ދިވެހިރާއްޖޭގައި އިނގިރޭސިބަހުގެ ތަޢްލީމް
އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ “ދިވެހި އަދީބުންގެ ދުވަސްވީ ލިޔުއްވުންތައް” މިނަމުގައި ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް (ޕވޓ) ލމޓ” އިން ޝާއިޢު ކުރައްވަމުން ގެންދަވާ ސިލްސިލާގެ 15 ވަނަ ޢަދަދުން ނަގާފައި އޮތް މަޒުމޫނުކެވެ. ފޮތުގެ ފެށުމުގައި ނޮވެލްޓީ ޕރިންޓަރޒްގެ ފަރާތުން އަލްފާޟިލް އަލީ ހުސެއިން ލިޔުއްވާފއި އޮތް ބަޔާނުގައިވާ ތާރީޚަކީ މާރޗް 2008 އަކެވެ. އެހެންނަމަވެސް، އިބްރާހިމް ޝިހާބުގެ މަޒްމޫނަކީ އެއަށް ވުރެ ކުރީގެ ލިޔުމެކެވެ. އަދި ލިޔުން ކިޔުމުން ދޭހަވަނީ އެއީ އިބްރާހިމް ނާސިރުގެ ރައީސްކަމުގައި ލިޔުއްވާފައި އޮތް ލިޔުމެއް ކަމެވެ. މި ލިޔުން ރަށްގޮވާއަޑުގައި މި ޝާޢިއު ކުރަނީ މި ލިޔުމަކީ މުހިންމު ތާރީޚީ މައްލޫމާތު ކޮޅެއް އެކުލެވޭ ލިޔުމަކަށް ވާތީއެވެ. އަދި ދިވެހިރާއްޖޭގައި އިނގިރޭސި ބަހުގެ ތައްލީމް ފެށިގެން އައިގޮތާއި އަދި މި ތައްލީމް ޢާންމުންނަށް ހުޅުވާލެވުނު ގޮތް މި ލިޔުމުގައި ބަޔާން ކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގައި އިނގިރޭސިބަހުގެ ތަޢްލީމް
މަޢްޟޫއު އަޅުގަނޑުގެ ކުރިމަށްޗަށް ހުށަހެޅުނު ފަރާތަކުން ހުށަހެޅުމާއެކުގައި އަޅުގަނޑުގެ ހިތުގައި އުފެދުނީ ވަރަށްވެސް ވަރުގަދަ ސުވާލެކެވެ. އެއީ މި މަޢުޟޫއަށް މަޟްމޫނެއް ލިއުން ކިތަންމެ ގޮތަކުން އެކަށީގެންވާ ފަރާތްތަކެއް ވަނިކޮށް މިކަމާމެދުގައި އަޅުގަނޑު ހޮއްވަވައި ކުރިމަތިލާންޖެހުނު ސަބަބަކާމެދުގައެވެ. ނަމަވެސް އެތައް ފަރާތަކަށް ވިސްނުން ހިންގިއިރު މަޤްބޫލު އެއް ސަބަބެއް އަޅުގަނޑަށް ފެނިއްޖެއެވެ. އެއީ މަޢްޟޫއު އެކުލެވިގެންވާ ދެބައިގެ ތެރެއިން އެއްބައި އަޅުގަނޑަށް އެނގިފައި އަނެއްބައި އަޅުގަނޑަށް ނޭގުމުން މަޢާފު ކުރެއްވުން އެދެމެވެ.
