Skip to main content

މަރުހޫމް ޝިހާބަށް ފަހު މިނިވަން ދުވަހެއްގައި ބޭފުޅަކު ދެއްވި އެންމެ ހިތްގައިމު ހިތާބު

މިނިވަންދުވަހުގެ މުނާސަބަތުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين. ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛ السّــلام عليــكم ورحـمــة اللّـه وبـركاتـه، ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ ތަހުނިޔާ، އެންމެހައި ދިވެހި ދަރިންނަށް އަޅުގަނޑުގެ ހިތުގެ ލޯތްބާއެކު އަރިސްކުރަން. ފެއްސާއި ރަތާއި ހުދުގެ ކުލަތަކުން ޖަރީކުރެވިފައިވާ މި މައިދާނުގައި ހުންނައިރު، އަޅުގަނޑުގެ ހިތުގައި އުތުރި އަރަނީ ޤައުމިއްޔަތުގެ ޝުޢޫރުތައް. ދިވެހި ދަރިއަކަށްވީތީ ފަޚުރުވެރިވުމުގެ ޝުޢޫރުތައް.

މިރޭ އަޅުގަނޑުގެ އެންމެ އިސް، އަދި އެންމެ ޚާއްޞަ އުފަލަކީ، ދައުލަތުގެ ޢިއްޒަތުގެ ލަޤަބު ޙާޞިލުކުރެއްވި 9 ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތަހުނިޔާއާ މުބާރަކުބާދު ދެންނެވުން. އަދި އެ ބޭފުޅުން ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް އައްސަރިބަހާއި ސާބަސް ދެންނެވުން. އެ ބޭފުޅުންގެ ތެރޭގައި ވަރަށް ޚާއްޞަ ބޭފުޅެއްގެ ނަންފުޅު އަޅުގަނޑު ފާހަގަކޮށްލާނަން. ދައުލަތުގެ އެންމެ މަތީ ޢިއްޒަތް ކަމުގައިވާ ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ޢިއްޒަތްވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް މިރޭ އެރުވިފައި. އެމަނިކުފާނަކީ، ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް. އަޅުގަނޑުދެކޭ ގޮތުގައި މިއީ އެ މަނިކުފާނަށް ޙައްޤު ލަޤަބެއް.
ނިޝާން ޣާޒީގެ ޢިއްޒަތުގެވެރިކަން ނިސްބަތްވަނީ، ދިވެހި ބިމުގައި އުފެދުނު އެންމެ ހިތްވަރުގަދަ ފަހުލަވާނު، ދިވެހިރާއްޖޭގެ އެންމެ ފަޚުރުވެރި ޤައުމީ ބަޠަލު އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނު އަލްއަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނަށް. މީގެކުރިން، މި ޢިއްޒަތް ދައުލަތުން އަރުވާފައިވާ އެއްބޭފުޅަކީ، މިރޭ އަޅުގަނޑުމެން މިފާހަގަކުރާ މިނިވަންކަމުގެ ބަޠަލް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ފައްޚާމަތުއްރައީސް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށް. އެމަނިކުފާނަށް މި ޢިއްޒަތް އަރުވާފައިވަނީ، މީގެ 46 އަހަރު ކުރިން، 1967 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު. އަނެއް ބޭފުޅަކީ، އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތު 2 ވަނަ. ރާނީއަށް މި ޝަރަފު އަރުވާފައިވަނީ، މީގެ 41 އަހަރުކުރިން، 1972 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު.

ސަރުކާރުގެ މި ނިންމުން އެކި ފަރާތްތަކުން މާނަކުރައްވަނީ އެކި ގޮތަށް. މިއީ ސިޔާސީ ކަމެއްގެ ގޮތުގައި ބައެއް ބޭފުޅުން ސިފަ ކުރައްވާ. ނަމަވެސް އަޅުގަނޑުގެ ވިސްނުން މުޅިން ތަފާތު. އަޅުގަނޑު ދެކޭގޮތުގައި ޤައުމަށް ބޮޑެތި ޚިދުމަތްތައް ކުރައްވާފައިވާ ބޭފުޅުންނަކީ، ޤައުމުގެ އަގުހުރި ތަރިކަތަކެއް. އެ ބޭފުޅުން ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަކޮށް، އެބޭފުޅުންނަށް ދޭންޖެހޭ ޙައްޤު މަޤާމާއި ރައްކާތެރިކަން ދޭންޖެހޭނެ. ދުނިޔޭގެ އެހެން ތަންތަނުގައިވެސް މިކަންކަން އޮންނަ ފަދައިން، ސިޔާސީ ޙަރަކާތްތަކުން ބޭރުން މަޑުމައިތިރިކަމާއި ހަމަހިމޭންކަމާއެކު އެބޭފުޅުންނަށް ދިރިއުޅުއްވެން ޖެހޭނެ. އެއްވެސް ޙާލެއްގައި ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން އެބޭފުޅުން ނިކަމެތިކޮށްގެންނުވާނެ. ޒާތީ ތަޢައްޞުބެއްގެ ސަބަބުން އެބޭފުޅުން މަގުމަތި ކުރެވިގެންނުވާނެ.
އެހެންކަމުން، ދިވެހި ޤައުމަށް ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ މަނިކުފާނަށް ޙައްޤު މަޤާމު އެ މަނިކުފާނަށް އެރުވުމުގެ ގޮތުން، މި ޢިއްޒަތް އެރުވުމަށް ސަރުކާރުން ނިންމީ. މި ދަނޑިވަޅުގައި އެމަނިކުފާނު ޤައުމަށް ކޮށްދެއްވި ގިނަގުނަ ޚިދުމަތްތަކަށް ޝުކުރު ދަންނަވައި، މަރުޙަބާ ދަންނަވަން. މަނިކުފާނަށް ހެޔޮ ޞިއްޙަތަކަށާއި، އުފާ ފާގަތި ދުވަސްތަކަކަށް އެދެން.
