Skip to main content

ފޯލިކް އެސިޑް: ތުއްތު ދަރިފުޅުގެ ދުޅަހެޔޮކަމަށްޓަކައި

 http://images.agoramedia.com/wte3.0/gcms/BestFoodsIntro_full.jpg
ފޯލިކް އެސިޑަކީ ވިޓަމިން ބީ ގެ ބާވަތެއްކަމުގައިވާ ވިޓަމިން ބީ ނުވައެކެވެ. މިވިޓަމިނަކީ ހަޔާތުގެ އެކި މަރުހަލާތަކުގައި ހަށިގަނޑަށް ވަރަށް މުހިންމު އެއްޗެކެވެ. މިވިޓަމިން ހަށިގަނޑުގައި މަދުވުމުގެ ސަބަބުން ނޭދެވޭ އެތައް އަސަރުތަކެއް ކުރެއެވެ. އޭގެތެރޭގައި އުފެދުމުގައި އުނިކަން ހުންނަ ކުދިން ލިބުމާއި ހައްޔަރުން ނެއްޓުމާއި ކުޑަކުދިން އުމުރާ އެއްގޮތަށް ހެދި ބޮޑުވުމަށް ބުރޫއެރުމާއި ހަށިގަނޑުގައި ލޭ އުފެދޭ މިންވަރު މަދުވުމުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތައް ހިމެނެއެވެ.

އުފަންވެނި ޞިއްޙަތުގެ ޚާއްޞަ އެހީތެރިއެއް:

ފޯލިކް އެސިޑް ބޭނުންކުރުން އެންމެ މުހިންމު އެއްބަޔަކީ ދަރިމައިވާ އުމުރުފުރައިގެ އަންހެނުންނެވެ. ވަކިން ޚާއްޞަކޮށް ބަލިވެއިނުމުގެ ކުރިންނާއި ބަލިވެ އިންނަ ދުވަސްވަރާއި ގާތުން ކިރުދޭ ދުވަސްވަރު މިވިޓަމިންގެ މުހިންމުކަން އިތުރުވެއެވެ. މައިމީހާގެ ރަޙިމުގައި ތުއްތު ދަރިފުޅު ގަރުބަގަނެ، ހެދިބޮޑުވަމުން އަންނަ ދުވަސްވަރު މައިމީހާގެ ހަށިގަނޑުގައި މިވިޓަމިން ހުންނަންވާ މިންވަރަށް ވުރެ މަދުކަމުގައިވާ ނަމަ، ތުއްތު ދަރިފުޅު ބައިގެންދިއުމާއި ދުވަސްނުފުރާ ވިހެއުމުގެ ނުރައްކާ ވަރަށް ބޮޑެވެ. މީގެ އިތުރުން 'ނިއުރަލް ޓިއުބް ޑިފެކްޓްސް' ނުވަތަ ސިކުނޑި އާއި މައިބަދަ އުފެދެންވާ ގޮތް ނޫން ގޮތްގޮތަށް އުފެދުމުގެ ފުރުޞަތު ބޮޑެވެ. ހޯދުންތަކުން ދައްކާގޮތުގައި ބަލިވެއިނުމުގެ ކުރިން ފޯލިކް އެސިޑް ގަވާއިދުން ބޭނުން ކުރުމުން ތުއްތު ދަރިފުޅުގެ ސިކުނޑި އާއި މައިބަދަ އުފެދުމުގައި ހުންނަ އުނިކަންކަން ނުވަތަ 'ނިއުރަލް ޓިއުބް ޑިފެކްޓް'އެއް ހުރުމުގެ ފުރުޞަތު 70 އިންސައްތަ ކުޑަކޮށްދެއެވެ.