ތާރީޚް ބުނާގޮތުގައި އިނގިރޭސި ވިލާތަކީ އުފެދިގެން އައި އައުމުގައި މަސްހުނިވެފައިވާ ދަރިކޮޅުތަކެކެވެ. ފެށުނު ފެށުމުގައި އެބައިމީހުންގެ ބަހަކީވެސް އާދަޔާޢި ޚިލާފު އަދަބިއްޔާތެއް ނުވަތަ ޢިލްމެއް އޭގެ ބިންގަލެއްކަމުގައި އޮތް ބައެއްކަމަށް އެބަސް ނުދަންނަ އަޅުގަނޑެއް ޤަބޫލެއް ނުކުރެމެވެ. ނޭނގުމަކީ ޤާނޫނީ ގޮތުން ޤަބޫލު ނުކުރެވޭ ޢުޒުރެއް ނޫންކަމުގައިވިއަސް…
ކޮންމެއަކަސް އިނގިރޭސި ޖިންސުގައި ހުރި ކުރިއެރުމަކާއި ކެތްތެރިކަމަކާއި ފިނިކަމަކާއި އެކުގައި ޔޫރަޕުގައި އެބައިމީހުން ކުރިއަރައިގެން އައިސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެބައިމީހުންގެ ހިސާބުގަނޑުގެ ނަގާކިޔާ ބަޔަކީ އެމީހުންކަމުގައި ހިމެނެން ފަށައިފިއެވެ. ކުރިއަރަމުން އައީ ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައެވެ. ކަނޑުގެ ބާރުތައް ގަދަކުރަމުން ދިޔައިރު ބަހުގެ އަދަބިއްޔާތުވެސް ދިޔައީ ތަރައްޤީ ކުރަމުންނެވެ. ވިޔަފާރީގެ ރޮނގުގައިވެސް އާބާޒާރުތައް ހޯދަމުންނެވެ. މިހެންގޮސް ދުނިޔޭގެ ތާރީޚުން މާގިނަ ދުވަސްތަކެއް ވޭތިވެގެން ނުދަނީސް ދުނިޔޭގެ އެތައްބިތެއްގައި އެބައިމީހުން ވެރިކަން ފަތުރައިފިއެވެ. ދުނިޔޭގެ ހުރިހައި ކަނޑަކީ ގާތްގަނޑަކަށް އެމީހުންގެ ބާރުގެ ދަށުގައިވާ ވެޔޮތަކެއްކަމުގައި ހަދައިފިއެވެ. އިނގިރޭސީންގެ ދިދައަކީ އެއަށް އިރުއޮއްސުމެއް ނެތް ދިދައަކަށް ވެއްޖެއެވެ.
އެބައަކީ ކޮންމެ ބައެއްކަމަށްވިޔަސް ތަހްޒީބާއި ތަމައްދުންގެ ރޮނގުތަކުގައި ބަޔަކު އެދަރަޖައަށް ކުރިއަރައްޖެނަމަ އަދި ޚާއްޞަކޮށް އެބައެއްގެ ވެރިކަން އެހެން ބިންތަކަށް ފެތުރިއްޖެނަމަ އެބައެއްގެ ބަސް ހިމެނިފައި އޮންނާނީ ކުރިއަރަން ބޭނުން ކޮންމެ ބަޔަކު ދަސްކުރުން ލާޒިމުވެ މަޖްބޫރުވެފައިވާ ބަހެއްކަމުގައެވެ. މިގޮތުން އިނގިރޭސި ދަޢުލަތުގެ ވެރިކަން އިންޑިއާއަށް، ސިލޯނަށް ފެތުރުނު ހިނދު އިނގިރޭސިބަސް ހިމެނުނީ މި ހިސާބުގަނޑުގެ އަހުލުވެރިންވެސް އެބަސް ދަސްކުރުން ޙަޔާތުގެ ޟަރޫރަތްތެރިކަން ލާޒިމުކޮށްފި ބަހެއް ކަމުގައެވެ.
އަޅުގަނޑަށް އެނގިފައިވާ މަޢްލޫމާތު ކުށްކަމުގައި ނުވާނަމަ ދިވެހިންގެ ތެރެއިން އިނގިރޭސިންނާއި އެންމެ ފުރަތަމަ ގުޅުމެއް އުފެއްދެވީ އަތިރީގޭ ދޮން އަހްމަދު ދީދީއެވެ. ނަމަވެސް އެ ގުޅުން އުފެއްދެވުމުގައި މިދެންނެވި އަލްއަމީރު އަހްމަދު ދޮށިމޭނާ ކިލެގެފާނު އިނގިރޭސިބަސް ދެނެވަޑައިގެން ހުންނެވި މިންވަރާމެދު ކިތަންމެ ކުޑަ އެއްޗެއްވިއަސް ދެންނެވޭފަދަ މަޢްލޫމާތެއް އަޅުގަނޑަކަށް ލިބިފައެއް ނެތެވެ.
