ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅު
بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން، ޚާއްޞަ އިނާމު ހާސިލު ކުރައްވާ ޚިދުމަތްތެރި ބޭފުޅުން، ވަޒީރުން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،
މިރޭގެ މި އުފާވެރި ޖަލްސާގައި އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރުން. މި އުފަލުގައި ތިޔަ ލޮބުވެތި ރައްޔިތުންނާއެކު އަޅުގަނޑު ބައިވެރިވާ ވާހަކަ ދަންނަވަން.
މިރޭގެ މި ޖަލްސާގައި އޮތް އެންމެ މުހިންމު އެއްކަމަކީ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް އެ އިނާމު އެރުވުން. އެހެންކަމުން، މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން. ހަމައެހެންމެ، މިރޭގެ މި ޖަލްސާގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށްވެސް އަޅުގަނޑުގެ ހިތުގެ ފުންމިނުން ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން.
ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގައި، ޤައުމީ އިނާމާބެހޭ ކޮމިޓީން މިކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް، އެ ކޮމިޓީގެ ޗެއަރމަން އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަށާއި، ކޮމިޓީގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.
ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަކީ ވަރަށް މުހިންމުކަމެއް. ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް މިހާތަނަށް އިތުރު އެހެން ޢިނާޔަތްތަކެއް ލިބިވަޑައިގަންނަވާ ގޮތަކަށް ހަމަޖެހިފައެއް ނެތް. ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި މިފަދަ ޝަރަފުވެރި ބޭފުޅުންނަށް އެރުވޭ ވަކި ޢިނާޔަތްތަކެއް އެބަހުރޭ. ރާއްޖޭގައިވެސް އެބޭފުޅުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ހަމަޖެހިފައި އޮތުމަކީ މުހިންމު ކަމެއް. އެހެންކަމުން، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްޞަ ކާޑެއް ތަޢާރުފު ކުރަން ސަރުކާރުން ގަސްދުކުރާ ވާހަކަ މިރޭ އަޅުގަނޑު ދަންނަވާލަން. އެ ކާޑުގެ ބޭނުމަކީ، އެކިއެކި ޚިދުމަތްތައް ހޯއްދެވުމަށް އެބޭފުޅުން ސަރުކާރުގެ އެކިއެކި އިދާރާތަކަށާއި، މުއައްސަސާތަކަށް ވަޑައިގެން، އެ ކާޑު ދެއްކެވުމުން، އެ ޚިދުމަތެއް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުން. ހަމައެއާއެކު، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އޮފިޝަލް ޕާސްޕޯޓަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް އޮފިޝަލް ޕާސްޕޯޓު ލިބިވަޑައިގަންނަވާ ގޮތަށް ހަމަޖެއްސުމަށްވެސް އަޅުގަނޑު ގަސްދުކުރަން.
މިދެންނެވި ކަންކަން ބަލަހައްޓައި ހިންގޭނެ ހަރުދަނާ ނިޒާމެއްވެސް ޤާއިމުކުރަންޖެހޭ. އަދި މިކަމަށް ވަކި ޚާއްޞަ ޔުނިޓެއް ޤާއިމުކޮށް، އެ ޔުނިޓުން އެބޭފުޅުންގެ ކަންތައްތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ، ވަރަށްގިނަ ފަސޭހަތައް ލިބިގެންދާނެ ކަމެއް. އެހެންކަމުން، މިފަދަ ނިޒާމެއް ޤާއިމުކުރެވި، އެ ނިޒާމުގެ ދަށުން މި ޢިނާޔަތްތައް އެބޭފުޅުންނަށް އެރުވުމުގެ ކަންތައްތައް، އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ކުރީކޮޅު ހަމަޖެހިގެންދާނެ.
މިރޭގެ މިޖަލްސާގައި، ދެން ދެވޭ އެންމެ ޚާއްޞަ އިނާމަކީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށްދޭ ޚާއްޞަ އިނާމު. ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށްދޭ އިނާމުގެ ގޮތުގައި މި އިނާމު މީގެކުރިން ދެވިފައިވޭ. އެހެން ނަމަވެސް، މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، މިކަން މެދުކެނޑިފައި އޮތުމަށްފަހު، މިކަން މި ސަރުކާރުން އަލުން މިފަށަނީ ވަރަށްބޮޑު އުންމީދަކާ އެކީގައި. ބޭނުމަކީ ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރާ ކުދިންނާއި، އެކިއެކި މުބާރާތްތަކުން ރަން ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީގެ އަގު ވަޒަންކޮށް، ސަރުކާރުން އެކަން ބަލައިގަތުން.
މިރޭ ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސްކުރަން. އެބޭފުޅުންގެ ޚިދުމަތް، ކުރިއަށް އޮތް ތާނގައިވެސް ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ލިބެމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.
