ހަވައެއްހެން އެރި ނާޒިމް އަނެއްކާވެސް ބާޣީއަކަށް!
މިދިއަ ދުވަސްތަކުގައި އެންމެ
ހިނގާ އެއް ވާހަކައަކީ ޑިފެންސް މިނިސްޓަރު ކަމުން މުހައްމަދު ނާޒިމް ވަކި ކުރައްވާ ވާހަކަ އާއި އެހެން ދެ ވަޒީރަކު "އެއްލައިލާ" ވާހަކަ އެވެ. މިވާހަކަ އެކި ގޮތްގޮތަށް ފެތުރުނެވެ. އެންމެ ފަހުން ރައީސް އަބްދުﷲ ޔާމީން އިއްޔެ ވަނީ ޑިފެންސް މިނިސްޓަރު ކަމުން ނާޒިމް ވަކި ކުރައްވައި އެމަގާމަށް ބޭފުޅަކުވެސް ލައްވާފަ އެވެ
.
ކުރިން އަޑު ފެތުރިގައި އޮތީ ކުރީގެ ޗީފް އޮފް ޑިފެންސް
ފޯސް މުހައްމަދު ޒާހިރު ނޫނީ ކުރީގެ ޕޮލިސް ކޮމިޝަނާ އާދަމް ޒާހިރު އެ
މަގާމަށް ގެންނަވާނެ ކަމަށެވެ. އެއާ ހިލާފަށް މަގާމަށް ވަޑައި ގަތީ
ޕާކިސްތާނުގެ ސަފީރު ކަމުގައި ހުންނެވި ކުރީގެ ޗީފް އޮފް ޑިފެންސްފޯޯސް މޫސާ
އަލީ ޖަލީލެވެ. ސޯޝަލް މީޑިއާގައި ވަރަށް ގިނަ މީހުން ސިފަކޮށްފައި ވަނީ
މޫސާ އަލީ ޖަލީލު މާލެ ވަޑައިގެން ހުންނެވީ "ރެއެއްގެ ހަތަރު
ދަމުން" މާކުރިން މިކަން ނިމިފައި އޮވެގެނެވެ. – މޫސާ އަލީ
ޖަލީލަކީ ރައީސް ޔާމީންގެ އަނބިކަނބަލުންގެ އާއިލީ
ބޭފުޅެކެވެ. ރައީސް ޔާމީން ކައިވެނި ބައްލަވައިގެން އުޅުއްވަނީ މުސާ
އަލީ ޖަލީލްގެ ބޮޑު ދައިތަގެ ބޭފުޅަކާ އެވެ
--
ނާޒިމަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ހަމައިން
ސިފައިންގެ ތެރޭގައި "އެހެލާފައި" ހުންނެވި ބޭފުޅެކެވެ.
އޭރު ނާޒިމް ވަޒީފާއިން ކަނޑައިލީ އެވެ. ނާޒިމްގެ ނަން ހިނގައިގަތް ހިސާބަކީ ވެސް
އެއީ އެވެ. އެ ފަހުން ނާޒިމްގެ އަރައިގެން އައީ ފެބުރުއަރީ ހަތެއްގައި
އޭނާ އަދާ ކުރި ދައުރުގެ ސަބަބުންނެވެ. ނަޝީދުގެ ސަރުކާރު ވެއްޓުމާއި
ހަމައިން ނާޒިމް މައްޗަށް އަރައިގެން އައީ
ހަވައެއް ހެނެވެ. އެއް ބަޔަކަށްވީ އެއީ "ބާޣީ" އަކަށެވެ. އަނެއް ބަޔަކަށްވީ "ޣާޒީ" އަކަށެވެ. އެ ދެ ގޮތް ވެސް
އޭރު ނާޒިމަށްވީ ނާޒިމަށް ވަރަށް ރަނގަޅު ޕީއާރް
ކެމްޕޭނަކަށެވެ. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ނާޒިމަކީ
ހަމަ "އަދީބެ" ކެވެ. ހަމަ އެހެންމެ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ
100 ދުވަހަ ހަމައަށް ވެސް ނާޒިމް ފެނުނީ ބާރުގަދަ ބޭފުޅެއްގެ
ގޮތުގައެވެ
.
