Skip to main content

ދަތުރުނާމާ

ނޮޅިވަރަންފަރު
ނަޝދުއާއި އަލީ ރައްޓެހި މެޑަމް ނަސްރީނާ : ފޮޓޯ ރަށްގޮވާއަޑު




ގްރޭޑް 12 ގެ ދަރިވަރުން ދަތުރު ނާމާ ލިޔުމަށް ކުރާދަތުރުގައި އަހަރެން އަދި ބައިވެރިއެއް ނުވައެވެ. އެހެންވެ، ޕްރިންސިޕަލް ގެ އެދިލެއްވުމަށް ، މިދަތުރުގައި ބައިވެރިވާން އަހަރެން އެއްބަސްވީ ، ކަނޑުމައްޗަށް ބަލި މީހެއްކަންވެސް ދެނެހުރެއެވެ.

2013 ވަނަ އަހަރު ގްރޭޑް 12 ގެ ދަރިވަރުން ދަތުރު ނާމާ ލިޔުމަށްޓަކައި ، ދަތުރު ދިއުމަށް ހަމަޖެހުނީ ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރަށެވެ. އެރަށުން މިދަތުރުގެ އިންތިޒާމްތައް ހަމަޖައްސައި ދެއްވީ އެރަށު ސްކޫލުން ނެވެ. އެސްކޫލްގެ މުވައްޒަފުންނާއި ބެލެނިވެރިންވެ.

ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނަވަނީ އެއަތޮޅު ނޮޅިވަރަމް ބޭފުޅެކެވެ. ނަމަކީ ޢަދުނާނު ޢަލީ އެވެ. 



ނޮޅިވަރަންފަރަކީ ދިވެހި ތާރީޚްގައި ފާހަގަކޮށްލެވޭ ރަށެކެވެ. ތިލަދުންމަތީ ދެކުނުބުރީ އަތޮޅުވެރިކަން ވެސް  އޮތް ރަށެވެ. 1958 މެއި 21 ގައި ތިލަދުންމަތި ދެބައި ކުރިއެވެ. އެއީ ތިލަދުންމަތީ އުތުރުބުރި އާއި ތިލަދުންމަތީ ދެކުނުބުރިއެވެ. އެއީ ނޮޅިވަރަންފަރުގައި ހދ. އަތޮޅުވެރިކަން ކުރަންފެށި ތާރީޚެވެ. ސަރުކާރުން ހދ. އަތޮޅު އޮފީސް ކުޅުދުއްފުށްޓަށް ބަދަލުކުރެއްވީ 1992 މެއި 6 ގައެވެ.

ޕޯޗްގީޒުން ރާއްޖެ އަޅުވެތިކުރުމަށްފަހު ރާއްޖޭގެ އުތުރުގެ ގަވަރުނަރަކަށް ހުންނެވި ވިޔަޒޯރު ދެކިލައްވާގޮތުގައި ރާއްޖޭގެ އެންމެ ނުރައްކާތެރި ތަނަކީ، އެންމެ ހަރުދަނާ މީހުން ތިބިތަނަކީ،  ރާއްޖޭގެ އުތުރެވެ. އުތުރުންވެސް ޙާއްޞަކޮށް ތިލަދުންމައްޗެވެ. އެދުވަސްވަރު އުތުރުގައި ތިއްބެވި އެންމެ ހަރުދަނާ، އަދި ޕޯޗްގީޒުންގެ ވެރިކަމަށް އެންމެ ނުރައްކާ ކުރާނެ މީހުންނަކީ ، ނޮޅިވަރަންފަރު އެދުރުކަލޭފާނާއި، އުތީމު ހުސެންކަތީބު ތަކުރުފާނާއި ބާރަށު ކަތީބު ތަކުރުފާނުން ކަމަށް ވިޔަޒޯރު ދެކުނެވެ. މިތިން ބޭފުޅުންނަކީ ވެސް ތިމާގެ މީހުންނެވެ.  

ދަތުރުގައި ގްރޭޑް 12 ގެ ދަރިވަރުންގެ އިތުރުން ، އެކުދިންގެ ދިވެހި މުދައްރިސް ފަތުޙުﷲ އަހުމަދާއި، އެގްރޭޑްގެ ކޮލިފައިޑް ލީޑިން ޓީޗަރ އަހުމަދު ރަޝީދުގެ އިތުރުން ، ސީނިއަރ މެނޭޖްމަންޓްގެ ތެރެއިން ކޮލިފައިޑް ލީޑިންގ ޓީޗަރ މޫސާ ރަމީޒް އާއި ޓްރެއިންޑް ލީޑިންގ ޓީޗަރ މުހައްމަދު ނަޝީދު ވެސް ބައިވެރިވިއެވެ.

މީގެ އިތުރުން ދަރިވަރުންނަށް ހޭހަންކޮށް ، އެކުދިން ބެލެހެއްޓުމަށް މުދައްރިސުންގެ ތެރެއިން ، ބިޒިނަސް ސްޓަރޑީސް ޓީޗަރ އަހުމަދު ނަޝީދާއި، ކެމިސްޓްރީ ޓީޗަރ އައިޝަތު ޔުމުނާ އާއި މެތްސް ޓީޗަރ އައިޝަތު ސްނީތާ އާއި އާމިނަތު މުހުސިނާ އާއި ، ފިޒިކްސް ޓީޗަރ އަލީ ފުއާދު އާއި ދިވެހި މުދައްރިސް ހަސަން ޒާހިރާއި، ޓްރެއިންޑް ޓީޗަރ މުހައްމަދު ސުޖާޢު އާއި އަހުމަދު ޞަބާޙް އާއި ސެން ޓީޗަރ ހަލީމަތު ހުސެއިން ދަތުރުގައި ބައިވެރިވިއެވެ.