މި ފުރުޞަތުގައި، ޚާއްޞަ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވި ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ ޗެއަރމަން ޑޮކްޓަރ އަޙްމަދު އަންވަރަށާއި، ކޮމިޓީގެ ހުރިހާ މެންބަރުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ޚާއްޞަ އިނާމު ދެއްވަމުން ގެންދަވާ މައިގަނޑު 5 ދާއިރާގެ ތެރެއިން ސަރުކާރުން ކަނޑައަޅާ ދާއިރާއަކުން ސަރުކާރު ޤަބޫލުކުރާ ފެންވަރަކަށް މަސައްކަތެއްކުރާ ނުވަތަ އެއްޗެއް އުފައްދާ ފަރާތްތަކަށްވެސް އަންނަ އަހަރުން ފެށިގެން އިނާމުދޭގޮތަށް މިހާރުވަނީ ހަމަޖެހިފައި. މިގޮތުން، 2013 ވަނަ އަހަރު އިނާމުދެވޭ ދާއިރާތައް ނުވަތަ ރޮނގުތައް ކަނޑައެޅުމުގެ މަސައްކަތް، ވަޒީރުންގެ މަޖިލީހުން މިހާރު ގެންދަވަނީ ކުރައްވަމުން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި، މިރޮނގުތައް އިޢުލާނު ކުރެވޭނެ.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:
ދިވެހިރާއްޖޭގައި ޖުމްހޫރީ ނިޒާމެއް ޤާއިމުވިތާ މިއަދު 44 އަހަރު ފުރުނުއިރު ޖުމްހޫރީ ނިޒާމެއް ރާއްޖޭގެ ރައްޔިތުން އިޚުތިޔާރު ކުރެއްވި ސަބަބުތަކާ ދޭތެރޭގައި ވިސްނާލުން މުހިންމު.
ދިވެހިދައުލަތް ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރެވިފައިވަނީ 1 ޖެނުއަރީ 1953ގައި. އޭރު ޢަމަލުކުރަމުން ގެންދިޔަ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުން އެކުލަވާލެވުނު، ރައްޔިތުންގެ ޚާއްޞަ މަޖިލީހުންވަނީ ދިވެހިރާއްޖޭގެ ދުސްތޫރީ ހިންގުމުގެ އޮނިގަނޑު ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށް ނިންމާފައި. އަދި އެމަޖިލީހުން ފާސްކޮށްފައިވާ ގޮތުގެމަތިން 1952 ވަނަ އަހަރު ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމަށް ބޭއްވި ވޯޓުން، އަލްއަމީރު މުޙަންމަދު އަމީން ވަނީ ދިވެހިރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައި.
އެތަކެއް ހާސްއަހަރުގެ ދިގު ޘަޤާފަތަކަށްފަހު، ރަސްކަމުގެ ނިޒާމަކުން ޖުމްހޫރީ ނިޒާމަކަށް ކުރި ބަދަލު ވަނީ އެންމެ ފުރިހަމައަށް ތަޙައްމަލު ނުކުރެވިފައި. ނަތީޖާއަކަށް ވެގެންދިޔައީ، 7 މަސް ދުވަސް ފަހުން، ފުރަތަމަ ޖުމްހޫރިއްޔަތު ނިމުމަކަށްގެނެސް، ދިވެހިދައުލަތް އަލުން ރަސްކަމަކަށް ބަދަލުކުރެވުން. މިދުވަސްތައް ވެގެންދިޔައީ ދިވެހި ތާރީޚުގެ ވަރަށް ގިނަ ހާދިސާތައް ލިޔެވިގެން ދިޔަ ދުވަސްތަކަކަށް. ދުސްތޫރީ އަދި ޤައުމީ ޙަޔާތަށް އިންޤިލާބީ ބަދަލުތަކެއް ގެނެވުނު ދުވަސްތަކަކަށް. އިޤްތިޞާދީގޮތުންވެސް ދަތި ދުވަސްތަކަކަށް.
ފުރަތަމަ ޖުމްހޫރިއްޔަތަށްފަހު ގެނެވުނު ރަސްކަމުގެ ނިޒާމުގައި 14 އަހަރުގެ ދިގުމުއްދަތެއް ވޭތުވުމަށްފަހު، އަދި 3 ފަހަރެއްގެ މަތިން ޤާނޫނުއަސާސީއަށް ބަދަލުގެނެވުނު ފަހުން، 15 މާޗް 1968 ގައި ނެގުނު ރައްޔިތުންގެ ޢާންމުވޯޓަކުން ފާސްކޮށް، އަލުން ޤާނޫނުއަސާސީ އިޞްލާޙުކޮށް، 11 ނޮވެމްބަރ 1968 ގައި ދިވެހިދައުލަތް އަލުންވަނީ ޖުމްހޫރިއްޔަތަކަށް ބަދަލުކުރެވިފައި. އޭގެފަހުން، ދިވެހިދައުލަތުގެ ހިންގުމުގެ ނިޒާމު ބައްޓަންކުރެވިފައިވަނީ ޖުމްހޫރިއްޔަތެއްގެ ގޮތުގައި.