"ބެލެވޭ ގޮތުގައި ރައީސް ޔާމީނާއި ނާޒިމާ ދެމެދު އިތުބާރު
ގެއްލި ނުތަނަވަސްކަން އުފެދުނީ ނާޒިމްގެ ކޮއްކޮ އާދަމް
އާޒިމާއެކު އެސްޓީއޯ ހިނގައިގަނެ ނާޒިމް ޕްރޮމޯޓްކުރަން ނުސީދާކޮށް ގެނައި
ޕްރޮމޯޝަންތައް ހިނގައިގަތް ހިސާބުން، އެހިސާބުން ފެށިގެން ރައީސް
ގެންދެވީ ނާޒިމް ފެއަށް ޖައްސަމުން. އެސްޓީއޯގެ ބޭސް ފިހާރަ ޕްރޮގްރާމް މީ ކޮން
ކަމެއްތޯ އަޑިއަށް ފީނާލަންޖެހޭ؟ ނޫފަހި މީ ކޮން ދިމާއަކަށް ދަތުރު ކުރާ
ބްރޭންޑެއްތޯ ބަލައިލަންޖެހޭ؟ ވަރަށް ޔަގީން ކުރެވޭ ގޮތުން ވިއްޔާ
ނޫފަހި އެއީ ނާޒިމްގެ ރިޔާސީ ކެމްޕޭންގެ މޮޓޯ،" ސިޔާސީ މަސްރަހު ދިރާސާ
ކުރައްވާ ސިޔާސީ ބޭފުޅަކު ރޭ ވިދާޅުވި އެވެ.
ބައެއް ބޭފުޅުން ސިފަ ކުރައްވާ ރައީސް ވަހީދުގެ ސަރުކާރު
ނިމޭންދިޔަ ހިސާބުން ފެށިގެން ގާސިމް އިބްރާހިމާއި ގާތް ކަމެއް
ބޭއްވެވުމަށްފަހު ކުއްލި ގޮތަކަށް ނާޒިމް ނާޒިމް ޔާމީނާ ގުޅި ވަޑައިގެންނެވީ
ފޮރުވިފައިވާ އެޖެންޑާއެއްގެ ތެރެއިންނެވެ. އޭގެ ތެރެއިން އޭނާ ގެންދެވީ
2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ކަމުގެ މަގާމަށް ވާދަ ކުރެއްވުމަށް
ބޫޓް އޮފް ކުރައްވަމުންނެވެ
.
މި ވާހަކަތަކީ އެކި މީހުން ޓްވިޓާ އާއި ފޭސްބުކްގައި
ދައްކާ ވާހަކަތަކެވެ. އެކަން ކަމަށް ބާރު ލިބިދާނެ ބައެއް ކަންކަން މިސާލުގެ ގޮތުގައި ނާޒިމާއި އާޒިމާއި ގުޅޭ ދާއިރާތަކުން ފެންނާން
ހުރި ކަމަށް ވެސް އެފަދަ ފަރާތްތައް ބުނެ އެވެ. އޭގެ ތެރޭގައި މީޑިއާ
ސްރެޓަޖީތަކާއި ޕްރޮމޯޝަނަލް ސްޓެރެޓަޖީތަކާއި ރޭވުންތެރި ކަމާއި
ހިނގާފައިވާ ކެމްޕޭންތަކާއި އެސްޓީއޯ މެދުވެރިކޮށް ކޮށްފައިވާ
ހަރަދުތައް ހިމެނެ އެވެ. އެކަންކަން ކަމަށް ބާރުލިބޭ ގޮތަށް އޭސީސީން އެސްޓީއޯގެ މައްޗަށް ކޮށްފައިވާ ތަހުގީގު ރިޕޯޓެއް
މިއަދުވެސް ނުކުމެގެން އެބަ އުޅެ އެވެ.
"ރައީސް ޔާމީންގެ އަރިސް ބޭފުޅުންނާއި ސިޔާސީ ރޭވުންތެރިން
ގެންދިޔައީ ނާޒިމްގެ ކަންކަން މިހާތަނަށް ގާތުން މޮނިޓާ ކުރަމުން.
