކަކަށް ވާތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް
ލިޔުންތައް ކިޔާ މީހާ ވަނީ އެހެން މާހައުލެއްގަ އެވެ. އޭނާއަށް އެ
ޚިޔާލުތަކުގެ ގުޅުންތަކެއް ފާހަގަ ނުކުރެވިދާނެ އެވެ. އެހެންކަމުން،
ޖުމުލަތައް ޢިބާރާތް ކުރާއިރު، ބުނަން ބޭނުންވާ އެއްޗެއްގެ ބޭރުން، އެ
ބުނެވޭ ޚިޔާލުތަކުގެ އެކުލެވުމަށް ވިސްނަން ޖެހޭނެއެވެ.
ޖުމުލަތައް އެމުނުން
ޖުމުލަތައް އެމުނުމަކީ، ކުރިން ބަޔާން
ކުރެވުނުފަދައިން، އެއް ޖުމުލައާއި އަނެއް ޖުމުލަ ގުޅާލުމެވެ.
ޕެރެގުރާފެއްގެ ޖުމުލަތަކުން ކިޔުންތެރިޔާގެ ޚިޔާލު ކުރިއަށް ގެންދަން
ޖެހޭނީ އޮމާންކޮށް ގުޅުވައިގެންނެވެ. މިގޮތަށް ޖުމުލަތައް ހުރުމަށް
އިނގިރޭސިބަހުން “ފްލޯ” ހުރުމޭ ނުވަތަ ކޯރެއްގެ އޮއި ދެމޭ ބީދައިން އޮމާން
އޮއިވަރެއް ހުރުމޭ ކިޔައެވެ. ޖުމުލަތަކުގެ މެދުގައި އެމުނުން
ޤާއިމްކުރުމަށް، ކޮންމެ ޖުމުލައެއް އޭގެ ކުރިން އޮތް ޖުމުލައާއި ފަހުން
އަންނަ ޖުމުލައާ ކޮންމެވެސް ހަމައަކުން ގުޅެން ޖެހޭނެއެވެ. މި ގުޅުން
ގެންނާނޭ ހައެއްކަ އަދަބީ އުކުޅު ލިޔުންތެރިން ގެންގުޅެއެވެ. އަހުރެން
މިބައިގައި ބަޔާން ކުރާނީ މި އުކުޅުތަކުން ބައެއް ކަންކަމެވެ.
(1) ތަކުރާރުކުރުން
އެއް ޖުމުލަ އަނެއް ޖުމުލައާ ގުޅުވަން
އެންމެ ޢާންމުކޮށް ބޭނުންކުރާ ހަމައަކީ، ކުރީ ޖުމުލައިގެ ލަފުޒެއް ފަހު
ޖުމުލައިގައި ހިމެނުމެވެ. މި ލަފުޒު، ފަހު ޖުމުލަ ފެށޭއިރު ނުވަތަ ނިމޭއިރު
ނުވަތަ ޖުމުލައިގެ މެދުތެރޭގައި ހިމަނާފާނެއެވެ. ޢަބްދުﷲ ފަހުމީ ދީދީގެ
އައްނަޞީޙަތުޛަހަބިއްޔާގައިވާ އަންނަނިވި ޢިބާރާތްތަކާ މެދު ވިސްނާލާށެވެ.
މިއުޅޭ މީހުންނާ ބައްދަލުވެ އުޅުމަކީ ޒާތްޒާތުގެ ވިޔާނުވާ ވާހަކަތައް ދެއްކުން ނޫން ފައިދާއެއް ހުރި ކަމެއް ނޫނެވެ. ޢިލްމެއް އުނގެނި ޙާލެއް ޞުލްޙަ ކުރުން ފަދަ ކަމަކަށްޓަކައި މެނުވީ މީހުންނާ ބައްދަލުވެ އުޅުން މަދުކުރާށެވެ.”
