Skip to main content

ހުޅުލޭ އެއާޕޯޓް ދުނިޔޭގެ ފެންވަރަށް ތަރައްޤީކުރުން

މުހަންމަދު ނަޝީދު، ގ. ކެނެރީގެ 

މިއީ މިހާރު ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ ޖީއެމްއާރު މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިއުއްވި މަޒުމޫނެއްގެ ދެ ވަނަ ބަ އެވެ. މި މަޒުމޫނުގައި އެމަނިކުފާނުގެ ސަރުކާރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ބޭރު ބަޔަކަށް ކުއްޔަށް ދޭން ކުރި މަސައްކަތްތަކުގެ މައްޗަށް ތަފްސީލުކޮށް ލިއުއްވާފައިވެ އެވެ. -އެޑިޓަރު 


ބީލަން ހުށަހެޅުމުގެ އޮނިގަނޑު އައިއެފްސީ އިން އެކުލަވާލީ ތިން ފިޔަވައްސަކަށެވެ. އެއީ ޝައުގުވެރިކަން ހާމަކުރާ ނުވަތަ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށައަޅާ ބަޔާއި، ޝަރުތު ހަމަތޯ ބެލުމުގެ ނުވަތަ ޕްރީ ކޮލިފިކޭޝަން (އާރުއެފްކިޔޫ) ގެ ބަޔާއި ބީލަން ހުށައެޅުމަށް އެދޭ ނުވަތަ ރިކްއެސްޓް ފޯ ޕްރޮޕޯސަލްގެ ބަޔެވެ. ހުށައެޅި ބީލަންތައް ވަޒަންކޮށް އަދި އެންމެ ފަހުން ބިޑް ކާމިޔާބުކުރި ފަރާތް ހޮވީ އެ ފިޔަވަހިތަކުގައި އެކި ޝަރުތާއި މިންގަނޑުތަކުން ބެލުމަށް ފަހުގަ އެވެ. 


ބީލަން ހުށަހަޅާ ކޮންމެ ފަރާތަކަށްމެ ބޭނުންތެރި ހުރިހާ މަޢުލޫމާތު، ވަކި ފަރާތަކަށް ތަފާތުކުރުމެއް ނެތި ފޯރުވައިދޭން ބީލަންތަކާ ބެހޭ މަޢުލޫމާތުތައް ބެލެހެއްޓޭނެ އިލެކްޓްރޯނިކް ޑޭޓާ ރޫމްއެއް ދިވެހި ސަރުކާރުންނާއި އައިއެފްސީން ވަނީ ތައްޔާރުކޮށްފަ އެވެ. އޭގެ ފަހުން މަޢުލޫމާތު ބަދަލުކުރުމާއި ބީލަމާ ބެހޭ ބައްދަލުވުންތައް ބޭއްވީ ހުޅުވިފައިވާ، އެތެރެ ފެންނަ އަދި ވަކި ފަރާތަކަށް ތަފާތުކުރުމެއް ނެތް އުޞޫލަކުންނެވެ.
ބީލަންތައް ވަޒަންކުރުމުގައި ލަފްޒީ މާނަކުރުންތަކާ ހުރެ ވަކި ފަރާތަކަށް ބުރަނުވެވޭނެ ތަރުތީބެއް ސަރުކާރުން ޤާއިމްކުރި އެވެ. އެގޮތުން ޤާނޫނީ އަދި ފަންނީ ބައިތަކުގައި ފާސް ނުވަތަ ފެއިލްވޭތޯ ބަލާ އުޞޫލު ހިމަނާ، ބީލަން ކާމިޔާބުކުރާ ފަރާތް ކަނޑައަޅާނީ މާލީ ހުށަހެޅުންތަކަށް ބިނާކޮށް ކަމަށް ހަމަޖެއްސި އެވެ.
އެމް.ޑީ.ޕީ ސަރުކާރުގެ ޕްރައިވަޓައިޒޭޝަން ކޮމިޓީ އާއި އައިއެފްސީގެ މަޝްވަރާތަކަށް ފަހު، މާލީ ބައިގައި ބީލަންތައް ވަޒަންކުރުމަށް ބޭނުންކުރާނެ އެކަށައެޅުންތަކެއް ނުވަތަ ފޯމިއުލާއެއް ބީލަން ހުށަހަޅާ ހުރިހާ ފަރާތަކަށް އެންގި އެވެ. މި ފޯމިއުލާ ބިނާކުރީ ޚަރަދުގެ ނަފާ އަގުމަތިވާ މިންވަރު ނުވަތަ ނެޓް ޕްރެސެންޓް ވެލިޔުގެ ގޮތުގައި އާމްދަނީން ދިވެހި ސަރުކާރަށް ޔޫ.އެސް ޑޮލަރުން އަދާކުރާ މިންވަރު ކަނޑައަޅާ އުޞޫލުގެ މައްޗަށެވެ. އެހެންކަމުން އެއާޕޯޓްގެ ކޮންސެޝަން ކާމިޔާބުކުރީ ޤާނޫނީ އަދި ފަންނީ ގޮތުން ހަރުދަނާކަން ހުރެމެ ސަރުކާރަށް އެންމެ މަތީ އާމްދަނީ ހުށައެޅި ފަރާތުން ކަމަށް މަތީގައި އެވާ އިންތިޒާމުން ކަށަވަރު ކޮށްދެ އެވެ.
ދުނިޔޭގެ މަތީ ފެންވަރަށް އެއާޕޯޓް ތަރައްޤީކޮށް ހިންގާ ދިހަ ކުންފުންޏަކުން އެކި ގޮތަށް ގުޅިފައިވާ މައިގަނޑު ހަ ކުންފުންޏެއް ( ޖީއެމްއާރު + އެމްއޭއެޗްބީ، ރިލަޔަންސް + އޭއެސްއޭ، ޒިޔުރިކް +ޖީވީކޭ، ޓީއޭވީ، ވިއެނާ + އެސްއެންސީ ލެވްލިން) ބީލަމުގެ އިންތިޒާމްގައި ބައިވެރިވުމަށް ޝަރުތު ހަމަވ ެއެވެ. މީގެ ތެރެއިން ގުޅިފައިވާ ތިން ކުންފުންޏަކުން (ޖީއެމްއާރު + އެމްއޭއެޗްބީ، ޒިޔުރިކް + ޖީވީކޭ، އަދި ޓީއޭވީ + އޭޑީޕީ) ނިންމާ ނުވަތަ ފައިނަލް ބުރުގައި ބީލަން ހުށައެޅި އެވެ.
