ގައުމުގެ ދަރަނި: ބޮލަކަށް ދުވާލަކު 25 ރުފިޔާ!
ލިޔުނީ:އަލީ ޚާލިދު
މިއަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖްލިސް އަށް ހުށަހެޅުއްވިއިރު ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ 2013 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނީގެ އަދަދަކީ 27.7 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިއަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނެ ކަމަށް ލަފާކުރެވޭ އަދަދަކީ 31.1 ބިލިއަން ރުފިޔާ ކަމަށެވެ. މިއަދަދު ހިސާބު އަކުރުން ލިޔާނަމަ އޮންނާނީ 3110000000 މިހެންނެވެ.
އަޅުގަނޑުމެންގެ މި ލޮބުވެތި ވަތަން މިހާބޮޑު ދަރަންޏަކާ ހަމައަށް މިދިޔައީ ކީއްވެގެންތޯ އެނގިފައި އޮތުމަކީ މުހިންމުކަމެކެވެ.
މިފަހުން ކޮންމެ އަހަރަކު ބަޖެޓް ހުށަހަޅާއިރު އަޅުގަނޑުމެންނަށް އިވޭ އަޑަކީ މިއަހަރު ވެސް ހުށަހެޅީ ޑެފިސިޓް ބަޖެޓެކޭ ބުނާ އަޑެވެ. ބަޖެޓް ޑެފިސިޓްވުމަކީ އެ އަހަރަކު ސަރުކާރުން ކުރަން ގަސްދުކުރާ ހޭދައާ އެއްވަރަށް އާމްދަނީ ނުލިބުމެވެ. އިތުރަށް ހޭދަކުރާ އަދަދަކީ ޑެފިސިޓްވާ ބައެވެ. ފާއިތުވި 10 އަހަރަކީ ވެސް ބަޖެޓް ޑެފިސިޓްވެފައިވާ 10 އަހަރެވެ. މިކަން ތިރީގައިވާ ތާވަލުން ވެސް ސާފުވެއެވެ.
މިގޮތަށް ކޮންމެ އަހަރަކު ބަޖެޓުން ޑެފިސިޓްވާ ޚަރަދުތަކަށް ސަރުކާރުން އެކި ގޮތްގޮތުން ފައިސާ ހޯދައިގެން ޑެފިސިޓް ފޫބެއްދުމުން، ކޮންމެ އަހަރަކު ޖަމާވާ ދަރަނި މިވަނީ ދައުލަތުގެ ދަރަންޏަށެވެ. ފާއިތުވި 10 އަހަރު ބަޖެޓް ޑެފިސިޓްވެފައި ވަނީ އިއްތިފާގަކުން، ނުވަތަ އެކަން ކުރަން ތިއްބަވާ ބޭފުޅުންނަށް ވާނުވާ ނޭނގިއެއް ނޫނެވެ.
މިޤައުމުގެ އިޤްތޞާދަކީ އެކަހެރި އިޤްތޞާދެއް ނޫނެވެ. އަޅުގަނޑުމެންގެ އިޤްތިޞާދު މިވަނީ އެހެން ގައުމުތަކުގެ އިޤްތިޞާދާ ލާމެހި ގުޅިފައެވެ. އެ ގައުމުތަކުގެ އިޤްތިޞާދަށް ދުޅަހެޔޮކަމާއި ހީނަރުކަން އަތުވެއްޖެނަމަ އެއަސަރު އަޅުގަނޑުމެނަށް ވެސް ކުރާނެއެވެ. އަޅުގަނޑުމެންގެ ހާލަތަކީ، އަޅުގަނޑުމެންނާ އިޤްތިޞާދީ ގޮތުން ގުޅިފައި އޮންނަ ގައުމެއް ކެއްސަން ފައްޓައިފިއްޔާ އަޅުގަނޑުމެންގެ އިޤްތިޞާދު ހުންއަންނާނެއެވެ.
އަދި މިނޫނަސް އަޅުގަނޑުމެން ގައުމުގެ ދާހިލީ ކަންކަމުގައި ދެމޭ އޮޔާއި ޖެހޭ ވަޔާއި ވެހޭ ވާރޭގެ ސަބަބުން އިޤްތިޞާދަށް އަސަރު ކުރާނެއެވެ. މިގައުމަށް 2004 ގައި އެރި ސުނާމީއާއި ގުޅިގެން ގައުމުގެ ބޮޑު ބައެއް ބިނާކުރަން ޖެހުނެވެ. ހަމަ އެ ދުވަސްވަރު ބަދަލުވަމުން ދިޔަ ސިޔާސީ އޮއެވަރާ ގުޅިގެން ސަރުކާރު ހިންގުމުގެ ނިޒާމް ބަދަލުވަމުން ދިޔައިރު، އެކަމަށް ހޭދަކުރަން ޖެހުމާއި ސިޔާސީ ވާދަވެރިކަމުގައި ހޭދަކުރަންޖެހުމުގެ ސަބަބުން އެ ދުވަސްވަރު ގައުމުގެ ބަޖެޓް މައްޗަށް ދިޔައެވެ.
