Skip to main content

ކިހުނުވުން

ކިހުނުވުން  (Gonorrhea) ނުވަތަ ކިހުނުވުމަކީ ބެކްޓީރިޔާ އަކުން ޖެހޭ ޖިންސީ ގުޅުމުގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. މިއީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ފިރިހެނުންނަށް ކިހުނުވުމުގެ އަސަރު ބޮޑަށް ފެންނަނީ ކުޑަކަމުދާ ހޮޅި ންނެވެ. އަންހެނުންނަށް ކިހުނުވުން ބޮޑަށް ކުރިމަތިވަނީ ކުޑަކަމުދާ ހޮޅި ނުވަތަ ރަހިމުގެ ކަރަށެވެ. އަންހެނުންނަށް މިދެބައިން އެއްކޮށް އެއްފަހަރާ ކިހުނުވުމުގެ އަސަރު ފެނުމަކީ ވެސް ވެދާނެ ގޮތެކެވެ. މީގެ އިތުރުން ދެޖިންސުގެ މީހުންނަށް ވެސް ފުރަގަސްފަރާތް، ފުރަގަސްފަރާތު ދޮރު، އަނގަ، ކަރުތެރެ، އަދި ނަސްލުއުފައްދާ ނިޒާމްގެ ބައިތަކަށް ކިހުނުގެ އަސަރު ފޯރުމަކީ ވެދާނެ ކަމެކެވެ. ވަރަށް މަދު ފަހަރަކު ލޮލަށް ވެސް ކިހުނުގެ އަސަރު ފޯރާގޮތް ވެއެވެ.


ސަބަބު
ކިހުނުވުމަކީ ބެކްޓީރިއާގެ ވައްތަރެއް ކަމުގައިވާ ''ނައިސީރިއާ ގޮނޯކޯކަސް''(Neisseria gonnococcus) އޭ ކިޔޭ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔެކެވެ.

ކިހުނުވުން ޖެހޭގޮތް
·        ބަލިޖެހިފައިވާ މީހަކާ އެކު އެއްވެސް ސިފައެއްގައި (ކުރިމަތިފަރާތް، ފުރަގަސްފަރާތް ނުވަތަ އަނގައިގެ ޒަރިއްޔާއިން) ޖިންސީ  ގުޅުން ހިންގުން
·        ބަލިޖެހިފައިވާ މައިމީހާގެ ފަރާތުން ކުޑަދަރިފުޅަށް ކިހުނުވުން ޖެހުން
·        ބަލިޖެހިފައިވާ މީހަކު ބޭނުންކުރާ ތުވާލި ފަދަ އެއްޗެއް ބޭނުންކުރުން
·        ޢާންމު ފާޚާނާ ބަރިތަކުން ފާޚާނާ ކުރުން ފަދަ ކަމެއްގެ ތެރޭގައި ބަލި ޖައްސާ ޖަރާސީމް ހަށިގަނޑަށް ވާޞިލްވުން


ކިހުނުވުން މެދުވެރިކުރުވާ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު އެމީހެއްގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރަމުން ގެންދާނެ އެވެ. އަދި އެމީހާ ބައްޔަށް ފަރުވާ ނުކުރާހާ ހިނދަކު އެމީހެއްގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރުވާނެ އެވެ. އެއްފަހަރު ކިހުނުވުމަކީ ދެވަނަ ފަހަރު ކިހުވުމުން ރައްކާތެރިކޮށްދޭނޭ ކަމެއް ނޫނެވެ.