ނިއުރަލް ޓިއުބަށްކުރާ ނޭދެވޭ އަސަރު:

ނިއުރަލް ޓިއުބަކީ ގަރުބަގަތުމަށް ފަހު އެންމެ ފުރަތަމަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ބެދިގެންދާ 'ހޮޅި' އެކެވެ. އެއީ 'ޕަރސް' އެއްގެ ޒިޕު ދަމާލައި ލައްޕާލުން ކަހަލަ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ތުއްތު ދަރިފުޅު ގަރުބަގަންނަތާ 28 ދުވަސް ވާއިރު އާންމުކޮށް ނިއުރަލް ޓިއުބު ބެދެއެވެ. މިއީ ގިނަ މީހުންނަށް ބަލިވެ އިންކަމުގެ އިހުސާސް ވެސް ނުވާހާ ކުރީކޮޅެވެ. މިމުއްދަތުގެ ތެރޭގައި މި 'ހޮޅި' ބެދުމަށް ފަހު ތުއްތު ދަރިފުޅުގެ ސިކުނޑި އާއި މައިބަދަ އުފެދެން ފަށައެވެ. 'ނިއުރަލް ޓިއުބް' ނުވަތަ މިހޮޅި ބެދޭއިރު އެއްވެސް ހިސާބެއްގައި ހީނަރުކަމެއް ހުރެއްޖެނަމަ، އެމައްސަލަ ހުރި ހިސާބެއްގެ ގޮތުން، ސިކުނޑިން ނުވަތަ މައިބަދައިން ބައެއް ނިކުމެފައި ހުރުމުގެ އިތުރުން އެހެނިހެން ތަފާތުތައް ހުރުން އެކަށީގެން ވެއެވެ. ނަތީޖާއެއްގެ ގޮތުން ލިބޭ ތުއްތު ދަރިފުޅު ޅަފަތުގައި މަރުވުމުގެ ފުރުޞަތު އިތުރުވެއެވެ. ފުރާނަ ސަލާމަތްވާ ކުދިން ވެސް ބޮޑެތި އޮޕަރޭޝަން ތަކަށް ފަހު ވެސް އެކުއްޖަކީ ނުކުޅެދޭ ކުއްޖަކަށް ވުމުގެ އެކަށޭނަކަން ވަރަށް ބޮޑެވެ. ބަލިވެ އިނުމުގެ ފުރުޞަތު އޮތް ކޮންމެ އަންހެނަކު ވެސް ފޯލިކް އެސިޑު ކެއުމަށް ޑޮކްޓަރުން ލަފާދެއްވަނީ މިސަބަބާ ހުރެއެވެ.

ނިއުރަލް ޓިއުބް ޑިފެކްޓުތަކަށް ނަންދެވިފައި ވަނީ ނިއުރަލް ޓިއުބު ނުވަތަ ހޮޅި ބެދުމުގައި ހީނަރުކަން ހުންނަ ހިސާބަކާ ގުޅުވައިގެންނެވެ.

އެންއެންކެފަލީ އަކީ ސިކުނޑި އުފެދިފައި ނުވުމެވެ. މިއީ ވަރަށް ގިނަ ފަހަރަށް ބައިގެންދާން މެދުވެރިވާ ސަބަބެއް ވެސް މެއެވެ. މިފަދަ ކުއްޖަކު ދުނިޔެއަށް އުފަންވީ ނަމަވެސް، ވަނީ ވަރަށް ކުޑަ ވަގުތު ކޮޅެއްގެ މެހެމާނަކަށެވެ.
އެންކަފަލޯސީލް އަކީ ބޮލުގެ ނާށިގަނޑުގައި އައިބެއް ހުރުމުގެ ސަބަބުން ސިކުޑިން ބައެއް ބޭރަށް ނިކުމެފައި ހުރުމެވެ.
މެނިންގޯސީލް އަކީ ސިކުނޑި އާއި މައިބަދައިގެ ވަށައިގެންވާ ފަށަލަ ބޭރަށް ނިކުމެފައި ހުރުމެވެ. މެނިންގޯމައިލޯސީލް އަކީ ސިކުނޑި އާއި މައިބަދައިގެ ވަށައިގެންވާ ފަށަލަ ބޭރަށް ނިކުމެފައި ހުރުމުގެ އިތުރުން މައިބަދައިގެ ނާރުތައް އެއްކޮށް ނުވަތަ އެއިން ބައެއް ބޭރަށް ނިކުމެފައި ހުރުމެވެ.

