Skip to main content
އާ ޕްރިންސިޕަލަކާއެކު އާ އަހަރުގެ ކިޔެވުން ފަށައިފި


ރައީސް އަބްދުﷲ ޔާމީންގެ އާ ސަރުކާރުން، ތައުލީމީ ދާއިރާ އަށް އާ ލަނޑުދަނޑިތަކެއް ކަނޑައަޅައި، ބޮޑެތި ބަދަލުތަކަކާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު، އިހަވަންދޫ މަދަރުސާގައި ހުންނެވީ އާ ޕްރިންސިޕަލް އެކެވެ.

އިހަވަންދޫ މަދަރުސާގެ ޕްރިންސިޕަލް އަކަށް ހަމަޖައްސަވާފައިވަނީ ކުރިން އެސްކޫލްގެ ކޮލިފައިޑް ލީޑިންގ ޓީޗަރެއްގެ މަގާމުގައި ހުންނެވި އަހުމަދު ރަޝީދު އެވެ. އިހަވަންދޫ މަދަރުސާއަށް ޕްރިންސިޕަލަކު ހޯދުމަށް ކުރި އިޢުލާނަށް އިޖާބަދެއްވީ ހަމަ އެކަނި އެފަރާތުންނެވެ. 

އަހުމަދު ރަޝީދަށް ވަރަށް ހޫނު މަރުހަބާއަކާއި ތަހުނިޔާއާއި ޝުކުރު މި ބުލޮގްގެ ކިޔުންތެރިންގެ ފަރާތުން ބަރުތީލަކުރަނީ ހިތުގެ އުމުގުން އިޙްލާސްތެރި ހިތަކުންނެވެ.



އަދި މިފެށުނުގެ ދިރާސީ އާ އަހަރުގެ  ތަހްނިޔާއާއި ހެޔޮއެދުންތައް، ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމަށާއި، ނާއިބް ރައީސް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދަށާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޝިހާމަށް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ. 

ހަމަ މިނިނޭވާގައި މިއަދުގެ ހެޔޮއެދުންތައް، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް އަރިސްކުރަމެވެ. 

މި އަދު މުނާސަބަތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމު ވަނީ ހިޠާބެއް ދެއްވާފައެވެ. އެކަމަނާގެ ހިޠާބުގައި ،
"
މިއަދުގެ ތަހްނިޔާއާއި ހެޔޮއެދުންތައް، ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމަށާއި، ނާއިބް ރައީސް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދަށް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
އަދި މިއަދުގެ ހެޔޮއެދުންތައް، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް އަރިސްކުރަން.
                                             
މިއަދުގެ އިރު ދިވެހި ޖައްވަށް އަރައިގެން އެ އައީ މިލޮބުވެތި ޤައުމުގެ ހުރިހާ ކަންކޮޅުތަކަށް އުންމީދުގެ ދޯދިތައް ފޮނުވަމުން. މި ދީބުގެ ކުރިމަގު އުޖާލާ ކުރާނޭ ޒުވާނުންނަށް ބޭނުންވާ ހަކަތަ އެކުލެވޭ އުންމީދުގެ ދޯދިތައް ފޮނުވަމުން. ހަކަތައިން ފުރިފައިވާ އުންމީދުގެ މި ދޯދިތައް މި ޤައުމުގެ ކިޔަވާ ކުދިންނާއި ބެލެނިވެރިންނާއި އެންމެހާ ފަރުދުންނާ ހަމައަށް ފޯރައިފިކަން ކަށަވަރު ވުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

