އަބޫބަކުރުއް ޞިއްދީޤު
ނަންފުޅާއި ނަސަބުފުޅު
أبوبكرގެފާނު ފުރިހަމަ ނަންފުޅަކީ عبد الله بن عثمن بن عامر އެވެ. ޖާހިލިއްޔަ ޒަމާނުގައި އެކަލޭގެފާނުގެ ނަންފުޅަކީ عبد الكعبةއެވެ. އިސްލާމްވެ ވަޑައިގަތުމަށްފަހު އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ أبوبكرގެ ފާނުގެ ނަންފުޅު ބަދަލުކުރައްވައި އެކަލޭގެފާނުގެ ނަންފުޅަކީ عبد الله ކަމުގައި ހަމަޖެއްސެވިއެވެ.
صدّيق އާއި، عتيقއަކީأبوبكرގެފާނުގެ ދެލަޤަބުފުޅެވެ. أبوبكرއަކީ އެކަލޭގެފާނުގެ ކުށްޔަތުގެ ނަންފުޅެވެ. ނަމަވެސް އެޒަމާނުގެ ޢަރަބީންގެ މެޅުގައި ޢާންމުވެފައި އޮންނަ ފަދައިން އެންމެ ބޮޑަށް މަޝްހޫރުވެވަޑައި ގެންފައިވަނީ އެނަންފުޅުންނެވެ.
أبوبكرގެފާނުގެ ބައްޕާފުޅު عثمن بن عامر ވެސް މަޝްހޫރުވެ ވަޑައިގެންފައިވަނީ އެކަލޭގެފާނުގެ ކުންޔަތުގެ ނަންފުޅުންނެވެ. އެކަލޭގެފާނުގެ ކުންޔަތަކީ أبوقحافة އެވެ. أبوبكرގެފާނުގެ މައިކަނބަލުންނަކީ سلمى بنت سخرއެވެ. ނަމަވެސް އެކަމަނާގެ ނަންފުޅުވެސް ޢާންމުވެފައިވަނީ أمّ الخيرގެ ނަންފުޅުންނެވެ. އެއީ އެކަމަނާގެ ކުންޔަތުގެ ނަންފުޅެވެ.
أبوبكرގެފާނަކީ ޤުރައިޝުވަންހައިގެ ދަރިކޮޅެއް ކަމުގައިވާ ތައިމްވަންހައިގެ ބޭކަލެކެވެ. رسول الله صلّى الله عليه وسلّمގެ ނަސަބުފުޅާއި أبوبكرގެފާނުގެ ނަސަބުފުޅާ ގުޅެނީ ހަވަނަ ކާފާފުޅާ (مرّة بن كعب) އާއި ހަމައިންނެވެ.
ޒުވާން ޢުމުރުފުޅު
މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި أبوبكر ގެފާނު ރައްކައުވީ ޢާމުލްފީލުގެ
ދެއަހަރުފަހުންނެވެ. މާތްވެގެންވާ މައްކާގައެވެ. أبوبكرގެފާނު ތުއްޕުޅު އިރުއްސުރެ
ތަރުބިޔަތުވެ ވަޑައިގެންފައިވަނީ ރީތި އަޚްލާޤާއި ހެޔޮ ޚުލުޤުފުޅުތަކުގެ
މަތީގައެވެ. ވަރަށް ތުއްޕުޅުއިރު ލިޔުއްވައި ކިޔުއްވަން ދަސްފުޅުކުރެއްވިއެވެ.
ޒުވާން ޢުމުރުފުޅުގައި ޅެންވެރިކަމަށްވެސް ޝައުޤުވެރިކަން ބެހެއްޓެވިއެވެ.
އެހެންކަމުން ބޮޑެތި ބޮޑެތި ޝާޢިރުންނާ ވާދައަށްވެސް ޅެން ހައްދަވައި
އުޅުއްވިއެވެ. ޢަރަބީންގެ ނަސަބުގެ ޢިލްމު އުނގެނިވަޑައި ގެންނެވިއެވެ. ނަސަބުގެ
ޢިލްމަކީ އަރަބީންގެ ތެރޭގައި ވަރަށް ޤަދަރުހުރި ޢިލްމެކެވެ. އެ ޢިލްމަކީ أبوبكر رضى الله
عنهގެ
ޚާންދާނުގައި ދަރިދަރިކޮޅުއްސުރެ ވާރުތަވަމުން އައި ޢިލްމެކެވެ. أبوبكر رضى الله
عنهއެ ޢިލްމުގެ
ދާއިރާ އިހުނަށްވުރެވެސް ފުޅާކުރެއްވިއެވެ. ހަމައެފަދައިން ހުވަފެން ތަޢުބީރު
ކުރުމުގެ ޢިލްމުވެސް ހޯއްދެވިއެވެ. ދުވަހަކުވެސް ރާފޮޅެއް ނުހިއްޕަވައެވެ.
އެކަލޭގެފާނުގެ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އުޅުއްވުމުގެ ރީތިކަން
މައްކާގައި އޮތީ މަޝްހޫރުވެފައެވެ. أبوبكرގެފާނުގެ ބައްޕާފުޅަކީވެސް މައްކާގެ ޤަދަރުހުރި ބޮޑުންކުރެ
ހިމެނިވަޑައި ގަންނަވާ ބޭކަލެކެވެ. އަތްޕުޅުމަތި ތަނަވަސް ބޭކަލެކެވެ.
ޖާހިލިއްޔަ ޒަމާނުގައި ޤުރައިޝުންގެ ތެރޭގައި މަރުގެދިޔައިގެ ގޮތުން
އެއްކުރެވޭ މުދަލާއި ފައިސާގެ ކަންތައް ބެލެހެއްޓެވުމުގެ ވެރިކަމާ
ޙަވާލުވެވަޑައިގެން ހުންނެވިއެވެ.
أبوبكر ގެފާނު ބޮޑުފުޅުވީއްސުރެ ފޮތީގެ
ވިޔަފާރި ކުރައްވައި މައްކާގެ މުއްސަނދީންގެ ތެރޭގައި ހިމެނިވަޑައި ގެންނެވިއެވެ.
އެކަލޭގެފާނަށް ލިބިވަޑައި ގަންނަވާ ފައިސާއިން ނިކަމެތީންނާއި ފަޤީރުންނަށް އެހީވެދެއްވައެވެ.
އެހެން ކަމުން މައްކާގެ މީހުން أبوبكرގެފާނު ދެކެ ވަރަށް ލޯބިވެއެވެ.
رسول الله صلّى
الله عليه وسلّمއާއި أبوبكر
الصّدّيق رضى الله
عنهއާއި
ދެބޭކަލުންގެ ޢުމުރުފުޅުގައި ދެ އަހަރެއްހައި ދުވަހުގެ ތަފާތެއް ހުރެއެވެ.
އެކަމަކުވެސް ދެބޭކަލުންގެ މިޒާޖުފުޅުގައި ހުރި އެއްގޮތްތަކުގެ ސަބަބުން
ދެބޭކަލުންގެ ޒުވާން ޢުމުރުފުޅުގައިވެސް އެދެބޭކަލުންނަކީ އެންމެ ގާތް
ދެރަޙްމަތްތެރީންނެވެ. ދެބޭކަލުން އެކުގައި ވިޔަފާރި ކުރައްވައިވެސް އުޅުއްވިއެވެ.
އިސްލާމްވެ ވަޑައިގަތުން
رسول الله صلّى
الله عليه وسلّم ރަސޫލުކަމާއިގެން ފޮނުއްވުމަށްފަހު ތިންއަހަރު ވާންދެން
އެކަލޭގެފާނު ދީނަށް ގޮވައިލައްވައި އުޅުއްވީ ސިއްރިޔާތުގައެވެ. ނަމަވެސް އިތުރު
ސާހިބާ އެކަލޭގެފާނުގެ ޚާއްޞަ ރަޙްމަތްތެރިޔާ أبوبكر رضى الله
عنهއަށްއެންމެ
ކުރީބައިގައި އިސްލާމްދީނަށް ދަޢުވަތުދެއްވިއެވެ. އިސްލާމްދީނަށް ގޮވައިލެވުނު
ގޮވައިލެވުން ހަމަ އިވިވަޑައި ގަތުމާއެކު أبوبكرގެފާނު އެކަން ޤަބޫލުކުރެއްވިއެވެ.
ކުޑަވެސް ފަސްޖެހިވަޑައިގަތުމަކާ ނުލައެވެ. އެހެންކަމުން ބޮޑެތި ފިރިހެނުންކުރެ
އެންމެ ފުރަތަމަ އިސްލާމްވެ ވަޑައިގަތުމުގެ މާތްކަން ލިބިވަޑައިގަތީ أبوبكرގެފާނަށެވެ.
ޞަޙާބީންގެ ތެރެއިން އެއްވެސް ބޭކަލަކަށް ލިބިވަޑައިގެންފައި ނުވާ އެތައް
ޝަރަފެއް أبوبكرގެފާނަށް
ލިބިވަޑައި ގެންފައިވެއެވެ. އޭގެ ތެރެއިން އެއްޝަރަފަކީ އެކަލޭގެފާނުގެ ނަސްލުގެ
ހަތަރު ދަރިކޮޅު ޞަޙާބީން ކަމުގައި ހިމެނިވަޑައި ގަތުމުގެ ޝަރަފު
ލިބިވަޑައިގެންފައިވުމެވެ. أبوبكرގެފާނުގެ ބައްޕާފުޅު އަބޫޤަޙާފާ
އާއި أبوبكرގެފާނާއި،
އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުއްރަޙްމާނާއި ކާފަ ދަރިކަލުން މުޙައްމަދު ބުނު
ޢަބްދުއްރަޙްމާނަކީ އަޞްޙާބު ބޭކަލުންނެވެ. أبوبكرގެފާނުގެ މައިކަނބަލުންނަކީ ވެސް
ޞަޙާބިއްޔާއެކެވެ.
ޚިލާފަތުގެ މައްސަލަ
މަދީނާގެ މުނާފިޤުން ތިބީ އިސްލާމީ ދައުލަތް ވިއްސިވިހާލި ކޮށްލުމަށްޓަކައި
އިތުރު ސާހިބާގެ ހިޔާވަހިކަމުން އިސްލާމީ އުންމަތް މަޙްރޫމްވާނެ ދުވަހަކަށް
ބަލަބަލައެވެ. އެހެންކަމުން އިތުރު ސާހިބާ ސުވަރުގެ ވަޑައިގަތުމާއެކު މުނާފިޤުން
ޚިލާފަތުގެ މައްސަލަ ފިތުނައަކަށް ހަދައިލިއެވެ.
ޚިލާފަތުގެ މައްސަލައިގައި ބަޙްޘު ކުރެއްވުމަށްޓަކައި އަންޞާރިއްޔަ ބޭކަލުން
ޘަޤީފާ ބަނީސާޢިދާއަށް އެއްވެވަޑައި ގެންނެވިއެވެ. ޘަޤީފާއަކީ ޚަޒުރަޖުވަންހައިގެ
ރައީސް ސަޢުދު ބުނު ޢިބާދަތު ރަޟިޔަﷲ ޢަންހުގެ ގެކޮޅުގެ ގޯތިތެރޭގައި މީހުން އެއްވެ
ވާހަކަ ދައްކައި ހަދަން . ތިބޭން ތައްޔާރު ކޮށްފައިވާ ތަނެކެވެ. އަންޞާރިއްޔަ
ބޭކަލުން ދެކެވަޑައިގެންނެވި ގޮތުގައި އިސްލާމީ ދައުލަތް އުފެދިފައިވަނީ
އެބޭކަލުންގެ ރަށުގައެވެ. ޢަރަބިކަރައިގައި އިސްލާމްދީނަށް ނަޞްރު ލިބުނީ
އަބޭކަލުންގެ އެހީތެރި ކަމާއި އެބޭކަލުންގެ މަސައްކަތް ޕުޅުންނެވެ. އެހެންކަމުން
ޚަލީފާކަމަށް އެންމެ ޙައްޤުކަންބޮޑީ އެބޭކަލުންނެވެ. އަންޞާރިއްޔަ ބޭކަލުންގެ
ތެރޭގައިވެސް ދެވަންހައެއް އޮތެވެ. އައުސުވަންހައާއި ޚަޒުރަޖުވަންހައެވެ.
އެހެންކަމުން ދެވަންހައިގެ ބޭކަލުންގެ ޚިޔާލުފުޅު މުޅީން އެއްގޮތެއް ނޫނެވެ.
ނަމަވެސް އަންޞާރުންގެ ގިނަ ބޭކަލުން ޚިޔާލުފުޅު މުޅީން އެއްގޮތެއް ނޫނެވެ. ނަމަވެސް އަންޞާރުންގެ ގިނަ ބޭކަލުންގެ
ޚިޔާލުފުޅު ހުރީ ސަޢުދު ބުނު ޢިބާދާ ރަޟިޔަﷲ ޢަންހު ޚަލީފާއަކަށް ހޮވުމުގެ
މައްޗަށެވެ.
ވަކިގޮތަކަށް އެއްބަސްވެވަޑައި ނުގެންނެވި ބަޙްޘް ހިނގަމުން ދަނިކޮށް
މުހާޖިރިއްޔަ ބޭކަލުންނަށް އެޚަބަރު ލިބިވަޑައި ގެންފިއެވެ. އެހެންކަމުން أبوبكرގެފާނާއި ޢުމަރުގެފާނާއި
އަބޫޢަބީދާގެފާނާ ތިންބޭކަލުން ސަޤީފާއަށް ވަޑައިގެން ބަޙްޘްގައި ބައިވެރިވެ
ވަޑައި ގެންނެވިއެވެ. އެތިންބޭކަލުންނާއި އަންޞާރިއްޔަ ބޭކަލުންނާ ދެމެދު ދެކެވުނު
ވާހަކަފުޅަށްފަހު އަންޞާރިއްޔަ ބޭކަލުން އެންމެ ފަހުގެ ހުށަހެޅުއްވުމަކަށް
ހުށަހެޅުއްވީ މުހާޖިރިއްޔަ ބޭކަލުންގެ ތެރެއިން އަމީރަކާއި އަންޞާރިއްޔަ ބޭކަލުން
ކުރެ އަމީރަކު ތިއްބެވުމަށެވެ.
އެއްއުންމަތެއްގެ މައްޗަށް އެއްފަހަރާ ދެވެރިޔަކު ތިއްބެވުމަކީ އޭގެ ނަތީޖާ
އެކަކަށްވެސް ވަންހަނާވާނެ ކަމެއް ނޫނެވެ. އަނެއްކޮޅުން އެދުވަސްވަރުގެ ޢަރަބީން
ތިބީ ޤުރައިޝުން ފިޔަވައި އެހެން ބައެއްގެ ކުރިމަތީގައި ބޯލަނބަން ތައްޔާރަކަށެއް
ނޫނެވެ. އިސްވެ ދެންނެވި ފަދައިން އަންޞާރުންގެ މެދުގައިވެސް ޚިލާފުތަކެއް
ހުއްޓެވެ.
މިހުރިހާ ކަމަކާމެދު ވިސްނައިވަޑައިގެން أبوبكر الصّدّيق رضى الله
عنه ނުހަނު
މަޑުމައިތިރި ކަމާއި ޙިކްމަތްތެރިކަމާއެކު އަންޞާރިއްޔަ ބޭކަލުންނަށް
ވިސްނައިދެއްވަން ވާހަކަ ދެއްކެވިއެވެ. އިންޞާރުންގެ މާތްކަމާއި އިސްލާމްދީނަށް
އެބޭކަލުންގެ ފަރާތްޕުޅުން ލިބިފައިވާ އަގުވަޒަން ނުކުރެވޭފަދަ އެހީފުޅުތަކުގެ
މައްޗަށް އަލިއަޅުއްވައި ލެއްވުމަށްފަހު ވިދާޅުވިއެވެ.
ޤުރައިޝުން ފިޔަވައި އެހެން ބައެއްގެ ކުރިމަތީގައި
ޢަރަބީން ބޮލެއް ނުލަނބާނެކަން ތިޔަބޭކަލުންނަށް ރަނގަޅަށް އެނގިވަޑައި
ގަންނަވާނެއެވެ. މުހާޖިރުންނަށް ވަނީ އިސްލާމްދީނަށްޓަކައި އިސްވެގަތުމުގެ ޝަރަފު
ލިބިފައެވެ. ނަސަބުގެ ގޮތުން ބަލާއިރުވެސް، އިތުރު ސާހިބާ صلّى الله عليه وسلّم
އާ އެންމެ ގާތްކަން ބޮޑީ މުހާޖިރުންނެވެ. އެހެން ކަމުން މިތިއްބެވި ޢުމަރު ބުނު
ޚައްޠާބާއި އަބޫ ޢަބީދާ ބުނު އަލްޖައްރާޙް ދެބޭކަލުންކުރެ ތިޔަބޭކަލުން ރުހިވަޑައި
ގަންނަވާ ބޭކަލެއްގެ އަތްޕުޅު މައްޗަށް ބައިޢަތު ހިއްޕަވާނެއެވެ.
އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ވާހަކަފުޅު ނިންމެވުމާއެކު ޢުމަރު ރަޟިޔަﷲ
ޢަންހު ކުރިއަށް ނިކުރެވަޑައިގެން أبوبكرގެފާނުގެ އަތްޕުޅުމަތީގައި އަތްޕުޅު ބާއްވަވާފައި
ވިދާޅުވިއެވެ. އަޅުގަނޑު ކަލޭގެފާނުގެ އަތްޕުޅުމައްޗަށް ޚަލީފާކަމުގެ ބައިޢަތު
ހިފަމެވެ. އަޅުގަނޑުމެންގެ ތެރެއިން އެންމެ މާތް ބޭކަލަކީ ކަލޭގެފާނެވެ. رسول الله
صلّى الله عليه
وسلّمގެ އަރިހުގައި
އެންމެ ލޮބުވެތި ބޭކަލަކީވެސް ކަލޭގެފާނެވެ. ޞަޙާބީންގެ ތެރޭގައި ހުންނެވި އެންމެ
ޤަދަރުހުރި މާތް ބޭކަލަކީ أبوبكرގެފާނެވެ. އެހެން ކަމުން ޘަޤީފާގައި ތިއްބެވި ޞަޙާބީން أبوبكر رضى الله
عنهގެ
އަތްޕުޅުމައްޗަށް ޚަލީފާކަމުގެ ބައިޢަތު ހިއްޕެވިއެވެ.
ޢާންމު ބައިޢަތާއި އެންމެ ފުރަތަމަ
ތަޤްރީރު
ވިދިގެން އައި ދުވަހު އަލްމަސްޖިދުއްނަބަވީގައި أبوبكر رضى الله
عنهގެ
އަތްޕުޅުމައްޗަށް ޚިލާފަތުގެ ޢާންމު ބައިޢަތު ހިފުން އޮތެވެ. އަމީރުލްމުއުމިނީން أبوبكر رضى الله
عنهގެ
އަތްޕުޅުމައްޗަށް ޚަލީފާކަމުގެ ޢާންމު ބައިޢަތު ހިފެވުނީ 13 ރަބީޢުލްއައްވަލް 11ހ.
(9 ޖޫން 632މ.) ގައެވެ. ޢާންމު ބައިޢަތަށްފަހު أبوبكر رضى الله
عنهހު
އެކަލޭގެފާނުގެ ޚަލީފާކަމުގެ އެންމެ ފުރަތަމަ ތަޤްރީރު ދެއްވިއެވެ. އެތަޤްރީރުގައި
ވިދާޅުވިއެވެ.
" އޭ މީސްތަކުންނޭވެ! މާތް ﷲ ގަންދެމެވެ. އަހަރެންގެ ހިތުގައި
ވެރިކަމުގެ އެއްވެސް އެދުމެއް ނެތެވެ. އަހަރެން ފާޅުގައިވެސް އަދި އެކަނި ސިއްރުން
އިނދެވެސް މާތް ﷲ ގެ ޙަޟުރަތަށް އެކަމަށް އެދި ދުޢާއެއްވެސް ނުކުރަމެވެ.
އަހަރެންގެ ހިތުގައި ވެރިކަމާމެދު ކުޑަވެސް ޝައުޤުވެރިކަމެއް ނެތެވެ. އެކަމަކު
ފަހަރެއްގައި މިކަންތައް ބޮޑުފިތުނައަކަށް ވެދާނެތީ އަހަރެން ބިރުގަތީއެވެ.
އެސަބަބާހުރެ މިބުރަ މަސްޢޫލިއްޔަތު އުފުލާން އަހަރެން ތައްސާރުވީއެވެ. މިއީ
އަހަންނަށް ކުޑަވެސް އުފަލެއް ލިބޭނެ ކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ މިއީ
އަހަރެންގެ ކޮނޑުގައި އެޅުނު ނުއުލުލޭފަދަ ބުރައެކެވެ. މާތް ﷲ ގެ ނަޞްރާއި ހެޔޮ
ތައުފީޤާ ނުލައެއް އަހަންނަކަށް މިވާޖިބު އަދައެއް ނުކުރެވޭނެއެވެ.
މިމަސްޢޫލިއްޔަތު އުފުލުމަށް އަހަންނަށްވުރެ ޤާބިލު އެހެން މީހަކާ މިކަންތައް
ޙަވާލުކުރެވުނުނަމަ އަހަރެން މާބޮޑަށް ހިތްހަމަޖެހުނީހެވެ.
އޭ މީސްތަކުންނޭވެ! ތިޔަބައި މީހުންގެ ވެރިކަން އަހަރެންނާ
ޙަވާލުކުރެވިއްޖެއެވެ. އެކަމަކު އަހަރެންނަކީ ތިޔަބައި މީހުންކުރެ އެންމެ ރަނގަޅު
މީހާއެއް ނޫނެވެ. އަހަރެން ރަނގަޅަށް ކަންތައް ކުރާނަމަ ތިޔަބައިމީހުން އަހަންނާ
އެހީތެރިވެ ވާގިވެރިވެދޭށެވެ! އަހަރެން ނުބައިކޮށް ކަންތައް ކުރާނަމަ އަހަރެން
އިޞްލާޙްކޮށް މަގަށް އަޅުވާށެވެ!
ތެދުވެރިކަމަކީ އަމާނާތެކެވެ. ދޮގުހެދުމަކީ ޚިޔާނާތެކެވެ. މާތް ﷲ ގެ ވާގިފުޅާއެކު
އަހަރެން އެމީހެއްގެ ޙައްޤު އެމީހަކަށް ލިބިދީފުމަށް ދާންދެން ތިޔަބައިމީހުންގެ
ތެރެއިން އެންމެ ނިކަމެތި މީހާއަކީ އަހަރެންގެ ގާތުގައި އެންމެ ގަދަފަދަ މީހާއެވެ.