ލޮބުވެތި ދިވެހި ރައްޔިތުން؛
މިއަދަކީ ދިވެހި ޤައުމުގެ ފަޚުރުވެރި މިނިވަންދުވަސް. މިރޭ އަޅުގަނޑުމެން މިއާކުރަނީ މި ޤައުމަށްޓަކައި އުތީމު ތިން ބެއިންނާއި ދަންޑެހެލު ކުރެއްވި ހަނގުރާމައިގެ ޒިކުރާ. ދޮންބާޑަރައިންގެ ހިތްވަރާއި ހުނަރުގެ ޒިކުރާ. ޢަލި ރަސްގެފާނުގެ ފުރާނަފުޅުން ވެވަޑައިގެންނެވި ޤުރުބާނީގެ ޒިކުރާ. އިނގިރޭސިންގެ އަތްދަށުން ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވައި، އ.ދ ގެ މައި މަރުކަޒުގައި ދިވެހި ދިދަ ވިހުރުވާލެއްވުމުގައި، އިބްރާހީމް ނާޞިރާއި، ޢަބްދުސައްތާރު މޫސާ ދީދީގެ ޙިކުމަތްތެރި މަސައްކަތްޕުޅުތަކުގެ ޒިކުރާ. ނޮވެމްބަރ 3 ގައި ބޭރު ބައެއްގެ އަތްދަށުން ޤައުމު ސަލާމަތްކުރެއްވުމުގައި މައުމޫން ޢަބްދުލްޤައްޔޫމާއި، ދިވެހި ސިފައިން ކުރެއްވި ހިތްވަރުގަދަ ހަނގުރާމައިގެ ޒިކުރާ. މިއިން ކޮންމެ ބޭފުޅަކީވެސް، މި ޤައުމުގެ މިނިވަންކަން ދިފާޢުކުރެއްވުމުގައި ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް. ގުނާ ޢަދަދު ނުކުރެވޭނޭފަދަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅުން. މި ޚިދުމަތްތަކަކީ، އަޅުގަނޑުމެންނަށް އެއިން އެއްވެސް ޚިދުމަތަކާ ނުލައި، މިޤައުމު ދެމި ނުއޮންނާނޭފަދަ ޚިދުމަތްތަކެއް. މި ޤައުމު އެބޭފުޅުންނަށް ތާ އަބަދު ދަރަނިވެރިވާނޭ ޚިދުމަތްތަކެއް.

ދިވެހި ޤައުމުގެ ލޮބުވެތި ރައްޔިތުން؛
2012 ވަނައަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަދުވަހު، މި ޤައުމުގެ ހިންގުމާ އަޅުގަނޑު ޙަވާލުވިއިރު، ޤައުމު އޮތީ ބިރުވެރި ޙާލަތެއްގައި. ހަމަނުޖެހުން ބޮޑު އަހަރުތަކެއްގެ ތެރެއިން، ދިވެހި ޤައުމު 2012 ވަނަ އަހަރު އުފަންވެގެން އައީ، އެއަށްވުރެވެސް ބޮޑެތި ހަމަނުޖެހުން ތަކެއްގެ ތެރެއަށް. ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހާ ހަމަޔަށް ދިޔައިރު، ޤާނޫނުއަސާސީގެ ހުދޫދުން ބޭރުން ދިވެހިރައްޔިތަކު ހައްޔަރުކޮށް ރަހީނެއްގެ ގޮތުގައި ސަރުކާރުން ހިފަހައްޓާފައިވާތާ މަހެއްހާ ދުވަސްވަނީ. ޤައުމުގެ އެންމެ މަތީ ކޯޓުގެ އަމުރު ތަންފީޛު ނުކުރާނޭ ކަމަށާއި، ޤާނޫނު އަސާސީ ހިންގުން ހުއްޓިފައިވާކަމަށް ސަރުކާރުންވަނީ ބުނެފައި. މަގުތަކުގައިވަނީ ހަމަނުޖެހުން އުފެދިފައި. ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހަކީ ކޯޓުތައް އުވާލައި، ސަރުކާރުން ވަކި ފަނޑިޔާރުގެއެއް ޤާއިމުކުރުމަށް ނިންމުނު ދުވަސް. އެދުވަހުގެ އިރުއޮއްސުނީ އިތުރު ހަމަނުޖެހުންތަކުގެ ބިރުވެރި އިޢުލާނުތަކާއެކު. ރައްޔިތުންގެ އެތައްބަޔަކު، އެއް ބަޔަކު އަނެއްބަޔަކަށް ޙަމަލާދެމުން ދިޔަ. އެރޭ ނިމި، އަނެއް ދުވަހުގެ އިރު، ދިވެހި ޤައުމާ ބައްދަލުކުރީ، އަދި އެއަށްވުރެވެސް ބިރުވެރި ކަމެއްގެ ތެރެއަށް. ޤައުމުގެ އަމަން ޤާއިމުކުރުމުގެ ޤާނޫނީ ވާޖިބާއި ބާރު ޙަވާލުކޮށްފައިވާ ފުލުހުންނާއި ސިފައިން، އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލުމުގެ ތެރެއަށް. ސިފައިންގެ ތެރެއިން ބަޔަކު މަޖުބޫރުން ނަމަވެސް، ފުލުހުންގެ ގަޔަށް ކަރުނަގޭހާއި ރަބަރު ވަޒަނުގެ ޙަމަލާ ދިނުމުގެ ޙާލަތަކަށް. ސިފައިންނާއި ފުލުހުންގެ ކޮމާންޑް ވަނީ ގެއްލި ވިއްސިވިހާލިވެފައި. ސިފައިން، ފުލުހުންނާ ކުރިމަތިލައި ބާރުގެ ބޭނުންކުރަމުންދިޔައިރު، ދިވެހި ރައްޔިތުންގެ އެއްބަޔަކު، އަނެއްބަޔަކާ ޙަމަލާދެމުން ގެންދިޔަ. އެއް ބަޔަކު ކަރުނަގޭހާއި ވަޒަނާއި ޝީލްޑް ބޭނުންކުރަމުން ދިޔައިރު، އަނެއް ބަޔަކު ގެންދިޔަކީ ތޫނުކޮށްފައިހުރި ދަނގަޑާއި، ލަޓިބުރިތައް ބޭނުންކުރަމުން. ޤައުމުގެ ރައްޔިތުން ދިޔައީ އެއްބަޔަކު އަނެއް ބަޔަކާ ތަޅާފޮޅާމުން. ޤައުމު އޮތީ ދާޚިލީ ހަމަނުޖެހުންތަކެއްގެ ތުންފަތްމަތީގައި. އެއީ ބިރުވެރި، ޚުޠޫރަތްތެރި ދަނޑިވަޅެއް. ނާމާންކަމާއި އަނދިރިކަމުގެ ދަނޑިވަޅެއް. ޤައުމުގެ ސިޔާދަތަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް އިންތިހާއަށް ނުރައްކާވި ދަނޑިވަޅެއް.
