ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމުގެ މަސައްކަތް ކުރާ ބައެއް މީހުންނާއި، ﷲގެ ހެޔޮ ރަހުމަތުން ދީންވެރިވުމުގައި މަތީ ދަރަޖައަކަށް ދެވިފައި ތިބޭ ބައެއް މީހުންނަށް އެނޫން މީހުން ދީންވެރިވާ ދަރަޖަ ބަލައިގަންނަން ބައެއް ފަހަރު އުދަނގޫވެ އެވެ. އަދި ނަފްރަތާއި ރުޅިވެރިކަން އެމީހުންނާ މެދު ބާއްވަ އެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މިހެން މިވަނީ އެބައި މީހުންގެ އަހުންނަށްޓަކައި ހިތުގައި އޮންނަ ލޯތްބާއި އެ އަހުންނަށް ހެޔޮ ގޮތް މެދުވެރިވާން އެދުމުގެ އިހުސާސް އޮންނަލެއް ބޮޑުކަމުންނެވެ. އެހެން ނަމަވެސް ދެނެގަންނަން ޖެހޭ މުހިންމު ކަމަކީ ހަގީގީ ދިރިއުޅުމުގެ މާހައުލަށް ރުޖޫއަވާ އިރު ދީންވެރި ވުމުގައި ވެސް އެންމެން އެއްވަރު ނުވާނެ ކަމެވެ. އެހެންކަމުން މީސްތަކުންނާ މެދު ހުކުމްކުރުމުގައި އަދުލުވެރިވެ އޯގާތެރިވާން ޖެހޭނެ އެވެ.
ތެދެކެވެ. އިސްލާމްދީން ގޮވާލަނީ ދީންވެރިވުމުގައި އެންމެން ވެސް އެކަކު އަނަކަކަށް ވާދަކޮށް ހުރިހާ އެންމެން ވެސް އެންމެ މަތީ ވަނައަށް ދިއުމަށެވެ. މިއީ އަމާޒެވެ. މަގުސަދެވެ. އަދި މީސްތަކުންނަށް ގޮވާލައި ނަސޭހަތްތެރި ވެސް ވާން ޖެހޭ ގޮތެވެ. ނަމަވެސް މީގެ މާނައަކީ ތަންފީޒީ މަރުހަލާގައި އެންމެން އެއްވަރު ވާން މަޖުބޫރުވާނެއެކޭ ނޫނެވެ. އެހެނީ އިންސާނީ ތަބީއަތު ނިޔާކުރާ ގޮތުން އެކަން އެހެނެއް ނުވާނެ އެވެ. މަދަރުސާތަކުގައި ވެސް ހުރިހާ ދަރިވަރުން އެކަކު އަނެކަކަށް ވާދަކޮށް އެންމެ މަތީ ނަތީޖާ ހާސިލުކުރުމަކީ އަމާޒު ކަމުގައި ވިއަސް ނަތީޖާތައް އެގޮތަކަށް ނުނިކުންނާނެ އެވެ. އޭ ހޯދާ ދަރިވަރުން ތިބޭ އިރު ކިރިޔާ ފާސްވާ ވަރަށް ނަތީޖާ ހާސިލުކުރެވޭ ދަރިވަރުން ވެސް ތިބޭނެ އެވެ.