ތިޔަބައިމީހުންކުރެ އެންމެ ގަދަފަދަ މީހާގެ އަތުން އޭނާ އެހެން މީހުންނަށް
ދޭންޖެހޭ ޙައްޤު އަތުލައިދީފުމަށް ދާންދެން އެމީހާއަކީ އަހަރެންގެ ގާތުގައި އެންމެ
ބަލިކަށި ނިކަމެތި މީހާއެވެ.
މާތް ﷲ ގެ މަގުގައި ޖިހާދު ކުރުން ހުއްޓައިލައިފި ޤައުމެއް އެކަލާނގެ ދެރަ
ނިކަމެތި ބައެއްކަމުގައި ލައްވާނެއެވެ. އެބައެއްގެ ތެރޭގައި ޒިނޭކުރުން
ޢާންމުވެއްޖެ ބައެއްގެ ތެރޭގައި މާތް ﷲ ބަލިމަޑުކަން ޢާންމު ކުރައްވާނެއެވެ.
އަހަރެން މާތް ﷲ އާއި އެކަލާންގެ
ރަސޫލާއަށް ކިޔަމަންވާހައި ހިނދަކު ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންވާށެވެ.
އަހަރެން މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެނަމަ، އަހަރެންނަށް
ކިޔަމަންވުމެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ."
އުސާމާގެ ލަޝްކަރު ފުރުވައިލެއްވުން
ކުރީންވެސް ބަޔާންކުރެވުނު ފަދައިން އުސާލާއަކީ ޒައިދު ބުނު ޙާރިޘާ ރަޟިޔަﷲ
ޢަންހުގެ ދަރިކަލެކެވެ. ޒައިދުގެފާނަކީ رسول الله
صلّى الله عليه
وسلّم
މިނިވަންކުރެއްވި އަޅެކެވެ. އޭރު އުސާމާގެ ޢުމުރުފުޅަކީ އެންމެ ސަތާރައަހަރެވެ.
އެހެން ކަމުން އަންޞާރިއްޔަ ބޭކަލުން ޢުމަރު ރަޟިޔަﷲ ޢަންހު މެދުވެރި ކުރައްވައި
އަމީރުލްމުއުމިނީންގެ އަރިހުގައި ދެންނެވިއެވެ.
ކަލޭފެފާނު ކޮންމެހެން ރޫމީންނާ ހަނގުރާމައަށް މިލަޝްކަރު ފޮނުއްވާނަމަ
ލަޝްކަރުގެ އަމީރަކަށް ކޮންމެވެސް މާތް ނަސްލެއްގެ ޢުމުރުފުޅުން ދުވަސްވީ ބޭކަލަކު
ހަމަޖައްސަވާށެވެ.
އެވާހަކަ އިވިވަޑައިގަތުމުން أمير
المؤمنين أبوبكر رضيى الله
عنهއިންތިހާ
ދަރަޖައަށް ކޯފާ އިސްވިއެވެ. أبوبكرގެފާނު ވިދާޅުވިއެވެ. އަހަރެމެންގެ ލޮބުވެތި ސާހިބާ
އިސްކުރައްވާފައިވާ ވެރިޔަކު މަޤާމުން ދުރުކުރުމަކީ އަހަންނަށް ކުރެވޭނެ
ކަމެއްނޫނެވެ. ތިޔަބައި މީހުންގެ މެޅުގައި ޖާހިލިއްޔަތުގެ ބޮޑާކަން އަދިވެސް
ނުފިލައި ހުރީ ހެއްޔެވެ؟
އަމީރުލްމުއުމިނީން އެޖަވާބު ދެއްވުމަށްފަހު އުސާމާގެ ލަޝްކަރު ފުރުއްވައި
ލެއްވުމަށްޓަކައި އަމިއްލަފުޅަށް ވަޑައިގެންނެވިއެވެ. އަމީރުލްމުއުމިނީން
ވަޑައިގެންނެވިއިރު އިސްލާމްދީނަށް އިސްވެ ވަޑައިގެންނެވި ބޭކަލުންކުރެ
ޢަބްދުރަޙްމާން ބުނު ޢައުފު ރަޟިޔަﷲ ޢަންހު ވެސް އެކަލޭގެފާނުގެ އަރިހުގައި
ގެންދެވިއެވެ. އުސާމާ ރަޟިޔަﷲ ޢަންހު އަސްމައްޗަށް ސަވާރުވެ ވަޑައިގަތުމުން
ޢަބްދުއްރަޙްމާނު ބުނު ޢައުފުގެ އަތްޕުޅަށް އުސާމާގެ އަސްކޮޅުގެ ލަގަން
ދެއްވައިގެން أمير المؤمنين ، އުސާމާގެ އަސްކޮޅާ އެއްވަރަށް ފައިމަގުގައި ވަޑައިގެންނެވިއެވެ.
އުސާމާ ވިދާޅުވިއެވެ. އަމީރުލްމުއުމިނީން އަސްކޮޅަށް ސަވާރުވެ
ވަޑައިގެންނަވާށެވެ. ނުވަތަ އަޅުގަނޑަށްވެސް އަހުން ފޭބުމުގެ ހުއްދަ ދެއްވާށެވެ.
އަމީރުލްމުއުމިނީން ވިދާޅުވިއެވެ. އަހަރެން އަހަކަށް ސަވާރެއް ނުވާނަމެވެ.
ކަލޭގެފާނު ފައިބައިވަޑައި ގަތަކަވެސް ނުދޭނަމެވެ.
އޭރު ޢުމަރު ބުނުލްޚައްޠާބު ރަޟިޔަﷲ ޢަންހުއަކީ އުސާމާގެ ލަޝްކަރުގެ
ސިފައިންގެ މީހެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައި ހުންނެވި ބޭކަލެކެވެ.
އަމީރުލްމުއުމިނީންއަށް އެހީތެރިވެވަޑައި ގަތުމަށްޓަކައި އެނުރައްކައުތެރި
ދަނޑިވަޅުގައި ޢުމަރުގެފާނު މަދީނާގައި ހުންނެވުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.
އެހެންކަމުން أمير المؤمنين ، އުސާމާގެ އަރިހުގައި ވިދާޅުވިއެވެ.
" ކަލޭގެފާނަށް ފެނިވަޑައިގަންނަވާނަމަ އަޅުގަނޑަށް އެހީތެރިވެ
ދެއްވުމަށްޓަކައި ޢުމަރުގެފާނު އަޅުގަނޑުގެ ގާތުގައި ބަހައްޓަވާށެވެ. "
އުސާމާ، އަމީރުލްމުއުމިނީންގެ އެދިވަޑައިގަތުން ޤަބޫލުކުރައްވައި
ޢުމަރުގެފާނު މަދީނާގައި ބެހެއްޓެވިއެވެ. މިއީވެސް أمير المؤمنين
أبوبكر رضيى الله
عنه އުންމަތަށް
ދެއްވި ޖުމްހޫރިއްޔަތުގެ ފިލާވަޅެކެވެ.
أبوبكر رضى الله
عنه ލަޝްކަރާ
ވަކިވެވަޑައި ގަތުމުގެ ވަގުތު އައުމުން ވިދާޅުވިއެވެ.
" އޭ މީސްތަކުންނޭވެ! އިހަށް މަޑުކޮށްލާށެވެ! އަހަރެން މިދޭ ނަސޭހަތުގެ
އަޑުއަހާށެވެ! އަދި މިނަސޭހަތް ހަނދާން ބަހައްޓާށެވެ! ޚިޔާނާތްތެރިކަމުން
އެއްކިބާވާށެވެ. ޣަނީމާ މުދާ ނުފޮރުވާށެވެ. ބޭވަފާތެރިވުމުން ދުރުހެލިވާށެވެ.
މީހުންގެ ނޭފަތާއި ކަންފަތާ އަދި އެނޫންވެސް ގުނަވަންތައް ނުކަނޑާށެވެ.
އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅީން ޤަތުލު ނުކުރާށެވެ. ކަދުރު ރުކާއި އަދި
އެނޫންވެސް މޭވާއަޅާ ގަސްގަހާގެހި ނުކަނޑާށެވެ. ކެއުމުގެ ބޭނުމުގައި މެނުވީ
ޖަނަވާރެއް ކަތިނުލާށެވެ. ތިޔަބައިމީހުންނާ އެކި ވައްތަރު ވައްތަރުގެ މީހުންނާ
ބައްދަލުވާނެއެވެ. އޭގެ ތެރެއިން ޚާނުގާހުތަކުގައި ދުނިޔެ އަޅައިފައި އަޅުކަމުގައި
މަޝްޣޫލުވެ ތިބޭ މީހުން އެބައިމީހުންގެ ޙާލުގެ މަގަށް ދޫކޮށްލާށެވެ. އެކިއެކި
ކަންވާރުގައި ތިޔަބައިމީހުންގެ ގާތަށް ކާބޯތަކެތި ގެންނަ މީހުންނާވެސް
ދިމާވާނެއެވެ. ތިޔަބައިމީހުން އެތަކެތި ކާނަމަ ބިސްމިﷲހިއްރަޙްމާނިއްރަޙީމް މިހެން
ކިޔާފައި ކާށެވެ. އެބައެއްގެ ބޮލުގައި ޝައިޠާނާ ހާލިހަދައިފައިވާ މީހުންނާވެސް
ދިމާވާނެއެވެ. ތިޔަބައިމީހުންގެ ކަނޑިތަކުން އެބޯތައް ކަނޑާށެވެ. ދެން މާތް ﷲ ގެ
ބަރަކާތާއެކު ދަތުރު ފަށާށެވެ. މާތް ﷲ ދުޝްމިނުންގެ ލޮންސިތަކުންނާއި ތާޢޫނުން
(ޕްލޭގު) ތިޔަބައިމީހުން ރައްކައުތެރި ކުރައްވާށިއެވެ. "
އުސާމާގެ ލަޝްކަރު މަދީނާއިން ފުރީ 1 ރަބީޢުލްއާޚިރު 11 ހ. ގައެވެ.
އެލަޝްކަރު ޝާމްކަރައިގެ ސަރަޙައްދަށްގޮސް މުއުތާގެ ޝަހީދުންގެ ބަދަލުހިފުމަށްފަހު
ނަޞްރާއި ކާމިޔާބީ ހޯދައިގެން ސާޅީސްދުވަހުގެ ތެރޭގައި އެނބުރި މަދީނާއަށް
އަތުވެއްޖެއެވެ. އަމީރުލްމުއުމިނީން أبوبكر
رضى الله عنه މަދީނާގެ ރަށްބޭރަށް ނުކުމެވަޑައިގެން އެލަޝްކަރާ
އިސްތިޤްބާލު ކުރެއްވިއެވެ.
އުސާމާގެ ލަޝްކަރު އެވަގުތު ފުރުއްވައި ލެއްވިކަމީ أبوبكر رضى الله
عنه އެޅުއްވި
ވަރަށް ބުއްދިވެރި ފިޔަވަޅުފުޅެކެވެ. ޝާމްކަރައިގައި އެލަޝްކަރު ހޯދި ކާމިޔާބީގެ
އިތުރަށް އެކަމުގެ ސަބަބުނކް ޢަދުއްވުން ވަރަށްބޮޑަށް މުސްލިމުން ދެކެ ބިރުގަތެވެ.
މުސްލިމުންގެ އަތުގައި ވަރަށް ވަރުގަދަ އަސްކަރީ ބާރެއް އޮވެގެން މެނުވީ އެފަދަ
ވަގުތެއްގައި ރޫމީންނާ ދެކޮޅަށް ހަނގުރާމަވެރި ލަޝްކަރެއް ނުފޮނުވޭނެ ކަމުގައި
އެބައިމީހުން ޔަޤީންކުރިއެވެ.
ނަބީކަމަށް ދަޢުވާކުރި މީހުންނާއި
މުރުތައްދުވީ މީހުން ބަލިކުރެއްވުން
ނަޖްދުކަރަޔާއި ޔަމަނުކަރައިގެ މީހުންނާއި ޞަޙަރާގައި ދިރިއުޅޭ ބައެއް
ޤަބީލާތަކުގެ މީހުން رسول
الله صلّى الله
عليه وسلّمގެ ޙަޔާތްޕުޅުގައި އިސްލާމްވި ކަމުގައި ވިޔަސް
އިތުރު ސާހިބާ ސުވަރުގެ ވަޑައިގެންނެވިއިރަކު އެބައިމީހުންގެ ހިތްތަކުގައި
އިސްލާމްދީން ފުރިހަމަޔަށް އަށަގެންފައެއް ނުވެއެވެ. އެހެންކަމުން އަރަހުށި މާތް ﷲ
ކީރިތި ޤުރްއާނުގައި އެބައިމީހުންނާމެދު ވަޙީ ކުރައްވާފައިވެއެވެ.
" ޢައުރާބީން ބުންޏެވެ. ތިމަންމެން އީމާންވެއްޖައީމުއެވެ. އަލޭގެފާނު
ވިދާޅުވާށެވެ! ތިޔަބައިމީހުން އީމާނެއް ނުވަމުއެވެ. އެހެނެއްކަމަކު ތިމަންމެން
ކިޔަމަންވެއްޖައީމުއޭ ބުނާށެވެ!
ތިޔަބައިމީހުންގެ ހިތްތަކުގެ ތެރެއަކަށް އީމާންކަމެއް އަދި ނުވަދެއެވެ. "
(އަލްޙުޖުރާތު: 14)
އިތުރު ސާހިބާ صلّى
الله عليه وسلّم ސުވަރުގެ ވަޑައިގެންނެވުމާއެކު އެބައިމީހުން ދުށީ
އިސްލާމީ ވާޖިބުތަކާއި ފަރުޟުތަކުން އެބައިމީހުން މިނިވަންވީ ކަމުގައެވެ. ދީނީ
ވާޖިބުތަކުގެ ތެރެއިން އެންމެ ބުރަކަމެއްކަމުގައި އެބައިމީހުން ދުށީ ޒަކާތް
ދިނުމެވެ. އެހެން ކަމުން އެބައިމީހުން ޒަކާތް ދިނުން ހުއްޓައިލިއެވެ.
މީގެ އިތުރަށް ނަބީކަމަށް ދަޢުވާކުރާ ދޮގުވެރީންގެ އެތައްބަޔަކުވެސް
އުފެދުނެވެ. އަލަށް އިސްލާމްވީ ބައެއް ޤަބީލާތައް އެބައިމީހުންގެ އަސަރުގައިވެސް
ޖެހިއްޖެއެވެ.
أمير المؤمنين أبوبكر رضيى الله
عنهގެ
ސިފަފުޅެއްކަމުގައިވާ ޢަޒުމުފުޅުގެ ވަރުގަދަކަން އެދަނޑިވަޅުގައި ޚާއްޞަގޮތެއްގައި
ފާޅުވިއެވެ. އެކަލޭގެފާނު އިސްވެދެންނެވި ޤަބީލާތަކާ ހަނގުރާމަ ކުރައްވަން ފިސާރި
ސާބިތުކަމާއެކު ޤަޞްދުކުރެއްވިއެވެ. އޭރު މަދީނާގެ ހަތަރު ފަރާތުން މުރުތައްދުވާ
ޤަބީލާތަކުގެ ޚަބަރުތައް އޮހެމުންދިޔައެވެ. ބައެއް ޤަބީލާތަކުގެ ސަފީރުން
މަދީނާއަށް ޙާޟިރުވަމުން ދިޔައެވެ. އެބައިމީހުން ދަންނަވަމުން ގެންދިޔައެވެ.
" އަޅުގަނޑުމެން ލައްވައި ނަމާދު ކުރުއްވާށެވެ. އެކަމަކު ޒަކާތްދިނުން
މާފުކޮށްދެއްވާށެވެ. "
ނަބީކަމަށް ދަޢުވާކުރި މީހުންނާއި މުރުތައްދުވީ މީހުންނާއި، ޒަކާތްދިނުމަށް
އިންކާރުކުރި މީހުންނާ ބެހޭގޮތުން ޢަމަލުކުރައްވާނެ ސިޔާސަތަކީ ކޮބައިތޯ
ބެއްލެވުމަށް އަމީރުލްމުއުމިނީން ޞަޙާބީންނާ މަޝްވަރާ ކުރެއްވިއެވެ. أمير المؤمنين
أبوبكر رضيى الله
عنه
ޤަޞްދުކުރައްވައިފައި އޮތީ އެ އެންމެންނާވެސް ހަނގުރާމަ ކުރައްވާށެވެ. ނަބީކަމަށް
ދަޢުވާކުރި މީހުންނާއި މުރްތައްދުވީ މީހުންނާމެދު ޞަޙާބީންގެ ޚިޔާލުފުޅަކީވެސް
އެއީއެވެ. ނަމަވެސް ޒަކާތްދިނުމަށް އިންކާރުކުރި މީހުންނާމެދު ޞަޙާބީންގެ
ޚިޔާލުފުޅަކީވެސް އެއީއެވެ. ނަމަވެސް ޒަކާތްދިނުމަށް އިންކާރުކުރި މީހުންނާމެދު
އެބޭކަލުންގެ ޚިޔާލުފުޅަކީ ވަގުތުގެ ނާޒުކުކަމަށް ވިސްނައިގެން މަޑުމައިތިރި
ސިޔާސަތެއް ގެންގުޅުއްވުމެވެ. ޢުމަރު ބުނު އަލްޚައްޠާބު ރަޟިޔަﷲ ޢަންހުގެ
ޚިޔާލުފުޅަކީވެސް އެއީއެވެ. އެކަމާބެހޭގޮތުން أبوبكر رضى الله
عنه، ޢުމަރުގެފާނާ މުޚާޠަބު ކުރައްވައި
ވިދާޅުވިއެވެ.
" އޭ ޢުމަރުގެފާށެވެ! ޖާހިލިއްޔަ ޒަމާނުގައި ކަލޭގެފާނަކީ ވަރަށް
ގަދަފަދަ ބޭކަލަކީމުއެވެ. އިސްލާމްވެ ވަޑައިގަތުމަށްފަހު ތިޔަހައި
ބަލިކަށިވެވަޑައިގަތީ ކީއްވެތޯއެވެ؟
ވަޙީގެ ސިލްސިލާ ވަނީ މެދުކެނޑިފައެވެ. އިސްލާމްދީން ވަނީ ފުރިހަމަ
ކުރައްވާފައެވެ. އެހެންވީއިރު އަޅުގަނޑު ދިރިހުއްޓައި އެދީނަށް އެއްވެސް
އުނިކަމެއް އަޔަދީފާނެ ކަމުގައި ހީފުޅުކުރައްވަމުތޯއެވެ.؟ މާތް ﷲ ގަންދެމެވެ.
އަޅުގަނޑުމެންގެ ލޮބުވެތި ސާހިބާގެ ޒަމާނުގައި ޤަބީލާއެއްގެ ބަޔަކު ދީއުޅުނު
ޖަމަލު ބަންނަ ވާގަނޑެއް (ބައެއް ރިވާޔަތްތަކުގައި ވާގޮތުން ޅަބަކަރިއެއް) މިހާރު
ނުދީ ހިފެހެއްޓި ކަމުގައިވިޔަސް އަޅުގަނޑު އެބަޔަކާ ހަނގުރާމަ ކުރާނަމެވެ. "
ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. އަބޫބަކުރުގެފާނުގެ ވާހަކަފުޅުގެ
އަޑުއިވުމުން ތިމަންކަލޭގެފާނަށް ޔަޤީންވެވަޑައިގަތީ މާތް ﷲ އެކަލޭގެފާނުގެ
ހިތްޕުޅު ޖިހާދަށްޓަކައި ހުޅުއްވައި ދެއްވާފައިވާ ކަމެވެ.
ކޮންމެއަކަސް ނަތީޖާއަކަށް ވެގެންދިޔައީ ޒަކާތްދިނުން ހުއްޓާލުމުގެ
ހުއްދައަށް އެދި މަދީނާއަށް ޙާޟިރުވި ޤަބީލާތަކުގެ ވަފުދުތައް ނާކާމިޔާބުވެގެން
އެނބުރި ދިއުމެވެ.
أميرالمؤمنين أبوبكر رضيى الله
عنه، އުސާމާގެ ލަޝްކަރު އެނބުރި އައުމުގެ
އިންތިޒާރުގައި ހުންނެވިއެވެ. އުސާމާ ވަޑައިގަތުމުން އަމީރުލްމުއުމިނީންގެ
ނާއިބަކަށް އުސާމާ މަދީނާގައި ބެހެއްޓެވިއެވެ. އުސާމާގެ ލަޝްކަރުވެސް އުސާމާގެ
އަރިހުގައި ބޭއްވެވިއެވެ. އެއަށްފަހު މުރުތައްދުވީ މީހުންނާ ހަނގުރާމައަށް
ޞަޙާބީން ގޮވައިގެން ނުކުރެވަޑައި ގެންނެވިއެވެ. ޞަޙާބީންގެ ތެރެއިން ބައެއް
ބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު އަމިއްލަފުޅަށް ދުޝްމިނުން ކުރިމައްޗަށް
ނިކުމެވަޑައި ނުގަންނަވާށެވެ. ކަލޭގެފާނަށް ގެއްލުމެއް ލިބިވަޑައި ގެންފިނަމަ
އުންމަތުގެ ނިޒާމު ބޮއްސުންލައިގެން ހިނގައިދާނެއެވެ. ކޮންމެވެސް ބޭކަލަކު
ލަޝްކަރުގެ އަމީރަށް ހައްދަވާށެވެ. ނަމަވެސް أميرالمؤمنين أبوبكر رضيى الله
عنهއެކަން
ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޖިހާދު ކުރުމަށްޓަކައި
ހަތިޔާރު އަޅައިގެން ނުކުތުމަށްފަހު ޖިހާދުނުކޮށް ހަތިޔާރެއް ނުބެހެއްޓޭނެއެވެ.
އަމީރުލްމުއުމިނީން އެންމެ ފުރަތަމަ ލަޝްކަރު މަޑުކުރެއްވީ އަބްރަޤުގައެވެ.
އެތަނުން ޢަބަސުވަންހައިގެ މީހުންނާ ހަނގުރާމަކުރައްވައި އެބައިމީހުން
ބަލިކުރެއްވިއެވެ. ދެވަނައަށް ބަނޫޛައިބާނާ ހަނގުރާމަ ކުރައްވައި އެބައިމީހުންވެސް
ބަލިކުރެއްވިއެވެ. އެބައިމީހުން ގެރިބަކަރި ހުއިހައްޕާ ވިނަދަނޑުތައް މުޖާހިދުންގެ
އަސްތަކަށް ވަގުފުކޮށްދެއްވިއެވެ. އެއަށްފަހު ލަޝްކަރާއިގެން އެނބުރި މަދީނާއަށް
ވަޑައިގެންނެވިއެވެ.