ސްޕައިނާ ބައިފިޑާ އަކީ ވެސް ނިއުރަލް ޓިއުބް ޑިފެކްޓެކެވެ. ސްޕައިނާ ބިފިޑާ އަކީ މައިބަދަ ބެދިފައި ނުވުމެވެ. މިމައްސަލަ ހުންނަ ކުދިންގެ ތެރެއިން ބައެއް ކުދިންގެ ބޮލުގައި ފެން އުފެދުން ނުވަތަ ހައިޑްރޯކެފަލަސް ހުރުން ވެސް އެކަށީގެން ވެއެވެ.

އެހެނިހެން ގުނަވަންތަކަށް ފޯރާ ނޭދެވޭ އަސަރު:

މައިމީހާގެ ހަށިގަނޑުގައި ފޯލިކް އެސިޑް މަދުވުމާއި އުފެދުމުގައި ހުންނަ އެހެނިހެން އައިބުތަކާ ވެސް ގުޅުން ހުންނަ ކަމަށް ފަހުގެ ބައެއް ދިރާސާތަކުން ދައްކައެވެ. ހިތާއި ކުޑަކަމުދާ ނިޒާމު އުފެދުމުގައި ދިމާވާ ބައެއް މައްސަލަ ތަކާއި އޯޓިޒަމް ސްޕެކްޓްރަމް ޑިސޯޑަރސް އާވެސް މައިމީހާގެ ހަށިގަނޑުގައި ފޯލިކް އެސިޑް މަދުވުމާ ކޮންމެ ވެސް ވަރެއްގެ ގުޅުމެއް ވާކަމުގެ ބައެއް އިޝާރާތްތައް ފެނިފާއިވާ ކަމަށް ހޯދުންތަކުން ދައްކައެވެ. މާބަނޑު ދުވަސްވަރު ފޯލިކް އެސިޑް ބޭނުންކުރުމަކީ ކުޑަކުދީންގެ ވިސްނުން ތޫނުވާ ކަމެއް ކަމަށް ހޯދުންތަކުން ދައްކައެވެ.

ނިއުރަލް ޓިއުބް ޑިފެކްޓެއް ހުރި ކުޖަކު ލިބުމުގެ ފުރުޞަތު ބޮޑުވާ ހާލަތްތައް:

