Skip to main content
7 ފެބްރުއަރީ  2012
ދިވެހިތާރީޚްގެ ބޮޑުދުވަސް
މިއަދުގެ އިރު ދޮންވެގެން އައިރު ހަނދާން އާވެގެން ދިޔައީ މީގެ ހަތް އަހަރު ކުރި އެވެ. ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ގިނަ ބަޔަކު އޯގަސްޓް 12- ،13 2004 ގައި އެއްވީ ޖުމްހޫރީ މައިދާނަށެވެ. ސަރުކާރާ ދެކޮޅަށް ޖުމްހޫރީ މައިދާނުގައި ތިބީ ރައްޔިތުންނެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ރެއިން ފެށިގެން ޖުމްހޫރީ މައިދާނަށް ފުރަތަމަ އެއްވީ ފުލުހުންނެވެ. އެއަށް ފަހު، ރައްޔިތުންނާއި ސިފައިން ވެސް ޖުމްހޫރީ މައިދާނަށް ނުކުތެވެ.
ފުލުހުން ޖުމްހޫރީ މައިދާނަށް ފުރަތަމަ ދިޔައީ މުޒާހަރާކުރާކަށެއް ނޫނެވެ. ކޮންމެ ރެއަކު އިދިކޮޅު ފަރާތްތަކުން ބާއްވަމުން އަންނަ މުޒާހަރާތަކަށް ދިއުމުގެ ކުރިންނާއި މުޒާހަރާތައް ނިންމާފައި ފުލުހުން ފޯލިން އޮންނަނީ ޖުމްހޫރީ މައިދާނުގަ އެވެ. ފުލުހުން އެ ސަރަހައްދަށް ރޭވެސް ދިޔައީ އެހެންވެ އެވެ. ނަމަވެސް ރޭ ގިނަ ފުލުހުންގެ ހިތްހަމަނުޖެހުން ވަރަށް ބޮޑަށް ހުއްޓެވެ. މުޒާހަރާތައް ވިދިވިދިގެން ކުރާތާ މަހެއް ވުމަށް ގާތްވެފައިވާއިރު، އެކަން ކޮންޓްރޯލްކުރަން ފުލުހުން ބުރަކޮށް އުޅެން ޖެހުމާއި ރޭ އާޓިފިޝަލް ބީޗްގައި އެމްޑީޕީ އާއި ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން "ހަނގުރާމައަކަށް" އެއްވެ ތިއްބައި އެ ސަރަހައްދުން ފުލުހުން ދާން އަމުރުކުރުމަކީ ފުލުހުން ހިތްހަމަނުޖެހުނު ކަމެކެވެ. ނަމަވެސް ހާލަތަށް ބަލައި ފުލުހުން އެސަރަހައްދު ދޫކޮށް ދިއުމަށް އިންކާރުކުރި އެވެ. ފުލުހުން ބުނަމުން ދިޔައީ މުޒާހަރާ ބެލެހެއްޓުމަށް އެހެން ބަޔަކު ދިއުމުގެ ކުރިން ފުލުހުން އެ ސަރަހައްދު ދޫނުކުރާނެ ކަމަށެވެ. އެއާއެކު ސިފައިން އެ ސަރަހައްދަށް ދިޔަ އެވެ. އަދި ފުލުހުން އެ ސަރަހައްދު ދޫކޮށް ޖުމްހޫރީ މައިދާނަށް މިސްރާބު ޖެހި އެވެ. ނަމަވެސް އޭރު އެ ފުލުހުންނާ މެދު ރޭވިފައިވާ ގޮތެއް ފުލުހުންނަކަށް ނޭނގެ އެވެ.
ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ ފުލުހުން ބޮޑަށް ހިތްހަމަނުޖެހުނީ މުޒާހަރާ އަށް ދިޔަ ފުލުހުން ހައްޔަރުކުރަން ރާވާފައި އޮތްކަން އެނގުމުންނެވެ. އެއާއެކު ފުލުހުން ޑިމާންޑްތައް ކުރަން ފެށި އެވެ. އެގޮތުން ފުލުހުންނަށް ޣައިރު ގާނޫނީ އަމުރު ނުކުރުމަށާއި ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުންނަށް ފިޔަވަޅެއް ނޭޅުމުގެ ކަށަވަރުކަން ދިނުމަށް އެދުނެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އެކަމަށް އިޖާބައެއް ނުލިބި، ފުލުހުން މަޑުމަޑުން ހޫނުވަމުން ދިޔަ އެވެ. އަދި އޭރު ސިފައިންގެ ތެރެ ވެސް ދިޔައީ ކެކެމުންނެވެ.

ފުލުހުން އިޖާބަ ނުދިން ނަމަވެސް، ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ފުލުހުންނާ ބައްދަލުކުރައްވަން ޖުމްހޫރީ މައިދާނަށް ހެނދުނު ވަޑައިގެންނެވުނުން އެއްވެ ތިބި ފުލުހުން މައިތިރިވެދާނެ ކަމަށް ގަބޫލުކުރެވުނެވެ. ނަމަވެސް ކަންދިމާވީ އެހެންނެއް ނޫނެވެ.
ރައީސް ނަޝީދު ޖުމްހޫރީ މައިދާނުގައި ފުލުހުންނަށް އިޝާރަތް ކުރައްވާ ވިދާޅުވީ ތި ތިއްބެވީ ގޯހެއް ހެދިފައި ކަމަށެވެ. އެހެން ވިދާޅުވުމަކީ ހިފާފައި ހުރި ހުޅުގަނޑަކަށް "ތެޔޮ އެޅުން" ފަދަ ކަމަކަށް ވި އެވެ. ފުލުހުންނަށް "ދެރަ ގޮތެއް ނުވާނެ" ކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވި ނަމަވެސް މައިދާނުގައި ތިބި ފުލުހުން މައިތިރިއެއް ނުވި އެވެ. އޭރު މަޑުމަޑުން ފުލުހުން އައީ ގިނަވަމުންނެވެ.
އެއްވެ ތިބި ފުލުހުން މައިތިރިކުރުމަށް ފުލުހުންގެ ތެރެއިން ބަޔަކު ކުރިމަތިލާން ބޭނުމެއް ނުވި އެވެ. އެއާއެކު އެއްވެ ތިބި މީހުން ރޫޅާލުމަށް ދެ ފަހަރެއްގެ މަތިން ސިފައިން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ. ނަމަވެސް ހެނދުނު ވަގުތު ސިފައިންނާއި ފުލުހުންނާ ދެމެދު ވަރުގަދަ "ހަނގުރާމައެއް" ކުރިއަށް ދިޔަ އެވެ. އެ ކުރިމަތިލުން ފެށުނީ، އެ ސަރަހައްދުގައި އެއްވެ ތިބި ފުލުހުންނާ ދެކޮޅަށް މުޒާހަރާކުރަމުން ދިޔަ އެމްޑީޕީގެ މެމްބަރުން ޖުމްހޫރީ މައިދާނަށް ވަނުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާ އެކު ރީފް ސައިޑް ކަންމަތީގައި އިށީނދެ ތިބުމަށް ފަހު އެމްޑީޕީގެ ސަޕޯޓަރުން ޖުމްހޫރީ މައިދާނަށް ވަނުމުން ފުލުހުން އެމީހުން ފަހާލައި، އަތުޖެހުނު ބަޔަކަށް އަނިޔާކުރި އެވެ. ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ނަގައި ނަގައި އެއްލާލި މަންޒަރު ފެނުނުއިރު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މާރިޔާ އަހްމަދު ދީދީގެ މޫނުމަތިން ލޭ އޮހޮރެމުން ދިޔަތަން ފެންނުނެވެ. އަދި އޭނާގެ ފިރިކަލުންގެ ބޯ ވެސް ޒަޚަމްވި އެވެ. ބައެއް މީހުން ގައިގައި ފުލުހުން ފައިންނާއި މުގުރުން ތަޅަމުން ދިޔައީ ވަކި ގޮތެއް ބެލުމެއް ނެތި އެވެ.
