ރައީސުލްޖުމްހޫރިއްޔާ
ޑރ. ވަހީދު ފ. އަތޮޅަށާއި ދ. އަތޮޅަށް މިދިޔަ ހަފްތާގައި ކުރި ދަތުރުގައި
ވަނީ އެތައް ބައިވަރު ވައުދުތަކެއް ވެފައެވެ. ރައީސް ވަހީދު އެ ދަތުރުގައި
ވެފައިވާ ވައުދުތައް ކަމަށް ބުނެ މީޑިޔާއިން ހާމަކޮށްފައިވާ ޚަބަރު
ތަކުގައި ރައީސް ވަހީދު އާއި ހަވާލާދީ ބުނެފައިވަނީ މީދޫ ބިން ބޮޑު ކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ، ގެދޮރު އަޅަން ސަރުކާރުން ލުއި ލޯނު ދެނީ، ބަނޑިދޫ ބަނދަރު ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން، އެއާޕޯޓް އެޅުމަށް ކުޑަހުވަދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފަށާނަން، މާއެނބޫދޫ ބަނދަރު ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން، ހުޅުދެލީ ނަރުދަމާ އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރާނަން މިހެންނެވެ.
ރިޔާސީ
އިންތިހާބުގެ ކެމްޕެއިން އަދި ރަސްމީކޮށް ނުވެސް ފެށެނީސް ދާ ކޮންމެ
ރަށެއްގައި މިފަދައިން ވައުދުތައް ވުމަކީ ބޮޑު ވަރެއް ކަމަށް އިގްތިސާދީ
ތަޖުރިބާކާރުން ދެކެއެވެ.
ރައީސް
ޒިޔާރަތްކުރާ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރުމުގެ ތެރޭގައި
އެރަށްރަށުގެ ރައްޔިތުންނަށް ދަތި ކަމެއްގެ ވާހަކަ ބުނާއިިރަށް އެކަމެއް
ހައްލު ކުރުމަށް ކަންތައްތަކެއް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ
ބުނުމަކީ ހަމަ އެކަނި ސިޔާސީ ބޭނުމެއްގައި ބުނާ ބުނުމެކެވެ. އެހެނީ
ރައީސުލްޖުމްހޫރިއްޔާ ވައުދު ވިޔަސް އަދި ވަޒީރަކު ވައުދުވިޔަސް އެކަން
ކުރަންޖެހެނީ ދައުލަތުގެ ބަޖެޓުން ކަމުގައިވާއިރު، ދައުލަތުގެ ބަޖެޓުގައި
ހިމަނާނެ ކަންކަން ނިންމުމަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ
ބާރުގެ ދަށުގައިވާ ކަމެއްނޫނެވެ. އެކަމުގައި ފިނޭންސް މިނިސްޓަރ އަދި
ރައްޔިތުންގެ މަޖިލީހުގެ ދައުރެއްވެސް އޮވެއެވެ.
ދެން
ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ފިނޭންސް
މިނިސްޓަރާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވިޔަސް ދައުލަތުގެ ބަޖެޓުން
ހަރަދު ކުރެވޭނީ ލިބޭ އެއްޗަކަށް ބަލައިގެންނެވެ. ގާސިމް އިބްރާހިމަށް
ފިނޭންސް މިނިސްޓަރުކަން ލިބުނު ހިސާބުން ފެށިގެން ސިޔާސީ ބޭނުމަށްޓަކައި
އިންތިހާއަށް ދަރަނި ބޮޑު ބަޖެޓް ތަކެއް ފާސްކުރަމުން އައި ސަގާފަތް އިތުރު
އަހަރުތަކަކަށް ދެމެެހެއްޓުމަކީ ދިވެހި ދައުލަތަށް ދެން އުފުލޭނެ ބުރައެއް
ނޫނެވެ.