ހަށިގަނޑުގައި ފޯލިކް އެސިޑް މަދުވުމުގެ ސަބަބުން ނިއުރަލް ޓިއުބް ޑިފެކްޓެއް ހުރި ކުއްޖަކު ލިބުމުގެ ފުރުޞަތު އިތުރުވާ މީހުންގެ ތެރޭގައި ކާނާގައި ފޯލިކް އެސިޑް މަދުން ކެވޭ މީހުންނާއި ފޯލިކް އެސިޑް ސަޕްލިމަންޓު ބޭނުން ނުކުރާ މީހުން ވެސް ހިމެނެއެވެ. މީގެ އިތުރުން ފިޓްޖެހުމަށް ބޭސްކުރަމުން އަންނަ މީހުނާއި ހަކުރު ބަލި ހުންނަ މީހުންނާއި އެނޫންވެސް ސަބަބަކާ ހުރެ މެޓްފޯމިން ބޭނުންކުރާ މީހުން ހިމެނެއެވެ. އާދަޔާ ޚިލާފަށް ފަލަވުމަކީ ވެސް މިކަމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ތެލަސީމިއާ ނުވަތަ ސިކްލް ސެލް އެނީމިއާ ފަދަ ބައްޔެއް ހުންނަ މީހުންނަށް ލިބޭ ކުދިންގެވެސް މިފުރުޞަތު ބޮޑެވެ. މީގެ އިތުރުން ހަޖަމުކުރުމުގެ މައްސަލަތައް ފަދަ ގޮހޮރުގެ މައްސަލަތައް ހުރުމުގެ ސަބަބުން އެކަށީގެންވާ މިންވަރަށް ހަށިގަނޑަށް މިވިޓަމިން ނުލިބޭ މީހުންވެސް ހިމެނެއެވެ. ފިޓުޖެހުމަށް ދޭ ބޭހާއި މެޓްފޯމިންގެ އިތުރުން ވެސް ހަށިގަނޑުގައި ފޯލިކް އެސިޑްގެ މިންވަރު މަދުކުރާ ބައެއް ބޭސް ހުރެއެވެ. ސަލްފަސަލަޒިން، ޓްރައިއެމްޓަރީން، މެތޮޓްރެކްސޭޓް، އަދި ބާބިޓޫރޭޓްސް ފަދަ ބޭސްތަކެވެ. ކުރިން ބަލިވެ އިން ފަހަރަކު ނިއުރަލް ޓިއުބް ޑިފެކްޓެއް ހުރި ކުއްޖަކު ލިބިފައި ވާނަމަ، ނުވަތަ އާއިލާގައި އެފަދަ ކުއްޖަކު ހުރިކަމުގައި ވާނަމަ ވެސް މިކަމުގެ ފުރުޞަތު އިތުރު ވެއެވެ. ވުމާއެކު މިފަދަ ބޭފުޅުން މިކަމަށް އިތުރު ސަމާލުކަމެއް ދެއްވައިގެން ޑޮކްޓަރެއްގެ ލަފާ ހޯއްދަވަން ވާނެއެވެ.

ރައްކާތެރިވުމަކީ ލާބަހުރިގޮތެވެ:

ނިއުރަލް ޓިއުބް ޑިފެކްޓެއް ހުރި ކުއްޖަކު ލިބުމުން ރައްކާތެރިވުމަށް ޓަކައި އެއްމެ މުހިންމު އެއްކަމަކީ ފޯލިކް އެސިޑް ސަޕްލިމަންޓު ގަވައިދުން ބޭނުންކުރުމެވެ. މިކަމަށް ޓަކައި މާބަނޑުވުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާގެ މަތިން ފޯލިކް އެސިޑް ބޭނުންކުރައްވަން ފެއްޓެވުން މުހިންމެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނެޝަނަލް ނިއުޓްރިޝަން ޕްރޮގްރާމުގެ ފަރާތުން މާބަނޑު އަންހެނުންނަށް ދޫކުރާ އަޔަނާއި ފޯލިކް އެސިޑް އެކުލެވިފައިވާ ޓެބްލެޓް ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ޕަބްލިކް ހެލްތް ޔުނިޓްތަކުން ލިބިވަޑައިގަންނަވާނެ އެވެ. މިޓެބްލެޓުގައި ދަގަނޑުގެ ބައި އެކުލެވިފައި ހުރުމުން، މޭ އެންދުމަކީ ބެއެއް ފަރާތްތަކުގެ ޝަކުވާއެކެވެ. މިބޭސް ބޭނުންކުރެއްވުމުގައި ހުސްބަނޑާ ބޭސް ބޭނުން ނުކުރެއްވުމުން މިއުނދަގޫ ކުޑަކުރެވެއެވެ. އެހެންނަވެސް، މިބޭސްބޭނުން ކުރައްވާއިރު މާގިނައިން ހޮޑުލެއްވި، ހަށިކޮޅަށް ބޭނުންވާ މިންވަރަށް ކާނާ ލިބިވަޑައިނުގަންނަވާ ނަމަ، ބަނޑަށް ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި އަޔަން-ފޯލިކް އެސިޑުގެ ބަދަލުގައި ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ހަމައެކަނި ފޯލިކް އެސިޑް ބޭނުންކުރެއްވިދާނެ އެވެ. ހަމައެކަނި ފޯލިކް އެސިޑް އެކުލެވޭ ގުޅަ ފާމަސީތަކުން އާސަންދައިގެ ދަށުން ލިބިވަޑައިގަންނަވާނެ އެވެ. ނެޝަނަލް ނިއުޓްރިޝަން ޕްރޮގްރާމުން އަޔަން-ފޯލިކް އެސިޑު އެކުލެވިފައިވާ ބޭސް ދޫކުރަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ލަފާގެ މަތިންނެވެ. އެއީ ލޭމަދުވުމުގެ (ލޭގައި ހުންނަ ދަގަނޑުގެ ބައި) ސަބަބުން މައިންނާއި ޅަދަރިންނަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ބޭނުމުގައެވެ.