ހުށައެޅި ބީލަންތައް ޤާނޫނީ އަދި ފަންނީ ގޮތުން ތަފްޞީލީ ގޮތެއްގައި ބެލުމުގެ މަސައްކަތްތައް ޖޫން 20- ،26 2010 އަށް ބީލަންތައް ވަޒަންކުރި ކޮމިޓީން ހިންގި އެވެ. ފައިނަލް ބުރުގައި ބީލަން ހުށައެޅި ތިން ކުންފުނި ވެސް ޤާނޫނީ ލިޔެކިޔުންތަކާ ޚިލާފް ނުވާ ކަމަށް ޖޫން ،20 2010 ވަނަ ދުވަހު ބީލަންތައް ވަޒަންކުރި ކޮމިޓީން ކަނޑައެޅި އެވެ. ފަންނީ ހުށައެޅުންތައް އަލުން ބެލުމަށް ފަހު ބީލަންތައް ހުށައެޅި ފަރާތްތަކުން އިތުރު ކަންތައްތަކެއް ބީލަންތައް ވަޒަންކުރި ކޮމިޓީން ވަނީ ސާފުކޮށްފަ އެވެ. މިކަންތައްތަކަށް ދިން އިޖާބަތައް އިތުރަށް ވަޒަންކުރުމަށް ފަހު އެ ތިން ކުންފުނި ވެސް ފަންނީ ޝަރުތުތަކުން ފާސްވާ ކަމަށް ވަޒަންކުރި ކޮމިޓީން ޖޫން ،24 2010 ވަނަ ދުވަހު ކަނޑައެޅި އެވެ.
މިކަންކަމަށް ފަހު އެ ތިން ކުންފުނީގެ ވެސް މާލީ ހުށައެޅުންތައް ހުޅުވީ ޖޫން ،24 2010 ވަނަ ދުވަހު އައިއެފްސީ އާއި ސަރުކާރުގެ ރަސްމީ ބޭފުޅުންނާއި މީޑިޔާގެ މަންދޫބުންގެ ކުރިމަތީގައި މާލީ ވުޒާރާގަ އެވެ. ބީލަން ކާމިޔާބުކުރީ ޖީއެމްއާރު - އެމްއޭއެޗްބީގެ ގުޅިފައިފާ ކުންފުނިކަން ކަނޑައެޅީ ޚަރަދުގެ ނަފާ އަގުމަތިވާ މިންވަރު ނުވަތަ ނެޓް ޕްރެސެންޓް ވެލިޔުގެ ގޮތުގައި އާމްދަނީން ދިވެހި ސަރުކާރަށް އަދާކުރާ މިންވަރު އެންމެ މަތިކޮށް އޮތީ އެފަރާތުގެ ހުށައެޅުމުގައި ކަމަށް ވާތީ އެވެ.
އެމް.ޑީ.ޕީގެ ސަރުކާރުން ކުރިއަށް ގެންދާން ފެއްޓި ޕީޕީޕީގެ ނިޒާމުގެ މަޤްޞަދުތައް ހާޞިލްކުރުމުގެ އިތުރުން ބީލަން ހުށައެޅުމުގެ އިންތިޒާމުގެ ސަބަބުން ޤައުމަށް ވަނީ މަތިވެރި ފައިދާތަކެއް ކުރުވާފަ އެވެ. ބީލަމުގައި ބައިވެރިވި ހުރިހާ ފަރާތަކީ ވެސް އެއާޕޯޓް ހިންގުމުގައި ދުނިޔޭގައި ކުރި ހޯދާފައިވާ ފަރާތްތަކެވެ. މިސާލަކަށް ޓީއޭވީ އިން ހަ އެއާޕޯޓެއް ހިންގާއިރު ޖީއެމްއާރު - އެމްއެޗްއޭބީ އިން ބައިނަލްއަގްވާމީ ނުވަ އެއާޕޯޓާއި ޑޮމެސްޓިކް 16 އެއާޕޯޓް، އަދި އޭޑީޕީއީ އިން ދުނިޔޭގެ އެކި ޤައުމުގައި 26 އެއާޕޯޓް ހިންގާ އިރު ޒިޔުރިކް އަކީ އެއާޕޯޓް ހިންގުމުގައި ބައިނަލްއަގްވާމީ ރީތި ނަން ހާޞިލްކޮށްފައިވާ ފަރާތެކެވެ. އެއާޕޯޓް ތަރައްޤީކުރުމުގައި އެހާ މަތިވެރި ރީތި ނަން ހާޞިލްކޮށްފައިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަކީ ބީލަން ހުށައެޅުމުގެ އިންތިޒާމްގެ ހަރުދަނާކަމާއި އެތެރެ ފެންނަ ކަމާއި ހަމަހަމަ ކަމުގެ މައްޗަށް ހެކިދޭ އިޤްރާރުތަކެކެވެ.
ފައިދާ ލިބޭ އެއާޕޯޓްތައް ދުނިޔޭގެ އެތަންމިތަނުގައި ހިންގުމުގައި ހާޞިލްކޮށްފައިވާ ތަޖުރިބާގެ ސަބަބުން ދަތުރުވެރިންނާއި ފަތުރުވެރިންގެ އާދަތައް އެފަރާތްތަކަށް އެނގޭ މިންވަރު ބީލަން ހުށައެޅި ހުރިހާ ފަރާތަކުން ވެސް ބޭނުންކުރީ އާމްދަނީ އިތުރުވާނެ ގޮތްތައް ގާއިމުކުރުމަށްޓަކައި ހުށައެޅި ފާހަގަކޮށްލެވޭ އާ ޚިޔާލުތަކާ އެކު، ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކުރެވޭ ތަޖްރިބާ އާއި ދެވޭ ޚިދްމަތްތައް މުއްސަނދި ކުރުމަށް ހުށައެޅޭ ޚިޔާލުތަކުގަ އެވެ.
