ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނަ ވަރަކަށް އަހަރެމެންނަށް
ކެނޑިނޭޅި އެންމެ ގިނައިން އަޑުއިވެނީ ސިޔާސީ އިސް ފަރާތްތަކުން
ރައްޔިތުންނަށް ވަމުން އަންނަ ވައުދުތަކުގެ ވާހަކަތަކެވެ. މިގޮތުން
މިފަހަކަށް އައިސް އިވޭ މިފަދަ ވައުދުތަކުގެ ތެރެއިން އެންމެ
ފާހަގަކޮށްލެވޭ އެއް ވައުދަކަށް އަޑުއިވިފައިވަނީ ރާއްޖޭގެ ކަނޑުގެ އަޑިން
ތެޔޮ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނެ ދެކެވޭ ވާހަކަ އެވެ. އަހަރެން
ދެކޭ ގޮތުގައި ދިވެހިރާއްޖެ އަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވެފައި
ގައުމުގެ ކުރިމަގާ މެދު ވިސްނާއިރު މިފަދަ ތަފާތު އާ ޚިޔާލުތައް އޭގެ
ޒާތުގައި ވަރަށް ވެސް ބޭނުންތެރި އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އަކީ
ރާއްޖޭގެ ރަން ބިސް އަޅާ ކުކުޅޭ ބުނާ ފަދައިން، ރާއްޖެ އިން ތެޔޮ ފެނިއްޖެ
ހާލަތެއްގައި އެވެގެންދާނީ ރާއްޖޭގެ ރަން ބިސް އަޅާނެ ދެ ވަނަ
ކުކުޅަކަށެވެ. އެހެންނަމަވެސް އަހަރެމެންނަށް އެނގެން ޖެހޭ އެއް ކަމަކީ،
ތެޔޮ ހޯދުމަކީ ވަރަށް ވެސް ޚަރަދު ބޮޑު އަދި އުނދަގޫ މަރުހަލާތަކެއް
ކަޑައްތު ކުރަން ޖެހޭ ކަމެއްކަމެވެ.
ތެޔޮ ހޯދުމަކީ ޚަރަދު ހިނގާ ކަމަކަށް ވީ ނަމަވެސް، ބޮޑެތި
ކުންފުނިތަކުން ތެޔޮ ހޯދުމަށްޓަކައި ވަރަށް ގިނަ ޚަރަދުތައް ކުރެ އެވެ.
ދުނިޔޭގެ މަޝްހޫރު ބޮޑެތި ތެޔޮ ކުންފުނިތަކުން ފާއިތުވި އަހަރުތަކުގައި
އިންޑިޔާ ކަނޑުގެ އަޑިން ތެޔޮ ނެގުމުގެ ޝައުގުވެރިކަން
ފާޅުކޮށްފައިވާކަމުގެ ހެކިތައް އެބަ ހުއްޓެވެ. މީގެ އިތުރުން، ފުޅާ
ދާއިރާއެއްގައި މަސައްކަތް ނުކުރި ނަމަވެސް، ރާއްޖޭގެ ކަނޑުގެ އަޑިން ތެޔޮ
ހޯދުމުގެ މަސައްކަތްތައް ވެސް ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ކޮށްފައިވެ
އެވެ. މީގެ އެއް ސަބަބަކަށް ވެފައިވަނީ، ދިވެހިރާއްޖެ އުފެދިފައިވަނީ،
އިންޑިޔާގެ ބޮމްބޭގެ ތެޔޮ ވަޅުގަނޑެއް އުފެދުމަށް މެދުވެރިވި ވޯލްކެނިކް
އެކްޓިވިޓީ އިން ކަމަށް ވުމުން ރާއްޖޭގެ ކަނޑުތަކުގެ އަޑިން ތެޔޮ ފެނުމަކީ
އެކަށީގެންވާ ކަމެއް ކަމަށް ތަޖްރިބާކާރުން ލަފާކުރުމެވެ. މިގޮތުން 1970ގެ
އަހަރުތަކުން ފެށިގެން، ރާއްޖޭގެ ކަނޑުގެ އަޑިން ތެޔޮ ހޯދުމަށްޓަކައި
ސާވޭތަކެއް ވަނީ ކުރެވިފަ އެވެ. ސަރުކާރުގެ ރިޕޯޓްތައް ބުނާ ގޮތުން،
މަޝްހޫރު ޝެލް ކުންފުންޏަކީ ވެސް، ރާއްޖޭގެ ކަނޑުގެ އަޑިން 900 މީޓަރު
ތޮރުފައިގެން ތެޔޮ ހޯދުމަށްޓަކައި ތަފާތު ސާވޭތަކެއް ކުރި އެއް
ކުންފުންޏެވެ. އެހެންނަމަވެސް، މިހާތަނަށް ރާއްޖޭގައި ކުރެވިފައިވާ މިފަދަ
ސާވޭތަކުގެ ނަތީޖާތަކުން ރާއްޖޭގެ ބިމުގެ އަޑީގައި ތެޔޮ ހުރިކަމުގެ ހެކި
ފެންނާކަށް ނެތެވެ.