ފޯލިކް އެސިޑް ލިބޭ ވަސީލަތްތައް ފަރީއްކޮޅުގައި ގިނައިން ހެމެނުއްވުމަކީވެސް އެހާމެ މުހިންމު ކަމެކެވެ. ފޯލިކް އެސިޑް ހަށިގަނޑަށް ލިބެނީ ކާބޯތަކެތިންނާއި ފޯލިކް އެސިޑް ސަޕްލިމަންޓު ބޭނުންކުރުމުންނެވެ. ބޭނުންވާ ވަރަށް ހަށިގަނޑުގައި ފޯލިކް އެސިޑް ހުރިކަން ކަށަވަރު ކުރެއްވޭނީ ރަނގަޅުކާނާ ފަރީއްކުޅުއްވުމުގެ އިތުރުން ގަވާއިދުން ސަޕްލިމެންޓް ވެސް ބޭނުންކުރެއްވުމުންނެވެ.

ތަފާތު ބާވަތުގެ ބީންސާއި މުގާއި ބޯވެލި ފަތާއި ލެޓިއުސާއި އެވޮކާޑޯއާއި ބްރޮކޮލީއާއި ކޯލީފްލާވަރ އަކީ މިވިޓަމިން ގިނަ ތަރުކާރީގެ ބާވަތްތަކެވެ. މޭވާގެތެރެއިން އަނބާއި އަންނާރާއި ފަޅޮލާއި ކިވީއާއި ދޮންކޭލާއި އޮރެންޖަކީ މިވިޓަމިން ގިނަ މޭވާތަކެވެ. ކުކުޅު ބިހުގެ ގޮބޮޅިއާއި ވީޓްގެ ބާވަތްތަކާއި ކިރަކީވެސް ފޯލިކް އެސިޑް ލިބިދޭ ކާބޯތަކެތީގެ ބާވަތްތަކެވެ.
މާބަނޑުވުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާގެ މަތިން ސަޕްލިމެންޓް ބޭނުންކުރައްވަން ފެއްޓެވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ބަލިވެއިނުމުގެ ކުރިން ފުރިހަމަ ޞިއްޙަތެއްގައި ހުންނެވުމަށް ޓަކައި ރަނގަޅު ކާނާ ފަރީއްކުޅުއްވުމާއި ކަސްރަތު ކުރެއްވުމާއި ޑޮކްޓަރަކާ މަޝްވަރާކުރައްވައިގެން މާބަނޑު ދުވަސްވަރު ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ކަންކަން ފާހަގަކުރައްވާ އެކަންކަމުން ދުރުހެލިވެވަޑައިގަތުން ވަރަށް މުހިންމެވެ. އާއިލާގައި ލޭމައްޗަށް ދިއުން ނުވަތަ ހަކުރު ބަލި ހުންނަނަމަ، މާބަނޑު ދުވަސްވަރު މިފަދަ ކަމެއްގެ ނުރައްކާ ދިމާވިޔަ ނުދެއްވަން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވަން ވާނެއެވެ.