ބީލަމުގައި ބައިވެރިވި ފަރާތްތަކުގައި ސަރުކާރުން އެދިފައިވާނީ ކޮންސެޝަން ފީގެ ގޮތުގައި ނަގުދު ފައިސާ އިން ސަރުކާރަށް އަދާކުރަމުން ގެންދާނެ ޖުމްލަތައް ހުށައެޅުމަށް ކަމަށް ވާތީ އެއާޕޯޓް ހިންގުމުގައި ދުނިޔޭގައި ރީތި ނަން ހާޞިލްކޮށްފައިވާ މި ހުރިހާ ފަރާތަކުން ވެސް އެއްފަރާތް އަނެއް ފަރާތާ ވާދަކުރީ އެފަރާތަކަށް އަދާކުރެވިދާނެ އެންމެ ރަނގަޅު އަދަދެއް ސަރުކާރަށް ހުށައެޅުމަށެވެ. ދިވެހިރާއްޖެ އަށް ލިބިގެންދާނީ ލިބެވެން އޮތް އެންމެ ރަނގަޅު މުއާމަލާތް ކަމުގައި މިކަމުން ކަށަވަރުކުރެވިގެންދެ އެވެ. އެއާޕޯޓް ހިންގުމުގައި އެންމެ މޮޅު ވަނަވަރުތަކާ އެކު އެންމެ ރަނގަޅު މާލީ ހުށައެޅުންތައް އެއްފަހަރާ ހުށައަޅާނެ ފަރާތްތަކެއް ދިވެހިރާއްޖެ އަށް ގެނެވޭނެ އެހެން ނިޒާމެއް ނެތެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކޮށް ބައިވެރިވެގެން ބޭނުންކުރުމުގެ ޙައްޤުތައް ނުވަތަ ކޮންސެޝަން ޖީއެމްއާރަށް ދޫކުރުމުގައި ސަރުކާރުން ސޮއިކުރީ 25 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭ އެއާޕޯޓް ތަރައްގީކުރުމާއި، ބޮޑުކުރުމާއި ޒަމާނީ ކުރުމާއި، ބެލެހެއްޓުމާއި ހިންގުމުގެ އެއްބަސްވުމެއްގައިކަން ސާފުވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ބީލަން ހުށައެޅުމަށް އައިއެފްސީ އިންނާއި ދިވެހި ސަރުކާރުން އެކަށައެޅި އިންތިޒާމްގައި ކޮންސެޝަން ދޫކުރުމުގެ އެއްބަސްވުން (އަމަލްކުރަންވާ ގޮތްތަކާއި ޝަރުތުތަކުގެ ތަފްޞީލުތަކާ އެކު) ވަނީ ބީލަމުގައި ބައިވެރިވި ހުރިހާ ފަރާތަކާ އެކު ހިއްސާކޮށްފަ އެވެ. ބީލަން މި ހުށައެޅީ ކޮންކޮން ކަންތައްތަކަކާ މެދުކަން ބީލަން ހުށައެޅި ފަރާތްތަކަށް އެނގޭއިރު ބީލަން ކާމިޔާބުކުރި ފަރާތަށް ކޮންސެޝަން ދޫކުރުމަށް ފަހު މާއްދާއަކަށް ވެސް އުނިއިތުރު ގެނެވިފައެއްނުވެ އެވެ. ކޮންމެ ފަރާތަކުން ވެސް އަދާކުރަން ޖެހޭ ދައުރާއި މަސްޢޫލިއްޔަތުތަކަށް ކޮންސެޝަން އެއްބަސްވުމުގައި ވަރަށް ސާފުކޮށް އަލިއަޅުވާލެވިފައިވާނެ އެވެ. އެފަރާތްތަކަކީ، އިންވެސްޓަރު (ޖީއެމްއާރު-އެމްއޭއެޗްބީ)، ދޫކުރާ ފަރާތް (އެމްއޭސީއެލް)، އަދި ގެރެންޓީ ދޭ ފަރާތް (ދިވެހި ސަރުކާރު) މި އެވެ.
ބީލަން ހުށައެޅުމަށް ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން އެންމެ ފަހުގެ ނުވަތަ ފައިނަލް އެއްބަސްވުން ބީލަން ހުށައެޅި ހުރިހާ ފަރާތަކަށް ފޮނުވުނުއިރު ކޮންސެޝަން އެއްބަސްވުމުގައި އެއާޕޯޓް ހިންގާ ފަރާތަށް އާމްދަނީ ލިބެވޭނެ ގޮތްތައް ވަނީ ސާފުކޮށް ފާހަގަކޮށްދީފަ އެވެ. ބައިވެރިވި ހުރިހާ ފަރާތަކުން ވެސް ބީލަން ހުށައެޅީ އެއާޕޯޓް ހިންގާނެ ފަރާތަށް އާމްދަނީ ލިބޭނެ ގޮތްތަކަށް ބިނާކޮށްފަ އެވެ. އެއާޕޯޓް ހިންގާނެ ފަރާތަށް އާމްދަނީ ލިބޭނެ ގޮތްތައް އެއީ ބީލަންތައް ވަޒަންކުރުމަށް އައިއެފްސީ އިން ފަރުމާކުރި ކަނޑައެޅުންތަކުގައި ނުވަތަ ފޯމިއުލާގައި ހިމެނޭ ބައެކެވެ. ހަމައެއާ އެކު، ކޮންސެޝަން އެއްބަސްވުމުގައި ފާހަގަކޮށްދެވިފައިވާ އެއްވެސް ގޮތެއް އެއީ ކުރިން ނެތް ވަޞީލަތެއް ނޫނެވެ. އާމްދަނީ ލިބެވޭނެ ހަމަ އެވަޞީލަތްތައް ކޮންސެޝަންގެ އިންތިޒާމް ފެއްޓުމުގެ ކުރިން ވެސް އެމްއޭސީއެލް އަށް ފަހިވެފައި ހުއްޓެވެ. މި ގޮތްތައް ބޭނުންކުރުމަށް ވަކިން އެކަންކަން އެމްއޭސީއެލް އިން ހިންގުން ނުވަތަ އެހެން ފަރާތްތަކަށް ކޮންސެޝަން ދޫކުރުން އެއީ އެމްއޭސީއެލްގެ ނިންމުމެކެވެ.
ކޮންސެޝަން އެއްބަސްވުން އެކުލަވާލީ ފައިސާ ހިއްޞާކުރާ ފަރާތް ނުވަތަ އިންވެސްޓަރު ތަމްސީލުކުރަންވާ ޝަރުތުތަކާ ވާޖިބުތައް ސާފުކޮށް ފާހަގަކުރެވިފައި ވާކަން ގައިމްކުރުމުގެ ފަރުވާތެރިކަމާ އެކުގަ އެވެ. އެއާޕޯޓް ހިންގާނެ ފަރާތެއްގެ އަދި އެއާޕޯޓް ތަރައްޤީކުރާނެ ފަރާތެއްގެ ދެ ހައިޞިއްޔަތު ވެސް ހިމަނައިގެންނެވެ. މި ޝަރުތުތަކަށް އިންވެސްޓަރު ތަބާވާނެކަން ގައިމުކުރުމަށްޓަކައި ކޮންސެޝަން އެއްބަސްވުމާ އެއްގޮތަށް ކަންކަން ހިނގާނުހިނގާ ގޮތްތައް ބެލުމަށް ނުވަތަ މޮނިޓަކުރުމަށް އަބަދުމެ ހިނގާނެ އިންތިޒާމެއް ވެސް ވަނީ އެކުލަވާލެވިފަ އެވެ.