މީގެ އިތުރުން ގްރޭޑް 12 ގެ ދަރިވަރުންގެ ބައެއް ބެލެނިވެރިން ވެސް ދަތުރު ދިޔަ އެވެ.

އަދި ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލްގެ އެދިލެއްވުމުގެ މަތީން އެސްކޫލްގެ ގްރޭޑް 10 ކުދިންނަށް ގަޑިތަކެއް ނަންގަވާދެއްވުމަށް، ބައިލޮޖީ ޓީޗަރ މުހައްމަދު ސުޖާޢު އާއި އެކައުންޓްސް ޓީޗަރ މުހައްމަދު ޞަބާޙް އާއި ހިސާބު ޓީޗަރ އަހުމަދު އިބްރާހިމް އާއި އެކޮނޮމިކްސް ޓީޗަރ މުހައްމަދު އިބްރާހިމާއި، އިނގިރޭސި ޓީޗަރ ޝަމީމް ބޭގަމް އެންޑް "ސަން" ވެސް ދަތުރުގައި ބައިވެރިވިއެވެ. މިބޭފުޅުން ނަންގަވާދެއްވި ގަޑިތައް ފައްކާކަމުން އިތުރަށްވެސް ކިޔަވައިދެއްވުމަށް ނޮޅިވަރަންފަރު ސްކޫލްގެ ގްރޭޑް 10ގެ ކުދިން އެދުނެވެ.

11:15 އަށް ބަނދަރަށް ނުކުތުމަށް، ދަތުރުގެ ވިލަރެސްވެރިޔާ ގްރޭޑް 12 ދިވެހި މުދައްރިސް ފަތުހުﷲ އަހުމަދު އެންގެވިއެވެ. އެހެންވެ، ސްކޫލްގެ ލީޑިންގ ޓީޗަރުން ތިއްބަވާ ކޮޓަރިކޮޅުގައި ހުންނަ ގަޑިން 11 ޖަހާ ސުންމިނެޓް ހިނގުމުން ލީޑިން ޓީޗަރ އަހުމަދު ރަޝީދާއި ،އަހަރެން ގެއަށް އައީ ، ބަނދަރަށް ނިކުންނާށެވެ.

ފާޠުން ތައްޔާރުކޮށްފައިވާ، ދަބަސް ކޮނޑުގައި އަޅުވައިގެން  ގެއިން ނިކުން އިރު، މަގުމަތީގައި،  ގޭދޮރުމަތީ ހަސަން ޒާހިރު ހުއްޓެވެ. އަހަރެމެން ދެ މީހުން ، ބަނދަރަށް ދިޔަމަގުމަތީގައި ދަނބުކުރިން ފެންފުޅިއެއް ގަތީމެވެ. އެއިރު، އެފިހާރާގައި  ލީޑިން ޓީޗަރ އަހުމަދު ރަޝީދު ، ހަދިޔާ ބަދިޔާ ގަންނަން ހުއްޓެވެ.

2013 ސެޕްޓެމްބަރ 19 ވީ ބުރާސްފަތި ދުވަހުގެ ، މެންދުރުވުމަށް ދޮންވެ ފައްކާވެފައިވާ އިރުގެ ގަދަ ހޫނުން ، ތަލަވަމުން އަންނަ އަހަރެން ބޯ ވެސް ވަނީ، ނަޞްރު މިސްކިތާ އަރާ ހަމަވިއިރު، ހަމަ ރަގަޅަށް ދޮންވެފައެވެ. ހުޅަނގު ދެކުނުން، ހާވިލާ މަދު ނޫއުޑުން ޖައްވު ސާފުކޮށް، ގަޑިއަކު 18 މޭލު ބާރު މިނުގައި ޖެހެމުންދާ ވަޔާއެކު، ރަށުގެ ކޯއްޓޭއަށް ނަގާފައިވާ ޕީޕީއެމްގެ ދިދަ އާއި ޖުމުހޫރީ ޕާޓީގެ ދިދަ، ވިހުރެމުން ދިޔައިރު، އެމްޑީޕީގެ ބޮޑު ދިދަ ދަނޑީގެ ކޮޅުގައި ބައްދައިގެން އޮތްތަން ފެނުނީ ނޫކަށި ޒުވާނެކެވެ. އެދިދަ ދަނޑި ހައްޔަރުކޮށްފައިވާ ރަތުރުކުގެ ކުރިލައިގަނެގެން ރުކުގެކުރީގައި އަތޮޅުކައުންސިލަރު އަބުދުﷲ ހުސެއިން ކޮޅަށް ހުއްޓެވެ. އެމްޑީޕީގެ ބޮޑު ދިދަ ، ތާޒާކޮށް އާކުރަނީ އެވެ. ރިޔާސީ އިންތިޙާބަށް ރަގަޅު ސާޢަތެއްގައި ތައްޔާރުވަނީ އެވެ. ބުރާސްފަތި ދުވަހުގެ ، އިރު މެދު ޖެހުމަށް އެއްގަޑި އިރުގެ، ކުރިން ދިދަ ނަގަނީ  އެވެ. ފަތު އަޑުކިޔާފައި ދިދަ ވިހުރެން ފެށީ ނުހަނު ފޯރީގައެވެ.

މިމަންޒަރު ބަލަން  އަހަންނާއެކު، މުހައްމަދު ނަޝީދާއި، އަލީ ފުއާދާއި، މުހައްމަދު ސުޖާޢާއި ހަސަން ޒާހިރުވެސް އާގަމަ ވެއްޖެ އެވެ. ނޮޅި މައްޗަށް ޖަހައިގެން ބަލަން ތިއްބެވެ.

