Skip to main content

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ބާއްވަވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅު


بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـينوَالصّـلاة وَالسّلام علـى محـمَّدٍوعلى آلـه وصحبـه أجمعـين.
އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒު ޙުސައިން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މިރޭ އިނާމް ޙާޞިލުކުރައްވާ ބޭފުޅުން، ޖަލްސާއަށް ހާޟިރުވެތިއްބެވި ޢިއްޒަތްތެރިން، ލޮބުވެތި ކިޔަވާކުދިން، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައްޔިތުން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،
އަޅުގަނޑުގެ ވާހަކަ މިރޭ ފައްޓާނީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލުމަށްޓަކައި، އައްސުލްޠާން މުޙަންމަދު ޝަމްސުއްދީން އިސްކަންދަރު، ސިރީކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން އެކުލަވާލެއްވި ޤަރާރުގެ ތަންކޮޅަކުން. އެ ރަދުން ވިދާޅުވެފައިވަނީ :-
"މަގޭވޮނަދަނަ ރާއްޖޭގެ ދައުލަތުގެ ކަންތައް ހިންގުމަށް ވަކި ޤާނޫނުތަކެއް ލިޔެވި ޤަރާރު ކުރެވިފައިނުވާ ކަމަށްޓަކައި، ތިޔަ އެންމެ ކަލުން އެއްވެ، މަޖިލިސްކޮށް ތިބެ ވާހަކަދައްކައި، އިސްލާމްދީނާ ޚިލާފުނުވާނޭ ގޮތަށް، މިރާއްޖޭގެ މުސްކުޅި އާދަކާދައިގެ ތެރެއިން މިޒަމާނަށް ކަމުދާން ހުރިގޮތްތައް ލައިގެން، މި ދައުލަތަށް މިހިނދަށް ލިބެންހުރި ފައިސާ ވެރިކަމުގެ މައްޗަށް ވިސްނުން ބަހައްޓައިގެން، މަގޭ ރައްޔިތުންނަށް ލުއިކުރެވޭން ހުރި މިންވަރަކަށް ލުއިކުޅައުމަށް ބުރަވެތިބެގެން، ބޭރުގެ ކަންކަމާބެހޭ ޤާނޫނުތަކުގައި އިނގިރޭސި ދައުލަތާއި މި ދައުލަތާ ދެމެދުއޮތް މުޢާހަދާއާ ޚިލާފުނުވާނޭގޮތަށް، މިދައުލަތުގެ އެންމެހާ ކަންތައްތައް ހިންގުމުގެ ޤާނޫނުތައް ހަދައި، ލިޔެ ޤަރާރުކޮށްފަނީ ކޮށު. ތިބާ މަޖިލީހުގެ އެންމެކަލުން ޞުލްޙަ މަޞްލަޙަތުގައި މަޝްވަރާކޮށް މަގޭ ހިރިޔާ ފާތުރާގެދަށުން މިއަމުރުކުރެއްވި ކަންތައްތައް ރަނގަޅަށް އަދާކޮށްފަނީ ކޮށު."
ލޮބުވެތި ރައްޔިތުން،
އެ ޤަރާރުން ތަންކޮޅެއް މިދަންނަވާލީ، ރާއްޖޭގައި ޤާނޫނީ ވެރިކަމެއް އުފެއްދުމުގެ ޚިޔާލު ބައްޓަންވެގެން އައިއިރުވެސް، ރާއްޖެއާ އެކަށީގެންވާ ވަރުގެ ނިޒާމެއް ޤާއިމުކުރުމުގެ ތަޞައްވުރު އޮތްކަން ހާމަކުރުމުގެ ގޮތުން. ރާއްޖެއާ ނުބައްދަލު، ބުރަހެލި، ބިޔަ، ދައުލަތެއް ފަރުމާކުރުމުގެ ބަދަލުގައި، ދިވެހިންގެ ކެރިފޯރުން ތެރިކަމާއި ފައިސާވެރިކަމުން ދެކޮޅުޖެހޭވަރުގެ، ހަލުވި ދައުލަތެއްގެ އޮނިގަނޑު ރޭވުމަށް މީގެ 80 އަހަރުކުރިންވެސް ދިވެހިން ބޭނުންވެފައިތިބިކަން ދަންނަވާލުމަށް.
އޭރުގައި ދިވެހި ދައުލަތް އޮތީ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި. މިއީ ދިވެހި ރާއްޖެއަށް ޤާނޫނުގެ ވެރިކަމެއް ގެނައުމަށްޓަކައި ފުރަތަމަ ކުރެވެނު މަސައްކަތުގެ ބިންގާ. މި ޤާނޫނުއަސާސީ ވުޖޫދުކުރެވި، ޤާނޫނުގައި ލިޔެ ބަޔާންވެގެންވާ ގޮތަށް ދައުލަތް ހިންގާންފެށީ 1932 ވަނަ އަހަރު.
ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގައި، ދިވެހިދައުލަތުގެ ރަސްމީ ދީނަކީ އިސްލާމްދީންކަމާއި، ދިވެހިރާއްޖޭގެ ރަސްމީ ބަހަކީ ދިވެހިބަސްކަމުގައި ކަނޑައަޅައި، ދިވެހިންނަކީ ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ ބައެއްކަމުގައި ބަޔާންކޮށްފައިވޭ. އަދި މީގެ އިތުރުން، ޤާނޫނުގައި ކަނޑައެޅިގެންވާ ޙުކުމެއްގެ މައްޗަށް މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި ހައްޔަރުކޮށްގެންނުވާނޭ ކަމަށާއި، ގޯތި ގެދޮރަކީ ޙުރުމަތްތެރިވެގެންވާ ތަންތަންކަމުގައްޔާއި، ޤާނޫނުގައި ބަޔާންވެގެންވާ ގޮތެއްގެ މަތިންމެނުވީ އެތަންތަނަށް ވަދެގެންނުވާނޭ ކަމަށާއި، ޤާނޫނުގައި މަނާކުރެވިފައިނުވާހާ ހިނދަކު، އެމީހެއްގެ ބުއްދި އަށް ފެންނަ ގޮތާއި ލަފާތައް ދުލާއި ޤަލަމުން ދިނުމުގެ މިނިވަންކަމާއި، ޖަމާޢަތްތަކާއި ޖަމިއްޔާތައް ހެދުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައިވޭ. އަދި ދިވެހި ކޮންމެ ރައްޔިތެއްގެ މައްޗަށް ލިޔެކިޔާން ދަސްކުރުން ލާޒިމުކުރުވާފައިވޭ. ދައުލަތް ހިންގުމުގެ 3 މަޖިލީސް އޮންނާނޭ ކަމާއި، އެއީ ޤާނޫނު ހަދާ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީސްކަމާއި، ވަޒީރުން އެއްވެސް ވިޔަފާރިއެއް ކޮށްގެންނުވާނޭ ކަމުގައި ބަޔާންކޮށްފައިވޭ. ޝަރީޢަތުގެ އެއްވެސް ކަމަކާ ރަދުން ބެހިވަޑައިނުގަންނަވާނޭ ކަމަށާއި، ރަސްކަލަކު ޢަޒުލުކުރެވޭނޭ ގޮތް ބަޔާންކޮށްފައިވޭ. އަދި ކޮންމެ ޝަރީޢަތަކަށްވެސް ޤާނޫނީ ވަކީލުން ގެންދިޔުމުގެ ޙައްޤުލިބިގެންވާކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލުކުރެވިދާނޭ ކަމަށާއި، ބޮޑެތި ކުށްކުށުގައި ޙުކުމްކުރެވޭނީ ޖޫރީން ތިބެގެންކަމުގައި ބަޔާންކޮށްފައިވޭ. ވޭތުވެދިޔަ އަހަރުގެ ހިސާބުތަކާއި ކުރިޔަށް އޮތް އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ކޮންމެ އަހަރަކު ހުށާހަޅަންޖެހޭނޭ ކަމަށްބަޔާންކޮށްފައިވޭ.
މިދަންނަވާލީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އެކުލަވާލެވުނު ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ބައެއް ޙުކުމްތައް. އަދި މިޙުކުމްތައް އެކުލަވާލެވުނު ފަހުން، 13 ފަހަރަށް ޤާނޫނުއަސާސީއަށް ބަދަލުގެނެވިފައިވާ ކަމަށް ތާރީޚުގެ ފަތްފުށްތަކުން ފެންނާން އެބަހުރި.
ލޮބުވެތި އަޚުންނާއި އުޚުތުން،
2008 ވަނަ އަހަރާ ހަމަޔަށް ދިވެހިންދުށް ދުސްތޫރީ ތާރީޚުގެ ތެރޭގައި، ދިވެހި ޤައުމުގެ ހިންގުމަށް އެންމެ ބޮޑު ބަދަލެއް ގެނެވިފައިވަނީ 2008 ވަނައަހަރު އެކުލަވާލެވުނު ޤާނޫނުއަސާސީން. 75 އަހަރުގެ ދުސްތޫރީ ޙަޔާތެއް ވޭތުކޮށް، 2008 ވަނަ އަހަރާ ހަމަޔަށް އާދެވުނުއިރު، ދިވެހިރާއްޖޭގައި ޒަމާނީ ޑިމޮކްރަސީގެ މިނިވަންކަމާއި، މިޒަމާނުގެ ހިންގުމުގެ އޮނިގަނޑެއް ބޭނުންވެފައި ތިބި އެތައްބަޔަކު ތިބި. އަދި މި ބަދަލުތަކަށް އެތައް ބަޔަކު އެދެމުން ދިޔަ. ސަރުކާރުގެ އެތެރެއިންނާއި ބޭރުން މިކަމަށް މަސައްކަތްކުރި އެތައް ބަޔަކު ތިބި. މިއޮއިވަރަކީ ކުއްލިއަކަށް އައި އޮއިވަރަކަށްވުރެ، ރާއްޖެ ހުރިހާގޮތަކުންވެސް ދެކެމުންދިޔަ ބަދަލުތަކުގެ ތެރެއިން ގެނެވުނު އޮއިވަރެއްކަމުގައި ބުނަންޖެހޭ. އެތައް ދުވަހަކުން އުފެދެމުން އައި މިބަދަލުތަކުގެ ތެރެއިން، 2004 ވަނަ އަހަރު ސަރުކާރުން އިސްނަގައިގެން ޑިމޮކްރަސީ ހަރުދަނާކުރުމުގެ ޕްރޮގްރާމެއް އިޢުލާނުކުރެވުނު. މި އިޞްލާޙީ އެޖެންޑާގެ އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ހިމެނުނީ ޤާނޫނުއަސާސީ އިޞްލާޙުކުރުން.
2008 ވަނަ އަހަރުގެ ޤާނޫނުއަސާސީގައި ދައުލަތުގެ ހިންގުމަށް ވަރަށް ގިނަ ބަދަލުތަކެއް ގެނެވުނު. މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ 16 އިންސައްތަ މެންބަރުންނާއި މަޖިލީހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ބަޔެއްގެ ގޮތުގައި އޮތް ރައްޔިތުންގެ މަޖިލީސް، މުޅިން އިންތިޚާބުކުރެވޭ މަޖިލީހަކަށް ބަދަލުކުރުމާއި؛ ފަނޑިޔާރުންނަކީ ސީދާ ރައީސުލްޖުމްހުރިއްޔާ ޢައްޔަނުކޮށް ވަކިކުރާ ބަޔަކަށްއޮތް އޮތުން ބަދަލުކޮށް، ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުންނާއި ޖުޑިޝަލް ސަރވިސް ކޮމިޝަނުން ޢައްޔަނުކޮށް، ރައްޔިތުންގެ މަޖިލީހުން ނޫނީ ވަކިނުކުރެވޭނޭ ގޮތަށް ކަނޑައެޅުމާއި؛ ޤައުމުގެ އެންމެ މަތީ ކޯޓަކީ ރައީސުލްޖުމްހޫރިއްޔާކަމުގައި އޮތްއޮތުން، ބަދަލުކޮށް ސުޕްރީމް ކޯޓެއް އުފައްދައި އެކޯޓަށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ މަތީ ބާރުތައް ދިނުމާއި؛ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ އިލެކްޝަންސް ކޮމިޝަނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން ފަދަ ތަންތަން ރައްޔިތުންގެ މަޖިލީހުން ޢައްޔަނުކުރާ މުއައްސަސާތަކަށް ހެދުން ފަދަ ބޮޑެތި ބަދަލުތައް ހިމެނޭ. އަދި ހަމައެއާއެކު، ޑިމޮކްރަސީ އެންމެ ބޮޑަށް އާލާކުރެވިފައިވާ ޤައުމުތަކުގައި ރައްޔިތުންނަށް ލިބިދީފައިވާ ހުރިހާ ދުސްތޫރީ ޙައްޤުތައް ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދީ، ޤާނޫނަކުން މި ޙައްޤުތައް ކަނޑަނާޅާ އޮތުމަކީ އެއްވެސް ޙާލެއްގައި އެއްވެސް ޙައްޤެއް ހިފެހެއްޓޭނޭ ހަމައެއްނޫންކަމުގައިވެސް ބަޔާންކޮށްފައިވޭ. މީޑިޔާގެ މިނިވަންކަން އެންމެ ފުރިހަމައަށް ޔަޤީންކުރެވިފައިވޭ.
