އަލީ ޚާލިދު
އިރަށް ބަލަން އިރުމައްޗަށް ކުރިމަތިލައިގެން ހުރެގެނެއް
އިރު ދައުރުވަމުންދާ ގޮތެއް ނުފެންނާނެ އެވެ. އިރު މެދުޖެހިގެން
ގޮސް އަޅުގަނޑުމެންނަށް އިރު އޮއްސޭނީ ހުޅަނގަށެވެ. އެހެންވީމާ
އިރަށް ބެލުމަށްޓަކައި ހުޅަނގު
އުދަރެހަށް ބަލަން ޖެހޭ ވަގުތު ވެސް އާދެ އެވެ.
މި އަހަރުގެ ޖުމްހުރީ ދުވަހުގައި ރައީސް އަބްދުﷲ ޔާމީން
ގައުމާ މުހާތަބުކުރައްވައި ދެއްކެވި
ވާހަކަފުޅުގައި އިގްތިސާދީ ކުރިއެރުން ހޯދުމަށް އިރުމައްޗަށް ބެލުމުގެ
ސިޔާސަތު ގެންގުޅުއްވާ ކަން ވަނީ ހާމަކުރައްވާފަ އެވެ. އަދި އެ
ސިޔާސަތު ގެއްގުޅުއްވަން ޖެހޭ ސަބަބު ވެސް ވަނީ ކޮންމެވެސް ވަރަކަށް
ހާމަކުރައްވާފަ އެވެ.
ހުޅަނގުގެ ވިލާތުގެ އިއްތިހާދުން ރާއްޖޭގައި ދީނީ
މިނިވަންކަން ނޯންނަ ކަމަށް ބުނެ ބައެއް ކަހަލަ
ހުރަސްތައް ވަނީ ކުރިމަތިކޮށްފަ އެވެ. މީގެ އިތުރުން އިރުމައްޗަށް ބަލަން ޖެހޭ މައިގަނޑު އަނެއް
ސަބަބަކީ ތަރައްގީގެ އިންވެސްޓްމަންޓްތައް މިހާރު
ފަސޭހަކަމާ އެކު ލިބެން ހުރީ އިރުމަތިން ކަމުގައި ވެސް ވާތީ އެވެ.
ރައީސް ޔާމިން ގެންގުޅުއްވާނެ ސިޔާސަތުތައް
ހާމަކުރައްވަމުން، ދީނީ ރޫހު އަޅުގަނޑުމެން ތެރޭ އިތުރަށް
އާލާކުރަމަށް މަސައްކަތް ކުރައްވާ ކަން ވެސް ވަނީ ހާމަކުރައްވާފަ އެވެ.
އިގްތިސާދީ ކުރިއެރުމަށް އިރުމައްޗަށް ބެލުމާއި އިސްލާމް
ދީން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމުގެ
ސިޔާސަތު ހާމަކުރެއްވުމުން ހަނދާންވެގެން އައީ މެލޭޝިޔާގެ ކުރީގެ ބޮޑު
ވަޒީރު ޑރ. މަހާތީރު މުހައްމަދު 1980ގެ ކުރީކޮޅު ވެރިކަމަށް ވަޑައިގެން
ގެންގުޅުއްވި ސިޔާސަތުތަކުގެ މަތިންނެވެ.
ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޖަޕާނުން ގެންގުޅުނު
ސިޔާސަތުތަކުގެ ސަބަބުން 1981ގައި ދުނިޔޭގެ
ދެވަނައަށް އެންމެ ބޮޑު އިގްތިސާދަށް ޖަޕާން ވި އެވެ. މިކަންވީ ހުޅަނގުގެ ގައުމުތަކަށް ހައިރާންކަން
ގެނުވި ކަމަކަށެވެ. ސިންގަޕޫރުން 1978ގައި ޖަޕާންގެ
ފަރާތުން ދަސްކުރުމުގެ ކެމްޕޭނެއް ފެއްޓި އެވެ. އޭގެ ހަތަރު ވަރަކަށް
އަހަރު ފަހުން މެލޭޝިއާ އިން ޖަޕާންގެ ސިޔާސަތު ބަލަން ފެއްޓި އެވެ. ޖަޕާނަކީ ދުނިޔޭގެ އެންމެ އިރުގައި
އޮތް ގައުމެވެ. ކޮންމެ ދުވަހެއްގެ އިރު އެންމެ
ފުރަތަމަ ފެންނަ ގައުމަކީ ވެސް ޖަޕާނެވެ.
