Skip to main content

މުސްލިމުން ލާދީނީ ކުރުވަން ތަފާތު ގޮތްގޮތަށް މަސައްކަތްކުރޭ

މުސްލިމުން ލާދީނީ ކުރުވަން ތަފާތު ގޮތްގޮތަށް މަސައްކަތްކުރޭ

ސައުދުއްﷲ އަލީ

އިސްލާމީ ނަޒަރުން ބަލާއިރު ލާދީނީ ވުމަކީ ދިރިއުޅުމުގެ އެކިއެކި ކަންކަމުގައި އިސްލާމްދީނުގެ ހުކުމްތަކާއި އުސޫލުތަކާއި ހަމަތައް ގެންގުޅުމާ އިދިކޮޅު ވުމެވެ. މިފިކުރަކީ ސިނާއީ އިންގިލާބުގެ ޒަމާނުގައި ޔޫރަޕުގައި މަސީހީ ފައްޅިތަކުގެ އިސްމީހުން ދުނިޔަވީ ހަޔާތަށްޓަކައި މަސައްކަތް ކުރުމާ އިދިކޮޅު ހެދުމުން އޭގެ ރައްދު ހަރަކާތެއްގެ ގޮތުން އުފެދުނު ފިކުރެކެވެ. މިފިކުރުގައި ދީނަކީ ހަމައެކަނި އިންސާނާއާ ކަލާނގެއާ ދެމެދު އޮންނަ ގުޅުމަކަށް ހެދުމަށާއި ދިރިއުޅުމުގެ ކަންކަން އެއީ ވެރިކަމުގައި ތިބޭ މީހުންނާ އޮންނަ ގުޅުމެއް ކަމަށް ހެދުމަށް ގޮވާލެވުނެވެ. އެހެންވެ ސިޔާސީ ކަންކަމާއި އިގުތިސާދީ ކަންކަމާއި އިޖުތިމާޢީ ކަންކަން ފަދަ ދިރިއުޅުމާ ގުޅުން ހުރި ކަންކަމުގައި ގޮތް ކިޔަން ކަލާނގެއަށް ފުރުސަތު ނުދިނުމަށް ކުރެވޭ މަސައްކަތަކީ ލާދީނީ ވުމުގެ މަސައްކަތެވެ. އެއީ ސެކިއުލަ ވުމެވެ.



މުސްލިމުން ކަމަށް ވިއަސް އަދި އެހެން ދީނެއްގެ ބައެއްކަމަށް ވިއަސް ލާދީނީ ވުމަކީ ވަކި ބަޔަކު ވަރަށް ބޭނުންވާ ކަމެކެވެ. ދިރިއުޅުމުގައި މުދާވެރިކަމާއި އާރާއި ބާރު ބޭނުންވާ މީހުންނަށް ވަރަށް މުހިންމު ކަމެކެވެ. ވަކިން ހާއްސަކޮށް މުސްލިމުން ލާދީނީ ވުމަކީ އެފަދަ މީހުންނަށް އޮތް ވަރަށް ބޮޑު މަންފާ އެކެވެ. ސަބަބަކީ އިސްލާމްދީނުގެ ހުކުމްތަކާއި އުސޫލުތަކާއި ހަމަތަކަކީ އެންމެންނަށް އެންމެ މަސްލަހަތު ހުރި ގޮތަށް އޮންނަ އުސޫލުތަކެއް ކަމަށް ވުމުން މިދެންނެވި ފަދަ ބާރު ބޭނުންވާ މީހުންނަށް އޮތް ހިތްހަމަ ނުޖެހުމަކަށް އިސްލާމްދީން ވުމެވެ. މިސާލަކަށް އިގުތިސާދީ ގޮތުން ބަލާއިރު އެމީހުން ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ އިހުތިކާރު ކުރުމެވެ. އެބަހީ މުދާ އުފެއްދުމާއި ރޯލު ކުރުމުގައި ޝަރަފުވެރި ގޮތުގައި ވާދަ ކުރުމުގެ ބަދަލުގައި ހުރިހާ ބާރެއް އެމީހުންގެ އަތުގައި އޮތުމެވެ. މިއީ އިސްލާމްދީން މަނާ ކުރާ ކަމެކެވެ. އަނެއް ކަމަކީ ރިބާ ކެއުމެވެ. މިއީވެސް އިސްލާމްދީން މަނާ ކުރާ ކަމެކެވެ. މިހެންގޮސް މިފަދަ މީހުންނަށް ހިތްފުރޭވަރަށް މާއްދީ ފައިދާ އާއި އިގުތިސާދީ ބާރު ލިބުމަށް ކިރިޔާވެސް ހުރަހަކަށްވާ ކޮންމެ ކަމަކާ މެދު މިމީހުން ނަފުރަތު ކުރާނެ އެވެ. 