އެގްރީމަންޓާ އެއްގޮތަށް ބިނާކުރެވޭ އާ ޓާމިނަލް އަކީ އަކަމިނުގައި ކުޑަވެގެން 45000 އަކަމީޓަރު ހުންނާނެ، މަދުވެގެން އަހަރަކު 5.2 މިލިޔަން ފަސިންޖަރުން ބެލެހެއްޓި ޚިދްމަތް ދެވޭވަރުގެ "އެލްއީއީޑީ ސިލްވަ ސެޓްފިކެޓް" އާއި އަޔާޓާގެ ދަށްވެގެން "ސީ" ފެންވަރުގެ ޚިދްމަތްތައް ފަހިކޮށްދެވޭނެ ފެންވަރަށް ތަރައްޤީކުރެވޭނެ ޓާމިނަލެކެވެ. އޭޕްރަން ބޮޑުކުރުންވަނީ ކޮންސެޝަން އެއްބަސްވުމުގައި ފާހަގަކުރެވިފައިވާ އެހެން ކަންތައްތަކުގެ އިތުރުން ވަރަށް ސާފުކޮށް ކަނޑައަޅާފަ އެވެ. މިހުރިހާ ކަމެއް 2014 ވަނަ އަހަރު ހިނގާ ނިމޭއިރު ހުންނާން ޖެހެނީ ފުރިހަމަކުރެވިފަ އެވެ.
ހިންގުމުގެ ފެންވަރުތަކާ ޚިދުމަތުގެ ދަރަޖަތައް "އޭއެސްކިޔު ރޭޓިންގް" މެދުވެރިކޮށް ކޮންސެޝަނުގެ މުއްދަތުގެ ތެރޭ ހިންގާ ފަރާތުން މެދުނުކެނޑި ހިފަހައްޓަންވާނެ އެވެ. ފަރުމާކުރެވިފައިވާ މިންވަރަށް ވުރެ އައިސްގޮސްވާ ޕަސިންޖަރުންގެ ދައުރުވުން ނުވަތަ ޕެސެންޖަ ޓްރެފިކް ގިނަވެއްޖެ ނަމަ ހިދްމަތްތަކާއި ފެންވަރު ހިފަހައްޓަން ޖެހޭ ދަރަޖައިގައި ހުންނާނެ ބީދައިން އެ ފަރާތުގެ އަމިއްލަ ޚަރަދުގައި ވަޞީލަތްތައް އިތުރުކޮށް ޖާގަ ބޮޑުކޮށްދިނުން ވަނީ ޝަރުތުކޮށްފަ އެވެ. މުޅި ރަންވޭ މަރާމާތުކޮށް އާލާކުރުމަކީ އިންވެސްޓަރު ކުރަންވާނެ މަސައްކަތެކެވެ. 
ކޮންސެޝަން އެއްބަސްވުމުގައި ކަނޑައެޅިފައިވާ ފެންވަރުތަކާއި ޚިދްމަތުގެ ދަރަޖަތައް ނުހިފަހައްޓާ ނަމަ އެމްއޭސީއެލް އަށާއި ދިވެހި ސަރުކާރަށް ކޮންސެޝަން އެއްބަސްވުން ބާތިލްކުރެވޭނެ އެވެ.
ތަރައްޤީކޮށް ގުޅިގެން ބޭނުންކުރުމުގެ ކޮންމެ އެއްބަސްވުމެއްގެ ނުވަތަ ކޮންސެޝަން ކޮންމެ މޮޑެލެއްގެ މައިގަނޑު ހަޤީޤަތާ އެއްގޮތަށް އެއާޕޯޓްގެ މުހިންމު ހިންގުންތަކާއި ކޮންޓްރޯލް ދެމިއޮންނާނީ އެމްއޭސީއެލް އާއި ދިވެހި ސަރުކާރުގެ ކިބައިގަ އެވެ. ދިވެހި ރާއްޖޭގެ މުސްތަޤިއްލުކަމާ ގުޅިފައިވާ މަސްޢޫލިއްޔަތުތައް ކަމަށްވާ ކަސްޓަމްސް އާއި އިމިގްރޭޝަނާއި އެއާޕޯޓްގެ ހިމާޔަތާއި ސެކިޔުރިޓީ، އެއާ ޓްރެފިކް ކޮންޓްރޯލް ފަދަ ހިންގުންތަކަކީ ސަރުކާރުގެ އިދާރާތައް ކަމުން އެކަންކަމުގައި އެއާޕޯޓް ހިންގާ ފަރާތުގެ ދައުރެއް ނޯންނާނެ އެވެ. ހިންގުމާއި ތަރައްޤީކުރުމުގެ ދަރަޖަތައް ބަދަލުނުކުރެވޭނޭ ކަމުގެ ޝަރުތުތައް ވަނީ އިންވެސްޓަރަށް ކުރެވިފައިކަމުން އެއިން ކަމެއް މަގުން ކަސިޔާރުވާ ނަމަ އެއްބަސްވުން ބާތިލް ކުރުމަށް މަގުފަހިވާނެ އެވެ.
ހިންގަވާ ފަރާތުން ޝަރުތަކާ ޚިލާފްވެއްޖެ ނަމަ ކޮންސެޝަން ދޫކުރާ ފަރާތުން އެއްބަސްވުން ބާތިލްކުރުމަށް ޖާގަ ދޭ 11 ތަފާތު ކަމެއް ކޮންސެޝަން އެއްބަސްވުމުގައި ހިމަނާފައިވެ އެވެ. މިއާ ޚިލާފަށް އެއްބަސްވުން ބާތިލްކުރުމަށް ހިންގާ ފަރާތަށް ޖާގަ ދެނީ ތިން ކަމަކުންނެވެ.
ފުރާ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 18.50 އެމެރިކާ ޑޮލަރުގެ އަދި ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 އެމެރިކާ ޑޮލަރުގެ ޕެސެންޖަ ސާވިސް ޗާޖް )ޕީއެސްސީ( އާމްދަނީއެއްގެ ގޮތުގައި އެމްއޭސީއެލުން ނަގަމުން ގެންދިޔަކަން ފާހަގަކުރުން ވަރަށް
މުހިންމެވެ. ނަމަވެސް ކޮންސެޝަން އެއްބަސްވުން އެކުލަވާލިއިރު އިންވެސްޓަރަށް އާމްދަނީ ލިބެވޭނެ މަގެއްގެ ގޮތުގައި އެކަން ނުބާއްވައި ޕެސެންޖަ ސާވިސް ޗާޖް ނުވަތަ ޕީއެސްސީ އަކީ ސަރުކާރަށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފަ އެވެ. އެހެންކަމުން މީގެ ކުރީގައި އެމްއޭސީއެލް އަށް އެގޮތުން ލިބުނު އާމްދަނީ މިހާރު ލިބެމުންދަނީ ސަރުކާރަށެވެ. ޕީއެސްސީގެ އާމްދަނީގެ ގޮތުގައި 2011 ވަނަ އަހަރު އެކަނި ވެސް 324 މިލިއަން ރުފިޔާ ސަރުކާރަށް ލިބާފައިވެ އެވެ.
