Skip to main content
ބޮޑު މުޒާހަރާއިން ކުރެހި މަންޒަރުތައް


ބޮޑު މުޒާހަރާގެ ކުރިން، މަދަނީ އިއްތިހާދުގެ ވެރިންނާއި އަދި އެއިއްތިހާދާއެކު ބައިއަތުހިފި ސިޔާސީ ބޭބޭފުޅުން އެކި އެކި އާންމު ބައްދަލުވުމުންތަކުގައި މެދުނުކެޑި ވިދާޅުވަމުންގެންދެވި ވާހަކަފުޅަކީ، މިމުޒާހަރާއަކީ ތާރީޚު ބަދަލު ކޮށްލާނެ ބޮޑު މުޒާހަރާއެއް ކަމެވެ. އެއްލައްކަ ދިވެހިން މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރުކުރުވާލާ، މިއީ މިހަލަބޮލި ސިޔާސީ މަސްރަހުގައި އޭގެ ކުރިއާއި ފަސް ވަކިކޮށްދޭނެ ސާފު އިންފާރަކަށް ވެގެންދާނެ ކަމުގެ ވާހަކަތަކެވެ. ދިވެހިރައްޔިތުން އެމީހުންގެ ދީން ހިމާޔަތްކުރުމަށްޓަކާ އެކަމަށް "ވަޖިދުވަދެފައި" ތިބީ ކިހާވަރަކަށްކަން މިމުޒާހަރާއިން ފެނިގެންދާނެ ކަމުގެ ވާހަކަތަކެވެ. ކަން ހިނގައިދިޔައީވެސް މިބީދައިން ކަމުގައި ގަބޫލުކުރަންޖެހެވެ. މިއީ ދިވެހި ތާރީޚު މިހާތަނަށް ދުށް އެންމެ ބޮޑު އެއް އެއްވުމެވެ. ރާއްޖޭގެ ހުރިހާކަންކޮޅުތަކެއްގައިވެސް މެއެވެ. އެހެންނަމަވެސް، މި ބޮޑު މުޒާހަރާއަށްފަހު މިއަދު ކުރެވެމުންދާ އެންމެ ބޮޑު ބަހުސަކީ، ފަހުގެ ތާރީޚުގައިވެސް އެންމެ ބޮޑަށް އިސްތިހާރުކުރެވި، އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކާއި މަދަނީ އެތަކެއް ފަރާތަކުން ބައިވެރިވެ ބޭވިގެންދިޔަ މުޒާހަރާއިން ހާސިލްވެދިޔަ ފިލާވަޅުތަކަކީ ކޮބައިތޯއެވެ.


ބޮޑު މުޒާހަރާއަށް ސަރުކާރުން "ރިއެކްޓް" ކުރެއްވުން:

ބޮޑު މުޒާހަރާއަކީ މިމުޒާހަރާގެ ބައިވެރިން މުޒާހަރާއަށް ދިން ނަމެއް ނޫނެވެ. މުޒާހަރާގެ ބައިވެރިން މުޒާހަރާ ވަކި ނަމެއް ދީފައިނުވި ނަމަވެސް، މުޒާހަރާ އިސްތިހާރުކުރެވެމުން އައީ މުޅިރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު މުޒާހަރާގެ ނަމުގައެވެ. އެހެންނަމަވެސް، މިމުޒާހަރާ ބާއްވާނެކަން މަދަނީ އިއްތިހާދުންނާއި އަދި ސިޔާސީ ޕާޓީތަކުން އިއުލާން ކުރުމާއިއެކުހެން، ސަރުކާރު މީޑިޔާ (އެމްއެންބީސީ) އިން މުޒާހަރާއާގުޅޭގޮތުން "ނެގެޓިވް ޕަބްލިސިޓީއެއް" ގެނައުމަށްޓަކާ ތަފާތު ޚަބަރުތައް ގެނެސްދޭން ފެށިއެވެ. މީގެ ތެރޭގައި މުޒާހަރާ ބާއްވާނެކަން އިއުލާންކުރެވުނު ދުވަހު އިއްތިހާދުވީ ބައެއް ޕާޓީތަކުން މުޒާހަރާއަށް ކުޑަކުދިން ގެނައުމަށް ހިތްވަރު ދިންކަމަށް ސަރުކާރު ޓީވީގެ ޚަބަރުތަކުގެ ފަލަ ސުރުޙީގައި ގެނެސްދީފައިވެއެވެ. ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސްގެ އިންޓަވިއު ހޯއްދަވައިގެން މިއީ އެފަރާތުން ތާއީދު ކުރާ އަދި ހިތްވަރުދެއްވާ ކަމެއް ނޫންކަން ފަލަސުރުޚީތަކުގައި ގެނެސް ދީފައިވެއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ދިވެހިންގެ ލެޔާއި ވިންދާއި ގުޅިފައިވާ ދީނީ ޝިއާރުތަކެއްގެ އަޑުފުހެލާނެކަމަށް ވިދާޅުވަމުން އައި މަދަނީ އިއްތިޙާދުހެ އިސްބޭފުޅުންނާއި އަދި، ބައިއަތު ހިއްޕެވި ސިޔާސީ ބޭފުޅުންނަށް ޕަބްލިކް ފޯރަމްތަކުގައި މިމުޒާހަރާ ދިފާއުކޮށް ވާހަކަދެއްކެވުމަށް މަޖުބޫރުވެވަޑައިގަތުމެވެ.