މިއަދު އަރައިގެން އައި އިރާއެކު، ދިވެހިރާއްޖޭގެ ކޮންމެ ގެއެއްގައި ކަހަލަގޮތަކަށް، ބެލެނިވެރިން އެންމެބޮޑު ސަމާލުކަމެއް ދެއްވާފައިވަނީ ދަރިފުޅު ސްކޫލަށް ފޮނުވުމަށް ވާންޖެހޭ ތައްޔާރީތައްވުމަށް.
ރުލެއް ނެތް ސާފު ހުދު ޔުނީފޯމެއްގައި އަޅުގަނޑުމެންގެ ދަރިން  ސްކޫލަށް ފޮނުވަނީ ވަރަށް މަތިވެރި އުންމީދެއްގައި..... އެއީ ބާއްޖަވެރި ދިރިއުޅުމަކަށް ބޭނުންވާ ޢިލްމާއި ތަރުބިއްޔަތު އެ ދަރިންނަށް ލިބޭނޭކަމުގެ އުންމީދު. ޤައުމު އާރާސްތުކުރުމުގައި ބައިވެރިވުމަށް ބޭނުންވާނޭ ހުނަރާއި ހަކަތަ އެ ދަރިންނަށް ލިބޭނޭ ކަމުގެ އުންމީދު. ބަވަނަވަމުން އަންނަ ދުނިޔޭގައި ރާއްޖެއަށް ރީތި ނަމާއި ޝަރަފު ހޯދައިދޭފަދަ ރިވެތި ސިފަތަކެއް އެ ދަރިންނަށް ލިބޭނޭކަމުގެ އުންމީދު.  ދަރިފުޅު ސްކޫލްގެ ހަތަރު ފާރު ތެރެއަށް ދޫކޮށްލުމަށްފަހު ބެލެނިވެރިން އެނބުރި ގެއަށް ވަޑައިގަންނަވަނީ، ބެލެނިވެރިންގެ  މި ދެންނެވި އުއްމީދު ސްކޫލްތެރެއިން ޙާސިލްވާނެކަމުގެ ފުރިހަމަ ޔަގީންކަމާއެކު. ބެލެނިވެރިޔާގެ މިދެންނެވި އުއްމީދު ޙާސިލްކޮށްދެވޭނީ އަޅުގަނޑުމެންނަށް. އެކަން ކުރެވޭނީ، ސްކޫލް މާޙައުލަކީ ދަރިވަރަށް އުފާވެރިތަނަކަށް ހަދައިދީގެން. ސްކޫލަކީ ދަރިވަރުގެ އިހްސާސްތައް ދަންނަ، އަދި ދަރިވަރުގެ ބޭނުންތަކަށް މަރްޙަބާކިޔާ ތަނަކަށް ހަދައިދީގެން. ތަޢުލީމީ ދާއިރާގައި ކުރާ ކޮންމެ މަސައްކަތަކާއި ހިންގާ ކޮންމެ ޙަރަކާތެއްގެ ނާރެހަކީ ދަރިވަރުކަމުގައި ހަދައިގެން. ލޯތްބާއި، ކުލުނާއި ރައްކާތެރިކަމާއި، އެހީތެރިކަން ސްކޫލްގެ ތެރެއިން ލިބޭނެކަމުގެ ޔަގީންކަން ސްކޫލްތަކުން ދަރިވަރަށް ދީގެން. ދަރިވަރުންގެ ޝަޚްސިއްޔަތު ބިނާކުރުމަށް ފުރުސަތު ދީގެން. ސްކޫލް ދުވަސްވަރު ދިމާވާ ކަންތައްތައް ޙައްލުކުރުމުގެ ގާބިލްކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައިގެން. ދިރިއުޅުމުގެ ރީތި ސިފަތަކާއި އާދަތަކަށް ދަރިވަރުން ހާނުވައިގެން. ތިމާގެ ޙައްގުތަކެއްވާފަދައިން، އަނެކާގެ ޙައްގުތަކެއްވެސް ވާކަން ގަބޫލުކޮށްގެން. ތަޢުލީމީ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ކޮންމެ ބޭފުޅަކީވެސް ދަރިވަރަށް ރީތި ނަމޫނާ ދައްކަވާ ބޭފުޅަކަށް ވެގެން.
ސްކޫލެއްގެ ހަތަރުފާރުން ބޭރުގައި ހިގާ ކަންތައްތަކަކީވެސް ތަޢުލީމީ މަންހަޖެއްގެ ވަރަށް މުހިއްމު ބައިތަކެއް.  އެހެންމީހުންނާއެކު އުޅެން ދަސްކޮށްދިނުމާއި އަމިއްލަ މަސައްކަތުން ކުރިއަށް ދިއުމުގެ ވިސްނުމާ ހުނަރުތައް ފޯރުކޮށްދިނުމާއި، އެހެންމީހުންނަށް އިޙްތިރާމްކުރަން ދަސްކޮށްދިނުންފަދަ މުހިއްމު ސިފަތައް ދަރިވަރުންނަށް ލިބިދިނުމުގައި ސްކޫލް މާޙައުލުން ބޭރުން އަދާކޮށްދެވޭނެ ދައުރު ވަރަށްބޮޑު.
މި ދެންނެވި ކަންތައްތައް ސްކޫލްތަކުން މިހާރުވެސް ހިންގަވަމުން ގެންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. އެހެންނަމަވެސް، މި ކަންތައްތައް އިތުރަށް ތަރައްގީކުރުމަށް މަދަނީ ތަޢުލީމް ސްކޫލްތަކުގައި ތަޢާރަފް ކުރުމަށް ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް މިހާރުވަނީ ނިމިފައި.  
ސްކޫލްތަކުގެ ވެރިންގެ އަރިހުން އަޅުގަނޑު އެދޭ އެދުމަކީ، މަދަނީ ތަޢުލީމުގެ ތެރެއިން ހިންގޭ ޙަރަކާތްތައް އަޅުގަނޑުމެން އެންމެން ގުޅިގެން ކުރިއަށް ގެންގޮސްދެއްވުމަށް.

ތަޢުލީމީދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ބޭފުޅުން.
ތަޢުލީމީ ދާއިރާއަކީ ފަންނީ މުއައްޒަފުން ގިނަ ޢަދަދަކަށް ބޭނުންވާ ދާއިރާއެއް. ދަރިވަރުންގެ ކުރިއެރުމަށް ކުރެވޭނެ އެންމެ މުހިއްމު އެއް މަސައްކަތަކީ، މި ދާއިރާގެ މުއައްޒަފުން ފަންނީ ގާބިލް ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތް. މި ދާއިރާގައި މަސައްކަތްކުރައްވާ މުއައްޒަފުންގެ ތެރެއިން އިތުރަށް ތަމްރީނުވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް. އެހެންކަމުން، ކިޔެވުމަށްޓަކައި ވަޒީފާއިން ވަކިވާ ފަރާތްތަކަށް މުސާރައާއި އެއްވަރުގެ އެލަވަންސް އެއް ދިނުމަށް މިހާރުވަނީ ނިންމާފައި. މިއީ ތަޢުލީމީ ދާއިރާގެ ކުރިމަގަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަން ޔަގީން.


ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ބޭފުޅުން. ޢިއްޒަތްތެރި ބެލެނިވެރިން.
އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެބޮޑު ނަސީބަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ތިބުމުގެ ނަސީބު. ކޮންމެ ރަށެއްގައި 5 ވަގުތު އިވޭ ބަންގީގެ މޫރިތި އަޑަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢުމަތެއް. ޝަރަފެއް... ފެއްސާ، ރަތާ، ހުދުން، މި ދިވެހި ޖައްވުގައި މިނިވަންކަމާއެކު ވިހުރޭ ދިދައަކީ އަޅުގަނޑުމެންގެ ރަމްޒު. މިނިވަން ގައުމެއްގެ ގޮތުގައި އެތަކެއް ސަތޭކަ އަހަރު ހޭދަކުރުމަކީ އަޅުގަނޑުމެންގެ ފަޚްރު. އަމިއްލަ ބަހަކުން ވާހަކަދައްކާ، އަދި ލިޔެކިއުމަށް އަމިއްލަ އަކުރެއް އޮތުމަކީ އަޅުގަނޑުމެންގެ ކާމިޔާބީ.
ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވީނަމަވެސް، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ގާބިލްކަން އަޅުގަނޑުމެންގެ ކާބަފައިންވަނީ ހޯދާފައި. އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑުތަކުން ރޯދި ހޯދާނެ ތިމާވެއްޓާ ރައްޓެހި ގޮތްތައް އަޅުގަނޑުމެންގެ ކާބަފައިންވަނީ އީޖާދުކޮށްފައި. ރަށުގައި ދަނޑުވެރިކަންކޮށް، ކާބޯތަކެތި ހޯދާނެގޮތް އަޅުގަނޑުމެންގެ ކާބަފައިންވަނީ ހޯދާ، ދަސްކޮށްދީފައި. މިސަރަޙައްދުގެ ޤައުމުތަކާއެކު ވިޔަފާރިކޮށް، ވިޔަފާރިން ނަފާހޯދާނެގޮތް އަޅުގަނޑުމެންގެ ކާބަފައިންވަނީ އަޅުގަނޑުމެންނަށް ދަސްކޮށްދީފައި... އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން ކައިބޮއި އުޅުނުބައެއް. އަޅުގަނޑުމެންގެ ކާބަފައިން ދަސްކޮށްދިނީ އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް އެންމެ ރަގަޅަށް ކުރެވޭނީ އަޅުގަނޑުމެންނަށް ކަމަށް. މި ފިލާވަޅު މިއަދުގެ ދަރިވަރުންނަށް ދަސްކޮށްދިނުމަކީ އަޅުގަނޑުމެންގެ އެންމެ އިސް މަސްއޫލިއްޔަތު.