ޤައުމުގެ ރައީސް އިސްތިޢުފާ ދެއްވިކަން މީޑިޔާއިން ހާމަކުރެއްވިތާ މާގިނައިރެއް ނުވަނީސް، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރުމަށް ރައްޔިތުންގެ މަޖިލީސް ކުރާ ގެއަށް އަޅުގަނޑު ދިޔުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގުޅުއްވާފައި އެންގެވި. އަދި ޤައުމުގެ ރައީސް އިސްތިޢުފާ ދެއްވައިފިކަމާއި، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ނާއިބު ރައީސް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވާންޖެހޭ ކަމާއި، އަދި އެކަމުގެ ރަސްމިއްޔާތު އެދުވަހުގެ 3 ޖަހާއިރު ބޭއްވުމަށް، ހަމަޖައްސަވާފައިވާ ކަމަށް ވިދާޅުވި. ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކަން ކަނޑައެޅުއްވުމުން، އަޅުގަނޑަކީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ގޮތުގައި ދިވެހިރައްޔިތުން އިންތިޚާބުކޮށްފައިވާ މީހާކަމުން އަޅުގަނޑުގެ ޤާނޫނީ ވާޖިބަކަށްވީ، ހަލަބޮލި ދަނޑިވަޅުގައި ޤައުމު ހިންގުމުގެ ޒިންމާ އާ ޙަވާލުވުން. މި ޙާލަތުގައި އޮތް ޤައުމެއްގެ ހުންގާނާ ޙަވާލުވެ، ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުން. ދިވެހި ޤައުމުގެ ނައު، އަމާން ބަނދަރަކަށް ގެންދިޔުމަށް ހޭރިޔާކުރުން. މިކަން ކުރުމުގައި އަޅުގަނޑު ބެލީ ވީހާވެސް ގިނަ ބަޔަކާއެކު މަސައްކަތްކުރެވޭތޯ. ޒާތީ ތަޢައްޞުބުން އެއްކިބާވެ އެންމެން އެއްގަލަކަށް އެރުވޭތޯ.
ދެން އައި ދުވަސްތަކަކީ ފަސޭހަ ދުވަސްތަކެއްނޫން. ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް ހުރި މުއައްސަސާތަކުގައިހުރީ ސިޔާސީގޮތުން ހުޅު ޖަހާފައި. ސިޔާސީ ފިކުރުވަނީ ދާޚިލީ ބައިބައިވުމަކަށް ބަދަލުވާން ގާތްވެފައި. ޤައުމުގެ އެތެރޭގެ ރުޅިވެރިކަމާއި ހަމަނުޖެހުންތައް ބޮޑުވެފައިވީއިރު، ޤައުމުގެ ބޭރުން ދިމާވި ގޮންޖެހުންތައް އަދި މާގިނަ.
ލޮބުވެތި ދިވެހި ރައްޔިތުން؛
މިޒަމާނުގެ ތާރީޚަށްބަލާއިރު، މި ދެންނެވި ދުވަސްތަކަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު އެންމެ ބޮޑަށް ހީނަރުވެފައިވި ދުވަސްތައް. ރާއްޖޭގެ އެތެރޭގެ ކަންކަމާ، ބޭރު މީހުން ޖާމިނު ކުރުވާފައިވަނީ، ޤައުމުގެ މިނިވަންކަމަށް ބުރޫއަރާވަރަށް. ދިވެހިންގެ ދީނީ ފިކުރުތައް ހުންނަންވީ ގޮތާއި، ސްކޫލް މަދަރުސާތަކުގައި ކިޔަވާދޭންވީ އެއްޗެއްގެ މައްޗަށް، ސަރުކާރުގެ ބަހަށްވުރެ ބޭރުގެ ފަރާތްތަކުގެ އަޑު ގަދަވާ ވަރަށް ސަރުކާރުންވަނީ ދޫދީފައި. ދައުލަތުގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި މަދުގަޑިއިރުކޮޅެއްގެ ތެރޭގައި އެއްބަސްވެ ސޮއިކުރުމަށް ޤައުމުގެ އެންމެ އިސްވެރިޔާއަށް، އެހެން ޤައުމުތަކުން އެންގޭ ވަރަށް ދައުލަތް ވަނީ ބަލިކަށިވެފައި. ރާއްޖޭގެ ޤާނޫނުއަސާސީ އިސްލާޙުކުރަންވީ ވަގުތާއި، އިންތިޚާބު ބާއްވާންވީ ވަގުތަކީ، ބޭރު މީހުން ކަނޑައަޅާ އެއްޗަކަށް އޮތީ ވެފައި. މިކަންކަމުގެ ތެރޭގައި، ރާއްޖޭގެ އިޤްތިޞާދުގައި ބޭރު މީހުންނަށް ވަރަށް ބޮޑު ދައުރެއް އޮތީ ދޫކޮށްފައި. ރާއްޖޭގެ މައި ދޮރާށި ކޮންޓްރޯލް ކުރަމުން ދިޔައީ ބޭރުގެ މީހުން.
ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މާތްﷲ ގެ ރަޙްމަތްފުޅާއެކު، މިކަންކަން މިހާރުވަނީ ހަމަޔަކަށް އެޅުވިފައި. އަޅުގަނޑުމެންގެ ޒިންމާއަކަށްވާންވާނީ މިކަންކަން ހިފެހެއްޓުން.
ލޮބުވެތި އަޚުންނާއި އުޚުތުން؛
ރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެންބަރެއް. ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ޒިންމާތަކެއްހުރޭ. އެހެނަސް، އެ ޒިންމާތައް އަދާކުރުމަކީ އެހެން ބަޔަކު ބޭނުންގޮތަކަށް އަޅުގަނޑުމެންގެ ދާޚިލީ ކަންކަން ރޭވުންކަމުގައިވާނަމަ، އެއީ މައްސަލައެއް. އަޅުގަނޑުމެންނަކީ ކުޑަ ޤައުމަކަށްވެދާނެ. އަޅުގަނޑުމެންނަކީ ތަޢުލީމާއި ތަމްރީނާއި، މާލީ އަދި ފަންނީ ކަންކަމުގައި ބޭރުގެ އެހީއަށް ބޭނުންވެފައިވާ ޤައުމަކަށް ވެދާނެ. ޤައުމުގެ އިޤްތިޞާދު ބިނާވެފައިވަނީ، ދުނިޔޭގެ އެހެން ކަންކޮޅުތަކުން އަންނަ މީހުންނަށް މެހުމާންދާރީ އަދާކޮށްގެން ކަމުގައި ވެދާނެ. އެހެނަސް، މިކަންކަމަކީ އަޅުގަނޑުމެންގެ މިނިވަންކަމުގެ އަގު ދައްކައިގެން ކުރަންޖެހޭ ކަންތައްތަކެއް ކަމުގައި ވެގެންނުވާނެ.