އޭރު އުސާމާގެ ލަޝްކަރުގެ މުޖާހިދުންވެސް ތިއްބެވީ ވަރުބަލިފުޅުކަން ފިލައި
ތާޒާވެވަޑައިގެންފައެވެ. އެހެން ކަމުން އަމީރުލްމުއުމިނީން، އުސާމާގެ ލަޝްކަރުވެސް
ގޮވައިގެން މަދީނާއިން ފުރައިވަޑައި ގެންނެވިއެވެ. މަދީނާއާ ބާރަ މޭލު ދުރުގައި
ނަޖުދުކަރައާވީ ފަރާތުގައި އޮންނަ ޛުލްޤިއްޞާގައި ލަޝްކަރު މަޑުކުރައްވައި އެގާރަ
ދިދަ ޢަޤުދުކުރައްވައި އެގާރަ އަމީރުންނާ ޙަވާލުކުރައްވައި އެކިފަރާތް ފަރާތަށް
ފޮނުއްވައިލެއްވިއެވެ. އެއަށްފަހު ޢަރަބިކަރައިގެ މުރުތައްދުވީ ޤަބީލާތަކުގެ
މީހުންނަށް ޢާންމު އެންގެވުމެއް ފޮނުއްވިއެވެ. އެ އެންގެވުމުގެ ޚުލާޞާ ތިރީގައި
މިދަންނަވަނީއެވެ.
"މީގެ ކުރިން އިސްލާމްވެގެން އުޅެފައި މިހާރު އެމާތްދީން ދޫކޮށްލާފައިވާ
މީހުންގެ ޚަބަރުތައް އަހަންނަށްވަނީ އޮޅުންފިލާފައެވެ. ތިޔަބައި މީހުންނަށް
ތިޔަބައިމީހުންގެ ވިސްނުން ކުޑަކަމުން އަރަހުށި މާތް ﷲ ގެ ރަސްކަންފުޅު ދަނެއެއް
ނުގަނެވުނެވެ. އަދި ޝައިޠާނާއާ ކައިރިއަށް ހިނގައްޖައީމުއެވެ. އެކަމަކު
އެޝައިޠާނާއަކީ އިންސާނާގެ ދުޝްމިނެކެވެ. އަހަރެން ތިޔަބައި މީހުންގެ ގާތަށް މިވެނި
ބޭކަލަކު މުހާޖިރިއްޔަ ބޭކަލުންނާއި އަންޞާރިއްޔަ ބޭކަލުންގެ ލަޝްކަރަކާއެކު
ފޮނުވައިފީމެވެ. އެބޭކަލުން ތިޔަބައި މީހުންނަށް މާތް ﷲ ގެ ދީނަށް ދަޢުވަތު
ދެއްވާނެއެވެ. އެބޭކަލުންގެ ދަޢުވަތު ޤަބޫލުކޮށް ތެދުމަގަށް އެނބުރި އަތުވެއްޖެ
މީހަކު ޤަތުލެއް ނުކުރެވޭނެއެވެ. އެބަޔަކާ ހަނގުރާމައެއްވެސް ނުކުރެވޭނެއެވެ.
އެއްވެސް މީހެއްގެ ކިޔައިން އިސްލާމްވުން ފިޔަވައި އެހެން އެއްވެސް ގޮތެއް
ޤަބޫލެއް ނުކުރެވޭނެއެވެ.
އަހަރެންގެ ޤާޞިދުންނަށް އަހަރެން އަންގާފައިވާނީ ތިޔަބައިމީހުންގެ
ޖަމާޢަތަށް މިއެންގުން ޢާއްމުކޮށް އިއްވުމަށެވެ. ކިޔަމަންގަތުމުގެ ނިޝާނެއް
ކަމުގައި އަންގާފައިވަނީ އެޤަބީލާއެއްގެ ބަޔަކު ބަންގިދީފި ޤަބީލާއެއްގެ މައްޗަށް
ކަނޑިއުފުލައި ނުލުމަށެވެ. "
ލަޝްކަރުތަކުގެ އަމީރުންނަށްވެސް މިމޭރުމުން ވަޞިއްޔަތް ކުރެއްވުމަށްފަހު
ލަޝްކަރުތައް ފުރުއްވައިލެއްވިއެވެ.
مسيلمة الكذاب:
مسيلمةއަކީ
އަސަދުވަންހައިގެ ވެރިމީހާއެވެ. رسول
الله صلّى الله
عليه وسلّم ސުވަރުގެ ވަޑައިގެންނެވި ޚަބަރު
ލިބުމުން އޭނާ ޤަޞްދުކުރީ ނަބީކަމަށް ދަޢުވާކޮށް ޢަރަބިކަރައިގާ އޭނާގެ ނަން
ވިދުވައިލުމަށެވެ. އެހެން ކަމުން އޭނާ ނަބީކަމަށް ދަޢުވާކުރިއެވެ. އަސަދުވަންހައިގެ
މީހުން އޭނާއަށް ތަބާވިއެވެ. ޠައްޔުވަންހައަކީ އަސަދުވަންހައިގެ ޙަލީފުން
ކަމުގައިވާތީ ޠައްޔުވަންހައިގެ މީހުންވެސް مسيلمة އާ ބައިވެރިވިއެވެ. ޣަޠުފާނު
ވަންހައިގެވެސް ޚާއްޞުންގެ މަދުބަޔަކު ފިޔަވައި ގިނަމީހުން މިފިތުނައިގާ
ބައިވެރިވިއެވެ. ބަނީ އިސްރާޢީލުގެވެސް ވަރަށް ގިނަ ޤަބީލާތައް ބައިވެރިވިއެވެ.
މިގޮތުން مسيلمة ގެ ދިދައިގެ
ދަށަށް ގިނަ ބަޔަކު އެއްވިއެވެ. އެބައިމީހުން ޖަމާވީ ނަޖުދު ކަރައިގެ ފެންގަނޑެއް
ކަމުގައިވާ ބަޒާޚާގެ ކައިރިއަށެވެ.
ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ލަޝްކަރާއިގެން ބަޒާޚާއަށް
ވަޑައިގެންނެވިއިރު مسيلمةގެ ލަޝްކަރުގައި ބައްތިރީސް ހާސް މީހުން ތިއްބެވެ.
މުސްލިމުންގެ ޢަދަދު ފަސްހާހަށްވުރެ ކުޑަތަންކޮޅެއް ގިނައެވެ. ދެލަޝްކަރުގެ
މެދުގައި ހަނގުރާމަ ހިނގަމުންގޮސް އިރުމެދުން ލެނބުމާއެކު مسيلمةގެ ސިފައިން ފަހަތަށް ޖެހޭން ފަށައިފިއެވެ.
އެވަގުތު مسيلمةގެ ލަޝްކަރުގެ
ކޮމާންޑަރ مسيلمةދުވެފައި مسيلمة ގެ ގާތަށް ހިނގައްޖެއެވެ. އޭރު مسيلمة އިނީ މީހުންނަށް ކެހިދިނުމަށްޓަކައި
ސާލެއް ގައިގާ އޮޅައިގެން " ވަޙީގެ " އިންތިޒާރުގައެވެ. مسيلمةސުވާލުކުރިއެވެ. ކަލޭގެ ގާތަކަށް
މަލާއިކަތަކު ވަޑައެއްނުގަންނަވާ ހެއްޔެވެ؟ مسيلمة ޖަވާބުދިނެވެ. އަދިއެއް ވަޑައެއް
ނުގަންނަވައެވެ. مسيلمة ތިންވަނަ
ފަހަރަށް އައުމުން مسيلمةޖަވާބުދިނެވެ. ނޫނެކެވެ. މަލާއިކަތާ ވިދާޅުވީ "
ކަލޭގެ ކަންތައްވާނީ ކަލޭގެ ނަސީބުގައި ހުރިގޮތަށޭ " މިހެންނެވެ. مسيلمة. އެނބުރި ގޮސް އޭނާގެ ޤަބީލާ ފިޒާރަތު
ވަންހައިގެ މީހުންގެ ގާތުގައި ބުންޏެވެ. مسيلمة އަކީ މަކަރުވެރިއެކެވެ. ކަނޑިތައް
އުރައަށްލާށެވެ. ދިދަތައް ފަތްޖަހާށެވެ. އަވަހަށް އެނބުރި ރަށަށް ހިނގާށެވެ.
" مسيلمة އާއެކު
އެތައްބަޔަކު ފިލައިގެން ދިޔައެވެ. ނަމަވެސް އަސަދުވަންހައިގެ މީހުން ވަރަށް
ގިނައިރު ވަންދެން ހަނގުރާމަ ކުރިއެވެ. މުސްލިމުން އަސަދުވަންހައިގެ އެތައް ބަޔަކު
ޤަތުލުކޮށް އެބައިމީހުންގެ ޖަމާޢަތް ވިއްސިވިހާލި ކޮށްލިއެވެ. مسيلمةވެސް އޭނާގެ އަންހެކުން އަސްމައްޗަށް
ލައިގެން ފިލައިގެން ޝާމްކަރަޔަށް ހިނގައްޖެއެވެ. ދުވަސްތަކެއް ވަންދެން ހުރިހައި
ބާވަތެއްގެ ނިކަމެތިކަމަށާއި މުޞީބަތްތަކެއް އުފުލުމަށްފަހު އަނެއްކާ
އިސްލާމްވެގެން މަދީނާއަށް އަތުވެއްޖެއެވެ. أمير المؤمنين
ޢުމަރު
ބުނު ރަޟިޔަﷲ ޢަންހަށް އޭނާ ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. " އޭ ކާޒިބެވެ!
ކަލެއަށް ވަޙީ އަންނަކަމަށާއި، މާތް ﷲ ކަލޭގެ ގެއްލެނި ނުކުރައްވާ ކަމުގައި
ދަޢުވާކުރީމެއް ނޫންހެއްޔެވެ؟ " مسيلمة ޖަވާބުދިނެވެ. " އޭ
އަމީރުލްމުއުމިނީން އެވެ! ތިޔަހަރީ ހައްތަހާވެސް ކާފިރުކަމުގެ ފިތުނައެވެ.
އަޅުގަނޑުގެ އިސްލާމްކަން އެކަންތައްތައް ނައްތާލައިފިއެވެ. ދެން ކަލޭގެފާނު
އަޅުގަނޑާމެދު ހަރުކަށިވެވަޑައި ނުގަންނަވާށެވެ! "
ސަޖާޙް އާއި މާލިކު ބުނު ނުވައިރާ
އިތުރު ސާހިބާ صلّى
الله عليه وسلّمގެ ޙަޔާތްޕުޅުގައި ތަމީމް ވަންހައަށް ވެރިންގެ ބަޔަކު
ހަމަޖެއްސެވިއެވެ. އޭގެތެރޭގައި مسيلمة އާއި، ޤައިސު ބުނު ޢާޞިމް އާއި ވަކީޢު ބުނު މާލިކު އާއި،
މާލިކް ބުނު ނަވީރާ ހިމެނެއެވެ. އިތުރު ސާހިބާ ސުވަރުގެ ވަޑައިގެންނެވުމުން އޭގެ
ތެރެއިން އެއްބަޔަކު އިސްލާމްދީން މަތީގައި ޤާއިމްވެތިއްބެވެ. އަނެއްބަޔަކު
މުރުތައްދުވިއެވެ. އަނެއްބަޔަކު ތިބީ ދެފުށު އެޅިއެޅިއެވެ.
ސަޖާޙް ބިންތު ޙާރިޘް ނަބީކަމަށް ދަޢުވާކޮށްފިއެވެ. އޭނާއަކީ ތަމީމު
ވަންހައިގެ ބަނީ ޔަރްބޫޢު ޤަބީލާގެ ގޮތްޕެއްކަމުގައިވާ ތަޣްލަބު ވަންހައިގެ
އަންހެނެކެވެ. ތަޣުލަބު ވަންހައިގެ ކްރިސްޓިޔަން ޖަމާޢަތްތައް އޭނާއާ
ބައިވެރިވިއެވެ.
ސަޖާޙު މަދީނާއާ ޙަމަލަދޭން ޤަޞްދުކޮށްގެން މާލިކު ބުނު ނަވީރާ ގެންގޮސް
މަޝްވަރާކުރިއެވެ. މާލިކު މަޝްވަރާ ދިނެވެ. " ތަމީމް ވަންހައިގެ ބައެއް
ޤަބީލާތައް އެތިބީ ކަލެއާ ދެކޮޅަށެވެ. އިހަށް އެބައިމީހުން ކިޔަމަންތެރި
ކުރުވާށެވެ. އެއަށްފަހު އެހެން ތަނަކަށް ދާން ޤަޞްދުކުރާށެވެ. " ވަކީޢު ބުނު
މާލިކު ވެސް ނަޖާޙު އާ ބައިވެރިވިއެވެ. ސަޖާޙު އޭނާއާ އިދިކޮޅު ތަމީމީ ޤަބީލާތަކާ
ހަނގުރާމަ ފެށިއެވެ. ނަމަވެސް އެއްވެސް ނަތީޖާއެއް ނުނިކުތެވެ. އެހެން ކަމުން
އެމައްސައްކަތް ހުއްޓައިލައިފައި مسيلمةއާ ކުރިމަތިލިއެވެ. އޭރު مسيلمةވެސް އުޅެނީ ޔަމާމާގައި ނަބީކަމަށް
ދަޢުވާކޮށްގެންނެވެ. ސަޖާޙު އޭނާގެ ލަޝްކަރާއިގެން ގޮސް ޔަމާމާގެ ކައިރީގައި
ފޭލިގެ ޖެހިއެވެ. مسيلمةޤަޞްދުކުރީ
ސަޖާޙު އާ އެއްބައިވެގެން ދެފަރާތުގެ ބާރު މުސްލިމުންނާ ދެކޮޅަށް ބޭނުން ކުރާށެވެ.
އެހެން ކަމުން އޭނާ ސަޖާޙު އަށް ޚަބަރު ފޮނުވިއެވެ.
" މުޙައްމަދު (صلّى
الله عليه وسلّم) ވަނީ ނަބީކަމުގައި އަހަރެން ބައިވެރި ކުރައްވައިފައެވެ.
އެކަލޭގެފާނު އެއްބަސްވެ ވަޑައިގެންފައިއޮތީ ޢަރަބިކަރައިގެ ދެބައިކުޅަ އެއްބައި
އަހަންނަށް އޮތުމަށެވެ. އަނެއްބައި އެކަލޭގެފާނަށާއި، ޤުރައިޝު ވަންހައިގެ
މީހުންނަށެވެ. އެކަމަކު މިހާރު އެކަލޭގެފާނު މާތް ﷲ ގެ ޙަޟުރަތަށް
ވަޑައިގެންފިއެވެ. ޤުރައިޝުންގެ ކިބަޔަކު އިންސޮފުވެރިކަމެއް ނެތެވެ. އެހެންކަމުން
އަހަންނަށް އެ އެގްރިމެންޓްގައި ކަލޭ ބައިވެރި ކުރެވިދާނެއެވެ. ޢަރަބިކަރައިގެ
ދެބައިކުޅަ އެއްބައި ކަލެޔަށް ދެވިދާނެއެވެ. "
مسيلمةގެ ފޭލިގެ
މާމެލާމެލީން ޒީނަތްތެރިކޮށް ހުވަނދު ވަސް ހިއްޕުމަށްފަހު އެފޭލިގޭގައި ސަޖާޙު
އާ ބައްދަލު ކުރިއެވެ. ދެމީހުން
ބައްދަލުވުމާއެކު ދެފަރާތުގެ ފާރަވެރީން ދުރަށް ފޮނުވައިލެވުނެވެ. ދެފަރާތުން
މަޝްވަރާ ކުރުމަށްފަހު ސަޖާޙު ނަބީކަން ދޫކޮށްލައި مسيلمة ގެ ނަބީކަން ޤަބޫލުކުރިއެވެ. އޭނާއާ
ކާވެނިވެސް ކޮށްފިއެވެ. ސަޖާޙު ތިންދުވަސް ވަންދެން مسيلمةގެ ފޭލިގޭގައި އިނދެފައި مسيلمةގެ ކިބައިން ކާވެނީގެ ރަނަށް އެދުމުން مسيلمةބުންޏެވެ. " ދާށެވެ. އަހަރެން
ކަލޭގެ ކާވެނީގެ ރަނެއްގެ ގޮތުން އެންމެ އުނދަގޫ ދެވަގުތުގެ ނަމާދު ( ޢިޝާނަމާދާއި
ފަތިސްނަމާދު ) މަޢާފު ކޮށްފީމެވެ. "
އެދުވަސްވަރު ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ
ލަޝްކަރާއިގެން ވަޑައިގަތުމުން ސަޖާޙު ގެ ލަޝްކަރު ވިއްސިވިހާލިވެއްޖެއެވެ. ސަޖާޙު
ފިލައިގެންގޮސް އޭނާގެ ޤަބީލާކަމުގައިވާ ތަޣުލަބު ވަންހައި މީހުންގެ ތެރޭގައި
އުޅޭން ފަށައިފިއެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުން އަމީރު މުޢާވިޔަތުގެ
ވެރިކަމުގެ ދުވަސްވަރު ސަޖާޙު އިސްލާމްވިއެވެ. އޭނާ މަރުވީ ކޫފާގައެވެ.
އިސްވެދެންނެވި ފަދައިން ޚާލިދުގެފާނު ވަޑައިގެން ސަޖާޙުގެ ލަޝްކަރު ރޫޅުމުން
ތަމީމުވަންހައިގެ ބޮޑުން އެބައިމީހުންނަށް ކުރެވުނު ކަންތަކާމެދު
ހިތާމަފާޅުކުރިއެވެ. އެބައިމީހުން ޚާލިދުގެފާނުގެ އަރިހަށް ޒަކާތްވެސް ފޮނުވިއެވެ.
ނަމަވެސް މާލިކު ބުނު ނަވީރާ ޒަކާތެއް ނުފޮނުވިއެވެ. އޭނާގެ ޤަބީލާއަށް އޭނާ
އެންގީ އެންމެން ވިއްސިވިހާލިވެގެން ދިއުމަށެވެ.
މާގިނަދުވަހެއް ނުވެ ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ
ލަޝްކަރާއިގެން ބިޠާޚަށް ވަޑައިގެންފިއެވެ. އެތަނުން އެކަލޭގެފާނަށް އެއްވެސް
މީހަކު ފެނިވަޑައެއް ނުގެންނެވިއެވެ. ޚާލިދުގެފާނު އެބައިމީހުން
ހޯއްދެވުމަށްޓަކައި އެކަލޭގެފާނުގެ ލަޝްކަރުގެ އެކި ޖަމާޢަތްތައް އެކިދިމަދިމާޔަށް
ފޮނުއްވިއެވެ. އޭގެތެރެއިން އެއްބަޔެއް މާލިކު ބުނު ނަވީރާ އާއި އޭނާގެ އެކުވެރީން
ހައްޔަރުކޮށްގެން ގެނެސްފިއެވެ. ޚާލިދުގެފާނު މާލިކާއި އޭނާގެ އެކުވެރީން ހައްޔަރު
ކުރައްވާފައި ބައިތިއްބެވުމަށްފަހު އެބައިމީހުން ޤަތުލުކޮށްލެއްވިއެވެ.
ޚާލިދުގެފާނު ލަޝްކަރުގައި ހިމެނިވަޑައި ގަންނަވާ ބައެއް ބޭކަލުން ބެއްލެވީ
އިސްވެދެންނެވި ޤަތުލަކީ އަމީރުލްމުއުމިނީންގެ އަމުރުފުޅާ ޚިލާފުކަމެއް
ކަމުގައެވެ. އެހެނީ ޤަތުލުވި މީހުން އެބައިމީހުން ހައްޔަރުވުމުގެ ކުރީން
ބަންގިދިން އަޑު އެއްސެވިކަމަށް ބައެއް ބޭކަލުން ހެކިދެއްވާފައިވެއެވެ. ބައެއް
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މާލިކު ޤަތުލުކުރެވުނީ ޚާލިދުގެފާނުގެ
އަމުރުފުޅުގެ ލަފުޡުތައް ނުބައިކޮށް ވިސްނައިގަނެވުމުގެ ސަބަބުންނެވެ. އަނެއްބައި
ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މާލިކު ޤަތުލުކުރެއްވީ ޚާލިދުގެފާނު އެނާއާ ވާހަކަ
ދެއްކެވުމުން މާލިކު އޭގެ ޖަވާބުގައި މާތްރަސޫލާއަށް އިހާނެތިކޮށް ވާހަކަ
ދެއްކުމުގެ ސަބަބުންނެވެ.
مسيلمةގެ ލަޝްކަރު
ބަލިވެގެން ފިލައިގެންގޮސް ބައެއް މީހުން ރަށުގެ ކިއްލާއަށް ވަދެ ރައްކާތެރިކަން
ހޯދިއެވެ. އެންމެ ފަހުން މުޖާޢަތު ބުނު މުރާރަތު މެދުވެރިކޮށް ދެފަރާތުގެ މެދުގައި
ޞުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެއަށްފަހު ޙުނައިފަތުގެ މީހުން
ތައުބާވެ އިސްލާމްދީނަށް ވަދެއްޖެއެވެ. ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު
އެވަންހައިގެ ކުރިޔަށް ތިބި މީހުންގެ ވަފުދެއް أمير المؤمنين
أبوبكر رضيى الله
عنهގެ އަރިހަށް
ފޮނުއްވިއެވެ. أبوبكر رضى الله
عنهއެބައިމީހުންނާ
ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. ތިޔަބައިމީހުން
އަހަރެމެންނާއި ޚުދު ތިޔަބައިމީހުން މުޞީބާތުގެ ތެރެއަށް ތިޔަ ވައްޓައިލީ
ކީއްވެގެން ހެއްޔެވެ؟ އެބައިމީހުން
ޖަވާބުއެރުވިއެވެ. " ހިނގައިގެން އެދިޔަ ކަންތައްތަކަކީ މާތް ﷲ ރުހިވޮޑިނުގަންނަވާނެ
އަދި އަޅުގަނޑުމެންނަށްޓަކައި ބަރަކާތްތެރި ނޫން ކަންތައްތަކެއް ކަމުގައި
އަޅުގަނޑުމެން ޤަބޫލު ކުރަމުއެވެ."
أسود العنسى
رسول الله صلّى
الله عليه وسلّم ސުވަރުގެ ވަޑައިގަތުމުގެ ކުރީން أسود العسىނަބީކަމަށް ދަޢުވާކުރާން ފަށައިފިއެވެ. އޭނާއަކީ ޤަޙްޠާނީ ޤަބީލާގެ
ގޮތްޕެއް ކަމުގައިވާ ޢަނަސުގެ ވެރިޔާއެވެ. ޔަމަނުގެ ރަށްފުށުގެ ބައެއް މީހުން
އޭނާގެ ކެހިވެރިކަމުގެ ދަލުގައި ޖެހުނެވެ. އެމީހުންގެ އެހީގައި އޭނާ ނަޖްރާނު
ހިފިއެވެ. އެރަށުން މުޛުލަޖްވަންހައިގެ ބައެއް މީހުންވެސް އޭނާއާ ބައިވެރިވިއެވެ.