ދެން ހިތަށްއަރަނީ ރާއްޖެ އިން ތެޔޮ ފެނުނު ކަމަށް ވިޔަސް ދިވެހިންނަށް
އެކަމުގެ ހަގީގީ މަންފާކޮށްފާނެ ބާވަ އެވެ؟ ސަބަބަކީ ރާއްޖެ ކަހަލަ
ތަރައްގީވަމުން އަންނަ ގައުމުތަކަށް ބަލާއިރު، މިހާތަނަށް ތެޔޮ ފެނިފައިވާ
އެފަދަ ގައުމުތަކުގައި އެގައުމުތަކުގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން މާ
ބޮޑު މަންފާތަކެއް ކޮށްފައި ނުވުމެވެ. އެގައުމުތަކުގެ ރައްޔިތުންނަށް
މިކަމުގެ މަންފާ ފުޅާ ގޮތެއްގައި ނުލިބޭއިރު، މިކަމުގެ ފައިދާ ނަގަނީ
ބޮޑެތި ވިޔަފާރި ކުންފުނިތަކުންނާއި އެގައުމެއްގެ ބާރުގަދަ
މުއްސަނދިންނެވެ. އަހަރެމެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް
ވެފައިވަނީ ވެސް މިފަދަ ގޮތެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ އާމްދަނީގެ ތެރެއިން ބޮޑު ބައެއް ދަނީ
ރާއްޖެއިން ބޭރަށެވެ.
ތަޖްރިބާކާރުން ލަފާކުރައްވާ ގޮތުން، ރާއްޖެ ފަދަ ގައުމަކުން ތެޔޮ
ފެނުމަކީ، އެގައުމެއްގެ ޑިމޮކްރަސީގެ ނިޒާމް ފަނޑުވެ ޚުދުމުހްތާރު ނިޒާމެއް
ގާއިމުވުމަށް މަގުފަހިވެދާނެ ކަމެކެވެ. މިފަދަ އެއް މިސާލަކީ 1990 ގެ
ފަހުކޮޅުގައި ގިނަ އަދަދަދަކަށް ތެޔޮ ފެނިފައިވާ އެފްރިކާގެ އިކުއޭޓޯރިއަލް
ގިނީ އެވެ. ގިނީ އަކީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ކުޑަ އެއް
ގައުމެވެ. ޑިމޮކްރަސީގެ ޅަފަތުގައި ތެޔޮ ފެނިފައިވާ ގައުމުތަކާއި
އެގައުމުތަކުގައި ޑިމޮކްރަސީގެ ނިޒާމަށް އަންނަމުންދާ ބަދަލުތައް
ދިރާސާކުރެއްވުމަށް ފަހު، ޕޮލިޓިކަލް ސައިންސްގެ މާހިރެއް ކަމުގައިވާ
ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ޕްރޮފެސަ ރޮސް ލަފާކުރައްވާފައިވަނީ، ތެޔޮ
ނުފެންނަ ގައުމުތަކުގައި ޑިމޮކްރަސީގެ ފުރިހަމަ ނިޒާމަކަށް ވާސިލުވުމުގެ
ޗާންސް ތެޔޮ ފެނިފައިވާ އެފަދަ ގައުމުތަކާ އަޅާބަލާއިރު 50 އިންސައްތަ ބޮޑު
ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ އަޑިން ތެޔޮ ހޯދުމުގެ ވާހަކަތައް ދެކެވޭއިރު ވިސްނާލުން
މުހިންމު ވަރަށް ގިނަ ކަންތައްތައް އެބަ ހުއްޓެވެ. އެއް ކަމަކީ އަހަރެމެން