އެމްޑީޕީގެ ޓިނުހަރުގެ ހުރަސްކޮށް، ކުރިކީލަ ދޯންޏާ އަރާހަމަވިރު، ދަތުރުގެ ބައިވެރިން ދޯންޏަށް އަރައިފި އެވެ. ފަތުޙުﷲ ލިސްޓް ގައި ފާހަގަ ޖައްސަވަނީ އެވެ. އަހަރެން ލަސްވީ އެވެ. ލޭޓްފައިން ނަގަންޖެހޭކަމަށް ، ނަމާދިމާގައި އެލް ޖަހައިފި އެވެ. އަދި ލީޑިން ޓީޗަރ އަހުމަދު ރަޝީދު ނުދުރުވެ އެވެ. އަޅުގަނޑުވެސް ދޯންޏަށް އަރާފީމެވެ. ކެޕްޓަން އިބްރާހިމްބެ ސަރަނގާގައި ހިފަހައްޓައިގެން ހުއްޓެވެ. އިރުކޮޅަކުން، ރަޝީދު ދުރުވެއްޖެއެވެ. އަތުގައި ދެތިން ފަރުމަސް ވެސް އޮތެވެ.

ނޮޅިވަރަންފަރަށް ދިއުމަށްޓަކައި، ރައީސް ނަޝީދުގެ ވެރިކަމުގައި ހަދާފައިވާ އިހަވަންދޫގެ ބޮޑުފަޅުގެ ކަނޑިންމައިން، ގިޔަރަށްލާ ކުރިކީލަ ދޯނި  ނިކުންއިރު، 11:30 ވަނީ އެވެ. އަހަރެމެން ފުރުވަން ޕްރިންސިޕަލް ނިކުންނަވަނީ އެވެ.

ނަސްފަރު ކައިރިން ، ގައްލަންދޫ ކަނޑުއޮޅިތެރެއިން ، ކަނޑުގެ ރާޅުތަކުގައި މަތީގައި ހުދު ފޮނު އަޅާއިރު، ގައްލަންދޫ ކަނޑުގައި ވަނީ ޖެހޭ ހަރުރޯޅިއާއެކު، ގޮށްރާޅު އުފެދިފައެވެ. ފަރުކަނާ ދިމާއަށް، ތަކަންމާރަންދޫ އާ ދިމާއިން ހދ އަތޮޅަށް، ދޯނީގެ މިސްރާބު ހިފާފައިހުރި އިރު، ކަނޑުގެ ރާޅުތައް، ޖެހޭ ވަޔާއި، އޮއިވަރާ އެކު ފަހިކޮށް  ކަފަމުން، ދޯނި ކުރިއަށް ބާރަށް ކުރިއަށް ދިޔައިރު، ދަތުރުގެ ބައިވެރިން ކުރިކީލަ ދޯނީގެ ގޮނޑިތަކުގައި ތިބީ ނުހަނު އުފާވެރިކޮށް ބިރެއްނެތި ހަމަޖެހިގެންނެވެ.

އައިޕޮޑުން، މުހައްމަދު ރަފީޢުގެ ލަވަޖަހަމުން، ބިރެއްނެތި އަހަރެން ވެސް އިނީ ދަތުރުދުޢާވެސް ކިޔާގެންނެވެ. އަހަރެން އިން ގޮނޑީގެ ފަހަތުގައި ތިބީ ސްނީތާ މިސް އާއި ޔުމްނާ މިސް އާއި ހަލީމަތު މިސްއާއި މުހުސިނާ މިސް އެވެ. އަހަރެންގެ ކުރީ ޝީޓްގައި އިނީ އިނގިރޭސި ޓީޗަރ މިސް ޝަމީމް ބޭގަމް އެންޑް ސަން އެވެ. އެންމެން ވެސް ތިބީ ބޮޑެތި ސިންގާ އަވިއާނު އަޅައިގެން ލޯފޮރުވައިގެންނެވެ.

12:30 އެހާއިރު ، ޕިއްޒާއާއި، ބޯކިބަލާއި، ތަފާތު ވައްތަރުގެ ކާބޯތަކެތި ދޮލަގު ދޮލަގު ގައި ގްރޭޑް 12 ގެ ފިރިހެން ކުދިން ސާރވް ކުރަމުން ދިޔައިރު، މިޚިދުމަތުގެ ބޭނުން ނުހިފާ އެއްވެސް މީހަކު ދޯނިމައްޗަކު ނެތެވެ. ބޯ އަނބުރާތީވެ މޭނުބައިކޮށްފައި ދޯނީގެ ކޮޅުފަސްކޮޅުގައި އިންނެވި ލީޑިންގ ޓީޗަރ އަހުމަދު ރަޝީދަށް ، ނުހަނު އަދަބު އިހްތިރާމާއެކު ގްރޭޑް 12 ދަރިވަރު އަސަދުﷲ ހާމީން ޕިއްޒާ ދޮލަގް ދިއްކޮށްލީމާ ބޯހޫރާލި އެވެ. ނުކާނަމޭ އިޝާރާތުން ބުނުއްވި އެވެ.

މެންދުރުގެ ލުއި ކެއުން ނިންމާލުމަށްފަހު، ބައެއް ކުދިން މެންދުރު ނަމާދު ކުރަން ދޯނީގެ ޑެކް މައްޗަށް އެރިއެވެ. އަހަރެންވެސް އެކުދިންނާއެކު މެންދުރު ނަމާދު ކުރީ މެވެ. ބެލެނިވެރިޔަކު ބޯއަނބުރާތީވެ ، ޑެކްމަތީގައި  ގަދަ އަވީގައި  އަވިއްލިގެން އަރިއަށް އޮތެވެ. އެއީ ކާކުތޯ އެވެ؟ ރުގިއްޔާ ހަސަން އެވެ. އަހުލާމް މަންމަ އެވެ. މިހެން އެބެނިވެރިޔާ އޮއްވައި އޭނާގެ އަތުގައި ، ފަތުހުﷲ އާއި ކުދިންތަކެއް އައިސް ސަމާސާކޮށް، ފެންފުޅިއެއް އައިވީ ފުޅިއަކަށް ގުޅައިފި އެވެ.