މިކަންކަން ކުރެވުނީ، މިޒަމާނުގެ ޑިމޮކްރަސީއެއް ރާއްޖޭގައި ޤާއިމުކޮށް، ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށް، ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާގޮތަށް ބާރުތައް ވަކިކޮށް އިންތައް ވަކިކުރުމަށްޓަކައި. ޑިމޮކްރަސީގެ އެންމެ ފުރިހަމަ މާނަކަމުގައިވާ، Government of the people, for the people, by the people ، ނުވަތަ "ދިވެހި ދައުލަތަކީ، ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކައި ރައްޔިތުން ހިންގާ ދައުލަތަކަށްވުން" މިއީ ދައުލަތުގެ ހިންގުމުގެ އަޞްލުކަމުގައި ހެދުމުގެ މަޤްޞަދުގައި.
ލޮބުވެތި ދިވެހި ރައްޔިތުން،
ޤާނޫނުއަސާސީ ތަޞްދީޤުކުރެވުނުތާ 5 އަހަރުވީއިރު، މި މަޤްޞަދުތައް ޙާޞިލުވޭތޯ ސުވާލުކުރަން އެބަޖެހޭ. 2008 ވަނަ އަހަރު ޤާނޫނުއަސާސީއަށް އަޅުގަނޑުމެން ގެނައި ބަދަލުތަކަކީ އެތައް ހާސް އަހަރެއްގެ ދުސްތޫރީ ވެރިކަމުގެ ޙަޟާރަތުތައް ހުރި ޤައުމުތަކުން މިއަދު ޢަމަލުކުރަމުންގެންދާ އުޞޫލުތައް. އ.ދ އުފެދުނީއްސުރެ، ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ބައިނަލްއަޤްވާމީ މައިދާނުގައި މިއަދު ޤަބޫލުކުރާ ޙުކުމްތައް. މިދެންނެވި ކަންކަމަކީ ރާއްޖެއަށްވެސް ތަޢާރަފު ކުރަންޖެހޭ ކަންކަން.
މިކަންކަން ތަޢާރަފުކުރުމުގެ މަސައްކަތްކުރެވުނީ ދިގު ވެރިކަމެއްގެ ފަހުކޮޅުގައި ކަމުގައިވުމުން، ޤާނޫނުއަސާސީގައިވާ ހުރިހާ މާއްދާއަކީ، މުޅިޤައުމުގެ ހިންގުމުގެ އޮނިގަނޑަށް ބަލައިގެން ލިޔެވުނު މާއްދާތަކެއްކަމުގައި ބުނެވޭކަށްނެތް. މިއާ ޚިލާފަށް، އޭރުއޮތް ޙާލަތެއް ބަދަލުކުރުމުގެ ނިޔަތުގައި ލިޔެވިފައިވާ މާއްދާތަކެއް ޤާނޫނުއަސާސީގައި ހިމެނުނު ކަމުގައި ބުނެވިދާނެ.
މިދެންނެވިފަދަ މާޙައުލެއްގައި ޤާނޫނުއަސާސީ އެކުލަވާލައި ނިމުނުއިރު، ކިތަންމެ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިގެންދިޔަ. ޤާނޫނުއަސާސީ ތަންފީޛު ކުރުމަށްޓަކައި، އެކުލަވާލަންޖެހޭ 100 އެތައް ޤާނޫނެއް އަދިވެސް ވަނީ އެކުލަވާނުލެވި. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުގެ އިތުރުން ކޮންމެ ކަމަކަށް ވަކި މުއައްސަސާއެއް ދަނީ އުފައްދަމުން. އެ މުއައްސަސާތަކުން ދަނީ މިނިވަންކަމާއެކު ވަޒީފާދީ މުސާރަތައް ކަނޑައަޅަމުން. ރައްޔިތުންގެ މަޖިލީހާ މެދު ރައްޔިތުން ކުރަމުން އައި އުންމީދު ޙަޤީޤަތަކަށްވޭތޯ ވަނީ ސުވާލު އުފެދިފައި. ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ އަގުވައްޓާލައި، އެ މުއައްސަސާއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލިފައި. ނުވަތަ ގެއްލުވާލާފައި. ސަރުކާރަށް ކުރިމަތިކޮށްފައިވާ ޤާނޫނީ ހުރަސްތަކުގެ ސަބަބުން، ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައި. ދައުލަތުގެ ބާރުތަކުގެ ތެރޭގައި ޚިޔާލުތަފާތުވެ، ބާރުވެރިކަމުގެ ވާދަވެރިކަމެއް އުފެދިފައި. ދައުލަތުގެ އެކި މުއައްސަސާތަކުގެ މިނިވަންކަމުގެ ތެރޭގައި، މުސާރައިގެ ވާދަވެރިކަމެއް އުފެދި، މުސާރައިގެ ހަމަހަމަކަމެއް އަދިވެސް ވަނީ ޤާއިމުނުކުރެވި. ދައުލަތަށް ލިބޭ އާމްދަނީ އަށްވުރެ،ޚަރަދުތައް ވަނީ އެތައްގުނައެއް ބޮޑު ވެފައި. ޤާނޫނުއަސާސީއާއި ޤާނޫނުގެ އޮނިގަނޑު ފުރިހަމަ ނުވުމުގެ ސަބަބުން ކުޑަކުދިންނާއި، އަންހެނުންގެ ރައްކާތެރިކަމުގެ ނިޒާމްތައް ބަލިކަށިވެ، ކުށްކުރާ މީހުންނަށް އެދެވޭ ގޮތެއްގައި އެކަށީގެންވާ ފިޔަވަޅު ނޭޅިފައި.
