ބަދަލު
ތުތޭ
ދުވަހަކީ އުޑުމަތި
ސާފު ދުވަހެކެވެ. އުޑުމަތީގައި ވިލާ ރޮއްޖެއްވެސް
ނެތެވެ. ޖައްވުހީވަނީ ނޫކުލައިގެ ސާލަކުން ޒީނަތްތެރިކޮށްފައިވާ ހެންނެވެ.
އައިސް ޕްލާންޓުން ފެށިގެން އަންހެނުން މަގާހަމަޔަށް ، ރައީސް ނަޝީދުގެ
ވެރިކަމުގައި ފުންކޮށްފައިވާ ފަޅު، ހީވަނީ މަޑުވިލުކުލައިގެ ބިއްލޫރިގަނޑެއް
ހެންނެވެ. އިރުވައި މޫސުމުގެ ހިތްގައިމު ، މަޑުފިނި ވައިރޯޅިތައް ރަށުގެ
އަތިރިމައްޗަށް އެއްލަމުން، ހުރިނަމަ ހުރި އެއްޗެއްގައި ބީހެމުން ދަނީ،
އިންސާނުންނަށާއި ފުރާނަހުރި ކޮންމެ ދިރޭ އެއްޗަކަށް ހިތްހަމަޖެހުން ގެނެސްދޭނެ
ބީދައިންނެވެ.
ރަށުގެ ކޯއްޓޭއަށް
ނަގާފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމް.ޑީ.ޕީ ) ގެ ބޮޑު ދިދަ ނަށަމުން، ވިހުރެމުން ދަނީ އެޕާޓީގެ ހަރުގެއިން ފޮނުވާ
ރޮކް އެންޑް ރޯލް " މަ ޗިސް ޗިސް ކޮށްލިއަށް މަފިސްފިސް ކޮށްލިއަސް ނުވާނަމޭ
ބާގީއަކަށް " މިލަވައިގެ ހަމަޔަށެވެ.
ދުވަހަކީ ހޮނިހިރު
ދުވަހެކެވެ. މީލާދީ ސަނަތުން 2012 ޖޫން 2 ވަނަ ދުވަހެވެ. ރަށުގެ އަތިރިމަތީގައި ހޭލަމޭލައަށް ރަށުގެ ކުދިބޮޑުއެންމެން، އަންހެން،
ފިރިހެން، ހަރަކާތްތެރިވަނީ އެވެ. މިދުވަސް އެއްބަޔަކަށް ޢީދަކަށްވިއިރު، އަނެއް
ބަޔަކަށް ވީ ބޮޑު ހަމަނުޖެހުމަކަށެވެ. ދުވަހަކުވެސް ރަށަށް ފުލުހުން ނާރާ ވަރަށް
ފުލުހުން ވަނީ އަރާފައެވެ. އެސް . އޯ އާއި ބުލޫސް އެވެ. އެމީހުން ބޭނުންކުރާ
ހަތިޔާރެވެ. ކަރުނަގޭހާއި ، ކަރަންޓް މުގުރެވެ. އަސޭމިރުސް ސްޕްރޭ އާއި ބެރިގޭޓާއި
ޝީލްޑް އެވެ.
މެންދުރުން އަނބުރާ
އެކެއް ޖަހާ، ތިރީހަކަށް މިނެޓް ފަސްވަނީ އެވެ. އެމް.ޑީ.ޕީގެ ހަރުގެއިން
އިޢުލާންކުރަމުން، އަޑުގަދަ ތާޅަފިލިން ގޮވަމުން ދަނީ އެޕާޓީގެ މެންބަރުންނާއި
ޕާޓީއަށް ހެޔޮ އެދިވަޑައިގަންނވާ އެންމެހައި ފަރާތްތަކުން ޕާޓީގެ ހަރުގެއަށް
ދިއުމަށެވެ.
ގިނައަދަދެއްގެ ކުދި،
ބޮޑު އަންހެން ފިރިހެން ކުދިންނާއި ސިޔާސީ ގޮތުން ހަރު ކަމުވޮށޭ މީހުންނާއި
އެކްޓިވިސްޓުންނާއި ޒުވާން ޖިންސުއްލަޠީފުން ފިޔާތޮށިކުލައިގެ ހެދުމުން ނަލަވެ،
ޖަރީވެގެން، އަސުރުމާވަސްދުވާ ސެންޓްޖަހައިގެން ޒީނަތްތެރިވެގެން ރަށުގެ އަތިރި
މައްޗަށް ގްރޫޕްގްރޫޕަށް، ކޯޅިކޯޅިއަށް ނިކުންނަމުންދަނީ ، ރަށުކައުންސިލުން
އަރުވާފައިވާ ދަޢުވަތަށް، ވެރިކަމަށް އަރާވަޑައިގެން ހުންނެވި، ޑރ. ވަޙީދު
ހަސަންމަނކަށް މަރުހަބާ ދަންނަވާށެވެ.