މިގޮތުން ޔަމަނުގައި އޭނާގެ ފިތުނަ ވަރަށް ބޮޑުވިއެވެ. އޭނާގެ ލަޝްކަރާއިގެން
ޞަންޢާއަށްގޮސް އެރަށުގައި ހުރި އީރާނުގެ މަލަކާ ޕޫރަން ދުޚުތުގެ ގަވަރުނަރާ
ހަނގުރާމަކޮށް އޭނާގެ ގާތުގައި އޮތް އަންބާއެވެ. ކިޔުނު އީރާނީ ލަޝްކަރު
ބަލިކޮށްފައި ޞަންޢާ ހިފިއެވެ. އެކާމިޔާބީގެ ސަބަބުން މުޅި ޔަމަނުކަރައިގައި
އޭނާގެ ނުފޫޒު ފެތުރުނެވެ. އޭނާގެ ފިތުނަވެރިކަމުގެ އަލިފާންގަނޑު ހަތަރު ފަރާތަށް
ފެތުރިގެންދިޔައެވެ. ޔަމަނުގެ އެއްބަޔަކު އޭނާއަށް ތަބާވެ އަނެއްބަޔަކު ބިރުން
ހަމަހިމޭންވިއެވެ.
އިތުރު ސާހިބާ صلّى
الله عليه وسلّم އަށް އެޚަބަރު ލިބިވަޑައިގެންނެވުމުން އަންބާއުގެ
އޮފިސަރުންނަށް ފަތްކޮޅެއް ފޮނުއްވިއެވެ. އިސްލާމްދީންމަތީ ސާބިތުވެ ތިބުމަށާއި،
އުސޫދު އާ ހަނގުރާމަކޮށް އޭނާ ޤަތުލުކުރުމަށް އެފަތާކޮޅުގައި ނަސޭހަތް
ދެއްވައިފައިވެއެވެ.
އެދުވަސްވަރު އުސޫދު އަށް ލިބެމުންދިޔަ ކާމިޔާބީގެ ސަބަބުން އޭނާގެ ހިތުގައި
ބޮޑާކަން އުފެދި އޭނާގެ ސިފައިންގެ ވެރިޔާ ޤައިސު ބުނު ޢަބްދު ޔަޤޫޘު އާ މެދުވެސް
ވަރަށް އިހާނެތި ޢަމަލުތަކެއް ހިންގިއެވެ. ޤައިސަށް އޭނާގެ ފުރާނަޔަށް
ނުރައްކައުވާތަން ފެނުމުން އަންބާއުގެ ސިފައިންނާ ބައިވެރިވެއްޖެއެވެ.
އެބައިމީހުންގެ އެހީގައި އުސޫދު ޤަތުލުކުރަން ރޭވިއެވެ. އެރޭވުމުގައި އުސޫދުގެ
އަންހެނުންވެސް ބައިވެރިވިއެވެ. އެކަމަނާއަކީ ޞަންޢާގެ ކުރީގެ ގަވަރުނަރގެ
އަންހެނުންނެވެ. އުސޫދު ގަވަރުނަރ ގަތުލުކުރުމަށްފަހު އެކަމަނާއާ ގިދަކަމުން
އިނދެގެން އުޅުނީއެވެ. އަންބާއުގެ ސިފައިންގެ ތެރޭގައި ހިމެނޭ ފީރޯޒެވެ. ކިޔުނު
މީހެއް ދަނޑިވަޅެއް ހޯދައިގެން ރޭގަނޑު އުސޫދުގެ ގޭގައި ފިލައިހުރެފައި
ކުއްލިޔަކަށް އޭނާ ޤަތުލުކޮށްލިއެވެ. ފަތިސްވުމާއެކު ފީރޯޒު އެގޭގެ ފުރާޅުމައްޗަށް
އަރައި ބަންގި ގޮވައިފިއެވެ. މިގޮތުން އުސޫދުގެ ފިތުނަ ފަސާދައިން ޞަންޢާ
ސަލާމަތްވިއެވެ. އެރަށުގެ އަހުލުވެރީން އިތުރު ސާހިބާގެ އަރިހަށް ހުރިހާ
ޚަބަރުތަކެއް ލިޔެފައި ފޮނުއްވިއެވެ. ޞަންޢާގެ އަހުލުވެރީން އިތުރުސާހިބާގެ
އަރިހަށް ހުރިހާ ޚަބަރުތަކެއް ލިޔެފައި ފޮނުވިއެވެ. ޞަންޢާގެ އަހުލުވެރީން
އެޚަބަރާއިގެން މަދީނާއަށް ފޮނުއްވި ޤާޞިދު މަދީނާއަށް ދިޔަ ދުވަހަކީ ލޮބުވެތި
ރަސޫލާ ސުވަރުގެ ވަޑައިގެންނެވި ދުވަހެވެ. ޤާސިދަށް އާދެވުނީ އިތުރު ސާހިބާ
ސުވަރުގެ ވަޑައިގެންނެވި ފަހުންނެވެ. އުސޫދު ނަބީކަމަށް ދަޢުވާކުރުމާއި އޭނާ
ޤަތުލުވުމާމެދު ވޭތުވީ، ބައެއް ރިވާޔަތްތަކުގައި ވާ ގޮތުން ހަތަރު މަހެއްހައި
ދުވަހެވެ.
އިތުރު ސާހިބާ ސުވަރުގެ ވަޑައިގެންނެވި ޚަބަރު ޔަމަނަށް ދިއުމާއެކު އުސޫދުގެ
ބައެއް އެކުވެރީން އަނެއްކާވެސް ފިތުނަ އުފައްދާން ފެށިއެވެ. أمير المؤمنين
أبوبكر رضيى الله
عنه ޔަމަނުގެ
މުސްލިމުންނަށް ޚަބަރު ފޮނުއްވިއެވެ. ތިޔަބައިމީހުން މުރުތައްދުވީ މީހުންގެ
ކުރިމަތީގައި ސާބިތުވެ ތިބޭށެވެ. އަހަރެން ވަރަށް އަވަހަށް ލަޝްކަރެއް އެބަ
ފޮނުވަމެވެ.
މާގިނަދުވަހެއް ނުވެ މުޙާޖަރު ބުނު އަބޫ އުއްމުޔަތު ރަޟިޔަﷲ ޢަންހު އިސްލާމީ
ލަޝްކަރާއިގެން ވަޑައިގެން ޞަންޢާ ހިއްޕަވައި ފިތުނަ އުފައްދާ މީހުންގެ ވެރީން
ކަމުގައިވާ ޤައިސު ބުނު ޢަބްދު ޔަޣޫޘާއި ޢުމަރު ބުނު މަޢުދީ ކރބާއި ދެންވެސް ތިބި
ބޮޑުން ހައްޔަރު ކުރައްވައިފިއެވެ.
ކިންދަތު ވަންހަ
ޙަޟުރަމައުތުގެ ކައިރީގައި ދިރިއުޅެމުން ގެންދިޔަ ކިންފަތު ވަންހައިގެ
މީހުންވެސް ޒަކާތް ދިނުމަށް އިންކާރު ކުރިއެވެ.
رسول الله صلّى
الله عليه وسلّمގެ ފަރާތްޕުޅުން ޒަކާތުގެ ޢާމިލެއްގެ ގޮތުން ކިންދަތު
ވަންހައި މީހުންގެ ގާތަށް ވަޑައިގެންނެވީ ޒިޔާދު ބުނު ޢަބީދުލްއަންޞާރީ ރަޟިޔަﷲ
ޢަންހު އެވެ. އެކަލޭގެފާނު ކިންދަތު ވަންހައިގެ މީހުންނާ ވާހަކަފުޅު ދައްކަވައި
ޒަކާތް ނެންގެވުމުގެ މައްޗަށް ބާރު އެޅުއްވުމުން ކިންދަތު ވަންހައިގެ މީހުންނާއި،
ހަމްދާނުގެ އަހުލުވެރީން أشعث
بن قيس كندى
ވެރިޔަކަށް
ލައިގެން ޒިޔާދު ރަޟިޔަﷲ ޢަންހު ރަށުން ބޭރުކޮށްލާނެ ގޮތްތައް ރާވަން ފެށިއެވެ.
އަޝްޘަކީ ވަރަށް ހިތްވަރުގަދަ ހަނގުރާމަވެރިއެކެވެ. ޒިޔާދު ރަޟިޔަﷲ ޢަންހު
ޙަޟުރަމައުތުގެ މުސްލިމުންގެ އެހީއާއެކު، މުރުތައްދުވީ މީހުނާ ކުރިމަތިލެއްވިއެވެ.
أمير المؤمنين أبوبكر رضيى الله
عنه އަށް އެޚަބަރު
ލިބިވަޑައި ގެންނެވުމުން މުހާޖަރު ބުނު އަބޫ އުއްމިޔަތު ރަޟިޔަﷲ ޢަންހު އާއި
ޢުކްރަމަތު އަބޫ ޖަހުލު ރަޟިޔަﷲ ޢަންހު އަށް ފަސްހާސް މުޖާހިދުންގެ ލަޝްކަރެއް ދެއްވައިފައި
ޒިޔާދު ރަޟިޔަﷲ ޢަންހު އަށް އެހީތެރިވެ ވަޑައިގެންނެވުމަށް ފޮނުއްވިއެވެ. އޭރު
އަޝްޢަޘުގެ ލަޝްކަރުގައި ނަވާރަހާސް ހަނގުރާމަވެރީން ތިއްބެވެ.
ދެލަޝްކަރު ބައްދަލުވީ މުޙައްޖަރެވެ. ކިޔުނު މައިދާނެއްގައެވެ. އެންމެފަހުން
ޢަޝްޢަޘު ބަލިވެގެން ފިލައިގެންގޮސް ބުޚައިރެވެ. ކިޔުނު ކިއްލާއަކަށް ވަދެ
ރައްކާތެރިވިއެވެ. މުސްލިމުންގެ ލަޝްކަރު އެކިއްލާ ވަށައިލައި ކިއްލާއަށް
ކާބޯތަކެތި ލިބުނަ ނުދީ ބަންދުކޮށްލިއެވެ. އަޝްޢަޘު މަޖުބޫރުވެގެން މުހާޖަރު
ރަޟިޔަﷲ ޢަންހުގެ އަރިހުގައި ދެންނެވިއެވެ. އަޅުގަނޑުމެންގެ ނުވަ މީހަކާއި
އެމީހުންގެ އަނބިދަރީންގެ ފުރާނަ ސަލާމަތްކޮށްދެއްވަން އެއްބަސްވެވަޑައި
ގަންނަވާނަމަ އަޅުގަނޑުމެން މިތިބީ އަމިއްލަ ނަފުސު މުސްލިމުންނާ ޙަވާލުކުރާން
ތައްޔާރަށެވެ. މުހާޖަރު ރަޟިޔަﷲ ޢަންހު އެގޮތް ޤަބޫލުކުރެއްވިއެވެ. އަޝްޢަޘް އޭނާ
މާފުއެދޭ މީހުންގެ ލިސްޓެއް މުހާޖަރުގެ އަރިހަށް ފޮނުވިއެވެ. އޭނާއަށް ހާސްކަމުގެ
ތެރޭގައި އެލިސްޓަކު އޭނާގެ ނަމެއް ނުހިމެނުނެވެ. އެހެން ކަމުން ޢުކްރަމަތު
ރަޟިޔަﷲ ޢަންހު އެލިސްޓްގައި ނުހިމެނޭނެ އެންމެން ހައްޔަރު ކުރައްވާފައި
މަދީނާއަށް ފޮނުއްވިއެވެ. އޭގެތެރޭގައި އަޝްޢަޘް ވެސް ހިމެނުނެވެ.
އަމީރުލްމުއުމިނީން أبوبكر
رضيى الله عنه އެބައިމީހުންނަށް ވަރަށް ހެޔޮފުޅުކޮށް ހިއްތަވައި
ދޫކޮށްލެއްވުމުން އެންމެން އިސްލާމްވެއްޖެއެވެ.
ޢައްމާން
އިތުރު ސާހިބާ އިސްލާމްދީނަށް ގޮވައިލައްވާން ފެއްޓެވުމުގެ ކުރިން
ޢުއްމާންގައި ވެރިޔަކަށް ހުރީ ލަޤީޠެވެ. ފިޔުނު މީހެކެވެ. އޭނާއަށްފަހު ޢުއްމާންގެ
ވެރިކަން ލިބިވަޑައިގަތީ ޖައިފަރާއި، ޢަބްދާ ދެބޭފުޅުންނެވެ. ޖައިފަރު ފަހުން
އިސްލާމްވެ ވަޑައި ގެންނެވިއެވެ. رسول
الله صلّى الله
عليه وسلّم ސުވަރުގެ ވަޑައިގަތުމުން ލަޤީޠު
ޢުއްމާނަށް ވެރިވެ ޖައިފަރު ރަށުން ބޭރުކޮށްލިއެވެ. އެއަށްފަހު ޢުއްމާނުގެ މީހުން
މަގުފުރައްދައި އިސްލާމްދީނުން ބޭރުކުރުވިއެވެ.
أبوبكر رضى الله
عنه އަށް އެޚަބަރު
ލިބިވަޑައިގެންނެވުމުން ލަޤީޠަށް އަދަބުދެއްވުމަށްޓަކައި ޙުޒައިފަތު ބުނު މުޙްޞިން
ރަޟިޔަﷲ ޢަންހު ފޮނުއްވިއެވެ. ޢުކްރަމަތު ބުނު އަބޫ ޖަހުލު ރަޟިޔަﷲ ޢަންހު
ޔަމާމާގައި ހުންނަވަނިކޮށް އެކަލޭގެފާނަށްވެސް އުއްމާނަށް ވަޑައިގަންނަވާން
އެންގެވިއެވެ. ޢުކްރަމާއަށް އަންގަވާފައިވަނީ އުއްމާނުގެ އަހުލުވެރީން ތެދުމަގަށް
އެނބުރި ނާތުވެއްޖެނަމަ ޙުޒައިފަތުގެފާނާ ބައިވެރިވެ ވަޑައިގެން ލަޤީޠާ ހަނގުރާމަ
ކުރެއްވުމަށެވެ.
ލަޤީޠަށް އެޚަބަރު ލިބިމުން އޭނާ ވަރަށް ވަރުގަދަޔަށް ހަނގުރާމައަށް
ތައްޔާރުވިއެވެ. އޭނާގެ ލަޝްކަރުގައި ތިރީސްހާސް ސިފައިން ތިއްބެވެ. މުސްލިމުންގެ
ޢަދަދު މަދެވެ. މުހާޖިރު އާއި ޢުކްރަމަތު އާ ދެބޭކަލުންގެ އަރިހުގައި ތިބީ
މުޅިއެކު ހަހާސް މުޖާހިދުންނެވެ. ކޮންމެ މުޖާހިދަކަށް ފަސްކާފަރުންނާ ހަނގުރާމަ
ކުރައްވާން ޖެހިވަޑައި ގެންނެވިއެވެ. ނަމަވެސް ޖިހާދަކީ އަޅުކަމެއްކަމުގައި
ބައްލަވާ ބޭކަލުންގެ ހިތްޕުޅުގެ ޝުޢޫރުތައް، މުރުތައްދުވީ މީހުނާ ވަރަށް ތަފާތެވެ.
މާތް ﷲ ގެ ސިފައިން ފަތިސްނަމާދަށްފަހު ފުރިހަމަ ބާރާއެކު ދުޝްމިނުންނާ
ކުރިމަތިލިއެވެ. ޢުއްމާނުގެ އަހުލުވެރީން ވެސް ފިސާރި ސާބިތުކަމާއެކު
ހަނގުރާމަކުރަމުން ގެންދިޔައެވެ. ހަނގުރާމަ ހިނގަމުން ދަނިކޮށް ޢުކްރަމަތު ރަޟިޔަﷲ
ޢަންހު ގޮވައިލެއްވިއެވެ. " މުސްލިމުންގެ މުޖާހިދުންނޭވެ! އިސްލާމްދީނުގެ
ޣާޒީންނޭވެ! ދުޝްމިނުންގެ ސަފުތައް އަދިވެސް ވަކިވަކިވެގެން ނުގޮސްގެން މިއުޅެނީ
ކީއްވެގެން ހެއްޔެވެ؟ ޢުކްރަމަތު ރަޟިޔަﷲ ޢަންހު އެހެން ވިދާޅުވެފައި
އެކަލޭގެފާނުގެ އަސްކޮޅުމަތީގައި ދުޝްމިންގެ ސަފުތަކުގެ ތެރެއަށް ވެދެވަޑައިގެން
އެބައިމީހުން ކަތިލައްވައި މަރުއްވާން ފެއްޓެވިއެވެ. އެކަލޭގެފާނުގެ ފަހަތްޕުޅުން
އެހެނިހެން މުޖާހިދުންވެސް ދުޝްމިނުންނާ ދިމާކޮށްލެއްވިއެވެ. އިސާހިތަކު ލަޤީޠުގެ
ލަޝްކަރު ތަޅުއްވައި ރޯނާކޮށްލެއްވިއެވެ. އެކި ފަރާތްފަރާތަށް
ބުރުއްސައިލެއްވިއެވެ. އެހައިތަނުން ދުޝްމިނުން ބިރުން ފިލައިގެންދާން ފެށިއެވެ.
މުސްލިމުން ދުޝްމިނުންގެ ދިހަހާސް މީހުން ޤަތުލުކޮށް ހަތަރުހާސް މީހުން
ހައްޔަރުކުރިއެވެ.
ފަތަޙައަށްފަހު ޢުއްމާނުގެ މީހުންނަށް ދީން ދަސްކޮށްދެއްވުމަށްޓަކައި
ޙުޒައިފަތު ރަޟިޔަﷲ ޢަންހު އެތާނގައި މަޑުކުރެއްވިއެވެ.
ބަޙްރައިން
ބަޙްރައިނުގައި ދިރިއުޅެމުން ގެންދިޔައީ ޢަބްދުލްޤައިސު ވަންހައާއި ބަކުރު
ބުނު ރަބީޢަތު ވަންހައިގެ ޤަބީލާތަކެވެ. އިތުރު ސާހިބާ صلّى الله
عليه وسلّم، މުންޒިރު ބުނު ސާވީ އިސްލާމްވެ ވަޑައިގަތުމުން އޭނާއަށް ބަޙްރައިނުގެ
ގަވަރނަރުކަން ދެއްވިއެވެ. އިތުރު ސާހިބާ ސުވަރުގެވަޑައި ގެންނެވި މަހު މުންޒިރު
ބުނު ސާވީ ވެސް އަވަހާރަވެއްޖެއެވެ. އެދުވަސްވަރު ފާރިސީންގެ ކިސްރާގެ
ފަރާތްޕުޅުންވެސް ބަޙްރައިނުގައި ގަވަރުނަރެއް ހުރެއެވެ. އޭނާގެ ނަމަކީ މުންޒިރު
ބުނު ނުޢުމާންއެވެ. އޭނާގެ ވެރިކަމުގެ ދަށުގައި އީރާނުގެ ހަތްހާސް ސިފައިންގެ
ލަޝްކަރެއް އޮވެއެވެ. ބަޙްރައިނުގައި އެންމެ ބައިގިނައީ ބަކުރުވަންހައިގެ
ޤަބީލާތަކުގެ މީހުންނެވެ. އެބައި މީހުންގެ ވެރިޔަކީ ޙަޠަމް ބުނު ޟަބީޢަތެވެ.
އޭނާއަކީ މުންޒިރު ބުނު ނުޢުމާނުގެ ކަނާތެވެ. ބަކުރުވަންހައިގެ މީހުން ޙަޠަމްގެ
ބަހަށް ހެއްލި މުރުތައްދުވިއެވެ.
ޢަބްދުލްޤައިސު ވަންހައިގެ ޤަބީލާތައް ތިބީ އިސްލާމްދީން މަތީގައެވެ.
މުންޒިރު ހުސިޔާރުބަޔަކު ފޮނުވައިގެން ޢަބްދުލްޤައިސު ވަންހައިމީހުންގެ ތެރޭގައި
ޕްރޮޕެގެންޑާ ހިންގާން ފެށިއެވެ. މުޙައްމަދު (صلّى الله
عليه وسلّم) އަކީ ނަބީބޭކަލެއްނަމަކަ އަވަހާރައެއް
ނުވީހެވެ.
ޢަބްދުލްޤައިސު ވަންހައިގެ މާތް ބޭކަލެއްކަމުގައިވާ ޖާރޫދު ބުނު މަޢުލީ
ރަޟިޔަﷲ ޢަންހު އަށް އީރާނުގެ ގަވަރުނަރ އެކަލޭގެފާނުގެ ޤަބީލާގެ މީހުން
މަގުފުރައްދަން މަސައްކަތްކުރަމުން ގެންދާކަން އެނގިވަޑައި ގެންނެވުމުން
އެކަލޭގެފާނު ޤަބީލާގެ މީހުން އެއްކުރައްވައި ވިދާޅުވިއެވެ.
" އަހަރެންގެ ޤަބީލާގެ މީހުންނޭވެ!
އަހަރެންގެ ލޮބުވެތި އަޚުންނޭވެ!
އަހަރެން ތިޔަބައިމީހުނާ ސުވާލެއް ކޮށްލަން ބޭނުމެވެ. ތިޔަބައިމީހުންނަށް
އެސުވާލުގެ ޖަވާބު އެނގޭނަމަ ޖަވާބުދޭށެވެ. އެސުވާލުގެ ޖަވާބު ނޭނގޭނަމަ ހިމޭނުން
ތިބޭށެވެ. ޤަބީލާގެ މީހުން ދެންނެވިއެވެ. " ސުވާލު ކުރައްވާށެވެ.
ކަލޭގެފާނަކީ ރަނގަޅު ބޭކަލަކީމުއެވެ. "
" މާތް ﷲ ވޭތުވެދިޔަ ޒަމާންތަކުގައި ވަރަށް ގިނަ ޤައުމުތަކަށް
ނަބީބޭކަލުން ފޮނުއްވިކަން ތިޔަބައިމީހުނަށް އެނގިފައިވޭ ހެއްޔެވެ؟
ޤަބީލާގެ މީހުން " އާދޭހެވެ " ދެންނެވިއެވެ.
" ތިޔަބައިމީހުންނަށް އެކަން އެނގުނީ އިސްވެދިޔަ ޒަމާންތަކުގެ މީހުންގެ
ވާހަކަތަކުންނާއި ލިޔެވަފައިވާ ފޮތްތަކުގެ ޒަރީޢާއިން ހެއްޔެވެ؟ ނުވަތަ
ތިޔަބައިމީހުނާ އެނަބީބޭކަލުންނާ ބައްދަލުވެގެން ހެއްޔެވެ؟ ޖާރޫދު
ސުވާލުކުރެއްވިއެވެ.