ޑރ. މަހާތީރުގެ ބޮޑު ވަޒީރުކަމުގެ ދުވަސްވަރުގައި ގިނަ
ވުޒާރާތަކެއްގެ މިނިސްޓަރުކަމާއި ބޮޑު ވަޒީރުގެ
ނާއިބުކަން ކުރައްވާފައިވާ އެއް ބޭފުޅަކީ އަންވަރު އިބްރާހީމެވެ.
އަންވަރުގެ ބަޔޮގްރަފީ "އެވޮލޫޝަން އޮފް އަ މުސްލިމް ޑިމޮކްރެޓް"ގައި ޗާލީސް އެލެއަސް ލިޔުއްވާފައިވާ ގޮތުގައި 1982ގައި ޑރ. މަހާތީރު އިރުމައްޗަށް ބެއްލެވުމުގެ ސިޔާސަތަށް
މިސްރާބު ޖެހީ އިނގިރޭސީންގެ ނުފޫޒު އިގްތިސާދީ
ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ފޯރުވާތީ މި މައްސަލަތަކަށް ހައްލެއް
ހޯދުމުގެ ބޭނުމުގަ އެވެ.
އެހެންކަމުން ޑރ. މަހާތިރު ޖަޕާނާއި ސައުތު ކޮރެއާގެ
ސިނާއީ މަސައްކަތު އަހުލާގާއި ވައްޓަފާޅި
ނަކަލުކުކޮށް މި ގައުމުތަކުގެ ކުރިއެރުމުގެ ސިޔާސަތުތައް މެލޭޝިއާގައި ހިންގަން ފެއްޓެވި އެވެ.
ހުޅަނގާ ފެއަށް ޖެހުމުގެ ސިޔާސަތުގެ ސަބަބުން
މެލޭޝިއާގެ މުސްލިމު އާބާދީގެ ތާއީދު ޑރ. މަހާތީރުގެ ޕާޓީ އަށް އިތުރުވާން ވެސް ފެއްޓި އެވެ.
އިރުމައްޗަށް ބެލުމުގެ ސިޔާސަތު ހިންގާފައިވަނީ އިސްލާމީ
އުސޫލުތައް ގުރުބާން ކުރުމެއް ނެތި އިސްލާމީ ތަރަހައިގެ ތެރޭގަ އެވެ.
މިއީ މުސްލިމުންގެ ތާއީދު ޑރ. މަހާތީރުގެ ޕާޓީ އަށް ލެނބިގެން ދިޔަ
މައިގަނޑު ސަބަބެއް ވެސް މެ އެވެ.
މެލޭޝިއާގައި އިރުމައްޗަށް ބެލުމުގެ ސިޔާސަތުގެ ދަށުން
ވަނީ ސިޔާސީ އަދި އިގްތިސާދީ ހަމަޖެހުން ގެނެސްފަަ
އެވެ. ވިޔަފާރިއަށް ފަހިވާ ކަހަލަ ސިޔާސަތުތައް ތައާރުފުކޮށްފައިވެ
އެވެ. ދުނިޔޭގެ ފެންވަރުގެ އުމްރާނީ ވަސީލަތް ގާއިމުކޮށްފައިވެ އެވެ.
އެކަށޭނަ މަސައްކަތްތެރިން އުފައްދާފައިވެ އެވެ. ގައުމު ކުރިއަރުވާނެ
ތަރައްގީގެ ރޭވުންތަކެއް އެކުލަވާލާފައިވެ އެވެ.
ނަތީޖާއަކަށްވީ 2010 ވަނަ އަހަރާ ހަމައަށް އައިރު
މެލޭޝިއާގައި ބޭރުގެ އިންވެސްޓަރުން ވަނީ 9 ބިލިއަން
ޑޮލަރު އިންވެސްޓްކޮށްފަ އެވެ. ސާޅީހަށް ވުރެ ގިނަ ގައުމުތަކުގެ ބަވަނަ
ކުންފުނިތައް މެލޭޝިއާގައި ވިޔަފާރިކުރަމުން ދެ އެވެ. އަދި ބޭރުގެ 5000 ވުރެ ގިނަ ކުންފުނިތައް ވަނީ
މެލޭޝިއާގެ އެކި ދާއިރާތަކުގައި އިންވެސްޓްކޮށްފަ
އެވެ.