 ދުނިޔޭގެ ގައުމުތަކުގައި އިސްތިއުމާރީ ހަރަކާތްތައް ފެށިގެންދިޔައީ މިބޭނުމުގައެވެ. ޔޫރަޕުގައި ސިނާއީ އިންގިލާބާ ގުޅިގެން ތަކެތި އުފައްދާނެ އިތުރު ސާމާނު ހެޔޮ އަގުގައި ހޯދުމާއި ކުޑަހަރަދެއް ކޮށްގެން ތަކެތި އުފެއްދުމާއި އަދި އޭގެފަހުގައި އެތަކެތި ވިއްކާނެ ބާޒާރުތަކެއް ހޯދުމުގެ ބޭނުމުގައެވެ. މިކަން އެންމެ ފުރަތަމަ ފެށުނީ އަސްކަރީ ގޮތުގައެވެ. ނަމަވެސް ގައުމުތަކަށް ހޭލެވިގެން އަސްކަރީ އިސްތިއުމާރާ އިދިކޮޅަށް ނުކުމެ އެކަން ނައްތާލުމުން މިހާރު ކުރިއަށް ގެންދަނީ ފިކުރީ އަދި ސަގާފީ އިސްތިއުމާރެވެ. މިއިސްތިއުމާރުގެ ދަށުން ކުރެވޭ އެންމެ މުހިންމު ކަމަކީ މުސްލިމުން ލާދީނީ ކުރުވުމެވެ. ސަބަބަކީ އޭރުން ދީނަކީ ހަމައެކަނި އިންސާނާއާ ކަލާނގެއާ ދެމެދު އޮންނަ ގުޅުމަކަށް ވާނެއެވެ. ދީނަކީ މިސްކިތުން ނުވަތަ ގެއިން ބޭރަށް ނުކުންނަ އެއްޗެއް ކަމުގައެއް ނުވާނެ އެވެ. މިގޮތަށް މުސްލިމުން އުޅޭކަމަށް ވާނަމަ އެއުރެންނަށް އެއްވެސް މައްސަލައެއް ނޯންނާނެ އެވެ. 

