ސައުދުއްﷲ އަލީ
އިސްލާމް ދީނުގެ ޚާއްސަ އެއް ސިފައަކީ ދީނުގެ
އެންމެހާ ކަންކަމުގައި ވަކިއަތަކަށް
ބުރަނުވެ ވަޒަން ހިފެހެއްޓުމާއި މެދުމިންވުމެވެ. މީގެ ދަށުން ހިމެނޭ އެއް ކަމަކީ، އިބާދާތަށް ހާއްސަ އިނާޔަތެއް ދޭއިރު
އަހުލާގު އިހުމާލުނުކުރުމެވެ. ޢިބާދާތަށް
އެންމެ ބޮޑު އަހަންމިއްޔަތެއް ދޭ ދީނަކީ އިސްލާމް ދީނެވެ. މުޅި އިސްލާމްކަން އެ ރުކުންތަކެއްގެ މައްޗަށް ބިނާވެފައިވާ ރުކުންތަކަކީ ވެސް ޝަހާދަތުގެ ދެކަލިމަ އަށް
ފަހު މުޅިން ވެސް އިބާދާތެވެ.
ނަމާދާއި ރޯދައާއި ޒަކާތާއި ހައްޖެވެ. އަދި
މިއަޅުކަންތަކަށް އިތުރު ފުރިހަމަކަން
ގެނެސްދޭ ޒިކުރުކުރުމާއި ދުއާކުރުމާއި ޤުރުއާން ކިޔެވުން ފަދަ ކަންކަމެވެ. މި އަޅުކަންތަކަށް އިސްލާމް ދީން
އަހަންމިއްޔަތުކަން ދޭ އިރު އަނެއްކޮޅުން
އަޚުލާގަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް އިސްލާމް ދީން ދެ އެވެ. މިކަން މުސްލިމުން ދަންނަން ޖެހޭނެ އެވެ.
އިސްލާމް ދީނުގައިވާ ޢިބާދާތުން އިންސާނާގެ ރޫހާނީ
ބަޔަށް ވަރަށް މުހިންމު ކާނާއެއް ލިބެ އެވެ.
އަދި އިންސާނާގެ ދިރިއުޅުމުގެ ހަޔާތުގައި ކޮންމެ ތަނެއްގައި ވިއަސް ކޮންމެ ވަގުތެއްގައި ވިއަސް އަދި ކޮންމެ
ހާލަތެއްގައި ވިއަސް މާތްﷲއާ އަބަދުވެސް
ގުޅުވައިދެ އެވެ. އިންސާނާ އެކަހެރިވެ ހުއްޓަސް މީހުންގެ ތެރޭ ހުއްޓަސް ރަށުގައި ގާއިމުވެ ހުއްޓަސް
ދަތުރެއްގެ މަތީ އުޅުނަސް ހަނގުރާމައިގައި ވިއަސް
އަމާން ހާލަތުގައި ވިއަސް ބަލި ހާލަތުގައި ވިއަސް ފުރިހަމަ ސިއްހަތުގައި ހުންނަ އިރު ވިއަސް ފަގީރުވިއަސް މުއްސަދިކަމުގައި ވިއަސް މިގުޅުން ދެމިއޮވެ އެވެ.
ސަބަބަކީ ކޮންމެ ރެއަކާއި ދުވާލަކު ފަސްފަހަރު
ފަރުޟު ނަމާދުކުރަން ޖެހެއެވެ. އެއިން
ކޮންމެ ފަހަރަކުވެސް ބަންގީގެ އަޑު އިވުމާ އެކު ދުނިޔަވީ ހުރިހާ ކަމެއް އެއްފަރާތަށް ޖައްސާލާފައި ﷲގެ ހަޒްރަތުގައި
މިނިޓުކޮޅެއް ހޭދަ ކުރުމަށް ދެއެވެ.
