بسـم اللَّه الرّحـمٰـن الـرّحيـم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
الســّلام عليــكم ورحـمــة اللّـه وبـركاتـه،
މިއަދު މި ޢިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު މިއައީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84
ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހިމެނޭ ބަޔާނެއް މި މަޖިލީހަށް ހުށަހަޅަން.
އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވިއިރު، ދިވެހި ޤައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. ޤައުމު އަލުން ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ޙާލަތެއްގައި. ރާއްޖޭގައި އޮންނަންވާ ހަމަހަމަކަމާއި، ހަމަޖެހުމާއި، އަމަންއަމާންކަން އޮތީ ގެއްލިފައި. ސިޔާސީ ވިސްނުމާއި ފިކުރުގެ ސަބަބުން ޤައުމު އޮތީ ހަލަބޮލިކަމެއްގެ ތެރޭގައި. އެހެންނަމަވެސް، މާތްﷲގެ ވާގިފުޅާއެކު، މިއަދު ޤައުމުގެ ކަންކަން މިދަނީ ހަމަ މަގަށް އެޅެމުން.
ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތީވެސް ހަމައެހާމެ ނާޒުކު ފައްތަރެއްގައި. އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ކުރަންޖެހިފައި. ޤައުމީ އުފެއްދުންތެރިކަމުގެ ރޮނގުން އިޤްތިޞާދީ ކުރިއެރުންތަކެއް ރާއްޖެއިން ހާސިލުކޮށްފައިވީނަމަވެސް،
ރާއްޖޭގެ މާލީ ޙާލަތު އަދިވެސް އޮތީ އަޅުގަނޑުމެން ހިތްހަމަޖެހޭ
ފެންވަރެއްގައެއް ނޫން. ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި. ބޭރުގެ މާލީ އިދާރާތަކަށާއި، ބޭންކްތަކަށް ދަރާފައިވާ ސަރުކާރުގެ ޖުމްލަ ދަރަނީގެ މިންވަރު ވަނީ އެތައް
ގުނައެއް އިތުރުވެފައި.
2013 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނީގެ
ޢަދަދަކީ 27.7 ބިލިއަން ދިވެހި ރުފިޔާ.
މީގެތެރެއިން ބޭރުގެ ދަރަނީގެ ޢަދަދަކީ 11.6 ބިލިއަން ދިވެހި ރުފިޔާ. އެތެރޭގެ ދަރަނީގެ ޢަދަދަކީ 16.1 ބިލިއަން ދިވެހި ރުފިޔާ. މިއަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނެ ކަމަށް ލަފާކުރެވޭ ޢަދަދަކީ 31.1
ބިލިއަން ރުފިޔާ. މީގެތެރެއިން ބޭރުގެ ދަރަނީގެ ޢަދަދަކީ 12.6 ބިލިއަން
ރުފިޔާ. ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރު 2013 ވަނަ އަހަރު ވަނީ 78% ގައި. އަދި މިއަހަރު މި ޢަދަދު މި މިންވަރުގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ.
ދައުލަތުގެ ދަރަނީގެ ޙާލަތަށް ރިޢާޔަތްކޮށް ބަލާއިރު،
ދެމެހެއްޓެނިވި މިންގަނޑެއްގައި ދަރަނި
ހިފެހެއްޓުމަކީ، ސަރުކާރުން އިސްކަންދޭ ވަރަށްބޮޑު އަމާޒެއް.
މިވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ
އިޤްތިޞާދުގައި ދައުރުވަމުންދިޔަ ފައިސާގެ
މިންވަރު އިތުރުވެ، ދުނިޔޭގެ ބާޒާރުގައި މުދަލާއި ޚިދުމަތުގެ އަގުތައް މައްޗަށް ގޮސްފައިވީނަމަވެސް، ރާއްޖޭގެ އިންފްލޭޝަން މައްޗަށްދާ މިންވަރު ވަނީ 2008 ވަނަ އަހަރާ އަޅައިބަލާއިރު، ވަރަށްބޮޑުތަން
މަޑުޖެހިފައިކަމުން، ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ އިންފްލޭޝަންގެ
މިންވަރު މަތިވިޔަނުދީ ހިފެހެއްޓޭތޯ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރާއެކު އިންފްލޭޝަން މައްޗަށްދާނެކަމަށް ލަފާކުރެވުނު
ނަމަވެސް، މިއަދު މިވަނީ އިންފްލޭޝަން މައްޗަށްދިޔަނުދީ ހިފެހެއްޓިފައި.