ދިވެހި ތާރީޚް އޮޅުމެއްނެތި ބުނާ ގޮތުގައި އިނގިރޭސި ދަޢްލަތާއި ދިވެހި ދަޢުލަތާއި ދެމެދުގައި “އެކުވެރިކަމުގެ” ރަސްމީ ގުޅުމެއް އުފެދުނީ 1887 ވަނަ އަހަރުއެވެ. ކުޑަބަންޑާރައިންގެ ރަސްކަމުގައެވެ. ދުވަސްވަރަކީ މަޝްހޫރު ޢަލީ ދޮށިމޭނާ ކިލެގެފާނު ރާއްޖެ ދޫކުރައްވައި ސްރީލަންކާގެ ގާލީގައި (ގޯލް ގައި) ވަޒަންވެރިވެވަޑައިގެން ހުންނެވި ދުވަސްވަރެވެ. ވަރަށް ބޮޑު ވިޔަފާރިވެރިއެއްގެ ގޮތުގައެވެ. ވަރަށް ދީލަތި މުއްސަންޖެއްގެ ގޮތުގައެވެ. މި ދުވަސްވަރު އެކިލެގެފާނުގެ ދަރިކަލުން އަލްއަމީރު އިބްރާހިމް ދޮށިމޭނާ ކިލެގެފާނާއި ހޮޅުދޫ ނެވިގޭ ދޮންމަނިކުގެ ޢަލީ ދީދީއާއި، އިސްމާއީލް ދީދީއާއި މިފަދަ ބައެއް ބޭފުޅުން އިނގިރޭސި ކިޔަވައި ވިދާޅުވުމަށް ކޮންމެވެސް މަސައްކަތެއް ކުރެއްވިއެވެ. ނަމަވެސް އަނެއްކާވެސް އެބަސް އެބޭފުޅުންނަށް އެނގިވަޑައިގަތް ވަރަކާއިމެދު އެއްޗެއް ދެންނެވުމަށް އަޅުގަނޑު ޢުޒުރުވެރިވެއެވެ.
އަޅުގަނޑަށް އެނގި ކަށަވަރުވެފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ދަންނަވާނަމަ އިނގިރޭސި އިސްކޫލަކުން ޤަވާޢިދުގެ މަތީން އެންމެ ފުރަތަމަ އިނގިރޭސި ބަސް ކިޔެވި ދިވެހި ދަރިއަކީ އަތިރީގޭ ސުމުއްވުލްޢަމީރު އަހްމަދު ދޮށިމޭނާ ކިލެގެފާނެވެ. އާދެ، ކުރީގައި ދެންނެވި ދޮން އަޙްމަދު ދީދީގެ ޢަލީ ދޮށިމޭނާކިލެގެފާނުގެ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދޮށީ ދަރިކަލުން ކަމުގައިވި އަހްމަދު ދޮށިމޭނާ ކިލެގެފާނެވެ. އޭނާ ކިޔަވާ ވިދާޅުވީ ގާލީގެ ރިޗްމަންޑް ކޮލެޖުންނެވެ. ކޮންމެއަކަސް އެކިލެގެފާނަކީ ރަނގަޅަށް އިނގިރޭސިބަސް އެނގިވަޑައިގެން ހުންނެވި ރީތި ޢިބާރާތުން ވާހަކަފުޅު ދައްކަވާ ޙައިރާންވާފަދަ ރީތި އަކުރަކުން އިނގިރޭސި ލިޔުއްވާ ކުޅަދާނަ ޢިލްމުވެރިއެކެވެ. އޭނާގެ ޢިލްމުވެރިކަން ގުޅިފައިވަނީ ހަމައެކަނި އިނގިރޭސި ބަހަކާއި ނޫނެވެ. އަދި ކީއްތޯއެވެ. އެކިލެގެފާނަކީ ޢަރަބި ބަހުގެ ވަރަށް ބޮޑު ޢިލްމުވެރިއެކެވެ. އުރުދޫ ބަހާއި ތަމަޅަބަހުން ކުޑަވެސް ދަތިކަމެއް ނެތި ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ.