މުޒާހަރާ އިއުލާން ކުރެވުމާއިއެކު، މާލޭގެ މަގުތަކުގައި އެމްޑިޕީން ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ސިލްސިލާ އެއްވުންތައް ބާއްވަން ފެއްޓެވިއެވެ. ފުރަތަމަ ބޭއްވުނު ދެތިން އެއްވުންތަކުގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ އާއި ރީކޯ މޫސާމަނިކު ފަދަ ބޭބޭފުޅުން މޭގަ އަތްޖައްސަވާ ވިދާޅުވަމުން ގެންދެވީ 23 ޑިސެމްބަރުގައި ނުކުންނަވާނީ ބޮޑު މުޒާހަރާގެ ބައިވެރިންނާއި ސީދާ ދިމާކުރެއްވުމަށް ކަމުގައެވެ. ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވި ގަދަބަހަކީ މާލޭގެ މަގުމައްޗަކީ އާތަނެއް ނޫންކަމާއި، މިމަގުމަތީގައި އެބޭފުޅުންނާއި ދިމާނުކުރެއްވޭނެކަމަށެވެ. އަދި އޭގެ އެއް ދުވަސްފަހުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ސިދާ ދެކޮޅު ހެއްދެވުމާއި އެކުވެސް، 23 ޑިސެމްބަރުގައި ނުކުތުމަށް ގައުމީ މަޖިލީހުގެ އަޢުލަބިއްޔަތުން ފާސްކުރިއެވެ. އެހެންނަމަވެސް އެމްޑީޕީގެ އެތެރެއިންނާއި ބޭރުންވެސް އެމްޑީޕީގެ މުޒާހަރާއާއި ދެކޮޅަށް އުފުލިގެންދިޔަ އަޑުތަކާއި، ދީނީ ބޭފުޅުން ދީން ހިމާޔަތްކުރުމަށް ނުކުންނަ މުޒާހަރާގެ ބައިވެރިންނާއި ސީދާ ދިމާކުރައްވާނެކަމަށް އެމްޑީޕީގެ އެއްވުންތަކުގައި ދެކެވިފައިވާ ވާހަކަތަކުގެ ނަތީޖާ ރަގަޅު ނުވާނެކަމަށް ބެލެވިގެންނަމަވެސް، އެމްޑީޕީން ބާއްވަން ނިންމެވި މުޒާހަރާ ފަހުން އިވެންފެށީ "މެދުމިނަށް ކުރާ ތާޢީދު"ގެ ނަމުގައި ބޭއްވޭ މުޒާހަރާއެއްގެ ގޮތުގައެވެ. މިހާހިސާބުންވެސް، އެމްޑީޕީގެ މުޒާހަރާއާއި ދެކޮޅަށް އެމްޑީޕީގެ އެތެރެއިން އިވެމުންދިޔަ އަޑުތަކަށް ފަނޑުކަމެއް އައިސްފައެއް ނުވެއެވެ. މުޒާހަރާއާއި ދެކޮޅަށް ޕެޓިޝަނެއް ތައްޔާރުކުރެވި އެންމެ ފަހުވަގުތުގައި މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އާންމު އުސޫލުން ފެނިގެންދިޔައީ އެކްޓިވިސްޓް ވިސްނުމާއި، ގަދަކަން ދެއްކުމާއި، ގޮންޖެހުމުގެ ވިސްނުމުގައި