ކިހުނުވުމުން ފެނިދާނެ އަލާމާތްތައް
ވަރަށް ގިނަ މީހުންނަށް ކިހުނުވުން ކުރިމަތިވި ނަމަވެސް އެއްވެސް އަލާމާތެއް ނުފެނި ދިއުމަކީ ވެދާނެ ގޮތެކެވެ.
އަލާމާތްތައް ފެންނައިރު ފުރަތަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ކުޑަކަމުދާއިރު ތަދުވެ، ދިލަނެގުން، ފުރަގަސް ފަރާތު ދޮރު ކައިރި ހިރުވުން، ނުވަތަ ފުރަގަސް ފަރާތު ދޮރުން ލޭއައުން، ފިރިހެންހަށި ނުވަތަ އަންހެނާގެ ކުރިމަތި ފަރާތުން ރީނދޫ ކުލައަށް ހުންނަ ދޮސްފާނޑުގެ ދިޔައެއް އައުން ހިމެނެއެވެ.


ފިރިހެނުން ކިހުނުވުން
މިޖަރާސީމްގެ ސަބަބުން އިންފެކްޝަން އަށަގަންނަތާ 14-2 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފާޅުވާން ފަށައެވެ. މިގޮތުން ކުޑަކަމުދާ ހޮޅީގައި އިންފްލެމޭޝަން އުފެދި، ކުރިމަތި ފަރާތުން ދޮސް ފާނޑުގެ ދިޔައެއް އާދެއެވެ. މިގޮތުން އަންނަ ދިޔަ ފުރަތަމަ ހުންނަނީ ސާފު ކިރު ކުލައިގައެވެ. އޭގެ ފަހުން ރީނދޫ ކްރީމް ކުލައިގައެވެ. ދޮސްފާނޑުގެ މިދިޔަ އަންނަ މިންވަރު ދުވަސްވާވަރަކަށް ގިނަވެ، އިތުރުވެއެވެ. އަދި މިދިޔައިގައި ލޭކުލައެއް ބައެއް ފަހަރު ހުރުން އެކަށީގެން ވެއެވެ.  އާދަޔާ ޚިލާފަށް ގިނައިން ކުޑަކަމުދެވި، ކުޑަކަމުދާއިރު ދިލަނަގައި ތަނދުވުން، އަދި ކުރިމަތި ފަރާތް ފާރުވެފައި ހުރުން ފަދަ ކަންތައްތައް ވެސް މެދުވެރި ކުރުވައެވެ.

ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ ބަލި ކުޑަކަމުދާ ހޮޅީގެ ފަހަތުބައި، އަދި މަސާނާގެ ތިރީބަޔާއި ހަމައަށް ފެތުރޭގޮތް ވެއެވެ. މިހެން ދިމާވެއްޖެނަމަ އަވަސް އަވަހަށް ގިނަގިނައިން ކުޑަކަމުދާން ޖެހުން، ކުޑަކަމުދާއިރު ދިލަނަގައި ރިއްސުން، އަދި ކުރިން ބުނިހެން ދޮސްފާނޑުގެ ދިޔައެއް ބޭރުވާގޮތް ވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ ދާއިމީ ބައްޔަކަށް ބަދަލުވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ހެދުނުގެ ތިކި(Morning drop) ނުވަތަ ހެދުނު ހޭލާއިރު ކުރިމަތި ފަރާތުން ގިނައަދަދަކަށް ދޮސް އައުން ފަދަ ކަންތައް މެދުވެރި ވެއެވެ. ކުޑަކަމުދާ ހޮޅި ބެދެއެވެ. އެހޮޅީގެ ވަށައިގެން ދޮސްއެކުލެވޭ އެބްސެސް އުފެދެއެވެ.  އޮށާއި ދަރިފަނި ދަތުރުކުރާ ހޮޅި ބެދި ހަލާކުވެއެވެ.  ދަރިފަނި ރައްކާކުރާ ތަން ހަލާކުވެއެވެ. ޖިންސީ ގުނަވަނުގައިވާ ކައުޕަރ ގްލޭންޑް ހަލާކުވެއެވެ.  ކުޑަކަމުދާ ހޮޅީގައިވާ ލިޓްރީ ގްލޭންޑް ހަލާކުވެއެވެ.  ޖިންސީ ގުނަވަނުގެ ބޯ ނިވައިކޮށްދޭ ހަންގަނޑު (ޚިތާނު ނުކުރާ މީހުންގެ) ގެ ދަށުގައިވާ ޓައިސަން ގްލޭންޑް ހަލާކުވެއެވެ.  މަސާނާ ހަލާކުވެއެވެ.  އަދި ޕްރޮސްޓޭޓް ދުޅަވުން ފަދަ ކަންތައްތައް ވެސް މެދުވެރި ކުރުވައެވެ. އެންމެ އާޚިރު ނަތީޖާއެއްގެ ގޮތުން ދަރިން ނުލިބޭގޮތް މެދުވެރި ވުމަކީ ވެސް ވެދާނެ ގޮތެކެވެ.

