ފަންޑިތަހަދަން ކުޅަދާނަ ޖަމީލުގެ ދެވަނަ ނަމަކީ މުޖައްރިބެވެ. އެއީ، އައްޑުއަތޮޅަށް މަޝްހޫރު މީހެކެވެ. އަހަރުމެންގެ އާއިލާގެ މީހުން އައްޑު އަށް ހިނގައްޖިއްޔާ ތިބެނީ އެ ގޭގަ އެވެ. އޭގެ ސަބަބުން، ޖަމީލު ވެފައިވަނީ އަހަރެންގެ ވެސް ގާތް އެކުވެރިއަކަށެވެ. އޭނަ ކައިރި އަށް ކޮންމެ މީހަކު ވެސް އަންނަނީ، ވަރަށް ބޮޑު ޔަގީންކަމަކާ އެކުގަ އެވެ. ދުވަސްވަރަކީ، ތަމްރީނަށް ވުރެ ބޮޑަށް ފަންޑިތަ އަށް ބަރޯސާވެގެން ރާއްޖޭގައި ފުޓްބޯޅަ ކުޅުނު ދުވަސްވަރެވެ. ވެގެންވާ ނަމަ، ކުޅުންތެރިންގެ ބަދަލުގައި ދެ ސިހުރުވެރިން ދެ ގޯލުގައި ބައިތިއްބައިގެން ވެސް މެނޭޖަރުން ބޯޅަކުޅުވީހެވެ. މާލެ އަންނަން ޖަމީލަށް، ކެނޑިނޭޅި ދައުވަތު ލިބެއެވެ. ދުވަހަކު ވެސް މާލެ ނާންނަ ޖަމީލު ބޭނުންވީ ރަށުގައި ހުންނާށެވެ. އެހެންނަމަވެސް، މާލޭގެ އޭރުގެ އެންމެ މަޝްހޫރު ފުޓްބޯޅަ ޓީމުން ޖަމީލަށް ލިބުނީ، ނޫނެކޭ ބުނަން އުނދަގޫވާ ކަހަލަ ދައުވަތެކެވެ. ހުށަހެޅި އަގު އެހާ ވެސް ބޮޑީ އެވެ.
ޖަމީލު މާލެ އަށް އައިކަން މީހުންނަށް އެނގެމުންދިޔަ ވަރަކަށް، އޭނަ ހޯދަން އަންނަ މީހުން ވެސް ދިޔައީ ގިނަވަމުންނެވެ. އާދަނު ނިދިއިރު ވެސް، ޖަމީލުވީ މީހަކާ އެއްކޮށް ބޭރަށް ގޮހެވެ. ސިއްސައިގެން ގޮސްފައި އާދަނަށް ހޭލެވުނީ، ވަރަށް ބާރަށް މީހަކު ދޮރުގައި ތަޅައިގަތް އަޑަށެވެ. އާދަނު ދޮރު ހުޅުވިއިރު، ވަރަށް ކަންބޮޑުވެފައި ޖަމީލު ބަލަހައްޓައިގެން ހުއްޓެވެ. އަދި، ވައިރޯޅިއެއްހެން އެތެރެ އަށް ދެމިގަތެވެ.
"އަވަހަށް ދޮރުލައްޕާ!" ޖަމީލު އަވަސް އަވަހަށް ބުންޏެވެ.
ލިބުނު ހައިރާންކަމެއްގެ ސަބަބުން، އާދަނަށް ހުރެވުނީ އެވެ. ދޮރުލައްޕަން ހަނދާންނުވެފަ އެވެ.
"ތިޔަ ދޮރު އަވަހަށް ލައްޕާށޭ!" އާދަނުގެ އަތް ފޮޅުވާލާފައި ދޮރު ލައްޕަމުން ޖަމީލު ބުންޏެވެ.
ދޮރު ލެއްޕުނުކަމެއް ނޭނގެ އެވެ. ކުއްލިއަކަށް އަޑުފައްގަނޑެއް އިވުނެވެ. ހީވީ ފުރާޅުމައްޗަށް އެއްޗެއް ޖެހިގަތްހެންނެވެ.
