ހައްޖުގެ އަޅުކަމަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މާލެ
އެނބުރި ވަޑައިގަތުން އިއްޔެ ކުރިއަށް ދިޔައީކީ ރާވާފައި އޮތް ގޮތަކަށް
ނޫނެވެ. ރަސްމީ ފާލަން އިއްޒުއްދީން ފާލަމަށް ރައީސްގެ "ފިނިފެންމާ" ލޯންޗު
ގާތްކޮށް ނުނިމެނީސް ނިކަން ވަރުގަދަ އަޑުފަށްގަނޑަކާ އެކު ލޯންޗު
ތެރެއިން ދުން އަރަން ފެށީމަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗުގައި ބާރުގަދަ ގޮވުމެއް ގޮވީ އެވެ.
އެ ގޮވުމާ އެކު ލޯންޗުގެ ފަހަތު ބައިގެ ދޮރެއް ވިއްސައިގެން ދިޔައިރު
ގޮވުމުގެ ބާރުގައި ޖެހި ރައީސްގެ އަނބިކަނބަލުން ވެސް އިދިފުށަށް
ވިއްސައިގެން ދިޔަ އެވެ. އަދި އޭރު ލޯންޗު ތެރޭގައި އުފެދިފައި އޮތް އޮލަ
ދުންގަނޑާ ހެދި އޭގައި ތިބި މީހުން ވެސް ރަނގަޅަށް ފާހަގައެއް ނުކުރެވެ
އެވެ.
ބޮޑީގާޑުންނަށް ރައީސް ވެސް ނުފެނިގެން އުޅުނު ކަމަށްވެ އެވެ.
އަލުން މަންޒަރު ސާފުވިއިރު އެތަނުގައި އޮތީ ހަލަބޮލިކަމެވެ. ލޯންޗުގައި
ގޮވި ގޮވުމަށް ވުރެ ބޮޑު ޝޮކެއް މަންޒަރު ބަލަން ތިބި ފަރާތްތަކަށް ދެން
ލިބިގެން ދިޔައީ ރައީސްގެ ދެކަނބަލުންގެ ސަލާމަތާއި ރައްކާތެރިކަން
ޔަގީންކޮށްދިނުމަށް ހަރަކާތްތެރިވި ޓީމުގެ ޕްރޮފެޝަނަލް މިންވަރާއި
މިންގަނޑު ފެނިގެންނެވެ.
އެ ހާދިސާ ހިނގި ވަގުތު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނައިރު
ރައީސުލްޖުމްހޫރިއްޔާ އަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް
އަވަސްވެ ގަތުމުގެ ބަދަލުގައި ރައީސްގެ ސެކިއުރިޓީގެ މެމްބަރުން ވެސް
ފެނުނީ އެހެން މީހުންނަށް އެހީ ފޯރުކޮށް ދިނުމަށް ހަރަކާތްތެރިވަމުން ދިޔަ
މަންޒަރެވެ. އަދި އެ ގޮވުމަކަށް ފަހު ރައީސް އަމިއްލަފުޅަށް ބޭރަށް ނުކުމެ
ވަޑައިގެން އަނބިކަނބަލުންނަށް އެހީވާން އުޅުއްވި މަންޒަރު ވެސް މީޑިއާގެ
ނޫސްވެރިންނަށް ފެނިފައިވެ އެވެ.