ދެން ބޯމަތީ އޮތީ 2008 ގެ އިންތިޚާބެވެ. ވާދަވެރި ސިޔާސީ ޕާޓީތަކުން ދިޔައީ ނުހަނު ގިނަ ވަޢުދުތައް ވަމުންނެވެ. އެއްގޮތަކަށް ވެސް ދުނިޔޭގެ އިޤްތިޞާދީ މަޝްރަހު ބަދަލުވަމުން ދިޔަ ގޮތަށް ވިސްނުމެއް ނެތެވެ. އާންމު ރައްޔިތުންނަށް އެކަން ވިސްނާދީ ކުރިމަތިވާނެ އިޤްތިޞާދީ ހަލަބޮލިކަމުގައި އޮޑި ގަންބާނުލާ ހޭރިޔާކުރެވޭނީ ތިމާމެންނަށް ކަމުގައި ދައްކުވާކަށް އެއްވެސް ޕާޓީއަކުން މަސައްކަތެއް ނުކުރެއެވެ.
ނަތިޖާއަކަށްވީ 2008 ގައި ހަވާލުވި އާ ސަރުކާރަށް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުންތަކެވެ. އާ ސަރުކާރުން ހިޔާރުކުރީ ބަޖެޓް ޑެފިސިޓްކޮށް ބޮޑު ބަޖެޓެއް ހިންގާށެވެ. އިޤްތިޞާދީ ހީނަރުކަމާއި ވަޒީފާގެ ދަތިކަން އައިސްގެން އުޅޭ ދުވަސްވަރެއްގައި މިއީ ބައެއް ޤައުމުތަކުން ގެންގުޅޭ އުސޫލެކެވެ. ބަޖެޓް ޑެފިސިޓްކޮށް ޚިދުމަތަށާއި މުދަލަށް ކުރާ ހޭދަ ބޮޑުކުރެއެވެ. ބޭނުމަކީ، އިޤްތިޞާދު މަޑުނުޖެހި ކުރިއަށް ގެންދިއުމާއި ވިޔަފާރި ހަރަކާތްތައް އިތުރުކުރުމާއި، ވަޒީފާތައް ގެއްލިގެން ދިއުން ހުއްޓުވުމާއި ވިޔަފާރި ކުރުމަށް ބާރު އެޅުމެވެ.
އާ ސަރުކާރު ގަސްދުކުރީ ބަޖެޓް ޑެފެސިޓްވާ ބައި ފޫބެއްދުމަށް ދަރަންޏަށް ފައިސާ ނެގުމަށާއި ރުފިޔާ ޖަހާށެވެ. މިކަމުގެ ސަބަބުން އިޤްތިޞާދު ނުހުއްޓި ކުރިއަށް ދާކަމަށް ފެނުނެވެ. ނަމަވެސް މި ސިޔާސަތުގެ ސަބަބުން ތަކެތީގެ އަގު އުފުލި އިންފްލޭޝަން މައްޗަށް އެރިއެވެ. ސަބަބަކީ، އިޤްތިޞާދުގައި ދައުރުވާ ފައިސާ ގިނަވުމުން މުދަލާއި ޚިދުމަތުގެ ޑިމާންޑް މައްޗަށް ދިޔުމުންނެވެ. ޑީމާންޑް މައްޗަށް އެރުމަކީ އަގުތައް އުފުލޭނެ ވެސް ކަމެކެވެ.
އަދި ފެނިގެންދިޔައީ ބައެއް ކެޕިޓަލް ޚަރަދުތައް އުނިކޮށް ސިދާ އިޤްތިޞާދީ ހަރަކާތަށް މާލީ ކަންކަން އަމާޒުވެގެން ދިޔަތަނެވެ. މިކަމުގެ ސަބަބުން ބައެއް ވިޔަފާރިތަކުގެ ޕްރޮޖެކްޓްތައް ހުއްޓި އިޤްތިޞާދު ލަފާކުރާ މިންގަނޑުގައި ކުރިއަކަށް ނޭރުނެވެ. ބަޖެޓް ޑެފިސިޓްކުރިއިރު ދަރަންޏަށް މާލީ އެހީތެރިކަން ހޯދުމުން އިންޓްރެސްޓް ރޭޓްގެ ބުރަ ވެސް ސަރުކާރަށް ނަގަންޖެހުނެވެ.