މިދެންނެވި ސަބަބުތަކާހުރެ، ޤާނޫނުއަސާސީން ދައުލަތަށް ގެންނަން ބޭނުންވި އިޞްލާޙީ ބަދަލުތަކުގެ އެންމެ އެދެވޭ ފައިދާ ދައުލަތަށް ކުރަމުންދާކަމުގައި ދެންނެވޭކަށް ނެތް. ދައުލަތް އެންމެ ފުރިހަމަގޮތުގައި ހިނގަމުންދާ ކަމުގައިވެސް ދެންނެވޭކަށްނެތް. ބުރަ މަސައްކަތުން ފޮނި އުންމީދުތަކަކާއެކު، ޤާއިމުކުރި ޑިމޮކްރަސީގެ ފައިދާ ދިވެހިންނަށް އަދިވަނީ ނުލިބި. އެއީ ޑިމޮކްރަސީގައި ހުރި އުނިސިފައަކުންނެއް ނޫން. މިއާ ޚިލާފަށް އެއީ ޑިމޮކްރަސީ ފައްކާކުރުމުގައި އަޅުގަނޑުމެން އިހުމާލުވެފައިވާތީ. ދުނިޔޭގެ އެތައް ހާސްއަހަރެއްގެ ދުސްތޫރީ ނިޒާމުތައް ކާމިޔާބުކަމާއެކު ހިންގުނަސް، 75 އަހަރުގެ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑުގައި، މިކަންކަންވަނީ ހިންގަން ދަތިވެފައި. ޤާނޫނުތަކުގައިވާ ބަލިކަށިކަމުގެ ނާޖާއިޒުފައިދާ ނެގުމަކީ އާދައަކަށްވެފައި. އަދި މިއަދުގެ ޚިޔާލުތަފާތުވެ ބައިބައިވުމަށް ގާތްވެފައިވާ މުޖްތަމަޢުގައި ފެންނަނީ، ޅަފަތުގައި އޮތް، ފުރިހަމަ ނުވާ، ދުސްތޫރީ އޮނިގަނޑެއްގައިވާ، ބާ ގަނޑު ގަނޑުގެ ނާޖާއިޒު ފައިދާ ބަޔަކު ނަގާތަން. ދައުލަތުގެ މުއައްސަސާތަކުގައިވަނީ ރެނދުލާންފަށާފައި.
މިކަންކަމުގެ މިސާލުތައް ދައުލަތުގެ އެކި ހިސާބުތަކުން ދަނީ ފެންނަމުން. ރައްޔިތުންގެ މަޖިލީހުގެ އިތުބާރުނެތް ވެރިއަކު، ދައުލަތުގެ އެންމެ ގިނަ މުއައްޒަފުންނަށް އަމުރުކުރަން ހުންނަވަން ބޭނުންފުޅުވާތަން އެބަފެނޭ. ދައުލަތުގެ އެންމެ މަތީ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތުގައި ސުވާލުއުފެދޭނޭ ފަދަ ޙާލަތެއް މިއަދުވަނީމެދުވެރިވެފައި. އެކިއެކި ޖިނާޢީ ކުށުގެ ތުހުމަތުގައި ތިބި މީހުން ދައުލަތުގެ މުއައްސަސާތަކުގައި މިއަދު އެބަތިބި. މީހުން މަރާ، ޤައުމުގައި ހުޅުޖަހާ މީހުން މިނިވަނުންގެ ގޮތުގައި އެތައް އަހަރެއްވަންދެން މަގުމަތީގައި އެބައުޅޭ. އަންހެންދަރިންނާއި ކުޑަކުދިންގެ ޙައްޤުތައް ވަނީ ޙިމާޔަތްނުކުރެވިފައި. އަޑުގަދަ މީހާގެ ބަސްގަދަވެ ބާރުގަދަވާތަން މިދަނީ ފެންނަމުން. އެންމެ ހިތާމަހުރިކަމަކީ މިކަންކަމުގެ ތެރޭގައި ޙައްޤުގޮތުގައި ޤާނޫނުގެ އިމުގައި ތިބޭ ރައްޔިތުން އަމިއްލައަށް ގޭގައި ބަންދުވެގެން ތިބެންޖެހޭކަން. މަޑުމައިތިރި ކަމަކީ ޙައްޤުތައް ގެއްލޭކަމަކަށްވެފައިވާކަން.
ލޮބުވެތި ރައްޔިތުން،
ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މިފަދަ ކަންކަމުގެ ވާހަކަދެއްކުމަކީ އަޅުގަނޑު ހިތްހަމަޖެހިގެން ކުރާކަމެއްނޫން. ކުށުގެ ތުހުމަތުގައިވާ މީހާގެ ޙައްޤުތައް ޤާނޫނުއަސާސީން ރައްކާތެރިކޮށްދެނީ މީހުން މެރުމާއި ތަންތަން ރޯކުރުން ފަދަ ބޮޑެތި ކުށްކުރާ މުޖުރިމުންނަށް އެފަދަ ކަންކަން ފުރުޞަތު ދިނުމުގެ މަޤްޞަދުގައި ކަމުގައިނުވާތީ. ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ދީފައިވަނީ އެއްވެސް ޙާލެއްގައި މީހުންގެ އަބުރާބެހި، މުޖްތަމަޢުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދަންކަމުގައި ނުވާތީ. ދައުލަތުގެ މުއައްސަސާތައް މިނިވަންކުރެވުނީ އެއްވެސް ޙާލެއްގައި އެތަނުގައި ތިއްބަވާ ބޭފުޅުންނަކީ ޤާނޫނާއި ޢާންމު އިޖްތިމާޢީ މިންގަނޑުތަކަށް ޢަމަލުކުރަން ނުޖެހޭ ބަޔަކަށް ހެދުމަށްކަމުގައިވެސް ނުވާތީ.