ޖުމްހޫރިއްޔަތުގެ ސީދާ މާނައަކީ، ނުވަތަ ޖުމްހޫރީ ނިޒާމުގެ ވެރިކަމަކީ، ރައްޔިތުންގެ ސީދާ ބައިވެރިވުން އޮވެގެން ހިންގާވެރިކަން. މިފަދަ ވެރިކަމެއްގައި ދައުލަތުގެ އެންމެ އިސް މަޤާމުގައި ހުންނަ މީހަކީ، ސީދާ ރައްޔިތުންގެ ބައިވެރިވުން އޮވެގެން އިންތިޚާބުކުރެވޭ މީހެއް. ޖުމްހޫރީ ނިޒާމެއްގައި ޤައުމުގެ ހިންގުން ބައްޓަންކުރެވެނީ، ރައްޔިތުންނަށް ޖަވާބުދާރީ ކުރެވޭނެ ގޮތެއްގެ މަތިން. ޖުމްހޫރިއްޔަތުގެ ނިޒާމު ހިންގާ އެކި ޤައުމުތަކުގައި، މިކަން އެކި މިންވަރަށް އޮތްނަމަވެސް، ޖުމްހޫރީ ވެރިކަމެއްގެ އަސާސަކީ، ސީދާ ރައްޔިތުންގެ ބައިވެރިވުން އޮވެގެން ވެރިކަން ހިންގުން.
ދިވެހިން ޖުމްހޫރީ ވެރިކަމެއް ބަލައިގަތީ، ޤައުމުގެ ތަރައްޤީގެ މަރުޙަލާގައި ނިންމި މުހިންމު ނިންމުމެއްގެ ގޮތުގައި. ޤައުމުގެ ހިންގުން ޒަމާނީ އުޞޫލުތަކަކަށް ބަދަލުކޮށް ތަރައްޤީއާއި ތަމައްދުނު ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި. ޤައުމުގެ ހިންގުމުގައި ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް. ރައްޔިތުންގެ ވޯޓަކުން އެގޮތަށް ކަނޑައަޅައިގެން.
ލޮބުވެތި ދިވެހި ރައްޔިތުން،
މި ސަރަޙައްދުގެ ގިނަ ޤައުމުތަކަށް ޤާނޫނުއަސާސީއެއްގެ ހިޔާވަހިކަން ނުލިބެނީސް 1932 ވަނަ އަހަރު ދިވެހިރާއްޖެ ވަނީ ޤާނޫނުއަސާސީއެއް ބަލައިގަނެ، ދުސްތޫރީ ވެރިކަމެއް ހިންގަން ފަށާފައި. ޤާނޫނުއަސާސީއެއްގައި ލިޔެފައިވާ ހަމަތަކެއްގެ މަތިން ޤައުމުގެ ކަންތައްތައް ކުރަންފަށާފައި. 80 އަހަރުގެ ދުސްތޫރީ ޙަޔާތެއް ޤައުމު ކަޑައްތުކުރިއިރު، ޤާނޫނުއަސާސީއަށްވަނީ 13 ފަހަރެއްގެ މަތިން ބަދަލުގެނެވިފައި. ތާރިޚީގޮތުން ދިވެހިންނަކީ ހަމަހިމޭން މަޑުމައިތިރި ދިރިއުޅުމެއް އުޅުނުބަޔަކަށްވާއިރު، ދުސްތޫރީ ޙަޔާތުގައި ދިވެހިންނަކީ ގިނަ އަދި ވަރުގަދަ ނިންމުންތަކެއް ނިންމާފައިވާ ބައެއް. ދުސްތޫރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ބައެއް. މީގެ ތެރެއިން، ގިނަ ބަދަލުތަކެއް މަޑުމައިތިރިކަމާއި އޮމާންކަމާއެކު ގެނެވުނުއިރު، ބައެއް ބަދަލުތަކަކީ އެހާ އޮމާންކަމާއެކު ގެނެވުނު ބަދަލުތަކެއްނޫން.
އެހެން ނަމަވެސް، މިއިން ކޮންމެ އުނދަގޫ ދުވަސްތަކެއް ތަޙައްމަލުކޮށް، ދިވެހިން ވަނީ ދިވެހިންގެ މިޤައުމުގެ ހިންގުން ކުރިޔަށްވުރެ ހަރުދަނާކޮށްފައި. ޤައުމުގެ ހަމަޖެހުމާއި ރައްޔިތުންނަށް ނަފާވާނޭ ގޮތެއްގެމަތިން ކަންކަން ތަރުތީބުކޮށް، ޤައުމުގެ މަޞްލަޙަތުތައް އިސްކޮށްފައި. ހަމަނުޖެހުންތަކުގެ ތެރެއިން ހަމަޖެހުމުގެ މަގު ކޮށައި، ޤައުމުގެ ކުރިމަގު އުޖާލާކޮށްފައި.
ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން،
ދުސްތޫރީ ބަދަލުތަކުގެ ތެރެއިން ނޫނަސް ދިވެހިންގެ މި ރާއްޖެ ވަނީ، ދުނިޔޭގެ އާދަކާދައިގެ މަތިން، ދިގު އުދަނގޫ ރާސްތާތަކެއް ކަޑައްތުކޮށް ކާމިޔާބުތަކެއް ހާސިލުކޮށްފައި. ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ގޮންޖަހާލެވުނު ފަހަރުތަކުގައިވެސް، އަޅުވެތިކަމުގެ އަނދިރިކަމުގެ ތެރެއިން، މިނިވަންކަމުގެ އަލިމަގު ކޮށައި، ޤައުމީ ޙަޔާތް ބާއްޖަވެރިކޮށްފައިވަނީ ހަމަ، ދިވެހިންގެ އަމިއްލައަތުން. ދިވެހިންގެ ތެރޭގައި އުފެދުނު ޚާއިނުންނާއި، ކުލީ ސިފައިންގެ ޙަމަލާތަކުން ފެށިގެން، ބޭރުގެ ބޮޑެތި އިސްތިޢުމާރީ ބާރުތަކުގެ ޖާހުގެ ދަށުން، ޤައުމު މިނިވަންކޮށް އަމިއްލަކޮށްފައިވަނީ، ހަމަ ދިވެހިންގެ ލެޔާއި ހަށިތައް ޤުރުބާންކޮށްގެން. ދިވެހިންގެ ޙިކުމަތާއި ފިކުރު ބޭނުންކޮށްގެން. ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން ޝަހީދު ޙުސައިން އާދަމާއި، ޝަހީދު އާދަމް ނަޞީރުގެ ހަނގުރާމައަކީ، މި ޤައުމުގެ ޙައްޤުގައި ކުރެވުނު ހަނގުރާމަތަކެއް. ދިވެހި ޤައުމު މިނިވަންކުރެއްވުމުގައި ރައީސް އިބްރާހީމް ނާޞިރާއި، ޤައުމުގެ މިނިވަންކަން ދިފާޢުކުރެއްވުމުގައި ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ތާރީޚުގައި ރަންއަކުރުން ލިޔެވިގެންވާ ޞަފުޙާތަކެއް.
ހަމަ އެފަދައިން، އިޤްތިޞާދީގޮތުން ރާއްޖެ ކަޑައްތުކޮށްފައިވާ ދުވަސްތަކާއި، ހާސިލުކޮށްފައިވާ ކާމިޔާބީތަކަކީވެސް، ހަމަދިވެހިންގެ ކާމިޔާބީތަކެއް. ދިވެހިންގެ ބުރަ މަސައްކަތުން ހާސިލުކޮށްފައިވާ ދިވެހިންގެފަޚުރުވެރި އަރުތަތަކެއް. 2 ވަނަ ބޮޑު ހަނގުރާމައިގެ ތަދު މަޑުކަމާއި، ދަތިކަމުގެ އިޙްސާސްތަކުން ފެށިގެން، މެދުއިރުމަތީގެ ހަނގުރާމަތަކާއި، ސެޕްޓެމްބަރ 11 އިގެ ހާދިސާތަކުން އިޤްތިޞާދަށް ދިމާވެފައިވާ ދަތިކަމުން ނިކުމެ، ޤައުމުގެ އިޤްތިޞާދުގެ ދުވެލި ފަހިކުރީ ހަމަ ދިވެހިންގެ މަސައްކަތުން. ފަޚުރުވެރިކަމާއެކު ދަންނަވާލަން ޖެހެނީ، މިއިން ކޮންމެ ކަމަކުންމެ އަޅުގަނޑުމެން އަރައިގަނެ ޤައުމު ސަލާމަތްކުރަނީ ހަމަ އަޅުގަނޑުމެންގެ އަމިއްލަ އަތުންނޭ. ޙިކުމަތްތެރިކަމާއި ކެތްތެރިކަމާއެކު ކުރެވުނު މުރާލި މަސައްކަތްތަކެއްގެ ނަތީޖާގެ ތެރެއިންނޭ.
ލޮބުވެތި ރައްޔިތުން.
އިންޑިޔާ ކަނޑުގައި އޮތް ކުޑަކުޑަ މި ޤައުމަކީ، މުއްސަނދި ތާރީޚަކާއި ފަޚުރުވެރި އަމިއްލަވަންތަކަމެއް ލިބިފައިވާ ޤައުމެއް. އެހެނަސް އެކަން އަޅުގަނޑުމެން ހާސިލުކުރީ ކެތްތެރިކަމާއި ޙިކުމަތްތެރިކަން ކުރިޔަށް ނެރެގެން. ދިވެހިދަރިން ޝަރުޠެއްނެތި ޤައުމަށް ކޮށްދިން ޚިދުމަތެއްގެ ގޮތުގައި. މިއަދުވެސް އަޅުގަނޑުމެންނަށް ދިމާވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވެވޭނީ، ޤައުމުގެ ޙައްޤުގައި އަމިއްލަ އެދުން ޤުރުބާންކުރަން ކެރިގެން. ކެތްތެރިކަމާއި ޙިކުމަތްތެރިކަން އިސްކޮށްގެން.