މިކަމުގައި އެއުރެންނަށް އަސްކަރީ އިސްތިއުމާރު ނާކާމިޔާބުވުމުން އެހެން ވަސީލަތްތައް ބޭނުންކުރަން ފެށިއެވެ. މިގޮތުން އެންމެ ބޮޑު އިސްކަމެއް ދެވިފައިވަނީ ސިޔާސީ ކަންކަމުގެ ތެރެއިން މިމަގުސަދު ކާމިޔާބު ކުރުމަށެވެ. މިގޮތުން އެމީހުންގެ ބާރާއި ނުފޫޒު އެގައުމުތަކުގެ މައްޗަށް ފޯރުވޭ ފަދަ ބައެއްގެ އަތްމައްޗަށް ގައުމުތައް ދާގޮތަށް ހަދަން މަސައްކަތް ކުރެވުނެވެ. ތުރުކީއާއި ތޫނިސް ފަދަ އިސްލާމީ ގައުމުތައް ސިޔާސީ މީހުންގެ އެހީގައި ފާޅުކަން ބޮޑު ގޮތެއްގައި ލާދީނީ ކުރެވުނެވެ. މިގޮތަށް ފާޅުގައި ކަންކުރަން އުނދަގޫވާނަމަ ދެން ހަދާގޮތަކީ ސިޔާސީމީހުން މީސްތަކުންނަށް އޮޅުވާލައިގެން މަކަރުވެރި ގޮތުގައި މިކަން ކުރުމެވެ. އެހެންވެ އެމީހުންނަކީ ދީނަށް ލޯބި ކުރާ ބައެއްކަން ދައްކަން މަސައްކަތް ކުރާނެ އެވެ. ދީންވެރިވުމުގައި މިސްކިތްތަކަށް އަރައި އަޅުކަންތަކުގައި މަޝްޣޫލުވެ އުޅުމާއި ދީނުގެ ފަރުއީ ކަންކަމުގައި ހުންނަ އިހުތިލާފުތަކައިގެން މީސްތަކުން މަޝްޣޫލުވެ އުޅެން މިނިވަންކަމާ އެކު ދޫކޮށްލާނެ އެވެ. މިކަންކަން މިވަނީ ކިހިނެއް ކަން ނުދަންނަ މީހުންނަށް ހީވާނީ މިއީ ދީނީ ކަންކަމަށް ވަރަށް ސަމާލުކަން ދީ އަޅާލުން ކަމަށެވެ. އެކަމަކު ހަގީގަތަކީ މިބައިމީހުންނަކީ ދީނާ އަދާވާތްތެރި ބަޔަކަށް ވާކަމެވެ. މިގޮތުން ދިރިއުޅުމުގެ ހަޔާތުގައި ދިމާވާ އެކިއެކި ކަންކަމުގައި ހުކުމް ކަނޑައަޅަން ދީން ވަނުމަށް ވަރަށް ނަފުރަތު ކުރާނެ އެވެ. އެގޮތަށް މަސައްކަތް ކުރާ ބަޔަކާ އިދިކޮޅަށް ހަމަލާތައް ރާވާނެއެވެ. އެފަދަ މީހަކު ގަތުކޮށްލަން ވިއަސް ޖެހިލުމެއް ނުވާނެ އެވެ. ނުވަތަ އެނޫން ގޮތަކަށް ވިއަސް އެފަދަ ޝަހުސިއްޔަތުތައް ކަތިލަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ އެވެ. 

 އާދެ، މިފަދައިން، ސިޔާސީ ކަންކަމާއި އިގުތިސާދީ ކަންކަމާއި އަދުލު އިންސާފު ގާއިމު ކުރުމުގެ ކަންކަމާއި ގާނޫނު ހެދުން ފަދަ ކަންކަމުގެ ތެރެއަށް އިސްލާމީ ހުކުމްތަކާއި އުސޫލުތައް ވައްދަން އެއުރެން އެއްގޮތަކަށްވެސް ބޭނުމެއް ނުވާނެއެވެ. އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާކަމަކާ ގުޅުންހުރި ހުކުމްތައް އެދީނުގައިވާ ދީނެއް ކަމަށްވިއަސް ދިރިއުޅުމުގެ ކަންކަމަކަށް ދީނުގެ އުސޫލުތަކާއި ހުކުމްތައް ވައްދަން އެޅެންހުރި ހުރަހެއް އަޅާނެއެވެ. މަޖުބޫރުވެގެން އެފަދަ ކަމެއް ކުރަން ފުރުސަތު ދިނަސް ދީނުގެ ހުކުމްތަކަށް ޖޯކުޖަހައި މަލާމާތް ކުރާނެއެވެ. މިސާލަކަށް އިސްލާމީ ހައްދުތައް ޖެހުމަކީ ޒަމާނަށް ނުފެތޭ ކަމެއް ކަމަށް ބުނެފާނެ އެވެ. 