ދިވެހި ލޮބުވެތި މުވާޠިނުން،
އަޅުގަނޑުމެންގެ ކޮންމެ މީހަކީ ޤައުމުގައި ހުރި މައްސަލަތަކާމެދު ކަންބޮޑުވާން ޖެހޭ މީހެއް. ހަމައެފަދައިން އަޅުގަނޑުމެންގެ ކޮންމެ މީހަކީ ޤައުމުގެ ތަރައްޤީއަށްޓަކައި އުފާފާޅުކުރާ، އަދި އެތަރައްޤީ ފާހަގަކުރާ މީހަކަށްވެސް ވާންޖެހޭ. މިރޭގެ މިޖަލްސާއަކީ މިފަދަ 43 ބޭފުޅުންގެ ޝަރަފުގައި ބޭއްވޭ ޖަލްސާއެއް. މި އެންމެ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. Exemplary ނުވަތަ ނަމޫނާ ދިވެހިން ޤައުމުގައި ގިނަވުމަކީ އަޅުގަނޑުގެ ހިތްހަމަޖެހުމެއް.
މިރޭގެ އިނާމްގެ ޝަރަފުވެރިންނަކީ 43 ބޭފުޅުން ކަމުގައިވީ ނަމަވެސް، މިރޭ މިފާހަގަކުރެވެނީ ދިވެހި ޤައުމަށް ޚިދުމަތްކުރައްވަމުން ގެންދަވާ ކޮންމެ ޚިދުމަތްތެރިއެއްގެ ޚިދުމަތް. މިރޭގެ އިނާމްތަކުން ރަމްޒުކޮށްދެނީ މި ޤައުމުގެ މިގޮތަށް ދެމިގެން މިއޮތީ، ކޮންމެ ދިވެހި މުވާޠިނެއްގެސް ޚިދުމަތުންކަން. ދިވެހި ޤައުމު މިހިސާބަށް ގެނެސްދިނުމުގައި މި ޤައުމުގެ ކަނޑުތަކުގައި ޚިދުމަތްކުރި އަދި ކުރަމުންގެންދާ ކޮންމެ މަސްވެރިއެއްގެ ޙިއްޞާއެއްވާކަން. ކޮންމެ ދަނޑުވެރިއަކާއި ރާވެރިއެއްގެ ޙިއްޞާވެސް ވާކަން. ކޮންމެ ޑޮކްޓަރަކާއި ނަރުހެއްގެ ޚިދުމަތްވެސް ވާކަން. އަދި ކޮންމެ ކިޔަވާކުއްޖެއްގެ ދައުރެއްވެސް ވާކަން.
މިރޭގެ އިނާމް ޙާޞިކުރައްވާ ބޭފުޅުންގެ ތެރޭގައި ވަރަށް ޚާއްޞަ ފަރާތެއްވޭ. އެއީ ސައުތު ކޮރެއޭގައި ބޭއްވުނު، ގްލޯބަލް އައި.ޓީ ޗެލެންޖް ފޮރ ޔޫތު ވިތު ޑިސްއެބިލިޓީސް ގެ، އީ ސްޕޯޓްސް އިންޓެލެކްޗުއަލް ޑިސްއެބިލިޓީ ސެކްޓަރގެ ބެސްޓް ޗެލެންޖަރ ގެ މަޤާމު ހޯދާފައިވާ ޢިމާދުއްދީން ސްކޫލްގެ ދަރިވަރު، ނަޒީޙު ޔައުޤޫބް ޙުސައިން. ނަޒީޙަކީ ޢުމުރުން އެންމެ 16 އަހަރުގެ ކުއްޖެއް. ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް. އެހެނަސް އޭނާވަނީ އޭނާއަކީ ދިވެހި ޤައުމުގެ ސާބިތު އެހެން ދަރިވަރުންނެކޭ އެއްފަދައިން، ކުޅަދާނަ ކުއްޖެއްކަން ސާބިތުކޮށްދިފައި. ނުކުޅެދުން ތެރިކަމަކީ ހުރަހެއްނޫންކަމާއި، އޭނާއަކީ އޭނާގެ އަމިއްލަ ނަފްސާމެދު ފަޚުރުވެރިވެވޭނޭ އަދި މި ޤައުމުގެ ނަން ބައިނަލްއަޤްވާމީ މައިދާނުގައި ވިދުވާލެވޭނޭ ފަދަ ކުއްޖެއްކަން ސާބިތުކޮށްދީފައި. އޭނާއަކީ exemplary ނުވަތަ ނަމޫނާ ދަރިއެއްކަން ދައްކުވައިދީފަ. ޤައުމަށް ރީތިނަން ހޯދައިދިނުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނޭ ކަމެއްކަން ސާބިތުކޮށްދީފައި. ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުން ނުކުޅެދުންތެރިންނަށްވަނީ އަޅުގަނޑުމެން އެކަން އެގޮތަށްކުރާތީކަމާއި އެފަދަ މީހުން ކުޅެދުންތެރިންނަށް ހެދޭނީ ހަމައަޅުގަނޑުމެންނަށްކަން މިއަދު ޤަބޫލުކުރަންޖެހޭ. އޭނާއަށްޓަކައި މިއަދު މި ޤައުމު ފަޚުރުވެރިވޭ. މާތްﷲ އޭނާއަށާއި އޭނާފަދަ އެހެން ކުދިންނަށް ކާމިޔާބު ދެއްވާށި. އެކުދިންގެ މަސައްކަތުގައި ބަރަކާތްލައްވާށި.
ލޮބުވެތި އަޚުންނާއި އުޚުތުން،
މިއަދު އަޅުގަނޑުމެން ކުޑަކުއްޖެއްގެ ކާމިޔާބީއަށް ފަޚުރުވެރިވާއިރު، އެފަދަ ކުއްޖަކާމެދު އުފާ ފާޅުކުރާއިރު، އަޅުގަނޑުމެންގެ ކުޑަކުދިންގެ ތެރެއިން އަނިޔާލިބޭ ކުދިންގެ ޙައްޤުގައި ތެދުވާންވެސް ކެރެންވާނެ. އަޅުގަނޑުމެން އެކުދިންގެ ޙައްޤުގައި ބަސްބުނަނީ ހަމައެކަނި ސިޔާސީ ފައިދާއެއް އޮތްފަހަރެއްގައި ކަމުގައިވާނަމަ އެއީ ސިލެކްޓިވް ޖަސްޓިސް. އެހެން އެކަން ހިގާނަމަ، ޤައުމުގެ މުސްތަޤްބަލާމެދު ކުރެވޭ އުންމީދުތަކުގެ މާނައެއް ނޯންނާނެ.