"މާ ލަހީ ދޮރު ލެއްޕުނުލެއް!" ޖަމީލު ފުންމައިގެން އެނދަށް އަރަމުން ބުންޏެވެ. "ބިންމަތީގަ ނުހުރެ އަވަހަށް އެނދަށް އަރާ."
އެ ފަދަ ކޮންމެ ކަމަކީ، އާދަނަށް އާ ކަމެކެވެ. ވީމާ، ވިސްނާލަން ހުރެވުނީ އެވެ. ކުއްލިއަކަށް އާދަނު ވިއްސައިގެން ގޮސް އެނދު ބުޑަށް ވެއްޓުނެވެ.
"ކަލެ އަށް ކީއްވެގެންތަ މަ ބުނާ ކަމެއް ވަގުތުން ކުރެން ނޭނގެނީ؟" ރުޅިއައިސްފައި ޖަމީލު ބުންޏެވެ.
ބިންމަތިން ތެދުވެފައި، ފުންމައިގެން އާދަނު އެނދަށްއެރި އެވެ. އޭރު، ބޯމަތީގައި އެނބުރެމުންދިޔަ ފަންކާ ހީވަނީ ހެލިކޮޕްޓަރެއްގެ ބުރަފަތިހެންނެވެ. އެނބުރޭލެއް ބާރުކަމުންނެވެ. ކުރިން އެ ފަންކާ އެހާ ބާރަކަށް ނޭނބުރެއެވެ.
"ފަންކާ ނިއްވާލާ!" ޖަމީލު އަމުރުކުރި އެވެ.
އެނދުގައި އިނދެފައި އާދަނު ފަންކާ މަޑުކުރި އެވެ. އެންމެފަހުން ފަންކާގެ ސުވިޗު ނިއްވާލި އެވެ. އެކަމަކު، އެނބުރެމުންދިޔަ ފިޔަތަކަށް، ކުޑަ ނަމަވެސް ބަދަލެއްނައެވެ. އާދަނު ކަންބޮޑުވާން ފެށި އެވެ.
"ހާސްނުވޭ!" ޖަމީލު ބުންޏެވެ.
އެހެންބުނި ތަނާ، ޖަމީލުގެ ގަޔަށް ބާރުގަނޑެއް އެރި އެވެ. އިދިފުށަށް ދަމައިގަތެވެ. އެ ވަރުން ވެސް، ކަށިން މަދުނަގައިގެން އޭނަ ވާހަކަދެއްކޭތޯ މަސައްކަތްކުރި އެވެ. ގުރުއާނުގެ ސޫރަތްތަކެއްގެ ނަން އާދަނަށް ބުނެދިނެވެ.
"އެނގޭތަ.. އެ.. ސޫރަތްތައް ކިޔަން؟" ޖަމީލު އެހި އެވެ.
އެއް ސޫރަތް ހިތުން ކިޔަން އާދަނަށް އެނގެ އެވެ. ޖަމީލު ދެން ބުނި ހުރިހާ ސޫރަތްތައް އާދަނަށް އެނގުނީ ހަތިމުން ބަލައިގެން ކިޔާށެވެ. ބަލާކަށް ނުހުރެ ހަތިމް ނެގުމަށްފަހު އާދަނު ކިޔަވަންފެށި އެވެ. ޖަމީލު ވެސް، އޭނަ އަށް ކުޅަދާނަވީ މިންވަރަކުން ކިޔަވަމުންގެންދިޔަ އެވެ. އޭރު، ފުރާޅު ހީވަނީ ވެއްޓިދާނެ ހެންނެވެ. ގަޔަށް ކުނޑިތައް ފައިބަމުންދިޔަ އެވެ. ކުއްލިއަކަށް ބޮކި ނިވުނެވެ. ދެން ވެސް ފަންކާގެ އެނބުރުމަކަށް ބަދަލެއްނާދެ އެވެ. އާދަނު އިށީނދެގެން އިން އެނދާއި ޖަމީލުގެ އެނދު ތެޅުވޭ ވަރުން އޭގައި ހަރުލާ އިނުމަކީ ފަސޭހަކަމަކަށް ނުވި އެވެ. އާދަނު އަށް ކިޔެވުނީ، ކުޑަދޮރުން ވަދެފައިވާ އަލި ރޮއްޖެއްގެ އެހީގަ އެވެ. ކިތަންމެ ވަރަކަށް އެނދު ތެޅުނަސް، ސާބިތުކަމާ އެކުގައި އާދަނު ކިޔަވަމުންގެންދިޔަ އެވެ. އެއީ، ކުރިން ދުވަހަކު ވެސް އާދަނަށް ދިމާނުވާފަދަ ނާމާން ރެއެކެވެ. އާދަނު އެންމެ ހައިރާންވި ކަމަކީ، އެ ގެ އާއި ޖެހިގެން ހުރި ގެ އަށް އެއްވެސް އަޑެއް ނީވޭކަން ފަހުން އެނގުނީމަ އެވެ.