އެވަގުތުކޮޅުގެ ތެރޭގައި ﷲ ގެ އަމުރުތަކަށް ކިޔަމަންވާނެކަމުގެ އަހުދު ކަށަވަރު ކުރުމާއި
އެކަލާނގެއަށް ޝުކުރުވެރިވުމާއި ސީދާވެގެންވާ
މަގަށް ހިދާޔަތު ދެއްވުމަށް އެދުމާއި ދުނިޔަވީ އަދި
އުޙުރަވީ ހަޔާތަށް ބޭނުންވާ ކަންކަމުގެ ވާހަކަ އެކަލާނގެ ހަޒްރަތުގައި ދަންނަވައެވެ.
ނަމާދުގެ އިތުރުން ދުޢާކުރުމާއި ޒިކުރު ކުރުމުގެ
ތެރެއިން ރެއާދުވާލުގެ ގާތްގަނޑަކަށް ހުރިހާ
ވަގުތަކީ ﷲއާ އޮންނަ ގުޅުން ދެމެހެއްޓިގެންދާ ވަގުތުތަކެއް ކަމުގައި ވެދެއެވެ. މިގޮތުން ކެއުމާއި އެނޫންވެސް
ކަންކަން ފަށްޓަނީ އެކަލާނގެ
އިސްމުފުޅުންނެވެ. ނިންމަނީ އެކަލާނގެއަށް ހަމްދު ކުރަމުންނެވެ. ނިދަނީ އެކަލާނގެ އިސްމުފުޅުންނެވެ. ނިދިން
ހޭލަނީ އެކަލާނގެއަށް ހަމްދު
ކުރަމުންނެވެ. ދަތުރުގެ ސަވާރީ އަށް އަރަނީ އެކަލާނގެއަށް ތަސްބީހަ ކިޔަމުންނެވެ. ދަތުރު ފަށްޓަނީ
ހެޔޮކަމާއި ތަގުވާ އެދަތުރުން ހާސިލު
ކުރުމަށް އެދެމުންނެވެ.
ޤަޟާޙާޖާ ކުރަން ވަންނަނީ ޝައިތާނުންގެ ކިބައިން
ރައްކާތެރި ކޮށްދެއްވުމަށް އެކަލާނގެ
ހަޒްރަތުގައި އެދެމުނުްނެވެ. އެކަން ނިންމަނީ ﷲގެ ހަޒްރަތުން ފާފަ ފުއްސެވުމަށް އެދެމުންނެވެ. މިހެންގޮސް
ހަމަ ކޮންމެ ހަރަކާތެއް ނުވަތަ
ހަނުހުރުމެއްގައި މުސްލިމް އިންސާނާ ﷲއާ ގުޅުން ދަމަހައްޓައެވެ. އެންމެކުޑަމިނުން ދެމަފިރިން އެއްދާން
ކުރަނީވެސް ﷲގެ އިސްމުފުޅުން ފަށައިގެންނެވެ.
އަދި ލިބޭ ދަރިން ޝައިތާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދެމުންނެވެ.
ކޮންމެ ދުވަހެއްގައި ﷲއާ މިއޮންނަ ގުޅުން ވަކިން
ބޮޑަށް ބަދަހިވެގެންދާ ދުވަސްތައް އަހަރުގެ
ތެރޭގައި އާދެއެވެ. މިގޮތުން އަހަރަކު އެއް މަސްވަންދެން ހިފާ ރޯދައަކީ ﷲގެ އަމުރުތަކަށް
ކިޔަމަންވުމާއި އެފަރާތް ޒިކުރު
ކުރުމުގައި މުޅި މަސް އެކީ ވަރަށް ހާއްސަ ފޯރިއަކާ އެކު ހޭދަކުރާ ދުވަސްތަކެކެވެ. ހައްޖުގެ އަޅުކަމަކީ އިސްވެދިޔަ
ޒަމާންތަކުގައި ﷲއަށް ކިޔަމަންތެރިކަން
އަދާކުރި ބަޔަކާ އެއްފަދައިން ﷲއާ ވަރުގަދަ ގުޅުމަކުން ގުޅާލަން ލިބޭ ފުރުސަތެކެވެ.