" އަޅުގަނޑުމެންނަށް އެބޭކަލުން ފެންނާނީ ކިހިނަކުންތޯއެވެ؟
ޝައްކެއްނެތެވެ. އިސްވެދިޔަ ޒަމާންތަކުގެ ވާހަކަތަކުގެ ތެރެއިން އެންމެ
ޞައްޙަކަންބޮޑު ވާހަކަތަކެއްކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަނީ އިސްވެދިޔަ
ޒަމާންތަކުގައިވެސް ނަބީބޭކަލުން ވަޑައިގަންނަވަމުން ގެންދެވި ވާހަކައެވެ. "
ޤަބީލާގެ މީހުން ޖަވާބުދިނެވެ.
ޖާރޫދު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ އެންމެފަހު ސުވާލު ކުރެއްވިއެވެ.
" އެހެންވީއިރު ތިޔަބައި ތީހުންނަށް އެބޭކަލުންނާ ބައްދަލުނުވެވުނީ
ކީއްވެގެން ހެއްޔެވެ؟ "
ޤަބީލާގެ މީހުން ޖަވާބުދިނެވެ. " އެއްވެސް މީހަކަށް އެބޭކަލުންނާ
ބައްދަލުވެވޭކަށް އެބޭކަލުން މިދުނިޔެއަކު ވަޑައިގެނެއް ނެތެވެ. އެބޭކަލުން ﷲ ގެ
ޙަޟުރަތަށް އެނބުރިވަޑައިގެންފިއެވެ. "
ޢިރާޤުކަރަ ފަތަޙަ ކުރެއްވުން
ޢަރަބި އުންމަތް ޒަމާނުއްސުރެ އޮތީ ޖަޒީރަތުލް ޢަރަބުގައި ޙިޞާރުވެފައެވެ.
ޢަރަބިކަރައިގެ ދެފަރާތުގައި ވަނީ އެޒަމާނުގެ ދުނިޔޭގެ ބޮޑުދެބާރު ކަމުގައިވާ ރޯމަން
އެމްޕަޔަރެވެ. ޢަރަބީން ތިބީ އެމީހުންގެ އަމިއްލަ ޤައުމުގެ ޞަޙަރާތަކާއި
ހިލަބިންތަކާއި ވީރާނާ ސަރަޙައްދުތަކުގެ މައްޗަށް ފުއްދައިގެން އުޅޭން
މަޖުބޫރުވެފައެވެ. އެބައިމީހުންގެ އާރާއި ބާރު ވަނީ އިންދިރާސް ވެފައެވެ.
އެހެންކަމުން އެބައިމީހުންގެ އަވަށްޓެރި ދެދައުލަތުން ވަނީ އެބައިމީހުންގެ
މައްޗަށް ބާރު ހިންގައިފައެވެ. ޢަރަބިކަރައިގެ ބިންމޮޅު ސަރަޙައްދުތައް ހުރީ
އަވަށްޓެރި ދެބާރުގެ އަޅުވެތިކަމުގެ ދަށުގައެވެ.
ޢަރަބި ބައެއް ޤަބީލާތަކުގެ ސަރުކާރުތައް އޮތްކަމުގައި ވިޔަސް
އެސަރުކާރުތައްވެސް ހުރީ ފާރިސީން ނުވަތަ ރޫމީންގެ އަޅުވެތިކަމުގެ ދަށުގައެވެ.
މިދެންނެވި ފަދަ ނިކަމެތި ޙާލެއްގައި ޢަރަބީން ތިއްބައި އިސްލާމްދީން
ޢަރަބީންނަކީ ވަރުގަދަ އުންމަތަކަށް ހަދައިލިއެވެ. އެއީ އަވަށްޓެރި ބޮޑުދެބާރު
ރުހުމުގެ ލޮލަކުކން ބެލިކަމެއް ނޫނެވެ.
އެޒަމާނުގެ ބޮޑުދެބާރުވެސް ފެށުނީއްސުރެ ޢަރަބީންނާއި އިސްލާމްދީނާމެދު
ބަލަމުން ގެންދިޔައީ ތަތުރުވެރިކަމުގެ ލޮލަކުންނެވެ.
ޕާޝިޔަން އެމްޕަޔަރުގެ ވެރިރަށަކީ މަދާއިނެވެ. އެރަށް އޮތީ ވާސިޠާއި ބަޣުދާދާ
ދެމެދުގައެވެ. ދިޖުލަތު ކޯރުމަތީ އައްސޭރީގައެވެ. ސާސާނީ ޚާންދާނުގެ
ރަސްރަސްކަލުން އުޅުއްވީ އެރަށުގައެވެ.
ސާސާނީ ދައުލަތް ނުވަތަ ޕާޝިޔަން އެމްޕަޔަރގެ ބިންގާ އެޅުއްވީ އުރުދުޝޭރު
ބިން ބާބުކާނެވެ. އޭނާ އިސްކަންދަރު މަޤުދޫނީގެ ފަތަޙައާއި ރުރީކުންގެ ވެރިކަމުގެ
ސަބަބުން ފާރިސްކަރައިގައި އުފެދުނު ޠަވާއިފުލް މުލޫކިއްޔަތު ނިމުމަކަށް
ގެންނަވައި މީލާދީން 230 ގައި ފާރިސީންގެ ބައިބައިވެފައިވާ ޤައުމު
އެއްކޮށްލެއްވިއެވެ. އީރާނުގެ ހުރިހައި ރަށްރަށާއި ޢިރާޤުކަރަވެސް ފަތަޙަ
ކުރެއްވިއެވެ. އޭނާގެ ލަޤަބަކީ ޝަހެންޝާހު ކަމުގައި ހަމަޖެއްސެވިއެވެ.
އޭނާއަށްފަހު އެރަސްކަން ހިނގަމުން އައީ އޭނާގެ ޚާންދާނުގައެވެ. ސާސާނީ ދައުލަތް
ފެށުނީއްސުރެ އެދައުލަތުގެ ރަސްރަސްކަލުންނަކީ ޢަރަބީންގެ ދުޝްމިނުންނެވެ.
މިގޮތުން އީރާނީން އެތައްފަހަރެއްގެ މަތިން ވަނީ ޢަރަބީން އަޅުވެތިކުރަން
މަސައްކަތް ކޮށްފައެވެ. ސާސާނީ ދައުލަތުގެ ދެވަނަ ރަސްގެފާނު ސާބޫރު ބިން
ރުރްދުޝޭރު ޙިޖާޒުކަރައާއި ޔަމަނުކަރަ ފަތަޙަ ކުރިއެވެ. މަދީނާއާ ހަމައަށް އޭނާގެ
ބާރުގެ ދަށަށް ގެންދިޔައެވެ. އޭނާއަކީ ޢަރަބީންގެ ވަރަށްބޮޑު ޢަދާވަތްތެރިއެކެވެ.
ޢަރަބީންގެ ތެރެއިން ހައްޔަރުވެގެން އޭނާގެ ގާތަށް ގެންދެވޭ ކޮންމެ މީހެއްގެ
ކޮނޑުހުޅު ލުއްސައިލައެވެ. އެހެންކަމުން ޢަރަބީން އޭނާއަށް ނަންދީފައިވަނީ
ޛުލްއަކުތާފުގެ ނަމުންނެވެ.
ނަމަވެސް ޢަރަބީންނަކީ ބޭރުގެ އެއްވެސް ބާރެއްގެ ދަށުވެގެން ތިބެން ރުހޭ
ބައެއް ނޫނެވެ. އެހެން ކަމުން ފުރުޞަތެއް ހަމަ ލިބޭއިރަށް އަޅުވެތިކަމުގެ
ކަސްތޮޅުތައް ފުނޑުފުނޑު ކޮށްލައެވެ. އަދި ކީއްތޯއެވެ؟ ޢަދާވާތްތެރީން ބާރު
ހިންގައިފައިވާ ބިންތައްވެސް ފިރުކައިގަނެއެވެ. މިގޮތުން މަޢައްދު ބިން ޢަދުނާން
ވަންހައިގެ ޤަބީލާތަކުން ޢިރާޤުގައި ކުދިކުދި ވެރިކަން ޤާއިމުކުރިއެވެ. އޭގެ
ތެރެއިން އެއްވެރިއެއް ޙީރަތުގައި ރަސްކަމެއްގެ ބިންގާ އެޅިއެވެ.
އާދެ، މިގޮތުން ޢަރަބީންނާއި ފާރިސީންނާ ދެމެދު ވަރަށް ކުރީއްސުރެ
ވާދަވެރިކަމާއި ރުޅިވެރިކަން ދެމިއޮންނަމުން އައެވެ. އީރާނުގެ މީހުން
ޢަރަބީންނާމެދު ބަލަމުންއައީ ވަރަށްވެސް ނިކަމެތިކަމުގެ ލޮލަކުންނެވެ. އެކަން
ހާނަވެގެންދާ އެއް ޙާދިޘާއަކީ އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކިސްރާ ޚުސްރޫ ޕަރުވޭޒަށް އިސްލާމްދީނުގެ ދަޢުވަތު
ދެއްވުމުގެ ފަތްކޮޅެއް ފޮނުއްވި ޙާދިޘާއެވެ. އިތުރު ސާހިބާގެ ފަތްކޮޅުގެ އަޑު
އަހައިފައި ޕަރުވޭޒު ރުޅިއައިސްގެން އެފަތްކޮޅު ވީދައިލިއެވެ. އޭނާ ބުންޏެވެ.
އަހަރެންގެ އަޅަކަށްވެހުރެ އަހަންނަށް މިކަހަލަ ސިޓީއެއް ލިޔަން ކެރުނީ
ކީއްވެހެއްޔެވެ؟ އޭނާ ހަމަ އެވަގުތު އޭނާގެ ފަރާތުން ޔަމަނުގައި ހުންނަ
ގަވަރުނަރަށް އިތުރު ސާހިބާ ހައްޔަރުކޮށްފައި އޭނާގެ ގާތަށް ފޮނުވަން އެންގިއެވެ.
އިތުރު ސާހިބާގެ މަސައްކަތްޕުޅުން ޢަރަބިކަރަ ގުޅިފައިވާ ބާރަކަށް ވެގެން ދިއުމުން
ފާރިސީން އެބާރާމެދު ބަލަމުންދިޔައީ ބިރުވެރިކަމާއި ސިހުމުގެ ލޮލަކުންނެވެ.
އެދުވަސްވަރު ޚުސްރޫޕަރުވޭޒުގެ ދަރިކަލުން ޝޭރުވިއްޔާ އޭނާގެ ބައްޕައާއި
އޭނާއާ އެއްބައްޕާފުޅު ހުރިހައި އަޚުން ޤަތުލުކޮށްލައްވާފައި ފާރިސީންގެ
ރަސްކަމަށް އިސްވެ ވަޑައިގެންނެވިއެވެ. ނަމަވެސް އޭނާއަށް ތަޚްތުގައި އިންނެވުނީ
އަށެއްކަ މަސްދުވަހުއެވެ. އޭނާއަށްފަހު ރަސްކަމަށް އިސްކުރެވުނީ އޭނާގެ ތުއްޕުޅު
ދަރިކަލުން އުރުދުޝޭރެވެ. އޭނާގެ ނަމުގައި ރަސްކަން ހިނގަން ފެށުމާއެކު އީރާނުގެ
ސިފައިންގެ ވެރިޔާ ޝަހަރުބަރާޒު ރޫމީންގެ ސަރަޙައްދުގައި ލަޝްކަރާއިގެން ހުރެފައި
މަދާއިނަށް އައިސް ތުއްޕުޅު އުރުދުޝޭރު ޤަތުލުކޮށްފައި ވެރިކަން އަތުލިއެވެ.
ނަމަވެސް އޭނާއަކީ ޝާހީ ޚާންދާނުގެ މެންބަރަކަށް ނުވުމާއެކު ފާރިސީންގެ ބޮޑުން
އެއްބަސްވެފައި އޭނާ ޤަތުލުކޮށްފައި ޝޭރުވިއްޔާގެ އަންހެން ކޮއްކޯފުޅު
ޕޫރަންދުޚްތު ރަސްކަމަށް އިސްކޮށްފިއެވެ. އެކަމަނާ ވެރިކަމުގައި އިންނެވީ
ސޯޅަމަސްދުވަހުއެވެ. އެދުވަސްވަރަކީ އިތުރު ސާހިބާ صلّى الله
عليه وسلّمގެ ޙަޔާތްޕުޅުގެ އެންމެފަހު
މަރުޙަލާއެވެ. ޕޫރަންދުޚްތަށްފަހު ރަސްކަމަށް އިސްކުރެވުނީ ޖަވާންޝޭރެވެ. އޭނާގެ
ރަސްކަމަށް އެއްމަސްދުވަސް ވެސް ނުވަނީސް ޚުސްރޫޕަރުވޭޒުގެ ދެވަނަ ދަރިކަނބަލުން
ޢާޒަރުމީދުޚްތު ރަސްކަން އަތުލައްވައިފިއެވެ. ނަމަވެސް އެކަމަނާއަށްވެސް
މާގިނަދުވަހު ތަޚްތަކު ނުއިންނެވުނެވެ. ޝަހްރުޔާރުގެ ދަރިކަލުން ޔަޒްދުގިރުދު
ތަޞައްރަފު ފުދުމުން އޭނާއާ ރަސްކަން ޙަވާލުކުރެއްވުމުގެ ޝަރުޠުގެ މައްޗަށް
އަނެއްކާވެސް ތަޚްތަށް އިސްކުރެވުނީ ޕޫރަންދުޚުތެވެ. މުޅި އީރާން އިސްލާމީ
ދިދައިގެ ދަށަށް ދިޔައީ ޔަޒުދުގިރުދުގެ ރަސްކަމުގެ ދުވަސްވަރުއެވެ.
ޒާތިއްސަލާސިލް
ހަނގުރާމަ
ހުރުމުޒަށް އެސިޓީފުޅުލިބުމާއެކު އޭނާ އެސިޓީފުޅު އީރާނުގެ ޝަހެންޝާހުގެ
އަރިހަށް ފޮނުވައިލިއެވެ. އެއަށްފަހު އޭނާގެ ހުރިހައި ސިފައިން ޖަމާކޮށްގެން
ޙުޟައިރާ ދިމާޔަށް ދުތުރުފެށިއެވެ. ހުރުމުޒަކީ އެސަރަޙައްދުގެ އެންމެ އަނިޔާވެރި
ވެރީންގެ ތެރެއިން އެކެކެވެ. އެހިސާބުގައި ދިރިއުޅެމުންދިޔަ ޢަރަބީންނަކީ އޭނާއާ
ވަރަށް ދެކޮޅުވެރި ބައެކެވެ.
ދެލަޝްކަރު ބައްދަލުވުމާއެކު ހުރުމުޒު ޚާލިދުގެފާނަށް މުބާރަޒާކުރުމަށް
ދަޢުވަތު އެރުވިއެވެ. އޭނާ އުޅުނީ އޭނާގެ މަކަރެއްގެ ދަށުލައި ޚާލިދު ރަޟިޔަﷲ
އަންހު ޝަހީދުކޮށްލަން ރާވައިގެންނެވެ. ނަމަވެސް ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ
ޢަންހު ހުރުމުޒުގެ ރޭވުން ކާމިޔާބުވިޔަކަ ނުދެއްވިއެވެ. އޭނާ
ޤަތުލުކޮށްލެއްވިއެވެ. އެއަށްފަހު ހުރުމުޒުގެ އިސްލަޝްކަރާ ޙަމަލާދެއްވިއެވެ. އީރާނުގެ
ސިފައިންނަށް އިސްލާމީ މުޖާހިދުންގެ ކުރިމައްޗަކު ފައިތިލަ ސާބިތުކޮށެއް
ނުލެވުނެވެ. އެބައިމީހުން ބަލިވެގެން ފިލައިގެން ހިނގައްޖެއެވެ. މިހަނގުރާމައިގައި
މައިދާނުން ފިލައިގެން ނުދިޔުމުގެ މަޤްޞަދުގައި ފާރިސީންގެ އެތައްބަޔަކު
އައިސްތިބީ އެކުގައި ހިލިހިލާ އެޅިގެންނެވެ. އެހެންކަމުން މިހަނގުރާމައަށް
ޒާތިއްސަލާސިލްގެ ނަންދެވުނެވެ.
މިފަތަޙައިގެ ޚަބަރު ލިބިވަޑައިގެންނެވުމުން أمير المؤمنين
އަބޫބަކުރުއްޞިއްދީޤު
ރަޟިޔަﷲ ޢަންހު ވަރަށް ބޮޑަށް އުފާކުރެއްވިއެވެ. އެކަލޭގެފާނު ޝުކުރުގެ ސަޖިދަ
ކުރެއްވިއެވެ. ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު ގެ ޚިދުމަތުގެ އަގު ވަޒަން
ކުރެއްވުމުގެ ގޮތުން ހުރުމުޒުގެ ތާޖު ޚާލިދުގެފާނަށް ދެއްވިއެވެ. އެތާޖަކީ
އެޒަމާނުގެ އަގުން އެއްލައްކަ ރުފިޔާގެ އަގުހުރި ތާޖެކެވެ. ޚާލިދު ރަޟިޔަﷲ ޢަންހު
އިސްލާމީ ލަޝްކަރާއިގެން ކުރިޔަށް ވަޑައިގެން ލަޝްކަރު މަޑުކުރެއްވީ މިހާރު ބަޞަރާ
އާބާދުވެފައި އެވާ ތަނުގައެވެ.
ޒާތިއްސަލާސިލްގެ ހަނގުރާމައިގައި ހުރުމުޒު ބަލިވުމުގެ ކުރިން އީރާނުގެ
ދަރުބާރުން ވަނީ ޤާރަންގެ ވެރިކަމުގެ ދަށުގައި ހުރުމުޒަށް އެހީވުމަށް ލަޝްކަރެއް
ފޮނުވައިފައެވެ. ހުރުމުޒު ޤަތުލުވި ޚަބަރު ޤާރަނަށް ލިބުނީ އޭނާ
ދަތުރުކުރަމުންއައި މަގުމަތީގައެވެ. ޤާރަންގެ ލަޝްކަރު މަޑުކުރީ އަލްމަޒާރުގައެވެ.
ޚާލިދު ރަޟިޔަﷲ ޢަންހު ލަޝްކަރާއިގެން ވަޑައިގެން ހަނގުރާމަ ކުރައްވައި ޤާރަން
ޤަތުލު ކުރެއްވިއެވެ. އީރާނީ ލަޝްކަރު ބަލިވެގެން ފިލައިގެން ހިނގައްޖެއެވެ.
މިހަނގުރާމައިގައި މުސްލިމުންގެ އަތުން އީރާނީ ސިފައިންގެ ތިރީސް ހާސް މީހުން
ޤަތުލުވި ކަމުގައި ބުނެވެއެވެ. އޭގެތެރޭގައި އަނޫޝްޖާނާއި، ޤުބާދު ފަދަ މަޝްހޫރު
އީރާނީ އޮފިސަރުންވެސް ހިމެނެއެވެ.
އީރާނުގެ ޝަހެންޝާހަށް އެލަޝްކަރު ބަލިވި ޚަބަރު ލިބިވަޑައި ގެންނެވުމުން
މުސްލިމުންނާ ދެކޮޅަށް މަދާއިނުން ދެލަޝްކަރު ފޮނުއްވިއެވެ. އެއްލަޝްކަރު
އަންދަރުޒުގިރުގެ ވެރިކަމުގެ ދަށުގައެވެ. އަނެއް ލަޝްކަރު ބަހްމަންޖާދުވިއްޔާގެ
ވެރިކަމުގެ ދަށުގައެވެ. އަންދަރުޒުގިރުގެ ލަޝްކަރުގައި ޙީރަތާއި ކަސްކަރުގެ އަހުލުވެރީންނާއި،
ޢަރަބި ކްރިސްޓިއަނުންގެ އެތައް ބަޔަކު ބައިވެރިވިއެވެ. އެލަޝްކަރު މަޑުކުރީ
އަލްވަލްޖާގައެވެ.
ޚާލިދު ރަޟިޔަﷲ ޢަންހު އަށް އެލަޝްކަރުތަކުގެ ޚަބަރު ލިބިވަޑައި ގެންނެވުމުން
އެބައިމީހުންނާ ހަނގުރާމައަށް ކަރަތެރެއަށް ވެދެވަޑައި ގެންނެވިއެވެ. ނަމަވެސް
އެނބުރިވަޑައި ގަންނަވާނެ މަގު ޙިމާޔަތް ކުރެއްވުމަށްޓަކައި ތަންތަންކޮޅަށް
ސިފައިންގެ ޖަމާޢަތްތައް ދޫކުރައްވަމުން ގެންދެވިއެވެ. ވަލްޖާއަށް ވަޑައިގެން
ފާރިސީންގެ ލަޝްކަރާ ތިންފަރާތުން ޙަމަލާދެއްވިއެވެ. އެއްފަރާތުން ޙަމަލާދެއްވީ
ޚުދު ޚާލިދު ބުނު ރަޟިޔަﷲ ޢަންހު އެވެ. އަނެއް ދެފަރާތުން مثنى بن
حارث ރަޟިޔަﷲ
ޢަންހު އާއި قعقاع بن عمرو
ރަޟިޔަﷲ
ޢަންހު އެވެ. ޚާލިދު ގެފާނުގެ މިރެއްވެވުމުން ދުޝްމިނުންގެ ހިތަށް ބިރުވެރިކަން
ވަދެ ދާދި އަވަހަށް ބިރުން ފިލައިގެން ހިނގައްޖެއެވެ.
ޙީރަތު
ވަށައިލެއްވުން
އެހައިތަނުން ހިނގި ހަނގުރާމަތަކުގައި އީރާނުގެ ސިފައިންނާ އެހީތެރިވި
ބަކުރުވަންހައިގެ ކްރިސްޓިއަން ޢަރަބީންގެ ތެރެއިން ގިނަ މީހުންވަނީ އެ
ހަނގުރާމަތަކުގައި ޤަތުލުވެފައެވެ. އެހެންކަމުން މުތަނައްޞިރު ޢަރަބީން
މުސްލިމުންގެ ކިބައިން ބަދަލު ހިފުމަށްޓަކައި ބަހްމަންޖާދުވިއްޔާގެ ލަޝްކަރުގައި
ބައިވެރިވިއެވެ. ބަހްމަން ލަޝްކަރާއިގެން ހުރީ އަލްއަންބާރާ ޖެހިގެން އޮންނަ
އުއްލައިސުގައެވެ. ޚާލިދު ރަޟިޔަﷲ ޢަންހު ކަސްކަރު ފަތަޙަ ކުރެއްވުމަށްފަހު
އުއްލައިސަށް ވަޑައިގެން ރޭގަނޑު ހަނގުރާމަ ފައްޓަވައި އެލަޝްކަރުގެ ބޮޑުބައި
ޤަތުލުކޮށް ލެއްވިއެވެ.