ކޮންމެއަކަސް، އެ ރޭގެ އެތައް ދަމެއް ވަންދެން، ޖަމީލު އެ ހާލުގައި އޮތުމަށްފަހު، މަޑުމަޑުން ހަމައަކަށްއެޅެންފެށި އެވެ. އޭނަގެ ގަޔަށް އެރި ބާރުގަނޑު، މަޑުމަޑުން ދޫވެ، އެނދުގައި އޭނަ އިށީނެވެ. ބޮތްކެއް ނުދިއްލެ އެވެ. އެކަމަކު ފަންކާ އެނބުރެމުންދިޔަ އެވެ. ޖަމީލު ފޮށިން ގަނޑަކާ ގަލަމެއް ނެގުމަށްފަހު، އެ ފަނޑު އަލީގައި، ކޮންމެ ވެސް އެއްޗެހިތަކެއް އޭގައި ލިޔުނުތަން އާދަނަށް ފެނުނެވެ. ލިޔެ ނިންމާފައި، ޖަމީލު ލޯމަރާލައިގެން ކިޔަވަން އިނީ އެވެ.
ފަތިސްނަމާދުގެ ބަންގި ފެށުމާއެކު، ކުއްލިއަކަށް ފަންކާ ހުއްޓުނެވެ. ހީވީ، މީހަކު ފަންކާގެ ފިޔަތަކުގައި ހިފިހެއްޓިހެންނެވެ. އަޑުތައް މަޑުވި އެވެ. ހަމަހިމޭންކަން ވެރިވި އެވެ. އެކަމަކު، ބޮތްކެއް ނުދިއްލެ އެވެ. ބިންމައްޗަށް ފުރަތަމަ ފޭބީ ޖަމީލު އެވެ. ކިޔެވި އެއްޗެއް ކިޔަވަމުން ބިމަށް ފޭބުމަށްފަހު، އާދަނު ވެސް ފޭބުމަށް އިޝާރާތްކުރި އެވެ. އާދަނު ފޭބުމުން، އަތުގައި އޮތް ގަނޑުކޮޅު ފަތްޖަހާލާފައި އާދަނަށް ދިއްކޮށްލި އެވެ.
"މި ގެންގޮސް، މި ރަށުގެ އިރުއަޅާކޮޅަށް، މޫދަށް އެއްލާލާ!" ޖަމީލު އެދުނެވެ.
އާދަނު ހުރީ އޭގައި ނުހިފާށެވެ. ދެން ވާނެގޮތެއް ނޭނގޭތީ އެވެ.
"ދެން މި އަމާންވީއޭ،" ޖަމީލު ބުންޏެވެ. "ދެން ނުވާނެ އެއްކަމެއް ވެސް. ދޭ އަވަހަށް."
އާދަނު އެ ކަރުދާސްކޮޅު ހިފައިގެން ހިނގައިގަތެވެ.
"ދެން ބުނަން،" ޖަމީލު ބުންޏެވެ. "ތި އެއްލާލާފަ، ނަމާދުކޮށްގެން ގެ އަށް އަންނާނީ. މަ ވެސް މިދަނީ މިސްކިތަށް."