މި ޖުމުލައިގައި ތަކުރާރުކޮށްފައިވަނީ
އެންމެ ލަފުޒެއް (ބަހެއް) ނޫނެވެ. ތިން ލަފުޒެވެ. އެހެންކަމުން، ދެ ޖުމުލަ
އެމުނިފައި ވެއެވެ. ބަސްތައް ތަކުރާރުކުރާއިރު، ކުރީ ޖުމުލައިގައިވާ ނަމެއް
ނުވަތަ ކަމެއް ނުވަތަ އަދި ކުރިން ބަޔާން ކުރި ގޮތަށް ކަލިމައެއް
ތަކުރާރުކޮށްފާނެއެވެ. ބައެއް ބާވަތުގެ ލިޔުންތަކުގައި، މީހުން ލިޔެފައިވާ
ލިޔުންތައް ކޮމާކޯޅިއެއްގެ ތެރޭގައި ހިމަނައެވެ. ބައެއް ދަރިވަރުން،
މީހަކު ބުނެފައިވާ އެއްޗެއް މިގޮތަށް ކޮމާކޯޅީގައި (ނުވަތަ ކޯޓޭޝަން
އެއްގައި) ލިޔެފައި ދެން އޮންނަ ޕެރެގުރާފުގައި އެ ކޮމާކޯޅީގައި ހިމެނޭ
ޚިޔާލުތަކަށް ރިއާޔަތެއް ނުކުރެއެވެ. ރަނގަޅު ގޮތަކީ، ކޮމާކޯޅީގައިވާ
ލަފުޒުތަކުން ބައެއް ލަފުޒު ދެން އޮންނަ ޕެރެގުރާފުގައި ހިމެނުމެވެ.
ކޯޓޭޝަން އާއި ފަހު ޕެރެގުރާފު ގުޅޭނީ އޭރުންނެވެ. ނަމަވެސް އެއްވެސް
ޙާލަތެއްގައި ލަފުޒުތައް ތަކުރާރުކުރުން ގިނަ ވެއްޖެނަމަ، ޕެރެގުރާފުގެ
“ފްލޯ” ނުވަތަ އޮއިވަރަށް ނޭދެވޭ އަސަރެއް ކުރެއެވެ. ޢިބާރާތްތައް
އެއްގޮތްވެ، އެއް “އޮއިވަރެއްގައި” ޚިޔާލުތައް ކުރިއަށް ނުގޮސް، ކިޔަން
ފޫހިވާގޮތް ވެއެވެ. އެހެންވެ، ތަކުރާރުކުރުމުގައި އެހެން ދެތިން ހަމައެއް
ބޭނުން ކުރެއެވެ.
ޖުމުލަ އެމުނުމުގައި ތަކުރާރުކުރުން
ހިމަނާ ފުރަތަމަ ގޮތަކީ، ކުރީ ޖުމުލައިވާ ލަފުޒަކާ އެއް މާނައެއް ދޭހަވާ
މުރާދިފު ލަފުޒެއް ނުވަތަ އެ ލަފުޒަށް އިޝާރާތްކުރާ ލަފުޒެއް
ބޭނުންކުރުމެވެ. ބައެއް ފަހަރު، ލިޔުންތެރިން އެއް ލަފުޒެއްގެ ބަދަލުގައި
ދެތިން ލަފުޒު ހިމެނޭ ޢިބާރާތެއްވެސް ބޭނުންކޮށްފާނެ އެވެ. މިސާލެއްގެ
ގޮތުން، “އައްނަޞީޙަތުއްޛަހަބިއްޔާ” ގައި ޢަބްދުﷲ ފަހުމީ ލިޔުއްވާފައިވާ މި
ލިޔުންކޮޅަށް ވިސްނާށެވެ. “ހިޔަޅުފަދަ މަކަރުވެރި ގޮތެއްގައި، އެކުވެރިގޮތް ދައްކައި ބަހުން ހަލުވާދީފާ އުޅޭ މީހުންނަކީ، އެމީހުނާއި މެދު، ވަރަށް ބަލައިގެން އުޅެންވީ ބައެކެވެ. ހިޔަޅަކާ، ދެ ފުށް ދެގޮތް ރައްޓެއްސަކު
މިސާލުކުރެއްވީ އެމީހާގެ ގެއްލުން ބޮޑުކަން ވިސްނައިދެއްވުމުގެ
ގޮތުންނެވެ.” ތިރީގައި ރޮނގުދަމާފައިވާ ދެ ޢިބާރާތުގެ މާނައަކީ ދާދި
އެކައްޗެކެވެ. ތަފާތުކޮށް ބަސްތައް ގެނައުމުން ޢިބާރާތް ރީތިވެއެވެ. ދެވަނަ
ޖުމުލައިގައި ލިޔުންތެރިޔާއަށް “އެފަދަ މީހަކު” މިހެން ބުނެވިދާނެއެވެ.