ޕީ.އެސް.ސީ އެއީ އިންވެސްޓަރަށް އާމްދަނީ ލިބެވޭނެ މަގެއްގެ ގޮތުގައި ނުބާއްވަން ކަނޑައެޅުމާ އެކު ޕީއެސްސީގެ ބަދަލުގައި އާމްދަނީ ލިބެވޭނެ އާ މަގަކަށް އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް )އޭޑީސީ( ސަރުކާރުން ތަޢާރަފްކުރި އެވެ. އެއާޕޯޓްގެ ތަރައްޤީ އަށް ބޮޑު އިންވެސްޓްމަންޓެއް ބޭނުންވުމާއި އެއާ އެކު ފުރާ ބައިނަލްއަގުވާމީ ކޮންމެ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އޭޑީސީގެ ގޮތުގައި ނެގުމުގެ އިޚްތިޔާރު އިންވެސްޓަރަށް ދޫކުރުމަށް ނިންމި އެވެ. މިވާހަކަތައް ވަނީ ބީލަމުގެ އިންތިޒާމް ހިންގި އިރު ބައިވެރިވި ހުރިހާ ފަރާތަކާ އެކު ހިއްޞާކުރެވިފަ އެވެ. އެހެންކަމުން، އެފަރާތްތަކަށް ލިބޭ އާމްދަނީން ކޮންސެޝަން ފީގެ ގޮތުގައި ސަރުކާރަށް އަދާކުރަންވާނެ މިންވަރުތައް ބީލަމުގައި ބައިވެރިވި ހުރިހާ ފަރާތަކުން ވެސް ކަނޑައަޅާފައި ވަނީ އެފަރާތްތަކުގެ ވިޔަފާރީގެ މޮޑެލްގައި މިދެންނެވި އާމްދަނީ ހިމަނައިގެންނެވެ.
އޭޑީސީ ނެގުމަކީ އެއާޕޯޓް ތަރައްޤީކުރުމާ ގުޅިފައިވާ ދުނިޔޭގައި މަޤުބޫލު އިންތިޒާމެކެވެ. މިފަދަ ޗާޖްތައް ނެގުމަކީ އެވަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ބޭންކް މެދުވެރިކޮށް ހިންގުމަށް ބޭނުންތެރި ކަމެކެވެ. މާލޭ އެއާޕޯޓްގެ އޭޑީސީ ވަނީ ޓޮރޮންޓޯ ) 24.6 އެމެރިކާ ޑޮލަރު/ ޑީޕެކްސް( އެތެންސް ) 29.6 އެމެރިކާ ޑޮލަރު/ޑީޕެކްސް( އަދި މާލީ ) 55.3 އެމެރިކާ ޑޮލަރު( ފަދަ އެހެން ވެސް ޒަމާނީ އެއާޕޯޓްތަކެކޭ އެއް ހަމައިގަ އެވެ.
ސަރުކާރުން ކޮންސެޝަން އެގްރީމަންޓް ދިން އިރުގައި، އޭޑީސީ ދިޔައީ ނެގެމުންނެވެ. އެހެނަމަވެސް ކޯޓް ހުކުމެއްގެ ދަށުން އޭޑީސީ ނެގުން ވަނީ ހުއްޓުވާފަ އެވެ. އޭޑީސީ ތަންފީޒުކުރަން ފެށުމުން ކޮންސެޝަން ފީތައް އެމްއޭސީއެލްއަށާއި ދިވެހި ސަރުކާރަށް ފުރިހަމައަށް ލިބެން . އެމް.ޑީ.ޕީގެ ސަރުކާރުން ވަނީ އޭޑީސީ ބިލް މާޗް 2012 އާ ހަމައިގައި މަޖިލީހުން ފާސްކުރުމަށް ހުރިހާ ކަމެއް އިންތިޒާމް ކޮށްފަ އެވެ.
ބައިނަލްއަގުވާމީ ފެންވަރަށް އެއާޕޯޓް ތަރައްޤީކުރެވި ހިންގޭނެ ގޮތްތައް ކޮންސެޝަން އެއްބަސްވުމުގައި ހިމެނޭ ހަރުދަނާ މާއްދާތަކުން ކަށަވަރުކުރެވިގެން އިންވެސްޓަރު ހޮވީ މާލީ ހުށައެޅުންތަކަށް ބަލައިގެން ކަމުން، އެއާޕޯޓުން ލިބެވޭނެ އެންމެ މަތީ އަދަދަކަށް ސަރުކާރަށް ނަގުދު ފައިސާ ލިބެވޭނެ ގޮތް ވަނީ ކަށަވަރުކުރެވިފަ އެވެ.
ކުރިއަށް ދައްކާ ފީއެއްގެ ގޮތުގައި ) 78 މިލިޔަން އެމެރިކާ ޑޮލަރު( ނުވަތަ 1.2 ބިލިއަން ރުފިޔާ ޖީއެމްއާރުން ދިވެހި ސަރުކާރަށް ދެއްކި އެވެ. މީގެ އިތުރުން 2011 ވަނަ އަހަރު ކޮންސެޝަން ފީގެ ގޮތުގައި ) 33 މިލިޔަން އެމެރިކާ ޑޮލަރު( ނުވަތަ 500 މިލިޔަން ރުފިޔާ ވަނީ ޖީއެމްއާރުން ސަރުކާރަށް އަދާކޮށްފަ އެވެ. އަދި އެމްއޭސީއެލް އަށް ކުރީގައި އާމްދަނީގެ ގޮތުގައި ލިބެމުން ދިޔަ ޕެސެންޖަ ސާވިސް ޗާޖް މިހާރު ޖީއެމްއާރުން ގެންދަނީ ސީދާ ސަރުކާރަށް ރުޖޫޢަކުރަމުންނެވެ. ޕީއެސްސީގެ ގޮތުގައި ) 21 މިލިޔަން އެމެރިކާ ޑޮލަރު( ނުވަތަ 324 މިލިޔަން ރުފިޔާ 2011 ގައި ޖީއެމްއާރުން ސަރުކާރަށް ދެއްކި އެވެ.