ހަމަ މިފަދައިން ﷲ އަށް އީމާންވެ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވުމުގައި ވެސް މީހުން ތަފާތު ދަރަޖަތަކަށް ބެހެ އެވެ. މިތަފާތު ދަރަޖަތައް މައިގަނޑު ތިން ކެޓަގަރީއަކަށް ކީރިތި ޤުރުއާނުގައި ބައްސަވާލައްވާފައިވެ އެވެ. ﷲ ގެ ވަހީބަސްފުޅުގެ މާނައިގައިވެ އެވެ. �ދެން ތިމަން ﷲގެ އަޅުތަކުންގެ ތެރެއިން ތިމަންﷲ ޚިޔާރު ކުރެއްވި ބަޔަކަށް ފޮތް ވާރުތަކޮށްދެއްވީމެވެ. ފަހެ، އެއުރެންގެ ތެރޭގައި އެއުރެންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ ބަޔަކު ވެއެވެ. އަދި (ހެޔޮ ކަންތައް ކުރުމުގައި) މެދުމިންވެ ތިބޭ މީހުން އެއުރެންގެ ތެރެއިން ވެއެވެ. އަދި ﷲގެ އިޒުނަފުޅާ އެކު، ހެޔޮ ކަންތަކުގައި ކުރިއަރައިދާ މީހުން އެއުރެންގެ ތެރެއިން ވެއެވެ. ބޮޑުވެގެންވާ ފަޟްލަވަންތަ ކަމަކީ އެއީ އެވެ.� (ފާޠިރު 32)
މިތިން ކެޓަގަރީގެ މީހުންނަކީ ވެސް އީމާންކަމުގައި ބައިވެރިވާ ބައެކެވެ. ޚަލްގުތަކުން ކުރެ ﷲ އިހުތިޔާރު ކުރެއްވި މީހުންގެ ތެރޭގައި ވުމުގައި ވެސް ބައިވެރިވާ ބައެކެވެ. ފޮތުގެ ނިއުމަތް ލިބުމުގައި ވެސް އަދި ސުވަރުގެ ވަނުމުގައި ވެސް ބައިވެރިވާ ބައެކެވެ. އެކަމަކު އީމާންތެރިކަމުގެ ތަރުތީބާއި، އިހުތިޔާރު ކުރެވުމާއި ފޮތް ވާރުތަވުމުގެ ދަރަޖަ އާއި، ސުވަރުގޭގެ މަންޒިލާއި، އެތަނުން ލިބޭ ނިއުމަތުގެ މިންގަނޑާ މިކަންކަމަށް ބަލާއިރު އެންމެން އެއް ދަރަޖައެއް ނޫނެވެ.
މިގޮތުން އަމިއްލަ ނަފްސަށް އަނިޔާވެރިވާ މީހުންނަކީ ހެޔޮ ކަންތަކުގެ ތެރެއަށް ނުބައި އަމަލުތައް ވެސް މަސްހުނިކުރާ މީހުންނެވެ. އީމާންކަން މުޅިން ނުގެއްލުނު ނަމަވެސް އީމާންކަމާ ފުށުއަރާ ކުށްތައް ކުރާ މީހުންނެވެ. މިކެޓަގަރީގެ މީހުން ދެ ބަޔަކަށް ބެހެ އެވެ. އެއް ބަޔަކީ ދުއާގެ ސަބަބުން ނުވަތަ ޝަފާއަތްތެރިކަމެއްގެ ސަބަބުން ނުވަތަ ކޮށްފައިވާ ހެޔޮކަމެއްގެ ސަބަބުން އެމީހުންގެ ފާފަތައް ފުހެވިގެން ކަށްވަޅާ ހަމައަށް ދާ މީހުންނާއި ކަށްވަޅުގައި އަޒާބު ލިބުމަށް ފަހު ފާފަތަކުން ސަލާމަތްވެގެންވާ ހާލު ޤިޔާމަތާ ހަމައަށް ދާ މީހުންނެވެ.
ދެ ވަނަ ބަޔަކީ ޤިޔާމަތާ ހަމައަށް ދާއިރު ވެސް އެމީހުންގެ ފާފަތައް ހުންނަ މީހުންނެވެ. މިފަދަ މީހުންގެ ހެޔޮ ކަންތަކާއި ނުބައިކަންތައް ވަޒަން ކުރެވޭނެ އެވެ. މިގޮތުން މީގެ ތެރެއިން އެއް ބައެއްގެ ހެޔޮ ކަންތައް ނުބައި ކަންތަކަށް ވުރެ ގިނަވާނެ އެވެ. އެހެންކަމުން ﷲގެ ހެޔޮ ރަހުމަތާ އެކު އެކަލާނގެ އިރާދަފުޅުން މިބައިމީހުން ނަރަކައަށް