ރާއްޖޭގެ އިމްޕޯޓުގެ ނިސްބަތް އިތުރުވެ، މިކަމަށް ކުރެވޭ
ހޭދަ އިތުރުވެގެންދިޔުމާއެކީގައި،
ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓުގެ ކަރަންޓް އެކައުންޓުގެ ދަރަނީގެ ނިސްބަތް ވަނީ މަތިވެފައި. 2009 ވަނަ އަހަރު ދަރަނީގެ ނިސްބަތް %11 ގައި ހުރިއިރު، 2012 ވަނަ އަހަރު މި އަދަދު ވަނީ27% އަށް މައްޗަށް ގޮސްފައި. ނަމަވެސް
މިއީ 2008 ވަނަ އަހަރުގެ ޑެފިސިޓާ އަޅައިބަލާއިރު، 5.2% މިންވަރު ދަށް އަދަދެއް.
ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމުގެ ގޮތުން މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅަން ފަށާފައި. މިގޮތުން ބޭންކިންގ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު މިނިމަމް ރިޒަރވް ރިކުޔަރމަންޓް (M.R.R) ކަމަށްވާ %25 މިހާރުވަނީ %20 އަށް ކުޑަކުރެވިފައި.
މިކަމުގެ ސަބަބުން އިންވެސްޓު ކުރުމަށް
ކުޑަ އިންޓްރަސްޓް ރޭޓެއްގައި، ފައިސާ ލިބޭނެ މަގު ތަނަވަސްވެގެންދާނެ. އަދި އިޤްތިޞާދަށް އަންނަ ބަދަލުތަކަށް ބަލައި، M.R.R %10 އަށް ކުޑަކުރުމަކީ ސަރުކާރުގެ އަމާޒު.
ދުނިޔޭގެ ބާޒާރުގައި، މިވަގުތު އިންޓްރަސްޓް ރޭޓު ހުރީ ވަރަށް ދަށުގައި. އެހެންކަމުން، ރާއްޖޭގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް މިއީ ވަރަށް ފަހި ދުވަސްވަރެއް ކަމަށްވާތީ، މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް މި ފުރުޞަތު ތަނަވަސްކޮށްދެއްވުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވެފައިވާއިރު، އެ
100 ދުވަހުގެ ތެރޭގައި ކުރުމަށް ސަރުކާރުން
ވަޢުދުވި ހުރިހާކަމެއް ވަނީ ކޮށް ނިންމާފައި. ޚާއްޞަކޮށް، ރާއްޖޭގެ ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމަށާއި، އިޤްތިޞާދީ އަދި
އިޖުތިމާޢީ ތަރައްޤީ ހާސިލުކުރުމަށްޓަކައި ސަރުކާރުގެ
ވިސްނުމުގައި ހިމެނިފައިވާ ކަންކަން ހާސިލު ކުރެވިފައިވާކަން، އަޅުގަނޑު ވަރަށް އުފަލާއެކު މި ޢިއްޒަތްތެރި މަޖިލީހުގައި ދަންނަވަން.
ވައިގެ ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ
ސަރަޙައްދުތައް ގުޅުވައިލައި، އެއްގަމު ދަތުރުކުރުމުގެ ވިއުގަ ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން މާލެއާއި ހުޅުލެ ގުޅައިދޭ ބުރިޖު އެޅުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް މިއަހަރު
ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ފެށޭނެ. އަދި މިކަމުގެ
ނަތީޖާއެއްގެ ގޮތުން ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުވައިދިނުމަށާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދިނުމަށާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދައިދިނުމަށާއި، އަދި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ފުރުޞަތު
އިތުރުކުރުމުގެ ބޭނުމުގައި ހުޅުމާލޭގައި ޔޫތު ސިޓީއެއް ޤާއިމުކުރަން ސަރުކާރުން
މިވަނީ ނިންމާފައި. މި ޔޫތު ސިޓީގައި ހިމެނޭނެ މުހިންމު ވަސީލަތްތަކުގެ ތެރޭގައި، ފަންނުވެރިކަން ކުރިއެރުވުމަށްޓަކައި ޤާއިމުކުރެވޭ އާޓް އެންޑް ޑިޒައިން ސެންޓަރަކާއި، ޤައުމީ އާ ސްޓޭޑިއަމަކާއި، I.T ޕާކެއް ހިމެނޭނެ.