އުއްލައިސުގެ ހަނގުރާމައިން ނިމިވަޑައިގެން ޚާލިދު ވަޑައިގެންނެވީ
އަމްޣީޝިޔާއަށެވެ. ޚާލިދު ވަޑައިގަންނަވާ ޚަބަރު ލިބިމުން އެރަށުގެ އަހުލުވެރީން
ރަށް ހުސްކޮށްފިއެވެ. އެއަށްފަހު ޚާލިދު ރަޟިޔަﷲ ޢަންހު ފުރާތުކޯރުގެ ތެރެއިން
ބައްތެލި ފަހަރުގައި ޙީރަތާ ދިމާޔަށް ވަޑައިގެންނެވިއެވެ. އިސްލާމީ ލަޝްކަރު
އެއްގަމަށް އެރިޔަނުދިނުމަށްޓަކައި އީރާނީން ފުރާތުކޯރުގެ ފެންގަނޑު ބަންދު
ކުރުމަށްފަހު ކޯރުގެ އައްސޭރީގައި ވަރަށް ބޮޑު ލަޝްކަރެއް ރުކުރުވައިލިއެވެ.
ޚާލިދުގެ އަމުރުފުޅަށް މުސްލިމުން ތީރުން ޙަމަލާދިނުމުން އީރާނުގެ ލަޝްކަރަކަށް
ނުހިފެހެއްޓުނެވެ. ޚާލިދު އިސްލާމީ ލަޝްކަރާއިގެން ޙީރަތް ޙިޞާރު ކުރެއްވިއެވެ.
ޙީރަތުގެ އަހުލުވެރީންނަށް މުސްލިމުންނާއި ހަނގުރާމަ ނުކުރެވޭނެކަން ވިސްނިގެން
ޞުލްޙަވުމަށް އެދި ހުށަހެޅުމުން ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު އެކަން
ޤަބޫލުފުޅު ކުރެއްވިއެވެ. މުސްލިމުންނަށް ކޮންމެ އަހަރަކު އެއްލައްކަ ނުވަދިހަހާސް
ދިރުހަމުގެ ޖިޒީދިނުމުގެ މައްޗަށް ދެފަރާތުން އެގްރީމެންޓެއް ކުރެވުނެވެ.
އުތުރު ޢިރާޤް
ފަތަޙަ ކުރެއްވުން
ދެކުނު ޢިރާޤު ފަތަޙަ ކުރެއްވުމަށްފަހު ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު
ޙީރަތުގައި އެކަލޭގެފާނުގެ ނާއިބަކަށް ޤައުޤާޢު ބުނު ޢުމަރު ވ ރަޟިޔަﷲ ޢަންހު
ޙީރަތުގައި އެކަލޭގެފާނުގެ ނާއިބަކަށް قعقاع بن
عمرو رضى الله
عنه ބަހައްޓަވައިފައި ވަޑައިގެންނެވީ ޢިޔާޟު ބުނު
ޢަންމު ރަޟިޔަﷲ ޢަންހު އަށް އެހީތެރިވެވަޑައި ގެންނެވުމަށްޓަކައި އުތުރު
އިރާޤަށެވެ. އުތުރު ޢިރާޤާއި ޝާމްކަރައާ ގުޅޭ ސަރަޙައްދުގައިވާ ދޫމަތުލްޖުންދަލަކީ
ރިސާލަތުގެ ދައުރުގައިވެސް އަރަބި ކްރިސްޓިޔަނުން މުސްލިމުންނާ ދެކޮޅަށް ނުބައި
ރޭވުންތައް ރޭވުމުގެ ޚާއްޞަ މަރުކަޒެވެ. އެހެންކަމުން رسول الله
صلّى الله عليه
وسلّم ތަބޫކު ހަނގުރާމައަށްފަހު
ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު ފޮނުއްވައިގެން އެތާނގެ ބޮޑުންކުރެ أكيدر بن
عبد الملك ކިޔަމަން ކުރެއްވިއެވެ. ނަމަވެސް އޭގެފަހުންވެސް އެތާނގެ
އަހުލުވެރީންގެ ފިތުނަވެރިކަމެއް ނުހުއްޓެއެވެ. އެހެން ކަމުން އަމީރުލްމުއުމިނީން
އަބޫބަކުރު ރަޟިޔަﷲ ޢަންހު ދޫމަތުލްޖަންދަލްގެ މައްސަލަ ހަމަޖެއްސެވުމަށްޓަކައި
ޢިޔާޟް ބުނު ޢަންމު ރަޟިޔަﷲ ޢަންހު ފޮނުއްވިއެވެ. އެކަލޭގެފާނަށް
އެންގަވައިފައިވަނީ ދޫމަތުލްޖަންދަލް ފަތަޙަ ކުރެއްވުމަށްފަހު ޚާލިދު ބުނު
އަލްވަލީދު އަށްވުރެކުރިން ޢިރާޤުގެ ސަރަޙައްދަށް ވެދެވަޑައިގެންފިނަމަ ޢިރާޤުގެ
ކޮމާންޑަރ އިންޗީފަކީ ޢިޔާޟް ކަމުގައެވެ. ނަމަވެސް ޚާލިދުގެފާނު ދެކުނު ޢިރާޤު
ފަތަޙަކުރެއްވިއިރުވެސް ޢިޔާޟް އަކަށް ދޫމަތުލްޖަންދަލް ފަތަޙައެއް ނުކުރެވުނެވެ.
ޚާލިދުގެފާނު ދަތުރުކުރެއްވި މަގުމަތީގައި އެންމެ
ފުރަތަމަ ވަޑައިގަތީ އަލްއަންބާރަށެވެ. އެތާނގެ އަހުލުވެރީންނަށް
މުސްލިމުންނާ ހަނގުރާމަ ނުކުރެވިގެން ކިއްލާއަށް ވަދެ ކިއްލާ ބަންދުކޮށްފިއެވެ.
ޚާލިދު އެބައިމީހުންނަށް ޚަބަރު ފޮނުއްވެވިއެވެ. ތިޔަބައިމީހުންނަށް ވިލާތަކުގެ
ތެރެއަށް އަރައި ރައްކައުވެވޭނެނަމަ ރައްކާތެރިވާށެވެ. އަހަރެމެން އެތަނަށްވެސް
ގޮސް ތިޔަބައިމީހުން ބާލާނޫއެވެ. އެންމެފަހުން އަންބާރުގެ އަހުލުވެރީން އެދުނީ
އަނބިދަރީންނާއެކު އަސްމަތީގައި ރަށުން ފައިބައިގެން ދިއުމުގެ ހުއްދަ
ދެއްވުމަށެވެ. ކިއްލާއާއި މުދާތަކާއި ދަނޑުފަގު މުސްލިމުންނަށެވެ. ޚާލިދުގެފާނު
އެގޮތް ޤަބޫލު ކުރެއްވިއެވެ. އަލްއަންބާރު ހުސްވުމުން އެހިސާބުގަނޑުގެ ވެރީންނާއި
ބިންވެރީން ޚާލިދުގެފާނު އަރިހަށް އައިސް މުސްލިމުންނަށް ޖިޒީދީ ޞުލްޙައިގެ
އެގްރީމެންޓް ތަކުގައި ސޮއިކުރިއެވެ.
ކްރިސްޓިއަން ކޮމާންޑަރުންނަށް ޚާލިދު ވަޑައިގަންނަވާ ޚަބަރު ލިބުމުން
މެހެރާންގާތު ބުންޏެވެ. " އަހެރެންނަކީ ޢަރަބީންނެވެ. ޢަރަބީންގެ
ހަނގުރާމައިގެ ވައްޓަފާޅި އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ވީމާ
ކަލޭމެން މިތާނގައި ތިބޭށެވެ. އަހަރެމެން މުސްލިމުންނާ ކުރިމަތިލާނަމެވެ. "
މެހެރާން ޖަވާބުދިނެވެ. " ތިޔަބުނީ ހެޔޮކޮށެވެ. ދަގަނޑުކެނޑޭނީ ހަމަ ދަގަނޑުންނެވެ.
"
عقة ގެ ލަޝްކަރާއި އިސްލާމީ ލަޝްކަރު
މައިދާނުން ބައްދަލުވުމުން ޚާލިދުގެފާނު އެކަލޭގެފާނުގެ އާދަފުޅުގެ މަތީން عقة އަށް މުބާރިޒާކުރަން ދަޢުވަތު
ދެއްވިއެވެ. عقة މައިދާނަށް
ނުކުތުމުން ޚާލިދު ގެފާނު ހުޝިޔާރެވެ. ޚަބަރުދާރެވެ. ވިދާޅުވެފައި އޭނާއާ ޙަމަލަ
ދެއްވުމަށްޓަކައި ފުންމައިވަޑައި ގެންނެވުމުން عقة ގަތްބިރުން އޭނާގެ އަތުން ކަނޑި
ވެއްޓިއްޖެއެވެ. ޚާލިދުގެފާނު އޭނާގެ ކަނޑި ނަންގަވައިފައި އޭނާއަށް ދެއްވާން
ޤަޞްދުކުރެއްވިއެވެ. ނަމަވެސް عقة ބިރުން ތުރުތުރު އަޅާން ފެށިއެވެ. ޚާލިދުގެފާނު އޭނާ
މުސްލިމުންގެ ސިފައިންގެ މީހަކާ ޙަވާލުކުރެއްވިއެވެ. އެމަންޒަރު ފެނިފައި
ކްރިސްޓިޔަން ޢަރަބީންގެ ލަޝްކަރު ބިރުން ފިލައިގެން ހިނގައްޖެއެވެ. ކްރިސްޓިޔަން
ޢަރަބީންގެ ތެރެއިން ހަނގުރާމައިގައި ބަލިވި ޖަމާޢަތްތައް އެނބުރި އައިއިރު
އީރާނުގެ ލަޝްކަރުވީ ފިލައިގެން ގޮހެވެ. އެހެންކަމުން އެބައިމީހުން މަޖުބޫރުވެގެން
ކިއްލާ ބަންދުކޮށްގެން ތިބީއެވެ. އެންމެ ފަހުގެ ނަތީޖާއަކީ މުސްލިމުން ކިއްލާ
ފަތަޙަ ކުރުމެވެ.
ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު އެތާނގައި ހުންނަވަނިކޮށް ޢިޔާޟް ބުނު
عنم ގެ ސިޓީފުޅެއް
ލިބިވަޑައި ގެންނެވިއެވެ. އޭރު ޢިޔާޟް ހުންނެވީ ދޫމަތުލްޖަންދަލް ޙިޞާރު
ކުރައްވައިގެނެވެ. ޢިޔާޟް ގެ ސިޓީފުޅުގައި ޚާލިދުގެ އަރިހުން އެހީފުޅަށް
އެދިވަޑައިގެންފައިވެއެވެ. ޚާލިދުގެފާނު އެސިޓީފުޅުގެ ޖަވާބުގައި ވަރަށްކުރު ސިޓީފުޅެއް ފޮނުއްވިއެވެ.
" ޚާލިދު ބުނު އަލްވަލީދު ގެ ފަރާތުން ޢިޔާޟް ބުނު عنم އަށް، އަޅުގަނޑު ކަލޭގެފާނުގެ އަރިހަށް
އެބަދަމެވެ. "
ދޫމަތުލްޖަންދަލްގައި ކްރިސްޓިޔަން ޢަރަބީންގެ ވަރަށްބޮޑު ލަޝްކަރެއް އޮތެވެ.
ޚާލިދު ބުނު އަލްވަލީދު ވަޑައިގަންނަވާ ޚަބަރު ލިބުމުން އެބައިމީހުންގެ ރައީސް أكيدر بن
عبدالملك އޭނާގެ
އެކުވެރީ ގާތު ބުންޏެވެ. އަހަރެން ޚާލިދު ވަރަށް ރަނގަޅަށް ދަންނަމެވެ. ޚާލިދު
އަށްވުރެން ތޫނުފިލި، ކުޅަދާނަ، ސިފައިންގެ ޖަނަރަލަކު އަހަރެން ނުދެކެމެވެ.
ލަޝްކަރެއްގެ ކިތަންމެ ބައިގިނަޔަސް ޚާލިދުގެ ކުރިފުޅުމަތީގައި ބަލިނުވެ ދިޔުމަކީ
އެކަށީގެންވާ ކަމެއްނޫނެވެ. ތިޔަބައިމީހުން އަހަރެންގެ ބަސް ޤަބޫލުކުރާށެވެ.
ޚާލިދު އާ ޞުލްޙަވާށެވެ. ނަމަވެސް އެބައިމީހުން أكيدرއެކަމާ ނުޤަބޫލުވެގެން އޭނާގެ
އެކުވެރީންނާ ވަކިވެގެން ރަށުން ނިކުމެގެންދާން އުޅުމުގެ ތެރޭގައި
ޤަތުލުވެއްޖެއެވެ.
ދޫމަތުލްޖަންދަލް ޙިޞާރު ކުރެއްވީ އެއްފަރާތުން عياض بن
عنمއެވެ.
އަނެއްފަރާތުން ޚާލިދު ބުނު އަލްވަލީދެވެ. އެރަށުގެ އަހުލުވެރީންނަށް
އެދެބޭކަލުންގެ ކުރިފުޅުމަތީ ނުހިފެހެއްޓި ބަލިވީއެވެ. އެރަށުގައި ތިބި
ހަނގުރާމަވެރިންކުރެ ކުލަބު ވަންހައިގެ މީހުން ފިޔަވައި އެހެން އެކަކުވެސް
ޤަތުލުން ސަލާމަތެއް ނުވެއެވެ. ކުލަބު
ވަންހައިގެ މީހުންނަކީ ތަމީމު ވަންހައިގެ މީހުންގެ އެކުވެރީން ކަމުގައިވާތީ عاصم بن
عمرو تميمىއެބައިމީހުންނަށް އަމާން ދެއްވީއެވެ.
ދޫމަތުލްޖަންދަލް ފަތަޙަ ކުރެއްވުމަށްފަހު ޚާލިދު އެނބުރިވަޑައިގަތީ
ޚީރަތަށެވެ. އެރަށަށް ވަޑައިގެންނެވުމުން ޢަޖަމީން ލަޝްކަރު އެއްކޮށްގެން
މުސްލިމުންނާ ވަރުގަދަ ޙަމަލައެއްދޭން އުޅޭކަން އެނގިވަޑައިގެންނެވިއެވެ.
އެހެންކަމުން އަލްޙުޞައިދާއި އަލްޚަނާފިސާ ދިމާޔަށް ދެލަޝްކަރު ފޮނުއްވިއެވެ.
އަލްޙުޞައިދަށް ފޮނުއްވީ قعقاع
بن عمروއެވެ. އަލްޚަނާފިސަށް ފޮނުއްވީ أبو ليلىއެވެ. އެދެލަޝްކަރު އެތާނގައި ޖަމާވެފައިތިބި އީރާނު
މީހުން ބަލިކޮށް ވިއްސިވިހާލި ކޮށްލިއެވެ. ޚާލިދުގެފާނު ވަޑައިގެންނެވީ އަލްމުޞީޚާ
ދިމާޔަށެވެ. އެރަށުގައި ޢަރަބި ޤަބީލާތަކެއް ހަނގުރާމައަށް ތައްޔާރުވެގެން
ތިއްބެވެ. ވަރަށް ނުރައްކާތެރި، ބިރުވެރި ހަނގުރާމަޔަކަށްފަހު ދުޝްމިނުން
ބަލިވިއެވެ.
އެއަށްފަހު ޢިރާޤުކަރައާއި އަލްޖަޒީރާއާއި ޝާމުކަރައިގެ ސަރަޙައްދާ
ގުޅޭތަނެއް ކަމުގައިވާ އަލްފަރާޟުގައި ރޫމީންނާއި އީރާނީންނާއި، ޢަރަބީން
އެކުވެގެން ޚާލިދު އާ ހަނގުރާމަކުރިއެވެ. ޚާލިދުގެފާނު އެއެންމެން އެއްފަހަރާ
ބަލިކޮށްލެއްވިއެވެ. އެހަނގުރާމަ ހިނގީ ހިޖުރައިން ބާރަވަނަ އަހަރުގެ ޛުލްޤަޢިދާ
މަހުގެ ފަނަރަވަނަ ދުވަހުއެވެ. ފަރާޟުގައި ދިހަދުވަސް ވާންދެން ހުންނެވުމަށްފަހު عاصم بن
عمروއަށް
ލަޝްކަރާއިގެން ޙީރަތަށް ވަޑައިގަންނަވާން އެންގެވިއެވެ. ޚާލިދުގެފާނާ ބެހޭގޮތުން
މީހުންނަށް އެންގެވީ އެކަލޭގެފާނު ލަޝްކަރުގެ ފަސްފަހަތުން އެބަވަޑައިގަންނަވާ
ކަމަށެވެ. ނަމަވެސް އެކަލޭގެފާނުގެ އެކުވެރީންގެ ޖަމާޢަތަކާއެކު އަވަސް އަވަހަށް
މައްކާއަށް ވަޑައިގެން ޙައްޖުވެވަޑައިގަތުމަށްފަހު ލަޝްކަރުގެ ފަހަތުބަޔަށް
(ސާޤާއަށް) ޙީރަތަށް ނުދެވެނީސް ލަޝްކަރުގެ ފަހަތުބަޔާ ގުޅިވަޑައި ގެންނެވިއެވެ.
އެކަލޭގެފާނުގެ އަރިހުގައި ވަޑައިގެންވި ބޭކަލުން ފިޔަވައި އެހެން އެކަކަށްވެސް
އެކަލޭގެފާނު ޙައްޖަށް ވަޑައިގެންނެވިކަމެއް ނޭނގުނެވެ. ނަމަވެސް أمير المؤمنين
އަބޫބަކުރުއްޞިއްދީޤު
ރަޟިޔަﷲ ޢަންހު އަށް އެކަން އެނގިވަޑައި ގެންނެވުމުން އެގޮތަށް ލަޝްކަރު
ދޫކޮށްލައްވައިފައި ވަޑައިގެންނެވީތީ ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާކަން
އެންގެވިއެވެ.
އޭގެފަހުން أمير المؤمنين އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ގެ
ފަރާތްޕުޅުން ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު އަށް އަމުރުފުޅު އައީ
ޢިރާޤުގެ މައިދާން مشنىއާ ޙަވާލުކުރައްވާފައިވާ ޚާލިދުގެ އަރިހުގައިވާ
ލަޝްކަރާއިގެން ޝާމުކަރަޔަށް ވަޑައިގެން ޔަރްމޫކުގައި ތިބި އިސްލާމީ ލަޝްކަރާ
ގުޅިވަޑައިގެންނެވުމަށެވެ.
ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު ޢިރާޤުގައި ހުންނެވީ ސާދަމަސް
ދުވަހުއެވެ. ޚާލިދުގެ އަރިހުގައި ތިބީ ދިހަހާސް ސިފައިންނެވެ .مشنىރަޟިޔަﷲ ޢަންހު އާއި އެހެނިހެން
މުސްލިމް ޖަނަރަލުންގެ އަރިހުގައިވެސް ތިބީ ގާތްގަނޑަކަށް ދިހަވަރަކަށް ހާސް
ސިފައިންނެވެ. އެހައި ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެހައިމަދު ސިފައިންގެ
ބޭނުންފުޅު ކުރައްވައިގެން ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު ހޯއްދެވިފަދަ
ފުތޫޙާތުތަކެއް މިއަދާ ހަމަޔަށްވެސް އެއްވެސް ސިފައިންގެ ވެރިޔަކަށް
ހޯއްދެވިފައެއް ނެތެވެ. އަލްއުބުއްލާއިން ފެށިގެން އަލްފަރާޟާ ހަމަޔަށް ޢިރާޤުގެ
ސަރަޙައްދު އީރާނުފަދަ ބޮޑު ބާރެއްގެ އަތްދަށުން
ފިރުއްކަވައި ގެންނެވިއެވެ . އީރާނީންނާއި، ޢަރަބީންނާއި، ރޫމީންނާ، އެތައް
މައިދާންތަކެއްގައި ހަނގުރާމަ ކުރެއްވިއެވެ. އެއިން ކޮންމެ ހަނގުރާމައެއްގައިވެސް
ފަތަޙަ ހޯއްދެވިއެވެ. މިސްރާބު ޖައްސަވާ ކޮންމެ ދިމާއަކުންވެސް އެކަލޭގެފާނަށްވުރެ
ކުރީން އެކަލޭގެފާނުގެ ނަންފުޅު ހިނގަމުންދިޔައެވެ. ފަތަޙަ ހޯއްދަވަމުން
ގެންދަވާއިރު އަބަދުވެސް އެނބުރިވަޑައި ގަންނަވާނެ މަގު ޙިމާޔަތް ކުރައްވާފައި
ބާއްވަވައެވެ. ފަތަޙަކުރައްވާ ކޮންމެ ތަނެއްގައިވެސް ރައްޔިތުންގެ ކަންތައްތައް
އިޞްލާޙުކުރައްވައި، އަމްނުއަމާންކަން ޤާއިމް ކުރެއްވުމަށާއި، ގޮޔާއި ވާރު
ނެންގެވުމަށް އެކަލޭގެފާނުގެ ފަރާތްޕުޅުން ޢާމިލުން ބައިތިއްބައެވެ.
ދަނޑުވެރީންނާއި މަސައްކަތްތެރީންނަށް އިންތިހާ ދަރަޖައަށް އޯގާތެރިވެވަޑައި
ގަންނަވައެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތުގައި އީރާނު ސަރުކާރުގެ
ބަދަލުގައި އިސްލާމީ ދައުލަތަށް ލޯތްބާއި އިޚްލާޞްތެރިކަން އުފެދެއެވެ. ޞުލްޙަ
މަސަލަސްކަމާއެކު އެބައިމީހުންގެ މަސައްކަތުގައި މަޝްޢޫލުވެއެވެ.
ރައްޔިތުންނާމެދު އޯގާތެރިވެ ވަޑައިގަންނަވާ ވަރަށް ދުޝްމިނުންނާމެދު
އެކަލޭގެފާނު ހަރުކަށިފުޅެވެ. ދުޝްމިނުންގެ ލަޝްކަރެއް ހަމަ ފެނިވަޑައި ގަތުމާއެކު
ފުރިހަމަ ރޭއްވެވުންތެރިކަމާއިއެކު ވަރުގަދަ ޙަމަލާތައް ދެއްވައެވެ.