އެމްޑީޕީގެ މެމްބަރުން ފައްސާލުމާ އެކު، ސިފައިން ނުކުމެ ފުލުހުން ރޫޅާލުމަށްޓަކައި ކަރުނަ ގޭހުގެ "ވާރޭ" އޮއްސާލި އެވެ. ނަމަވެސް ފުލުހުން ކަރުނަ ގޭހަށް ހޭނިފައި ތިބުމާއި ބައެއް ފުލުހުން މާސްކް އަޅާފައި ތިބުމުން ވަގުތުން ޝީލްޑްތައް ހިފައިގެން ސިފައިންނާ ކުރިމަތިލި އެވެ. އަދި ކަރުނަ ގޭސް ފުޅިތައް ސިފައިންނާ ދިމާއަށް އަނބުރައި އުކަމުން ދިޔަ އެވެ. ކަރުނަ ގޭހަށް ފުލުހުންނާއި އާންމުން ނުގުޑުމުން ސިފައިން ރަބަރު އުންޑަ ޖަހަން ފެށި އެވެ. އޭގެ ބަދަލުގައި ފުލުހުން އުކަމުން ދިޔައީ ގަލެވެ. ސިފައިންގެ ބައެއް ބިއްލޫރިތައް ތަޅާލައި ފުލުހުންގެ ވެހިކަލްތަކަށް ގެއްލުން ވެސް ދިނެވެ.
ސިފައިންގެ ރަބަރު އުންޑަ ބައެއް ފުލުހުންގެ ގަޔަށާއި އާންމުންގެ ގަޔަށް އަރައި ޒަހަމްވި އެވެ. ނަމަވެސް ފުލުހުންނާއި އާންމުންގެ ސަފުތައް ފަހަތަށް ނުޖެހުމުން، ސިފައިން މަޑުމަޑުން ފަހަތަށް ޖެހި، ބަންޑާރަކޮށި ތެރެއަށް ވަނެވެ. އެއާއެކު ސިފައިންނާ ދިމާއަށާއި ސިފައިންގެ އަށް ގަލުގެ ހަމަލާތައް ދެމުން ދިޔައިރު، ފުލުހުންގެ މައި ހެޑްކުއާޓާޒް، ޝަހީދު ހުސައިން އާދަމް ބިލްޑިން އިން މޭޒާއި ގޮނޑިތައް މަގުމައްޗަށް އުކަމުން ދިޔަ އެވެ. އަދި އެ އެތަނުގައި ނަގާފައި ހުރި ދިވެހި ދިދަ އާއި ފުލުހުންގެ ދިދަ ބޭލި އެވެ. ނަމަވެސް ފަހުން އެ ދެ ދިދަ ވެސް ނެގި އެވެ.
މަޑުމަޑުން ފުލުހުންނާއި ސިފައިން ޖުމްހޫރީ މައިދާނަށް ނުކުމެ ރައީސް ނަޝީދާއި ޑިފެންސް މިނިސްޓަރު ތަލްހަތާއި ހޯމް މިނިސްޓަރު ހަސަން އަފީފާއި ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހް އިސްތިއުފާ އަށް ގޮވަމުންދިޔަ އެވެ. އަދި ސިފައިންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ ރައީސް ނަޝީދު އިސްތިއުފާ ދިނުމަށް ހުށަހެޅި އެވެ. އެ ވާހަކަތައް ދެއްކުމުގައި އިސްކޮށް އުޅުއްވީ ސިފައިންގެ ކުރީގެ ކާނަލެއް ކަމަށްވާ އަހްމަދު ނާޒިމާއި ކުރީގެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒެވެ.
ވާހަކަތަކަށް ފަހު، ރައީސް ނަޝީދު އިސްތިއުފާ ދެއްވާނެ ކަމަށް ރިޓެއާޑް ކާނަލް ނާޒިމު އިއުލާންކުރެއްވުމުން ސިފައިންނާއި ފުލުހުން، ދިވެހި ދިދަ ހޫރައި އުފާފާޅުކޮށް ހެދި އެވެ. އުފާފާޅުކުރުމުގެ ގޮތުން ފެނާއި ބޮމުން ދިޔަ ޖޫސް ދަޅުތައް މައްޗަށް އުކި އެވެ. އުފަލުން އެކަކު އަނެކެއްގެ ގައިގައި ބައްދައި ހެދި އެވެ.