އަހަރެންވެސް ޑެކްމަތީގައި ކުޑަކޮށް މަޑުކޮށްލުމަށްފަހު، ހިޔަލަށްވަދެ ގޮޑީގައި އިށީންތަނާ ކުޑަކޮށް ނިދީގެ އަސަރުކޮށް، ގޮނޑިމަތީގައި އަހަރެން ދެބަދޭތެރެ ވެއްޖެއެވެ.

ދެން ހޭވެރިކަންވީ އިރު،  ދޯނީގެ ދުވެލިމަޑުކޮށް ނޮޅިވަރަންފަރު ނެރުން ދޯނި ވަދެގެން، އެރަށުގެ މަޑުވިލުކުލައިގެ ސާފު ފަޅުތެރޭގައި ހަދާފައިވާ ޓީ ޖެޓީއަށް ދޯނި ގާތްކުރަނީ އެވެ. ގަޑިން މެންދުރުން އަނބުރާ 2:00 ވަނީ އެވެ. ހުކުރުހެދުމެއް ފަދަ ، ހުދު ހިމުން ދޮންވެލި ، ނޮޅިވަރަންފަރުގެ ގޮނޑު ދޮށުގެ އައްސޭރި ފަށުގެ ބިއްދޮށުން ، ހޮޅުއަށިތަކާއި އޮޑިހަރުގެތައް ފެންނަ އިރު، އެ ގޮނޑުދޮށުގެ ވެލިގަނޑުމަތީގައި ހަދާފައިވާ ހިތްގައިމު، ޓީ ޖެޓީގައި ނޮޅިވަރަންފަރު ސްކޫލް ޕްރިންސިޕަލް އަދުނާނު ޢަލީ އާއި  ދަރިވަރުންނާއި ބެލެނިވެރިން ސަފަކަށް ތިބީ އަހަރެމެންނަށް މަރުހަބާ ދަންނަވާށެވެ.

ނޮޅިވަރަންފަރުގެ ޗާޓުން ސްކޫލްގެ ދަރިވަރުންނަށް އެރަށު ޓީ ޖެޓީމަތިން ދެންނެވި މަރުހަބާއަށްފަހު، ފިޔަވަޅެއްނެތި ކުނިކަހާ ސާފުކޮށްފައިވާ ބޮޑު ސިންގާ އަތިރިމަތީގެ ތިރިނަލަ ރުއްތަކުގެ ތެރެއިން،  އެއަތިރިމަތީގެ ހިމުންވެލިތަކުގެ މަތީގައި ހިނގާފައި އަހަރެމެން ދިޔައީ އަތިރިމައްޗާއި މާދުރުނޫން، ނޮޅިވަރަންފަރު ސްކޫލަށެވެ.  އެސްކޫލަށް ގޮސް އަހަރެމެން މަރިޔާދުވީ އެތަނުގައި ހުރި ބޮޑު ފުނަގަހެއްގެ ހިޔަލުގައެވެ. އަހަރުމެންނާއި އަހަރުމެންގެ ދަރިވަރުންނާއި ހަވާލުވާ އެސްކޫލް މުވައްޒަފުންނާއި ދަރިވަރުންނާއި ބެލިނިވެރިންނާއި އަހަރެމެން ހަވާލުވުމުގެ ކުރީން، ސަންކުއިކް އޮރެންޖް ޖޫހުން އަހަރުމެންގެ ކަރު ތެއްމާލީ މެވެ.

ކުރިއަށްހުރި ޕްރޮގްރާމްތަކުގެ ކުޑަކުޑަ ތަޢާރަފެއް ދިނުމަށްފަހު ، ގޭގެއަށް ބެލެނިވެރިންނާއި ދަރިވަރުންނާއި ޓީޗަރުން ފޮނުވައިލީ އެވެ. އަހަންނާއި ފަތުޙުﷲ އާއި މުހައްމަދު ނަޝީދުއާއި ޙަވާލުވި ސްކޫލްގެ ޕްރިންސިޕަލް އެވެ. އަހަރެމެން ތިން މީހުން ގެންދިޔައީ އެރަށު އެދުރުހިޔާ އަށެވެ. ޕްރިންސިޕަލް އާއި އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅު ވެސް ދިރިއުޅުއްވަނީ އެތަނުގައެވެ. އެއީ އެރަށު ރަށްވެހިގެ އެވެ. މިދެންނެވި ކުޑަ ކުރުތަޢާރަފް ދެއްވީ ލީޑިންގ ޓީޗަރ އަހުމަދު ރަޝީދުގެ ރައްޓެހި އަލީ ސަރ އެވެ. އެރަށުން މިދަތުރުގެ އިންތިޒާމްތައް ބަލަހައްޓަނީ އަލީ ސަރ އެވެ. ޝެޑިއުލްގައި ފުރަތަމަ އޮތީ ނެޓްބޯޅަ ކުޅުމެވެ. އެއަށްފަހު ފުޓްބޯޅަ މެޗް ކެވެ. އެއަށް ފަހު ރޭގަނޑު 8:30 ގައި އެރަށު ސްކޫލާ ބެހޭގޮތުން އެސްކޫލްގެ ޕްރިންސިޕަލް ދެއްވާ ޕްރެސެންޓޭޝަނެކެވެ. ހުކުރު ދުވަހުގެ ހެނދުނު 8:30 އެރަށުގެ އަސާރީ ތަންތަނަށް ޒިޔާރަތްކުރުމެވެ.