ހދ. ކުޅުދުއްފުށީގައި ވައިގެ ބަނދަރެއް ހަދައި ހިންގާނެ
ފަރާތެއް ހޯދުމަށް މިހާރުވަނީ އިޢުލާންކޮށްފައި. މި ވައިގެ ބަނދަރުގެ މަސައްކަތް ފެށުމަށްޓަކައި ކަމާގުޅޭ އެއްބަސްވުމުގައި އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ސޮއި ކުރެވޭނެ. ފާދިއްޕޮޅު ފެލިވަރުގައި ވައިގެ ބަނދަރެއް ހަދައި ހިންގާނެ ފަރާތެއް
ހޯދުމަށްޓަކައި ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް މިހާރުވަނީ އިޢުލާން ކޮށްފައި.
ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގެ މައި ދޮރޯށި ކަމުގައިވާ،
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު މިދަނީ ވަމުން. އިރާދަކުރެއްވިއްޔާ، ތަރައްޤީކޮށް ނިމޭއިރު، މި އެއަރޕޯޓް
ވެގެންދާނީ، ކުރިއަށް އޮތް 50 އަހަރަށްވެސް ފުދޭ، ފުޅާވަމުންދާ
ފަތުރުވެރިކަމާއި، ހުޅުވައިލެވޭ އިޤްތިޞާދަކަށް ފަހި، ދިވެހިންގެ އެއަރޕޯޓަކަށް.
ރާއްޖޭގެ އިތުރު ސަރަޙައްދުތަކަށް ފަތުރުވެރިކަމުގެ
ޞިނާޢަތު ފުޅާކުރުމަކީ، ސަރުކާރުގެ މުހިންމު އެއް ސިޔާސަތު. މުޅި ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގެ މަތިން، މި ޞިނާޢަތު ތަރައްޤީކޮށް، ބޭރު ދުނިޔޭގައި ރާއްޖެއަށް ލިބިފައިވާ މަޤްބޫލުކަން އިތުރުކުރުމަށް ކުރެވުނު
މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ފާއިތުވެދިޔަ 3 މަސްދުވަހުގެ ތެރޭގައި،
ދިވެހިރާއްޖެއަށް ގާތްގަނޑަކަށް 350,000 ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި. އަދި މި
މުއްދަތުގެ ތެރޭގައި، ސަރުކާރަށް ލިބުނު އާމްދަނީ 70 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފައި.
ރާއްޖޭގެ މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް
ހޯދައިދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ
ދަށުން، މަސްވެރިންގެ ތެރެއިން އާމްދަނީގެ ގޮތުގައި މަހަކު 10,000/- ރުފިޔާ ނުލިބޭ މަސްވެރިންނަށް ފައިސާ
ދެވޭނެ އުސޫލުތަކެއް މިހާރުވަނީ އެކުލަވައިލެވިފައި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި މި އުސޫލަށް ޢަމަލުކުރަން ފެށޭނެ.
ކުޑަ ބިންކޮޅެއްގައި އާ ޓެކްނޮލޮޖީގެ ވަސީލަތްތައް
ބޭނުންކޮށްގެން، ޒަމާނީ ދަނޑުވެރިކަން ތަޢާރުފު ކުރުމުގެ މަޤްޞަދުގައި 12 މިލިއަން ރުފިޔާގެ ލޯނު ޕުރޮގުރާމެއް މިހާރުވަނީ ފަށާފައި.