ދިވެހިންގެ މިނިވަންކަމާއި ތަރައްޤީއާއި ތަމައްދުނަކީ، ބޭރުގެ ބަޔަކު ދިވެހިންނަށް ހަދިޔާކުރި ހަދިޔާއެއް ނޫން. އަދި ކިއެއްތޯ، ދިވެހިންގެ ކާބަފައިން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ. އެއީ، އެ ކާބަފައިން އަޅުގަނޑުމެންނާ ހަމަޔަށް ފޯރުވައިދިން ފަދައިން، އަންނާން އޮތް ޖީލުތަކަށް ފޯރުވައިދޭން މިއަދުގެ ޖީލާ ހަވާލުވެފައިވާ ތަރިކައެއް. ހަށިގަނޑާއި ފުރާނައިން ޤުރުބާންވެވަޑައިގަތް އަބްޠާލުން ފަދައިން، ގަދަ ކަނޑުތަކުގައި ފަން ރިޔަލުގައި ކުރި މަސްވެރިކަން، ފިޝް ފައިންޑަރ އާއި ޖީ.ޕީ.އެސްގެ ފެންވަރަށް ތަރައްޤީކުރި މުރާލި ދިވެހިމަސްވެރިންގެ އަމާނާތެއް. އެންމެ އާދައިގެ ވިޔަފާރިއަކުން ދުނިޔޭގެ އެންމެ ފަޚުރުވެރި ވަނަތައް ހާސިލުކުރާ ފަތުރުވެރިކަމެއް އާރާސްތުކޮށްދިން ޤާބިލު ދިވެހި ވިޔަފާރިވެރިންގެ ވަޞިއްޔަތެއް. ލިޔެކިޔަން ނުދަތުމުގެ ޖަހާލަތުގެ ތެރެއިން، ދުނިޔޭގެ އެއްވަނަ ހާސިލުކުރާ ދަރިވަރުން އުފައްދައިދިން މުދައްރިސުންނާއި އެދުރުންގެ ހުވަފެނެއް. ދުނިޔޭގެ އެންމެ ފަޤީރު ޤައުމުގެ ގޮތުގައި އޮތް ޤައުމު، މެދުފަންތީގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓުގައި ހިމަނައި ދިނުމުގެ ޒިންމާއަދާކުރި ވެރިންގެ އުންމީދެއް. ނޫކަނޑުގެ ރާޅުބީހޭ ދޮންވެލި ގޮނޑުދޮށްތަކާއި، ރުކުފަނުގެ ހިޔަލުގައި އުފަންވެ އުޅެބޮޑުވި، އެންމެ ދިވެހި މުވާޠިނުންގެ ޙައްޤެއް.
ލޮބުވެތި ރައްޔިތުން.
2004 ވަނަ އަހަރުގެ ސުނާމީގެ ކާރިސާގައި ޤައުމުގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުންތަކުން އަދިވެސް ވަނީ އަރައިނުގަނެވި. ދައުލަތުގެ ދަރަނިވަނީ މީގެކުރިން ދުވަހަކުވެސް ނުދާ ހިސާބަށް ބޮޑުވެފައި. މި ވޭތުވެދިޔަ ހަތަރު ފަސްއަހަރެއްގެ ތެރޭގައި، ރާއްޖެވަނީ ދާޚިލީ އަދި އިޤްތިޞާދީ މިނިވަންކަމަށް ބުރޫ އަރާވަރަށް، މާލީ އަދި އިޤްތިޞާދީގޮތުން، ބޭރުގެ ފަރާތްތަކަށް ބަރޯސާވެފައި. މި ދުވަސްތަކަކީ ބޮޑެތި ދުސްތޫރީ ބަދަލުތަކަކަށް ޤައުމު ކުރިމަތިލީ ދުވަސްތަކެއް. ހަމައެއާއެކު، ޤައުމުގެ ދާޚިލީ ހަމަޖެހުމަށް ގޮންޖެހުންތަކެއް ކުރިމަތިވީ ދުވަސްތަކެއް. މި ދުވަސްތަކުގެ ތެރޭގައި ޤައުމުގެ ދުސްތޫރީ އޮނިގަނޑު ވަނީ ހަލާކުވެ، ޤާނޫނުގެ ބޭރުން ދައުލަތް ހިނގަން ފަށާފައި. އަދި މީގެ އިތުރުން، މިއަހަރުގެ ފެބްރުއަރީ 7 ގެ ހާދިސާއަށްފަހު، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށާއި ޤައުމުގެ ޚާރިޖީ ގުޅުންތަކަށްވެސް، އިތުރު ގޮންޖެހުންތަކެއްވަނީ ބަޔަކު ކުރިމަތިކުރުވާފައި.
މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އިމްތިޙާނަކީ، އިޤްތިޞާދީގޮތުން ދަތިދުވަސްތަކެއްގެ ތެރެއިން، ދައުލަތުގެ އާމްދަނީ އިތުރުކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރުކުރުން. ޚާރިޖީ ގުޅުންތައް ދަމަހައްޓައިގެން، މާލީ އަދި އިޤްތިޞާދީ މިނިވަންކަން ޤާއިމުކުރުން. ދާޚިލީ ފާރުތަކެއްނެތް ދުނިޔެއެއްގައި، އިސްލާމްދީނުގެ ވަޙުދަތާއި ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުން. ބަލިކަށިވެފައިވާ އިޖުތިމާޢީ ފޭރާމެއްގެ ތެރެއިން، ޤައުމުގެ ހަމަޖެހުމާއި އަމަންއަމާންކަން އަދި ރައްޔިތުންގެ ރައްކާތެރިކަން ޔަޤީންކުރުން. ކުރު މުއްދަތެއްގެ ތެރޭގައި ބުރަ މަސައްކަތުން ޤައުމުގެ ދުސްތޫރީ އޮނިގަނޑު ކޮޅަށް ޖަހައި، ޤާނޫނުގެ ވެރިކަން ފުރިހަމަކުރުން.
ލޮބުވެތި ރައްޔިތުން:
މި ދުވަސްތަކަކީ އަޅުގަނޑުމެންގެ ކާބަފައިންވީ ޤުރުބާނީއެކޭ އެއްފަދައިން އަޅުގަނޑުމެންގެ ޤުރުބާނީއަށް މިޤައުމު ބޭނުންވެފައިވާ ދުވަސްތަކެއް. ޤައުމުގެ ޙާލުގެ ދުލުން ގޮވަނީ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން އިސްކުރުމަށް. ޚިޔާލުތަފާތުވުމުގެ ތެރެއިން އިޤްތިޞާދު ފުނޑުފުނޑުކޮށް ނުލުމަށް. ސިޔާސީ ދެކޮޅުވެރިވުމުގެ ތެރެއިން އިޖުތިމާޢީ ފޭރާން ވީދާ އުކާނުލުމަށް. އަމިއްލަ ރައްޔިތުންގެ ލެއިން މިސާފު ވެލިގަނޑު ތެންމާނުލުމަށް. ފެއްސާއި ރަތާއި ހުދުގެ މައްޗަށް އެހެން ކުލަތައް އިސްނުކުރުމަށް. އަދި މިހަމަހިމޭން ގޮނޑުދޮށްތަކާއި، ފެހި ވިލުތަކުގެ ހިތްގައިމުކަން އަބަދުގެ އަބަދަށް ދެމެހެއްޓުމަށް.
މިކަންކުރުމަކީ އަޅުގަނޑުމެންނަށް އޮތް ވާޖިބެއް ފަދައިން، މިކަންކުރުމުގައި އިސްނެގުމަކީ އަޅުގަނޑުގެ ޒިންމާ. މިކަންކަން ކުރުމަށް އަޅުގަނޑަށް އޮތް ޒިންމާ ފެށެނީ ތިޔަ ލޮބުވެތި ރައްޔިތުންނާ ހަމައިން. އެއީ، މިއަދު ސްކޫލުން ނުކުމެގެންދާ ކޮންމެ ދަރިވަރަކީވެސް މާދަމާގެ ވެރިއަކަށްވުމުގެ ފުރުޞަތު އޮންނަންޖެހޭ ކުއްޖެއްކަމުގައި އަޅުގަނޑު ޤަބޫލުކުރާތީ. މިއަދުގެ ކުދި ވިޔަފާރިވެރިން، މުސްތަޤްބަލުގެ މަހުޖަނުންނަށްވުމުގެ ހުވަފެނުގައި އަޅުގަނޑު ބައިވެރިވާތީ. މިއަދުގެ އަންހެންދަރިންނަކީ ޤައުމުގެ މުސްތަޤްބަލުގެ ފުރިހަމަ ބައިވެރިންކަމުގައި ވާންޖެހޭނޭ ކަމުގައި އަޅުގަނޑު ދެކޭތީ. އަދި ޚާއްޞަގޮތެއްގައި މި ޤައުމަށް ޚިދުމަތް ކުރައްވައި، ޚިދުމަތް ނިންމަވާފައިވާ ބޭފުޅުން ދުނިޔެ ދޫކުރައްވާނީ، މި ޤައުމުގެ މުސްތަޤްބަލާމެދު ހިތްހަމަޖެހިގެން ކަމުގައިވުމީ އަޅުގަނޑުގެ ވާޖިބެއްކަމުގައި ދެކޭތީ.
ލޮބުވެތި ދިވެހި ރައްޔިތުން.