އަޅުގަނޑުމެންގެ ތާރީޚަކީ ފަޚުރުވެރި ތާރީޚެއް. މި ފަސްގަނޑަކީ ދިވެހި ޤައުމަށްޓަކައި ފުރާނަ ދޫކުރެއްވި ބޭބޭފުޅުންގެ ލެއިން މުއްސަނދިވެފައިވާ ފަސްގަނޑެއް.
ލޮބުވެތި ދިވެހި ރައްޔިތުން؛
މާތްﷲގެ ރަޙްމަތް ފުޅާއެކު، މިއަދުން ފެށިގެން ބަރާބަރު 2 އަހަރު ފުރޭ ދުވަހަކީ، ދިވެހި ޤައުމުގެ މިނިވަންކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް ފާހަގަ ކުރާނޭ ދުވަސް. 78 އަހަރަށްފަހު، 1965 ގައި އަޅުގަނޑުމެންނަށް ލިބުނީ، އަޅުގަނޑުމެންގެ އަމިއްލަ ޚާރިޖީ ގުޅުންތައް ބައްޓަންކުރުމުގެ މިނިވަންކަން. ދިވެހި އުންމަތުގެ ޢިއްޒަތާއި ކަރާމާތް އުފުލޭނޭ ފަދަޔަކުން އަމިއްލައަށް ބޭރުގެ ގުޅުންތައް ކަނޑައެޅުމުގެ މިނިވަންކަން. އޭގެ 48 އަހަރު ފަހުން، މިއަދު އަޅުގަނޑުމެން ކުރަންޖެހޭ ސުވާލަކީ، އަޅުގަނޑުމެން މިތިބީ އެ މިނިވަންކަމުގެ ފުރިހަމަ ބޭނުން ހިފޭނޭ ހިސާބުގައިތޯ ކުރެވޭ ސުވާލު.
މިއަދުގެ ދުނިޔޭގައި، ޤައުމެއްގެ މިނިވަންކަން ނަގާލުމަށްޓަކައި އެ ޤައުމަކަށް ބޭރުގެ ބަޔަކު އަރާ، ވެރިކަމުގެ "ކޮއިލު" ހިފާކަށް ނުޖެހޭ. އެ ޤައުމެއްގެ ސިފައިންގެ މަރުކަޒު ހިފާކަށްވެސް ނުޖެހޭ. މި އާ ޚިލާފަށް، އ.ދ ގައި މިނިވަން ޤައުމެއްގެ ގޮތުގައި ވޯޓުލަމުން ދާއިރުވެސް، ޤައުމެއްގެ މިނިވަންކަން ނުލިބޭ ޙާލަތްތައް ހުރޭ. މިކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭ. މިނިވަންކަމަކީ ޤައުމުގެ އެތެރެއިންނާއި ބޭރުން ހިފަހައްޓަންޖެހޭ އެއްޗެއް. ދާޚިލީ މިނިވަންކަމާއި ޚާރިޖީ މިނިވަންކަމަކީ، ވަކިކުރެވޭނޭ ދެއެއްޗެއްނޫން. މިއަދުގެ ދުނިޔޭގައި ޚާރިޖީ މިނިވަންކަމާއި އިޤްތިޞާދީ މިނިވަންކަމަކީވެސް ވަކިކުރެވޭނޭ ދެއެއްޗެއް ނޫން.
ލޮބުވެތި އަޚުންނާއި އުޚުތުން؛
ބަވަނަ ވެފައިވާ މިއަދުގެ ދުނިޔޭގައި މިނިވަންކަމުގެ އެންމެ މުހިންމު އެއް ރުކުނަކީ އިޤްތިޞާދީ މިނިވަންކަން. ޚާރިޖީ މިނިވަންކަމާއި ދާޚިލީ މިނިވަންކަންވެސް ގިނަފަހަރު ބަރޯސާވެފައި އޮންނަނީ އިޤްތިޞާދީ މިނިވަންކަމުގެ މައްޗަށް.
ސަރުކާރު ހިންގުމާ އަޅުގަނޑު ޙަވާލުވިއިރު، ދައުލަތުގެ ދަރަނިވަނީ 23 ބިލިއަން ރުފިޔާއަށް އަރާފައި. ނުދައްކާ ބިލުތަކުގެ ޢަދަދު 2 ބިލިއަން ރުފިޔާއަށް އަރާފައި. ދައުލަތް އޮތީ މަހުންމަހަށް ލިބޭ އާމްދަނީއެއްގެ މައްޗަށް، ދައުލަތުގެ ޚަރަދުތައް ދެކޮޅުޖެއްސޭނޭ ޙާލަތެއްގައެއްނޫން. ދައުލަތުގެ ކުންފުނިތައްވަނީ ބަލިކަށިވެފައި.
ވަރުބަލިކަމެއްނެތި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މާތްﷲގެ ރަޙްމަތްފުޅާއެކު، މިއަދުމިވަނީ ކަންކަން ބަދަލުވާން ފަށާފައި. ދައުލަތުގެ ކުންފުނިތަކުގެ ޙާލަތު ރަނގަޅުވާން ފަށާފައި. ނުދައްކާހުރި ބިލުތަކުގެ ތެރެއިން 1.7 ބިލިއަން ރުފިޔާގެ ބިލަށް މިހާރުވަނީ ފައިސާ ދެއްކިފައި. މިއީ، އެކިއެކި ކުދި ވިޔަފާރިތަކާއި ރައްޔިތުންނަށް ސަރުކާރުން ދައްކަންޖެހި ނުދައްކާ ހުރި ފައިސާ. އެހެންނަމަވެސް، މިފައިސާއަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުން އުނިކުރަންޖެހުނު ފައިސާ. ޞިއްޙީ ޚިދުމަތުން އުނިވެގެންދިޔަ ފައިސާ. ފެންވަރު ރަނގަޅު ޓީޗަރުންނާއި ޑޮކްޓަރުން ހޯދުމަށް މަދުވެގެން ދިޔަ ފައިސާ. ސްކޫލްތަކުގެ ތަރައްޤީން އުނިވި ފައިސާ.