ދިވެހިންނާއި އިނގިރޭސި ބަހާއި ހުރި ތަޢްލީމީ ގުޅުމުގައި ދެން އަޅުގަނޑުމެންނަށް ފެނުނީ ސުމުއްވުލްއަމީރު އިބްރާޙީމް ފާމުލަދޭރި ކިލެގެފާނާއި އަލްފާޟިލް ހުސައިން ޙިލްމީ ދީދީއާއި އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީއެވެ. އެއަށްފަހުގައި އޭރުގެ ރަދުންގެ ދަރިކަލުން އަލްއަމީރު ޙަސަން ޢިއްޒުއްދީނާއި، އަލްއަމީރު މުޙައްމަދު ފަރީދު ދީދީއާއި، އަލްއަމީރު ހަސަން ފަރީދު ދީދީއާއި، އަލްއަމީރު މުޙައްމަދު އަމީން ދީދީއެވެ. ދެންމެ މިދެންނެވި ބޭފުޅުންގެ ތެރެއިން އަލްފާޟިލް އިބްރާހިމް އަލީ ދީދީ ފާމުލަދޭރިކިލެގެފާނު އެންމެ ފުރަތަމަ ތަޢްލީމް ޙާޞިލް ކުރެއްވީ ސިލޯނުގެ އެންމެ މަޝްހޫރު އެއް ކޮލެޖްކަމުގައިވާ ސެންޓް ތޯމަސް ކޮލެޖުންނެވެ. ޙުސައިން ޙިލްމީ ދީދީއާއި އަޙްމަދު ކާމިލް ދީދީ ތަޢްލީމް ހޯއްދެވީ އިންޑިޔާގެ ޕޫނާއިންނާއި އެނޫންވެސް ބައެއް ރަށްރަށުންނެވެ. ޕްރިންސް ހަސަން ޢިއްޒުއްދީނާއި އަލްއަމީރު މުޙައްމަދު ފަރީދު ދީދީއާއި ސިލޯނުގެ ރޯޔަލް ކޮލެޖުންނެވެ. އަލްއަމީރު ހަސަން ފަރީދު ދީދީތޯއެވެ. ސިލޯނުގެ ރޯޔަލް ކޮލެޖުންނެވެ. އިންޑިޔާގެ ލާހޫރުންނެވެ. މިޞްރުގެ ޤާހިރާއިންނެވެ. އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތުންނެވެ.
އަޅުގަނޑުމެން އެބޭފުޅެއްގެ ތައްލީމީ ޚިދްމަތް ނުހަނު އަލިގަދަކޮށް ދުށް އަލްއަމީރު މުޙައްމަދު އަމީން ކޮޅުނބުގައި ދެ ކޮލެޖެއްގައި ތަޢްލީމް ޙާޞިލް ކުރެއްވިއެވެ. ޚާއްޞަކޮށް ސެންޓް ޖޯޒޮފް ކޮލެޖްގައެވެ. އެއަށްފަހުގައި އޭނާ ވެދެވަޑައިގަތީ މުޅި އެތެރެވަރިއަށް މަޝްހޫރު ޢަލީގަޅު ޔުނިވަރސިޓީއަށެވެ. މަޢްޟޫޢުގެ މިހިސާބުން އިނގިރޭސިބަހުގެ ތަޢްލީމާއި ރާއްޖެއާއި ހުރި ގުޅުމުގެ ފެށުން ފެށިގެން އައިގޮތުގެ މައްޗަށް އެއްޗެއް ދެންނެވިއްޖެކަމުގައި އަޅުގަނޑު ޤަބޫލު ކުރަމެވެ.