ހަކަތަ ހޯދަނީ ކޮންކޮން ގޮތްތަކަކުންތޯ ބެލުމެވެ. އެއްވެސް ޝައްކެތްނެތި،
ބޭނުންކުރެވޭ ކަރަންޓާއި އެއްގަމުގައި އަދި ކަނޑުގައި ދުއްވާ އުޅަނދު ފަދަ
ތަކެއްޗަށް ބޭނުންވާ އެތަކެއް ބައިވަރު ހަކަތަ މައިގަނޑު ގޮތެއްގައި
އަހަރެމެން ހޯދަނީ ތެލުންނެވެ. އެހެންނަމަވެސް، ފަސޭހައިން ލިބެން ހުރި
އެހެނިހެން ވަސީލަތްތައް ދިރާސާކޮށް އިޔާދަކުރަނިވި ހަކަތަ ނުވަތަ
"ރިނިއުބްލް އެނަޖީ" ހޯދިދާނެ ގޮތްތައް ދިރާސާކުރުމަކީ ވެސް މުހިންމު
ކަމެކެވެ. ދުނިޔޭގެ ޗާޓުގައި އަހަރެމެންގެ ގައުމު ގާއިމުވެފައިވާ ހިސާބުގެ
ގޮތުން އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް އަހަރެމެންނާ ހަމައަށް އަވި ފޯރަ
އެވެ. އެހެންކަމުން އެންމެ ފުރިހަމަ ގޮތުގައި އަވިން ހަކަތަ އުފައްދޭނެ
ގޮތްތައް ދިރާސާކުރުމަކީ މުހިންމު ކަމެކެވެ. އަދި ރާއްޖޭގެ ކަނޑުތަކުގައި
އުފެދޭ އޮއިން ހަކަތަ އުފެއްދުމުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ނެގުމަކީ
ވެސް މުހިންމުކަމެކެވެ. މިގޮތުން، ކަނޑުގެ އޮއިން ހަކަތަ އުފެއްދުން
ނުވަތަ "ވޭވް އެނަޖީ" ބޭނުންކޮށްގެން ހަކަތަ އުފެއްދޭނެ ގޮތްތައް
ރާއްޖޭގައި ދިރާސާކުރުމަކީ މުހިންމު ކަމެއްކަމަށް ފެނެ އެވެ.
ހަމައެހެންމެ، އޮއިން ހަކަތަ އުފައްދާ ފަހުގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން
އުފައްދާފައިވާ މެޝިންތަކުގެ އެހީގައި ރާއްޖޭގައި ވެސް އޮއިން ހަކަތަ
ފަސޭހަކަމާ އެކު އުފެއްދިދާނެ ކަމަށް ގަބޫލުކުރެވެ އެވެ. އަދި ޒަމާނީ
މިފަދަ މެޝިންތައް ބައްޓަން ކުރެވިފައިވަނީ ކަނޑު އަޑީގައި އެތަކެތި
ބަހައްޓައިގެން ކަނޑު އަޑީގައި އުފެދޭ ބާރުގަދަ އޮއިން ހަކަތަ
އުފެއްދުމަށެވެ. އެހެންކަމުން ރާއްޖެ ފަދަ ބިން ކުޑަ ގައުމެއްގައި މިފަދަ
މެޝިންތަކުގެ ބޭނުން ހިފޭނެ މިންވަރު ބޮޑެވެ. އަދި އަވިން ހަކަތަ
އުފެއްދުމަށްޓަކައި ބޭނުންކުރާ ސޯލަ ޕެނަލްތަކަށް ބަލާލާއިރު، މި
ޕެނަލްތަކުން ހަކަތަ އުފެއްދެނީ ހަމައެކަނި ދުވާލުގެ ވަގުތުތަކުގަ އެވެ.
މިއާ ޚިލާފަށް، ވޭވް މެޝިންތައް ރޭގަނޑާއި ދުވާލުގެ ގަޑިތަކުގައި ވެސް
ހަކަތަ އުފެއްދުމަށް ބޭނުން ކުރެވިދާނެ އެވެ.