ފިރިހެނުން ކިހުނުވުމުން ފަރުވާނުކޮށްފިނަމަ، މަސާނާއަށް ކެންސަރު ޖެހުން ފަދަ ނުރައްކަލެއް މެދުވެރިވުމުގެ ފުރުޞަތު ވެސް ބޮޑުވެއެވެ.

އަންހެނުން ކިހުނުވުން
ކިހުނުވުން ކުރިމަތިވި ނަމަވެސް އެކަން ނޭގި ހުރުމަކީ އަންހެނުންނަށް ވެދާނެ ގޮތެކެވެ. ޢާންމު ގޮތެއްގައި ކިހުނުވުން ކުރިމަތިވާ އަންހެނުންގެ 60 އިންސައްތަ މީހުންނަށް މިކަމުގެ ޢަލާމާތްތައް ނުފެނިދެއެވެ. އެފަދަ މީހުން ކިހުނުވެފައިވާކަން އެގެނީ އޭނާގެ ފިރިމީހާ ނުވަތަ އޭނާއާއެކު ޖިންސީ ގުޅުން ހިންގައިފައިވާ މީހާއަށް ކިހުނުވުން ޖެހިފައިވާ ކަން އެގޭހިނދުއެވެ. މިފަދަ މީހުންނަށް ބައެއް ފަހަރު ކުޑަކަމުދާން އުދަގޫވުން ފަދަ ކަންތަކާއި ކުރިމަތި ލާންޖެހެއެވެ. އަންހެނުންނަށް ކިހުނުގެ އުދަނގޫތައް ފެށިގެން އަންނަނީ ވަރަށް އާދައިގެ ކަންތައްތަކެއްގެ ގޮތުގައި ކަމަށްވުމުން ބައެއް ފަހަރު ކުރިމަތި ފަރާތް ނުވަތަ ކުޑަކަމުދާ ނިޒާމުގެ މައްސަލައެއް ކަމަށް ހީވެ، އޮޅޭގޮތް ވެއެވެ.

ކުޑަކަމުދާ ހޮޅި އަދި ރަހިމުގެ ކަރުތެރޭގައި އިންފްލެމޭޝަން އުފެދެއެވެ. ކުރިމަތި ފަރާތުން އާންމުކޮށް އަންނަ ދިޔަ ފިޔަވައި، ހުދު، ރީދޫ، ނުވަތަ ފެހިކުލައިގެ އެއްޗެއް އައުން،ކުރިމަތި ފަރާތް ހިރުވައި ކަހައި، ކުޑަކަމުދާއިރު ދިލަނަގައި ތަދުވެ ރިއްސުން، ފަދަ ކަންތައްތައް ވެސް މެދުވެރި ކުރުވައެވެ. މީގެ އިތުރުން ދަށްބަނޑުގައި ރިހުން ، ވަރުބަލިވުން، އަދި ހުންއައުން މެދުވެރި ކުރުވައެވެ.

ޙައިޟުގެ މުއްދަތު ދެމިގެން ދިއުން، އަދި މާގިނައިން ލޭއައުމަކީ ވެސް ކިހުނުވުމުން ވެދާނެގޮތެކެވެ. ދެމައްސަރު ދޭތެރޭގައި ލޭފޭބުން، ޖިމާޢުވުމުގެ ތެރޭގައި، އަދި ޖިމާޢުވުމަށްފަހު ވެސް ކުރިމަތި ފަރާތުން ލޭއައުމަކީ ވެސް ވެދާނެ ގޮތެކެވެ.

ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ، ބައެއް ފަހަރު ކިހުނުގެ އަސަރު ރަހިމު، ބިސް ދަތުރުކުރާ ހޮޅި، އަދި ބިސް އުފައްދާ ތަނާއި ހަމައަށް ފެތުރި ބިސް ދަތުރުކުރާ ހޮޅި ބެދޭގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ދަރިން ނުލިބޭގޮތް މެދުވެރިވުމަކީ ވެދާނެ ކަމެކެވެ. މިކަމުގެ ސަބަބުން "ޕެލްވިކް އިންފްލެމޭޓަރީ ޑިޒީސް"(PID) އޭ ކިޔޭ ބަލީގެ ޙާލަތު މެދުވެރި ކުރުވައެވެ. އެކަމުގެ ސަބަބުން ދަރިންނުލިބުން، އަދި ރަހިމުން ބޭރުގައި ގަރުބަގަތުން ފަދަ މައްސަލަތައް ފެންމަތިވެއެވެ.

ބައެއް ފަހަރު ފުރަގަސްފަރާތު ދޮރުގެ ވަށައިގެންވީ ހިސާބު ކަހައި ހިރުވައި، ތަދުވެ، ލޭ ނުވަތަ ދޮސް ފުރަގަސްފަރާތުން އައުމަކީ ވެސް ވެދާނެ ގޮތެކެވެ. ކަރުތެރެ ހަލާކުވުމާއި ލޯރަތްވުމަކީ ވެސް މަދުން ނަމަވެސް ދިމާވެދާނެ ކަންތައްތަކެވެ.

ކިހުނުވެފައިވާކަން ދެނެގަތުން
ތިބާއަށް ކިހުނުވުން ކުރިމަތިވެފައިވާކަން އެނގޭ ހިސާބުން ފެށިގެން އެކަން ތިބާގެ ޙަޔާތުގެ ބައިވެރިޔާ އަށް އަންގަންޖެހޭނެ އެވެ. މީގެ އިތުރުން ގިނަ މީހުންނާއެކު ޖިންސީގުޅުން ހިންގައި އުޅޭ މީހެއްނަމަ، އޭނާ އާއި އެކު ޖިންސީގުޅުން ހިންގާފައިވާ މީހުންނަށް އެކަން އަންގައި އެމީހުން ޓެސްޓުކުރަން އިރުޝާދު ދިނުމަކީ ބޭނުންތެރި ކަމެކެވެ.

ކިހުނުވުން ދެނެގަތުމަށް ބަލިމީހާ ދޭ މައުލޫމާތާއި، ބަލިމީހާގެ ހަށިގަނޑުން ބަލައި ހޯދާ ހޯދުންތައް މުހިއްމު ދައުރެއް އަދާކުރެއެވެ. ޖިންސީ ގުނަވަން ހިމެނޭ ސަރަހައްދު ޑޮކްޓަރުން ބަލައި ހަދާނެއެވެ. އެއީ ޖިންސީގުޅުމުން ޖެހޭ ބަލިތަކުގައި ފެންނަ އަލާމާތްތަކުގެ ތެރެއިން އަލާމާތެއް ފެންނަށް ހުރިތޯ ބެލުމަށެވެ. ކުޑަކަމުދާ ތަކެތި ނުވަތަ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ ދޮސް ފަދަ ތަކެތި ކިހުނުވުން ދެނެގަތުމަށް ޓެސްޓުކުރެވެއެވެ.