ވަޒީރު ކަމުން ނާޒިމް ވަކި ކުރަން މުޅިން ނިމިފައި ވަނީ މީގެ ދެ މަހެއްހާ
ދުވަސް ކުރިން ނަމަވެސް ވޯޓާ ކްރައިސިސްގައި ނާޒިމްގެ ދައުރު ބޮޑުވުމުގެ
ސަބަބުން އެ ނިންމުން ފަސްވެގެން ދިޔައީ ކަމަށް ބެލެވޭ،"
ކޮންމެ ގޮތަކަށް ކަން ހިނގައި ދިޔައަސް ނާޒިމް ވަކި ކުރި
ގޮތާއި އެކަން އައި ގޮތް އެހާ ހިތްގައިމެއް ނޫނެވެ. ކޯޓް އަމުރަކާއެކު
ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަނީ މިދިއަ
އާދީއްތަ ދުވަހުގެ ރޭގަ މެންދަމުން އަލިވާންދަނިކޮށެވެ. ދިޓީވީގެ ގޯޅިތެރޭގައި
ހުންނަ އެ ގޭގެ ތިރީގެ ދޮރު ހަލާކުކޮށްލައިގެން ވަން ފުލުހުން އެ
އެޕާޓްމަންޓު ދޫކޮށްދިޔައީ އިރުއަރަނިކޮށެވެ
.
ފުލުހުން ނާޒިމްގެ އެޕާޓްމަންޓުން ފިސްތޯލައެއް ގެންދިޔަ
ކަމަށް ވަރަށް އިތުބާރު ހިފޭ އެކައުންޓްތަކުން ބުނެ އެވެ. ސޯޝަލް
މިޑިއާގައި ހުރި ހުރިހާ ވަހަކަތަކަށް ބަލާއިރު ދެ ފިސްތޯލައާއި ހޯމް މޭޑް
އެކްސްޕްލޯސިވް އެ ގެއިން ގެންދިޔައެވެ. އެއީ ކޮންތާކުން
ކިހިނެއް އެތަން ވަން އެއްޗެހި ހެއްޔެވެ؟ އެ ސުވާލު ކުރަންޖެހޭ ސަބަބަކީ
އެގެއިން ފިސްތޯލައެއް ނުވަތަ ފިސްތޯލަތަކެއް ފެނުނު އިރު
ގައުމީ ދިފާއީ ބާރުގެ ބެލުމުގެ ދަށުގައި ހުރި ހަތިޔާރުތަކުގެ ތެރެއިން އެއްވެސް
ހަތިިޔާރެއް މަދެއް ނޫނެވެ. ހަތިޔާރު ގެންގުޅުމަކީ ކުށެކެވެ. އެހެން
ކަމަށްވާނަމަ އެއީ މައްސަލައެކެވެ.
ރާއްޖެއަށް ހަތިޔާރު އެތެރެކުރުމުގެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން، ނުވަތަ ޖަލަށް
ލުން ނުވަތަ ގޭގައި ބަންދުކުރުމެވެ
.
ނުވަ މިލިމީޓަރުގެ "ބްރައުނިން" ސެމީ އޮޓޮމެޓިކް
ފިސްތޯލައެއް ނުވަތަ އޭގެ ފިސްތޯލަތަކެއް ނާޒިމް އަތުން ފެނުނު އިރު،
ދިފާއިބާރުގެ ހަތިޔާރު ގުދަންތަކުން އެއްޗެއް މަދު ނުވެ ހުރިކަމަށް ވަންޏާ ނާޒިމް
ހައްޔަރު ނުކޮށް ހުރީ ކީއްވެގެން ހެޔެވެ؟ އަދި އޭނާ ވަޒީފާއިން ވަކި ކުރުން
ލަސްކުރީ ކީއްވެގެން ހެއްޔެވެ؟ އެކަންކަން އެނގޭނީ ސަރުކާރުން
މިއަށް ޖަވާބު ދިނީމަ އެވެ. ނޫނީ މަޖިލީހުގެ 241 ކޮމެޓީއަށް ހުށަހަޅާފައިވާ
މައްސަލައިގެ ތެރެއިންނެވެ. ސަރުކާރު އޮތް ގޮތުން އަދި މަޖިލީހުގެ
ކޮމެޓީތައް ހުރި ގޮތުން އެ ޖަވާބުތައް ތިލަވެގެން އައުމަކީ ވަރަށް ދުރު ކަމެކެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަނީ
ހަތިޔާރާއި ގޮވާ ތަކެއްޗާއި ޓެރަރިޒަމް އަމަލުގެ ތުހުމަތުގައި ކްރިމިނަލް
ކޯޓުން ހުއްދަ ހޯދައިގެނެވެ. ދުރާލައި އިންޓެލިޖެންސް މައުލޫމާތު ހޯދައި
އެތައް ގޮތަކުން ކަށަވަރުކަން ލިބިގެން ނޫނީ އެފަދަ ސާޗް ވޮރެންޓެއް ހޯދާނެ
ކަމަކަށް ނުބެލެވެ. އެހެން ނޫނީ އަތަށް ގޮވާނެ އެވެ.