ހަމަ އެފަދައިން މާބަނޑު ވުމަށް ފަހު ގަވާއިދުން މާބަނޑު މީހުންގެ ކްލިނިކަށް ދައްކަވައި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ކަންތައްތައް ގެންދެވުން ވަރަށް މުހިންމެވެ. ބަރުދަނާއި ޕްރެޝަރާއި ހަކުރު މޮނިޓަރ ކުރަން އޮންނަ އުސޫލުން އެކަންކަން ކުރިޔަށް ގެންދަވަން ވާނެއެވެ. މާބަނޑު ދުވަސްވަރު ހައްދަވަންޖެހޭ ޓެސްޓުތަކާއި ކުރައްވަން ޖެހޭ ސްކޭންތައް ވެސް އެކަންކުރައްވަން އޮންނަ ދުވަސްވަރު ކުރެއްވުން ވަރަށް މުހިންމެވެ. ނިއުރަލް ޓިއުބް ޑިފެކްޓްސަކީ ކުރީކޮޅުގައި ދެނެގަނެވޭކަމެކެވެ.

މިފަދަ ކަންކަމަކީ ދުޅަހެޔޮކަންމަތީ ބަލިވެއިނުމަށް ދުރާލާ ތައްޔާރު ވެވިއްޖެ ނަމަ، މާތްﷲގެ އިރާދަފުޅާ އެކު ގިނަފަހަރަށް ރައްކާތެރި ވެވިދާނެ ކަންކަމެވެ. ހޯއްދަވާ ކޮންމެ ކުއްޖަކީ ވެސް ހޯއްދަވަން ބޭނުންފުޅުވެގެން އެކަމަށް ޞިއްޙީގޮތުން ތައްޔާރުވެވަޑައިގަން ހޯއްދަވާ ކުއްޖަކަށް ހައްދަވާށެވެ. މިކަމުގައި ޞިއްޙީ ޚިދުމަތްތެރިންގެ އިރުޝާދުގެ މުހިންމުކަން ހަނދުމަފުޅު ނައްތައި ނުލައްވާށެވެ.

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered

ދަތުރުނާމާ

ނޮޅިވަރަންފަރު ނަޝދުއާއި އަލީ ރައްޓެހި މެޑަމް ނަސްރީނާ : ފޮޓޯ ރަށްގޮވާއަޑު މިދަތުރުގެ ފޮޓޯތައް ބައްލަވާލެއްވުމަށް މިލިންކަށް ތަދައްހުލްވޭ ގްރޭޑް 12 ގެ ދަރިވަރުން ދަތުރު ނާމާ ލިޔުމަށް ކުރާދަތުރުގައި އަހަރެން އަދި ބައިވެރިއެއް ނުވައެވެ. އެހެންވެ، ޕްރިންސިޕަލް ގެ އެދިލެއްވުމަށް ، މިދަތުރުގައި ބައިވެރިވާން އަހަރެން އެއްބަސްވީ ، ކަނޑުމައްޗަށް ބަލި މީހެއްކަންވެސް ދެނެހުރެއެވެ. 2013 ވަނަ އަހަރު ގްރޭޑް 12 ގެ ދަރިވަރުން ދަތުރު ނާމާ ލިޔުމަށްޓަކައި ، ދަތުރު ދިއުމަށް ހަމަޖެހުނީ ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރަށެވެ. އެރަށުން މިދަތުރުގެ އިންތިޒާމްތައް ހަމަޖައްސައި ދެއްވީ އެރަށު ސްކޫލުން ނެވެ. އެސްކޫލްގެ މުވައްޒަފުންނާއި ބެލެނިވެރިންވެ. ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނަވަނީ އެއަތޮޅު ނޮޅިވަރަމް ބޭފުޅެކެވެ. ނަމަކީ ޢަދުނާނު ޢަލީ އެވެ.