ޖީއެމްއާރަށް މާލޭގެ މައި ދޮރާށި ވިއްކާލީ ވަރަށް ބޮޑު ކޮރަޕްޓް
ޑީލަކުންކަމަށް ބުނެ ތިމަންނާމެނަށް
ވެރިކަން ލިބޭ ދުވަހަކުން ޖީއެމްއާރާއި އެކު ހަދާފައިވާ ޑީލް ރިވާސްކުރާނެކަމަށް ކުރީގެ އިދިކޮޅު ފަރާތްތަކުން
އޭރު ތަކުރާރުކޮށް ބުނަމުން
ގެންދިޔައެވެ. އެހެންނަމަވެސް ޖީއެމްއާރަކީ އިންޑިޔާ ސަރުކާރު ކަމާއި، އިންޑިޔާ ސަރުކާރާއި ކުޅުމަކީ ދިވެހި ސަރުކާރަށްވެސް ފަސޭހަކަމަކަށް ނުވާނެކަމަށް އޭރުވެސް ގިނަބަޔަކު
ގަބޫލުކުރަމުންދިޔައެވެ.
ކަންދިމާކުރިގޮތުން
ނަޝީދުގެ ވެރިކަމުގެ 5 އަހަރުގެ ދައުރު ހަމަނުވަނީސް އެއްކަލަ އިދިކޮޅު އެންމެންނަށް ސަރުކާރު މިއޮތީ
ލިބިފައެވެ. ހަމަ ހިތަކަށް ލިބިފައެވެ. އެހެންކަމުން 5 އަހަރު ހަމަވުމުގެ މާކުރިން ވެރިކަން ލިބުމުން އެއާޕޯޓް
ހޯދުމަށް ފަސޭހަވާނެކަމަށް ބަލަންޖެހެއެވެ.
ނަމަވެސް ސަރުކާރުން މިހާރު ކިޔަންފަށާފައިވަނީ މުޅިން އެހެން
ލަވައެކެވެ. ކުރިން ކީހާޅެން ވީ ފަރިއްސަށެވެ. ހާއްސަކޮށް އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރުގެ ރާގު މުޅިން
ބަދަލުވެއްޖެއެވެ. އާޒިމާގެ
އިތުރުން ޖީއެމްއާރު މައްސަލައިގަ މީގެ ކުރިން ވަރަށް ސާބިތުކަމާއެކު ވާހަކަދެއްކި އެންމެން ކަހަލަގޮތަކަށް ރާގު ބަދަލުކޮށްފިއެވެ.
މި އެންމެން ރާގާއި ލަވަ ބަދަލުކުރިޔަސް ކަން
ހިނގާފައިވާގޮތައް ބަދަލެއް
ނާދެއެވެ.
ކުރީ ސަރުކާރުން ތެޅިފޮޅިގަނެގެން އެއާޕޯޓް ދޫކޮށްލުމުގެ ކުރިން ވަރަށް ގިނަ ކަންކަން ހިނގިއެވެ. އޭގެ ތެރޭގައި
ތިރީގައިމިވާ ކަންކަން ހިމެނެއެވެ.
މިއީ ރައްޔިތުންގެ ލޯ ކުރިމަތީގައި ހިނގި ކަންކަމެވެ.
- ޖީއެމްއާރަށް އެއާޕޯޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް، އަދި ޤާނޫނާއި ގަވާއިދާއި ހިލާފް ކަންތައްތަކެއް ހިނގާކަމަށްބުނެ، 26 ޖޫން 2010 ވަނަ ދުވަހުގެ ރޭ މަޖިލީހުގެ މެޖޯރިޓީ އޭރު ކޮންޓްރޯލް ކުރަމުންދިޔަ ޕާޓީތަކުގެ ލީޑަރުން އާންމުންގެ ކުރިމަތީގައި އެއްބަސްވުމެއް ވިއެވެ. ލީޑަރުން އެއްބަސްވި ކަންތައްތަކުގެ ތެރޭގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓާ ބެހޭ ވަކި ޤާނޫނެއް މަޖިލީހަށް ހުށަހެޅުން، ޖީއެމްއާރު ޑީލު ނިންމުމަށް އޭރުގެ ސަރުކާރުން ކުރަމުންދިޔަ ޤާނޫނާއި ހިލާފު ކަންތައްތަކަށް ކޯޓު ތަކުގައި ޗެލެންޖުކުރުން، އޭސީސީ އަށް މައްސަލަ ހުށަހެޅުން އަދި އޭސީސީ މެދުވެރިކޮށް ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާގޮތައް ކޮށްފައިވާ ކަންކަން ބެލުން އަދި އެކަމުގައި އިސްކޮށްއުޅޭ ކެބިނެޓް މިނިސްޓަރުންގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުން ހިމެނެއެވެ.
- 28 ޖޫން ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ 42 ވޯޓާ އެކު މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނައެވެ. އެ އިސްލާހު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ބަޔާންކުރާ ގޮތެއްގެ މަތިން ނޫނީ ދައުލަތުގެ އެއްވެސް މުދަލެއް އެއްވެސް ފަރާތަަކަށް ކުއްޔަށް ނުދެވޭނެއެވެ.