ދެން އޮތީ ދިވެހިރާއްޖޭގައި އިނގިރޭސި ކިޔަވައި ދިނުމަށް ފެށެވުނު ގޮތުގެ ތާރީޚެވެ. އަޅުގަނޑަށް ފެނިފައިވާ ލިއުންތަކުގެ މައްޗަށް ބުރަވެގެން ދަންނަވާނަމަ އިނގިރޭސިބަސް ކިޔަވައި ދިނުން ނުވަތަ އިނގިރޭސި ކިޔެވުން ވަކި ޒަމާނެއްގައި މިރާއްޖޭގައި އޮތީ ‘އަބުއި’ ކަމަކަށް ވެފައެވެ. މިކަން މިހެން އޮއްވައި އެބޭފުޅުންގެ އަމިއްލަފުޅު ހިއްމަތުންނާއި އަދިވެސް ބައެއް ސަބަބާއިއެކުގައި އިބްރާހިމް ޢަލީ ދީދީއާއި ޙުސައިން ޙިލްމީ ދީދީއާއި ޢަހްމަދު ކާމިލް ދީދީ އިނގިރޭސި ކިޔަވައި ވިދާޅުވެގެން މާލެ ވަޑައިގެންފިއެވެ. މިވަޑައިގަތްއިރު ފަޟީލަތުއްޝައިޚް ޙުސައިން ސަލާހުއްދީން އޭނާގެ ގޭގައި ކުދިބަޔަކަށް ޤަވާޢިދުކޮށް ޢަރަބިބަސް ކިޔަވައި ދެއްވައެވެ. މިކަން މިހެން ހިނގަނިކޮށް އަލްފާޟިލް ހުސައިން ޙިލްމީ ދީދީއާއި އަލްފާޟިލް އަހްމަދު ކާމިލް ދީދީ މާލެވަޑައިގަތުމުން ހުސައިން ސަލާހުއްދީނުގެ އަރިހުގައި ކިޔަވަން އުޅުނު ދަރިވަރުންނަށް އެމަނިކުފާނު ލިއުއްވައި އަންގަވައިފައި އޮތް އެންގެވުމެއް އަޅުގަނޑު ދުށީމުއެވެ. އެ އެންގެވުމެއްގައި ވަނީ ހުސައިން ހިލްމީ ދީދީއާއި އަހްމަދު ކާމިލް ދީދީ އިނގިރޭސި ކިޔަވައި ވިދާޅުވެގެން މާލެ ވަޑައިގެންފިކަމާއި އެދެބޭފުޅުންގެ އަރިހަށް ގޮސް އެބަސް ދަސްކުރުމަށް ކޮންމެވެސް މަސައްކަތެއް ކުރުމީ ވަރަށް ބޭނުންކަމެއް ކަމުގައެވެ. ކޮންމެއަކަސް އެދުވަސްވަރުން ފެށިގެން ޙުސައިން ޙިލްމީ ދީދީވެސް އަޙްމަދު ކާމިލް ދީދީވެސް އަދި އެދެބޭފުޅުންނަށްވުރެ މާމަތިވެރި މިންވަރަކަށް އިބްރާހީމް ޢަލީ ދީދީގެ އަރިހުން ކިޔެވި ކުދިންނަށް ވަރަށް ރަނގަޅު ގޮތުގައި އެބަސް ފިލަމުންވެސް ދިޔައެވެ. އޭގެ ދުވަސްކޮޅެއްފަހުގައި އަލްއަމީރު މުޙައްމަދު އަމީންވެސް ކުދިބަޔަކަށް އިނގިރޭސި ކިޔަވައި ދެއްވުންމަތީގައި ޚިދްމަތްތަކެއް ކުރެއްވިއެވެ.
ދެން އެއްޗެއް ދަންނަވާލުން އެކަށީގެންވަނީ ރަސްމީ ސިފައެއްގައި ސަރުކާރުގެ މަދްރަސާގައި އިނގިރޭސިބަސް ކިޔަވައިދޭން ފެށުނު ފެށުމާއިމެދުގައެވެ. އެކަން ފެށުނީ ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ފާސްވެގެން މަދްރަސާގައި އިނގިރޭސިބަސް ކިޔަވައިދޭން ފެށުނު ފެށުމާއިމެދުގައެވެ. އެކަން ފެށުނީ ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ފާސްވެގެން މަދްރަސާއަށް ގެންނެވި އިޞްލާޙްގެ ތެރޭގައެވެ.