ލޮބުވެތި ދިވެހި ރައްޔިތުން؛
ގުޅިލާމެހިފައިވާ ދުނިޔެއެއްގައި ދާޚިލީ އަދި ޚާރިޖީ މިނިވަންކަން ޤާއިމުކުރެވޭނީ އިޤްތިޞާދީ ގޮތުންވެސް ޤައުމު ނަގާ ކޮޅަށް ޖެހިގެން. މުސާރަވެރިންނަށް މުސާރަ ދިނުމަށް އަމިއްލަ އާމްދަނީން ކުޅެދިގެން. ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމަށް އެ ވަގުތަކަށް ޤައުމަށް ލިބޭ ފައިސާ އިން ދެކޮޅުޖެހިގެން. ޤައުމުގެ އާމްދަނީ އަކީ 9 ނުވަތަ 12 ބިލިއަން ރުފިޔާކަމަށްވާއިރު، ޚަރަދަކީ 22 ބިލިއަންކަމުގައި ވެގެން، ދާޚިލީ މިނިވަންކަމެއް ނުހިފެހެއްޓޭނޭ. ފުދުންތެރިކަމާއި ރައްކާތެރިކަމާއެކު އުޅެވޭނޭ ޤައުމެއް އަޅުގަނޑުމެންގެ ދަރިންނަކަށް ފޯރުކޮށެއް ނުދެވޭނެ.
ޤައުމުގެ ރައްޔިތުންނަކީ ބޭސް ސިޓީއަށް ސަލާމް ޖަހަން ނުޖެހޭ ބަޔަކަށް ހަދައިދެވެނީ، އެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އެހެން ޤައުމުތަކުގައި ބޭސް ސިޓީއަށް ސަލާމް ޖަހައިގެންނަމަ، އެ ދައުލަތަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެ ޤައުމުތަކަކުން ނުބަލާނެ. މަސައްކަތްތެރިންގެ މުސާރައާއި، ޤައުމަށް ބޭނުންވާ ތެލާއި، ކާނާއާއި، ސަބްސިޑީ ދިނުމަށް ބޭނުންވާ ފައިސާ ލިބެނީ އެހެން ބައެއްގެ ހެޔޮކަމުން ކަމުގައި ވެއްޖެނަމަ، އެ ދައުލަތުގެ ސިޔާދަތު ޙިމާޔަތްކުރެވިދާނެތޯ؟ މި ޙާލަތުގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަކީ ހަމައެކަނި ޤާނޫނުއަސާސީގައި ލިޔެވިފައިވާ އެއްޗަކަށްވެދާނެ.
ލޮބުވެތި ރައްޔިތުން؛
މާތްﷲގެ ރަޙްމަތްފުޅާއެކު، މި ވޭތުވި ތާނގައި ކުރެވުނު މަސައްކަތުން، ޤައުމުގެ އިޤްތިޞާދު މިހާރުވަނީ ރަނގަޅުވާން ފަށާފައި. އެހެނަސް، ރާއްޖެ ވެއްޓިފައި އޮތް މާލީ ފުންއަނދަވަޅުން ނަގައި، އިޤްތިޞާދު ހަމަޔަކަށް އެޅުވުމަށް، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. ވިޔަފާރިތައް ފުޅާކޮށް، ވަޒީފާތައް އުފައްދަންޖެހޭ. ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކޮށް، އެކިއެކި ސިނާޢަތުތައް ކުރިއަރުވަންޖެހޭ.
ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުމުގައި ބޭރުގެ އިންވެސްޓަރުންނަކީ ވަރަށް މުހިންމު ބައެއް. ރާއްޖޭގެ އިޤްތިޞާދުގައި އެކަށީގެންވާ ބޮޑެތި އިންވެސްޓްމަންޓްތައް އުފައްދާނޭ ހަކަތަ ނެތްކަން އަޅުގަނޑުމެންގެ ޤަބޫލުކުރަންޖެހޭ. އެހެނަސް، ބޭރުގެ މީހުންނަށް ދިވެހިންގެ އިޤްތިޞާދުން ދޭނޭ ޖާގައަކީ، ދިވެހިން ކަނޑައަޅަންޖެހޭ އެއްޗެއް. ދިވެހިންގެ އަތްމަތިން ޤައުމުގެ އިޤްތިޞާދީ މިނިވަންކަން ނުގެއްލޭނޭ ބީދައަކުން، މިކަންކަން ރޭވެންޖެހޭ.
މިއީ އަޅުގަނޑުމެންގެ ޤައުމު. މި ޤައުމުގެ މިނިވަންކަން ހިފަހައްޓާނީ ހަމަ އަޅުގަނޑުމެން. މިކަން ކުރާކަށް އެހެން ބަޔަކު ނާންނާނެ. މިއަށްވުރެ މާ ނިކަމެތި ބައެއްގެ ގޮތުގައި ތިބެ، ވޯރާ ވިޔަފާރިވެރިން ބޭރުކުރީވެސް ހަމަ ދިވެހިން ނޫންތޯ؟ އިނގިރޭސިންގެ އަތްދަށުން މިނިވަންވެ، އަމިއްލަ ދަތުރުފެށީވެސް ހަމަ އަމިއްލަ ހިތްވަރުން ނޫންތޯ؟ އެދުވަހު، އަޅުގަނޑުމެން ތިބީ މާ އާދައިގެ ބައެއްގެ ގޮތުގައި. ހިތްވަރާއެކު އެދުވަހާ ކުރިމަތިލައި، ޤައުމުގެ ދުވެލި ފަހިކުރީ ހަމަ ދިވެހި ދަރިން. ޤާބިލު ކެރޭ ދިވެހި ދަރިން. ވުމާއެކު، އަޅުގަނޑުމެންގެ ޤައުމުގެ މައި ދޮރޯށި، އަދި އިޤްތިޞާދަށް ބޮޑު ޙިއްޞާއެއްވާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އަތުލުމުގައި ކާމިޔާބު ހޯދައި، ޤައުމުގެ އިޤްތިޞާދީ ދުވެލި ފަހި ނުކުރެވޭންވީ ކީއްވެތޯ؟ މިއަދު މިކަންކަމާ ޙަވާލުވެ ތިބީވެސް ޤާބިލު ދިވެހި ދަރިން. ތެދުވެރި ދިވެހި ދަރިން.