- އެއާޕޯޓަށް ހުށަހެޅި ޕްރޮޕޯސަލްތައް އިވޭލުއޭޓް ކުރި ގޮތް އަދި ޕްރޮޕޯސަލްތަކާއި ބެހޭ މައުލޫމާތު މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ބޯޑަށް ނޭނގޭކަމަށް ބުނެ ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ޑީލުގައި ސޮއިކުރުމަށް އެމްއޭސީއެލްގެ އޭރުގެ ޗެއާމަން އިބްރާހިމް ނޫރައްދީން ދެކޮޅުހެދިއެވެ. އަދި ސަރުކާރުން ފިއްތުންތައް ކުރިމަތިކުރުމުން މަގާމުން އިސްތިއުފާދިނެވެ.
- އެއާޕޯޓް ޖީއެމްއާރަށް ދިން ދުވަހު ޕްރޮޕޯސަލް ހުށަހެޅި އެހެން ކުންފުންޏަކުން ޕްރޮޕޯސަލްތައް އަލުން ދިރާސާކުރުމަށް ގޮވާލިއެވެ.
ޖީއެމްއާރުން އެއާޕޯޓާއި ހަވާލުވުމުގެ އެގްރީމެންޓުގައި ސޮއިކުރީ
މިހުރިހާކަމެއްގެ ތެރެއިންނެވެ. ޖީއެމްއާރު ކަހަލަ
އިންޑިޔާގެ ޕޮލިޓީޝަނުންގެ ބްލެކް މަނީ
ވައިޓް
ކުރާ މާފިޔާ ކުންފުންޏަކުންނޫނީ އެ ހާލަތުގައި ދިވެހި ސަރުކާރާއެކު އެފަދަ އެގްރީމެންޓެއް ނުކުރާނެއެވެ. އެވަރުގެ
ފައިނޭންޝަލް ރިސްކެއް އެނގިތިބެ
ނެގުމަކީ ޕްރޮފެޝަނަލް އަދި ޒިއްމާދާރު ކުންފުންޏަކުން ކުރާނެކަމެއްނޫނެވެ.
ޑީލް ނިންމީ އެންމެފަހުން އެކަމަށްޓަކައި އެމްއޭސީއެލްއަށް
އައްޔަންކުރެވުނު ޗެއާމަނެއްގެ ރަބާ ސްޓޭމްޕާއެކުއެވެ.
އަދި އެވަރަކުންވެސް ނިމުނީއެއްނޫނެވެ.
އެ ހިސާބުންވެސް ޤާނޫނީ ޗެލެންޖުތަކެއް ކުރިމަތިވާނެކަން އެނގޭތީ މުޅި ކެބިނެޓް އެއްކޮށް އިސްތިއުފާދީ، ސިޔާސީ
ލީޑަރުން ހައްޔަރުކުރީވެސް ރައްޔިތުންގެ މަޖިލިސް
ތެރެއިން އަދި ޝަރުއީ ދާއިރާގެ
ތެރެއިން
ޖީއެމްއާރު ޑީލް ރިވާސް ކުރިޔަނުދޭންވެގެންނެވެ.
މިހުރިހާ ކަމަކީވެސް ރޯމާ ދުވާލު ހިނގާފައިވާ ކަންކަމެވެ.
އެހެންކަމުން މިއަދު ސަރުކާރު
ލިބުނީމާ ރާގު ބަދަލުވިޔަކަސް ގަބޫލެއް ނުކުރެވޭނެއެވެ. މިއަދު ޓްރޭޑް މިނިސްޓަރު
އަހުމަދު މުހައްމަދު ބުނީ އެއާޕޯޓް ވިއްކާލީ ބަޖެޓަށް ބޭނުންވާ 1 ބިލިއަން ރުފިޔާ
ހޯދުމަށް ކަމަށެވެ.
މިއަދު
ބުނަނީ "މިކަމުގައި ޒިންމާވާ މީހާ އަޅުގަނޑުމެންނަށް ޒިންމާ ކުރުވިދާނެ. އެކަމަކު އެ މީހާ އަތުން އަޅުގަނޑުމެންނަށް
700 މިލިއަން ޑޮލަރު އަތުލެވޭނެތޯ؟"،
މިހިންނެވެ.
މިއަދު އިތުރު ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. އެގްރީމެންޓުގެ
ސަބަބުން ދައުލަތައް ލިބޭ ގެއްލުމުުގެ ވާހަކަ
އިތުރަށް ދައްކާނެކަމެއް ނެތެވެ.
އެންމެ ފުރަތަމަވެސް ކުރަންވީ ކަމަކީ ތިޑީލުގައި ޤާނޫނުތަކާއި
ހިލާފަށް ބަޔަކު އަމަލުކޮށްފައިވާނަމަ އެ އެންމެންގެ
މައްޗަށް ދައުވާ ކުރަންވީއެވެ.