އެރަށު ސްކޫލާ ބެހޭގޮތުން އަލީ ސަރ ވެސް ކުރުތަޢާރަފެއް ދިނެވެ. އެމައުލޫމާތުގައި އެސްކޫލްގެ ފުރަތަމަ ނަމަކީ އަމީނިއްޔާ ކަމަށާއި މާލޭގައި އެނަމުގައި ސްކޫލެއް ހެދުމުން ނޮޅިވަރަންފަރު ސްކޫލްގެ ނަން އަމީންގުލްޝަނަށް ބަދަލުކުރިކަމަށް އަލީ ބުންޏެވެ. އެއިމާރާތްވެސް ހުރީ މިހާރުވެސް ނޮޅިވަރަންފަރު ސްކޫލް ހުރިތަނުގައެވެ. މިހާރު ތަޢުލީމް ދޭ ނޮޅިވަރަންފަރު ސްކޫލް ، ނޮޅިވަރަންފަރު ޕްރައިމަރީ ސްކޫލްގެ ނަމުގައި ކިޔަވައިދޭން ފެށުނީ 1979 މާޗް 6  ވަނަ ދުވަހު ކަމަށް އަރަށުގެ ކަމުވޮށިގެންވާ  މީހަކު އަހަރެން ގާތުގައި ބުންޏެވެ.

އަހަރެމެން މެންދުރުގެ ކެއުމަށް އިންސާފުކުރުމަށްފަހު ، މޫނު ދޮވެ ރީތިވެލައިގެން ދިޔައީ އަސުރު ނަމާދަށެވެ. އެދުރުކަލޭފާނުން މިސްކިތަށެވެ. އެމިސްކިތް ހުންނަނީ އެދުރުހިޔާ އާއި ދެތިން ފިޔަވަޅު ދުރުގައި ރަށުގެ ކައުންސިލް އިދާރާގެ ދޮރުމަތީގައެވެ.

އަސުރު ނަމާދުކޮށްގެން، 4 ޖަހަންދެން އަހަރެމެން ތިބީ އެދުރުހިޔާ ކުރިމަތީގައި ސްކޫލްގެ މަގަތުގައި އޮތް ޕާކުގައި ހުރި ލާމި ގަސްދޮށުގައެވެ. އެގަހަކީ ގަރުނަކަށް ވުރެން ގިނަދުވަސްދީ ގަހެކެވެ. އެގަސް ނުހުންނަ ހަނދާނެއް ވާ ހަމަ އެކަކުވެސް މިހާރު އެރަށަކު ނެތެވެ. އެހެންވެ، އެގަސްވަނީ ސަރުކާރު ހިމާޔަތްވެސް ކޮށްފައިކަމަށް އަސާރީކަންތައްތަކާބެހޭގޮތުން މައުލޫމާތު ދެއްވި އެރަށުގެ ކުރީގެ ކުޑަކަތީބު މުހައްމަދު މޫސާ ބުންޏެވެ.

4:00 ވީ އިރު ، ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުންނާއި ، އިހަވަންދޫ މަދަރުސާގެ ގްރޭޑް 12 ގެ ދަރިވަރުންނާއި މުދައްރިސުން ނޮޅިވަރަންފަރު ސްކޫލަށް ހާޒިރުވެއްޖެއެވެ. އަހަރެމެންގެ އަންހެން ދަރިވަރުން ކުދިކުދި ޖާރޒީތައް ހެނދުންމަތިން ލައިގެން ނެޓްބޯޅަ ކުޅެން ތައްޔާރުވެގެން ތިއްބެވެ. ނޮޅިވަރަންފަރު ސްކޫލްގެ އަންހެން ކުދިންތައް ނުހަނު ނަލަހެދިގެން ރީތިފަރި ކަޅު ހެދުމުގައި ތިއްބެވެ. އެކުދިންއަތުގައި ނެޓްބޯޅަ ކުޅޭއިރު އަޅާ އެންމެ ޒަމާނީ ޖެކެޓްތައް ހުއްޓެވެ. އަހަރެމެންގެ ކުދިން ގެންކުޅެނީ ސީ.އެފް.އެސް ކުދިން ނެޓްބޯޅަ ކުޅެން ، އަތުން ހަދާފައިވާ ދެރަ ޖެކެޓްތަކެކެވެ. އެހެންވެ، ނޮޅިވަރަންފަރު ސްކޫލްގައި އޮތް ، ޖެކެޓްސެޓްގެ އަނެއްބައި އަހަރެމެންގެ ދަރިވަރުންނަށް ދީފިއެވެ. އެކުދިން ލައިގެންތިބި ޖާރޒީތައް ބާލައި ޖެކެޓް އަޅައިގެން އަހަރެމެން އެންމެ ، މިސްރާބު ޖެހީ އެރަށު ފުޓްބޯޅަ ދަނޑަށެވެ.

އެރަށުގެ ފުޓްބޯޅަ ދަނޑު ސަޅި އެވެ. އަހަރެމެން ރަށުގެ ދަނޑަށްވުރެން ތަރައްގީ އެވެ. ގަލޮޅުދަނޑުގައި ހުންނަގޮތަށް ، ކުޅޭ ޓީމްތައް މަޑުކުރަންޖެހޭތަންވަނީ ބިންގަނޑު ކޮނެ، އެތަނުގައި މުށިޖަހާ ތިރިކޮށް ރީތިކޮށް ހަދާފައެވެ. ދަނޑުގައި ހަދާފައިވާ ރެސްޓޮމްއާއި ޗޭންޖިންރޫމް ވަނީ ވީރާނާ ވެފައެވެ.