“އެ”، “އޭތި”، “އެދުވަސް”، މި ފަދަ އިޝާރާތުގެ ލަފުޒު ޖެހިގެން އަންނަ
ޖުމުލައިގައި ބޭނުން ކުރުމަކީ ވެސް އެމުނުގެ ބާވަތެކެވެ.
ދެވަނަ ގޮތަކީ، ކުރީ ޖުމުލައިގައި
ބޭނުންކޮށްފައިވާ ލަފުޒެއްގެ އިދި ލަފުޒު ބޭނުން ކުރުމެވެ. އަހުރެމެންނަށް
ފުރަތަމަ ހީވާ ވަރަށް ވުރެ، ލަފުޒަކާއި އޭގެ އިދި ލަފުޒަކާ ބަހުގެ ގޮތުން
އެއްގޮތް ކަންތައްތަކެއް ހުރެއެވެ. މިސާލަކަށް ޢަބްދުﷲ ފަހުމީގެ އަންނަނިވި
ޕެރެގުރާފާ ދޭތެރޭ ވިސްނާބަލާށެވެ. “މާތް މީހުނާ އެކު އުޅޭ މީހާ، ދިރިއުޅޭ ހުށީ، މާތްކަން ލިބިގެންވާ އުޅުމަކުންނެވެ. ވިޔާނުދާ މީހުނާ އެކު އުޅޭ
މީހަކީ، މާތްކަމެއް ލިބިގެންވާނޭ މީހެއް ނޫނެވެ. ދެރަދެރަ ހަން، ޤުރްއާނު
ފޮތުގައި ހިތްޕިފައި ހުރީމާ، އެހަމުގައި ބޮސްދެވޭތީ ކަލޭ ނުދެކެމު
ހެއްޔެވެ؟”
ތިންވަނަ ގޮތަކީ ފާޓު ހަމަ ޖުމުލަ
ބޭނުން ކުރުމެވެ. ފާޓުހަމަ ޖުމުލައިން ޢިބާރާތްކުރުމުގައި މި މާނަކުރަނީ
އެއް ފޭޑިއަކަށް ނުވަތަ ތަރުތީބަކަށް ޖުމުލައެއްގައި ލަފުޒުތައް
އެތުރުމަށާއި، އެއް ފޭޑިއަކަށް ޖުމުލަތައް ތަކުރާރުކުރުމަށެވެ. ފާޓު ހަމަ
ޖުމުލައިން މާނަކުރަނީ އިނގިރޭސިބަހުގައި “ޕެރެލަލް” ޖުމުލައިން ކުރާ
މާނައެވެ. މިސާލެއްގެ ގޮތުން އަންނަނިވި ޖުމުލައަކީ ފާޓު ހަމަ
ޖުމުލައެކެވެ. އެއީ ޖުމުލައިގައިވާ ފުރަތަމަ ދެ ލަފުޒު އާ އެއްގޮތަށް ދެން
އޮތް ހަތަރު ލަފުޒު ހިމަނާފައިވާތީ، މި ޖުމުލައިގައި ފާޓުހަމަ ކަމަށް
ބުނެވެނީއެވެ. “ރިވެތި ކެތާއި، ތަނަވަސް ހިތާއިފުން ފިކުރާއި އެކު
މުޞީބާތްތަކާ ދިމާކޮށް ލައިގަންނަ ކަންކަމާ ކުރިމަތިލައި އުޅޭށެވެ.”
އިތުރު މިސާލެކެވެ. “ބަހުސެއް ކުރާނޭ ބޭނުމެއް، ދުރުމީ އަޅާނޭ އުދަރެހެއް،
ފަހުމް ކުރާނޭ ފުރުޞަތެއް ނެތެވެ.” ދެ ޖުމުލައެއް ވެސް ފާޓުހަމަ
ވެދާނެއެވެ. މިސާލެއްގެ ގޮތުން އަންނިވި ޢިބާރާތްތަކަށް ވިސްނާށެވެ.
“ފަތްކޮޅު މަޑުކުރައްވާށެވެ. ހަވާދު ފުޑުއްވާށެވެ. ކާށި ކިބައެއްގެ
ހުންޏާއި ރީނދުކޮޅާއި އެއްކޮށް ފުނޑުއްވާށެވެ.”