ތިއްބެވި ބޭފުޅުން ކުރި ހޯއްދެވި މަންޒަރެވެ. ނަތީޖާއަކަށް ވެގެންދިޔައީ، ބޮޑުމުޒާހަރާގެ ވާހަކަތައް މެދުނުކެޑި މީޑިޔާތަކުގައި ދައުރުވާން ފެށުމެވެ. މެދުނުކެޑި ބޮޑު މުޒާހަރާގެ ދިފާއުގައި މީޑިޔާގެ ހުރިހާ ވަސީލަތެއްގެ ބޭނުންވެސް ކުރުމަށް ބޮޑުމުޒާހަރާގެ ބައިވެރިންނަށް މަޖުބޫރުވެގެން ދިއުމެވެ. މެދުމިނަކަށް ކުރެވޭ ތާއީދެއްގެ ނަމުގައި ނަމަވެސް އެމްޑީޕީގެ މައިގަޑު ވިސްނުމެއްކަމުގައި ބެލެވިފައި އޮތީ ނުވަތަ ދުރުތިބީންނަށް ވިސްނުމުގެ ފުރުސަތު ބޮޑަށް އޮތީ އެމްޑީޕީގެ މުޒާހަރާއަކީ ބަޔަކު މުޒާހަރާ ކުރާތީ އެއާ ދެކޮޅަށް ކުރެވޭ މުޒާހަރާއެއްގެ ގޮތުގައެވެ. އަދި އެއީ ޙަގީގަތް ކަމުގައިވެސް ވެދާނެއެވެ. އާޚިރުގައި ކަންވެގެންދިޔައީ އެބީދައިން ނޫންބާވައޭވެސް މިއަދު ސުވާލުއުފެދެއެވެ. އިސްލާމްދީނުގެ މެދުމިނަށް ތާއީދުކޮށް އެމިނަކީ ކޮބައިކަން މުޒާހަރާގައި ހާމަކޮށްދެވުނުތަން ފެނިގެނެއް ނުދިޔައެވެ. އެމުޒާހަރާ ބޭއްވުނު މަގުސަދު ކަމުގައިވާ އެމްޑީޕީން ބުނަމުން އައި މެދުމިނަށް ތާއީދު ކުރި ދީނީ އިލްމުވެރިޔެއް އެމުޒާހަރާއިން ފެނިގެނެއް ނުދިޔައެވެ. ދީނީ ވާހަކަޔަކަސް، ސިޔާސީ ވާހަކަޔަކަސް، އަދީ އެނޫން އަޑެއް ނަމަވެސް އެމުޒާހަރާގައި އުފުއްލެވީ ރައީސް ނަޝީދެވެ. ކޮންމެއަކަސް، އެމްޑީޕީން މިއީ ލިބުނު ނާކާމިޔާބީއެއްކަމުގައި މިއަދު ގަބޫލުނުކޮށްފާނެއެވެ. ގަބޫލުކުރުމަކީ ފަސޭހަކަމަށްވެސް ނުމެވާނޭމެއެވެ. އެހެންނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މުޒާހަރާއަކީވެސް ގަދަބާރުން ބޭއްވޭނެ އެއްޗެއް ނޫންކަމެއްވެ. ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިގެން މެނުވީ މުޒާހަރާއެއްވެސް ނުބޭއްވޭނެކަމެވެ. ވެރިކަންވެސް ކުރެވޭނީ ހަމަ އެބީދައިންކަމެވެ. އަތުގައި ބާރެއްއޮތަސް ކަންކަމަށް "ރިއެކްޓް" ކުރުމުގައިވެސް ހަމަޔާއި ލަމަ ގެންގުޅެންޖެހޭކަން ކުރެވުނު ތަޖުރިބާއިން ފާޅުވެ ފެނިގެން ހިގައްޖެއެވެ.