އިންގިލާބަކުން ވެރިކަން ބަދަލުކޮށްލި ނަމަވެސް ސިފައިންނާއި ފުލުހުންގެ ފަރާތުން ނަމޫނާ ސިފަތަކެއް ވެސް ފެނުނެވެ. އެގޮތުން އިދިކޮޅު ބައެއް ޕާޓީތަކުގެ އިސް ބޭފުޅުންނާއި އެ ސަރަހައްދަށް ވަޑައިގެންނެވި ސިޔާސީ އެއްވެސް ބޭފުޅަކަށް ކުރީ ސަފަށް ވަޑައިގަތުމުގެ ފުރުސަތެއް ނުދިނެވެ. ސިފައިންނާއި ފުލުހުން ބުނަމުންދިޔައީ އެއްބާރުލުން ދިނުމަށާއި ރައްޔިތުން އެދޭ ގޮތަށް ހުރިހާ ކަމެއް ކޮށްދޭނެ ކަމަށެވެ. އަދި ސިފައިންގެ އާއި ފުލުހުންގެ ވެރިޔަކަށް ދެން ވަޑައިގަންނަވާ ބޭފުޅަކު ވެސް އަދި ރާއްޖޭގެ ވެރިކަމަށް އަލުން ވަޑައިގަންނަވާ ބޭފުޅަކު ވެސް ޣައިރު ގާނޫނީ އަމުރެއް ނުކުރުމަށް އެދުނެވެ. އެފަދަ އަމުރަކަށް ކިޔަމަންތެރި ނުވާނެ ކަމަށް ވެސް ސިފައިންނާއި ފުލުހުން ގޮވަމުން އަ އެވެ.
ޖުމްހޫރީ މައިދާނަށް އެއްވި މީހުން ގެއަށް ދިޔައީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު، އެކަން އިއުލާން ކުރެއްވުމަށްޓަކައި ރައީސް އޮފީހަށް ވަޑައިގެންނެވުމުންނެވެ.
މިއަދު އިރު އެރިއިރު އިންގިލާބަކުން ވެރިކަން ވެއްޓޭނެ ކަމަށް ގަބޫލުނުކުރެވުނު ނަމަވެސް، މިހާރު މިވަނީ އެ މަންޒަރު ފެނިފަ އެވެ. ހަގީގަތުގައި ވެސް މިވަރުގެ ދުވަހެއް ރާއްޖޭގެ ތާރީޚަކުން ނުފެންނާނެ އެވެ. ދެން އޮތީ ވެރިކަމާ އަލަށް ހަވާލުވި ފަރާތްތަކުން ވެސް "ގައުމަށްޓަކައި" ވެރިކަން ކުރުމެވެ 
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުން
ރައީސް ނަޝީދުގެ އަމުރުފުޅަށް ސިފައިން ނުކުމެ، ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަން ފެށި މުޒާހަރާތައް ރެއަކަށް ވުރެ ރެއެއް ބާރުބޮޑުވަމުން ގޮސް އަދި ރޭ އާޓިފޝަލް ބީޗުގައި އެމްޑީޕީ މީހުންނާއި އިދިކޮޅު ފަރާތްތައް އެއް މައިދާނެއްގައި މުޒާހަރާ ކުރަނިކޮށް، އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުންނަށް އެންގެމުން އެ މައްސަލާގައި ފުލުހުންނާއި ސިފައިންގެ ކުރިމަތިލުންތަކެއް ހިނގުމަށް ފަހު، ރައްޔިތުންގެ ގިނަ ބަޔަކު ޖުމުހޫރީ މައިދާނަށް އެއްވެ އިސްތިއުފާ އަށް ގޮވައި ޕްރެޝަރުތައް ކުރިމަތި ކުރުމުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން މުހައްމަދު ނަޝީދު މިއަދު އިސްތިއުފާދެއްވައިފި އެވެ.

މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވީ އެމަނިކުފާނު އިތުރަށް ރައީސް ކަމުގެ މަގާމުގައި ދެމި ހުންނަވައިފި ނަމަ ރާއްޖޭގެ ރައްޔިތުންނަށާއި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ގަބޫލުކުރެއްވިގެން ކަމަށެވެ.
އަދި ވިދާޅުވީ ވެރިކަން އިތުރަށް ދަމަހައްޓަން މަސައްކަތް ކުރައްވައިފި ނަމަ ރާއްޖެ އަށް ބޭރުގެ ނުފޫޒު ފޯރަފާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"
އަޅުގަނޑަށް މިއަދު ފެންނަ ފެނުމުގައި އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސް ކަމުގައި ހުރެއްޖެ ނަމަ ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް އެތައް ގިނަ ގުނަ ގެއްލުންތަކެއް ވެދާނެ ކަމަށް އަޅުގަނޑަށް ފެންނާތީވެ، އަޅުގަނޑު މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފިން،" އަސްކަރިއްޔާގެ ބާރުގެ ދަށުގައި ރައީސް އޮފީހަށް ގެނައުމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އަދި ވިދާޅުވީ އިތުރަށް ވެރިކަން ދަމަހައްޓަވަން އުޅުއްވި ނަމަ ނުހަނު ބޮޑަށް ބާރުގެ ބޭނުން ކުރަން ޖެހި ރައްޔިތުންނަށް ގެއްލުން ވާނެ ކަމަށް ހިތުގެ އަޑިން ގަބޫލުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ރައީސްކަމުގައި ހުންނެވި ތިން އަހަރުގެ ތެރޭގައި ކޮށްދެއްވާފައިވާ ހިދުމަތްތަކުން ރާއްޖޭގެ ރައްޔިތުންނަށް ފައިދާކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ބަޔާން ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި އަބަދުވެސް ޑިމޮކްރަސީގެ ހަމަތައް އޮތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަން ފެށީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ދައުލަތުގެ ދިފާއީ ބާރުން ހައްޔަރުކޮށް ގިރިފުށީގައި ބަންދު ކުރުމާ ގުޅިގެންނެވެ 

ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވުން ހުވާ ލައްވައި ދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިނެވެ.

.

ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރާނަން: ރައީސް ވަހީދު

ދައުލަތް ހިންގުމާ ހަވާލުވެވަޑައިގަތުމަށް ފަހު، ގައުމުގައި ކަން ހިނގާނީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރުމަށް ސިފައިންނާއި ފުލުހުންނަށް އަދި އާންމު ފަރުދަކަށް ވިޔަސް އަމުރު ނުކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ މިއަދު ހަވާލުވެ ވަޑައިގެންނެވި ރާއްޖޭގެ ފަސް ވަނަ ރައީސް މުހަންމަދު ވަހީދު ހަސަން މަނިކު ދެއްވައިފި އެވެ.
ކުރީގެ ރައީސް މުހަންމަދު ނަޝީދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް ފަހު، ނޫސްވެރިންގެ ހާޒިރުގައި ދެއްވި ފުރަތަމަ ބަޔާނުގައި، ރައީސް ވަހީދު ވިދާޅުވީ، ގާނޫނު އަސާސީ އާއި ގާނޫނުގެ ހިމާޔަތް، ކޮންމެ ދިވެހި ފަރުދަކަށް ލިބިގެންވާ ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށެވެ.
ރައީސް އޮފީހުގައި ދެއްވި ބަޔާނުގައި، ރައީސް ވަހީދު ވިދާޅުވީ "މިއަދަކީ ގާނޫނު އަސާސީގެ ސިޔާދަތު ކަނޑައެޅުނު ދުވަސް" ކަމަށެވެ.