އެހެންކަމުން ޒުވާންލޭ ހިނގާ ހުނަރުވެރި ޒުވާނުން، އިގްތިސާދީގޮތުން ޙަރަކާތްތެރި ބައެއްގެގޮތުގައި ތައްޔާރުކުރުވުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. ކިޔެވުމަށްފަހު ވަޒީފާއެއް އަދާކުރަންޖެހޭނެކަމާއި، ޤައުމުގެ އިގްތިސާދުގައި ތިމާ ހިއްސާވާންޖެހޭނެކަން މިއަދުގެ ދަރިވަރުންނަށް އަންގާދޭންޖެހޭ. މި މަގްސަދުގައި، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތަކުގައި ސްކޫލްދަރިވަރުންނަށް ބައިވެރިވެވޭނެ އިންތިޒާމް މިހާރުވާނީ ހަމަޖެހިފައި. ސްކޫލްތަކުގެ އިސްވެރިންނާއި ބެލެނިވެރިންގެ އަރިހުން އަޅުގަނޑު އެދޭ އެދުމަކީ، މޯލްޑިވްސް ޕޮލިޓެކްނިކުން ހުޅުވާލެއްވި ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިއްޕެވުން.  މި ޕްރޮގްރާމް ކާމިޔާބުވަނީ ސްކޫލްތަކާއި ބެލެނިވެރިން ގުޅިވަޑައިގެން ކުރައްވާ މަސައްކަތުގެ ސަބަބުން.

ޢިއްޒަތްތެރި ބެލެނިވެރިން.
މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހު ހާސިލްކުރަން ގަސްދުކުރާ ކަންތައްތައް އިފްތިތާޙްކުރުން މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އަޅުގަނޑުމެން ބޭއްވިން. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހު ތަޢުލީމީ ދާއިރާއިން މައިގަނޑު 23 ކަމެއް ކުރުމަށް އަޅުގަނޑުމެންވާނީ ނިންމާފައި. އަދި އެކަންތައްތަކުގެ ތެރެއިން ވަރަށް މުހިއްމު 4 ކަމެއް އަޅުގަނޑުމެންވާނީ އެދުވަހު އިފްތިތާޙްކޮށްފައި. މި ދެންނެވި ކަންތައްތައް ތަންފީޒުވަމުން ދިޔަވަރަކަށް ދަރިވަރުންނަށް ބޮޑެތި ކުރިއެރުން އަންނާނެ. ތަޢުލީމީ ދާއިރާއަށް ބޮޑެތި ކުރިއެރުން އަންނާނެ. އެހެންކަމުން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ބޭފުޅުންނަށާއި، ބެލެނިވެރިންނަށް މިފުރުސަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތަޢުލީމީ ދާއިރާއިން ކަނޑައަޅާފައިވާ ކަންތައްތައް ހާސިލްކުރުމުގައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެކޭ. މިއީ ވަކި އެއް ފަރާތެއްގެ ޒިންމާއެއް ކަމަށް ނުހައްދަވާށޭ.  އަޅުގަނޑުމެންގެވެސް އަދި ބެލެނިވެރިޔާގެ އުއްމީދުވެސް ގުޅިފައިވަނީ ދަރިވަރާ. ދަރިވަރުގެ ކާމިޔާބާ ދަރިވަރުގެ އުފަލާ. އެހެންކަމުން، ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ތެރެއިން ފުރަތަމަ 100 ދުވަހު ހާސިލްކުރަން ގަސްދުރާކަންތައްތައް "އުފާ" ގެ ނަމުގައި އިފްތިތާޙުކުރީ، އަޅުގަނޑުމެން މިކުރާ މަސައްކަތުން އުފާވެރިކަން ހޯދައިދޭންޖެހެނީ ދަރިވަރުންނަށް ކަމަށްވާތީ.

ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ބޭފުޅުން. ޢިއްޒަތްތެރި ބެލެނިވެރިން.
މިއަދު މިފެށޭ ދިރާސީ އަހަރާ އަޅުގަނޑުމެން މި ކުރިމަތިލަނީ، ވަރަށް ފޮނި އުއްމީދުތަކަކާއެކު. މިސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ތަހުޒީބު މުޖުތަމަޢަކަށް ތަރުބަވީ ތަޢުލީމް ދިނުން. މި މަސައްކަތުގައި އެންމެ ކުއްޖަކުވެސް ބާކީ ނުކުރުމަކީ މި ސަރުކާރުގެ ވަޢުދެއް. ކޮންމެ ކުއްޖަކަށްވެސް ބޭނުންވާ ތަޢުލީމާ، ތަމްރީނާ، ތަރުބިއްޔަތު ދިނުމަކީ އަޅުގަނޑުމެންގެ އަމާޒު. މި އަމާޒަށް ވާސިލްވެވޭނީ، ކުރިމަގަށްވިސްނާ، ރަގަޅު ރޭވުންތަކެއް ރާވައިގެން. އެ ރޭވުންތައް ތަންފީޒުކުރުމަށް ކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއިން. އަޅުގަނޑުމެންގެ ވިސްނުމުގެ އެންމެ ކުރިއަށް ދަރިވަރު ނެރެންޖެހޭ.  އަޅުގަނޑުމެން ތިބެންޖެހޭނީ ދަރިވަރުންނަށްޓަކައި. ދަރިވަރުންގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި. އެހެންކަމުން އަޅުގަނޑުމެން ނިންމާ ނިންމުންތައް ނިންމަންވާނީ ދަރިވަރަށް އެންމެ ރަގަޅުގޮތް ބަލައިގެން. ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތަށް. ޤައުމަށް އެންމެ ބޭނުންތެރިގޮތަށް.

ޢިއްޒަތްތެރި ބެލެނިވެރިން.
މިނިގެންދިޔަ ދިރާސީ އަހަރަކީ، ގިނަގުނަ ކާމިޔާބީ ޙާސިލްކުރެވިފައިވާ އަހަރެއް. މިކާމިޔާބީ ޙާސިލްކުރެވިފައިވަނީ، ސްކޫލްތަކުގެ ބޭފުޅުންނާއި ބެލެނިވެރިން ގުޅިވަޑައިގެން ކުރައްވާފައިވާ ވަރަށްބުރަ މަސައްކަތުން. ސްކޫލްތަކުގެ ޙަރަކާތްތަކަށް ބެލެނިވެރިން ދެއްވާ ސަމާލުކަމާއި ތަރުޙީބަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި މި ފެށޭ 2014 ވަނައަހަރަކީވެސް ބެލެނިވެރިންގެ އެއްބާރުލެއްވުން އަޅުގަނޑުމެންނަށް ދެއްވާނެއަހަރެއް ކަމަށް އަޅުގަނޑު ޔަގީންކުރަން.
ދަރިވަރުންގެ ތަޢުލީމަށް ބެލެނިވެރިން ދެއްވާ ސަމާލުކަމަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިއަދު އަޅުގަނޑުމެން މިއުޅެނީ އިމެއް، ހައްދެއް ކަނޑައެޅިފައިވާ ދުނިޔެއެއްގައި ނޫން. ޒަމާނީ އާލާތްތަކުގެ އެހީގައި ދުނިޔެމިވަނީ ވަރަށްބޮޑަށް ކުޑަވެފައި. ތަފާތު ނުފޫޒުތައް އަޅުގަނޑުމެންގެ ތެރެއަށް ވަންނަމުންއެބަދޭ. މިދެންނެވި ނުފޫޒުތަކުގެ ތެރެއިން ނޭދެވޭ ނުފޫޒެއްގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް އެތެރެއަށް ހަމަ އެންމެ ކުއްޖަކުވެސް ވަނުމަކީ އަޅުގަނޑުމެން ބޭނުންވާނެ ކަމެއްނޫން. އެހެންކަމުން، ދަރިވަރުންގެ ކިޔެވުމަށް އަސަރުކޮށްފާނެ ހުރިހާ ކަމަކުން އެ ދަރިވަރުން އެކަހެރިކުރެއްވުމަށް މަސައްކަތް ކުރެއްވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް. ކުދިންނާ ނުގުޅޭ މަންޒަރުތަކާއި އަޑުތަކާއި އެފަދަ އެހެނިހެން ކަންތައްތަކުން އެކުދިން ދުރުކުރެއްވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. ދަރިވަރުންނަށް ލޯތްބާއި، ކުލުނާއި އެހީތެރިކަން މިހާރެކޭ އެއްގޮތަށް ދެއްވާ. އެކުދިން ކުރާ ރަގަޅު ކަންތައްތަކަށް ހިއްވަރުދެއްވާ. ގޭތެރެއަކީ އުފާވެރި ތަނަކަށް ހައްދަވާދެއްވާ. މި މަސައްކަތުން ގައުމަށް ލިބޭނީ އުފާވެރިކަމާއި، ކުރިއެރުމާއި ތަރައްގީ.(--)