މި އަހަރުގެ ބަޖެޓް ޑެފިސިޓަށް ފައިނޭންސް ކުރުމަށް ނަގާ ދަރަނިތައް ނުހިމަނައި ، އަދި ދައުލަތުން
ދީފައިވާ ސޮވަރިން ގެރެންޓީގެ ގޮތުގައި އޮތް 5.1 ބިލިއަން ރުފިޔާ
ނުހިމަނައިވެސް ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 23 ބިލިއަނަށް ރުފިޔާއަށް
އަރާފައެވެ. ދަރަނި ރިއަލް ޖީޑީޕީގެ ނިސްބަތުން ބަލާއިރު ވަނީ %115
އަށް އަރާފައެވެ. އީޔޫގައި ގައުމުތައް ބައިވެރިކުރުމަށް ގެންގުޅޭ
ކްރައިޓީރިއާގެ ތެރޭގައި ގައުމެއްގެ ދަރަނި ޖީޑީޕީގެ ނިސްބަތުން %60 އަށް
ވުރެ ބޮޑު ނުވުން ހިމެނެއެވެ. ދަރަނި ޖީޑީޕީގެ ނިސްބަތުން %90 އަށް ވުރެ
މަތި ނަމަ އޭގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް ބުރޫއަރާނެކަމަށް
އެކަޑެމިކް ސްޓަޑީތަކުން ދައްކައެވެ. އަދި ޕްރެކްޓިކަލީ މިކަން ވަނީ
ސާބިތުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ
އެއްވެސް ޕެލޭނެއް ނެތި، ހަމައެކަނި ރައްޔިތުން ރުއްސުމުގެ ބޭނުމުގައި
އެތައް މިލިއަން ރުފިޔާއެއް ހަރަދުވާނެ ކަންކަން ކޮށްދޭނެ
ވައުދުވަމުންދާއިރު އެކަމާއި ގުޅިގެން މާލިއްޔަތު ކޮމެޓީގައި ފިނޭންސް
މިނިސްޓަރު ބުނެފައިވަނީ ތިމަންނާއަށް ވައުދު ތަކުގެ ވާހަކަ އެނގެނީ
ހަމައެކަނި މީޑިޔާއިން ކަމަށެވެ.
ހަމައެހެން،
ރައީސުލްޖުމްހޫރިއްޔާ ހަމައެކަނި ރައްޔިތުން ރުއްސުމަށްޓަކައި ވައުދުތައް
ވަމުންދާއިރު މިއަހަރުގެ ބަޖެޓް ހިސާބުތައް ދައްކާގޮތުން މިހާރުވެސް ޑެފިސިޓް ވަނީ 2 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު ރިކަރަންޓް ހަރަދަށް 7.1 ބިލިއަން
ހަރަދު ވެފައިވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި ހިނގާފައިވަނީ އެންމެ 1.3
ބިލިއަން ރުފިޔާއެވެ. ގާސިމްގެ ފިނޭންސް މިނިސްޓަރު ކަމުގައި އަދި ނަޝީދުގެ
ވެރިކަމުގައި ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަންވެސް އެތައް މިލިއަން
ރުފިޔާއެއް ކޮންމެ މަހަކު ހަރަދު ކުރަން ވަނީ ޖެހިފައެވެ.
ވީމާ
މިހާރު ރައީސް ވަހީދު ވަމުންދާ ވައުދުތަކަކީ ފުއްދޭނެ ވައުދުތަކެއް
ނޫނެވެ. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ރައްޔިތުންގެ ޖަޒުބާތުތަކާއި
ކުޅުމުގެ ބަދަލުގައި ދައުލަތުގެ ބަޖެޓްގެ މައްސަލަ ހަމައަކަށް
އަޅުވަންވީއެވެ. ރިކަރަންޓް ހަރަދު ކުޑަކުރާނެ ގޮތެއް ހޯދަންވީއެވެ. ހުސް ސިޔާސީ އެޑްވައިޒަރުން ލައިގެން ސިޔާސީ ވައުދު ވިޔަކަސް އެ ވައުދުތަކުން ރިހަ ކެކުމަކީ ވާނެ ކަމެއްނޫނެވެ. ރައްޔިތުން އަޑު އަހަން ބޭނުންވާ ވާހަކަ ދެއްކުމަކީ ކޮންމެ ސިޔާސީ ލީޑަރަކަށްވެސް ކުރަން އެންމެ ފަސޭހަ ކަންތަކެވެ.
އަމުދުން ބޮޑެތި ލޯނުތައް ނުނަގައި އަދި ހަރުމުދާ ނުވިއްކައި،
ހަމަ އެއާއެކު ދަރަނި ބަޖެޓެއްގައި ސިޔާސީ ވައުދުތައް ފުއްދުމަކީ
އިމްޕޮސިބަލް ކަމެކެވެ. މިފަދަ ގޮތަކަށް ރައީސް ވަހީދު ރަށް ރަށަށް އަރައި
ވާހަކަ ދެއްކުމުން އަރިހުގައި ތިބި ސިޔާސީ އެޑްވައިޒަރުންގެ
ނުކުޅެދުންތެރިކަން ނޫން އެހެން ކަމެއް ނުފެނެއެވެ.
Comments