"މި ލޮބުވެތި ދިވެހި ގައުމުގައި ގާނޫނުގެ ވެރިކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަނޑައެޅުނު ދުވަސް. އަދި ގާނޫނުގެ ވެރިކަން ގާއިމްކުރެވި، ގާނޫނުގެ ރައްކާތެރިކަން، އެންމެ ދިވެހި ރައްޔިތުންނަށް ޔަގީންވި ދުވަސް،" ރައީސް ވަހީދު ވިދާޅުވި އެވެ. "މި ވޭތުވެދިޔަ ކުރު މާޒީގައި، ދިވެހި ގައުމު ވަނީ ވަރަށް ދަތި ދުވަސްތަކެއް ވޭތުކޮށްފައި. މިއަދު ދިވެހި ރައްޔިތުން ވަނީ ވަރަށް ބޮޑު ނިންމުމެއް ނިންމަވާފައި. އަދި އެ ނިންމުމުގެ މަތިން، ރައްޔިތުން އެދޭ ގޮތުގެ ބަސް ބުނެ، ގާނޫނު އަސާސީގެ ސިޔާދަތު ގާއިމްކޮށް، ކޮންމެ އަގެއް ދައްކައިގެން ވެސް، ގާނޫނުގެ ވެރިކަން ގާއިމްކުރަން ޖެހޭނެ ކަމަށް ކަނޑައަޅާފައި."
ރައީސް ވަހީދު ވިދާޅުވީ މަސްލަހަތު ގެއްލިފައިވާ ދުވަސްތަކަކަށް ފަހު، މިއަދަކީ ހުރިހާ ތަފާތުތަކެއް އެއްކައިރިކޮށް، އެއްބައިވާންވީ ދުވަސް ކަމަށެވެ. އަދި މިއީ ގައުމުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ބައިބައިވުން ދޫކޮށް، ގައުމުގެ ހައްގުގައި އަތުކުރި އޮޅާލަންވީ ދުވަސް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ލޮބުވެތި ގައުމަކީ، އަޅުގަނޑުމެންގެ ކާބަފައިންގެ އަގުހުރި މަސައްކަތުން އަޅުގަނޑުމެންނާ ހަވާލުކޮށްފައިވާ އަމާނާތެއް. މި ގައުމަށް އެއްވެސް ގެއްލުމެއް ލިބިދާނޭ ފަދަ ކަމެއް ކުރުމުގެ ހައްގު، އަޅުގަނޑުމެންގެ ހަމަ އެއްވެސް މީހަކަށް ލިބިގެނެއް ނުވޭ. ވުމާއެކު، މި ލޮބުވެތި ގައުމުގެ ހައްގުގައި އެންމެން އެކުގައި މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަން. މުސްތަގުބަލުގެ ޖީލުތަކުގެ ހައްގުގައި މަސައްކަތް ފަށައި، ޑިމޮކްރެސީ އާއި ތަރައްގީ އަދި ތަމައްދުނުގެ އާ ދުވަސްތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަން،" ރައީސް ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ގައުމުގައި ކުރިން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކާ މެދު، ބަދަލުހިފުމުގެ ގޮތުން އަދި އެ ނޫން ގޮތަކުން ވެސް، ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކުރައްވައިފަ އެވެ. އަދި މިއީ ހަސަދަ އާއި ރުޅިވެރިކަން އެކަހެރި ކުރުމަށް ފަހު، ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށް ވާތީ، އެކަމަށް ސަމާލުވުމަށް، ސިޔާސީ ޕާޓީތަކަށާއި ގައުމީ ދިފާއީ ބާރުތަކަށާއި އާންމުން ފަރުދުންނަށް ވެސް ރައީސް ވަހީދު ގޮވާލެއްވި އެވެ.