މީގެ ކުޑަދުވަސްކޮޅެއްގެ ކުރިން، ދިވެހި ޤައުމުގެ ކުޑަ އަންހެން ކުއްޖެއްގެ މައްސަލައިގައި ސަރުކާރުން އިސްވެ ފިޔަވަޅުތަކެއް އެޅިން. ޢުމުރުން ވަރަށް ކުޑައިރުއްސުރެ އެހެން ބައެއްގެ ޖިންސީ ޝިކާރައަކަށްވެފައިވާ ކުއްޖަކު، ސަރުކާރުގެ މުއައްސަސާތަކުގައި 2009 ވަނަ އަހަރުން ފެށިގެން އޭނާގެ މައްސަލައޮވެ، ޢުމުރުން 15 އަހަރުގައި އޭނާ މަންމައަކަށްވެ، އޭނާގެ ދަރިފުޅު އެހެން ބަޔަކު އަނިޔާވެރިގޮތަކަށް މަރާލައި، އަދި އޭނާއަކީ މުޖްރިމެއްގެ ގޮތުގައިވެ ޙުކުމް ކުރެވުމުން، އޭނާގެ ޙައްޤުގައި ސަރުކާރުން އިސްނަގައިގެން މަސައްކަތްތަކެއް ކުރީމު. މައްސަލަ އިސްތިޢުނާފަށް ހުށަހަޅައި އިންޞާފު ޤާއިމުކުރުމުގައި އިސްނެގީ ސަރުކާރުން. އެއީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކާއި ދެކޮޅަށް ސަރުކާރުން ކުރި މަސައްކަތެއްކަމުގައި ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވި. އަދި އެ މަސައްކަތް ސަރުކާރުން ކުރަމުންގެންދިޔައީ ބައިނަލް އަޤްވާމީ ޕްރެޝަރުގެ ސަބަބުންކަމުގައިވެސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދިޔަ. ބައެއް ބޭފުޅުން އެކަމާ ފާޅުގައި އެއްޗެއް ވިދާޅުވާން ފަސްޖެހިވަޑައިގެންނެވި. އެކުއްޖާގެ ދިފާޢުގައި އަޅުގަނޑު ތެދުވީ އެމައްސަލަ ދިރާސާކުރިއިރު، އެކުއްޖާއަކީ އިސްލާމީ ޝަރީޢާގައި ބަޔާންވެގެންވާ ޙުކުމްތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބުނާ ހަމަތަކުން ބޭރުން ތަޙްޤީޤުކުރެވި، ދަޢުވާކުރެވި އަދި ޙުކުމްކުރެވިފައިވާ ކުއްޖަކަށްވާތީ. މައިންބަފައިންނާއި ޢާއިލާގެ ހަމްދަރުދީ އެއް ނުލިބި، އަޅާލާނޭ މީހަކު ނެތިފައިވާ ކުއްޖެއްގެ ޤާނޫނީ ބަލަދުވެރިއަކީ ދައުލަތްކަމުގައިވާތީ. އަޅުގަނޑުގެ އަމިއްލަ ދަރިއަކަށް އެފަދަ ކަމެއް ދިމާވި ނަމަ އިންޞާފު ހޯދައިދިނުމަށް އަޅުގަނޑަށް ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރާނޭތީ. އަދި ދިވެހިރާއްޖޭގެ ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަމެއްގެ ގޮތުން. މިކަމުގައި އަޅުގަނޑު އެކަނި މިވާހަކަ ދައްކަންޖެހުނަސް އެކަންކުރަން ކެރޭނޭ މީހެއްގެ ހައިސިއްޔަތުން.
ލޮބުވެތި ރައްޔިތުން،
މިމައްސަލައިގައި އިސްތިޢުނާފުގެ މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުން އެނގިގެން ދިޔައީ، ދިވެހި ޤައުމުގައި ކަންކަން ޙައްލުކޮށް ޤާނޫނުއަސާސީގައި ބުނާ ޙައްޤުތަކާއި ހަމަތައް ކަނޑައަޅާ ޤާނޫނުގެ ވެރިކަން ނަގާކޮޅަށްޖެހޭނޭވަރުގެ ޤާބިލުމީހުން މި ޤައުމުގައި އެބަތިބިކަން. ކަންކަމުގައި އިސްނަގައިގެން ތެދުވެ، ޙައްލުހޯދޭނޭ ފަދަ ވަކީލުންނާއި، ފަނޑިޔާރުން އެބަތިއްބެވިކަން. ހިޔުމަން ރައިޓްސް ކޮމިޝަންގެ ޒިންމާ އަދާކުރައްވާނޭކަން ޔަޤީންކުރެވިދާނޭކަން. ޤައުމުގެ ކަމާބެހޭ އެންމެން އެކައްޗެއް ކިޔައިފިނަމަ، ބޮޑެތި މައްސަލަތައް ކުދިމައްސަލަތަކަކަށް ހެދިދާނޭކަން. ދިވެހިންގެ ޤައުމުގެ ހުރި ބަލިކަށިކަން ވަރުގަދަ ކަމަކަށް ބަދަލުކުރެވޭވަރުގެ ދަރިން ދިވެހި ޤައުމުގައި އެބަތިބިކަން.