 ލާދީނީ ފިކުރުތައް ފެތުރުމަށްޓަކައި ޢަދުއްވުންގެ އެހީތެރިކަމާ އެކު މުސްލިމް ގައުމުތަކުގެ ސިޔާސީ ބާރުތަކުގެ މައްޗަށް އެފިކުރުގެ މުސްލިމުން ގަދަވެގަނެ އެވެ. ވަރަށް ރީތި ފޮނި ބަސްތައް ބޭނުންކޮށްގެންނެވެ. ތަރައްގީއާއި، ކުރިއެރުމާއި، އިޞްލާހާއި، ހެޔޮބަދަލާއި، ވަޠަނިއްޔަވަންތަކަމާއި މިނިވަންކަން ފަދަ ބަސްތަކަކީ އާދައިގެ ރައްޔިތުންގެ ރުހުމާއި ހިތްހަމަޖެހުން އެމީހުންގެ މައްޗަށް ލިބިގެންދާ ފަދަ ބަސްތަކެވެ. މީގެ އިތުރުން މުސްލިމް ގައުމުތަކުގައިވާ ގުދުރަތީ މުއްސަނދިކަން އަދުއްވުންގެ ބާރުފޯރާ ބޮޑެތި ކުންފުނިތަކަށް ލިބޭނެ ފަދަ މަގުތައް ތަނަވަސް ކޮށްފައި އެމީހުން ބޭނުން ވަރަކަށް އެ މުއްސަނދިކަމުން ނަފާ ހޯދޭނެ ގޮތް ހަދާފައި ރައްޔިތުން ރުއްސަން ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ ކޮންކޮން ކަންކަމެއްތޯ ވަރަށް ރަނގަޅަށް ދިރާސާ ކޮށްފައި އެމުހުތާދުތައް ކިރިޔަކިރިޔާ ފުދޭ މިންވަރަށް ރައްޔިތުންނަށް ލިބޭނެ ގޮތް ތަނަވަސް ކުރެއެވެ. މިދެކަންތަކުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ރުހުމާއި ލޯތްބާއި އެއްބާރުލުން ލިބިގެން މިފަދަ މީހުން ސިޔާސީ މައިދާނުގައި މަސައްކަތް ކުރެއެވެ.

 ނަމަވެސް ހިތާމައަކީ އާދައިގެ ރައްޔިތުންނަށް ތިމަންމެންނަށް މިކުރެވެނީ ކޮންފަދަ ކަމެއްކަން އިހުސާސް ނުކުރެވޭތީ އެވެ. މިއީ ތިމާއަށް މާތްﷲ ދެއްވި އެންމެ ބޮޑު ނިޢުމަތަށް ފުރަގަސްދީ އެނިޢުމަތް އެއްލާލުމުގެ ފެށުން ކަން އިހުސާސް ނުކުރެވޭތީ އެވެ. މިކަން މިހެންވަނީ މިއުކުޅުތަކުގެ ނަތީޖާ އެހާ އަވަހަށް ނުފެންނާތީ އެވެ. ކުރިން އިޝާރާތް ކުރި ފޮނި ބަސްތަކާ އެއްގޮތަށް ކަންކަން ކޮންމެވެސް ވަރަކަށް ކުރިއަށްދާ ތަން ބޭރުފުށުން ފެންނަމުން ދާތީ އެވެ. ނުވަތަ ހަގީގަތުގައިވެސް ކޮންމެވެސް ހެޔޮ ބަދަލުތަކެއް ފެންނަމުންދާތީ އެވެ. ނަމަވެސް އިހުސާސް ނުކުރެވެނީ އެބަދަލުތަކާ އެކު ތިމާގެ އަޚްލާޤާއި އިސްލާމީ ރިވެތި އާދަކާދަތަކާއި އުސޫލުތައްވެސް މަޑުމަޑުން ބަދަލުވަމުންދާނެކަމެވެ. އަދިކިއެއްތަ، ދުރު މުސްތަގުބަލެއްގައި ތިމާގެ މުޅި ޢަޤީދާ އެއްކޮށް ބަދަލުވެ މިމަތިވެރި ނިޢުމަތް، އާދެ، އިސްލާމް ކަމުގެ ނިޢުމަތް، މުޅިން ގެއްލިގެންދާ ވަގުތު އައުމުގެ ކުރިން އެކަން އެގޮތަށް އެބަދާކަން އިހުސާސް ނުކުރެވޭތީ އެވެ. މިއީ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުން ވިސްނާލަން ޖެހޭ ކަމެކެވެ. 