މިސާލަކަށް އޮއިން ހަކަތަ އުފެއްދުމަށްޓަކައި ވޭވް މެޝިނެއް މާލެ އަށް
އަމާޒުކޮށް ބެހެއްޓޭނެ ގޮތަކާ މެދު ވިސްނާލަމާ ހިނގާށެވެ. މިގޮތުން، މާލޭގެ
އިރު ދެކުނު އައްސޭރި ފަށުން 200 ވަރަކަށް މީޓަރު ބޭރުގައި އަދި 50 މީޓަރު
އަޑީގައި މިފަދަ މެޝިނެއް ބެހެއްޓި ދާނެ އެވެ. މޫދުގެ އަޑިން 50 މީޓަރަކީ
މިފަދަ މެޝިނެއް ބެހެއްޓުމަށް އެންމެ އެކަށީގެންވާނެ ފުންމިނެވެ. ސަބަބަކީ،
މި ފުންމިނުގައި މެޝިން ހުރުމަކުން ކަނޑުގައި ދިރިއުޅޭ މަސްމަހާމެހި އަދި
މުރަކަ ފަދަ ތަކެއްޗަށް އެއްވެސް ކަހަލަ ނުރައްކަލަކާ ކުރިމަތިލާކަށް
ނުޖެހޭނެ އެވެ. ލަފާކުރެވޭ ގޮތުގައި 100 ކިލޯ ވޮޓުގެ ހަކަތަ އުފައްދާ
މިފަދަ މެޝިނެއް ކަނޑުގެ އަޑިން ބޭނުން ކުރާނީ އެންމެ 30 ވަރަކަށް އަކަ
މީޓަރުގެ ޖާގައެކެވެ. މެޝިން ބެހެއްޓިފައިވާނީ ކަނޑުގެ އަޑީގައި ކަމުން،
ކަނޑުން ދުއްވާ އުޅަނދުތަކަށާއި، އެހެނިހެން ތަކެއްޗަށް ނޭދެވޭ އަސަރެއް
ނުކުރާނެ އެވެ.
ކޮންމެއަކަސް އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރުމަށް ބަލާއިރު މިކަމުގައި
ދިމާވާ މައިގަނޑު މައްސަލަތަކަކީ މިފަދަ ޓެކްނޯލޮޖީގެ އަގު ބޮޑުވުމާއި
އަދި ހަކަތަ ރައްކާކުރުމަށް ބޭނުންކުރެވޭ ބެޓެރީ ބޭންކްތަކުގެ އަގު
ބޮޑުވުމެވެ. އެހެންނަމަވެސް، ލަފާކުރެވޭ ގޮތުގައި، ހަކަތަ ރައްކާނުކޮށް
ވެސް، ކުރީގައި ދެންނެވި ވޭވް މެޝިންތަކަށް ރަށްރަށަށް ބޭނުންވާ ކަރަންޓުގެ
މިންވަރުގެ 25 އިންސައްތަ ހިފެހެއްޓޭނެ ކަމަށް ގަބޫލުކުރެވެ އެވެ.
އެހެންކަމުން، އަވި، ވައި، އަދި އޮއި ފަދަ ވަސީލަތްތައް ބޭނުންކޮށްގެން
އިއާދަކުރަނިވި ހަކަތަ ފުޅާ ގޮތެއްގައި ރާއްޖޭގައި ބޭނުންކުރަން މަސައްކަތް
ކުރުމަކީ ރަން ބިސް އަޅާ އިތުރު ކުކުޅުތަކެއް ވުޖޫދަށް ގެންނަން
މަސައްކަތް ކުރުން ނޫން ބާއޭ ހިތަށްއަރަ އެވެ؟ ފަހަރުގައި ތެޔޮ ވަޅެއް
ހޯދަން މަސައްކަތް ކުރުމަށް ވުރެ މިފަދަ ގޮތްގޮތުން، ތެލަށް ބަރޯސާވުން
ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޭގެ
ފައިދާ ފުޅާ ގޮތެއްގައި ކުރާނެ ކަމަކަށް ވެސް ވެދާނެ އެވެ.
Comments