އާދަނު ކަންތައް ކުރީ ޖަމީލު ބުނި ގޮތަށެވެ. އެހެންނަމަވެސް، އެ ރޭ އެ ކަމެއް ދިމާވި ސަބަބު އެނގެން އާދަނު ވަރަށް ބޭނުންވި އެވެ. އެހާ މޮޅަށް ފަންޑިތަހަދާ މީހެއްކަމަށް މަޝްހޫރުވެފައިވާ މީހަކަށް އެ ފަދަ ހާލެއް ޖެހެންވީ ކީއްވެގެން ހެއްޔެވެ؟
"އަހަރެން އެ ރޭ ގެ އަށް އައީ މީހަކަށް ކަމެއް ކޮށްދީފަ،" ފަހުން ޖަމީލު ބުންޏެވެ. "ވީގޮތަކީ، މީހަކު ހުރީ އަންހެނަކަށް ވަރަށް ވަރުގަދަ ސިހުރެއް ހަދާފަ. އޭނަ ބޭނުންވީ އެ ކަމުން ސަލާމަތްވާން. މަށަށް އޭރު ވެސް އެނގޭ އެއީ ފަސޭހަކަމަކަށް ނުވާނެކަން. އެއީ، ވަރަށް ޒަމާންވެފަ ހުރި ކަމެއް. ދެން އެ ކުރިކަމެއް ކޮށްފަ، ލިޔުނު ލަކުޑިކޮޅު ހިފައިގެން މަ ދިޔައީ، މަގޭ ހިތުން އިރުއަރާ ދިމާލަށް. އެކަމަކު، އެ ލަކުޑިކޮޅު ހޫރާލުމާ އެކު މަށަށް ހީވެއްޖެ ނުބައި ދިމާލަކަށޭ މި ހޫރާލެވުނީ. އަލަށް މާލެ މި އައީ. އައިއިރު އޮތީ އިރުއޮއްސިފަ. އިރުމަތިފަރާތް މަށަށް އޮޅުނީ. ހުރިހާ ވެސް މައްސަލަ އަކީ އެއީ."
އޭގެ ފަހުން ވެސް ޖަމީލު މާލެ އާދެއެވެ. އެކި ޓީމުތަކަށް ފަންޑިތަ ހަދައިދެއެވެ. އެކި މީސްމީހުންގެ ބޭނުންތައް ވެސް ފުއްދައިދެއެވެ. މިއަދު ވެސް އޭނަ ދުނިޔޭގައި އެބަހުއްޓެވެ. އެކަމަކު، އުމުރުން ދުވަސްވެފައިވުމާ އެކު، ވަރަށް ގާތް މީހަކަށް މެނުވީ، މިހާރު ފަންޑިތަ ހަދައެއްނުދެ އެވެ. ހައިރާންވާން ޖެހޭ ކަމަކީ، އޭނަ މޮޅުވާނޭ ބުނާ އެއްވެސް ޓީމެއް އެ މެޗަކުން ބަލިވެފައި ނެތްކަމެވެ. ވަރަށް ފަހުން ވެސް އަހަރެން އެ ރަށަށް ދިޔާމެވެ. ވަރަށް ގިނަ ރޭރޭ، ވަކި އިރެއް ވަންދެން، އޭނަގެ ކޮޓަރީގައި އެކަނިމާއެކަނި އޭނަ އިންނަތަން އަހަންނަށް ފެނެއެވެ. ތެޔޮ ބައްތިއެއް ދިއްލައިގެން، މޭޒުކައިރީގައި އިތުރު ހުސްގޮނޑިއެއް ބަހައްޓައިގެން، އެ ގޮނޑީގައި "އިންނަ" މީހަކާ އޭނަ ވާހަކަދައްކަ އެވެ. އަހަރެން ބަލަނީ ސިއްރުންނެވެ. އެކަމަކު، ޖަމީލަށް ފަހުން އެކަން އެނގެއެވެ.
"ސިއްރުން ނުބަލައްޗޭ!" ހީލާފައި، ނަސޭހަތުގެ ރާގަކަށް ޖަމީލު ބުނެލަ އެވެ. "ނުވާނެ ބަލާކަށް."
"ކާކާ ތި ވާހަކަދައްކަނީ؟" އަހަރެން އަހަމެވެ. "ޖިންނިއަކާތަ؟"
"އެއީ މަގޭ ޤަރީނު،" ޖަމީލު ބުންޏެވެ. "ފްރެންޑެކޭ ވެސް ކިއިދާނެ. އެއީ މުސްލިމެއް. ނަމާދުކޮށް ރޯދަ ވެސް ހިފާނެ."
ަނިމުނީ
Comments