އެހެންވީމަ ހަގީގަތަކީ ރައީސުލްޖުމްހޫރިއްޔާ ނުރައްކަލަކަށް
ހުށަހެޅިގެން ދިޔަ ހިނދު އެ ބޭފުޅާގެ ސެކިއުރިޓީ ބަލަހައްޓާ ޓީމަށް އެންމެ
ފުރިހަމަ ގޮތުގައި ނުވަތަ އެންމެ ޕްރޮފެޝަނަލް ލެވެލްގައި ހަރަކާތްތެރި
ނުވެވުނުކަން ހެއްޔެވެ؟ އަދި ހެޑް އޮފް ސްޓޭޓަކު ގައުމުން ބޭރަށް ކުރައްވާ
ދަތުރުފުޅަކަށް ފަހު މިހައި ހާމަކަން ބޮޑު ގޮތަކަށް އެނބުރި
ވަޑައިގެންނެވިއިރު އެ ފަރާތަށް ފޯރުކޮށްދޭން ޖެހޭ އެންމެ ފުރިހަމަ
ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ވެސް ސަލާމަތީބާރުތައް ފެއިލްވެގެން
ދިޔައީ ހެއްޔެވެ؟ އެ ހާދިސާގެ ވީޑިއޯ ފަހުން ބެލި އެތައް ބަޔަކު އުފައްދަނީ މި ސުވާލުތަކެވެ.
ތަޖުރިބާކާރުން އަދި މަންޒަރު ދުށް އާންމުންގެ ގިނަ ބަޔަކު ވެސް ބުނަނީ
ލޯންޗުގައި އިއްޔެ ހިނގި ހާދިސާއާ ރައީސްގެ ސެކިއުރިޓީ ޓީމު ޑީލްކުރި
ގޮތަކީ އެމީހުންގެ ޕްރޮފެޝަންގައި ހޭވި ބޮޑު ހަޑިއެއް
ކަމަށް ބުނުމުގެ ޖާގަ އޮތް ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ އެއީ ހަމަ ޓޯޓަލް ބްލަންޑާއެކޭ އިނގޭތޯ،"
ރައީސަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ހަރަކާތްތެރިވާ ޓީމުގެ
މެމްބަރުން ތަމްރީންކުރެއްވުމުގައި 12 ވަރަކަށް އަހަރު ހޭދަކުރެއްވުމަށް
ފަހު މިހާރު ސިފައިންގެ ވަޒީފާ އިން ރިޓަޔާކުރައްވައިގެން ހުންނެވި
ބޭފުޅަކު ނަން ހާމަނުކުރެއްވުމަށް އެދި އިއްޔެގެ ހާދިސާއާ ބެހޭ ގޮތުން
ވާހަކަ ދައްކަމުން ވިދާޅުވީ މިހެންނެވެ.
"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ކަން ހިނގަން ޖެހޭ ގޮތާ މުޅިން
ތަފާތު މަންޒަރެއް. މިއީ ވަރަށް ބޮޑު މައްސަލައެއް. ސެކިއުރިޓީ
ޕްރޮސީޖަރަލްގެ އެއްވެސް ކަމެއް ފެނިގެނެއް ނުދިޔަ މިއަދުގެ ހާދިސާގައި."
"ޓޯޓަލް ބްލަންޑާއެއް އެއޮތީ ހަދާފައި."
އަވަސްއާ ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވީ ލޯންޗުގައި ހިނގި
ހާދިސާ އަކީ އެކްސިޑެންޓަކަށް އަދި ބަޔަކު މީހުންގެ ރޭވުމަކަށް ވިޔަސް އެ
ހާދިސާއެއް ހިނގާފައި އެ އޮތީ ރައީސަށް ސަލާމަތާއި ރައްކާތެރިކަން ދޭން
ތިބި ފަރާތްތަކުގެ ނިކަން ބޮޑު އިހުމާލެއް އޭގައި އޮވެގެން ކަމަށެވެ. އޭނާ
ވިދާޅުވީ ގައުމެއްގެ އެންމެ އިސްވެރިޔަކު ބޭރަށް ކުރައްވާ ދަތުރުފުޅަކަށް
ފަހު އެގޮތަށް އިއުލާނުކުރެވިގެން އެނބުރި ވަޑައިގަންނައިރު ސަލާމަތީ
ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަރަށް ވެސް
ގިނަވާނެ ކަމަށެވެ. އެ ފިޔަވަޅުތައް އެންމެ ފުރަތަމަ އެޅިފައިވާކަމާ މެދު
ސުވާލު އުފެދޭ ކަމަށެވެ.