އާންމު ގޮތެއްގައި ކިހުނުވުން ކުރިމަތިވުމުން ޑޮކްޓަރަށް ދެއްކުމުން އަންނަނިވި ސުވާލުތައް ޑޮކްޓަރުން އަހައި އޮޅުން ފިލުވާނެ އެވެ.
1.               ޖިންސީގުޅުމުން އަރާ އެއްވެސް ބައްޔެއް ޖެހިފައިވާހެން ހީވޭތޯ؟ އެކަން އެނގުނީ ކިހިނަކުން؟ ބައިވެރިޔާ ބުނީތޯ؟
2.               ކުރިމަތިވެފައިވާ އުދަނގޫތަކަކީކޮބާ؟
3.               ކުރިމަތި ފަރާތުން ހަޑިއެއްޗެތި އާދޭތަ؟ އަންނަނަމަ އޭގެ ކުލަޔާއި ވަހަކީ ކޮބާ؟
4.               ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި ފާރުކޮޅެއް ހުރިތޯ؟
5.               މާގިނައިން ކުޑަކަމުދެވުން، މާގިނައިން ކުޑަކަމުދެވުން، ކުޑަކަމުދާއިރު ރިއްސައި ދިލަނަގާތޯ؟
6.               އާދަޔާ ޚިލާފަށް ދަށްބަނޑުގައި ރިހޭތަ؟
7.               ދޭތެރެ ދުރުކުރުމަށް ބޭނުންކުރަނީ ކޮން ކަހަލަ ވަޞީލަތެއް؟ ޖިންސީގުޅުން ހިންގާއިރު ހުރަސް ބޭނުންކުރަންތޯ؟
8.               ތިބާ ނުވަތަ ތިބާގެ ހަޔާތުގެ ބައިވެރިޔާ އަކީ ޖިންސީގުޅުމުން އަރާ ބަލިތަކަށް މަގުފަހިވާ ފަދަ ޢަމަލުތައް ހިންގާ ފަރާތެއްތަ؟
9.               ކުރިން ޖިންސީ ގުޅުމުން އަރާ ބައްޔެއް ޖެހި ފަރުވާކޮށްފައިވޭތަ؟

ވަރަށް ގިނަ ފަހަރު ކިހުނުވުމާއެކު ޖިންސީގުޅުމުން އަރާ އެހެން ބަލިތައް ޖެހޭގޮތް ވެއެވެ. މިސަބަބާހުރެ ކިހުނުވުމަށް ޓެސްޓުކުރާ އިރު އަންނަނިވި ޖިންސީގުޅުމުން އަރާ ބަލިތަކަށް ޓެސްޓުކުރެވެއެވެ.
1.      ކްލަމީޑިޔާ އިންފެކްޝަން
2.      ސިފިލިސް
3.      ހެޕަޓައިޓިސް ބީ
4.      އޭޑްސް

ކިހުނަށް ފަރުވާކުރުން

އެކަށޭނަ ގޮތުގައި ބަލީގެ ކުރީކޮޅު ފަރުވާ ކުރެއްވިއްޖެނަމަ ކިހުނުވުމަކީ އިތުރު ނުރައްކާތަކެއް ބަލީގެ ސަބަބުން ކުރިމަތިވުމަކާ ނުލައި ރަގަޅު ކުރެވޭނެ ބައްޔެކެވެ. ކިހުނުވުން ފަރުވާ ބޭނުންވާނީ އަންނަނިވި ފަރާތްތަކަށެވެ.

1.      ކިހުނުވުން ދެނެގަތުމަށް ހެދޭ "ގޮނޯރިއާ ޓެސްޓް"(Gonnorrhea test) އަށް ޕޮޒިޓިވްވުން
2.      ކިހުނުޖެހިފައިވާ މީހަކާއެކު ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި ޖިންސީގުޅުން ހިންގާފައިވާ މީހުން
3.      ކިހުނުވެފައިވާ މާބަނޑުމީހުންނަށް ލިބޭ ތުއްތުކުދިން