ޢިއްޒަތްތެރި ރައީސް؛
ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހޯދަމުންދާ ކުރިއެރުންތަކާއި ކާމިޔާބީތައް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރެވެމުން. މިހާރު މުރާޖަޢާކޮށް ނިމިފައިވާ” ޤައުމީ މަންހަޖު 2015“ ގައިވާ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ތަންފީޛު ކުރުމަށް ބޭނުންވާ
ޓީޗިންގ އެއިޑް އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ތައްޔާރުކުރެވިގެންދާނެ.
އަދި ރާއްޖޭގެ ސްކޫލް ތަޢުލީމުގެ ތެރެއިން ނުކުންނަ ކުދިންގެ ކިބައިގައި މަސައްކަތުގެ ހުނަރު އަށަގެންނެވުމަށްޓަކައި،
ބައިނަލްއަޤްވާމީ ފެންވަރުގެ ސްކޫލް ޓިވެޓް ޕުރޮގުރާމުތަކެއް، މި މާރިޗު
މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން. މި ފުރުޞަތުތައް ތަނަވަސްވެގެން ދިޔުމުން މަސައްކަތް ދަސްވެ، އިރާދަކުރެއްވިއްޔާ އެއްވެސް ކުއްޖަކު ބާކީނުވެ، މިކުދިންނަކީ މުޖުތަމަޢަށް ފައިދާހުރި
މަސައްކަތްތަކެއް ކުރާނެ ކުދިންތަކެއް ކަމުގައި ވެގެންދާނެ.
އަޅުގަނޑުމެންގެ އިޖުތިމާޢީ ފޭރާން ރަނގަޅުކުރުމަށް
ސްކޫލްތަކުގައި މަދަނީ ތަޢުލީމު އުނގަންނައިދީ، ޤައުމިއްޔަތާއި ދިވެހިބަހަށް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ޕުރޮގުރާމުތަކެއް ވަނީ ފަށާފައި. މާތްވެގެންވާ އިސްލާމްދީންދެކެ ލޯބިވާ ދަރިވަރުންތަކެއް އުފެއްދުމަށްޓަކައި ސްކޫލްތަކުގެ
ގްރޭޑް 1 ން 7 އަށް [ޤުރްއާން] މި މާއްދާ މަޖުބޫރުކޮށް، ހުރިހާ
ސްކޫލެއްގައި ގްރޭޑް 7 އާ ހަމައަށް ޤުރްއާން ކިޔަވައިދޭން ވަނީ ފަށާފައި. އަދި ގްރޭޑް 1 ގައި ޢަރަބިބަސް ކިޔަވައިދިނުމުގެ
ޕުރޮގުރާމުތަކެއްވެސް ރާއްޖޭގެ ސްކޫލްތަކުގައި މިހާރުވަނީ ފަށާފައި.
އޭ ލެވެލް އިމްތިޙާނުން 3 މާއްދާއިން ފާސްވެ، މަތީ ތަޢުލީމަށް ކިޔެވުމަށް ބޭނުންވާ ހުރިހާ ކުދިންނަށް، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ތަޢުލީމު އުނގެނުމަށްޓަކައި ލޯނާއި، ސްކޮލަރޝިޕްގެ ފުރުޞަތުތައް ލިބޭގޮތަށް އިރާދަކުރެއްވިއްޔާ،
މާލަސްތަކެއްނުވެ ހަމަޖެހިގެންދާނެ.