އެމްއޭސީއެލްގެ
އޭރުގެ ބޯޑު މެމްބަރެއް ކުރީ ސަރުކާރުގެ މިނިސްޓަރެއް ތަފާތު ކުރުމެއްނެތި ޤާނޫނާއި ހިލާފު އަމަލެއް ކުރީވިއްޔާ
ދައުވާކުރާށެވެ.
ނަޝީދު
އެމްއޭސީއެލްގެ ބޯޑު ބަދަލުކޮށް، ގޮނޑިކޮއްކޮ ބޯޑެއް އައްޔަންކުރީ ކުންފުނިތަކާއި
ބެހޭ ޤާނޫނާއި އެއްގޮތައް ހެއްޔެވެ؟
އެއާޕޯޓުގެ ހުރިހާ އެސެޓުތަކެއް ޖީއެމްއާރަށް ދީފައިވާކަމަށް ބުނުމުގެ
ބަދަލުގައި އެކަން ކޮށްފައިވަނީ ކުންފުނިތަކުގެ ޤާނޫނާއި
އެއްގޮތައްތޯ ބެލުމަށްފަހު
ފިޔަވަޅު
އަޅަންވީނޫންހެއްޔެވެ؟
މި ކަންކަން ނުކޮށްތިބެ މިހާރު ކިތަންމެ ވާހަކައެއް
ދެއްކިޔަސް ސަރުކާރުގެ ނިޔަތް ރަނގަޅު
ކަމާއިމެދު ސުވާލު އުފެދެއެވެ. އަދި ސަރުކާރުގައި ހިމެނޭ އިސް މީހުންތަކެއް އަމިއްލަ މަސްލަހަތު ކުރިއަށް ނެރެނީ
ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. މި ސަރުކާރަށް
އިންޑިޔާ ސަރުކާރުގެ ނުފޫޒު ގަދަކަމުން
އެއާޕޯޓް
އަތުނުލެވިދާނެއެވެ. ނަމަވެސް ދައުލަތައް ބޮޑު ގެއްލުމެއް ލިބުނު ޑީލުގައި ޤާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް
އަމަލުކޮށްފައިވާ މީހުންނާއި މެދު ފިޔަވަޅު އެޅުމަކީ
މިސަރުކާރަށް ކުރެވޭނެ ކަމެކެވެ.
އެހެންނޫނީ
ޤާނޫނާއި ގަވާއިދުތަކާއި ހިލާފަށް ތެޅިފޮޅިގަނެގެން ބޮޑެތި ޑީލްތައް
ނިންމާލުމަށްވެސް ހުއްޓުމެއް ނާންނާނެއެވެ.
ރާއްޖޭގައި މިހާރު ފެތުރިފައިމިވަނީ ވަރަށް ނުބައި ކޮރަޕްޝަނުގެ
ވަބާއެކެވެ. ހަގީގަތުގައި ކޮރަޕްޝަނަށްވުރެ ބޮޑަށް
ބުނެވޭނީ ވައްކަމުގެ ވަބާއެއް
ކަމަށެވެ.
މިހާރު ކޮންމެ މީހަކުވެސް ރާވަނީ އެމީހަކަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ބޮޑު ޑީލެއް ނިންމާލުމަށެވެ. ދެން އޮންނަނީ ނިންމާލުމަށްފަހު ސިޔާސީ މީހުންގެ ނުފޫޒު އަދި ފައިސާ
ބޭނުންކޮށްގެން ޤާނޫނުގެ ދަންމަޅިން ސަލާމަތްވުމެވެ.
ދެން އޮންނަނީ އެއަށްފަހު މުޅި އުމުރު
ދުވަހު
އަރާމުގައި އުޅުމެވެ.
މި ސަގާފަތް ހުއްޓުވޭނީ ރަނގަޅު މިސާލެއް
ކްރިއޭޓްކުރެވިގެންނެވެ.
އެހެންކަމުން
ޖީއެމްއާރޭ ކިޔައިގެން ދެއިރު ދެދަޅައަށް އިންޓަވިއު ނުދީ މިކަމުގައި ޤާނޫނާއި ގަވާއިދުތަކާއި ހިލާފުވެފަވާ
މީހުންނަށް ފިޔަވަޅު އަޅާށެވެ.
ސަރުކާރުގެ ހުރި އިހްލާސްތެރިކަން އެނގޭނީ އޭރުންނެވެ.
މަގުމަތީގައި އުޅޭ ނިކަމެތި ކެނައިން ގެންގޮސް ޖަލަށް އަޅާ ޖަލު
ފުރާލެވިދާނެއެވެ. ނަމަވެސް
އެންމެ ބޮޑެތި ވަގުން ވީއްލިފައި އަރާމުގައި އުޅޭ ގައުމަކަށް ދިވެހިރާއްޖެ ވެފަ އޮންނަހާ ހިނދަކު އަމާންކަމާއި،
ސުލްހަމަސަލަސްކަމުގެ ވާހަކަ
ދެއްކުމުގެ ބޭނުމެއްނެތެވެ.
Comments