ފުރަތަމަ އޮތީ ނެޓްބޯޅަ މެޗެވެ. ނެޓް ބޯޅަ މެޗްގައި އަހަރެމެންގެ ކުދިން ބަލިކަމުން ، ވަގުތުކޮޅެއް އަދުނާނު ޢަލީ އާއެކު ހޭދަކޮށްލީމެވެ. ފުޓްބޯޅަ ދަނޑުގެ އިރުމަތީގައި ފަރާތުން ފެންނަ ރީތި ގެތަކާބެހޭގޮތުން ސުވާލުކޮށްލީމާ ބުންޏެވެ. އެއީ “އެލިއާ ޓައުން”އެވެ. ނޮޅިވަރަންފަރަށް ވަނީ ތިން ރަށު މީހުން ބަދަލުކޮށްފައެވެ. އެއީ ހދ. ކުނބުރުދޫ މީހުންނާއި ، ހދ. ކަނޑުމާވައިދޫ މީހުންނާއި ހދ. ފަރިދޫ މީހުނެވެ. ތިން ރަށު މީހުން ނޮޅިވަރަން ފަރަށް ބަދަލުކުރުމުގެ ކުރީން އެރަށުގެ އާބާދީ އަކީ 592 މީހުންނެވެ. މިހާރު 1737 މީހުން ދިރި އުޅެއެވެ. ނޮޅިވަރަންފަރަށް ބަދަލުވި ތިން ރަށުގެ މީހުންނަށް ސަރުކާރުން އަޅުއްވައިދެއްވާފައިވަނީ ޖުމުލަ 181 ގެއެވެ. އެއީ ޗައިނާ މީހުން އެޅި 47 ގެއާއި އެލިއާއިން އެޅި 134 ގެއެވެ. ޗައިނާ މީހުން އެޅި ގެތައް ހުންނަ ސަރަޙައްދަށް މިރަށުގެ މީހުން ކިޔަނީ “ޗައިނާ ޓައުން” އެވެ. އެލިއާ އިން އެޅިގެތައް ހުންނަ ސަރަޙައްދަށް ކިޔަނީ “އެލިއާ ޓައުން”އެވެ. ދެ ސަރަޙައްދުގައިވެސް ގެތައް އަޅާފައިވަނީ އެއް ޑިޒައިނަކަށެވެ. އެހެންނަމަވެސް ބައެއް ތަފާތުތައް އެބަހުއްޓެވެ. ޗައިނާ ޓައުންގެ ގެތަކުގެ ދޮރުތައް ޕްލާސްޓިކުން ހުރިއިރު އެލިއާ ޓައުންގެ ގެތަކުގެ ދޮރުތައް ހުރީ ލަކުޑިންނެވެ. ޗައިނާ ޓައުންގެ ގެތަކުގެ ކުޑަދޮރުތަކުގައި މަދިރިދާވަނީ ޖަހާފައެވެ. ވަށާފާރުރާނާ ލައިޓްވެސްވަނީ ހަރުކޮށްފައެވެ. ދެ ސަރަޙައްދަށް ބަލާއިރު ހިތްފަސޭހަކަމަށް ގިނަ މީހުން ބުނަނީ އެލިއާ ޓައުންނެވެ. ސަބަބަކީ ޗައިނާ ޓައުން ކައިރި ޗަކަ ބިމެއް އޮވެފައި މަދިރި ގިނަވެފައި ފާޚާނާގެ ވަސް ގަދަވުމެވެ.

އަސްލު ނޮޅިވަރަންފަރު މީހުންއުޅޭ ސަރަހައްދަށްކިޔަނީ ، "ފަރު ޓައުން" އެވެ. އެހެންކަމުން މިރަށުގައި ތިން ޓައުން އޮވެއެވެ.

މިހިސާބަށް ވާހަކަ ދިޔައިރު ނެޓްބޯޅަ މެޗް ނިމިއްޖެ އެވެ. 24 ޕޮޓް 1 ޕޮޓުން މެޗް ކާމިޔާބު ކުރީ ނޮޅިވަރަންފަރު ސްކީލްގެ ދަރިވަރުންނެވެ. މިމެޗްގެ ރާނީ އަކީ އިހަވަންދޫ މަދަރުސާގެ ރީޝާ މޫސާ އެވެ. ނެޓްބޯޅަ މެޗް ނިމުނުއިރު ފިރިހެން ކުދިން ފުޓްބޯޅަ މެޗަށް ތައްޔާރުވަނީ އެވެ. ރީތި ހިތްގައިމު ކުޅުމެއް ދެޓީމުންވެސް ދެއްކިއެވެ. މެޗްގެ ފަހު ހާފްގައި ހިމަފޮދު ކެރިކޮޅެއްވެސް ވެހިގަތެވެ. ވިއްސާރާ ދުނީގެ ހިތްގައިމު މަންޒަރުން އިރުމަތީ ފަރާތު އުދަރެސް ނަލަވިއިރު، ފުޓްބޯޅަ މެޗްވެސް ނިމިއްޖެއެވެ. އިހަވަންދޫ މަދަރުސާގެ ކުދިން 1 ލަނޑު ޖެހިއިރު ނޮޅިވަރަންފަރު ސްކޫލްގެ ކުދިންނަށް ގޯލުގެ ދާގަނޑުގައި ބޯޅަ ޖައްސާލެއްވޭގޮތެއް ނުވިއެވެ.

ދަނޑުން ގެއަށްއައިސް ހަވީރު ސައިބޮއެގެން، ފެންވަރާގެން، ދިއައީ މަޣުރިބް ނަމާދަށެވެ. އިޝާނަމާދާއެކު ކޮށްގެން، ގެއަށްއައިސް ، ރޭގަނޑުކައިގެން އަނެއްކާވެސް ދިޔައީ ސްކޫލަށެވެ. ސްކޫލްގައި އޮތް ޕްރެސެންޓޭޝަން ފެށުން ، އެސްކޫލްގައި ހުރި ދެޕްރޮޖެކްވެސް ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންކުރާތީވެ، ކުޑަކޮށްލަސްވިއެވެ. އެހެންވެ، ވަގުތު މަރާލުމަށް ޖޯކްކިޔާ ސިޔާސީ މަޝްރަހު ބެހޭ ގޮތުން އަނގަތަޅާލީމެވެ.