ލޮބުވެތި ދިވެހި ރައްޔިތުން،
މިރޭގެ މި އުފާވެރިކަމުގައިވެސް ފިލާވަޅުތަކެއް އެކުލެވިފައިވޭ. ކޮންމެ ކަމެއްގައިމެ ދެފުށް އޮންނަ ފަދައިން، މިނިވަންކަމުގައިވެސް ދެ ފުށް އޮވޭ. ޤައުމުގެ މިނިވަންކަން ގެއްލި، ދިވެހި ޤައުމިއްޔަތަށް ނުރައްކާވެފައިވާ ކޮންމެ ފަހަރަކީވެސް، ދިވެހިންގެ ތެރެއިން މަދު ބަޔަކު ނަމަވެސް ފަހިކޮށްދީފައިވާ ފުރުޞަތުތަކެއް. މިފަދަ ކޮންމެ ޙާދިސާއެއްގައި ހުވަފަތްވި އަންބަކީ، ޔަތީމުވި ދަރިއަކީ، ނުވަތަ އެކަނިވެރިވި މަޔަކީ، ހަމަ ދިވެހިންގެ މަދު ބައެއްގެ ސަބަބުން ހިތާމަ އުފުލަން ޖެހުނު ބައެއް.
މިއަދުގެ ދުނިޔޭގައި ހަތުރުންގެ ޢަމަލުތަކަކީ ކަނޑިންނާއި ބަޑިން ދޭ ޙަމަލާތަކަކަށް ވާކަށް ނުޖެހޭ. އެކި ސިފަސިފައިގައި، އެތެރެއިންނާއި ބޭރުން ޤައުމު އަޅުވެތި ކުރުވުމަށް ކުރެވޭ މަސައްކަތްތަކަށް އަޅުގަނޑުމެން ފާރަވެރިވާންޖެހޭ. ޤައުމުގެ އިޤްތިޞާދު ވަކިބައެއްގެ އަތްދަށަށް ގެންދިޔުމަށް ކުރާ މަސައްކަތް ދެނެގަންނަންޖެހޭ. ދިވެހިންގެ ދީނީ ވަޙްދަތު ނަގާލަން ކުރެވޭ މަސައްކަތްތަކަށް ސަމާލުވާންޖެހޭ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިނދަ ޖައްސާލުމަށް ކުރެވޭ މަސައްކަތަކީ އަޅުގަނޑުމެން ފާރަވެރިވާންޖެހޭ ކަމެއް. މިފަދަ ޙަމަލާތަކުގެ ފަހަތުގައި ތިބީ ބޭރުގެ ކޮންބައެއްތޯ، އަދި އެކަމުން އެފަރާތުން ނަގާނޭ ފައިދާއަކީ ކޮބައިތޯ އަޅުގަނޑުމެން ވިސްނަންޖެހޭނެ. އެއީ، އަޅުގަނޑުމެންގެ އިޤްތިޞާދު އެބައެއްގެ އަތްމައްޗަށް ފުރޮޅާލުން ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ދީނީ ވަޙުދަތު ނަގާލުން ކަމުގައިވިޔަސް، އެއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަންކަން. މިފަދަ މީހުންނަށް އަޅުގަނޑުމެން އެއްވެސް ފުރުޞަތެއް ދީގެންނުވާނެ.
ޤައުމު އިޤްތިޞާދީގޮތުން ހީނަރުކުރުމަށް ކުރާ މަސައްކަތުގެ ގެއްލުން ލިބޭނީ، ވެރިކަމުގައި ތިބި ބަޔަކަށްނޫން. ރާއްޖެއަށް ނައުމަށް ނިންމާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނުލިބޭ ފައިސާއަކީ، ހަމައެކަނި ރިޒޯޓުގެ ވެރިންގެ އަތުން ގެއްލޭ އެއްޗެއް ނޫން. އެފަތުރުވެރިންގެ އަތުން ދައުލަތަށް ނަގާ ޓެކުހުންވެސް ގެއްލޭއެއްޗެއް. އެ ރިޒޯޓުގެ ވެރިންގެ އަތުން ދައުލަތަށް ދައްކާ އާމްދަނީންވެސް މަދުވާ އެއްޗެއް. އެ އާމްދަނީ ބޭނުންކޮށްގެން ރައްޔިތުންނަށް ދެވޭ ތަޢުލީމާއި ޞިއްޙީ ޚިދުމަތުން އުނިވާ އެއްޗެއް. އެ ރިޒޯޓުގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް ލިބޭ އާމްދަނީންވެސް މަދުވާއެއްޗެއް. އެ މުއައްޒަފުންގެ ޢާއިލާތަކަށްވެސް ގެއްލޭއެއްޗެއް. އެފަރާތްތަކުގެ ދަރިންގެ ޓިޔުޝަން ފީއިންނާއި، މައިންބަފައިންގެ ބޭހުގެ ޚަރަދުންވެސް އުނިވާ އެއްޗެއް.
ލޮބުވެތި އަޚުންނާއި އުޚުތުން؛
2008 ވަނަ އަހަރު ދިވެހިން ބަލައިގަތް އައު ޤާނޫނުއަސާސީއަކީ، މިޒަމާނުގެ ޑިމޮކްރަސީ ފުރިހަމަ ކުރުމަށްޓަކައި ކުރެވުނު މަސައްކަތެއް. މި ޤާނޫނުއަސާސީގައި މިނިވަންކަމުގެ ވަރަށް ގިނަ ކަންކަން އަޅުގަނޑުމެން ލިޔުނީމު. ދުލާއި ޤަލަމުގެ މިނިވަންކަން. އެއްވެ އުޅުމާއި ދަތުރުފަތުރު ކުރުމުގެ މިނިވަންކަން. ސަރުކާރުގެ ނުފޫޒުން މިނިވަންވެފައިވާ ފަނޑިޔާރުންނާއި ފަނޑިޔާރުގެތައް. ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒެއްނެތް އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީސް. ރައީސުލްޖުމްހޫރިއްޔާއަށް ވަކި ނުކުރެވޭނޭ މިނިވަން މުއައްސަސަތާތަކުގެ މެންބަރުންނާއި ސިވިލް ސަރވަންޓުން. އެއްވެސް ހިފެހެއްޓުމެއްނެތް މިނިވަން މީޑިޔާތައް. މިހެންގޮސް ދުނިޔޭގެ އެންމެ ތަރައްޤީވެ، ޑިމޮކްރަސީގެ ތަޞައްރުފު ފުދިފައިވާ ޤައުމުތަކުން ޤަބޫލުކުރާ ހުރިހާ ކަމެއް. އެ ފަރާތްތަކުން ތަޢުރީފުވެސް ކުރާނޭ ކަންކަން.