ލޮބުވެތި ދިވެހި ރައްޔިތުން،
މިރޭގެ މި މަޤާމުގައި، އަޅުގަނޑު އެބަޔަކަށް ޚާއްޞަކަމެއް ދޭންބޭނުންވާ އަނެއްބަޔަކީ ދިވެހި ޤައުމަށް ވަރަށް އެދެވޭ ޚިދުމަތްތަކެއް ކުރަމުންގެންދާ ބައެއް. ދިވެހި ޤައުމީ ދިދަ، ބައިނަލްއަޤްވާމީ މައިދާނުގައި ކާމިޔާބުކަމާއެކު ވިހުރުވާލުމުގައި އެންމެ މަތީ ފެންވަރުގައި ޚިދުމަތްކުރި އަދި ކުރަމުންގެންދާ ދިވެހި، ހިތްވަރުގަދަ ބަޠަލުންތަކެއް. އޭގެ ދެވަނައެއް ނުވާފަދަ Exemplary ނުވަތަ ނަމޫނާ ދިވެހި ދަރިންތަކެއް. އާދެ އެއީ ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު. ދިވެހި ޤައުމީ ޓީމަކީ، 3 ލައްކަ މީހުންގެ ކުޑަކުޑަ އާބާދީއަކުން ނިކުމެ، އެތައް މިލިއަން މީހުންގެ އާބާދީތަކުން ހޮވާލާފައިވާ މީހުން ބަލިކޮށް، މި ސަރަޙައްދުގެ ފުޓުބޯޅައިގެ ތާޖު ކާމިޔާބު ކުރި ކާމިޔާބު ދިވެހިދަރިން. ރަތްކުލައިގެ ޖާރޒީއަކީ ފަޚުރުވެރިކަމާއެކު ކޮންމެ ދިވެއްސަކު ލާނޭ ޖަރޒީ ކަމުގައި ހަދާދިން ހިތްވަރުގަދަ ދިވެހި ފަހުލަވާނުން. ފެއްސާއި ރަތާއި ހުދުގެ ކުލަތައް މި ސަރަޙައްދުގެ ސްޓޭޑިއަމްތަކުގައި ޢާންމުކޮށްދިން މިސާލެއްނެތްފަދަ ދިވެހި މުވާޠިނުން. އަޅުގަނޑުމެންގެ ފަޚުރު. އަދި އުންމީދު. ދިވެހި ޤައުމީ ޓީމަށް ތިޔަ އެންމެ ބޭފުޅުންގެ ހޫނު ތަރުޙީބަކަށް އަޅުގަނޑު އެދެން.
މިމަހުގެ ފަހުކޮޅު ޓީމުއަނެއްކާވެސް އެފުރަނީ ސާފް ޗެމްޕިއަންޝިޕަށް. ސިޔާސީ މައިދާނުގެ ފޯރީގައި އަޅުގަނޑުމެން ޓީމުމަތިން ހަނދާން ނައްތާލައިގެންނުވާނެ. އަޅުގަނޑުމެންގެ ޤައުމީ ޓީމުގެ އަތުން، އަޅުގަނޑުމެން ދޫކޮށްލައިގެންނުވާނެ.
ލޮބުވެތި ދިވެހި ރައްޔިތުން،
އަޅުގަނޑުމެންގެ މި ޤައުމަކީ ވަރަށްވެސް ކުޑަކުޑަ ޤައުމެއް. ވަރަށް ކުޑަ އިޤްތިޞާދެއް. ދުނިޔޭގެ ފެންވަރުގައި ތަޢުލީމް ލިބިފައިވާ މީސްކޮޅު މަދުރާއްޖެއެއް. އެހެނަސް، މިރާއްޖޭގައި ކާމިޔާބުގެ ރީތި މިސާލުތައް މަދެއްނޫން. Exemplary ދިވެހިން މަދެއްނޫން. އެމިސާލުތައް މިދަނީ ހަމަކޮންމެ ދުވަހަކުމެ ފެންނަމުން. މިރޭގެ މި ހަފްލާގައި އިނާމް ޙާޞިލުކުރައްވާ ބޭފުޅުންނަކީ މިފަދަ ނަމޫނާ ދަރިންތަކެއް. ދިވެހި ޤައުމީ ފުޓުބޯޅަ ޓީމާއި، ދިވެހި ޤައުމީ ވޮލި ޓީމަކީ މީގެ މިސާލުތައް. އިމާދުއްދީން ސްކޫލްގެ ދަރިވަރު ނަޒީޙު ޔައުޤޫބް ޙުސައިން އަކީ މިފަދަ ދަރިއެއް. ކޮންމެ އަހަރަކު މުޅި ދުނިޔެއިން އެއްވަނައަށް ދާ ދަރިވަރުންނަކީ އޭގެ ރީތި މިސާލުތަކެއް. މިއިން ކޮންމެ މިސާލަކީ ޤައުމަށް ލިބޭ ރީތިނަމެއް. ޤައުމުގެ ތާރީޚުގައި ރަންއަކުރުން ފަވާލެވޭނޭ ކާމިޔާބުތަކެއް.
މިއިން ކޮންމެ ފަހަރަކު އަޅުގަނޑުމެން ޤައުމަށްޓަކައި ފަޚުރުވެރިވަމު. ދިވެއްސަކަށްވީތީ ފަޚުރުވެރިވަމު. މިހެންވެ، އަޅުގަނޑުމެންގެ ޢަޒުމަކަށްވާންވާނީ މިފަދަ މިސާލުތަކުގެ މައްޗަށް ޤައުމު ބިނާކުރުން. މިފަދަ މަގުތަކުން ހިނގުމަށް މިޞްރާބުހިފުން. ފުރާފުރިހަމަކަމަށް ނުވަތަ excellence އާ ދިމާލަށް އަމާޒުހިފުން. އަޅުގަނޑުމެންގެ ދަރިންނަށް ދަސްކޮށްދޭންވީ ކާމިޔާބިގެ ރާސްތާގައި ކުރިޔަށް ދިޔުމަށް. ނަމޫނާ ރައްޔިތުންނަށްވުމަށް. ފުރިހަމަކަން ހޯދުމަށް ހިތްވަރުކުރުމަށް. ޤައުމިއްޔަތުގެ ބިންގާތައް ހަރުދަނާ ކުރެވޭނީ މިމަގުގައި އަޅުގަނޑުމެންގެ ފައިތިލަތައް ސާބިތު ކުރެވިގެން.