އެންމެ މަޖާ ޖޯކެއްކީ ލީޑިންގ ޓީޗަރ އަހުމަދު ރަޝީދުއެވެ. އެޖޯކްގެ ނަމަކީ "ޝަމީމްބޭގަމް ވިތް ސަން" އެވެ. ދަތުރުބައިވެރިންގެ ލިސްޓް ނޮޅިވަރަންފަރު ސްކޫލަށް ފޮނުވި އިރު ، އިނގިރޭސި ޓީޗަރ ނަމާދިމާގައި "ޝަމީމް ބޭގަމް ވިތް ސަން " މިހެންވަނީ ޖަހާފައެވެ. އެހެންކަމުން އެދެމީހުން ހުރުމުގެ ކަންތައް ހަމަޖައްސާފައިވަނީ ބިދޭސީ އަންހެން ޓީޗަރެއްގެ ކޮޓަރީގައެވެ. ރަގަޅަށެވެ. މަންމައާއި ކުޑަދަރިފުޅު ވަކިކޮށްލުމަކީ ވަރަށް ރަގަޅުކަމެއްނޫނެވެ. ކުރީން ދެންނެވި ހިތްގައިމު ފުނަގަސްދޮށުގެ ހިޔަލުގައި ޓީޗަރުން ހުރުމުގެކަންތައް ހަމަޖައްސަމުން ދިޔައިރު ލިސްޓްގައިނެތް ބޮޑުސިންގާ ފިރިހެނަކު ހަވާލުވާނެ މީހަކު ނެތުމުން އަލީ ސަރ އެހެރީ ކާކުހޭ އަހުމަދުރަޝީދު ގާތުގައި އެހުމުން، އެއީ ޝަމީމް ބޭގަމްގެ ސަންކަމަށް ބުނުމުން، އަލީ ގާތަށް ނުބައި ހިންޏެއް އަތުވެއްޖެއެވެ. އެތައްފެނި އެތަނުގައި ހުރި ހުޝިޔާރު ބިދޭސީ ފިރިހެން ޓީޗަރަކު  ތިމަންނަ ގެންދާނަމޭ ބުނެ، އެކަން ހަމަޖައްސައިފިއެވެ. މިވާހަކަ ކިޔުމުން މިކަން ބޮޑު ޖޯކަކަށްވެ، ސެޝަންފެށުނު އިރުވެސް ހިނިގަނޑު ކަންޓްރޯލެއްނުވިއެވެ.

އެސްކޫލާ ބެހޭ ޕްރެސެންޓޭޝަން އޮތީ  އޭވީ ރޫމްގައެވެ. ޕްރެސެންޓޭޝަނަށްފަހު، އަހަރެމެންގެ ފަރާތުން އެސްކޫލަށް ލިޔުން ހަވާލުކުރުމާއި، ވާހަކަދެއްކުންވެސް އޮތެވެ. އަހަރެންވެސް ދެތިން ވާހަކަ ބުނީ މެވެ.

އެއަށްފަހު، ކުދިންތައް ގެއަށް ދިއައީމާ ސްކޫލްގެ ގޯތީތެރޭގައި އަހަރެމެން ބާބަކިޔު ހެދީމެވެ. ފާގަތަޅާއާއި ރަންމަރަންމަ ފޯލި އާއި ޕޮޓަށް ބޯޅަ ވައްޓާ ބިރެއްނެތި އަހަރެމެން މުނިފޫހިވިލުވާ ހީސަމާސާކޮށް މަޖާކޮށްލީމެވެ. އެއަށްފަހު މެންދަންވުމުން އެދުރުހިޔާއަށްވަދެ ނިދީ އެވެ. މިހުރިހާއިރެއްވަންދެންވެސް އެސްކޫލްގެ ޕްރިންސިޕަލް ހުންނެވިކަން ފާހަގަކުރަމެވެ.

ހެނދުނު 8:30 ހަށް ސްކޫލަށް ދާން ހަމަޖެހިފައިއޮތަސް އަހަންނަށް ތަންމައްޗާވަކިވެވުނީ، ނިދިބަރުކަމުން ނުހަނު އުނދަގުލާއެކު އެވެ. ހެނދުގެ ސައިބޮއިގެން އާޘާރީތަންތަންބަލަން ދިޔައިރު ، އެކަމަށް ޙާއްޞަކޮށްފައިވާ މީހަކު ސްކޫލްގެ ގޯތިތެރޭގައި އެއްކަލަ ފުނަގަސްދޮށުގައި ދަރިވަރުންނަށް މައުލޫމަތު ދެނީ އެވެ. އެއަށްފަހު އާޘާރީތަންތަން ބަލަމުން، އެރަށު ވީރާނާ ވަމުންދާ އާޘާރީ މިސްކަތާހަމަޔަށް ދެވުނުއިރު ޗައިނާ ޓައުންވެސް ފެނިއްޖެއެވެ. އެމިސްކިތުގެ ބިއްދަށުން އިތުރުގޭތައް މިހާރުވެސް ދަނީ ހަދަމުންނެވެ. 