އެހެނަސް، އަޅުގަނޑުމެން މިއަދު މިތިބީ ޑިމޮކްރަސީގެ މަގުގައި ތަޞައްރުފު ފުދިގެންތޯ ސުވާލު ކުރަންވެއްޖެ. ޤާނޫނުއަސާސީގެ މަޤްޞަދުތައް ފުރިހަމަވޭތޯވެސް ސުވާލުކުރަންވެއްޖެ. އަޅުގަނޑުމެންނަށް ލިބިފައިވާ މިނިވަންކަމަކީ، އަނެކާގެ ޙައްޤުތަކަށް އަރައިގަންނަ މިނިވަންކަމަކަށް ވެއްޖެނަމަ، އެއީ ޤާނޫނުއަސާސީގެ މަޤްޞަދެއްނޫން. އަޅުގަނޑުމެންގެ މައިދާންތަކާއި ޕާކުތަކަކީ، އަޅުގަނޑުމެންގެ ޅަދަރިންނަށް ޖާގަނެތް، 24 ގަޑިއިރުގެ ސިޔާސީ މައިދާންތަކަކަށް ބަދަލުވެއްޖެނަމަ، އެއީ އެ ޤާނޫނުއަސާސީގައިވާ ގޮތަށް ކުދިންގެ ޙައްޤުތައް ރައްކަތެރިކޮށްދެވެނީކީ ނޫން. ކުށުގެ ތުހުމަތުގައި ތިބޭމީހުން، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބުން އެއީ، ޑިމޮކްރަސީގެ އަޚްލާޤެއްނޫން.
މިނިވަން ކަމަކީ އެއަށްވުރެ މާ މުޤައްދަސް އެއްޗެއް. އިން ތަކެއް ހުރި އެއްޗެއް. މިންތަކެއް ކަނޑައަޅާފައިވާ އެއްޗެއް. އަޚްލާޤީ އުޞޫލުތަކެއް ގެންގުޅެންޖެހޭ އެއްޗެއް. އެއީ، އެންމެ ބާރުގަދަ، އަޑުގަދަ މީހުން އެކަނި ޙިމާޔަތްކުރާ އެއްޗެއްނޫން. އެންމެ ބަލިކަށި އެންމެ ޟަޢީފް ކުއްޖާވެސް ޙިމާޔާތްކުރާ އެއްޗެއް. މުޅި ޤައުމު ޙިމާޔަތްކުރާ އެއްޗެއް.
މިކަންކަން މިހެން ހިނގަނީ ޤާނޫނުއަސާސީގައި ހުރި މައްސަލަތަކެއްގެ ސަބަބުން އެކަންޏެއްނޫން. ޤާނޫނީ އޮނިގަނޑު ބަލިކަށިވީމާ އެކަންޏެއްވެސް ނޫން. އަޅުގަނޑުމެންގެ ވިސްނުންތަކާއި ޢަމަލުތައްވެސް މިއަދަށްވުރެ ތަހުޒީބުވެ ތަޞައްރުފު ފުދެންޖެހޭ. މިއަދު މިފެންނަނީ، ޅަފަތުގައި އޮތް، ފުރިހަމަނުވާ، ދުސްތޫރީ އޮނިގަނޑެއްގައިވާ، ބާ ގަނޑުތަކުގެ ނާޖާއިޒު ފައިދާ ބަޔަކު ނަގާތަން. އަމިއްލަ ފައިދާއެއް ލިބެން އޮތިއްޔާ ކިތަންމެ ވަރަކަށް އެ ބާތައް ވީދުނަސް ފަރުވާލެއް ނުބެހެއްޓޭތަން. ޤާނޫނު ލިޔެފައިވާ މަޤްޞަދާއި، ޤައުމުގެ މަޞްލަޙަތު އެއީ އެއްޗަކަށްނުވާތަން.
މިއަދު ރާއްޖޭގައި މިއޮތް ހުޅުވާލެވިފައިވާ ސިޔާސަތުގެ ތެރޭގައި، ޚިޔާލު ތަފާތުވުން ހުންނާނެ. ޕްލޫރަލިސްޓިކް މުޖުތަމަޢެއްގައި ތަފާތު ވިސްނުންވެސް ހުންނާނެ. އެހެނަސް، މިހާރު މިފެންނަނީ، ސިޔާސީ ޚިޔާލު ތަފާތުވުމުގެ ތެރެއިން މީހުން މަރާލެވޭތަން. ޚިޔާލުތަފާތުވާ ޙާލަތްތަކުގައި އަޅުގަނޑުމެންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ މީހުންނަށް ދަޢުވަތު ދިނުމަށްވެސް ފަސްނުޖެހޭ ތަން. ވެރިކަމުގެ ބޭނުމުގައި، ޤައުމުގެ ހަރުމުދާ ތަބަކަކަށް ލާފައި ބޭރުގެ ފަރާތްތަކަށް ދިއްކޮށްލުމަށްވެސް ފަސްނުޖެހޭތަން. މިއީ ހިތާމަހުރި ކަމެއްގެ އިތުރުން، އިންތިހާއަށް ނުރައްކާތެރިވެސްކަމެއް. މިކަންކަމުގެ ނަތީޖާއަކީ، ބޭރުގެ ނުފޫޒުތައް ވަރުގަދަވެ، ދައުލަތް ބަލިކަށިވެގެން ދިޔުން. ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ ބާރުތައް ފުނޑުފުނޑުވަމުން ދިޔުން. ދައުލަތުގެ ސިޔާދާތު މަޑުމަޑުން ނަމަވެސް އަތުން ބީވެގެން ދިޔުން. މިހެން މިކަންކަން އޮވެ، ކުރިޔަށްދާން ވެއްޖެނަމަ، މުޅި ދައުލަތް ފޭލްވާކަށް ދެން މާގިނަ ދުވަހެއް ނުނަގާނެ. މިކަމުން ގެއްލުންވާނީ ވަކި ބަޔަކަށްނޫން. ހަމަ އަޅުގަނޑުމެން އެންމެނަށް.