ސަރުކާރަށް ލިބޭ މިފަދަ އާމްދަނީ ދާނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެއްބަސްވުމުގެ މުއްދަތު ކަމަށްވާ 25 އަހަރުގެ ތެރޭ ކޮންސެޝަން ފީގެ ގޮތުގައި ) 2.1 ބިލިޔަން އެމެރިކާ ޑޮލަރު( ނުވަތަ 32.5 ބިލިޔަން ރުފިޔާ އަދި ) 800 މިލިޔަން އެމެރިކާ ޑޮލަރު( ނުވަތަ 12.5 ބިލިޔަން ރުފިޔާ ޕީއެސްސީގެ ގޮތުގައި ޖީއެމްއާރުން ދިވެހި ސަރުކާރަށް އަދާކުރާނެ އެވެ. އެއްބަސްވުމުގެ މުއްދަތުގެ ތެރޭ ޖުމްލަކޮށް ) 2.9 ބިލިޔަން އެމެރިކާ ޑޮލަރު( ނުވަތަ 45 ބިލިޔަން ރުފިޔާ ނަގުދު ފައިސާ އެއާޕޯޓް ކޮންސެޝަނުން ސަރުކާރަށް ލިބޭނެ އެވެ.
ސައިޒުން މިވަރުގެ ބޮޑު ފޮރިން އިންވެސްޓްމަންޓަކުން އެހެން ފޮރިން އިންވެސްޓްމަންޓްތަކަށް އެދެވޭ ފަހި އަސަރުތަކެއް ކުރާނ ެއެވެ. މިކަމާ ހެދި ޤައުމާ މެދު އިންވެސްޓަރުން ކުރާ އިތުބާރު ވަނީ ބޮޑުވެފަ އެވެ. ތަރައްޤީކުރަމުން ދިޔަ އަދި ފައިސާގެ ދަތިކަން މެދުވެރިވެގެން މަސައްކަތް މެދުކެނޑިފައި ހުރި ބައެއް ރިސޯޓްތަކަށް އެއާޕޯޓް ކޮންސެޝަން އެމް.ޑީ.ޕީގެ ސަރުކާރުގެ ދައުރުގައި ދޫކުރުމާ އެކު، ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބުނެވެ.
އެއާޕޯޓް ހިމެނޭ ހުޅުލެއަށް ގެނެވޭ ތަރައްޤީތަކުގައި ދިވެހި ވިޔަފާރިތަކަށް ފުރުޞަތުތައް ހުޅުވޭނެ އެވެ. ވިޔަފާރީގެ ފުރުޞަތުތައް ދިވެހިންނަށް ހުޅުވާލުމަށްޓަކައި ހުޅުލޭގެ ހުޅަނގު ފަރާތް ތަރައްޤީކުރުމަށް ޖީއެމްއާރުން މިހާރު ވެސް ވަނީ ފަރުމާތައް ހުށައަޅާފަ އެވެ.
އެއާޕޯޓް 2035 އާ ހަމައަށް ޖީއެމްއާރަށް ދޫކުރި ހާލަތްތަކާ އެކު އެމްއޭސީއެލް އިން އެއާޕޯޓް ހިންގާ ނަމަ 60 ބިލިޔަން ރުފިޔާގެ ފައިދާއެއް އެކުންފުންޏަށް ލިބޭނެ ކަމަށާއި އެހެނަސް އެއާޕޯޓް ޖީއެމްއާރުން ހިންގުމުން އެމްއޭސީއެލް އަށް ލިބޭނީ ހަމައެކަނި 21 ބިލިޔަން ރުފިޔާ ކަމަށް ބައެއް ފަރާތްތަކުން ވަކާލަތުކުރެ އެވެ. ހަޤީޤަތުގައި މި ދިރާސާ ފުރާލެވިފައި އެވަނީ ފޫނުބެދޭ ޒުވާބުތަކަކާއި ބުހުތާނު އިތުރުފުޅުތަކަކުންނެވެ. މިއަދަދުތަކަށް ވާޞިލުވުމަށް ކޮށްފައިވާ ހިސާބުތައް ވަނީ އާންމުންނަށް އޮޅުވާލުމަށްޓަކައި ގަޞްދުގައި
އަނބުރާލާފަ އެވެ. އެމްއޭސީއެލް އިން ހިންގުމަށް ވުރެ ޖީއެމްއާރުން އެއާޕޯޓް ހިންގުމުން ސަރުކާރަށް ލިބޭ ފައިދާ މާ ގިނަވާކަން، ވާދަވެރިން ކޮށްފައިވާ ދިރާސާތަކުގައިވާ ގޯސް ނަތީޖާތައް، ރަނގަޅަށް ހިސާބުކުރުމުން ފެނުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.
އެމް.ޑީ.ޕީގެ ވާދަވެރިންގެ ރިޕޯޓްތަކުގައި އެއާޕޯޓްގެ ހުރިހާ ޚަރަދަކާއި ހުރިހާ އާމްދަނީއެއް ވަނީ 2011 އިން 2015 އަށް ކުރިއަށް ޖައްސައި، އަދި ދެން ހިނގާ މުއްދަތުގެ ވެސް ޚަރަދުތަކާއި އާމްދަނީ ހަތަރު އަހަރުން ކުރިއަށް ޖައްސާފަ އެވެ. މިކަމުގައި )ނަތީޖާ ނުބައިވާ ގޮތަށް( ބަލާފައި ވަނީ 2015 އަށް އަންދާޒާކުރި ޓްރެފިކް 2011 ގައި ޙާޞިލްކުރެވިފައި ވާތީ އެ އިތުރުވުން ދާއިމަށް ވެސް ދާނީ ހަތަރު އަހަރުން ކުރިއަށް ޖެހެމުން ކަމަށެވެ. ދިވެހިރާއްޖެ އަށް ދިގު ރާސްތާގައި މީހުން އެތެރެވެ ބޭރުވާ އެވްރެޖް މިންވަރު ނުވަތަ ޓްރެފިކް ގިނަވާ އެވްރެޖް ރޭޓަކީ އަހަރަކު % 3.5 އިން % 4.5 ގެ ދެމެދު ކަމަށް ނޯޓްކުރެވެ އެވެ. ޓްރެފިކް ކުރިއަށް އޮތް 25 އަހަރަށް ގިނަވާ ރޭޓަކީ
ހަމަ އެއީ ކަމަށް ބައިނަލްއަގުވާމީ ބައެއް އެޖެންސީތަކުން ވެސް ވަނީ އަންދާޒާކޮށްފަ އެވެ. ދިގު ރާސްތާގައި ޓްރެފިކް ގިނަވާ އެވްރެޖް ބެލެވެނީ، % 15 އާއި % 20 އާއި ދެމެދުގެ އިތުރުވުމެއް އަންނަ ފަދަ ކުރިއެރުން )މިސާލަކަށް 2004- އިން 2005 އަށާއި 2008 އިން 2009 އަށް ފަދަ( ބައެއް އަހަރު ދިމާވާތީ އާއި އަނެއް ބައި އަހަރު ފާހަގަކުރެވޭ ވަރަށް އެމިންވަރު ދަށަށް ދާތީ އެވެ. އެއް އަހަރެއްގެ މަޢުލޫމާތު ނެގުމަށް ފަހު ކުރިއަށް އޮތް 25 އަހަރު ތެރޭ ރާއްޖެ އަށް މީހުން އެތެރެވެ ބޭރުވާ މިންވަރު ނުވަތަ ޓްރެފިކް އެއަށް ވުރެ ދަށްނުވާނެ ކަމަށް ބެލުމީ ވަރަށް ފޫނުބެދޭ ތާކުންތާކު ނުޖެހޭ ކަމެކެވެ. ވާދަވެރިންގެ ހިސާބުތަކުގައި އާމްދަނީ ހަތަރު އަހަރުން ކުރިއަށް ޖައްސާފައިވ ާތީ އާދަޔާ ޚިލާފަށް 12 ބިލިޔަން ރުފިޔާ އިން ފައިދާ ބޮޑުވެގެންދެ އެވެ.