ނުވަދެ ސަލާމަތް ވެވޭނެ އެވެ. ދެވަނަ ބަޔެއްގެ ހެޔޮކަންތަކާއި ނުބައި ކަންތައް އެއްވަރުވާނެ އެވެ. އަޢުރާފުގެ އަސްހާބުންނަކީ މިބައި މީހުންނެވެ. އަޢުރާފަކީ ސުވަރުގެ އާއި ނަރަކައާ ދެމެދުގައިވާ އުސް ތަނެކެވެ. މިބައި މީހުން މިތަނުގައި މާތްﷲ މިންވަރު ކުރައްވާ މުއްދަތަކަށް ތިބޭނެ އެވެ. އޭގެ ފަހުގައި އެމީހުން ސުވަރުގެއަށް ވަންނާނެ އެވެ. ޤިޔާމަތަށް ދާއިރު ފާފަ ހުންނަ މީހުންގެ ތެރެއިން ތިން ވަނަ ބައަކީ ނުބައި ކަންތައް ހެޔޮ ކަންތަކަށް ވުރެ ގިނަވާ މީހުންނެވެ. މިބައި މީހުން ނަރަކައަށް ވަނުން މަނާކުރަނިވި ސަބަބެއް ނެތިއްޖެ ނަމަ ނަރަކައަށް ވަންނަން ޖެހެ އެވެ. މަނާކުރަނިވި ސަބަބުތަކުގެ ތެރޭގައި ހިމެނޭނީ ކީރިތި ރަސޫލާ ނުވަތަ މާތްﷲ އިރާދަކުރައްވާ އެހެން މީހެއްގެ ޝަފާއަތް ލިބުން ނުވަތަ އެނގިގެންވާ ވަކި ސަބަބެއް ނުވަތަ މެދުވެރިއެއް ނެތި ހަމަ ﷲ އެމީހަކަށް ރަހުމަތް ލެއްވުމެވެ. އެހެން ނޫން ނަމަ އެމީހެއްގެ ފާފަތަކަށް އެކަށޭނަ މިންވަރަށް ނަރަކައިގައި އަޒާބު ލިބޭނެ އެވެ. ދެން އޭގެ ފަހުގައި ސުވަރުގެ އަށް ވަދެވޭނެ އެވެ. މިފަދައިން އެމީހެއްގެ ހިތުގައި އީމާންތެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ހުރެއްޖެ ކޮންމެ މީހަކީ އާޚިރުގައި ސުވަރުގެއަށް ވަންނާނެ މީހެކެވެ.
ދީންވެރިވުމުގެ ދެވަނަ ކެޓަގަރީ ކަމަށްވާ ހެޔޮ ކަންތައް ކުރުމުގައި މެދުމިންވެ ތިބޭ މީހުންނަކީ އިތުރު ސަވާބު ހޯދުމަށް ކުރާ ތަތައްވުއުގެ އަޅުކަންތަކާއި ސުންނަތް އަޅުކަންތައް ކުރުމުގައި އެންމެ ފަރުވާތެރިކަން ނުބަހައްޓައި އެހެން ނަމަވެސް ވާޖިބުތައް އަދާކުރުމާއި ހަރާމް ކަންތައް ދޫކޮށްލުމުގައި އަބަދުވެސް ފަރުވާތެރިވެ ތިބޭ މީހުންނެވެ. މިފަދަ މީހުންނަށް ކުދިކުދި ކުށްތައް ބައެއް ފަހަރު ކުރެވިދާނެ އެވެ. އެހެންނަމަވެސް ވަގުތުން ތައުބާވެ އަސްލު ދަރަޖައަށް ރުޖޫއަވެ އެވެ. މިއީ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ކަނާތް ފަރާތުގެ މީހުން (އަޞްޙާބުލް ޔަމީން) އެވެ. ކަނާތް ފަރާތުގެ މީހުންގެ ކިބައިން ތިބާއަށް ސަލާމް ހުއްޓޭ މިފަދައިން މިބައި މީހުންނަށް އާޚިރަތުގައި އެންގެވޭނެ އެވެ. (އަލްވާޤިޢަތު 91) މިބައި މީހުންނަކީ ކަށްވަޅާއި އަދި ނަރަކައިގެ އަޒާބުން ވެސް ސަލާމަތް ވެގެންވާނެ މީހުންނެވެ. ނަމަވެސް މިކެޓަގަރީގެ ތެރޭގައި އެމީހެއްގެ ހެޔޮ އަމަލުތަކުގެ ނިސްބަތުން ސުވަރުގޭގައި ނިއުމަތް ލިބުމުގައި ތަފާތު ދަރަޖަތައް ހުންނާނެ އެވެ.