"މިގޮތަށް ރައީސް އެނބުރި ގައުމަށް ވަޑައިގަންނަވާ ރަސްމީ ދަތުރުފުޅަކާ
ދިމާކޮށް އަޅަން ޖެހޭ ސެކިއުރިޓީ ޕްރޮސީޗާ ވަރަށް ބޮޑުވާނެ. އެ އެއްޗެހި
އަޅާފައި އޮތްވައި މިހަލަ ހާދިސާއެއް ހިނގުމަކީ ވަރަށް ނާދިރު ކަމެއް.
ސަބަބަކީ މި ސެކިއުރިޓީ ޕްރޮސީޖާގެ ދަށުން އާދައިގެ އިލްކްޓްރިކަލް
އެއްޗެހި ވެސް ޗެކްކޮށް ލޯންޗުގެ އިންޖީނު ވެސް ސްޓާޓްކޮށްގެން ބަލާނެ،"
ކުރީގެ ސިފައިންގެ އޮފިސަރު ވިދާޅުވި އެވެ.
"ވަކި ވަގުތެއް ވަންދެން ލޯންޗު ބާއްވާނެ ސްޓާޓް ވެސް ކޮށްފައި.
އެހެންވީމަ މިފަދަ ކަމެއް ލޯންޗުގައި ހިނގުމަކީ ވަރަށް ނާދިރު ކަމެއް."
"ސަލާމަތީ ރައްކާތެރިކަން ފުރިހަމަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް
އަޅާފައި ވަނިކޮށް މިފަދަ ހާދިސާއެއް ހިނގައިފި ނަމަ އޭގައި އެބަ އުޅޭ
ކޮންމެ ވެސް ބައެއްގެ އިހްމާލުތަކެއް. ސަލާމަތާއި ރައްކާތެރިކަން
ބެލެހެއްޓުމަށް ތިބޭ ފަރާތްތަކުގެ އިހްމާލެއް ނެތި އެވަރުގެ ކަމެއް އެ
ފެންވަރުގައި ނުހިނގާނެއޭ އަޅުގަނޑު ދަންނަވާނީ."
"އެއީ އެ ޕްރޮސީޗާ އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭތީ."
އޭނާ ވިދާޅުވީ ރައީސްގެ ސެކިއުރިޓީ އަށް ބަލާއިރު ދެ ވައްތަރެއްގެ
ޕްރޮސީޖާއެއް ގެންގުޅޭ ކަމަށާއި އެގޮތުން ސަލާމަތީ ފިޔަވަޅުތައް އެންމެ
ބޮޑަށް ވަރުގަދަކުރަނީ މިފަދަ ގޮތަކަށް ދުރާލާ އެންމެނަށް އެނގިގެން ރައީސް
ތަނަކަށް ވަޑައިގަންނަވާއިރު ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ރައީސް
ބޭނުންފުޅު ކުރައްވާ ހުރިހާ އުޅަނދުތަކެއް 24 ގަޑިއިރު ކުރިން ބަލައި
ފާސްކޮށް ހެދުމަކީ ވެސް މި ސެކިއުރިޓީ ޕްރޮސީޖާގެ ދަށުން ކުރާ ކަމެއް
ކަމަށް އޭނާ ވިދާޅުވި އެވެ.
"ލޯންޗުގައި ވަޑައިގަންނައިރު ފަޅު ތެރެޔާއި ދެ ފަރާތުގެ އެމްބަސް އަދި
ޑީބަސް ޕޮއިންޓްސް ވެސް ވަރަށް ރަނގަޅަށް ބަލާނެ. ފަޅު ތެރެއާއި ލޯންޗްގެ
ދަށާއި ލޯންޗުގެ ކެބިން އާއި އެތެރޭގެ ބައިތައް ރަނގަޅަށް ބަލައި ޗެކްކޮށް
އެމީހުންގެ ބެލުމުގެ ދަށުގައި ބާއްވާނެ،" ރައީސަކަށް އެންމެ މަތީ
ފެންވަރުގައި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ގެންގުޅޭ ޕްރޮސީޖާގެ ބައެއް
ކަންކަން ހުންނަ ގޮތް ވިދާޅުވެ ދެއްވަމުން ސިފައިންގެ ކުރީގެ އޮފިސަރު
ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ފުރިހަމަކުރަން ޖެހޭ މި ޕްރޮސީޗާ
ފުރިހަމަކޮށްފި ކަމުގައިވާ ނަމަ ލޯންޗުގައި އިއްޔެ ހިނގި ކަހަލަ
ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ ވަރަށް ވެސް ދުރު ކަމެކެވެ.