"ރައްޔިތުންގެ ސަލާމަތަށްޓަކައި، އެކަން ގެންދިޔައީ ވަރަށް
ގާތުން ބަލަމުން އަދި އެކަމާ ގުޅިގެން ރައްޔިތުންނަށް
ރައްކާތެރިކަން ހޯދައިދޭން އަޅަން ޖެހުނު ހުރިހާ ފިޔަވަޅެއް
ދުރާލައި އަޅަމުން އައީ،" ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އިއްޔެ
ވިދާޅުވި އެވެ.
އެ ހުރިހާ ކަމެއްކޮށް ހުރިހާ ފިޔަވަޅެއް އެޅި އިރު އެއީ
ޑިފެންސް މިނިސްޓަރު ދިރިއުޅުއްވާ އެޕާޓްމަންޓްކަން ނޭނގެޔޭ އެނގުނު
ހިސާބުން ދޭންޖެގޭ އިހުތިރާމް ދިން ކަމަށް ފުލުހުން ބުނުމުން އެއީ ގަބޫލު
ކުރެވޭ ވާހަކައެއް ހެއްޔެވެ؟
އެގޭގައި ހަތިހާރު ހުރިކަން ފުލުހުންނަށް އެތައް ގޮތަކުން ކަށަވަރުވެގެން އެގެއަށް ވަންނަން
ދާއިރު އެއީ ކާކު ދިރި އުޅޭ ކާކުގެ ކޮން ގެއެއްކަން ނުބަލައި ހުންނާނެހެން
ވަރަށް ހީނުވެއެވެ. އޭގޭގައި އުޅެނީ ކާކުކަން އެނގުނީ ފަހުންނޭ
ފުލުހުން ބުނުމުން ބައެއް މީހުން ޓްވިޓަރާއި ފޭސްބުކްގައި ބުނެފައި ހުރީ
"އޭތި ކަޑަ" އޭ އެވެ. އަަދި އެކަން ކުރީ ރައީސަށް އެނގިވަޑައި ނުގެން
ކަމަށް ބުނާ ބުނުމަކީ ވެސް ސިޔާސީ ގޮތުން ނާއި ބުއްދީ ގޮތުން ބެލިޔަސް ހެއްވާ
ކަމެކެވެ. އެއީ ހަމަ އައްޑޫގައި ބުދު ބެހެއްޓި ކަމެއް ނޭނގެއޭ ރައީސް
ނަޝީދު ވިދާޅުވުން، އަދި "އެހެންތޯއޭ އަޅުގަނޑަކަށް ތިޔަކަން ތިޔަހެން
ހިނގި ކަމެއް އެނގިފައެއް ނެތޭ" ރައީސް މައުމޫން ވިދާޅުވުން ފަދަ
ކަމެކެވެ.
"ފުލުހުން އެހެން ބުނި ނަމަސް އެގެއަށް ވަން އިރު ވެސް އެއީ
ނާޒިމް އުޅުއްވާ އެޕާޓްމަންޓްކަން އެނގި ތިބެކަމަށް ބެލެވޭ، އަދި
ބައެއް މީހުން ބުނޭ ނާޒިމާއި އާއިލާވެސް ތިން ގަޑިއެއްހާއިރު ތިބީ
ހޮސްޓެޖުންތަކެއްހެނޭ،" ނާޒިމްގެ އާއިލާއާ ގުޅުން އޮންނަ މީހަކު ނަން ނުޖެހުމަށް
އެދި ބުންޏެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ހިނގައިދިޔަ ކަންތައް ރައީސް
ޔާމީނަށް އެނގިވަޑައި ނުގަންނަވާ ކަމަށް އޭނާ ގާތުގައި ރައީސް
ޔާމީން ވެސް ވިދާޅުވި އެވެ.