(2) ޖުމުލަތައް އަމުނާ އެހެން އަދަބީ އުކުޅުތައް
އެއް ޖުމުލައާ އަނެއް ޖުމުލަ ގުޅުވަން
ހަތަރު ބާވަތެއްގެ ތަކުރާރުކުރުމެއް ކުރިން ބަޔާން ކުރެވިއްޖެއެވެ. އެއީ
ލަފުޒު ނުވަތަ ކަލިމަ ތަކުރާރު ކުރުން، ކުރީ ޖުމުލައިގެ ލަފުޒަކާ އެއް
މާނައެއް ދޭހަވާ ލަފުޒެއް ބޭނުން ކުރުން، ކުރީ ޖުމުލައިގައި ހިމެނޭ
ލަފުޒެއްގެ އިދި މާނަ ދޭހަވާ ލަފުޒެއް ބޭނުން ކުރުން، ކުރީ ޖުމުލައާއި އެއް
ފާޓެއްގެ ޖުމުލައެއް ބޭނުން ކުރުމެވެ. މި ހަތަރު ބާވަތުގެ ތަކުރާރުވުން
ފިޔަވައި، ޖުމުލަ ގުޅުވަން އެހެން ހަމަތައް ބޭނުން ކުރެއެވެ. އެއީ ކުރީ
ޖުމުލައާއި ދެން ޖެހިގެން ލިޔާ ޖުމުލައާ އަންނަނި ތާވަލުގައިވާ ގޮތްގޮތުން
ގުޅުވުމެވެ. ތިރީގައިވާ ތާވަލުވަގައި އެވަނީ ޖުމުލަ ގުޅުވަންގެންގުޅޭ
ބަސްބަސް ގިންތިކޮށްފައެވެ. ލަފުޒު ބޭނުން ކުރާ ގޮތުން، ގިންތި
ބަދަލުވެދާނެއެވެ. ކިޔުންތެރިންނަށް އިތުރު ލަފުޒުތައް ތާވަލުގައި
ހިމަނައި، އަޅުގަނޑު ގިންތިކޮށްފައިވާ ގޮތް ނޫން އެހެން ގޮތްގޮތަށް މި
ލަފުޒުތައް ގިންތި ކުރެވިދާނެއެވެ.
މީހަކު ޖުމުލައެއް ކިޔާނިމޭއިރު، ދެން
އޮންނަ ޖުމުލައެއްގައި އޮންނަންޖެހޭނެ ކަމަށް އޭނާއަށް ހީވާ ކަންތައްތަކެއް
ހުރެއެވެ. އެކަންތައްތައް ޖެހިގެން އޮތް ޖުމުލައިގައި ނެތްނަމަ،
ކިޔުންތެރިޔާގެ ސަމާލުކަން ގެއްލޭނެއެވެ. އެއް އޮއިވަރެއްގައި ކިޔުމާއި
ދޭހަ ކުރިއަށް ގެންދެވޭނީ ކުރީ ޖުމުލައާއި ދެން އޮތް ޖުމުލަ ކޮންމެވެސް
ހަމައަކުން ގުޅުމުންނެވެ.
ޢިބާރާތް ކުރުމުގައި، އެކުލެވުމާއި އެމުނުން
ރަނގަޅު ކުރަން ލިޔުންތެރިޔާއަށް ކުރެވޭނޭ އެންމެ މުހިންމު ކަމަކީ، ލިޔުން
ތިމާގެ އަތުން ދޫކޮށްލުމުގެ ކުރިން ދެތިން ފަހަރު ކިޔާލާ ޖުމުލަތަކުގައި
އެކުލެވުމާއި އެމުނުމަށް ލޯ ހިންގައި ބެލުމެވެ. ލިޔާ ވަގުތު އަންނަ
ޚިޔާލުތަކަކީ ލިޔުންތެރިޔާއަށް ކުރެވިފައިވާ ތަޖުރިބާއާއި އިޙްސާސްތަކެއްގެ
މައްޗަށް ބުރަވެ ލިޔާ ލިޔުމެވެ. އެހެން މީހަކު ލިޔުން ކިޔުމުން، ކުރިން
ފާހަގަ ނުކުރެވޭ، ރަނގަޅު ކުރެވޭނޭ އެތައް ކަމެއް ކޮންމެ ލިޔުމަކުން
ފެނިދެއެވެ.
Comments