މި އަހަރު ނިމޭއިރު ދައުލަތުގައި އޮންނާނެ ކަމަށް ލަފާކުރާ 31.1 ބިލިއަން ރުފިޔާގެ ދަރަންޏަކީ ސަރުކާރުން އެކިއެކި ޚަރަދުކުރުމަށް އެޑްވާންސަށް ނަގާފައިވާ ފައިސާ ކަމަށް ބެލެވިދާނެއެވެ. ވެތުވެދިޔަ ފަސް އަހަރުގައި ބަޖެޓް ޑެފިސިޓްވުމުން އެކަނިވެސް ވަނީ 9 ބިލިއަން ރުފިޔާގެ ދަރަނި ދައުލަތަށް ޖަމާވެފައެވެ.
ގައުމުގެ ބަޖެޓަކީ އަޅުގަނޑުމެން ހޮވާފައިވާ ސަރުކާރުންނާއި ރައްޔިތުންގެ މަޖްލިސްގައި އަޅުގަނޑުމެން ތަމްސީލުކުރަން ހޮވާފައިވާ މެންބަރުންގެ އެއްބާރުލުމާ އެކު ކަންޑައެޅޭ ބަޖެޓް އެކެވެ. ބަޖެޓް ފާސްކުރަނީ ވޯޓަކުން ކަމަށް ވާތީ އާއި ބަޖެޓް ފާސްކުރުމުގައި ސަރުކާރާއި މަޖްލިސް ޝާމިލުވާތީ ވަކި ފަރުދަކަށް މިކަމުގެ ޒިންމާ އުފުލާކަށް ނުޖެހެއެވެ.
އަދި ބަޖެޓްގެ ސަބަބުން ލިބޭ ފައިދާތަކަކީ ވެސް ވަކި ފަރުދަކަށް އެކަމުގެ މެޑަލް ޖެހޭނެ ކަމެއް ނޫނެވެ. އެހެން ނޫންނަމަ ދައުލަތުން މި ވަރުގެ ބޮޑު ދަރަންޏެއް ފޫބައްދަންޖެހޭ އިރު ކޮންމެވެސް މީހަކު މިކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ.
ވަކި ފަރުދަކު މިޒިންމާ އުފުލާ ތަނެއް ނުފެނެއެވެ.
ހަޤީޤަތަކީ މިކަމުގެ ޒިންމާ އުފުލަންޖެހޭނީ އަޅުގަނޑުމެން ރައްޔިތުން ކަމެވެ. މިއަހަރު ނިމޭއިރު މިގައުމުގެ އާބާދީގައި އުޅޭނެ ކަމަށް ލަފާކުރެވެނީ 341848 މީހުންނެވެ. ކޮންމެ އަހަރެއްގެ ދަރަނި ޖަމާވަމުން ގޮސް މިހާރު އޮތް ދަރަނި މިއަހަރު ނިމޭ އިރު އަޅުގަނޑުމެން ކޮންމެ މީހެއްގެ ބޮލަކަށް 9097.61 ރުފިޔާ ޖެހޭނެއެވެ. އަހަރެއްގެ މައްޗަށް ބަހާލައިފިއްޔާ، މިއީ ކުދިބޮޑު ކޮންމެ މީހަކަށް ރެއަކާއި ދުވާލަކަށް 24.92 ރުފިޔާ އެވެ. ނުވަތަ ގާތްގަނޑަކަށް 25 ރުފިޔާ އެވެ. އުފާވެރި ޚަބަރަކީ މި އަހަރު ނިމޭއިރު މިދަރަނި ކޮންމެހެން ހަލާސްކުރަން ނުޖެހޭނެ ކަމެވެ.
ސަރުކާރުން ދަރަނި އަދާކުރާނެ ގޮތެއް ނިންމަވާނެތާއެވެ.
މިހާރު މިއޮތީ އަނެއްކާވެސް އާސަރުކާރެކެވެ. ދުނިޔޭގެ އިޤްތިޞާދު މިހާރު މި އޮތީ މީގެ ފަސް އަހަރު ކުރީގައި އޮތް ހާލަތެއްގައެއް ނޫނެވެ. މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ފާއިތުވި ފަސް އަހަރާ ތަފާތެވެ. ނަމަވެސް، އާ ސަރުކާރުން ވެސް ގަސްދުކުރީ ފައިބެ ދިޔަ 10 އަހަރެކޭ އެއްގޮތަށް އާމްދަނީ ލިބޭ ވަރަށް ވުރެ ބޮޑު ޑެފިސިޓް ބަޖެޓެއް ހިންގާށެވެ. އަދި 2016 އާ ހަމައަށް ހިންގާނެ ކަމަށް ލަފާކުރާ ބަޖެޓްތައް ވެސް ހުރީ ޑެފިސެޓް ވާނެ ކަމަށް ލަފާކޮށްފައެވެ. އެކަމަކު ބޮޑު ތަފާތެއް ގޮތަށް މި ފެންނަނީ ޓެކްސް ބޮޑުކޮށް އިތުރު ޓެކްސްތައް ނަގާތެނެވެ.