އެމިސްކިތްދޮށުގައި ބިލެތް ފާތުމަގެ މަގުބަރާވެސް ވީރާނާވެ ހަލާކުވާން އޮތެވެ. އެމީހަކީ ކައިވެނިތަކަށް އެރަށުމީހުންނަށް ބިލެތްހަދައިދީ އުޅު މީހުންނަށް ހެޔޮ މީހެކެވެ. އެހެންވެ، އޭނާގެ ޒިކުރާކުރުމަށް މަގުބަރާހެދީކަމަށް މައުލޫމާތުދޭ މީހާ ބުންޏެވެ. އެމިސްކިތުގެ ދެތިން ފޮޓޯ ނެގުމަށްފަހު އަހަންނާއި އަހުމަދު ރަޝީދު ދިޔައީ އެރަށުގައި މިހާރު ހަދާ ގެތައް ބަލާލާށެވެ.

އެތަނުން މަޑުމަޑު ހިނގަމުން އައިސް އެރަށުގެ އަތިރިމަތީގައި ހުރި ހިތްގައިމު ކަށިހެޔޮ ހޮޅުން ހަދާފައިވާ ހޮޅުއަށީގައި ބުރިކަށި ދަމާލީމެވެ. މުހައްމަދު ސުޖާޢު ވެސް އައެވެ. އަހަރެމެން ތިން މީހުން ހޮޅުހަށީގައި ތިބެގެން އަހަރުމެންގެ ރަށުގެ ސިޔާސީ ކަންތައްތަކާބެހޭގޮތުން ޚިޔާޅުފާޅުކޮށް ވާހަކަ ދައްކަންތިއްބާ 11:00 ވެގެން ހުކުރަށް ދިއުމަށް ގެއަށް އައުމަށް ހިނގާގަތީމެވެ. ގެއަށް އައި މަގުމަތީގައި ސްކޫލަށް ވަންއިރު ، ސްނީތާ އާއި މަހުސިނާ އާއި އަހުމަދު އިބްރާހިމް މުސްކުޅި ބެއަކު ލައްވާ ލަވަކިޔުއްވަނީ އެވެ. އަހަރެމެންނަށްވެސް މިކަން މަޖާވެ، އެމީހާލައްވާ ރައިވަރާއި ލަވަކިޔުއްވީ މެވެ. އެންމެ ފަހުން ހުއްޓާލީ އީސާ ދަރީގެ ބަރަކި ރައިވަރެއް ކީމައެވެ. އެމީހާގެ ނަމަކީ ޢަބުދުއްރަޝީދު މުހައްމަދެވެ. ހުކުރުފަހުން އެމީހާ ސްކޫލަށް ގެނެސް  ލަވަކޮޅަކާއި ރައިވަރުތަކެއް ރެކޯޑްކޮށްލީމެވެ.

ގެއަށް އައިސް ފަތުހުﷲ އާ މަޝްވަރާކޮށް، މޫސުން ކުޑަކޮށް ގޯސްކޮށް އުޅޭތީވެ، 3:00 އަށް ފުރުން އަވަސްކޮށް ދަތުރުގެ ބައިވެރިންނަށް ފަތުހުﷲ އެންގެވި އެވެ.
ހުކުރުން އައިސް މެންދުރުކައިގެން، ތައްޔާރުވެގެން ދަތުރަށް ނިކުންއިރު، ދަރިވަރުންނާއި ބެލެނިވެރިންނާއި ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިން އުފާވެރި މޫނުތަކަކާއެކު، އަހަރެމެން ފުރުވަން އަތިރިއަށް ނިކުންނަނީ އެވެ.

ސަލާމްގަލާންކޮށް ، އެންމެ ދޯޏަށް އަރައި ، އެރަށުން، ފުރިއިރު، ގަޑިން 3:15 ވަނީ އެވެ. ކަނޑު ގަދަ އެވެ. ވިއްސާރަ ވިލާކޮޅެއްވެސް ފުރިތަނާ ޖެހުނެވެ. ދޯނި ދުއްވާފައިދަނީ އޮޔާއި ވަޔާއި ދެކޮޅަށެވެ.

ބޯއަނބުރާވަރުން އަހަންނަށްވެސް ބޯހިއްލާލާކަށް ނުކެރެއެވެ. ހޮޑުލާމީހުން ހޮޑުވެސް ލައެވެ. އެންމެ ހާލު ބޮޑުވީ ސްނީތާ މިސް އެވެ. 

ހަލީމާތު ލާ ހޮޑުގެ އަޑުގަދަކަމުން، މުޅި ދޯނިތެރެ ގުގުމާލާފައިވަނީ އޭނާގެ އޯކުގެ އަޑުންނެވެ. އެއަޑު ގަދަ ކަމުން ، އަހަންނަށްވެސް ހޮޑުނުލެވުނީ ހަމަ ކިރިޔަކިރިޔާ އެވެ. 

މިފަދަ ހާލެއްގައި މިދަތުރުމަތީގައިއުޅެމުން ، ގައްލަންދޫ ކަނޑު ދުއްވާނިމި، ފަރުކަނުގެ ނިވަލަށް އާދުވުނު އިރު ، ހާލުބަލި މީހުންވެސް ދިރި، ގޮނޑިތަކުގެ މައްޗަށް ކޮޅަށް ޖެހިއްޖެއެވެ. ކުޑަކޮށް ފެންކުޅީގެ ހަރަކާތެއްވެސް ހިގައިފިއެވެ. 

މިމަޖަލުގައި އައިސް ، ބަދަރުޖެހިއިރު، މަޣުރިބު ނަމާދު ބަންގީގެ ކަލިމަތައް، މިސްކިތްތަކުގެ މުންނާރުތަކުން ގުގުމަމުން ދަނީ އެވެ. 

މިއުފާވެރި ދަތުރު ނިންމާލުމަށްފަހު، އަންހެނުންނަށް ގެނައި ދެގޯނި ކާށި ހިފައިގެން ގެއަށް ދިއައީ ޓެކްސީގައެވެ.

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.