ކޯނީގެ ރިޕޯޓާއި ގުޅިގެން ސަލާމަތީ ބާރުތަކުގެ ވެރިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރުބަލާ ކޮމިޓީއަށް ދީފައިވާ ބަޔާންތަކުން މިހާރު އޮތް ސަރުކާރަކީ ބަޣާވާތުގެ ސަރުކާރެއްކަން ގަބޫލު ކުރެވޭ ކަމަށް ކުރީގެ ޓްރާސްޕޯޓު މިނިސްޓަރު ޑރ.އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
މެލޭޝިޔާގައި ހުންނަވައިގެން ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޑރ.ޝަމްހީދު ވިދާޅުވީ މިހާތަނަށް ދެފަހަރެއްގެ މަތިން ހާއްސަކޮށް ކުރީގެ އެމްއެންޑީއެފްގެ ވެރިޔާ ރިޓަޔާޑް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލުގެ ބަޔާން ދެފަހަރެއްގެ މަތިން ވިދާޅުވެފައިވާ ކަމަށެވެ.
ޝަމްހީދު ވިދާޅުވީ މޫސާ އަލީ ޖަލީލަކީ މުޅި ގައުމުގެ އިހުތިރާމު ލިބިގެންވާ ބޭފުޅެއް ކަމަށާއި އެބޭފުޅާ އޭރު ހުންނެވި މަގާމުގެ ހައިސިއްޔަތުންނާއި ލިބިފައިވާ މައުލޫމާތުތަކަށް ބުރަވެ ދެއްވާފައިވާ ބަޔާނަކީ ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެ ބަޔާނެއް ކަމަށެވެ.
"އަމިއްލައަށް ޖަޖު ކުރަން އުނދަގޫވޭ، އެކަމަކު އެބޭފުޅުންގެ ބަޔާންތަކުން ވަރަށް ކްލިއާކޮށް ވިދާޅުވެ ދެއްވާ އެބަ އެކަން. އެބޭފުޅާ(މޫސާ އަލީ ޖަލީލު) އެބަހުރި ސީދާ ގާނޫނަށް ވެސް ރިފަރކުރައްވާފައި. އެބޭފުޅުންގެ ބަޔާންތަކުން އެބަ އިނގޭ ކޮންމެވެސް ވަރަކަށް ކުރިން ރޭވިފައި ވެސް އޮތްކަން،" ޝަމްހީދު ވިދާޅުވިއެވެ.
ފެބްރުއަރީ ހަތެއްގައި ޖުމްހޫރީ މައިދާނަށް ވެސް ވަޑައިގެންނެވި ޝަމްހީދު ވިދާޅުވީ އެދުވަހުގެ ކަންތައްތައް ރައީސް ނަޝީދު "ހޭންޑަލް" ކުރެއްވީ ރަނގަޅަށް ކަމަށް އަދި ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެހެން ބަޔަކު ކުރި ގޯސް ކަމެއް އެއީ ރަނގަޅު ކަމެއް ކަމަށް ބަލައިގަނެގެން ވެސް ނުވާނެ ކަމަށް އެދުވަހު ފުލުހުންނައި ސިފައިން ހިންގި އަމަލުތަކަށް އިޝާރާތް ކުރައްވާ ޝަމްހީދު ވިދާޅުވިއެވެ.
"ކުރިން އެނގިފައެއް ނުވޭ މިމައުލޫމާތެއް، އަޅުގަނޑު އަމިއްލައަކަށް ޖަޖެއް ނުކުރެވޭނެ އެކަމަކު ސިފައިންގެ ގާނޫނު އިންޓަޕްރިޓް ކުރަންޏާ މިއީ ބަޣާވާތެއް ކަމަށް ނިންމިދާނެ، ބޭރުގައި ތިބި ސިފައިން އެތެރެއަށް ވަދެ ހަމަލާދީފާނެ ކަމަށް އެބޭފުޅުން ދެއްވާފައި ހުރި ސްޓޭޓުމެންޓުތައް، އެއީ ޕޮސިބަލް ކަމެއް އަޅުގަނޑުގެ އަމިއްލަ ލޮލުން ދެކުނިން ބޭރުގައި މީހުން ހަރަކާތްތެރިވަމުން ދިޔަ ގޮތް،" ޝަމްހީދު ވިދާޅުވިއެވެ.
ސަލާމަތީ ބާރުތަކުގެ ވެރިން ކޮމިޓީއަށް ދީފައިވާ ބަޔާންތަކުން މިއީ ބަޣާވާތެއް ކަމަށް ނިންމިދާނެ ކަމަށް ގަބޫލު ކުރެވިދާނެ ކަމަށް ޝަމްހީދު ވިދާޅުވެފައިވާ އިރު، ފެބްރުއަރީ ހަތަކަށްފަހު އެމްޑީޕީން ސަރުކާރުގައި ބައިވެރިނުވާ އިރު، ކުރީގެ އިނދިކޮޅު ފަރާތްތައް ސަރުކާރުގެ މެޖޯރިޓީ ކޮންޓްރޯލު ކުރަމުންދާތީ ޝަމްހީދުވަނީ ސުވާލު އުފައްދަވާ ސޯޝަލް މީޑިއާގައި ވާހަކަ ވެސް ދައްކަވާފައެވެ.
Comments