އަޅުގަނޑުމެން އެކަކުވެސް އިތުރަށް ޓެކްސް ދައްކާކަށް ބޭނުމެއް ނުވާނެއެވެ. ޓެކްސް އިތުރުކުރުމަކީ މަޤްބޫލުކަމަށް ނުވާތީ ސިޔާސީ ފަރާތްތަކުން ވެސް ޓެކެސް އިތުރުކުރާކަށް ބޭނުމެއް ނުވާނެއެވެ. އެހެންނަމަވެސް ސަރުކާރަކަށް ޓެކްސް ނުނަގައެއް ދަރަނި އަދާކުރެވޭނެ އެހެން ގޮތެއް ނޯންނާނެއެވެ. ދައުލަތުގެ ދަރަނި ސަރުކާރަށް ދެއްކޭނެ ހަމައެކަނި ގޮތަކީ ޓެކްސްގެ ޒަރިއްޔާއިންނެވެ.
މިހާރު އަލަށް ނަގާ ޓެކްސް އިތުރުވުމުން އިޤްތިޞާދަށް ބަދަލުތަކެއް އަންނާނެއެވެ. އެއީ ޓެކްސް އިތުރަށް ދައްކަން ފެއްޓުމުން އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުވާނެއެވެ. އެހެންކަމުން ޚިދުމަތަށާއި މުދަލަށް އޮންނަ ޑިމާންޑް ދަށްވެ، ތަކެތީގެ އަގު ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި، މި އަހަރު ހުސްވާއިރު ދައުލަތުގެ ދަރަނި ބެހިފައިވާ ގޮތް ވެސް ރައީސް ޔާމިން ވަނީ ހާމަކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ މީގެތެރެއިން ބޭރުގެ ދަރަނީގެ ޢަދަދަކީ 12.6 ބިލިއަން ރުފިޔާ ކަމާއި އަދި އެތެރޭގެ ދަރަނީގެ ޢަދަދަކީ 18.5 ބިލިއަން ރުފިޔާ ކަމަށެވެ.
މިއިން ދޭހަވަނީ ދައުލަތުން، ދަރަންޏަށް ބޭރުން ނެގި ފައިސާއަށް އިތުރަށް ދައްކަންޖެހޭނީ އިންޓްރެސްޓެވެ.
ދަރަނި ދައްކަން އޮންނަ މުއްދަތަށް ދެއްކޭނަމަ މިއީ މައްސަލައެއް ނޫނެވެ. ދެން އޮތީ އެތެރޭގެ ދަރަންޏެވެ. އެތެރޭގެ ދަރަނި ނަގަން އޮންނާނީ ބޭންކުތަކާއި ޓީ ބިލު ވިއްކައިގެންނާއި، ސަރުކާރުގެ ކުންފުނިތަކުގައި ބިލުތައް ނުދައްކައި ބަހައްޓައިގެންނާއި އާންމު ފަރުދުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ހިފަހައްޓައިގެންނެވެ. މި ދަރަނި ނުދައްކައި ހިފެހެއްޓުމުން ސަރުކާރުގެ ކޭޝް ފްލޯއަށް ފަސޭހަވެގެން ހިގައިދާނެއެވެ. ނަމަވެސް އިޤްތިޞާދީ ދުވެއްޔަށް ބަރުހެލިކަމެއް އަންނާނެއެވެ.
ސަރުކާރުގެ ކޮންޓްރޯލް އޮންނަ އާންމުންނަށް ޙިއްސާ ވިއްކާފައި ކުންފުނިތަކުގެ ފައިދާ އާއި ބަހާފައިވާ ޑިވިޑެންޑް ފައިބެ ފަސް އަހަރުގައި އުއްމީދީއެއް ނޫނެވެ. ދެންނެވޭނީ...
ލިބޭ މިންވަރު ނިކަންދަނެގެން މިބޭނުންތައް ބަހާލައިގެން
ތިބޭ ނަމައީ ފިކުރުކޮށްގެން މިބޭޒާރެއް ނުވެސްވީހޭ
Comments