އަހުމަދު ހަމީދު އާދަމް
މިރަށް. ހއ. އިހަވަންދޫގައި
އަލަށް އެޅި މިސްކިތް، މަސްޖިދު އަބޫބަކުރުސިއްދީގު މިއަދުގެ ހުކުރު ނަމާދާއެކު މިވަނީ ހުޅުވިފަ
އެވެ. މިވަގުތު އަހަރެން މިހުރީ މި މިސްކިތުގެ
ދާލައިގަ އެވެ. ހިތަށް އަރަ އެވެ؛ އަބަދުވެސް
މިސްކިތް އަޅައި ދެނީ ކޮންމެވެސް ވިޔަފާރިވެރި މަހުޖަނެކެވެ. އެކަމަކު މިރަށުން މަންޒަރު ބަދަލުވީ އެވެ. ގާތްގަނޑަކަށް 3000
އާ ގާތްކުރާ މިރަށުގެ އާބާދީއަށް، ބޭނުންވާނެ
ފުރިހަމަ މިސްކިތެއް ހަދިޔާ ކޮށްދެވީ އާދައިގެ
މަސްވެރިޔެކެވެ. މިރަށު މުހައްމަދު ބަޝީރު އާދަމް، 50. އެވެ.
"މިކަހަލަ އާދައިގެ މަސްވެރިއެއް ފަރާތުން ރަށަކަށް މިފަދަ ބޮޑު ހިދުމަތެއް ފަހަކަށް އައިސް ކޮށްދީފައި އޮންނާނެ ހެނެއް ހީއެއްނުވޭ، މިއީ އާދައިގެ ކަމެއް ނޫން. މިއީ އާދަޔާ ހިލާފު ކަމެއް،" މިރަށުގައި އަހަންނަށް އެހީވާން އުޅުނު ޒުވާން މަހުމޫދު، އަހަންނަށް އޮޅުން ފިލުވައިދޭން އުޅުނެވެ. އަދި ފުރަތަމަ ފަހަރަށް އަހަންނަށް ބަޝީރުބެ ދެއްކި އެވެ. އަހަންނަށް ފެނުނީ ގަންޖުފަރާހާއި މުންޑާއި ފެންފައިވާނުގައި ހުރި މީހެކެވެ.
މަހޫމުދު ބުނެދިން ގޮތަށް ބަޝީރުބެއަކީ ވަރަށް ވެސް ސާދާ، އެހާ އާދައިގެ ދިރިއުޅުމެއް ހޭދަ ކުރާ މީހެއްކަން ބަލައިލުމުން ދިމާއަށް އެނގެ އެވެ.
ބަޝީރުބެއާއެކު އަހަރެން ދާލައިގައި ވަގުތުކޮޅެއް ހޭދަކުރީމެވެ؛ އޭނާ ބުނާ ގޮތުން އޭނާ ވެސް އުފަން މިރަށުގައި މިސްކިތެއް އެޅުމަކީ މީގެ 10 ވަރަކަށް އަހަރު ކުރީން ފެށިގެން އޭނާ ދެކެމުން އައި ހުވަފެނެކެވެ. ހަމައެކެނި އާހުރަތަށްޓަކައި ކުރާ ކަމެއްގެ ގޮތުގަ އެވެ.
"މިސްކިތެއް ބިނާ ކުރުމަކީ އަބަދުވެސް އަޅުގަނޑު ދެކެމުން އައި ހުވަފެނެއް. އެކަން ކުރަން ޝައުގުވެރިވީ މުއްސަނދީން މިސްކިތް ބިނާ ކޮށްދެއްވާތީއެއް ނޫން. އަދި އެއީ ދެއްކުންތެރި ކަމެއް ހިތުގައި ބާއްވައިގެނެއް ވެސް ނޫން. އެއީ އާހިރަތަށްޓަކައި ސުވަރުގޭގެ މަތިވެރި ނިއުމަތް އަޅުގަނޑު ބޭނުންވެފައި ހުރިވަރުން އުންމީދު ކުރަމުން އައި ކަމެއް." މަސްވެރި ރަށުގައި ލަކުޑިން ބަނދެގެން ގިނަ އޮޑިފަހަރު ދުއްވި މަސްވެރިޔާ ބުންޏެވެ. "[މިސްކިތެއް އެޅުން] އެކަން މިއަދު ހަގީގަތަކަށްވެ މިސްކިތް ހުޅުވިގެން ދިއުމުން އަޅުގަނޑުގެ ހުވަފެންތައް ހަގީގަތަކަށް ވެގެން މިދިޔައީ، އަޅުގަނޑު މިހުރީ ވަރަށް ވެސް އުފަލުން. ވަރަށް ހިތްހަމަ ޖެހިގެން، ދެން އޮތީ އަޅުގަނޑު ދުނިޔޭގައި ހުރެގެން މި މިސްކިތަށް ހިދުމަތް ކޮށްދިނުމާއި ތަރައްގީ ކޮށްދިނުން، އަޅުގަނޑު ނެތްތަނެއްގައި އަޅުގަނޑުގެ ދަރީން ކުރާނެ،"
ހަތް ކުދީންނާއި އަންބަކާއެކު ދިރިއުޅެމުން އަންނަ ބަޝީރުބެ މިރަށުގައި އަޅައި ދިން، މި ހުކުރު މިސްކިތުގައި އެއް ފަހަރާ 400 މީހުންނަށް ނަމާދު ކުރެވެ އެވެ. އަދި މައި މިސްކިތާ އިންވެގެން 70 އަށް ވުރެ ގިނަ އަންހެނުންނަށް އެއްފަހާރާ ނަމާދު ކުރެވޭ ގޮތަށް ޖާގައާއެކު ހިދުމަތްތައް ފައްކާ ކޮށްފައިވެ އެވެ. ހުދު ކުލައި ރީތި މި މިސްކިތަށް ބަލާއިރު ފަހަކަށް އައިސް ބިނާ ކުރާ އެހެން ހުރިހާ މިސްކިތްތަކެއްގައި ހިމެނޭ ޒަމާނީ އަދި ވަސީލަތުގެ ގޮތުން ފެންވަރު ހުރި ހުރިހާ ހިދުމަތެއް އެބަހުއްޓެވެ. އެހެން މިސްކިތްކާ ހުރި ތަފާތަކީ ގުއްބެއް ބާއްވާފައި ނެތުމެވެ.
މިސްކިތެއް ބިނާ ކުރަން ބަޝީރުބެ ފަށާފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ. އެކި ފަހަރު މަތިން އަތްމަތި ދަތިވުމާއި ކޮންޓްރެކްޓަރުން މަސައްކަތް ލަސްވުން ފަދަ ތަފާތު ސަބަބުތަކާ ހުރެ މިސްކިތް ހުޅުވައިލުން ލަސްވެގެން ދިޔައީ އެވެ. އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ، މުހައްމަދު ޝަހީމް އަލީ ސައީދު މިރަށަށް ގެންނަވައިގެން މިއަދު މިސްކިތް ހުޅުވުނީ މިރަށުގެ ރައްޔިތުންނަށް މިސްކިތް ހަދިޔާ ކުރުމަށް ވަރަށް ގިނަ ވަގުތާއި މަސައްކަތް ބަޝީރުބެ ކުރުމަށްފަހު އެވެ.
"އަޅުގަނޑަކީ އެއް އިރެއްގައި ވެސް ހިސާބު ޖަހާ މީހެއް ނޫން. އަދަދު ގުނާ މީހެއް ނޫން. ނެގޭ ވަރާއި ލެޥޭ ވަރު ބަލާ މީހެއް ނޫން އެއީ އަޅުގަނޑު ރުހޭ ކަމެއް ވެސް ނޫން. އެހެންވެ މިރަށުގެ މިސްކިތެއް އަޅަން އަޅުގަނޑު އަތުން ހޭދެވި ތަކެއްޗާއި ފައިސާގެ މިންވަރަކީ ކޮބައި ކަމެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑަށް ލިބުނު އެއްޗަކުން ލިބުނު ފައިސާއަކުން މިކަން މިކުރީ އިހުލާސްތެރި ނިޔަތެއް އޮވެގެން،" މިވަގުތު އެއްވެސް މަސައްކަތެއް ނުކޮށް ހަމައެކެނި މިސްކިތުގެ މަސައްކަތަށް ހާއްސަވެގެން ހުރި ބަޝީރުބެ ބުންޏެވެ.
މަސްޖިދު އަބޫބަކުރު ސިއްދީގު މިރަށުގައި މިއަދު ހުޅުވި، ބޭނުން ކުރަން ފެށުނީ އެވެ. އަދި މިހާރު އޮންނަ ގޮތަށް މިސްކިތް ރަށުގެ ކައުންސިލާ ހަވާލުވީ އެވެ. އެހެން ނަމަވެސް މިސްކިތް މަރާމާތު ކުރުމާއި ބެލެހެއްޓުމާއި މިސްކިތުގެ އެހެން ހުރިހާ ކަމެއް ކައުންސިލަށް ހަމަޖެހެންދެން ބަޝީރު ހުރީ މިސްކިތުގެ ހުރިހާ ކަމަކާ ހަވާލު ވެގެނެވެ.
"މިހާރު ގަވައިދު އޮންނަ ގޮތުން މިސްކިތްތަކުގެ ބެލެނިވެރި ފަރާތަކީ ކައުންސިލް. އެހެން ނަމަވެސް މިސްކިތެއް ބެލެހެއްޓުމުގައި ރަށެއްގެ ކައުންސިލަށް އަދިވެސް ދަތިތަކެއް އޮވޭ. އެހެންވީމާ އެކަންކަން މިރަށުގެ ކައުންސިލަށް ހަމަޖެހެންދެން މި މިސްކިތަށް ބޭނުންވާ ހުރިހާ ކަމެއް އަދިވެސް އަޅުގަނޑު ކުރަމުން ގެންދާނަން. އެކަން ރަސްމީ ކުރަން އަޅުގަނޑު އޮންނާނީ ކައުންސިލަށް ސިޓީއެއް ވެސް ފޮނުވާފައި،" އޭނާ ބުންޏެވެ.
މިރަށު މީހުންގެ ބަޝީރުބެ މިރަށަށް އަޅައިދިން މިސްކިތުން ފައިބަމުން ބަލައިލާއިރު މިސްކިތުގެ އެތެރެއިން ސަފުތައް ފުރި މި މިސްކިތަށް ވަނީ ރީތިކަން އައިސްފަ އެވެ. ބޭރުން ފެންނައިރު ރީތި މިސްކިތުން މާހައުލުގެ ފަޅުކަން ވަނީ ފިލުވައިދީފަ އެވެ. މިސްކިތުގެ ހައިބަތުން މިރަށުގެ މައްޗަށް ދީނާއި އިލްމީ ދަންމަރުގެ އަލި ފަތުރައިދީފައިވެ އެވެ. މިއީ މިރަށުގެ މަސްވެރިޔާ މިރަށަށް އަޅައިދިން މިސްކިތެވެ. މިރަށާއި އިސްލާމް ދީނަށްޓަކައި އޭނާ ކުރި ހަދިޔާއެކެވެ.
Comments