 މުސްލިމުން ލާދީނި ކުރުވަން ބޭނުންކުރާ އަނެއް ވަސީލަތަކީ އިޖުތިމާޢީ ބަދަލު ގެނައުމުގެ ނަމުގައި މުސްލިމުންގެ އަޚްލާޤާއި ސަގާފަތާއި އާދަކާދަތައް ހުޅަނގުގެ ސަގާފަތާއި އާދަކާދަތަކާ އެއްގޮތަށް ބަދަލު ކުރަމުން ގެންދިއުމެވެ. މިކަމުގައި މީޑިއާގެ ބޭނުން ވަރަށް ފުޅާ ދާއިރާއެއްގައި ހިފައެވެ. ހެދުން އެޅުމާއި ކައިބޮއެ އުޅުމާއި އެނޫންވެސް ސަގާފަތްތަކުގައި ހުޅަނގުގެ އުސޫލުތަކަށް މުސްލިމުން ތަބާކުރުވަން މީޑިއާއިން ބޮޑު ދައުރެއް އަދާކުރެއެވެ. މިފަދަ ބަދަލުތަކުގެ ފެށުން ވަރަށް ސާދާވެފައި އާދައިގެ ކަމަކަށް ވެދާނެއެވެ. މިސާލަކަށް އަޅާ ހެދުމަށް އަންނަ ކުޑަކުޑަ ބަދަލެކެވެ. އެބަދަލަށް ފުރަތަމަކޮޅު ކުރިމަތިލާން އުނދަގޫ ވިޔަސް އެއަށް އާދަ ވުމުން ދެން އަނެއްކާ އެހެން ކުޑަކުޑަ ބަދަލެކެވެ. މިގޮތަށް ގޮސް އިސްލާމީ އުޞޫލުތަކާ ހަމަތަކާ ޚިލާފުވިޔަސް އެމީހަކު ބޭނުން ގޮތަކަށް ހެދުން އެޅުން އެއީ މިނިވަން ކަމުގެ ތެރޭ ހިމެނޭ ކަމެއް ކަމުގައި ދެކޭނެ އެވެ. އޭރު މަންމައަށާއި ބައްޕައަށް ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ އެވެ.

 ލާދީނީ ކުރުމަށް ބޭނުންކުރާ އަނެއް މުހިންމު ވަސީލަތަކީ ތައުލީމީ ނިޒާމެވެ. މިނިޒާމުގެ ތެރެއިން އިސްލާމްދީނާ ސިޔާސަތާ ގުޅުމެއް ނެތްކަން މީސްތަކުންނަށް ވިސްނައިދޭން އެކި ގޮތްގޮތަށް މަސައްކަތް ކުރެވެއެވެ. ތައުލީމީ މަންހަޖަށް އެކި ކަހަލަ ބަދަލުތައް ގެނައުމާއި އެމީހުންގެ ފިކުރުތައް ފަތުރަން ފަސޭހަވާނެ ސްކޫލުތަކާއި ކޮލެޖުތައް ގާއިމުކުރުން ހިމެނެއެވެ. ނުވަތަ ސީދާ އެގޮތަށް ކުރެވެން ނެތްނަމަ އެތަންތަން ހިންގަން ލާދީނީ ފިކުރުގެ މީހުންނަށް ފުރުސަތުދޭން މަސައްކަތް ކުރެއެވެ. ތައުލީމުގެތެރެއިން ލާދީނީ ފިކުރު ފެތުރުމަކީ އާދައިގެ މައިންބަފައިންނަށް އެކަމާ މެދު ފިކުރެއް ހިޔާލެއް ކުރަންވެސް ދަތި ކަމެކެވެ. އެހެނީ އެމީހުންނަށް އެމީހުންގެ ދަރިން ރަނގަޅު ނަތީޖާތައް ގެންނަތަން މިއަދު ފެންނާތީއެވެ. މިއާ ހިލާފަށް މިފަދަ ސްކޫލުތަކުން ފަތުރާ ލާދީނީ ފިކުރުތަކުގެ އަސަރު އެތައް އަހަރެއްފަހުން ނޫނީ ނުފެންނާނެތީ އެވެ.

 މިފަދަ އެތައް ވަސީލަތްތަކެއްގެ އެހީގައި މަކަރުވެރި ގޮތެއްގައި މުސްލިމުން ލާދީނީ ކުރުމަށް ބަޔަކު ރެއާއި ދުވާލު ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. ބައެއް ފަހަރު ސީދާ ފާޅުކަން ބޮޑު ގޮތެއްގައެވެ. އަނެއްބައި ފަހަރު އޮޅުވާލުންތަކެއްގެ ތެރެއިންނެވެ. ވީމާ މިފަދަ ކަންކަމާ މެދު މުސްލިމުން ވިސްނައި ފިކުރު ކުރަން ޖެހޭނެ އެވެ. އަދި މިފަދަ ކަންކަން ހުއްޓުވެން އޮތް ހުއްދަ މަގުތަކުން ހުއްޓުވަންވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ.

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.