ނަމަވެސް ވަރަށް އަވަހަށް ޅައުމުރެއްގައި އެ ޤާނޫނު މަރުވުމާއި ވިދިގެން އނގިރޭސި ކިޔަވައިދިނުން ހުއްޓި އެކަން ބަންދުވެ ސަރުކާރުން މަނާ ކުރެވިއްޖެއެވެ. މިގޮތުގައި ދިވެހި ޖައްވު އޮއްވައި އަލްފާޟިލް ޙުސައިން ޙިލްމީ ދީދީއަށް ސިލޯނުގައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރުކަން ލިބިވަޑައިގަތެވެ. އެލިބިވަޑައިގަތް ފުރްޞަތު އޭނާ ނަންގަވައިނުލެއްވިކަމުން އަލްފާޟިލް އަހްމަދު ޙިލްމީ ދީދީ އައްނަބީލް ޙަސަން ޢަލީ ދީދީ އަލްފާޟިލް ޢަލީ ހުސައިން ދީދީ އަލްފާޟިލް މުހައްމަދު ޒާހިރު ނަޞީރު ފަދަ ކުދިންކޮޅަކަށް އިނގިރޭސި ކިޔެވުމުގެ ނަސީބު ލިބިއްޖެއެވެ. ޝައްކެތް ނެތް ގޮތުގައި އެކަމަކީ އަލްފާޟިލް ހުސައިން ޙިލްމީ ދީދީ ދިވެހި ޤައުމަށް އަދާކުރެއްވި ވަރަށް ބޮޑު ޚިދްމަތެކެވެ. ކޮންމެއަކަސް މާލޭގައި އިނގިރޭސި، އުރުދޫފަދަ ބަސްބަސް ކިޔެވުން މުޅީން މަނާވެ ކިޔަވާ މީހުނާއި ކިޔަވައިދޭ މީހުން ކުށްވެރިވާ ފެންވަރެއްގައި އެކަން އޮއްވައި ތަނުގެ އޮއިވަރު ބަދަލުވެ ދައުލަތުގެ ވެރިކަމަށް އެހެން އުޞޫލެއް އައިސް އަނެއްކާވެސް ރާއްޖޭގެ ޢިލްމީ ގުލްޝަނަށް އާ ރަބީޢެއްގެ ދިރުން ލިބިއްޖެއެވެ. ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދިވެހި ދައްލަތް ހިންގެވުމާއި ޢަމަލީ ގޮތުގައި ފުރިހަމަ އިޚްތިޔާރު އޮވެގެން ޙަވާލުވެވަޑައިގެންފިއެވެ. އަޅުގަނޑުމެންނަށް ފެނުނީ މަދްރަސަތުލްސަނިއްޔާ އަލުން ދިރުނު ތަނެވެ. ހަތަރު އަވަށު މަދްރަސާ އުފެދިގެން ހިނގައިގަތް ތަނެވެ. ކޮޅުނބުގެ ސޯސަން ވިލާގައި ވަރަށް އެކަށީގެންވާ ގޮތެއްގެ މަތީން ދިވެހި ކުދިންކޮޅަކަށް އިނގިރޭސި ބަހުގެ ތައްލީމް ދެވެންފެށިތަނެވެ. މަދްރަސަތުއްސަނިއްޔާގެ އަންހެން ކުދީންނަށް ތަޢްލީމް ލިބެން ފެށި ތަނެވެ. ހަމައެކަނި ޢަރަބި ބަހާއި ހިސާބެއް ނޫނެވެ. އިނގިރޭސި ބަހާއި އުރުދޫއާއި ދިވެއްސާއި ދިވެހި ތާރީޚާއި އަޚްލާޤާއި ޢާންމު މަޢްލޫމާތާއި މިނޫންވެސް އެތައް މާއްދާތަކެކެވެ. ނަމަވެސް ކިޔަވައި ދެއްވުމުގެ މަޤާމްގައި އޭރުވެސް ތިއްބެވީ ދިވެހި ޢިލްމުވެރިންނާއި ‘މުތަޢައްލިމު’ންނެވެ. މިހެންކަމުން މި ވާހަކަ ކޮޅު ނިންމާލުމަށް ހިފަމުން ދެން އެއްޗެއް ދަންނަވާލާ ހިތް އޮތީ މިހާރު މަދްރަސާ ނުވަތަ އިސްކޫލް މިހިނގާ އުޞޫލަށް ބަދަލުވުމުގެ ފެށުމުގެ ވާހަކައެވެ.