އެމް.ޑީ.ޕީގެ ސަޕޯޓަރުން އެޕާޓީގެ ހަރުގެއަށް ޖިހާދީ
ރޫހެއްގައި ޖަމާވަނީ ރައީސް ޑރ. ވަހީދު ހަސަންމަނިކާ ދެކޮޅަށް ޝުޢޫރުފާޅުކޮށް
މުޒާހަރާކުރާށެވެ.
އަހަންނަކީ
އެމް.ޑީ.ޕީއަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ މީހެކެވެ. އުޅެނީ ގްރޭޑް 12 ގައެވެ.
ރައީސް ނަޝީދުގެ އިގްތިޞާދީ އަދި ތަރައްގީގެ
ސިޔާސަތުތައް މަށަށް ވަރަށް ކަމުދެއެވެ. އާސަންދާއާއި އިޖުތިމާޢީ ރައްކާތެރިކަމާއި
ދަތުރުފަތުރުގެ ފެރީ ނިޒާމް ވަރަށް ފައްކަލެވެ.
ރައީސް ނަޝީދުގެ
ވެރިކަން ތިން އަހަރު ނުވަނީސް ބަގާވަތްކޮށްގެން ވެރިކަން ޖަހާގަތީ ތީވެ، އަހަރެން
ރައީސް ވަހީދަށާއި އެނާގެ ބައިވެރިންނަށް ކުރެވެނީ އަމަށަކު ނަފުރަތެއް ނޫނެވެ. ބަގާވާތެއްކަން
އަހަންނަށް ޔަގީންވީ އިސްލާމްފޮތުގައިވާ ބާގާވަތްކުރުން މިފިލާވަޅު މުދައްރިސް
އޮޅުން ފިލުވައިދިން ދުވަހުއެވެ. އެހެންވެ، އަހަރެން ތިޔައީ އެމްޑީޕީގެ
ހަރުގެއަށެވެ. މާމަ އަންނަން ގެންގުޅޭ ކަނޑިކިތަކުން ދެކަނޑިކި ހިފައިގެންވެ.
މަންމަ އަޅާ ބުރުގާ އިން ކަޅުބުރގާއެއް ހިފައިގެންނެވެ.
ރައީސް ވަޙީދުގެ
ދަތުރަށް އެމްޑީޕީން ތައްޔާރުވީ ނުލާހިކު ވަރުގަދަ އަށެވެ. ދާއިރާގެ މެންބަރުވެސް
ހުންނެވި އެވެ. ކާޅެއްހެން އަހަރެން ހެދުން އަޅާ ، މޭކަޕްކޮށް، ދެއަތުގައި
ފިޔަގަނޑު ހަރުކޮށްދިނީ ޝަފީޤް އެވެ. ހަރުގެއަށް ޒުވާން ނޫކަށި ފިރިހެން
ކުދިންނާއި މުސްކުޅިންނާއި، އަންހެނުން ވެސް ޖަމާވި އެވެ. ކޮންމެ މީހެއްގެ
މީހެއްގެ އަތުގައި ފޮށިގަނޑެއް އޮވެއެވެ. ބައެއް މީހުން އަތުގައި ގޮނުވެސް
ހުއްޓެވެ.
އަހަރެމެން ޕާޓީގެ
ހަރުގެއިން ނުކުންނަނީ އެވެ. އެންމެ ކުރީގައި އޮތީ ޕިކަޕެވެ. އެއީ މުޒާހަރާގެ
އަޑެވެ. ފުރަތަމަ ސަފުގައި އަހަރެމެންނެވެ. ޝަފީގްއާއި ދާއިރާގެ މެންބަރާއި ޕާޓީގެ އިސްމީހުންނެވެ. ފަހަތުގައި
ޕާޓީގެ އެކްތިވިސްޓުންނާއި އެހެނިހެން މީހުންނެވެ. ފޮށިގަނޑުތަކާއި ގޮނުތަކުގައި
ހުރި އެއްޗެހިތައް ނަގައިފި އެވެ. އަސްތާ ކަމަކު ދާކަށް ނެތެވެ. ހުސްކާޅެވެ.
ދިރޭކާޅާއި މަރު ވެފައިވާ ކާޅެވެ. ކާޅުތައް ދިދަ ދަނޑިތަކުގައި އައްސާ އަތުކޮޅަށް
ހިއްލާފައިފިއެވެ. ކާޅުތައް ކާކާލަވައިގަތީ އެހެންނަކުން ނޫނެވެ.
ކައުންސިލް އިދާރާގެ
ދޮރުމަތިން ގޮސް އިތަށް، އަހަރެމެން މިސްރާބު ޖެހީ ޕޮލިސް ސެޓޭޝަނާ ދިމާއަށެވެ.
ކާލުތައް އަހަރެން ފިޔަގަނޑު ޖަހާލާއިރަށް ކާކާލަވާ، އުތުރި އަރަނީ ކަޅުބިލަމަސް
އައިނެއްގައި މަސްދަހިވެގެން ފުމޭ ބީދައިންނެވެ.