ޑިއުޓީ ފްރީ ވިޔަފާރިން ލިބޭނެ ކަމަށް ބެލެވޭ މުޅި އާމްދަނީގެ ޖުމްލަ )ކޮންސެޝަންގެ މުއްދަތުގެ ތެރޭ ޖުމްލަކޮށް 26 ބިލިއަން ރުފިޔާ( ވާދަވެރިންގެ ހިސާބުތަކުގައި ހިމެނޭއިރު މުދަލަށާއި ހިންގުމަށް ހޭދަވާނެ ޚަރަދު ވަނީ ގަޞްދުގައި ނުހިމަނަ އެވެ. އާންމު ގޮތެއްގައި
މުދަލުގެ އާއި ހިންގުމުގެ ޚަރަދުތައް ރޯޔަލްޓީ ހިމަނައިގެން އާމްދަނީގެ % 75 އަރާނެ ކަމުން މި ޚަރަދުތައް ހިމަނާލުމުން އެމްއޭސީއެލް އަށް ފައިދާވާނެ ކަމަށް ބުނާ މުޅި ޖުމްލަ އަދަދުން 19 ބިލިޔަން ރުފިޔާ މަދުވެ އެވެ.
ފުރަތަމަ ފިޔަވަހީގައި ޖީއެމްއާރުން 7.8 ބިލިއަން ރުފިޔާ އިންވެސްޓްކުރުމާ އެކު 1.1 ބިލިޔަން ރުފިޔާ އެއާޕޯޓްގެ ތަރައްޤީކުރުމުގެ ދެން ހުރި ފިޔަވަހިތަކުގައި އިންވެސްޓްކުރާނެ އެވެ. ޖުމްލަކޮށް 8.9 ބިލިޔަން ރުފިޔާ އަށް އަރާ މިވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުޑަކޮށްގެން ރިޕޯޓްކޮށްފައި ވަނީ 1.4 ބިލިޔަން ރުފިޔާ ކަމަށެވެ. މިކަމުން އިންވެސްޓްމަންޓަށް ކުރާ އަސަރުގެ ސަބަބުން އެމްއޭސީއެލްގެ ފައިދާ އިތުރު
4.8 ބިލިޔަން ރުފިޔާ އިން ކުޑަވެގެންދެ އެވެ.
އެއާޕޯޓް ޖީއެމްއާރުން ހިންގުމުގެ ސިފަކުރުމުގައި ޖީއެމްއާރުން އަދާކުރާ ކޮންމެ ޑޮލަރެއް ސަރުކާރަށް ލިބޭނީ ނަގުދު ފައިސާގެ ގޮތުގައިކަން ނޯޓްކުރުން މުހިންމު ވަނީ އެމްއޭސީއެލް އިން ހިންގާކަމުގެ ސިފަކުރުމުގައި އެމްއޭސީއެލް އިން 7.8 ބިލިޔަން ރުފިޔާ ކުރިއަށް އަދި ދެވަނަ ފިޔަވަހީގައި 1.1 ބިލިޔަން ރުފިޔާ އެއާޕޯޓަށް އިންވެސްޓް ކުރަން ޖެހޭނެތީ އެވެ. އެބޭފުޅުންގެ އަމިއްލަ ރިޕޯޓްގައި އެމްއޭސީއެލް އިން ބަލާފައި ވަނީ 15 އަހަރުން އަނބުރައި ދައްކާ ގޮތަށް % 8 އިންޓަރެސްޓް ރޭޓްގައި އެފައިސާގެ % 100 ދަރަންޏަށް ހޯދެވޭނެ ކަމަށެވެ. މި ބެއްލެވުންތައް ހިމަނައިގެން ބަލާ ނަމަ އެމްއޭސީއެލް އިން އިތުރަށް ދަރަންޏަށް ނަގާ 4.8 ބިލިއަން ރުފިޔާގެ އިންޓަރެސްޓް ޚަރަދަށް 3.1 ބިލިޔަން ރުފިޔާ ހޭދަވެގެންދާނެ އެވެ.
ވާދަވެރި ފަރާތްތަކުގެ ހިސާބުގައި އެމްއޭސީއެލްގެ މުއައްޒަފުންގެ ޚަރަދުތަކާއި ބެލެހެއްޓުމާއި މަރާމާތުގެ ޚަރަދުތައް ހިމަނާފައި ނުވަނީ ގަޞްދުގަ އެވެ. މި ޚަރަދުތައް އަހަރަކު 110 މިލިޔަން ރުފިޔާ އަށް އަރާނެ އެވެ. މި ޚަރަދުތައް ހިމަނާލުމުން 2.7 ބިލިއަން ރުފިޔާ އިން ފައިދާ ކުޑަވެ، އެމްއޭސީއެލްގެ ހަޤީޤީ ފައިދާ އަށް ވާނީ ހަމައެކަނި 18 ބިލިއަން ރުފިޔާ އެވެ.