ދަޢުލަތް ހިންގެވުމުގެ ވެރިއަކު ކަމުގައި ހުންނެވީ ވަޒީރުލްއަޢުޒަމް ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ. ރާއްޖޭގެ ތައްލީމީ ސިޔާސަތު ރޭއްވެވުމުގެ ބާރުއޮތީ ތަޢްލީމުގެ މުދައްބިރެއްގެ ގޮތުން އެކިލެގެފާނުގެ އަތްޕުޅުގައެވެ. އެހެންނަމަވެސް ރާޢްޖޭގެ ތަޢްލީމާއި ތަޙްޒީބާއި ކުރިއެރުމާއިބެހޭ ވަރަށް ގިނަ ކަންތައްތަކެއްގައި އޭރުވެސް ހިނގަމުން އައީ މިއަދުގެ ދިވެހި ޤައުމުގެ ޒައީމް ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޚިޔާލުފުޅާއި ލަފާފުޅެވެ. މިގޮތުން ކަމަށް އެކަށީގެންވާ އިނގިރޭސިބަސް ދަންނަ ބޭރުގެ ޓީޗަރުން އެންމެ ފުރަތަމަ ގެނެވުނީވެސް ކުރީގައި ދެންނެވި ގޮތުގެ މަތީން ކަންހިނގަމުން ދިޔަދިއުމުގެ ތެރެއިންނެވެ. އެބެއިކަލަކީ ސިލޯނުގެ މިސްޓަރ އެތެލް ރީޑިއަސްއެވެ. އޭނާއާއި އެހީވުމުގެ ގޮތުން ދެއަންހެނަކުވެސް ގެނެވުނެވެ. މިކަހަލަ ހިމަ އަދި ހަނިގޮތަކަށް ފެށުނު ފެށުން ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި ކާމިޔާބު ޙަރަކާތަކަށް ބަދަލުވެގެން ހިނގައްޖެއެވެ. 1960 ވަނަ އަހަރު މިސްޓަރ ޖޭ.ވީ. ހިލް މާލެ ގެންނަވައި އެކަށީގެންވާ ޢަދަދަކަށް ތީޗަރުން ގެންނަވައި ސަރުކާރުގެ އިސްކޫލުތަކުގައި ކިޔަވައިދިނުމުގެ އުޞޫލު ޒަމާނުގެ މަގަށް ބަދަލުކޮށްލައްވައިފިއެވެ. އަމީނިއްޔާ އިސްކޫލްވެސް ހަމަ އެމަގުން ހިނގައިގެންފިއެވެ. ކުޑަކުޑަ ޅަދަރީންނަށް މޮންޓެސޫރީ ހުޅުވިއްޖެއެވެ. އާދޭހެވެ. އިނގިރޭސިބަހުގެ ތަޢްލީމް ދުނިޔޭގެ އެހެން ތަންތަނުގައިވެސް ދިން ޤަވާޢިދާޢި އުޞޫލުގެ މަތީން ދިވެހިރާއްޖޭގައިވެސް އެކަން ހިނގައިގަތީއެވެ. ދިވެހިންގެ ހުރިހައި ޝުކުރަކާއި ތައްރީފެއްގެ ހައްޤުވެރިއަކީ ތަޢްލީމަކީ ހަމަ ކޮންމެ ދިވެއްސެއްގެމެ ޙައްޤެއްކަމުގައި ހެއްދެވި އަޅުގަނޑުމެންގެ ލޮބުވެތި ބަތަލް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއެވެ. (ނިމުނީ(
Comments