ގޮވުމަށް ފަހު ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރިވި ގޮތާ ބެހޭ ގޮތުން
ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެމީހުންގެ ފަރާތުން ވެސް ފެނުނީ ތަފާތު
މަންޒަރެއް ކަމަށެވެ.
"އާންމުކޮށް ރައީސުން ނުވަތަ ލީޑަރުން އަވަހާރަކޮށްލުމަށް ދޭ
ހަމަލާތަކުގައި އެކައްޗަށް ފަހު އަނެކަތި ގޮއްވާލާނީ. އެހެންވީމަ އެފަދަ
ހާލަތެއް ކުރިމަތިވާއިރު އާންމުކޮށް ހަމަލާ ދޭ ގޮތަކީ މިއީ ކަމަށްވުމުން
އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ރައީސުލްޖުމްހޫރިއްޔާގެ ފުރާނަ
ސަލާމަތްކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން،" ކުރީގެ އޮފިސަރު
ކިޔައިދެއްވި އެވެ.
"އެ އޮންނަ ތަރުތީބަކުން މީހުން ސަލާމަތްކުރަން ފަށާނީ. އެގޮތުން އެންމެ
ފުރަތަމަ ހެޑް އޮފް ސްޓޭޓް ނުވަތަ އެތަނެއްގައި ހުންނަ އެންމެ ވީވީއައިޕީ
މީހާ. އެއަށް ފަހު އެމީހެއްގެ އަނބިކަނބަލުން. މި ތަރުތީބުން ފަށައިގެން
އެންމެފުރަތަމަ ވެސް ރައީސް ނުވަތަ ވީވީއައިޕީ އަށްވާ ފަރާތް އެ
ސަރަހައްދަކުން ވަގުތުން ދުރުކުރަން ޖެހޭނެ."
"އެ ގެންދާ ގޮތަށް ހޮސްޕިޓަލަށް ގެންދާނީ ވެސް."
ދެން އޮތީ އެހެން ސުވާލެކެވެ. ލޯންޗުގައި ގޮވި އެއްޗަކާ ބެހޭ
މައުލޫމާތެއް ރަސްމީ ފަރާތްތަކުން އަދި އާންމެއް ނުކުރެ އެވެ. އެކި މީހުން
އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ދަނީ އެވެ. މި ހާދިސާއެއް
ތަހުގީގުކުރުމަށް ބޭރުގެ ތަޖުރިބާކާރުން ވެސް އެ ވަނީ މިހާރު ރާއްޖެ
އައިސްފަ އެވެ.
އެހެންވީމަ ލޯންޗުގައި ގޮވީ ކޯއްޗެއްތޯ އެވެ؟
"އަޑުފައްގަނޑެއް އުފެދި ގުޑުމެއް އަރައިގެން ދިޔަ ނަމަ އޭގެ މާނަ އަކީ
އެއީ ހަމަ ގޮވުމެއް ގޮއްވާލައިގެންނޭ އެވަރުވާނީ،" އަވަސްއާ ވާހަކަ
ދެއްކެވި ތަޖުރިބާކާރުގެ ހިޔާލަކީ މިއީ އެވެ.