"ޑިފެންސް މިނިސްޓަރު ދިރިއުޅޭ ގެއަކީ މީހަކަށް ނޭނގޭ
ގެއެއްގެ ގޮތުގައި އޮވެގެން ނުވާނެ. އަދި އެކަން ހިނގާއިރު ވަލިއްޔުލް
އަމުރަށް ނޭނގި އެކަން ކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރަން. އެކަމަކު އަޅުގަނޑު
ގާތު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ތިމަންނާ އަކަށް އެކަން
އެނގިފައި ނެތޭ!" ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ ގެއިން ފިސްތޯލަ، ނުވަތަ ފުލުހުން ބުނާ ގޮތަށް
ނުރައްކާތެރި ހަތިޔާރު ފެނުނު ކަމަށް ބުނާ ބުނުން މިހާތާނަށް ނާޒިމް
ޑިނައިކޮށްފައެއް ނުވެއެވެ. ތަކުރާރުކޮށް ނޫސްވެރިން އެހުމުން ވެސް އެކަން
ޑިނައިއެއް ނުކުރައްވައެވެ. އެހެން ކަމުން ކޮންމެވެސް ކަމެއް
ހިނގައިފިކަން މުޅީން ކަށަވަރުވެއެވެ.
ނާޒިމަކީ މިލިޓަރީ ހަޔާތެއް އޮތް، މުޅި އެހަޔާތުގައި
ހަތިޔާރާއެކު އުޅުއްވި ބޭފުޅެކެވެ. ވެރި ކަމުގެ ދަހިވެތި ކަމުގައި
ރައީސެއްގެ ހަށިކޮޅަށް ފިސްތޯލަ ޖަހަން ބޭނުންފުޅުވި ނަމަ އެ ފުރުސަތުވެސް ލިބި
ވަޑައިގެންނެވި ބޭފުޅެކެވެ. އަނެއްކޮޅުން އޭނާގެ މިލިޓަރީ ޑިސިޕްލިން ވެސް
ހުންނާނެ އެވެ. ހަމަ އެހެންމެ މިފަދަ ހާލަތެއްގައި ފިސްތޯލައިގެ ބޭނުން
ހިފާފައިވާ ޖެނެރަލުން މަދެއްވެސް ނޫނެވެ. އެކަމަކު ސުވާލަކީ ނާޒިމް
ގޭގައި ފިސްތޯލަ އޮންނަންވީ ކީއްވެގެން ހެއްޔެވެ؟ ރައީސް އަވަހާރަކޮށްލަން
އުޅުއްވީ ހެއްޔެވެ؟ މީހުން ކިޔާ ގޮތަށް އަނެއްކާވެސް
"ބަޣާވަތް" ކުރަން އުޅުނީ ހެއްޔެވެ؟
ނާޒިމާ ގުޅޭ ހާދިސާތަކަށްފަހު ނާޒިމް ވަނީ މެސެޖުތަކެއް
ދެއްވާ އެވެ. އެއް ކަމަކީ "އެއްވެސް ރައްޔިތަކަށް ރައްކާތެރި
ކަމެއް ނެތް" ކަމަށް ވިދާޅުވި ވިދާޅުވުމެވެ. އަނެއް
ކަމަކީ "ސިޔާސީ ހަޔާތް ނިމުމަކަށް ނުގެންނަވާނެ ކަމަށް"
ވިދާޅުވުމެވެ. ތިން ވަނަ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ވަރަށް ގިނަ
ސިއްރުތައް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވުމާއި ރައީސް ކަމަށް ވާދަ
ކުރައްވާނެ ކަމުގެ އިޝާރާތް ދެއްވުމެވެ. މިހާރުވެސް ފޭސްބުކުގަ އާއި ޓްވިޓާގައި "ނާޒިމް
2018" ވަނީ ހިނގައިގެންފައެވެ. އެހެން ކަމުން ނާޒިމް އެވިދާޅުވާ ވަގުތުކޮޅު ސަރުކާރަށް ދެއްވި ނަމަވެސް ސިޔާސީ ގޮތުން އޭނާގެ
ޓެކްޓިކަލް ދުއްޕާން ކުރިޔަށް އޮތް ތަނުގައި މި ސަރުކާރަށް ބޮޑުވާނެ އެވެ.
އެކަން އަންނާނީ އެމްޑީޕީގެ ސިޔާސީ ހަރަކާތް އަންނަ ގޮތަކަށް ނޫނެވެ.