ދީންވެރި ވުމުގެ ތިން ވަނަ ކެޓަގަރީ ކަމުގައިވާ ހެޔޮ ކަންތަކުގައި ކުރިއަރައިދާ މީހުންނަކީ އީމާންކަމާއި އިސްލާމްކަމާއި އިހުސާންކަމުގެ ހުރިހާ ދަރަޖަތައް ފުރިހަމަކޮށް ބިންމަތީގައި ﷲގެ އަޅުތަކުންނަށް މަންފާ ހޯދައި ދިނުމުގައި ބުރަ މަސައްކަތް ކުރި މީހުންނެވެ. ﷲއާ މެދު އެމީހުންގެ ހިތްތަކުގައި ވަރުގަދަ ލޯބި އޮތް މީހުންނެވެ. ވާޖިބުތަކުގެ އިތުރުން މުސްތަހައްބު ކަންތައްތަކަށް ވެސް ހާއްސަ ސަމާލުކަން ދިން މީހުންނެވެ. ހަރާމް ކަންތަކުން އެއްކިބާވުމުގެ އިތުރުން އެންމެހާ މަކްރޫހަ ކަންކަމުން ވެސް ދުރުހެލިވާން ފަރުވާތެރިވި މީހުންނެވެ. އަދިކިއެއްތަ ހުއްދަ ކަންތަކުގެ ތެރެއިން ވެސް ތިމާގެ ދަރަޖައަށް އުނިކަމެއް ކިރިޔާ ވެސް އަތުވެދާނެ ފަދަ ކަންކަމުން ވެސް ދުރުހެލިވި މީހުންނެވެ. އެހެންކަމުން މިފަދަ މީހުންނަކީ ކުއްތަންކުރައްވާފައިވާ މީހުންގެ ތެރެއިންވާ މީހުންނެވެ. "ފަހެ އެމީހަކަށް އަރާމާއި ތަނަވަސްވެގެންވާ ރިޒުގާއި ނިއުމަތުގެ ސުވަރުގެ ހުއްޓެވެ." (އަލްވާޤިޢަތު 89) މިކެޓަގަރީގައި ވެސް ދީންވެރިވުމުގެ ތަފާތު ދަރަޖަތައް ވެއެވެ. އެންމެ މަތީ ދަރަޖައަކީ ނަބީންނެވެ. ދެން ސިއްދީގުންނެވެ. ދެން ޝަހީދުންނެވެ. ދެން ސާލިހުންނެވެ.
ދީންވެރިވުމުގައި މުއުމިނުން އެކަކު އަނެކަކަށް މިގޮތަށް ތަފާތުވާ އިރު ހަމަ ކޮންމެ މީހަކު ވެސް ދެނެގަންނަންވީ ހަގީގަތަކީ މިކަމުގައި އެންމެން އެއްވަރު ނުވާނެ ކަމެވެ. އެހެންކަމުން ހެޔޮ ކަންތަކަށް ކިތަންމެ ވަރަކަށް އަމުރު ކުރިއަސް އަދި ނުބައި ކަންކަން ކިތަންމެ ވަރަކަށް ނަހީކުރިއަސް މުއުމިނުންގެ ތެރޭގައި ކުށްކުރެވޭ މީހުން ތިބޭނެކަން ދަންނަން ޖެހޭނެ އެވެ. ﷲގެ ހެޔޮ ރަހުމަތުން ތިމާއަކީ ހެޔޮ ކަންތަކުގައި ކުރިއަރައިދާ މީހުންގެ ކެޓަގަރީގެ މީހަކަށް ވިއަސް އަމިއްލަ ނަފްސަށް އަނިޔާވެރިވާ މީހުންގެ ކެޓަގަރީ ވެސް އޮންނާނެކަން ގަބޫލުކުރަން ޖެހޭނެ އެވެ. ވީމާ މިފަދަ މީހުންނާ މުއާމަލާތު ކުރަންވާނީ ހަރުކަށި ގޮތަކަށް ނޫނެވެ. ތިމާ ފަދަ ދީންވެރިއަކަށް ނުވާ ކޮންމެ މީހަކަށް މަލާމާތްކޮށް ހަޑިހުތުރު ބަސްތައް ރައްދުކޮށްގެން ނުވާނެ އެވެ. ހަގީގަތުގައި ދީންވެރިއޭ ދީންވެރި ނޫނޭ މި ލަގަބު ވެސް ބޭނުންކުރުމަކީ އެކަށޭނަ ކަމެއް ނޫނެވެ. އެހެނީ ހަމަ ކޮންމެ މުސްލިމަކީ ވެސް ދީންވެރިވާން ޖެހޭ މީހެކެވެ. އެކަމަކު ތަފާތު އެކިއެކި ސަބަބުތަކާ ހުރެ އެންމެން އެއްވަރު ނުވިއަސް އެކަން ބޮޑު މައްސަލައަކަށް ހަދައިގެން ނުވާނެ އެވެ. ރުޅިވެރިކަމާއި ދެކޮޅުވެރިކަން ބާއްވައިގެން ނުވާނެ އެވެ. އޭގެ ބަދަލުގައި، އެންމެން އެއްވަރު ނުވާނެކަން ގަބޫލުކޮށް އެއްވެސް ތައައްސުބު ކަމެއް ނެތި އެކުވެރިކަމާ އެކު ހެޔޮ ނަސޭހަތް ދިނުމުގެ މަތީ ދެމިތިބޭނީ އެވެ. ފުރިހަމަ މުސްލިމުންގެ ގޮތަކީ މިއެވެ.
Comments