އަހަރެމެންނަށް
ކުރިއަށް ނުދެވޭގޮތަށް ނަސްރު މިސްކިތާ ހަމާގައި، ޕޮލިސް ލައިން ދާމާފައި
ހުއްޓެވެ. އަހަރެމެންނަށް އިހިސާބަށް ދެވުނު އިރު ފުޅުހުން ތިބީ ސަފަކަށް
އެތުރިގެން ރުޅިއައިސްފައިވާ
ކުޅަދުރުތަކެއް ފަދައިން ރަތްވެފައެވެ. ބަނދުހައިވެފައިވާ ސިންގާތަކެއް ފަދައިން ،
ވައްވައްޖަހާ އަހަރެމެންގެ މައްޗަށް ފުންމައިގަތީ އެއެއް ، މިއެއް ނުބަލައެވެ.
އަހަރެމެންގެ އަތުގައި ހުރި ކާޅުތައް ޖަހާގަތީ ، ބާޒު ކުކުޅު
ޖަހާގަންފަދައިންނެވެ. ކާޅު މީހުންތަކުން ކާތަކެތި ޖަހާގަންނަ ގޮތަށެވެ.
އަހަރެމެންގެ ލޯތަކަށް އަސޭމިރު ޖެހީ، ހައިންޗި ދުރުމިނުގައި އަހަރެމެންގެ ލޯތައް
ކަނުކޮށްލާށެވެ. އަހަރެމެންގެ އަތުގައި ހުރި ލޮނުމިރުސް ވެއްޔާއެކު ، ވަޔަށް
ބުރުއްސާލީ ތަނެއް ދޮރެއް ނުބަލައެވެ. ޓާގެޓަށް ނާރާ އެތަކެތި އެރީ މީޑިއާގެ
ލޮލަށެވެ.
އަހަރެންނަށް
ޕޮލިހުން ޗާޖްކުރާކަން އެނގެއެވެ. އެކަން އަހަރެންގެ ސަމާލުކަމަށް ޝަފީޤް
ގެނައެވެ. ޝަފީގަކީ މާލޭގެ އެންމެ ހަމަނުޖެހުން ބޮޑު މުޒާހަރާތަކުގެ ތަޖުރިބާ
ލިބިފައިވާ އެމް.ޑީ.ޕީގެ ދާޢީ އެކެވެ.
އަހަންނަށްވުރެން ކުރިން ޕޮލިހުން ޝަފީގް އުފުރާލައިފި އެވެ. އޭނާ އުފުރާލީ ވަރަށް
އަނިޔާވެރިކޮށެވެ. ފިލަން އެހެން މީހުން ދުއްވާގަތަށް ، މަށަކަށް އުދުހިގަނެވޭތޮތެއް
ނުވެއެވެ. މަށަކީ ނުއުދުހެވޭ ކާޅެކެވެ. އަހަންނަށް އިޝާރާތްކޮށް ބަޝީރުމެން، އަދި
އެކަތެއް މުސްކުޅި އަންހެނުންނެއް ބަދު ދުޢާ ކުރިއެވެ. މަށަށް އަޑު އިވޭވަރަށެވެ.
މަގޭ ގައިން އެވަގުތު ހީބިވެސް ނެގިއެވެ. މަކާޅަކަށް ވޭތޯ އެމީހުން ދުޢާ ކުރިއެވެ.
ބައެއް މީހުނ
އޮރިޔާން ކުރަމުން، އަނިޔާކުރަމުން، ޕޮލިހުން ހައްޔަރުކުރަމުން ދިޔައިރު މަހުރީ
ތަޅިން ކުޅުހިކިފައެވެ. މުޒާހަރާއަކަށް ނިކުން ފުރަތަމަ ދުވަހެވެ. މަށާދިމާއަށް
މިނިކާވަގެއްހެން ޖެހިގަތީ ކަޅު ބިޔަ ބޮޑު އެސްއޯ ފުލުހެކެވެ. މަގޭ ގާތުގައި ހުރި
ނުދަން ބޯދިގު ސޮރެއްގެ އިޝާރާތަށްކަން އެނގެއެވެ. މަހިތަށްވެސް އެރީ އެއީ
އިންޓެލް ގޮލައެއް ކަމަށެވެ. ފުރަތަމަވެސް ޖަހާގަތީ މަގޭ ވަރަ އެވެ. ދެން ބޮލަށް
މަހާފައިވާ ކާޅު ބޮލެވެ. ތިން ހަތަރު އެސްއޯ ފުލުހުން މަ ވަށާލުމަށްފަހު
އުފުރާލިއެވެ. އަންހެންވެރިން ހަޅޭ ޖަހާގަތެވެ. އެސްއޯފުލުހުން މަގޭ
"މޯޓަރު" ގައި ހިފިތަން އެމީހުންނަށް ފެނުނީ ކަން ޔަގީނެވެ. ގައިން
ވަރުގޮސް ދެލޯ އާހަށް އެރިއެވެ.
ނުނިމޭ
Comments