މިއަދުގެ ޙާލަތު ނިޔާކުރާ ގޮތެއްގެ މަތިން، އަޅަންޖެހޭ ފިޔަވަޅުތަކެއް އެބަހުރި. ނިންމަންޖެހޭ ނިންމުންތަކެއްވެސް އެބަހުރި. މީގެ ތެރޭގައި، ދިވެހިދައުލަތް އިތުރަށް ދަރަނިވެރިނުކޮށް، ކުރު މުސްތަޤްބަލެއްގައި ދައުލަތުގެ ބެލެންސް ޝީޓް ފަހިކޮށް، ޤައުމުގެ މުސްތަޤްބަލަކީ ދަރަނިން ސަލާމަތްވެފައިވާ، ތަރައްޤީއަށް މަގުފަހިކުރާ ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުން ފެށިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ހަރުދަނާ ނިންމުންތަކެއް ނިންމަންޖެހޭ. މިގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ އިތުރުން، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ގެނަންޖެހޭ ބަދަލުތައް ހިމެނޭ.
ޤައުމުގެ އިޤްތިޞާދު ހަމަޖެއްސުމަށް މަސައްކަތްކުރާ ފަދައިން، ޤައުމުގެ މުޖުތަމަޢުގެ ހަމަޖެހުން އިތުރުކުރުމަށް މިއަދުވަނީ މަސައްކަތް ކުރަން ޖެހިފައި. މި ރާއްޖޭގެ ކޮންމެ ރަށަކީ ރައްޔިތުންނަށް، ހަމަޖެހިގެން އުޅެވޭނެ އަމާން ވެށްޓަކަށް ވާންޖެހޭ. އެގޮތުން އަމަންއަމާންކަން ޤާއިމުކޮށް، މާރާމާރީއާއި ޢާންމު އުނދަގުލުން ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް، ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން.
އަދި ހަމައެފަދައިން، އެއްވެސް ކުށެއްނެތި މަރާލެވިފައިވާ ދިވެހިރައްޔިތުންގެ ޙައްޤުހޯދައިދިނުމަށް އިންޞާފުގެ މަގުގައިވެސް ހަރުދަނާ ނިންމުންތަކެއް ނިންމަންޖެހޭ. ޖިނާއީ ޢަދުލުގެ ނިޒާމަށް ބޭނުންވާ އެންމެ މުހިންމު ޤާނޫނުތަކުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ވަރަށް ބާރަށް ކުރިޔަށް ގެންދަވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. މި ޤާނޫނުތައް މިއަހަރުގެ ތެރޭގައި ނިމި ވުޖޫދަށް ގެނެވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. މީގެ އިތުރުން، ރާއްޖޭގެ ޑިމޮކްރަސީއާއި ޤާނޫނުގެ ވެރިކަން ހަރުދަނާކުރުމަށްޓަކައި ޤައުމީ މަޝްރޫޢެއްގެ ދެލިކޮޕީ މިހާރުވަނީ އެކުލަވާލެވި ނިންމުމުގެ މަރުޙަލާތަކުގައި. ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މިކަންކަން ނިންމައި އިޢުލާނު ކުރާނަން.
މިދެންނެވި ކަންތައްތަކުގެ އިތުރުން، ޤައުމަށާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް ނިންމަންޖެހޭ ކަންކަން ދައުލަތުގައި އެބަހުރި. މިކަންކަން ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި މިގެންދަނީ ކުރަމުން. އަދި މިކަންކަމުގައި ސަރުކާރުގެ އަމާޒަކަށްވާނީ، އަދި އަމާޒަކަށްވާންވާނީ، ދިވެހިޤައުމަށާއި ރައްޔިތުންނަށް ހުރިހާ ގޮތަކުން އެންމެ ފައިދާވާނޭ ގޮތަކަށް ކަންކަން ނިންމަމުން ގެންދިޔުން. އަދި މިފަދަ އެހެން ކަންތައްތަކެކޭ އެއްފަދައިން، އަޅުގަނޑުމެންނަށް ކާމިޔާބީއާ ހަމަޔަށް ވާޞިލުވެވޭނީ، އެކަމުގައި އޮންނަ އުސޫލުތަކުގެ މަތިން، ކަމުގެ ނަތީޖާތަކަށް ފަރުވާތެރިވެގެން، ޙިކުމަތްތެރިކަމާއެކު މަސައްކަތްކުރެވިގެން. ކަމުގެ އެންމެ މުނާސަބު ވަގުތުގައި ފިޔަވަޅު އެޅިގެން. ވުމާއެކު، މިއިން ކޮންމެ ކަމެއްގައިވެސް ޤައުމުގެ ފައިދާ ކުރިޔަށް ނެރެ، ކަމުގެ އެންމެ މުނާސަބު ވަގުތުގައި އެންމެ އެކަށޭނަ ފިޔަވަޅު އަޅާނޭ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. ފެބްރުއަރީ 7 ގެ ފަހުން، ކުރިމަތިވި މައްސަލަތަކުގައިވެސް އަޅުގަނޑާއެކު ކެތްތެރިކަމާއެކު ތިއްބެވިހެން، މި މައްސަލަތައް ޙައްލުކުރުމުގައިވެސް ތިޔަބޭފުޅުންގެ ކެތްތެރިކަމަށް އަޅުގަނޑު އިލްތިމާސްކުރަން.