ނާޒިމް މައްސަލަ ފެންމަތިވެން އާއިރު އިދިކޮޅު އެމްޑީޕީގެ
ހަރަކާތްތައް މިވަނީ ފެށި އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމަކީ
ސަރުކާރު ހިނގާ ޕާޓީ އާއި އަދި އެހެން ޕާޓީތަކަށް "އެލާޖީކް"
ބޭފުޅެއްގެ ގޮތުގައި ފެނުނު ނަމަވެސް މިވަގުތު ރާގު ހުރީ
އެމްޑީޕީއަށް ތާއީދު ކުރާ ގޮތަކަށެވެ. އަދާލަތުގެ މޫނުމަތި ވެސް ފެންނަނީ އެހެންނެވެ. ނާޒިމް
ވަކި ކުރެއްވުމާއެކު އޭނާގެ ސިޔާސީ ހަރަކާތް މަޑުން ނަމަވެސް ހިނގައިގަންނާނެ
އެވެ. އެހެން ކަމުން ސަރުކާރާ ދެކޮޅަށް މިހާރު އޮތް ނުވަތަ އުފެދޭންދާ
މޫވްމަންޓަށް ނާޒިމަކީ ވަރަށް މުހިންމު ބޭފުޅަކަށް ވާނެ އެވެ.
ގާނޫނު އަސާސީ ދިފާއު ކުރުމަށް ކަމަށް ބުނެ ގިނަ ޕާޓީތައް
ގުޅިގެން މަސައްކަތް ކުރާނެ ޕްލެޓްފޯމެއް ވަރަށް އަވަހަށް ފެންނާނެ
ކަމަށް އެެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ރޭ ވިދާޅުވެފައި
އެ ވަނީ ވެސް ނާޒިމްގެ މައްސަލައަށް ވެސް އިޝާރާތް ކުރައްވައިގެން
ކަމަށް ބެލެވެއެވެ. ނަމަވެސް ނާޒިމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި
އެމްޑީޕީގެ ރައީސް ނަޝީދާއެކު މަސައްކަތް ކުރެއްވިދާނެތޯ އެއީ ސުވާލެކެވެ.
ސަބަބަކީ ގާސިމާއި ނަޝީދު ވެސް 2018 ގައި ރައީސް ކަމަށް ވާދަ ކުރައްވާނެތީ
އެވެ.
އަނެއް ކަަމަކީ ނާޒިމް ބަލައިގަނެ މަރުހަބާ ކިޔުމަކީ
އެމްޑީޕީގެ ރީންދޫ ލަޝްކަރަށް ފަސޭހަ ކަމަކަަށް ނުވާނެ އެވެ. އަދި ނާޒިމްގެ
ޝަހުސިއްޔަތަކީ ވެސް އެމްޑީޕީއާ ގުޅޭ، އަދި މަގުމަތީގައި އުޅުއްވާން
ބޭނުންފުޅުވާނެ ޝަހުސިއްޔަތެއް ނޫނެެވެ. އެހެން ކަމުން ނާޒިމަށް
އެމްޑީޕީގެ ތެރެއިން ޖާގައެއް ހަދަން ދައްޗެވެ. ޖޭޕީން އެ ޖާގަ ހޯދަން ނާޒިމަށް
އަދި މާ ދައްޗެވެ. މި ސަބަބުތައް މިހެން ހުރުމުން ނާޒިމަށް އޮތީ
ޑީއާރްޕީއާއި ނޫފައްސާ ގުޅުވައިލުމެވެ. އެހެން ހެދި ނަމަވެސް ނާޒިމް
ސިޔާސީ ގޮތުން ބާރުގަދަ ޕްލެޓްފޯމެއް ކުރިއޭޓް ކުރަން ރައީސް ޔާމީންގެ
ފުރުސަތު ދެއްވާނެ ކަމަކަށް ނުބެލެއެވެ. ފެންނަ ފެނުމަށް އެއަށްވުރެ ޔާމީންގެ
ސިޔާސީ ރޭވުންތެރިކަން ސްމާޓްވާނެ އެވެ. މިވަގުތު އޮތީ އެމްޑީޕީގެ މީހުންނަށް ނާޒިމް ބާޣީއަކަށްވުމަށްފަހު
ނާޒިމްގެ އަރައިގެން އައި ހަވާގެ ތެރެއިން ފާޓާސް ގޮވައި ޔާމީންގެ
ސަޕޯޓަރުންގެ ތެރޭގައި ވެސް ނާޒިމް ބާޣީއަކަށްވި ވާހަކަތައް އަޑު އަހައި މަންޒަރު
ބެލުމެވެ. އާފްޓާ ޝޮކަށް އިންތިޒާރު ކުރުމެވެ.
Comments