ލޮބުވެތި ދަރިވަރުން.
ކޮންމެ ކުއްޖަކީވެސް، އެކުއްޖެއްގެ ޢާއިލާއިން އެކުއްޖަކާމެދު ފަޚްރުވެރިވާ ކުއްޖަކަށް ވުމަށް ގަދައަޅާ މަސައްކަތްކުރުމަށް އަޅުގަނޑު ނަސޭޙަތްތެރިވަން. މިހާރު ލިބިފައިވާ ފުރުސަތުގެ ބޭނުން އެންމެ ރަގަޅުގޮތުގައި ހިފުމަށާއި، ދަރިވަރުންގެ މުސްތަގްބަލު އުޖާލާ ކުރެވޭނީ މިހާރު ހޯދާ ޢިލްމެއްގެ ސަބަބުންކަން ހަދާންކުރައްވާ. ސްކޫލް ދުވަސްވަރުގެ ރައްޓެހިންނަކީ ތާ އަބަދުގެ ރައްޓެހިންކަމަށްވާތީ، ރަޙްމަތްތެރިކަމުގެ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާ. ސްކޫލް ދުވަސްވަރަކީ އުފާވެރި ދުވަސްތަކަކަށް ހައްދަވާ. ކިޔެވުމާއި، ތަރުބިއްޔަތާއި މަސައްކަތްތެރިކަމަށް ޝައުގު އުފައްދަވާ. މިއަދުގެ ދަރިވަރުންނަކީ މާދަމާގެ ޒިންމާދާރު ވެރިން. މި ބުރަ މަސައްކަތަށް ތައްޔާރުވެތިއްބަވާ.(---)

އާދެ، މިއަދު މި ފެށޭ ދިރާސީ އަހަރަށް ސްކޫލްތައް ތައްޔާރުކުރުމުގައި ސްކޫލްތަކުގެ ވެރިންނާއި މުއައްޒަފުންނާއި، ބެލެނިވެރިންނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ދަށުންހިނގާ މުއައްސަސާތަކުގެ މުއައްޒަފުން ކުރައްވާފައިވާ ބުރަ މަސައްކަތް ފާހަގަކޮށް، އެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. (---)

އަޅުގަނޑުގެ އިޚްލާސްތެރި ދުޢާއަކީ، ތަޢުލީމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތްލެއްވުން. ދިވެހިންނަކީ، މަސައްކަތްތެރި، އުފެއްދުންތެރި، ހީވާގި ބައެއްކަމުގައި މާތްﷲ ލެއްވުން. މިއަދު މިފެށޭ ދިރާސީ އަހަރަކީ، ހުރިހާ ދަރިވަރުންނަށް އަމާން، ކާމިޔާބު އަހަރެއްކަމުގައި މާތްﷲ މިންވަރުކުރައްވާށި. އާމީން."



 


Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.