"އަދި ގައުމުގައި އަމާންކަމާ އެކު ދިރިއުޅުމުގެ ފުރުސަތު ހޯދައިދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން. މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން. އަދި ޑިމޮކްރެސީގެ އަސާސްތައް ވަރުގަދަކޮށް، ރައްޔިތުންގެ ހައްގުތައް ފުރިހަމަ ގޮތުގައި ލިއްބައިދޭނެ ކަމުގެ ޔަގީންކަން ވެސް އަޅުގަނޑު އަރުވަން،" ރައީސް ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސިފައިންނާއި ފުލުހުން ގެނައި އިންގިލާބާ ގުޅިގެން، ވެރިކަމުން ދުރަށް ވަޑައިގެންނެވި ރައީސް ނަޝީދަށާއި އެ މަނިކުފާނުގެ އާއިލާ އަށް، ގާނޫނު އަސާސީގެ ދަށުން ލިބެންވާ އެންމެހާ ހިމާޔަތް ލިބޭނެކަމުގެ ޔަގީންކަން "އަޅުގަނޑު އަރުވަން" ކަމަށެވެ.
ރައީސްގެ ބަޔާން ނިންމަވާލެއްވީ، ގައުމުގެ ހައްގުގައި، ތެދުވި، ކެރޭ، ތެދުވެރި، މީހުންނަށް އައްސަރިބަހާއި ސާބަސް ދެއްވަމުންނެވެ.
"ހާއްސަކޮށް ދިވެހި ގައުމުގެ ހައްގުގައި ގާނޫނު އަސާސީ އާއި ގާނޫނުތައް ހިމާޔަތް ކުރެއްވުމަށްޓަކައި ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވި ދިވެހި ފުލުހުންނަށާއި ސިފައިންގެ ބޭފުޅުންނަށް ޝުކުރު ދަންނަވަން،" ރައީސް ވަހީދު ވިދާޅުވި އެވެ

ރައީސް ނަޝީދު ދިރިއުޅުއްވި މުލިއާގެ އިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފެނުން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދިރިއުޅުއްވި ގެކޮޅު މުލިއާގެ އިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފެނިގެން ގައުމީ ދިފާއީ ބާރުން އެތަކެތި ފުލުހުންނާ ހަވާލުކޮށްފި އެވެ. ފުލުހުން ވެސް ވަނީ އެކަން ސަން އަށް ވެސް ކަށަވަރުކޮށްދީފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މުލިއާގެއިން ފެނުނު ބަނގުރާ ފުޅިތައް ގައުމީ ދިފާއީ ބާރުން އަތުލައިގަތީ ރައީސް ނަޝީދު ގެންގުޅުއްވި އެއްޗެހިތަކުގެ ތެރެއިން ކުނީގެ ގޮތުގައި ބޭރުކުރި ތަކެތީގެ ތެރެއިނެވެ. ކުނީގެ ގޮތުގައި ދެ ދަބަހަކަށްލާފައިވާ ބަނގުރާ ފުޅިތަކުގެ ތެރޭގައި ބޭނުންނުކޮށް، ނުކަނޑާ ހުރި ފުޅިތަކެއް ވެސް ފެނިފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުލިއާގެ އިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ފެނިފައިވާ ކަމަށާއި ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައާ ބެހޭ ތަފްސީލް މައުލޫމާތު ފަހުން މީޑިއާ ހިއްސާ ކުރައްވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މުލިއާގެ އިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އަތުލައިގަތް ހަބަރު ފެތުރެން ފެށުމާ އެކު، އާންމުންގެ ގިނަ ބަޔަކު ވަނީ މުލިއާގެ ކައިރިއަށް އެއްވެފަ އެވެ. މީގެ ގަޑިއެއްހާ އިރު ކުރިން ފެތުރެން ފެށި ހަބަރާ އެކު އަދި ވެސް ގިނަ އަދަދެއްގެ ބަޔަކު މުލިއާގެ ކައިރީގައި އެބަތިއްބެވި އެވެ.

މުލިއާގެއިން މިއަދު ބަނގުރާފުޅިތަކެއް ފެނިފައިވާ އިރު، މިދިޔަ އާދީއްތަ ދުވަހުގެ ވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސަގެ ދަނބިދަރިފުޅު އަދި ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖާވިދު (ޖާ) ގެ ގެއިން ވަނީ ބަނގުރާ ކަމަށް ތުހުމަތުކުރެވޭ ފުޅިތަކެއް އަތުލައިގެންފަ އެވެ.