ވާދަވެރި ފަރާތްތަކުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޖީއެމްއާރުން އެއާޕޯޓް ހިންގުމުން އެމްއޭސީއެލް އަށް 21 ބިލިޔަން ރުފިޔާގެ ފައިދާއެއްވެ އެވެ. ކޮންސެޝަން ފީގެ ގޮތުގައި 27.9 ބިލިޔަން ރުފިޔާ ޖީއެމްއާރުން އެމްއޭސީއެލް އަށް ލިބޭ ކަމަށް އެރިޕޯޓާ އެކުގައި ވާ
ލިޔުންތަކުގައި ތަފްޞީލާ އެކު ކޮށްފައި ހުރި ހިސާބުތަކުން ދައްކަ އެވެ. ޖީއެމްއާރުން އެއާޕޯޓް ހިންގާ އިރު އެ ކޮންސެޝަން ފީއާ މެދު )އެއީ 27.9 ބިލިޔަން ރުފިޔާއާ މެދު( އޭގެ ޒާތުގައި ބެލެވެން ވާނީ އެއީ އެމްއޭސީއެލްގެ ފައިދާ ކަމަށެވެ. ވާދަވެރިންގެ އެހެން ވެސް ޙަޤީޤަތާ ޚިލާފު ހަވާލާދެއްވުންތަކާ އަދި މަތީ ދަރަޖައިގެ ނަތީޖާ ނުބައިކުރުންތަކުން ބުރަކުރައްވާފަ އެވެ.
ޖީއެމްއާރުން ވަނީ 1.2 ބިލިޔަން ރުފިޔާ ކުރިއަށް ދައްކާ ފީއެއްގެ ގޮތުގައި ސަރުކާރަށް އަދާކޮށްފަ އެވެ. ޖީއެމްއާރުން ލިބޭނެ ބައި ހިސާބުކުރުމުގައި އެފަރާތުން ކުރިއަށް ދެއްކި މިހާ ބޮޑު އަދާކުރުމެއް ވަނީ ނުހިމަނަ އެވެ. ޖީއެމްއާރުން ލިބޭ ބައި ހިސާބުކުރުމުގައި ކޮންސެޝަން ފީގައި ޑިއުޓީ ފްރީ ވިޔަފާރިން ހިމެނޭ ބައި ލިޔުއްވާފައެއް ނުވެ އެވެ. މި ފީއިން ވެސް 25 އަހަރުގެ މުއްދަތުގެ ތެރޭ އެމްއޭސީއެލް އަށް 2.6 ބިލިޔަން ރުފިޔާ ލިބޭނެ އެވެ. ތެޔޮ އެޅުމުގެ ޚިދްމަތްތަކުން ދެއްކި ޖުމްލަ 840 މިލިޔަން ރުފިޔާގެ އަދާކުރުމެއް ވެސް ޖީއެމްއާރުން ލިބޭނެ ބައި ހިސާބުކުރުމުގައި ވަނީ އެކުގައި އުނިކޮށްލައްވާފަ އެވެ.
މަތީގައި އެވާ ގޯސް ހިސާބުކުރެއްވުންތަކާއި ނުބައި ނަތީޖާތައް ރަނގަޅުކޮށްލެއްވުމުން، ޖީއެމްއާރުން އެއާޕޯޓް ހިންގުމުން ލިބޭނެ ކޮންސެޝަން ފީގެ ޖުމްލަ އަށް 4.6 ބިލިޔަން ރުފިޔާ އިތުރު ވެ އެވެ. ޖީއެމްއާރުން ލިބޭނެ ހަޤީޤީ ކޮންސެޝަން ފީ 32.5
ބިލިއަން ރުފިޔާ އަށް އަރަ އެވެ.
ވާދަވެރިން އެވިދާޅުވަނީ އެސްޓީއޯގެ ތެލުގެ ވިޔަފާރީގެ މައްޗަށް ޖީއެމްއާރުން ވެރިވެގަންނާނެ ކަމަށެވެ. މިއީ އެއްގޮތަކަށް ވެސް ތާކުންތާކުޖެހޭ ވިދާޅުވުމެއް ނޫނެވެ. ޖީއެމްއާރަކީ އެއާޕޯޓް ހިންގާ ފަރާތެވެ. އަދި އެސްޓީއޯގެ ބަދަލުގައި ތެޔޮ ސަޕްލައި ކުރާކަށް ނުފަށާނެ އެވެ. މީގެ ކުރީގައި އެމްއޭސީއެލުން ތެޔޮ ގަނެފައި ހުރީ ޑުބައިގެ ގަލާނާ ކިޔާ ކުންފުންޏަކުންނެވެ. މިހާރު ޖީއެމްއާރުން ތެޔޮ ގަންނަނީ އެސްޓީއޯ އިންނެވެ. މީގެ ކުރީގައި ގަން އެއާޕޯޓަށް އެމްއޭސީއެލް އިން ތެޔޮ ސަޕްލައިކުރީ ގަލާނާ އިން ގަނެގެންނެވެ. މިހާރު ސީދާ ގަމަށް އެސްޓީއޯ އިން ތެޔޮ ސަޕްލައި ކުރެ އެވެ. ޖީއެމްއާރުން އެއާޕޯޓް މެނޭޖްކުރަން ފެށުމުން އެސްޓީއޯ އަށް ލިބިފައިވާ ވިޔަފާރީގެ ކުރިއެރުންތައް މާ ގިނަކަން މިކަންކަމުން ސާފުކޮށް ހާމަވެ އެވެ. ދިވެހިންގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ވިދާޅުވެ ވާދަވެރިން އެގެންދަވަނީ މިފަދަ އެތައް އިތުރުފުޅެއް ހައްދަވަމުންނެވެ.
އެމް.ޑީ.ޕީ ސަރުކާރުން އެޕާޓީގެ މެނިފެސްޓޯ ތަންފީޒުކުރުމަށް އެޕާޓީ އަށް ވަނީ ރާއްޖޭގެ ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓް ލިބިފަ އެވެ. އެއީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގަ އެވެ. މިތަނުގައި ހަދުމަފުޅުބަހައްޓަވައްޗެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމް.ޑީ.ޕީ އާއި އިއްތިހާދުވި ހުރިހާ ޕާޓީތަކަކުން ވެސް އެމް.ޑީ.ޕީގެ މެނިފެސްޓޯ ބަލައިގަތެވެ. އެމެނިފެސްޓޯ ތަންފީޒުކުރެވެން ޖެހޭނެ އެވެ. އެހެން ގޮތަކަށް ޢަމަލުކުރުމަށް ނިންމޭނީ އަނެއްކާވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ފަހުގަ އެވެ. މާލޭ އިންޓަނޭޝަންލް އެއާޕޯޓް ތަރައްޤީ ކުރާނެ ގޮތަކާ މެދުގައި އުފެދިފައި މިވާ ބަހުސް މިވަނީ އިންތިޚާބީ މައްސަލައަކަށް ވެފަ އެވެ. މި މައްސަލަ ނިންމޭނީ އިންތިޚާބަކުންނެވެ.
އިންތިޚާބު އަވަސްކުރޭ! އިންތިޚާބު އަވަސްކުރޭ!

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.