ޢިއްޒަތްތެރި ރައީސް؛
ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް
މިއަދު ވަރަށް ހަލުވި ކުރިއެރުންތަކެއް އެބަ އަންނަންޖެހޭ. ރާއްޖެއިން ލިބެން ނެތް ޞިއްޙީ ފަރުވާ، ރާއްޖޭގައި ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައި، ޚާއްޞަ އެކިއެކި ބަލީގެ ފަރުވާ، ރާއްޖޭގެ ހޮސްޕިޓަލްތަކުން ލިބޭގޮތަށް ހަމަޖެހިގެން ދިޔުން މިވަނީ
ވަރަށް ބޮޑަށް ލަސްވެފައި. މިކަންކަން ހައްލުކުރުމަށް މަސައްކަތްތަކެއް މިހާރުވަނީ ފަށާފައި. މިގޮތުން ރާއްޖޭގައި ޞިއްޙީ ފަރުވާދޭ މަރުކަޒުތައް، އާބާދީގެ ނިސްބަތުން ދަރަޖަކޮށްފައިވާ ގޮތް
ކަށަވަރުކޮށް، އެތަނެއްގެ ދަރަޖައަކަށް ނިސްބަތްވާ މިންގަނޑަށް، މެޑިކަލް
އިކްވިޕްމަންޓާއި ސާމާނު ހޯދައިދިނުމުގެ މަސައްކަތްތައް ސަރުކާރުން މިހާރުވަނީ ފަށާފައި. ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި އެފަރުވާއަކާގުޅޭ
ޚިދުމަތެއް ލިބެންހުރި ރަށަކަށް ބަލިމީހާ ގެންގޮސްދިނުމަށްޓަކައި އެމްބިޔުލޯންޗުގެ
ޚިދުމަތް ދިނުމަށް ބޭނުންވާ އުޅަނދުފަހަރު ތައްޔާރުކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވީތީ މިހާރުވަނީ ފަށާފައި.
I.G.M.Hގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ޒަމާނީ
ވަސީލަތްތަކާއެކު ޚިދުމަތް ދެވޭ ފެންވަރަށް މަލްޓި ޕަރޕަސް ސްޕެޝަލިޓީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ހުޅުވައިލުމާ ގުޅިގެން 10 ވަރަކަށް ފަރާތުން ވަނީ އެކަމަށް ޝައުޤުވެރިވާކަން ފާޅުކޮށްފައި. ﷲގެ ރަޙުމަތާއެކީ، އިރާދަކުރެއްވިއްޔާ، މި
ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށޭނެ. ހަމައެއާއެކު، I.G.M.Hގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ޢަމަލީ މަސައްކަތްވެސް މިހާރުވަނީ ފަށާފައި.
ބޭސްފަރުވާގެ ޔަޤީންކަން، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިގެންދިޔުމަށްޓަކައި [ހުސްނުވާ
އާސަންދަ] ތަޢާރުފު ކޮށްފައިވާކަން އެއީ، ދިވެހިންގެ ވެލްފެއަރ ކަންތައްތައް ރަނގަޅު ކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. ހުސްނުވާ އާސަންދައިގެ މަޤްޞަދަކީ، ދެމެހެއްޓެނިވި ފަރުވާގެ ޔަޤީންކަން، ކޮންމެ ދިވެހި ރައްޔިތަކަށްމެ ފޯރުކޮށްދިނުން. ޚާއްޞަކޮށް، ކެންސަރުގެ
ބަލިތަކަށް ފަރުވާކުރުމާއި، ކިޑްނީއާއި ލިވަރ ބަދަލުކުރުންފަދަ މުހިންމު
އޮޕަރޭޝަންތަކުގެ ޚަރަދު، ހުސްނުވާ އާސަންދައިގެ ތެރެއިން މިވަނީ ހިލޭ ހަމަޖެހިފައި.
ހުސްނުވާ އާސަންދައިގެ ދަށުން ރާއްޖޭގެ ހުރިހާރަށަކުން
ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ
ގޮތުން، ރާއްޖޭގެ ޕަބްލިކް ކުންފުންޏެއް ކަމަށްވާ، އެސް.ޓީ.އޯ. އިން ރަށްރަށުގައި ޤާއިމުކުރާ ފާމަސީތަކުން އާސަންދައިގެ ދަށުން ބޭސްލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި.
ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި، އެކި
ޢުމުރުފުރައިގެ މީހުންނަށްވެސް ހުސްނުވާ އާސަންދައިގެ ނިޒާމުގެ ތެރެއިން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައި. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަކީ، މި ސަރުކާރުންދޭ އެއްވެސް ޚިދުމަތަކުން މަޙުރޫމުވާނެ ބައެއް ނޫން. ސަރުކާރުން
މަސައްކަތް ކުރަމުން މިގެންދަނީ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދާއިމީ
މާލީ އެހީތެރިކަމެއް ފޯރުވައިދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް. މިއަދު މިފެށޭ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް މިކަމާ ގުޅޭ ބިލެއް ހުށަހެޅުމަށް އަޅުގަނޑު ޤަޞްދުކުރާ ވާހަކަ ޢިއްޒަތްތެރި މަޖިލީހުގައި
ދަންނަވަން.