ނަމަވެސް ޢިބާދާތުގެ މިހުރިހާ ޢަމަލުތަކަކުން ވެސް
އިސްލާމްދީން ބޭނުންވަނީ ހަމައެކަނި ބޭރުފުށުން
ފެންނަ ހަރަކާތްތަކަކާއި އިއްވާ އަޑުތަކެއް
ނޫނެވެ. އެކަމަކު އެއާ އެކު އެ އަޅުކަންތަކުގައި ހިމެނޭ ރޫހާނީބަޔާ އެކު އެކަން ކުރުމަށެވެ. އިހުލާސްތެރިކަމާއި
ﷲއަށް ބިރުވެތިވުމާއި މަޑުމޮޅިވުން
އެކަންކަމުގައި އެކުލެވިފައި ވުމަށެވެ. މާތްﷲ އަންގަވަނީ އެކަލާނގެއަށް ޚާލިޞް ކުރެވޭ ގޮތުގައި ނޫނީ
އަޅުކަން ކުރުމަށް އެކަލާނގެ ނުއަންގަވާ
ކަމަށެވެ. ކަންދެއްކުމާއި މަކަރު ހެދުން އެކުލެވޭ އަޅުކަމެއް އިސްލާމްދީން ބޭނުމެއް ނުވެއެވެ. އިޖުތިމާއީ
އާދަކާދައެއް ފުރިހަމަ ކޮށްލުމަށް ނުވަތަ
އެހެންމީހުންގެ ދުލުން ހެޔޮބަހެއް ހޯދުމަށް ކުރާ އަޅުކަންތަކެއްވެސް ބޭނުމެއް ނުވެއެވެ. އެކަލާނގެ
ގަބޫލު ކުރައްވާނީ ތަގުވާވެރިންގެ
ކިބައިންނެވެ. ވީމާ އިސްލާމްދީން ބޭނުންވަނީ ސާފު ހާލިސް އަޅުކަމެވެ. އެފަދަ އަޅުކަމުން މެނުވީ ނަފްސު ތަޒުކިޔާ
ނުކުރެވޭނެ އެވެ. އަޅުކަމުގެ އަހުލާގީ މަންފާއެއް
ނުކުރާނެއެވެ. ރޫހާނީ ތަރައްގީއެއް ނުގެނެވޭނެ
އެވެ.
އިސްލާމްދީނުގައި އިބާދާތުތައް ފަރުޟު ކުރެވިފައި
ވަނީ ވަރަށް ބޮޑު ބޭނުމެއްގައެވެ. އެއީ
އިސްލާހުކޮށް ތަގުވާވެރި ކުރުވުމެވެ. މިގޮތުން ނަމާދާ މެދު މާތްﷲ އަންގަވަނީ ނަމާދު ފާޙިޝް ކަންތައްތަކާއި
މުންކަރާތްތައް ނަހީކުރާނެ ކަމުގައެވެ. އަދި
ނަމާދުކޮށް އެކަމުގައި ދެމިތިބޭ މީހުންނަކީ އެމީހުންނަށް ދިރިއުޅުމުގައި ނުބައި ކަމެއް މެދުވެރިވިއަސް
ކެތްތެރިކަން ކުޑަވެގެން އުޅޭނެ، އަދި
ތަނަވަސްކަމެއް ލިބުނަސް އެއިން ހޭދަކުރުމުން މަނާވެގަންނާނެ ބައެއް ނޫން ކަމަށެވެ.