ލޮބުވެތި ދިވެހި ރައްޔިތުން:
ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނެކޭ އެއްފަދައިން، މިރާއްޖެއަށްޓަކައި އަޅުގަނޑުގެވެސް ގިނަ ހުވަފެންތަކެއްވޭ. އަޅުގަނޑުގެ އުންމީދަކީ، ޚިޔާލު ތަފާތުވީ ނަމަވެސް، އެކުގައި މަސައްކަތްކުރެވޭ ރައްޔިތެއް ދިރިއުޅޭ، އަނެކުންގެ ޙައްޤުތަކަށް އިޙްތިރާމްކުރާ، މުރާލި އުފެއްދުންތެރި ޤައުމެއް ބިނާކުރުން. އަޅުގަނޑު ބޭނުންވާ ގޮތަކީ، އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން ފުރިހަމައަށް އޮންނަ، ރައްކާތެރި އަމާން ޤައުމެއް ބައްޓަންކުރުން. އަޅުގަނޑުގެ މަޤްޞަދަކީ، އުފާވެރި ޢާއިލީ ގުޅުންތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ އިޖުތިމާޢީގޮތުން ދުޅަހެޔޮ ރައްޔިތެއް އާބާދުކުރުން. އަޅުގަނޑުގެ ޢަޒުމަކީ، އެއްބައިވަންތަކަމުގައި ޤައުމު ކުރިއަށް ގެންދިޔުން.
މިގޮތުން، ޤައުމުގެ ކުރިމަގު ބައްޓަންކުރާނޭ ގޮތަކާބެހޭ ގޮތުން، ޤައުމީ ފެންވަރުގެ މަހާސިންތާއެއް ބޭއްވުމަށް އަޅުގަނޑުވާނީ ނިންމާފައި. މިޖަލްސާގައި، ސިޔާސީ ފަރާތްތަކުގެ އިތުރުން، ވިޔަފާރިވެރިންނާއި، އެހެނިހެން މަސައްކަތްތެރިންނާއި، ތަޢުލީމީ ޤާބިލު މީހުންނާއި، ކިޔަވާކުދިންނާއި، އަންހެނުންނާއި ޒުވާނުން ބައިވެރިކުރެވޭނެ. ފަނޑިޔާރުންނާއި ވަކީލުން އަދި އަމިއްލަ ޖަމާޢަތްތައް ބައިވެރިކުރެވޭނެ. މި ބައްދަލުވުމުން ނެރެން ބޭނުންވާ ނަތީޖާއަކީ، ދިވެހިރާއްޖޭގެ މުސްތަޤްބަލާމެދު ވީހާ ގިނަބަޔެއްގެ ޚިޔާލުހޯދުން. ޤައުމުގެ މުސްތަޤްބަލުގެ ޗާޓު ކުރެހުމުގައި ކަންކުރަންވީ ގޮތް، ވީހާ ގިނަބައެއްގެ ކައިރިން އަހައިގެން ހޯދުން. ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑާއެކު ބައިވެރިވެވަޑައިގެންދެއްވުމަށް އަޅުގަނޑު ދަޢުވަތު އަރުވަން.
އަޅުގަނޑުގެ މަސައްކަތުގައި އަޅުގަނޑަށް އެހީތެރިވެވަޑައިގެންފައިވާ ފަރާތްތައް ވަރަށްގިނަ. މިފަރާތްތަކުގެ ތެރެއިން ސަރުކާރުގައި ބައިވެރިވާ ސިޔާސީ ޕާޓީތައް އަޅުގަނޑު ޚާއްޞަގޮތެއްގައި ފާހަގަކުރަން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޚިދުމަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރަން. ގިނަ ވަގުތުތަކެއްގައި މަސައްކަތްކުރައްވާ ކެބިނެޓުގެ މެންބަރުންނަށް ޝުކުރު ދަންނަވަން.
އަޅުގަނޑުގެ މަސައްކަތުގައި އަޅުގަނޑު ވާގި އެދެނީ މާތްﷲގެ ޙަޟްރަތުން. ހިތްވަރު ލިބިގަންނަނީ ތިޔަ ލޮބުވެތި ރައްޔިތުންގެ ކިބައިން.
އަޅުގަނޑުގެ ދުޢާއަކީ، މި ޤައުމަށް މިއަދަށްވުރެ ފެހި މާދަމާއެއް ދެއްކެވުން. އިސްލާމްދީނުގެ ތެދުމަގުގައި ސާބިތުވެތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. ޤައުމުގެ ދުޝްމަނުން ބަލިކަށި ކުރެއްވުން. ތިޔަ ލޮބުވެތި ރައްޔިތުން އުފާ ފާގަތިކަމުގައި ލެހެއްޓެވުން. މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށްމެ ލެހެއްޓެވުން. އާމީން
والســّلام عليــكم ورحـمــة اللّـه وبـركاتـه
Comments