އެލަޝްކަރެއްގެ އިސް އޮސިސަރުންނާއި ނަންހުރި ހެވީން ހޮއްވަވައި ލައްވައި
މުބާރިޒާއިން ދެރަކުރައްވައެވެ. ނަތީޖާއެއްގެ ގޮތުން އެލަޝްކަރެއްގެ ޢަސްކަރީ ބާރު
މާގިނަދުވަހަކު ދެމިއެއް ނޯވެއެވެ.
އެހެންކަމުން ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހުގެ މަސައްކަތްޕުޅަކީ
އިސްލާމީ ފުތޫޙާތުގެ ނިތްކުރީގެ ނޫރެވެ. އަމީރު أمير المؤمنين
އަބޫބަކުރުއްޞިއްދީޤު
ރަޟިޔަﷲ ޢަންހު ގެ ފަރާތްޕުޅުން ޚާލިދު ބުނު އަލްވަލީދު އަށް ޢިރާޤުގެ އެތެރެއަށް
އެއަށްވުރެ ބޮޑަށް ވެދެވަޑައި ގެންނެވުމުގެ ހުއްދަ ލިބިވަޑައިގެންނެވިނަމަ ފާރޫޤީ
ދައުރުގެ ބައެއް މުހިއްމު ޙާދިޘާތައް ޞިއްދީޤީ ދައުރުގައި ހިނގުމަކީ އެކަށީގެންވާ
ކަމެއްކަމުގައި މުއައްރިޚުން ބަޔާން ކުރައްވައެވެ.
ޚާލިދު ބުނު އަލްވަލީދު އެކަލޭގެފާނުގެ ލަޝްކަރުގެ ވަރަށްބޮޑު ބަޔަކާއެކު
ޝާމުކަރައަށް ވަޑައިގަތުމުން ނަތީޖާއަކަށްވީ ޢިރާޤުގައި ބަޣާވާތުގެ އަސަރު
ފެތުރޭން ފެށުމެވެ. ޢިރާޤުގެ ވަރަށް ގިނަ ބަޔަކު އެބައިމީހުންގެ ޢަހްދު
އުވައިލުމެވެ. مثنىހަތަރުފަރާތަށް
ނަޒަރު ހިންގެވުމަށްފަހު އަނެއްކާވެސް މަދީނާއަށް ވަޑައިގެންނެވިއެވެ.
އެކަލޭގެފާނު މަދީނާއަށް ވަޑައި ގެންނެވިއިރު أبوبكر رضى الله
عنه ޢަންހު
އޮންނެވީ އަވަހާރަވުމުގެ އާލާސްކަންފުޅުގައެވެ. ނަމަވެސް އެކަލޭގެފާނު مشنىއާ ބައްދަލުކުރެއްވިއެވެ. ޢުމަރު
ރަޟިޔަﷲ ޢަންހު އާ مشنىއާ ބައްދަލުކުރައްވައި އެއްވެސް ޙާލެއްގައި ޢިރާޤު
ދޫކޮށްނުލެއްވުމަށް ވަޞިއްޔަތް ކުރެއްވިއެވެ.
ޝާމުކަރައިގެ ފުތޫޙާތަށް ފެއްޓެވުން
ޕާޝިޔަން އެމްޕަޔަރ ފިޔަވައި އެޒަމާނުގައި ދުނިޔޭގައި ދެވަނައަށްއޮތް
އެންމެބޮޑު ބާރަކީ ރޯމަން އެމްޕަޔަރެވެ. ދައުލަތުގެ ސަރަޙައްދުގެ ތަނަވަސްކަމާއި،
އާރާއި ބާރާއި ކީރިތި މޫރިތިކަމަށް ބަލާއިރު ޕާޝިޔަން އެމްޕަޔަރާ ވާދަކުރާ ބާރަކީ
އެއީއެވެ. ރޯމަން އެމްޕަޔަރގެ ވެރިރަށަކީ ރޯމެވެ.
އިރުމަތީ ޤައުމުތަކުގެ ތެރެއިންވެސް ޝާމުކަރައާއި މިޞްރާއި އިތިއޮޕިޔާއާއި
އަދިވެސް އެތައް ޤައުމުތަކެއް ރޯމަން އެމްޕަޑަރުގެ ދަށުގައި އޮތެވެ.
ޒަމާންތަކެއްގެ ފަހުން ރޯމަން އެމްޕަޔަރ ދެބައިވިއެވެ. ހުޅަނގުބައިގެ
ވެރިކަން ދެމިއޮތީ ކުރިއެކޭވެސް އެއްގޮތަށް ރޯމުގައެވެ. އިރުމަތީ ބައިގެ
ވެރިރަކަކަށްވީ ޤުސްޠަންޠީނިއްޔާ ނުވަތަ އިސްތަންބޯލެވެ. އިސްލާމްދީން ފެށުނު
ދުވަސްވަރު ޤުސްޠަން ޠީނިއްޔާގެ ތަޚުތުގައި އިންނެވި ހިރަޤުލެވެ. އޭނާ ރަސްކަމަށް
އިސްވެވަޑައި ގަތުމުގެކުރީން އޭނާއަކީ އެފްރިކާގެ ގަވަރނަރެވެ. ޤައިޞަރު ފޫޤާއާ
ދެކޮޅަށް ބަޣާވާތް ކުރައްވައި އޭނާ ޤަތުލު ކުރެއްވުމަށްފަހު މީލާދީން 610 ގައި
ތަޚްތަށް އިސްވެވަޑައި ގެންނެވީއެވެ. އޭނާގެ ވެރިކަން 641މ. އާ ހަމައަށް
ދެމިއޮތެވެ. މުސްލިމުން ޝާމުކަރަ ފަތަޙަކުރީ އޭނާގެ ރަސްކަމުގެ ދައުރުގައެވެ.
އިސްލާމްދީން ފެށުނު ދުވަސްވަރު ޤައިޞަރުފޫޤާއާއި ނޫޝިރުވާނުގެ ލަޝްކަރާ
ދެމެދު ހަނގުރާމަ ހިނގިއެވެ. އެހަނގުރާމައިގައި ފާރިސީންނަށް ފަތަޙައަކަށްފަހު
ފަތަޙައެއް ލިބެމުން ދިޔައެވެ. ފިނީޝިޔާއާއި، ފަލަސްޠީނު ސުންނާފަތި ފޮށްލިއެވެ.
ބޮސްފަރަސްގެ އައްސޭރިޔާ ހަމައަށް ރޫމީން ފަހަތަށް ގަޅުވައިލިއެވެ. އެއަށްފަހު
ހިރަޤުލްގެ ވެރިކަމުގެ ދުވަސްވަރު ޤުދުސަށްވެސް ޙަމަލާދިނެވެ. އެރަށުގައި ހުރި
މަސީޙީންގެ އެތައް އާޘާރުތަކެއް ވުޖޫދުން ފޮހެލިއެވެ. " މުޤައްދަސް "
ޞަލީބު އަތުލައިގަތެވެ. 616މ. ގައި މިޞްރަށް ޙަމަލާދީ އިސްކަންދަރިއްޔާ އާ
ހަމައަށް ފަތަޙަކުރިއެވެ.
އިސްލާމީ ލަޝްކަރު މަޢާނަށް (ޝާމްކަރަ) ގޮސް މަޑުކުރިއެވެ. އަނެއްކޮޅުން
ބުޞްރާގެ ވެރިޔާވެސް ހަނގުރާމައަށް ތައްޔާރުވިއެވެ. އެދުވަސްވަރު އިއްތިފާޤުން
ހިރަޤުލްވެސް މައާބު (ބަލްޤާއު) ގައި ހުންނެވިއެވެ. އޭނާގެ އަރިހުގައި ހަތިޔާރު އެޅި
އެއްލައްކަ ސިފައިންގެ ލަޝްކަރެއް އޮތެވެ. އެހެންކަމުން އެކަން ހިމެނެނީ ބުޞްރާގެ
އަމީރަށް ލިބުނު މާނަވީ ތާއީދަކަށެވެ. އެސަރަޙައްދުގެ ޢަރަބި ޤަބީލާތައް
ކަމުގައިވާ ލަޚުމާއި، ޖުޒާމާއި، ޤައިނާއި، ބައްލީއާއި، ބަހްރާ ވަންހައިގެ
މީހުންވެސް ކްރިސްޓިޔަން އެއްބައިވަންތަ ކަމުގެ ޖޯޝްގައި ތެދުވެގަތެވެ. ބައްލީ
ވަންހައިގެ ސަރުދާރު މާލިކު ބިން ޒާފިލާގެ ވެރިކަމުގެ ދަށުގައި ހަނގުރާމައަށް
ތައްޔާރުވިއެވެ. މިގޮތުން ޝާމްކަރައިގެ މައިދާނުގައި އެއްލައްކައަށްވުރެ ގިނަ
ޢަދަދެއްގެ ސިފައިންގެ ލަޝްކަރެއް ޖަމާވިއެވެ. އަނެއްކޮޅުން މުސްލިމުންގެ ޢަދަދަކީ
ކުރީންވެސް ދެންނެވި ފަދައިން ތިންހާހެވެ.
މިހަނގުރާމަ ހިނގީ ހިޖުރައިން އަށްވަނަ އަހަރުގެ ޖުމާދަލްއޫލާ މަހުގެ
ތެރޭގައެވެ. މިހަނގުރާމައިގައި زيد
بن حارثة رضي
الله عنهދުޝްމިނުންގެ އަތުން ޝަހީދުވެ
ވަޑައިގަތެވެ. އެކަލޭގެފާނަށްފަހު جعفر
بن أبى طالب
رضي الله عنهއާއި عبدالله
بن رواحة رضي
الله عنهވެސް އިސްލާމީ ލަޝްކަރުގެ ވެރިކަމުގައި
ތިއްބަވައި ހަނގުރާމަ ކުރެއްވުމުގެ ތެރޭގައި ޝަހީދުވެ ވަޑައިގަތެވެ. މުސްލިމުންގެ
ތިންއަމީރުން ޝަހީދުވެ އިސްލާމީ ލަޝްކަރުގެ އަމީރަކުނެތި ދިދަ ވެއްޓުމުން
މުސްލިމުންގެ ސަފުތައް ރޫޅެންފެށިއެވެ. އެވަގުތު މުސްލިމުންގެ މުޖާހިދެއް
ކަމުގައިވާ ثابت بن أقوم އިސްލާމީ ދިދަ އުފުއްލަވައި ލެއްވުމަށްފަހު ބާރު
އަޑުފުޅުން ގޮވައިލެއްވިއެވެ. " މުސްލިމުންނޭވެ! ކޮންމެވެސް މީހަކަށް
އަމީރުކަން ދިނުމަށް އެއްބަސްވާށެވެ. "
މުސްލިމް ސިފައިންގެ ބައެއް މީހުން ޖަވާބުދިނެވެ. " ކަލޭގެފާނުގެ
އަމީރުކަމާ އަޅުގަނޑުމެން ރުހެމުއެވެ. " ޘާބިތު ޖަވާބު ދެއްވިއެވެ. "
އަޅުގަނޑަކަށް މިކަމެއް ނުކުރެވޭނެއެވެ. ތިޔަބައި މީހުން ޚާލިދު ބުނު އަލްވަލީދު
އަމީރަކަށް ހަދާށެވެ. " އެހައިތަނުން ޚާލިދުގެފާނުގެ އަމީރުކަމާ ރުހުމުގެ އަޑު
އުފުލޭން ފެށިއެވެ. އެއަޑު އިވިވަޑައިގަތުމާއެކު ޚާލިދު ކުރިއަށް ވަޑައިގެން
ދިދަޔާ ޙަވާލުވެވަޑައި ގަތެވެ. ޚާލިދުގެފާނު މުސްލިމުން ގޮވައިގެން ރޫމީންނާ
ޙަމަލަދެއްވައި ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރައްވައި ރޫމީ ލަޝްކަރު ފަހަތަށް
ޖެއްސެވިއެވެ. މިހަނގުރާމައިގައި މުސްލިމުންގެ ވަރަށް ގިނަ މުޖާހިދުން
ޝަހީދުވިއެވެ.
ނަމަވެސް މުސްލިމުންނާއި ރޫމީންނާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ޙާލަތު
ނިމުމަކަށް އަންނަގޮތެއް ނުވިއެވެ. ރޫމީންގެ އެހީއާއެކު ޣައްސާނީން މަދީނާއާ
ޙަމަލަދީ ނުވަރޭފެނުތެރޭގައި އޮތް އިސްލާމީ ދައުލަތް ސުންނާފަތި ކުރަން މަސައްކަތް
ކުރުމުގެ ބިރު އަބަދުވެސް އޮތީ ކުރިމަތިވެފައެވެ.
ހިޖުރައިން ނުވަވަނަ އަހަރުވެސް ޣައްސާނީން މަދީނާއަށް ޙަމަލަދޭން ވަރަށް
ބޮޑަށް ތައްޔާރުވިއެވެ. ރޫމީންގެ ޤައިޞަރު ޣައްސާނީންނަށް އެހީވެވަޑައި ގަތުމުގެ
ގޮތުން ސާޅީސްހާސް ސިފައިންގެ ލަޝްކަރެއް ދެއްވިއެވެ. އިތުރު ސާހިބާ صلّى الله
عليه وسلّم
އަށް އެޚަބަރު ލިބިވަޑައި ގެންނެވުމުން ތިރީސް ހާސް މުޖާހިދުންނާއިގެން
ޚުދު އެކަލޭގެފާނު ތަބޫކަށް ވަޑައިގެންނެވިއެވެ. ނަމަވެސް ރޫމީންނާއި
ޣައްސާނީންނަކަށް މުސްލިމުންނާ ހަނގުރާމައަށް އަންނާކަށް ނުކެރުނެވެ. އެހެން
ކަމުން އިތުރު ސާހިބާ ލަޝްކަރާއިގެން މަދީނާއަށް އެނބުރިވަޑައި ގެންނެވިއެވެ.
އެހައިތަނަކުންވެސް ރޫމީންނާއި ޣައްސާނީންގެ ނުރައްކާތެރިކަން
ފިލައިގެންދާގޮތެއް ނުވިއެވެ. ރޫމީންނާއި ޣައްސާނީންގެ ހަނގުރާމައިގެ
ތައްޔާރީތަކުގެ ޚަބަރުތައް މެދުކެނޑުމެއްނެތި މަދީނާއަށް ލިބެމުން ދިޔައެވެ.
އެލަސްކަރު ހޯދި ކާމިޔާބީއާ ވިދިގެންވެސް ރޫމީންގެ ނުރައްކާތެރިކަން
ހައްތަހާވީ އިތުރެވެ. އެހެންކަމުން މުރުތައްދުވީ މީހުންގެ ފިތުނައިގެ ދުވަސްވަރު
ޢަރަބިކަރައިގެ ޝާމްކަރަޔާ ގުޅޭ ސަރަޙައްދު ރައްކާތެރި ކުރެއްވުމަށްޓަކައި أبو بكر
رضي الله عنهޝާމްކަރައިގެ ސަރަޙައްދަށް ލަޝްކަރެއް ފޮނުއްވިއެވެ.
އެލަޝްކަރުގެ ވެރިޔަކަށް ފޮނުއްވީ خالد
بن سعيد بن
العاص رضي الله
عنهއެވެ.
އެކަލޭގެފާނަށް އަންގަވައިފައިވަނީ ތައިމާއޭ ކިޔާ ހިސާބުގައި މުސްލިމުންގެ ދިފާޢީ
ފާރެއްގެ ގޮތުގައި ލަޝްކަރާއިގެން މަޑުކުރެއްވުމަށެވެ. އެމަޤްޞަދުގައި
އެކަލޭގެފާނު އެތަނަށް ވަޑައިގަތެވެ. އެކަލޭގެފާނުގެ ލަޝްކަރާ ހަނގުރާމައަށް
ޝާމްކަރައިގެ ޢަރަބި ޤަބީލާތަކާއި ރޫމީންގެ ލަޝްކަރުތައް އެއްވާން ފެށިއެވެ. خالد بن
سعيد بن العاص
رضي الله عنهއެ ލަޝްކަރުތަކާ ދިމާކުރައްވައި އެބައިމީހުން
ބަލިކޮށްލެއްވުމަށްފަހު އެކަލޭގެފާނަށް އަމުރުވެވިގެންވާ ގޮތާ ޚިލާފަށް
ޝާމްކަރައިގެ އެތެރެއަށް ވެދެވަޑައި ގެންނެވިއެވެ.
ޝާމްކަރައިގެ މީހުން ހެދިގޮތަކީ ޚާލިދަށް އެތެރެއަށް ވެދެވަޑައި ގަތުމުގެ
ފުރުޞަތު އަރުވައިފައި ޚާލިދުގެ ލަބްކަރު ވަށައިލީއެވެ. ދެބައިމީހުންގެ މެދުގައި
ހިނގި ހަނގުރާމައިގައި ޚާލިދުގެ ދަރިކަލުން ސަޢީދު ޝަހީދުވެ މުސްލިމުންގެ ލަޝްކަރު
ބަލިވިއެވެ. އެބައިމީހުން ފިލަން ދުވިދުވުމުގައި މަޑުކޮށްލީ މަދީނާއާ ދާދި ގާތަށް
އައިހެވެ. أبو بكر رضي
الله عنهއަށް އެކަން އެނގިވަޑައި ގަތުމުން
ވަރަށް ބޮޑަށް ކޯފާވިއެވެ. އެތިއްބެވި ހިސާބުގައި މަޑުކުރެއްވުމަށާއި މަދީނާއަށް
އަރައިވަޑައި ނުގަތުމަށް ޚާލިދަށް އެންގެވިއެވެ. އެ ނާކާމިޔާބުގެ އަސަރު
ފިލުއްވައި ލެއްވުމަކީ ޚަލީފާއަށް ކޮންމެހެން ބޭނުންފުޅު ކަމަކަށް ވިއެވެ.
އެހެންކަމުން އެކަލޭގެފާނު ލަޝްކަރެއް ތައްޔާރު ކުރައްވައި އެލަޝްކަރުގެ އެކިއެކި
ބައިތައް އެކި ކޮމާންޑަރުންނާ ޙަވާލުކުރައްވައި ޝާމްކަރައަށް ފޮނުއްވިއެވެ.
އޭގެތެރެއިން ކޮންމެ ބޭކަލަކަށްވެސް އަންގަވައިފައިވަނީ ޝާމްކަރައިގެ ވަކި
ސަރަޙައްދެއް ފަތަޙަ ކުރައްވައި އެތާނގެ ގަވަރުނަރުކާމ ޙަވާލުވެވަޑައި ގަތުމަށެވެ.
أبو بكر رضي
الله عنه، أبو
عبيدةއަށް
އަންގަވައިފައި އޮތީ ޙިމްސަށް ވަޑައިގެންނެވުމަށެވެ. عمرو بن
العاصފަލަސްޠީނަށް
ވަޑައިގަތުމަށެވެ. ޔަޒީދު ދިމިޝްޤަށް ވަޑައިގަތުމަށެވެ. ޝަރުޖީލު އަރުދުންނަށް
ވަޑައިގެންނެވުމަށެވެ. މިދެންނެވި ހަތަރު ކޮމާންޑަރުންގެ އަރިހުގައިވާ މުޖާހިދުންގެ
ޢަދަދަކީ ގާތްގަނޑަކަށް ސަތިރީސް ހާހެވެ. ރޫމީންނަށް ދާދި އަވަހަށް އިވުނީ أبو عبيدة
رضى الله عنهއާއި يذيد
بن سفيان رضى
الله عنهއާއި شرجيل بن
حسنة رضى الله
عنهއެބޭކަލުންގެ
ލަޝްކަރާއިގެން ޝާމްކަރައިގެ ސަރަޙައްދަށް ވެދެވަޑައި ގެންނެވި ޚަބަރެވެ.
ކީރިތި ޤުރްއާން ޖަމާކުރެއްވުން
رسول الله صلّى
الله عليه وسلّمސުވަރުގެ ވަޑައިގަތުމުގެ ކުރީން އިތުރުސާހިބާގެ
ބެއްލެވުމުގެ ދަށުން ކީރިތި ޤުރްއާން ވަނީ ލިޔެވިފައެވެ. އާޔަތްތަކާއި ސޫރަތް
ފުރިހަމައަށް ތަރުތީބު ކުރެވިފައެވެ. އިތުރު ޞަޙާބީންގެ އެތަކެއް ސަތޭކަ
ބޭކަލުންވަނީ އެތަރުތީބުން ކީރިތި ޤުރްއާން ދަސްފުޅު ކުރައްވައިފައެވެ.
އިންޞާފުވެރި އޮރިއެންޓަލިސްޓަކު ލިޔެފައިވާ ފަދައިން ކީރިތި ޤުރްއާނުގެ
ޞައްޙަކަން ޑަބަލްޗެކް ކުރެވޭގޮތްވަނީ އިންތިޒާމް ކުރެވިފައެވެ. ނަމަވެސް
އެއްފޮތެއްގެ ސިފައިގައި އެއްކުރެވި ބޭރުގަނޑު ލެވިފައެއް ނުވެއެވެ.
މުރުތައްދުވީ މީހުންނާއި ނަބީކަމަށް ދަޢުވާކުރި މީހުންނާ ދެކޮޅަށް ކުރެވުނު
ހަނގުރާމަތަކުގައި، ކީރިތި ޤުރްއާން ހިތްޕުޅުން ދަސްކުރައްވާފައިވާ ވަރަށްގިނަ
ޢަދަދެއްގެ ބޭކަލުން ޝަހީދުވިއެވެ. އެހެން ކަމުން عمر رضى
الله عنهއަށް ކީރިތި ޤުރްއާން އެއްފޮތަކަށް
ޖަމާކުރުމުގެ ބޭނުންތެރިކަން އިޙްސާސްވެ ވަޑައިގެންނެވިއެވެ. މުސްލިމުންގެ
ފުތޫޙާތު ކުރިއަށް ދާއިރު ކީރިތި ޤުރްއާން ހިތްޕުޅުން ދަސްކުރައްވާފައިވާ
ބޭކަލުންތައް ޝަހީދުވަމުން ދާނެތީއެވެ.
مسيلمة الكذّابއާ ދެކޮޅަށް ކުރެވުނު ހަނގުރާމައަށްފަހު
عمر رضى الله
عنهއެކަމާބެހޭގޮތުން
أبوبكررضى الله عنهއާ ވާހަކަ ދެއްކެވިއެވެ. أبو بكرގެފާނު ކުރީކޮޅުގައި އެކަމާ ކުރެއްވީ އިންކާރެވެ. އިތުރު
ސާހިބާ ކީރިތި ޤުރްއާން އެއްފޮތަކަށް ހައްދަވާފައި ނުވާތީއެވެ. ނަމަވެސް عمرގެފާނު ތަކުރާރު ކުރައްވައި
އެވާހަކަފުޅު ދައްކަވާން ފެއްޓެވުމުން أبو بكر
رضي الله عنهއަށްވެސް އެވާހަކަފުޅު ޤަބޫލުކުރެއްވޭގޮތްވިއެވެ.