ބޮޑު މުޒާހަރާއިން ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް ކިހާވަރަކަށް ސާފުކޮށްފިތޯ؟:

ބޮޑު މުޒާހަރާއަކީ ޚާއްސަކޮށް ވަރަށް ބޮޑަށް ބައިބައިވެގެން ގޮސްފައިވާ ސިޔާސީ ފަރާތްތައްވެސް އެއް ޕްލެޓް ފޯމަކުން ފެނުނު ފުރަތަމަ ސިޔާސީ ނުވަތަ މަދަނީ ހަރަކާތެވެ. މިމުޒާހަރާއަކީ ހަމައެކަނި ސިޔާސީ ފަރާތްތަކުން ރާވާ އިންތިޒާމްކުރި ހަރަކާތަކަށް ނުވިނަމަވެސް، މި މުޒާހަރާގެ އިސްސަފުގައި ފެށުނީއްސުރެ ސިޔާސީ ފަރާތްތައް ފާޅުގައި ހަރަކާތްތެރިވަމުން އައިސްފައިވެއެވެ. މަދަނީ އިއްތިހާދާއި ގުޅިގެން ހިންގުނު ހަރަކާތެއް ނަމަވެސް، މިހަރަކާތް އިއުލާން ކުރެވުނީއްސުރެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިއުމާއި އަދި ސަރުކާރު ޒިންމާ ދާރުކުރުވުމުގެ ވާހަކަތަކަކީ މިމުޒާހަރާގެ ބައިވެރިން އެކި އެކި މީޑިޔާތަކުގައި މެދު ނުކެޑި ދެއްކެވި ވާހަކަތަކެވެ. ނަތީޖާއަކަށް ވެގެންދިޔައީ، މިހަރާކާތުން ވަރަށް ބޮޑަށް ސިޔާސީ ކުލަތައް ފެށުނީއްސުރެ ފާޅުވާން ހުރުމެވެ. އުސޫލެއްގެ ގޮތުން މިފަދަ މުޒާހަރާއެއްގެ އެތެރެއިންނާއި ބޭރުން ސިޔާސީ ކުލަތަށް ފާޅުވާން ހުރުމަކީ މައްސަލައެއްކަމުގައި ބެލެވޭނެ ޖާގައެއް ނެތްކަމުގައިވެސް ދެންނެވިދާނެއެވެ. ދީން ހިމާޔަތްކުރުމަށް ނުކުންނަ މީހަކީ ސިޔާސީ މީހަކަށް ވުމަކުން ނުވަތަ މަދަނީ މީހަކަށް ވުމަކުން ތަފާތެއް ނެތެވެ. ދީން ހިމާޔަތް ކުރުމަށް ހިންގޭ ހަރާކާތެއްގައި ސިޔާސީ ކުލައެއް ޖެހުމަކުން ނުވަތަ މަދަނީ ކުލައެއް ޖެހުމަކުން ވަކި ތަފާތެއް އޮވެގެން ނުވާނެއެވެ. އާޚިރު ނަތީޖާއަކަށް ވާންވާނީ، ވެނިމިދިޔަފަދައިން، ދީނުގެ ހިމާޔަތުގައި އަޑު އުފުލުމުވެ. އެމަގުސަދު ހާސިލްވެވުން އެނިމުނީއެވެ.