މިއަދު މެލޭޝިއާގެ ވަޒީފާ ނެތް މީހުންގެ ރޭޓް އެވްރެޖްކޮށް
އުޅެނީ 3 ޕަސެންޓްގަ އެވެ. އަދި
ފަގީރުކަމުގެ ނިސްބަތް ހުރީ 2 ޕަސެންޓަށް ވުރެ ތިރީގަ އެވެ.
މެލޭޝިއާ އިން އެންމެ ގިނައިން އިމްޕޯޓް އަދި އެކްސްޕޯޓް
ވިޔަފާރި ކުރާ 10 ގައުމުގެ ތެރޭގައި ހުޅަނގުގެ
ގައުމަކަށް އޮތީ ހަމައެކަނި ޖަރުމަންވިލާތެވެ. ދެން ހުރީ އިރުމަތީ ގައުމުތަކާއި އެމެރިކާ އެވެ.
މިއަދާ ހަމައަށް މެލޭޝިއާގެ މިސާލުން އަޅުގަނޑުމެނަށް
ދޭހަވަނީ ހުޅަނގާ ނުލާ ވެސް ރަނގަޅު ރޭވުމަކާ އެކު
ގައުމު ތަރައްގީކުރެވިދާނެ ކަމެވެ.
ނަމަވެސް ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަކީ
އަބަދު އެއްގޮތަކަށް އޮންނަ ގުޅުމެެއް ނޫނެވެ.
ސަރުކާރުގެ ސިޔާސަތަށް އަންނަ ބަދަލާ އެކު ހާރިޖީ ގުޅުންތަކަށް ވެސް ބަދަލު އާދެ އެވެ. މެލޭޝިއާގައި ޑރ.
މަހާތީރުގެ ބޮޑު ވަޒީރުކަމުގައި ހުޅަނގާ އޮތް
ގުޅުން އޮތީ އެހާ ވަރުގަދަކޮށެއް ނޫނެވެ. އަދި ޑރ. މަހާތީރުގެ ފަހުން ބޮޑު ވަޒީރުކަން ކުރެއްވި އަބްދުﷲ
ބަދާވީގެ ސަރުކާރުގައި ވެސް ހާރިޖީ
ސިޔާސަތު އޮތީ ހަމަ ޑރ. މަހާތީރުގެ ވެރިކަމުގައި އޮތް ގޮތަށެވެ.
މެލޭޝިއާގެ ހާރިޖީ ސިޔާސަތަށް ބަދަލު އަންނަން މި ފެއްޓީ
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ ކޯޅުމެއް
ޗައިނާއާ ދެމެދު އުފެދުމާ އެކުގަ އެވެ. މި މައްސަލައާ ގުޅިގެން މެލޭޝިއާގެ
މިހާރުގެ ބޮޑު ވަޒީރު ނަޖީބް ރަައްޒާގު ވަނީ ހުޅަނގާ އޮންނަ ގުޅުން
ހަރުދަނާކުރަން ފައްޓަވާފަ އެވެ.
ހާރިޖީ ސިޔާސަތު ބެލެންސްކޮށް ގެންގުޅުމަކީ ގައުމަށް
އެންމެ ފައިދާ ހުރި ގޮތް ކަމުގައި މެލޭޝިއާގެ
މިސާލުން އާހިރުގައި މިއޮތީ ފެންނާށެވެ. އެހެންކަމުން އިރަށް ބަލައި އެ
ދިމާއަށް މިސްރާބު ޖެހިއަސް ހުޅަނގު އޮތީ ތިމާ ފަހަތުގައި ކަމާއި އިރު
އޮއްސޭ ވަގުތު ބަލަން ބޭނުން ނަމަ ހުޅަނގަށް ބަލަން ޖެހޭނެ ކަން ދެނެގެން ދަތުރުކުރުމަކީ ބުއްދިވެރި
ގޮތެކެވެ.
Comments