ކިހުނުވުމުން ފަރުވާ ކުރެވެނީ އެންޓިބަޔޮޓިކްގެ އެހީގައެވެ. އެގޮތުން ޑޮކްޓަރުން ލިޔެދެއްވާ ބޭސް ގަވާޢިދުން ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. އެއްޑޯޒަށްވުރެ ގިނައިން ދީފައިވަނިކޮށް، އެއްބައި ފަހަރު ބޭސް ބޭނުންކޮށްފައި، އަނެއްބައި ފަހަރު ބޭސް ބޭނުން ނުކުރާނަމަ، ބަލި ފަސޭހަނުވެ ހިގައިދާނެކަން ހަދާންކުރަން ޖެހެއެވެ. އަދި ކިހުނަށް ފަރުވާ ކުރުމުގައި ދެމަފިރިންނަށް އެއްކޮށް އެއްވަގުތެއްގައި ފަރުވާކުރުން މުހިއްމެވެ. އެއީ އެކަކަށް ފަރުވާކުރާއިރު އަނެކަކުގެ ގައިގައި ބަލި ހުރުމުގެ ސަބަބުން ބޭސް ބޭނުންކުރަމުންދާ މީހާގެ ގަޔަށް ބަލި އެރިޔަ ނުދިނުމަށްޓަކައެވެ. ބައްޔަށް އަވަހަށް ފަރުވާކުރަން ފެށުމަކީ ބަލި ފަސޭހަވުން އަވަސްވެ، ބަލީގެ ސަބަބުން ކުރިމަތިވާ އުދަނގޫތައް މެދުވެރިވުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ.


ކިހުނުވުމުން ރައްކާތެރިވުން
ކިހުނުވުމުން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

1.      އިސްލާމީ ހަމަތަކާއި އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
2.      އެއްޖިންސުން ގުޅުން ނުހިންގުން
3.      ފުރަގަސްފަރާތުން ޖިންސީގުޅުން ނުހިންގުން
4.      ވަފާތެރި އެކަކު ޚިޔާރުކުރުން
5.      ހަށިނުވިއްކުން
6.      ޙަޔާތުގެ ބައިވެރިއަކަށް ވަފާތެރި އެކަކު ޚިޔާރުކުރުން : ގިނަ މީހުންނާއެކު ޖިންސީ ގުޅުން ހިންގުމަކީ ޖިންސީ ގުޅުމުން ފެތުރޭ ތަފާތު ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރުކޮށް އެކަމަށް މަގުފަހިކުރާނެ ކަމެކެވެ.
7.      ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން : ޖިންސީ ގުޅުން ހިންގާއިރު ހުރަސް ބޭނުންކުރުމަކީ ޖިންސީގުޅުމުން ފެތުރޭ ބަލިތައް ޖެހުމުން ދުރުކޮށްދޭނެ ކަމެކެވެ. ހުރަސް ޚިޔާރު ކުރުމުގައި އަންހެނުންނަށް ޚާއްޞަ ހުރަސް އަދި ފިރިހެނުންނަށް ޚާއްޞަ ހުރަސް ވެސް ބޭނުންކުރެވިދާނެ އެވެ.
8.      ބަލި ޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
9.      ރާބުއިން އަދި މަސްތުވާ ތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންތައްތަކުގެ ސަބަބުން ޣައިރު ޝަރުޢީ ގުޅުންތަކަށް މަގުފަހިކުރުވާތީއެވެ.
10.  މާބަނޑު ދުވަސްވަރު ކިހުނުވުން ޖެހިފައިވޭތޯ ބަލައި ދެނެގަނެ ފަރުވާކުރުން
11.  ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން
12.  ހަޔާތުގެ ބައިވެރިއެއް ހޯދާއިރު އެމީހަކީ ޖިންސީ ގުޅުމުން ޖެހޭ ބައްޔެއް ހުރި މީހެއްތޯ ބެލުން
13.   
މަޢުލޫމާތު:
ü      ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް – ދުނިޔޭގެ އޭޑްސް ދުވަސް 2004– ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2004
ü      ޖިންސީ ގުޅުމުން އަރާ ބަލިތައް - – ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2002
ü      ކަވާސާ.ކޮމް

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.