އެހެންނަމަވެސް، މަދަނީ ފަރާތްތަކާއި ޚިލާފަށް، ސިޔާސީ ފަރާތްތަކުގެ މަގުސަދުތަކުގެ ތެރޭގައި އަބަދުވެސް، ގާނޫނީ ހަމަތަކުގެ މަތީން ސަރުކާރު ބަދަލުކޮށްލުމުގެ އަމާޒު ހިމެނިފައި އޮންނާތީ، އަދި ގިނައަދަދެއްގެ ބަޔަކު އެއްތަނަކަށް އެއްވެ ސަރުކާރާއި ދެކޮޅަށް އުފުލާ އަޑުތަކަކީ އެއަޑުތަކުގައި ގާނޫނީ ހައިސިއްޔަތު އޮންނާނޭ އަޑުތަކަކަށް ވާތީ، ސިޔާސީ ފަރާތްތައް ފުޅާދާއިރާއެއްގައި ބައިވެރިވާ މިފަދަ ކޮންމެ ހަރަކާތަކީވެސް ސިޔާސީ މަސްރަހު އޮތްގޮތް ދައްކުވައިދޭނޭ ތަހުލީލުތަކެއް ކަމެއްކަމުގައި ބެލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބގައިވެސް، ދާދި ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ދިވެހި ރައްޔިތުން އާބަސް ބުނެފައިވަނީ ސަރުކާރު ޒިންމާދާރު ކުރުވުމަށެވެ. ޑީއާރުޕީގެ އެތެރެ އިންތިހާއަށް ބައިބައިވެފަ އޮތް އިރެއްގައި، ބައިބައިވުންތައް ފިނިނުކޮށް ނަމަވެސް، އެބައިބައިވުންތައް އެއްކައިރިކޮށް ހިންދިރުވާލުމަށްފަހު ލޯކަލް ކައުންސިލް އިންތިޚާބުގައި އެޕާޓީން ކައުންސިލްތަކުގެ މެޖޯރިޓީ ހޯއްދަވާފައިވެއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، ރާއްޖޭގެ އިދިކޮޅު ފަރާތްތައް ނުހަނު ބޮޑަށް ބައިބައިވެފައިވި ނަމަވެސް، އިދިކޮޅު ފަރާތްތައް އެއްގަލަކަށް އަރާހިސާބުން، މުޒާހަރާއަކަސް، އިންތިޚާބަކަސް ތަފާތެއް ފެންނަ ކަމުގައި ދިރާސާ ކުރާފަރާތްތަކުން މިއަދު ބުނަންފެށުމެވެ. މިއަދު ޑީއާރުޕީގެ އެތެރެއިން ޚިޔާލުތަފާތުވީ ފަރާތްތައް ރަސްމީކޮށް އާޕާޓީއެއް އުފައްދަވާ، އިދިކޮޅު ބައެއް ޕާޓީތައް ކޯލިޝަން ހައްދަވާއިގެން، އަނެއް ޕާޓީތައް ގިނިކަންޏާ ހަރަކާތްތެރިވަމުން ދިޔަނަމަވެސް، މިމުޒާހަރާއަށް ހުރިހާ ޕާޓީތަކެއް ވެސް ނުކުތީ އެއްވިސްނުމެއްގައި އެއް ރޫހެއްގައެވެ. ބޮޑު މުޒާހަރާގެ ސްޓޭޖްމަތިން އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންކަހަލަ ގޮތަކަށް ފެނިގެން ދިޔައިރު، ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ މުގުލުގައި އަދާލަތު ޕާޓީ އޮތްކަމެވެ. މުޒާހަރާގެ މަގުސަދު ރައްޔިތުންނަށް ފަހުމް ކޮށްދިނުމުގައި މަދަނީ އިއްތިހާދުގެ އިތުރުން ބޮޑެތި މަސައްކަތްތަކެއް ކުރެއްވީ އަދާލަތު ޕާޓީންނެވެ. މުޒާހަރާގެ މައިގަޑު ތީމަކީ ދީން ހިމާޔަތް ކުރުމެވެ. ސަރުކާރުގެ ދީނީ ސިޔާސަތުތައް ކަމުނުގޮސް، ރައްޔިތުން ރަތަށް އެރީއެވެ. ފަހަކަށް އައިސް އަދާލަތު ޕާޓީގެ ޖަލްސާތަކަށް ހާޒިރުވާ އާންމު މެމްބަރުންގެ އަދަދު މަދުނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެޕާޓީގެ ނުފޫޒު ބަލިކަށިވެގެން ގޮސްފައި ނުވާކަން ހާމަވެގެން ހިގައްޖެއެވެ. އަދި ހަމައެއާއެކު އެޕާޓީއަށް ގިނިކަންޏާ ކުރެވޭނެ މާބޮޑު ކަމެއް ނެތްއިރު، މިއަދުގެ ސިޔާސީ މަސްރަހުގައި އިދިކޮޅު އެހެން ޕާޓީއަކަށްވެސް ގިނިކަންޏާކުރެވޭނޭ މާބޮޑުކަމެއް ނެތްކަމަށް މިހަރަކާތުންނާއި މިހަރަކާތުގެ ކުރިން ފެނިގެން ދިޔަ މަންޒަރުތަކުން ފާޅުވެ ފެންނާން އެބައޮތެވެ. އެމްޑީޕީންވެސް ދީނުގެ ނަމުގައި މުޒާހަރާއެއް ބާއްވަމުން ދިޔަވަގުތު ސިޔާސީ ފަރާތްތަކުންނާއި މަދަނީ އިއްތިހާދުން ބޭއްވި އެއްވުމަށް އައި ބައިވެރިންގެ އަދަދުގައި ހާހާއި ސުމެއްގެ ތަފާތު ހުރިއިރު، ބޮޑު މުޒާހަރާއަށް އައިސްފައިވާ މެޖޯރިޓީ ބައިވެރިންނަކީ މިސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ނުކުރާފަރާތްތައްކަމުގައި ގަބޫލު ކުރަންޖެހެއެވެ. އެހެންކަމަށް ވާނަމަ، ސިޔާސީ އިދިކޮޅު ހުރިހާ ފަރާތްތަކެއް އެކުވެ، ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް މުޖުތަމަޢުގައި މިއަދު އޮތް ނުރުހުމާއިއެކު 2013ގެ ނަތީޖާ މިއަދު އަޅުގަޑުމެން ދެކެފިނަމަ، ހިގަމުން މިދަނީ މިސަރުކާރުގެ ފުރަތަމަ އަދި އެންމެ ފަހު ދައުރުކަމާމެދު ޝައްކުކުރާނެ ޖާގަ ވަރަށް ހަންޏެވެ. ބޮޑު މުޒާހަރާއިން މިއަދު ސާފުކޮށްދިން ސިޔާސީ މަސްރަހަކީ އަޅުގަޑުގެ ނަޒަރުގައި މިއީއެވެ.

ސަރުކާރަށް ކުރި ފުން އަސަރު:

މިމުޒާހަރާ ވެގެން މިދިޔައީ ވަރަށް ގިނަގޮތްގޮތުން ފާހަގަވެގެންދިޔަ މުޒހަރާއެއްގެ ގޮތުގައެވެ. އިދިކޮޅު ފަރާތްތަކާއި، ރާއްޖޭގައި ތިއްބެވި ގިނައަދަދެއްގެ ދީނީ ޢިލްމުވެރިން މުޒާހަރާގެ ކާމިޔާބީ މިއަދު ފާޅުކުރަމުންދާއިރު، މިމުޒާހަރާވެގެން މިދިޔައީ ސަރުކާރުގެ އިސްކޮށްތިއްބެވި ވެރިންނާއި ހަރުގޭގައި އަޑުގަދަކުރައްވާ ބޭބޭފުޅުންނަށް ހިތިބޭހަކަށް ކަމުގައި ގަބޫލުކުރެވޭ ގިނަގުނަ ސަބަބުތަކެއް އެބަހުއްޓެވެ. މުޒާހަރާއިން މިފަދަ ބޭބޭފުޅުންނަށް ފުންއަސަރުތަކެއް ކޮށްފައިވާކަމަށް ގަބޫލުކުރަންޖެހޭ ގިނަގުގަ ސަބަބުތަކެއްވެސް އެބަހުއްޓެވެ. މުޒާހަރާ ބޭއްވުނު ދުވަހުގެ ހަވީރު އެމްޑީޕީން ބޭއްވި މުޒާހަރާ ނުހަނު ދޯދިޔާކޮށް ނިމިގޮސްފައިވަނިކޮށް، ހަވީރު މުޒާހަރާ ބޭއްވި ބޭފުޅުން އެރޭގެ މެންދަމުގެ ވަގުތުގައި އެމްޑީޕީގެ ހަރުގޭގައި އެއްވެ ދީނީ މުޒާހަރާއާއި ދެކޮޅަށް