ލޮބުވެތި ދިވެހި ރައްޔިތުން؛
މިކަންކަން ރަނގަޅުކުރަން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ. ޤާނޫނުއަސާސީ އިޞްލާޙުކުރަންޖެހޭނެ. އެހެނަސް، ދައުލަތަށް މިވަރުގެ ބޮޑެތި ބަދަލުތައް ގެނެވޭނޭ ފަންވަރު ދައުލަތުގައި އެބަހުރިތޯ އެއީ ކުރެވޭ ސުވާލެއް. އަމިއްލަ އެދުމުގެ މައްޗަށް ޤައުމު އިސްކުރެވިދާނޭތޯ، ޤައުމުގެ ޙާލުގެ ދުލުން ގޮވާ ގޮވުމަށް އިޖާބަ ދެވިދާނޭތޯވެސް އެއީ ކުރެވޭ ސުވާލެއް. މިކަންކަމަކީ ސަރުކާރުން އެކަނި ކުރެވޭނޭ ވަރުގެ ކަންކަމެއްނޫން. މިކަންކަން ޙައްލުކުރުމަށް ސަރުކާރުން، އިސްނަގައިގެން މަސައްކަތްކުރަންޖެހޭ. އެހެނަސް، މިކަން ކާމިޔާބުކުރެވޭނީ ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން، ޙިކުމަތްތެރިކަމާއެކު މަސައްކަތްކޮށްގެން.
ދިވެހި ޤައުމުގެ ލޮބުވެތި ރައްޔިތުން؛
އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމަކީ މިނިވަންކަމެއްނޫން. ޤައުމުގެ އެތެރެއަށް ބޭރުގެ ނުފޫޒުތައް ވެއްދުމަށް ދަޢުވަތު ދިނުމަކީވެސް މިނިވަންކަމެއްނޫން. އެއީ، އެއްވެސް ދިވެއްސަކަށް ކުރެވިގެންވާނޭ ކަމެއްނޫން. އަދި މި ފަސްގަނޑުގައި ބޭރު މީހަކަށްވެސް ކުރެވިގެންވާނެ ކަމެއްނޫން. އެއީ، މި މިނިވަންކަމަކީ މިއަދު އަޅުގަނޑުމެންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށްވީތީ. މުސްތަޤްބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށް ކާބަފައިން ކުރެއްވި ވަޞިއްޔަތަކަށްވީތީ. މި މިނިވަންކަމަކީ، މި ޤައުމަށް އުފަން ކޮންމެ މީހަކުވެސް އަގު އަދާކޮށްފައިވާ އެއްޗަކަށްވީތީ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި އުފެދުނު އެންމެ ވަރުގަދަ އެއް ޝަޚްޞިއްޔަތު ކަމުގައިވާ އަލްއުސްތާޛު އަލްމަރްޙޫމް އިބްރާހީމް ޝިހާބް ވިދާޅުވެފައިވާ ފަދައިން، މިނިވަންކަމުގެ ރަމްޒުކަމުގައިވާ ދިދަ 2 ކަނުން ބަނދެފައިވުމުގައި ޢިބުރަތެއްވޭ. އެއްވެސް ހިފެހެއްޓުމެއްނެތި ދޫކޮށްލެވިއްޖެނަމަ، އެ ދިދަވެސް އޮންނާނީ ވެއްޓި، ވެއްޔާއި ތަތްތެޅިފައި. އެހެންކަމުން، މިނިވަންކަމުގައިވެސް ޙައްދުތަކެއް އޮންނާނެ. ވާދަވެރިކަމުގައިވެސް ޙައްދުތަކެއް ހުންނާނެ. ޙަސަދައިގައިވެސް ޙައްދުތަކެއްވާނެ. ޙަސަދައާއި ރުޅިވެރިކަމުގައިވެސް ނުކުރެވޭނޭ ކަންކަން ހުންނަންވާނެ. އެއީ، އެއް ދީނެއްގައި ތިބި، އެއް ބަހަކުން ވާހަކަދައްކާ، އެއް ދަރިފަސްކޮޅަކަށްވީތީ.

ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން،
މިއަދަކީ ދިވެހި ޤައުމުގެ މިނިވަންދުވަސް. މިރެއަކީ ބަރަކާތްތެރި ރަމަޟާން މަހުގެ 19 ވަނަ ރޭ. އަޅުގަނޑު މިވަގުތު ހުއްޓި މިހުރީ، ޤައުމީ ނިޝާނުގެ ފަހަތުގައި. ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތުގެ ބިނާކަމުގައިވާ އިސްލާމީ މަރުކަޒު ފެންނަ ހިސާބުގައި. ދިވެހި ދިދަ އެހެރީ، މިނިވަންކަމާއެކު ވިހުރުވި ވިހުރުވި. އަޅުގަނޑުމެން އެއްވެ މިތިބީ ޝަހީދު ޙުސައިން އާދަމް މިޤައުމަށްޓަކައި ފުރާނަ ދޫކުރެއްވި މަޤާމާ ދާދި ގާތުގައި. މިއީ ހުރިހާ މާނައެއްގައިވެސް އަޅުގަނޑުމެންގެ ވަގުތު.
މިރޭ މި މަޤާމުގައި ހުންނައިރު، އަޅުގަނޑުގެ ހިތަށް ތަޞައްވުރު ކުރެވެނީ، ޝަހީދު ޙުސައިން އާދަމް، އޭނާގެ ޢުމުރުން އެންމެ 20 އަހަރުގައި، ޤައުމުގެ ދިފާޢުގައި އެންމެފަހު ނޭވާ ދޫކޮށްލިއިރު ކުރާނޭ ދުޢާ. އޭނާގެ ފަހުން މި ޤައުމުގެ މިނިވަންކަމުގެ ޒިންމާ އެޅިފައިވާ މީހުންނަށް ކުރާނޭ ވަޞިއްޔަތް. އޭނާގެ ފުރާނައިން ހަދިޔާކޮށްގެން ސަލާމަތްކުރި ޤައުމަށްޓަކައި ކުރާނޭ އުންމީދު. އަޅުގަނޑުމެންގެ ޒިންމާއަކަށްވާނީ އޭނާގެ އުންމީދުތައް ފުރިހަމަކޮށްދިނުން. ދިވެހި ޤައުމިއްޔަތުގެ ދަންމަރު އެންމެ އަލިގަދަކޮށް ހުންނާނޭ ފަދައިން ރޯކޮށްފައި ބެހެއްޓުން. މި ޒިންމާއަށް ފަރުވާތެރިވެ ވަޑައިގަންނަވާ. ދިވެހިންނަށް ވީތީ. މި ލޮބުވެތި ފަސްގަނޑުގެ ދަރިންނަށް ވިތީ.
މާތްﷲ ތިޔަ އެންމެ ލޮބުވެތި ރައްޔިތުންނަށް ހެޔޮ ރަޙްމަތް ލައްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ އަބަދަށް ލަހައްޓަވާށި. އާމީން.
والســّلام عليــكم ورحـمــة اللّـه وبـركاتـه
 


Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.