أبوبكررضى الله عنه
ކީރިތި
ރަސޫލާގެ ކާތިބުންކުރެ ވަޙީ ލިޔުއްވި ބޭކަލެއްކަމުގައިވާ زيد بن
ثابت رضيى الله
عنه އަށް ކީރިތި ޤުރްއާން އެއްފޮތަކަށް
ލިޔުއްވާން ޢަމުރު ކުރެއްވިއެވެ. ދައުލަތުގެ ފަރާތުން އެމަސައްކަތްޕުޅު
ބެލެހެއްޓެވުން عمر بن الخطّاب
رضيى الله عنهއާ ޙަވާލު ކުރެއްވިއެވެ.
زيد بن ثابت
رضيى الله عنهއަށް އެމަސައްކަތްޕުޅު ކުރެއްވުމުގައި އިތުރު ސާހިބާގެ
ޙާޟިރުގައި ލިޔެވުނުކަން ދެހެކީންގެ ހެކިބަހުން ސާބިތުވާ ލިޔުއްވުންތަކާއި
އިތުރުސާހިބާގެ އަރިހުން ކީރިތި ޤުރްއާން ދަސްފުޅު ކުރައްވާފައިވާ ބޭކަލުންގެ
ހަނދުމަފުޅާ މިދެވަސީލަތް ފުރިހަމައަށް ބޭނުންފުޅު ހިއްޕެވުމަބް أبو بكر
ގެފާނު
އަމުރުފުޅު ކުރެއްވިއެވެ.
ކީރިތި ޤުރްއާން ލިޔެވިފައިވާ ތަކެތި ޞަޙާބީން ގެންނެވުމުން عمر رضى
الله عنهއާއި زيد بن
ثابت رضيى الله
عنهއެތަކެތި
ބައްލަވަނީ އަލްމަސްޖިދުއްނަބަވީގެ ދޮރުކޮޅުމަތީގައި ތިއްބަވައިގެންނެވެ.
عمر رضى الله
عنهގެ
ބެއްލެވުމުގެ ދަށުން މިމަސައްކަތް ޢަމަލީގޮތުން ކުރެއްވުމުގެ އިސް ބޭކަލަކަށް
ހުންނެވީ زيد بن ثابتކަމަށްވާތީ، މިކަން އެކަލޭގެފާނަށް ނިސްބަތްވާ ގޮތަށް
ބައެއް ރިވާޔަތްތަކުގައި ހުރި ނަމަވެސް މިކަމުގައި އަޞްޙާބު ބޭކަލުންކުރެ އެހެން
ބައެއް ބޭކަލުންވެސް ބައިވެރިވެ ވަޑައި ގެންނެވިކަން މުޢުތަބަރު އެތައް
ރިވާޔަތްތަކަކުން ސާބިތުވެއެވެ. އެހެން ކަމުން أبو بكر
رضي الله عنهގެ ޚިލާފަތުގައި ކީރިތި ޤުރްއާން ޖަމާކުރެއްވީ ތަވާތުރުގެ
ހުރިހައި ޝަރުޠުތަކެއް ފުރިހަމަވާ ގޮތަށެވެ. ކީރިތި ޤުރްއާނުގެ ޞައްޙަކަމާމެދު
ކުޑަވެސް ޝައްކެއް ނޯންނަ ގޮތަށެވެ.
أمير المؤمنين أبوبكر رضيى الله
عنهގެ
މިމަސައްކަތްޕުޅަކީވެސް އުންމަތަށް އެތައް ގިނަގުނަ ލާބަތަކަކާއި މަންފާތަކެއް ލިބެމުންދާ
މަސައްކަތްޕުޅެކެވެ.
އެންމެފަހުގެ ދުވަސްތައް
أمير المؤمنين أبوبكر رضيى الله
عنهއަށް ސުވަރުގެ
ވަޑައިގަތުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތީ ހިޖުރައިން ތޭރަވަނަ އަހަރުގެ
ޖުމާދަލްއާޚިރާ މަހުގެ ހަތްވަނަ ދުވަހުއެވެ. އާލާސްކަންފުޅަކީ ހުންފުޅު އައުމެވެ.
އާލާސްކަންފުޅު ބޮޑުވުމުން އެކަލޭގެފާނަށް އެ އާލާސްކަންފުޅަކީ އަވަހާރަވުމުގެ
އާލާސްކަންފުޅުކަން އެނގިވަޑައި ގެންފިއެވެ. އާލާސްކަންފުޅުގެ ތެރޭގައި
އުޅުއްވަމުންވެސް އެކަލޭގެފާނު އިސްލާމީ އުންމަތުގެ މަޞްލަޙަތުތަކާމެދު ޚިޔާލުފުޅު
ކުރެއްވިއެވެ. ބައެއް ތާރީޚް ޢިލްމުވެރީން ބަޔާން ކުރައްވާ ގޮތުގައި ސަލާމާއި
ޞަލަވާތްލެއްވި މާތް ރަސޫލާއަށްފަހު އެއްވެސް އިންސާނަކު އިސްލާމްދީނާއި އިސްލާމީ
އުންމަތަށް ކުރި އެންމެ މަތިވެރި ޚިދްމަތަކީ أبوبكر رضيى الله
عنهއަވަހާރަވުމުގެ
އާލާސްކަންފުޅާ އުޅުއްވަމުން ކުރެއްވި ޚިދްމަތެކެވެ. އެއީ މުސްލިމުން ޕާޝިޔަން
އެމްޕަޔަރާއި ރޯމަން އެމްޕަޔަރާ އެއްފަހަރާ ހަނގުރާމަ ކުރަމުން ގެންދިޔަ މުހިންމު
ދަނޑިވަޅުގައި عمر رضى الله
عنهފަދަ މުހިންމު
ޝަޚްޞިއްޔަތެއް އިސްލާމީ ދައުލަތުގެ ވެރިކަމަށް ޢައްޔަން ކުރެއްވުމެވެ.
ޝައްކެއްނެތް ގޮތުގައި އެވަގުތު އިސްލާމީ އުންމަތަށް ބޭނުންވެފައި ވަނީ ބާރުހުރި
ހަރުދަނާ ޝަޚްޞިއްޔަތެކެވެ. أبوبكر
رضيى الله عنهދޫކުރައްވާ މުހިންމު، އުނދަގޫ މަސައްކަތްޕުޅު ފުރިހަމަ
ކުރެއްވޭފަދަ ވެރިއެކެވެ. ފަތަޙަކުރެވޭ ތަންތާނގެ ކަންތައްތައް ފުރިހަމައަށް
އިންތިޒާމު ކުރައްވައި އިސްލާމީ ރޫޙާ އެއްގޮތަށް އިސްލާމީ ދައުލަތުގެ ކަންތައް
ރޭއްވެވޭފަދަ ސިޔާސީ މުދައްބިރެކެވެ. އެގޮތުން ބަލާއިރު އެކަމަށް އެންމެ
އެކަށީގެންވާ ޝަޚްޞިއްޔަތަކީ عمر
رضى الله عنهކަމީ އިސްލާމީ ތާރީޚު ކީއްކުރަންތޯއެވެ. މުޅި އިންސާނީ
ތާރީޚުވެސް ހެކިވާ ކަމެކެވެ.
أبوبكر رضيى الله
عنهގެ ނަޒަރުގައި
އެކަލޭފާނަށްފަހު އިސްލާމީ އުންމަތުގެ އެންމެ މަތީ ވެރިކަމަށް އެންމެ އެކަށީގެންވާ
ދެބޭކަލުންނަކީ عمر بن الخطّاب
رضيى الله عنهއާއި على
بن أبى طالب
رضيى الله عنهއާ ދެބޭކަލުންނެވެ. އެދެބޭކަލުންގެ ތެރެއިންވެސް އެންމެ
ރަނގަޅު ކަމުގައި ފެނިވަޑައިގަތް ބޭކަލަކީ ޢުމަރުގެފާނެވެ. އެހެންކަމަށް
ވުމާއެކުވެސް އުންމަތުގެ ޚިޔާލު ހޯއްދެވުމުގެ ބޭނުންތެރިކަން އިޙްސާސް
ކުރެއްވިއެވެ. ޞަޙާބީންގެ ކުރިއަށް ތިއްބެވި ބޭކަލުންނާ މަޝްވަރާ ކުރެއްވިއެވެ.
ޢުމަރުގެފާނު ޚަލީފާކަމަށް ޢައްޔަން ކުރެއްވުމަށް ޞަޙާބީންގެ ކުރިއަށް ތިއްބެވި
ބޭކަލުންގެ މަޝްވަރާ ލިބިވަޑައި ގަތުމަށްފަހު عثمان رضيى
الله عنهގެންނަވައި ފަތްކޮޅެއް ލިޔުއްވިއެވެ.
އެފަތްކޮޅުގައިވަނީ:
" بسم الله الرّحمن
الرّحيم" މިއީ أبوبكر بن أبى
قحافةއޭނާގެޙަޔާތުގެ
އެންމެފަހު މަރްޙަލާގައި އޭނާ މިދުނިޔެއާ ވަކިވެ އާޚިރަތުގެ ފުރަތަމަ މަންޒިލަށް
ވަނުމުގެ ވަގުތު ކުރި ޢަހްދެކެވެ. މިވަގުތަކީ ކާފަރުން އިސްލާމްވެ ނުބައިނުލަފާ
މީހުންނަށް އެބައިމީހުންގެ ނުބައި ޢަމަލުތަކަށް ޖަޒާ ލިބޭނެކަން ޔަޤީންވެ ހެޔޮލަފާ
މީހުން ކަމުގައިވެ އާޚިރަތް ދުވަހުގެ ކަންތައް ދޮގު ކޮށްފައިވާ މީހާ އެކަންތައް ތެދުކޮށް
ޤަބޫލުކުރާ ވަގުތެވެ.
އަހަރެން ތިޔަބައިމީހުންނަށްޓަކައި عمر بن
الخطّابޚަލީފާކަމަށް
ޢައްޔަން ކޮށްފީމެވެ. އެހެންކަމުން އަހަރެންގެ ބަސް އަހައި ކިޔަމަންވާށެވެ.
އޭނާއަށް ތަބާވާށެވެ. މިކަމުގައި މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް
ކިޔަމަންވުމާއި، އަހަރެންގެ އަމިއްލަ ނަފްސަށާއި ތިޔަބައި މީހުންނަށް
އިޚްލާޞްތެރިވުމަށް އަހަރެން ފުރިހަމައަށް މަސައްކަތް ކުރީމެވެ. އޭނާ އޯގާވެރިވެ
ޢަދުލުވެރި ވެއްޖެނަމަ އެއީ އަހަރެން އޭނާއާމެދު ހީކުރާ ގޮތެވެ. އަދި އަހަންނަށް
އޭނާއާމެދު އެނގިފައިވާ ގޮތްވެސް މެއެވެ. އޭނާ މިގޮތާ ޚިލާފަށް އަނިޔާވެރިވެ
ދީނުގެ ކަންތައް ބަދަލުކޮށްފިނަމަ ކޮންމެ މީހަކީވެސް އެމީހެއްގެ ޢަމަލުތަކުގެ
މަސްއޫލިއްޔަތު އުފުލާންޖެހޭނެ މީހެކެވެ. އަހަރެންގެ މަޤްޞަދަކީ އުންމަތަށް
ހެޔޮއެދުމެވެ. އަހަރެންނަކީވެސް ޣައިބުގައިވާ ކަންތައް އެނގޭ މީހެއް ނޫނެވެ.
އަނިޔާވެރިވެގެންފި ބަޔަކަށް ލިބޭނީ ކޮންފަދަ ޖަޒާއެއްކަން އެބައިމީހުންނަށް
ރަނގަޅަށް އެނގޭނެ ދުވަހެއް އަންނާނެއެވެ."
އިސްވެދިޔަ ފަތްކޮޅު ލިޔުއްވުމަށްފަހު ސިއްކަ ޖައްސަވައި އެކަލޭގެފާނުގެ
ޚާދިމަކު މެދުވެރި ކުރައްވައި އެފަތްކޮޅު ޢާންމުންނަށް އިއްވެވިއެވެ. އެއަށްފަހު
މީހެއްގެ އެހީގައި ބާލުޚާނާއަށް އަރައިވަޑައިގެން އެކަލޭގެފާނުގެ ގެކޮޅުގެ
ކައިރިއަށް އެއްވެވަޑައިގެން ތިއްބެވި ޞަޙާބީންނާ މުޚާޠަބު ކުރައްވައި ވާހަކަ
ދެއްކެވިއެވެ. أبوبكر رضيى الله
عنهވިދާޅުވިއެވެ.
ތިޔަބޭފަލުންގެ ވެރިކަމަށް އަޅުގަނޑު ހޮވާ މީހަކު ޤަބޫލު ކުރައްވާނުތޯއެވެ. އަޅުގަނޑު
ވިސްނައި ފިކުރު ކުރުމާއި މަޝްވަރާ ކުރުމުގައި ނުކުރާ މަސައްކަތެއް ނުބާއްވަމެވެ.
ތިޔަބޭކަލުންގެ ވެރިކަމަށް އަޅުގަނޑު މި ޢައްޔަންކުރަނީ އަޅުގަނޑުގެ ގާތްތިމާގެ
މީހެއް ނޫނެވެ. އަދި ކީއްތޯއެވެ؟ عمر بن
الخطّابއެވެ.
އެއްވެފައި ތިއްބެވި އެންމެ ބޭކަލުން أبوبكر رضيى الله
عنهގެ ހޮއްވެވުން
ޤަބޫލުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އެއަށްފަހު عمر رضى
الله عنهގެންނަވައި އެކަލޭގެފާނަށް ނަސޭހަތްޕުޅު
އަރުއްވައި ވަޞިއްޔަތްތައް ކުރެއްވިއެވެ.
أمير المؤمنين أبوبكر الصّدّيق رضى الله
عنه، عمرގެފާނަށް ދެއްވި ނަސޭހަތްޕުޅުގެ ތެރޭގައި
ވިދާޅުވިއެވެ. " އޭ عمرގެފާނެވެ! އަޅުގަނޑު رسول الله
صلّى الله عليه
وسلّمގެ އުންމަތުގެ
މައްޗަށް އަޅުގަނޑުގެ ނާއިބަކަށް ކަލޭގެފާނު ހަމަޖައްސައިފީމެވެ. އެހެންކަމުން
ކަލޭގެފާނު ސިއްރާއި ފާޅުގައި ތަޤްވާވެރިވެ ވަޑައި ގަންނަވާށެވެ. އޭ
ޢުމަރުގެފާނެވެ! އަބަދުވެސް މާތް ﷲ ހަނދުމަފުޅު ކުރައްވާށެވެ. ކަލޭގެފާނުގެ
އުންމީދުތައް ހަމައެކަނި އެކަލާނގެ ރަސްކަންފުޅާ ގުޅުއްވާށެވެ. އެގޮތަށް އެކަލާނގެ
ރަސްކަންފުޅާ ކުރިމަތިލާ މީހުނަށް އެކަލާނގެ ރަޙްމަތުގެ ބެއްލެވުމުން ބައްލަވައި
ވޮޑިގަންނަވާނެއެވެ. އެކަލާނގެ ރަޙްމަތުގެ ބައްލަވައި ވޮޑިގަތުމަކުން ބައްލަވައި
ވޮޑިގެންފިނަމަ، ބިމުން އަމިއްލައަށް ފަޅައިގެން ހެދޭ ގަސްތަކެއްގެ މިސާލުގައި
އެމީހަކަށްޓަކައި އަސްބާބުތަކާއި ވަސީލަތްތައް ތަމަވަސްވެގެން އަންނާނެއެވެ.
އެއްވެސް އެހެން ފަރާތެއްގެ އާރާއި ބާރާމެދު ބަރޯސާ ނުކުރައްވާށެވެ. އެހެނީ އެހެނިހެން
ފަރާތްތަކުގެ އާރާއި ބާރަށް ކަންތައް ފަހިކުރުމުގައި މާތް ﷲ ގެ ޙަޟްރަތުން
އަމުރުފުޅު ނުލިބިއްޖެނަމަ އެނބުރިގެންދާނީ އޭގެ އިދިކޮޅަށެވެ. އޭރުން ރަނގަޅަށް
ވޭވެހުންނަ ކަންތައްތައްވެސް ބަދަލުވެގެންދާނީ ނުބައިން ނުބަޔަށެވެ.
އޭ ޢުމަރުގެފާނެވެ! ނަރަކަވަންތަވެރީންގެ ވާހަކަ ދެކެވިއްޖެނަމަ
ވިދާޅުވާށެވެ! އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަޅާ އެބައިމީހުންގެ
ތެރެއިން ނުލައްވާނދޭވެއެވެ. ސުވަރުގެވަންތަވެރީންގެ ވާހަކަ ދެކެވިއްޖެނަމަ
ކަލޭގެފާނު އޭގެތެރޭގައި ޝާމިލްކުރައްވާތޯ މާތް ﷲ އަށް ދުޢާކުރައްވާށެވެ.
އޭ ޢުމަރުގެފާނެވެ! މާތް ﷲ ގެ ރުހިވޮޑިގަންނަވާ މަގުން ހިންގެވުމަށްޓަކައި
މިކަންކަމުގެ އިތުރަށް ތިމާގެ ނަފުސުގެ މައްޗަށް ބާރުފޯރުވައި ނަފުސު މަތަކުރުމަކީ
ކޮންމެހެން ބޭނުން ކަމެކެވެ. އޭ خطّابގެ ދަރިކަލުންނޭވެ! ނަފުސުގެ ޠަބީޢަތަކީ އެނަފުސުގެ އެންމެ
އެދުމެއް ފުރިހަމަކޮށްދިނަސް އެނަފުސުގެ ހިތްވަރު އިތުރުވެއެވެ. ކުރިއަށްވުރެ
ގިނަ، ކުރިއަށްވުރެ ބޮޑެތި އެދުންތައް ފުރިހަމަ ކުރުވަން އަތްފައި ހޫރަން
ފަށައެވެ.
އޭ ޢުމަރުގެފާނެވެ! ކަލޭގެފާނު އަޅުގަނޑުގެ މިނަސޭހަތަށް ޢަމަލު ކަރްއަވާހައި
ހިނދަކު އަޅުގަނޑު ކަލޭގެފާނުގެ އަރިހުގައި އިންދައި ކަލޭގެފާނަށް ފެނިވަޑައި
ގަންނަވާނެ ކަހަލައެވެ. މާތް ﷲ ހެޔޮކަންތަކުގައި ކަލޭގެފާނަށް މަދަދު
ކުރައްވާށިއެވެ."
އަވަހާރަވުން
އާލާސްކަންފުޅު ބޮޑުވުމުން أمّ
المؤمنين السّيّدة عائشة رضى
الله عنهاއަށް އެކަލޭގެފާނު އަވަހާރަވުމުން
އެކަލޭގެފާނު ނަމާދުފުޅު ކުރެއްވުމަށް ބޭނުންފުޅުކުރެއްވި ޠާހިރު ދެހެދުންކޮޅުން
ކަފުންކޮޅު ތުރުކުރެއްވުމަށް أمّ
المؤمنينއެދިވަޑައިގަތެވެ.
ނަމަވެސް أبوبكر رضيى الله
عنهޖަވާބު
ދެއްވިއެވެ. " ރަނގަޅުވާނީ ދިރިތިބީންނަށް އާފޭރާން ލިބުމެވެ. މަރުވާ
މީހެއްގެ ގައިގާ އާހެދުމެއް ލެއްވިޔަސް އެހެދުމެއް ވެގެންދާނީ ބިމުގައި އުޅޭ
ފަނިފަކުސައިގެ ކާނާއަކަށެވެ! "
أمير المؤمنين أبوبكر الصّدّيق رضى الله
عنه މިފަނާވަނިވި
ދުނިޔެއަށް އަލްވަދާޢު ވިދާޅުވީ ހިޖުރައިން ތޭރަވަނަ އަހަރުގެ
ޖުމާދަލްއާޚިރާމަހުގެ އެކާވީސްވީ ހޯމަދުވަހުގެ ރޭ (22 އޯގަސްޓް 634މ.
ދުވަހުރެގެރޭ) ގެ މަޣުރިބް ނަމާދާއި ޢިޝާނަމާދާ ދެމެދުގެ ވަގުތުތެއްގައެވެ. އޭރު
އެކަލޭގެފާނުގެ ޢުމުރުފުޅަކީ 63 އަހަރުފުޅެވެ. ފަސްދާނު ވެޑުވުނީ ރޭގަނޑުގެ
ވަގުތެއްގައެވެ. أمّ المؤمنين السّيّدة عائشة رضى
الله عنهاގެ ގަނޑުވަރުގައި މާތްރަސޫލާގެ
މަހާނަފުޅުގެ ކައިރީގައެވެ. ވަޅުފުޅު ކޮނެވިފައިވަނީ އިތުރު ސާހިބާގެ މަހާނަފުޅުގެ
އިރުމަތީންނެވެ. އިތުރު ސާހިބާ ގެ ކިހިލިފަތްޕުޅާ أبوبكر رضيى الله
عنهގެ
އިސްތަށިފުޅާ ހަމަވާ ގޮތަށެވެ. أبوبكر
رضيى الله عنهނާނާފުޅު ފިއްލެވީ އެކަލޭގެފާނުގެ އަނބިކަނބަލުން أسماء بنت
عميس رضى الله
عنهاއެވެ. أبوبكر رضيى الله
عنهގެ މައްޗަށް
ކަށުނަމާދު ކުރެވުނީ އެފިލާކޮޅެއްގެ މަތީގައި ވަޑުވައިގެން އިތުރު ސާހިބާ صلّى الله
عليه وسلّمގެ މައްޗަށް މައްޗަށް ކަށުނަމާދު
ކުރެއްވީ عمر رضى الله
عنهއެވެ.
ޤަބުރުފުޅުގައި ވެޑުއްވެވީ ޢުމަރުގެފާނާއި، عبد الرّحمن
بن أبى بكرއާއި عثمانގެފާނާއި، طلحة
بن عبيد اللهއާ މިހަތަރު ބޭކަލުންނެވެ. رضى الله
عنهم.
أبوبكر رضيى الله
عنهގެ ޚިލާފަތުގެ
ދައުރު ވޭތުވެގެން ދިޔައީ އެކަލޭގެފާނު އިސްލާމީ އުންމަތުގެ ކިޔަމަންތެރިކަމާމެދު
ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނަވައެވެ. އިސްލާމީ އުންމަތްވެސް އޮތީ
އެކަލޭގެފާނުގެ ވެރިކަމާމެދު ރުހި ޤަބޫލުގައެވެ.
އަރަހުށި މާތް ﷲ އެ މާތް ޚަލީފާއަށް ރުއްސުން ލައްވާށިއެވެ.
Comments