ލޮބުވެތި އަޚުންނާއި އުޚުތުން،
މީގެ 15 ވަރަކަށް ދުވަސްފަހުން އަޅުގަނޑުމެން މިކުރިމަތިލަނީ އިންތިޚާބަކާ. މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ މިނިވަންކަމުގައި އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްވެސް ދަނީ ވަރަށް ޖޯޝާއެކު ކުރެވެމުން. ވެރިކަމުގެ ރޭހުގައި ތިބި 4 ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ވަރަށް ގިނަ ބޭފުޅުން މަސައްކަތް ކުރައްވާ. މިއަދު ޤައުމުގެ މަގުތައްވަނީ އެކިކުލަތަކުގެ ދިދަތަކުން ހިޔާކުރެވިފައި. ރައްޔިތުންނަށް އެކިކުލަކުލައިގައި ހިޔާވަހިކަން ފޯރުކޮށްދީފައި. އެހެނަސް މި ހިޔާވަހިކަން މާނަވީ ކަމަކަށް ހެދޭނީ، އިންތިޚާބު ނިމޭއިރު، ޤައުމު 4 ބަޔަށް ބައިވެގެން ނުދާނޭ ގޮތަކަށް ކަންކަން ހަމަޖެހިގެން. މިވަގުތުގެ އެންމެ ބޮޑު ބޭނުމަކަށްވާނީ ހަމަޖެހުން. ޤާނޫނުގެ އިންތަކުގެ ތެރޭގައި ތިބުން. ފުރިހަމަ އިންތިޚާބެއް ބޭއްވުމުގެ ކާމިޔާބީއަކީ ހަމައެކަނި ވަކި މީހަކު ހޮވުމެއްނޫން. އިންތިޚާބުގެ ކާމިޔާބީއަކީ އިންތިޚާބަށްފަހުގައިވެސް ޞުލްޙަވެރި އަމާން މާޙައުލެއް ޤާއިމުކުރުން. އިންތިޚާބު ކާމިޔާބުކުރާ މީހަކީ ރައްޔިތުންގެ ވޯޓުން އެގޮތަށް ކަނޑައަޅާ މީހާކަމުގައިވެ، އެހެން އެންމެން އެކަން ޤަބޫލުކޮށްގެން.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުބާއްވައި އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަކު، ވެރިކަމާ ޙަވާލުވުމަށްޓަކައި ދުސްތޫރީ އޮނިގަނޑު ހިނގަހިނގާ އޮތުން ކޮންމެހެން ބޭނުން. އަމާންކަމާއި ހަމަޖެހުމާއެކު އިންތިޚާބެއް ބާއްވައި، ޤާނޫނުއަސާސީގައިވާ ގޮތަށް ވެރިކަން ޤާއިމުކުރުމުގެ ބޭނުންތެރިކަން ތިޔައިން ހަމަ އެއްވެސް ރައްޔިތަކަށް ވަންހަނާވެފައި ނޯންނާނެ. އަދި މި ދަނޑިވަޅުގެ ޚުޠޫރަތްތެރިކަން ތިޔައިން އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައި ނޯންނާނެ. މިފަދަ ވަގުތެއްގައި ދުސްތޫރީ އޮނިގަނޑު ފުނޑުފުނޑުވިޔަ ދީގެން ނުވާނެ. މިވަގުތު ޤައުމުގައި ހަމަނުޖެހުން އުފެދެން ވެއްޖެނަމަ، ފަތުުރުވެރިކަން ހީނަރުވެ، އިޤްތިޞާދު މިއަށްވުރެ ބޮޑަށް ހަލާކުވެދާނެ. ޤައުމަށް ހީނުކުރާ ވަރުގެ ދެރައެއް ލިބިދާނެ. އަޅުގަނޑުމެންގެ ކޮންމެ މީހަކަށްވުރެ މި ޤައުމު މުހިންމު. ޤައުމުގެ މަޞްލަޙަތުތައް މަތިވެރި. މިކަމަށް ފަރުވާތެރިވެވަޑައިގަންނަވާ.
މިކަމުގައި ތިޔައިން ކޮންމެ ބޭފުޅެއްގެ ޒިންމާއެއްވޭ. ދައުލަތުގެ މަޤާމުތަކުގައި ތިބި މީހުންގެ ޒިންމާ ބޮޑު. ސިޔާސީ ލީޑަރުންގެ ޒިންމާއަދި އެއަށްވުރެ ބޮޑު. ޤައުމުގައި އަމާންކަން ޤާއިމުކޮށް، ރައްޔިތުންގެ ރައްކާތެރިކަން ޔަޤީންކޮށްދީ ހަމަޖެހުމުގެ ތެރެއިން އިންތިޚާބެއް ބާއްވަން، ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުންގެންދާނަން. ދިވެހި ޤައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅާނަން. އެކަމުގައި ސަރުކާރުގެ ފަސްޖެހުމެއް ނޯންނާނެ.
އަޅުގަނޑުގެ އެދުމަކީ، އިންތިޚާބުގައި ކާމިޔާބު ހޯއްދަވާ ލީޑަރާއެކު، އެހެން ސިޔާސީ ވާދަވެރިންވެސް އަތްގުޅާލާތަން ރައްޔިތުންނަށް ފެނުން.
ލޮބުވެތި އަޚުންނާއި އުޚުތުން،
މިރާއްޖެއަށްޓަކައި އަޅުގަނޑުގެ ހުވަފެނެއްވޭ. އަޅުގަނޑުގެ އުންމީދުތަކެއްވޭ. މި ޤައުމަށްޓަކައި އަޅުގަނޑުގެ އޮތް ހުވަފެނަކީ މި ޤައުމުގެ ދަރިންނަކީ ދަރަނިން ސަލާމަތްވެފައިވާ، އަމިއްލަ ވަޠަނުގައި ރައްކާތެރިކަމާއި އަބުރުވެރި ކަމާއެކު އުޅުމުގެ ފުރުޞަތު ލިބިފައިވާ ދަރިންނަށްވުން. މި ޤައުމަށްޓަކައި އަޅުގަނޑުގެ އޮތް ހުވަފެނަކީ، މި ޤައުމަކީ ތަޢުލީމް ޙާޞިލުކޮށްގެން ތިބި، އަޚްލާޤު ރަނގަޅު އެކަކު އަނެކަކަށް އަޅާލާ ބަޔަކު އުޅޭ، ޤައުމަކަށް ހެދުން. ނަމޫނާ ދަރިންތަކެއް އުފައްދާނޭ ޤައުމަކަށްވުން. މި ޤައުމަށްޓަކައި އަޅުގަނޑުގެ އޮތް ހުވަފެނަކީ މި ޤައުމަކީ އުފާފާގަތި، ބާއްޖަވެރި ޤައުމަކަށްވުން. ކުށްމަދު، ރައްކާތެރި، ޤައުމުގައި ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކަމާއެކު އުޅޭ ތަނަކަށްވުން. ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި އޮތް ދިވެހިރާއްޖެ އެ މަޤާމަށް އަލުން ރުޖޫޢަ ކޮށްދިނުން.
މާތް ﷲ ތިޔަ ލޮބުވެތި ރައްޔިތުންނަށް ހެޔޮ ރަޙްމަތް ލައްވާށި! މިލޮބުވެތި ވަޠަން މިނިވަންކަން މަތީ އަބަދަށް ލައްވާށި! އާމީން!
والســّلام عليــكم ورحـمــة اللّـه وبـركاتـه

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.