"އެކްސްޕްލޯޝަންއެއްގައި އަންނާނެ ފްރިގްމަންޓް އިފެކްޓެއް. އެއީ
އެކްސްޕްލޯސިވް ޗާޖެއް ގޮވާއިރު އޭގެ ވަށައިގެން ތިބޭ މީހުންގެ ގަޔަށް
ވަނުމަށް ލާފައި ހުންނަ އިފެކްޓެއް. އަނިޔާވި މީހުންގެ ގައިގައި ފްރެކްޗާ
ހުއްޓޭ ބުނާއިރު ޔަގީންކުރަން ޖެހެނީ އެއީ ކަށީގެ ފްރެކްޗާއެއްތޯ ނުވަތަ
ޕްރެޝަރުގެ ސަބަބުން ލިބިފައިވާ މަސަލް ފްރެކްޗާއެއްތޯ."
"އެކަން ބަލައި ޔަގީންކުރެވިއްޖެ ނަމަ އެނގޭނެ އިމްޕޮރޮވައިޒްޑް
އެކްސްޕްލޯސިވް ޑިވައިސްއެއް (އައިއީޑީ) ގޮވީކަމަށް ވަންޏާ އެކަން ވެސް."
މިމޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސްގެ ލޯންޗުގައި ގޮވި
ގޮވުމަކީ ރާވައިގެން ހިންގި ކަމެއް ކަމުގައިވާ ނަމަ އެ ގާބިލުކަން
އާންމުންގެ ތެރެއިން ބަޔަކަށް ލިބިދާނެ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.
"މި ހާދިސާ އަކީ ނުވަތަ އެ ގޮވުމަކީ ސީދާ ރައީސަށް އަމާޒުކޮށް ދެވުނު
ހަމަލާއެއް ކަމުގައިވާ ނަމަ ސެކިއުރިޓީ ބްރީޗުކޮށްފައި އެ އޮތީ
އެތެރެއިންނޭ އަޅުގަނޑު ދަންނަވާނީ. ވީއައިޕީ ސެކިއުރިޓީ ގާއިމުކޮށްފައި
ވަނިކޮށް ބޭރުން އަންނަ ބަޔަކަށް އެ ލޯންޗަށް ގެއްލުމެއް ދެވޭ ވަރުގެ
ކަމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
"އެސްޕީޖީ އާއި
ސިފައިންގެ ސަފުތައް ފޫއަޅުވާލާފައި އެ ލޯންޗަށް ގޮވާ އެއްޗެއް އެހެން
ބަޔަކަށް ލެވިއްޖެއްޔާ އެއީ ދެން ވަރަށް ބޮޑު ސެކިއުރިޓީ މައްސަލައެއް
އުޅެނީ. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެސްޕީޖީ އާއި ސިފައިންގެ ސަފުތައް
ބޭރުން އަންނަ ބަޔަކަށް ފޫއަޅުވާލެވިދާނެ ކަމަކަށް ވެސް."
ކޮންމެއަކަސް މިއީ ރައީސްގެ ލޯންޗުގައި އިއްޔެ ހިނގި ނުރައްކާތެރި
ހާދިސާއާ ގުޅޭ ގޮތުން ދާއިރާގެ ތަޖުރިބާކާރަކު އަވަސްއާ ހިއްސާކޮށްފައިވާ
އެބޭފުޅާގެ އަމިއްލަ ހިޔާލާއި ތަޖުރިބާގެ ވާހަކަ އެވެ.
މި ވާހަކައެއް ދައްކާއިރު ލޯންޗުގައި ގޮވި ގޮވުމުގެ އަސްލު ހޯދުމަށް
ބޭރުގެ ތަޖުރިބާކާރުންނާ އެކު ތަހުގީގު ފަށާފައިވާކަން ފާހަގަކޮށްލެވެ
އެވެ. އޭގެ އަސްލު ހޯދައިގަނެވޭނީ އެ ތަހުގީގުތަކަށް ފަހު އެވެ. ހަމައެކަނި
މިހާރު ދެއްކޭނީ ލަފާ ކުރުންތަކެއްގެ ވާހަކަ އެވެ. އެކަމަކު ޔަގީންވާ
ކަމަކީ ރައީސްގެ ސެކިއުރިޓީ މުރާޖައާކޮށް ހަރުދަނާ ކުރަން ޖެހިފައިވާ
ކަމެވެ.
Comments