އަޑުއުފުލާފައިވެއެވެ. ބޮޑު މުޒާހަރާ ކާމިޔާބުކަމާއެކު ރަސްމީކޮށް ނިމިދިޔަ ފަހުންނެވެ. އެހެންނަމަވެސް އެމްޑީޕީގެ ހަރުގޭގައި، މީހުން މެރުމަށާއި ދަންޖެއްސުމަށާއި މީހުންގެ ހަރުމުދާ ފޭރިގަތުމަށް މިއެއްވުމުގެ ބައިވެރިން ގޮވާފައިވެއެވެ. ސަރުކާރު ޓީވީ އެމްއެންބީސީން މިމަންޒަރުތައް ލައިވް ކޮށްފައިވެއެވެ. މިއަޑުތައް އެއްސެވި ބޭފުޅުން، ނުވަތަ މިމަންޒަރުތައް ބެއްލެވި ބޭފުޅުންނަށް ބޮޑު މުޒާހަރާގެ މަންޒަރުތައް ތަހައްމަލް ނުވެދިއުމުގެ އަސަރު ފާޅުވެ ފެންނާން ހުރިކަން ގަބޫލުކުރެވޭނެއެވެ. ދަށްފެންވަރުގެ ވާހަކަތަކާއި އަޑުތަކާއި މީޑީޔާގެ އެތިކްސްއާއި ސްޓޭންޑަޑްތަކުން ސީދާ ބޭރުން އިވިގެންދިޔަ މިއަޑުތައް ރޭގަޑުގެ ދަންވަރު ގައުމީ ޓިވީން ލައިވްކުރަން މަޖުބޫވާންވީ ސަބަބުތަކެއްވެސް ހުންނަން ޖެހޭނެ ނޫންތޯއެވެ. ބޮޑު މުޒާހަރާ ލައިވްކުރަމުންދިޔަ އަމިއްލަ މީޑިޔާތަކަށް ދިފާއީ ބާރުން އިންޒާރުގެ ނޯޓިސް ފޮނުވާފައިވަނިކޮށް، މި ނޯޓިސްގައި، ނުކުރުމަށް އިންޒާރުދީފައި ހުރި ކަންކަމަށް ހިތްވަރުދީ އަޑުއުފުލަމުންދިޔަ އެއްވުމެއް ލައިވް ކުރެއްވިއިރު، ދެން އަންނަ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، މިނާޒުކު ދަޑިވަޅުގައި ސަރުކާރުގެ މައްޗަށާއި އަދި ސަރުކާރުގެ ނުފޫޒު ފޯރާކަމަށް ތުހުމަތުކުރެވޭ ގައުމީ ޓީވީއާއި ދިފާއީބާރަށްވެސް އިގިލި ދިގުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެފަރާތްތަކަށްވެސް ގަބޫލުނުކުރެވޭނެ ބާވައެވެ. ޕްރެޝަރަށް ނުވެއްޓި، ހިތި އަސަރެއް ނުކޮށް، މިމަންޒަރުތައް މިފަދަގޮތަކަށް ތަސްވީރުވެގެންދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ.

ސަރުކާރަށް ފިލާވަޅެއް:

އިދިކޮޅު ފަރާތްތަކަށްވުރެ އަވަހަށް 2013 އަމާޒަކަށް ހައްދަވާފައިވަނީ ސަރުކާރު ހިންގާ ޕާޓީއެވެ. ސަރުކާރުން ފާސްކުރެއްވުމަށް މަސައްކަތްކުރައްވާ ބަޖެޓާއި، ތަރައްގީގެ ޕްރޮޖެކްޓްތައް ނިންމެވުމަށް އަމާޒުކުރައްވާ ދަޑިވަޅާއި، އަދި ދައްކަވާ ވާހަކަފުޅުތަކަށް ރިއާޔަތްކުރާއިރު، ސަރުކާރުގެ އަމާޒު ނުހަނު ސާފެވެ. އެހެންނަމަވެސް، ސަރުކާރުގެ އެހެން ބައެއް ސިޔާސަތުތަކުން (ދީނީ ސިޔާސަތުތައް ފަދަ) މިއަމާޒުތައް ސާފުވަނީ ކިހާވަރަކަށްތޯ މިއީ މިއަދު ކުރެވިދާނެ ސުވާލެކެވެ. 