ސަރުކާރުގެ އަމާޒަކީ، މިދެންނެވި ކަންކަމުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި އިޖްތިމާޢީ ރައްކާތެރިކަން ފޯރުވައިދިނުމުގެ ނިޒާމު ޤާއިމުކުރުން. އަދި ، ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތަކުގެ
ފެންވަރު، ދުނިޔޭގެ ނިސްބަތުން ގުނާލެވޭފަދަ މިންގަނޑެއްގައި ހިފެހެއްޓުން.
މަސްތުވާތަކެތިން ދިވެހި މުޖުތަމަޢު
ސަލާމަތްކުރުމަށްޓަކައި އެކުލަވައިލެވިފައިވާ ތަޞައްވުރުގެ ދަށުން ޞިއްޙީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށްޓަކައި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖްތަމަޢެއް ބިނާކުރަންޖެހޭ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ އަދި ރީހެބިލިޓޭޝަން
ދިނުމަށްޓަކައި ޤާއިމުކުރަންޖެހޭ ވަސީލަތްތަކާއި، ތަމްރީނު ކުރަންޖެހޭ މީހުން ތަމްރީނު ކުރުމަކީ، މި ސަރުކާރުގެ އަމާޒެއް. އެހެންކަމުން، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި މި އަމާޒަށް ވާސިލުވާނަން.
ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ހާސިލުވެވޭފަދަ ގޮތަކަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ ތެރެއިން ސާފު ބޯފެނާއި، އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ލިބޭނެގޮތް ހެދުމާއި، ރައްކާތެރިގޮތުގައި ކުނި މެނޭޖްކޮށް ނައްތައިލެވޭނެ މަގު ތަނަވަސްކޮށްދިނުމަކީވެސް ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް.
ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ހާސިލުވެވޭފަދަ ގޮތަކަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ ތެރެއިން ސާފު ބޯފެނާއި، އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ލިބޭނެގޮތް ހެދުމާއި، ރައްކާތެރިގޮތުގައި ކުނި މެނޭޖްކޮށް ނައްތައިލެވޭނެ މަގު ތަނަވަސްކޮށްދިނުމަކީވެސް ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް.
ޢިއްޒަތްތެރި ރައީސް؛
ގެދޮރުވެރިކަމުގެ ހިތްފަސޭހަ ދިރިއުޅުން ދިވެހި
ރައްޔިތުންނަށް ކަށަވަރުކޮށްދީ، ކޮންމެ މީހަކީ ގެދޮރުވެރިއެއް ކަމަށް ހެދުމާއި، ތޮއްޖެހެމުން އަންނަ އާބާދީ ހިމެނޭ ރަށްތަކުގެ ބިން ހިއްކުމަކީ، ސަރުކާރުގެ ސިޔާސަތުގެ މުހިންމު
ބައެއް. އެގޮތުން، ސަރުކާރުގެ ގެދޮރުވެރިކަމުގެ ވަޢުދުގެ ދަށުން
އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ސްކީމެއް މިހާރުވަނީ ތަޢާރުފު ކުރެވިފައި. އަދި ދިރިއުޅުމަށް ދޫކުރެވޭ ގޯތީގައި ގެދޮރު ޢިމާރާތް ކުރެވޭނެ މަގުފަހިކުރުމަށް ދޫކުރެވޭ ލޯނު ސްކީމެއް މިހާރުވަނީ އިފްތިތާޙު
ކުރެވިފައި.
ހަމައެޔާއެކު، ރާއްޖޭގައި އަމަންއަމާންކަމާއި
ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަށް ކުރަންޖެހޭ
މަސައްކަތްތައް އިތުރުކޮށް، އެކަންކަމުގެ އިންތިޒާމުތައް ހަރުދަނާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައި. އެގޮތުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރަށްވުރެ އަވަސް ގޮތެއްގައި
ފުލުހުންގެ ޚިދުމަތް ދެވޭނެގޮތް ހަމަޖެއްސުމާއި، ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން،
މަސްތުވާތަކެއްޗާ ދެކޮޅަށް ފިޔަވަޅު އެޅުން ހިމެނޭ.
ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް
މިހާރަށްވުރެ އަވަހަށް އަދި ލުއިފަސޭހަކަމާއެކީ ދިނުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރެވެމުން. މިގޮތުން، ސަރުކާރުގެ ވަޢުދުގެ ތެރޭގައި ހިމެނޭ އެއް ވަޢުދު
ކަމަށްވާ ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކިޔޫގައި ނުތިބެ
ޚިދުމަތް ލިބޭނެ އިންތިޒާމް، ސަރުކާރުގެ އޮފީސްތަކުގައި މިހާރުވަނީ ހަމަޖެހިފައި. އަދި ޢާންމު ފަރާތްތަކުން ކުރަމުންދާ އެންމެބޮޑު އެއް ޝަކުވާއަކީ، ސަރުކާރުގެ އޮފީސްތަކުން ފޯނުތަކަށް ޖަވާބު ނުދިނުމުގެ
ޝަކުވާ ކަމަށްވާތީ، އެކަންކަން ހައްލުކުރުމަށްޓަކައި މިހާރުވަނީ މަސައްކަތްތަކެއް ކުރެވި، އެދެވޭ ކުރިއެރުންތަކެއް ހޯދިފައި.
ޢިއްޒަތްތެރި ރައީސް؛
ސަރުކާރުން އެންމެބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ،
ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް. ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި އެކިއެކި ބޮޑެތި މަޝްރޫޢުތައް، ރާއްޖޭގައި ހިންގުމުގެ ފުރުޞަތު، ބޭރުގެ އިންވެސްޓަރުންނަށް
ހުޅުވައިލައި، ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއްގައި އިޤްތިޞާދީ އިތުރު ޙަރަކާތްތައް
ހިންގުމަށް. ހަމައެޔާއެކު، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ކުރިއަށް ގެންދިޔުމަށް ބޭނުންވާ މުހިންމު ދާއިރާތަކަށް އިސްކަންދީގެން، އެ ދާއިރާތައް ތަރައްޤީ ކުރުމަކީ، ސަރުކާރުގެ މުހިންމު ސިޔާސަތެއް. ހަމައެހެންމެ، ޚާއްޞަ ގޮތެއްގައި އިޤްތިޞާދީ ދާއިރާއާ
ގުޅޭ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށްޓަކައި އެފަދަ
ނިޒާމެއް ތަޢާރުފުކޮށް، އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތައިލުމަށްޓަކައި އެޅެންހުރި
ފިޔަވަޅުތައް އެޅުމަކީ، ކުރިއަށް އޮތް ތާނގައި ސަރުކާރުން ވަރަށްބޮޑު
އިސްކަމެއްދެމުން ގެންދާނެ ކަމެއް. މިގޮތުން، ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިންވެސްޓް ކުރުމުގައި ހުރި ދަތިތައް ޙައްލުކޮށްދިނުމަކީ، ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް
ލިބޭނޭ އިތުރު ޔަޤީންކަމެއް.
މިގޮތުން، އިންފްރާސްޓްރަކްޗަރގެ ބޮޑެތި މަޝްރޫޢުތައް
ހިންގުމަށްޓަކައި ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް
ޤާއިމުކުރުމުގެ ބިލް، އިރާދަކުރެއްވިއްޔާ، ކުރިއަށް
އޮތް މަހެއްހާ ދުވަހުގެ ތެރޭގައި، މި ޢިއްޒަތްތެރި މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ވާހަކަ ދަންނަވަން.
އެހެންކަމުން، މިދެންނެވި ތަރައްޤީގެ މަޝްރޫޢުތަކުގެ
ތެރެއިން ވީހާވެސް ގިނަ ޢަދަދެއްގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް، އިރާދަކުރެއްވިއްޔާ ސަރުކާރުން ތަނަވަސްކޮށްދޭނެ. މިކަމުގައި ރާއްޖޭގެ އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން
ބޭނުންވާ ވާހަކަ ދަންނަވަން. މިއަދު ރާއްޖޭގެ މުހިންމު ޞިނާޢަތްތަކުން
ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވައިލެވިގެން މެނުވީ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށް ލިބިގެނެއް ނުދާނެ.