ޒަކާތާ ބެހޭ ގޮތުން މާތްﷲ އަންގަވަނީ އޭގެ ސަބަބުން
އެބައިމީހުން ތާހިރު ކުރައްވާނޭ، އަދި
އެބައިމީހުންނަށް ހެޔޮކަން އިތުރުކޮށްދެއްވާނެ ޞަދަގާތެއް އެބައިމީހުންގެ މުދަލުން ނެގުމަށެވެ. ރޯދައާ ބެހޭ ގޮތުން
އަންގަވަނީ ރޯދަ ފަރުޟުކުރެއްވީ ތަގުވާވެރި
ވުމަށްޓަކައި ކަމަށެވެ. ހައްޖުގެ އަޅުކަމާ ބެހޭ ގޮތުން އަންގަވަނީ އެދަތުރުމަތީގެ ކޮއްތު ލިބިގަތުމަށާއި
އެންމެ ހެޔޮކަން ބޮޑުވެގެންވާ ކޮއްތަކީ ތަގުވާ
ކަމުގައެވެ.
މިމަގުސަދުތައް އިބާދާތުން ހާސިލު ނުވާ ނަމަ އޭގެ
މާނައަކީ އެއަޅުކަންތަކުގެ ހަގީގަތް
ގެއްލިދާފަދަ ފާސިދުކަމެއް ނުވަތަ މަކަރެއް އޭގެ ތެރެއަށް ވަދެފިކަމެވެ. މިކަން މިހެން ވިޔަނުދިނުމަށް
ކީރިތި ރަސޫލާ ވަރަށް ބޮޑަށް ބާރު އަޅުއްވައެވެ.
މިގޮތުން ރޯދަވެރިންގެ ތެރޭގައި ރޯދައިން ބަނޑުހައިވުމާއި ކަރުހިއްކުން ނޫން ކަމެއް ނުލިބޭ ރޯދަވެރިން ވާކަން ބަޔާން ކުރެއްވިއެވެ.
ރޭއަޅުކަން ކުރާ މީހުންގެ ތެރޭގައިވެސް ނިދިކޮޅު
ގެއްލުވާލުން ނޫންކަމެއް ހާސިލު ނުވާ
މީހުން ތިބޭކަން ބަޔާން ކުރެއްވިއެވެ. އަދި ފާހިޝް ކަންތަކާއި މުންކަރާތްތައް އެމީހެއްގެ ނަމާދުގެ ސަބަބުން ނުހުއްޓޭ
މީހާއަށް ނަމާދެއް ނުވާކަން ބަޔާން
ކުރެއްވިއެވެ.
މިފަދަ ބޮޑު އިނާޔަތެއް އިބާދާތަށް
އިސްލާމްދީނުގައި ދީފައިވާއިރު ރިވެތި އަހުލާގީ ސިފަތަކުގެ މަތިން އިސްލާމްދީން ޣާފިލެއް ނުވެއެވެ. އަދިކިއެއްތަ، އެކަމަކީ ޢަޤީދާއާއި ޝަރީޢާއާ އެކު ހިމެނޭ އިސްލާމްދީނުގެ މައިގަނޑު ތިންބައިން އެއްބައެވެ. އަދި އެއީ އީމާންކަމުގެ
ބައިކުޅަބައެކެވެ.
ކީރިތި ރަސޫލާ ހަދީސްކުރައްވަނީ އީމާންކަމަކީ
ފަސްދޮޅަސް އެތައް (ނުވަތަ ހަތްދިހަ
އެތައް) ބައި އޭގައި އެކުލެވޭ ކަމެއް ކަމަށާއި އޭގެ ތެރެއިން އެންމެ މަތިވެރި ވެގެންވަނީ ތައުހީދުގެ ކަލިމަ ކަމަށާއި
އެންމެ އާދައިގެ ކަމަކީ މަގުމަތިން މީހުންނަށް
އުނދަގޫވެދާނެ ފަދަ ކަންކަން ނައްތާލުން ކަމަށެވެ. އަދި ލަދުވެތިކަމަކީ ވެސް އީމާންތެރިކަމުގެ ބައެއް ކަމަށެވެ.
މިގޮތުން އިސްލާމްދީން އިބާދާތަށް
އަހަންމިއްޔަތުކަންދޭއިރު އަޚުލާގު އިހުމާލު
ނުކުރާކަން ހާމަވާ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ.
Comments