2013ގެ ތަސައްވުރާއިމެދު ބޮޑު މުޒާހަރާއިން ކުރަހާދިން އެއް މަންޒަރަކީ، ދިވެހިންގެ ދީނީ ޝޫޢޫރާއި ފިކުރާއި ކުޅެން މަސައްކަތްކުރުމަކީ ނާޒުކުކަމެއް ކަމެވެ. މިސަރުކާރު ވެރިކަމަށް އައުމުގައި އަދާލަތު ޕާޓީއަށް ނިސްބަތްވާ އިލްމުވެރިން ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންފައިވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދީނީ އިލްމުވެރިންގެ ނުފޫޒު ގަދަކަމަށް އޭރުވެސް ބެލެވުނުގޮތަށް މިއަދުވެސް އެހަގީގަތް ހަމައެގޮތަށް އޮތްކަމެވެ. ރާއްޖޭގެ އިދިކޮޅު ސިޔާސީފަރާތްތައް ބައިބައިވެ، މައިބަދަ ބިންދައިގެން ގޮސްފައިވަނިކޮށް، ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް ބޭއްވުނު މުޒާހަރާއަށް ހާހުން ގުނާލެވޭ އަދަދަކުން މީހުން ޖަމާކުރެވުނީ ހަމަ ދީނީ ބޭބޭފުޅުން ކުރީސަފަށް ނެރެގެންކަން ގަބޫލުކުރަންޖެހެއެވެ. މިއަދުގެ ސިޔާސީ މަސްރަހު ބައްޓަންވެފައިއޮތް ގޮތަށް ރިއާޔަތްކޮށް، މިއަދުގެ ވިސްނުމަކުން ވިސްނާއިރު، 2013ގެ ނަތީޖާއާއިމެދު މިއަދު ޚިޔާލެއް ފާޅުކުރާނަމަ ފާޅުކުރެވެން އޮތް ޚިޔާލަކީ، ގޮންޖެއްސެވުމާއި، ގަދަކަން ދެއްކެވުމުގެ ވިސްނުމެއްގެ ތެރެއިން، އަދި ޚާއްސަކޮށް ދީނީ އިލްމުވެރިންނާއި ދީނަށް ލޯބިކުރާ ފަރާތްތަކުގެ ތާއީދު ނެތި، 2013 އާއި މިސަރުކާރުން ކުރިމަތިލައިފިނަމަ، މިއަދު ގުނަމުން މިދަނީ އެމްޑީޕީގެ ފުރަތަމަ އަދި އެންމެ ފަހު ދައުރުކަމުގައި ގަބޫލުކުރުމުގެ ޖާގަ ވަރަށްވެސް ބޮޑުކަމެވެ. އެހެންނަމަވެސް، ހިތަށް ތަސައްލީއެއް ގެނައުމުގެ ނިޔަތުގައި ނަމަވެސް، ސިޔާސީ މަސްރަހަށް އަދި ލައްކަ ބަދަލު އަންނާނެކަމުގައި ބުނެވިދާނެއެވެ. ބޮޑު މުޒާހަރާއިން މިދެއްކި ބަދަލު ފެނިގެން މިދިޔައީ ސިޔާސީ މަސްރަހަށް ބަދަލުތަކެއް ނައިސްގެނެއް ނޫނެވެ. ބޮޑު މުޒާހަރާއިން ފެނިގެން މިދިޔައީ ސަރުކާރުގެ ދީނީ ސިޔާސަތުތަކާއިދެކޮޅަށް ގައުމުގެ ރައްޔިތުން އުތުރިއެރި މަންޒަރެވެ. މިއަދު މިދެކޭ 2013ގެ ނަތީޖާއަށް ބަދަލެއް އަންނަންޖެހޭނަމަ، ސިޔާސީ މަސްރަހުން ބަދަލެއް އަންނަންޖެހޭނީ ދީނީ ޢިލްމުވެރިންގެ ބައިވެރިވުމާއި އެކު ދީނީ ސިޔާސަތުތަކުގެ ތެރެއިންކަމަށް މިއަދު ގަބޫލުކުރަންޖެހެއެވެ. އެއީ، އިދިކޮޅުގައި މިހާރުވެސް ތިއްބެވި ސިޔާސީ ފަރާތްތައް ޚިޔާލު ތަފާތުވިޔަސްވެސް، ކޮންމެވެސް ހައިސިއްޔަތަކުން އިދިކޮޅުގައި ތިއްބަވާނެކަމަށް ބެލެވޭތީއެވެ. އަދި ލާދީނީ ސިޔާސަތުތަކަށް ސިޔާސީ މަސްރަހުގެ ތެރެއިންނަމަވެސް ދިވެހިންގެ މިޖީލު ދީލާލާނެ ކަމަކަށް ނުބެލެވޭތީވެސްމެއެވެ.


Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.