ޢިއްޒަތްތެރި ރައީސް؛
ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު
ލަނޑުދަނޑިއަކީ، ރާއްޖޭގެ ރައްޔިތުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުން. ހަމައެޔާއެކު، އެއްޤައުމުން އަނެއް ޤައުމުގެ އިސްތިޤްލާލަށް އިޙުތިރާމުކޮށް، ހުރިހާ
ޤައުމުތަކަކާއެކު ގުޅުން ބަދަހިކޮށް ތަރައްޤީކުރުން. ހަމައެއާއެކު،
އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުން. އަދި ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަނެއް އަމާޒަކީ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދެވޭ ޚިދުމަތް
ހަރުދަނާކޮށް ފުޅާކުރުން. ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވިސާ
ހޯދުމުގައި ކުރިމަތިވާ މައްސަލަތައް ޙައްލުކޮށްދީ، ބޭރު ޤައުމުތަކުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން.
ޢިއްޒަތްތެރި ރައީސް؛
މައިގަނޑު 8 ދާއިރާއެއްގެ މައްޗަށް ހިމެނޭ 5
އަހަރުދުވަހުގެ ލެޖިސްލޭޓިވް އެޖެންޑާއެއް ސަރުކާރުން މިހާރުވަނީ އެކުލަވައިލައިފައި. އެ އެޖެންޑާގެ ދަށުން، ސަރުކާރުގެ ވިސްނުމުގައި ހުރި ކަންކަމާ ގުޅޭގޮތުން ތަޢާރުފުކުރަންޖެހޭ ބިލުތަކާއި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭ
ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށްޓަކައި އެކުލަވައިލާންޖެހޭ ބިލުތަކާއި،
ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލާންޖެހޭ ބިލުތަކާއި، ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާ ގުޅިގެން އިޞްލާޙު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ޤާނޫނުތަކުގެ ބިލުތައް، އިރާދަކުރެއްވިއްޔާ
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅަމުން ގެންދާނަން. މިކަންކަމުގައި އެއްބާރުލެއްވުން ދެއްވުމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޢިއްޒަތްތެރި މެންބަރުންގެ އަރިހުން އެދެން.
ޢިއްޒަތްތެރި ރައީސް؛
މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތު
ދިރުވައި، އިސްލާމީ ރިވެތި އުސޫލުތައް ދަމަހައްޓައި، މި އުސޫލުތައް އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކީ ފޯރުވައިދިނުމަކީ، ސަރުކާރުގެ އެންމެ އިސް އަމާޒު. އިރާދަކުރެއްވިއްޔާ، މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނީ، ދިވެހިންގެ ހިތްތަކުގައި
އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ވަރުގަދަކޮށް، ޤައުމިއްޔަތުގެ ރޫޙު ދިރުވައި
އާލާކުރުމަށް.
މާތްﷲ، މި ލޮބުވެތި ވަޠަންގެ އެއްބައިވަންތަކަމާއި
އުޚުއްވަތްތެރިކަން ރައްކާތެރިކޮށް ދަމަހައްޓަވާށި!
ސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށް ކުރަމުން މިގެންދާ މަސައްކަތްތަކުގެ ހެޔޮނަތީޖާ، ދިވެހި ރައްޔިތުންނަށް ދައްކަވާށި! މި ޢިއްޒަތްތެރި މަޖިލީހަށާއި، އަޅުގަނޑަށާއި ސަރުކާރަށް އަދި ރާއްޖޭގެ އެންމެހައި
ރައްޔިތުންނަށް، ޤައުމުގެ ހެވާއި ލާބައަށްޓަކައި ވަރުގަދަ
ޢަޒުމަކާއި، ކެތްތެރިކަމާއެކު މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އާމީން.
والســّلام عليــكم ورحـمــة اللّـه وبـركاتـه.
Comments