ހޭޝް އޮއިލް އަށް ޝައްކުވާ ތަކެތި ވެސް މުލިއާގެއިން ފެނުން

ރައީސް ކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި މުހައްމަދު ނަޝީދު ދިރިއުޅުއްވި މުލިއާގެ ތެރެއިން ގިނަ އަދަދެއްގެ ރާ ފުޅީގެ އިތުރުން، ހޭޝް އޮއިލް ބޭނުންކޮށްފައި ހުރި ކަމަށް ބެލެވޭ ބައެއް ތަކެތި ވެސް ފެނުނު ކަމަށް ފުލުހުން ބުނެފި އެވެ.

ފެނުނީ ކިތައް ފުޅި ރާ ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް ފެނުނު ބައެއް ފުޅިތަކަކީ ބޭރުގެ ބައެއް ފަރާތްތަކުން ރައީސް ނަޝީދަށް އެޑްރެސްކޮށް ފޮނުވާފައި ހުރި ތަކެތި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ބައެއް ފުޅިތައް މުލިއާގެ ތެރެއަށް ވައްދާފައި ހުރީ އޭފޯ ސައިޒުގެ ސިޓީ އުރައިގެ ތެރޭ، އޭގެ ބޭރުގައި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުން ސެކިއުރިޓީ ޗެކްކޮށްފައި ކަމަށް ސްޓޭމްޕް ޖަހާފައި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ ފުޅިތަކެއް ފެނުނީ، ރައީސް މުހަންމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު، މުލީއާގެ ތެރެއިން ނެރުނު ކުނިތަކެއްގެ ތެރެއިންނެވެ.

"
ނެރުނު ކުނިތަކެއްގެ ތެރެއިން ރާފުޅިތަކެއް ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް ފެނުނު. މިހާރު އެ ފުޅިތައް ވަނީ ޑްރަގް އެންފޯސްމަންޓް ޔުނިޓާ ހަވާލުކޮށްފައި މިހާރު. އަޅުގަނޑުމެން މިދަނީ އެކަން ތަހުގީގު ކުރަމުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޖިނާހު އާއި ލޭޑީ އިބްރާހިމް މަނިކު ފުލުހުންގެ ބެލުމުގެ ދަށުގައި

ސަރުކާރުން ކުރާ ޣައިރު ގާނޫނީ އަމުރުތަކާ މެދު ހިތްހަމަނުޖެހުންފާޅުކޮށް ޖުމްހޫރީ މައިދާނުގައި ފުލުހުންނާއި ސިފައިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ޗީފް ސްޕުރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހާއި ލޭޑީ އިބްރާހިމް މަނިކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
"ހަވީރަ"ށް އެނގިފައިވާ ގޮތުގައި އެ ދެ އޮފިސަރުން ވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގަ އެވެ. ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ހަރަކާތްތަކުގައި އެ ދެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ، ފުލުހުންނަށް ޣައިރު ގާނޫނީ ކޮމާންޑްތައް ކުރުމުގައި އިސްކޮށް އެ ދެބޭފުޅުން އުޅުއްވާތީ ކަމަށްވެ އެވެ.
ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ޖިނާހު ދޫނިދޫ އަށް ގެންދިއުމުގެ ކުރިން ބަޔަކު ހަމަލާދީ ތަޅައިގަނެފައިވާ ކަމަށް ވެސް ވެ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ފުލުހުންނާއި ސިފައިންނަށް ކުރަމުން ދިޔަ ޣައިރު ގާނޫނީ އަމުރުތަކާ ދެކޮޅަށް ތެދުވެ، ސަލާމަތީ ބާރުތަކުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ދޫކޮށްލެއްވުމަށް މަޖުބޫރުކުރުމާ އެކު އެމަނިކުފާނު އިސްތިއުފާ ދެއްވައި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ރައީސް ކަމާ ހަވާލުވެވަޑައިގެންފަ އެވެ.


Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.