ތިރުވަނަންތަޕޫރަމުން
މިއުޅެނީ ޓްރެވެންޑްރަމްގައެވެ. ނުވަތަ އިންޑިޔާގެ ތިރުވަނަންތަޕޫރަމްގައެވެ. ނުވަތަ ތްރިމާލޭގައެވެ. ޞިއްޙީފަރުވާއަކަށެވެ. ތްރިމާލެއޭ މިދެންނެވީ މިތަނުގައި ދިވެހިން ގިނަކަމުންނެވެ. މަގުތަކުން ގިނައިން ފެންނަނީ ދިވެހިންނެވެ. އެއީ މިތަނުގައި ދިރިއުޅޭ ދިވެހިންނާއި ބޭސްފަރުވާއަށް އައިސް އުޅޭ ދިވެހިންނެވެ. އަދި ޗުއްޓީ ހޭދަކުރުމަށް އައިސް އުޅޭ ދިވެހިންނެވެ. އެހެންކަމުން، ތިރުވަނަންތަޕޫރަމްގެ މަގުތަކަށް ނިކުމެލީމާ ރާއްޖޭއިން ބޭރަށް އައިސް އުޅެވޭކަމުގެ އިހުސާސެއް ނުކުރެވެއެވެ.
ފަރުވާކުރަންދަނީ ހޮސްޕިޓަށެވެ. ކެރެލާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް ( ކިމްސް) އަށެވެ. އެތަނުގައި ޑަކްޓަރަށް ދައްކަން ގޮސް އުޅޭ މީހުން ވަރަށް ގިނަ އެވެ. އިންޑިޔާ މީހުންނާއި ދިވެހިންނެވެ. ދިވެހިންވެސް ފާހަގަ ކުރެވޭވަރަށް ގިނައެވެ. އެޕޮއިންޓްމަންޓަށާއި ވޯކިން ރޫޓުންވެސް ޑަކްޓަރު ބައްލަވައެވެ. ނަންބަރުގައި ގިނަވަގުތުތަކެއް ހޭދަކުރަން ޖެހުނެވެ. އެހެންވެ ފޫހިވީލެއް ބޮޑުކަމުން ކޮފީއަކަށް ބޭރަށް ނިކުމެލީމެވެ. ކޮފީ ތަށި ހިފައިގެން ނިކުތީ ހޮސްޕިޓަލް ބޭރަށެވެ. މިތަނުން ދެކެފަރިތަ ދަންނަ މީހަކާ ބައްދަލުވިއެވެ. ޢަބުދުﷲ ސައީދެވެ. ހޯރަފުށީ މީހެކެވެ. އޭނާ ދިރިއުޅެނީ މިތަނުގައެވެ. ގެއެއް ކުއްޔަށް ހިފައިގެން ދިވެހިން ބައިތިއްބައިގެން ބޭސްފަރުވާގެ ޚިދުމަތް ދެނީ އެވެ. މިހާރުގެ ގޮތަށް ނަމަ މެޑިކަލް ޓުއަރިޒަމްގެ ހިންގާ މީހެކެވެ.
ޢަބުދުﷲ ސައީދުއާ ވާހަކަ ދައްކަމުން ކަންތައްތައް ހުރިނެތްގޮތް ސާފުކޮށްލީމެވެ. ސައީދު ބުނީ މުޅިން ރަގަޅެވެ. އަބަދުވެސް ގޭ އޮންނަނީ ފުލްވެފައެވެ. މިހާރު ދެގޭ ހިފައިގެން އުޅޭކަމަށް ބުނެޏެވެ. ނަފާ ރަގަޅުކަމަށްވެސް ބުންނެވެ.
ތްރިމާލޭގެ މަގުތަކާއި މީހުންގެ ދިރިއުޅުން ހުރިގޮތް ދެކިލުމަށް މަގުމައްޗަށް ނިކުމެ އުޅެނިކޮށް ދަންނަ ދެމީހަކު ވެސް ދިމާވެއްޖެއެވެ. އެއީ މުރިންޖަ ޕާލަމް ޖަންކުޝަނުން ފެށިގެން މެޑިކަލް ކޮލެޖަށް ހިނގާފައި ދަނިކޮށެވެ. ފުރަތަމަ ބައްދަލުވީ ރަށު މީހެކެވެ. އަބުދުލް މުއީނެވެ. މަޖީދުބޭ ގޯތި މުއީނެވެ. މުއީނުގެ އަންހެނުންގެ އޮޕަރެޝަނަކަށް މިތަނަށް އައިސް އުޅޭތާ މަހެއް ވެދާނެއެވެ. އޭނާއާއެކު ސްކޫލްގެ ލީޑިން ޓީޗަރ ޝަހީބާ ޖައުފަރުވެސް އުޅެއެވެ. ޝަހީބާ އަކީ މުއީނުގެ ފަހަރި އެވެ. ހާލު އަހުވާލު އަހާލީމާ ބުންޏެވެ. އޮޕަރޭޝަނަށް ފަހު ގެއަށް ދުކޮށްލީ މިއަދު އެވެ. އަދި 10 ދުވަސް ފަހުން ދައްކަން ޖެހެއެވެ. ޝަހިއްތަ (ޝަހީބާ) ނިމޭނީ ޖެނުވަރީ މަހުގައެވެ.
މުއީނު ބައްދަލުވީ އެމީހުން ތިބޭ ހޮޓަލުގެ ކުރިމަތިންނެވެ. އެއީ ރާޖް ހޮޓަލެވެ. ބާބޫ ކަޑަކައިރިއެވެ. ބާބޫކަޑައަކީ ދިވެހިންނަށް ހާއްޞާ ވަރަށް އާދައިގެ ރެސްޓޯރެންޓެކެވެ.
މެޑިކަލް ކޮލެޖާ ދިމާއަށް މަޑުމަޑުން ހިނގާފައި ދަނިކޮށް ދިވެހި ދެ އަންހެންކުދިންވެސް ފެނުނެވެ. ފެނުނީ ހަމައެކަނި ދެކުދިންނެއް ނޫނެވެ. ވަރަށް ގިނަ ދިވެހިން ފެނެއެވެ. ކޮންމެ އޮޓޯއެއްގެ ފަހަތުގައި ތިބެނީ ދިވެހިންނޭ ބުންޏަސް ފާފައެއް ނުވާނެއެވެ. މިދެކުދިން މިފާހަގަކޮށްލީ މިދެކުދިން މަގުމަތީގައި ހިނގާފައި ދަމުން މަގުގެ އެއްފަރާތުގައި ހެދިފައިހުރި ވިނަ ގަސްތަކެއްގައި އަޅަފައި ހުރި މާތަކުގެ ފޮޓޯ އެކުދިންގެ ފޯނުން ނަގަމުން ، ހިނގަމުން މަޖާކުރަމުން ދާތީއެވެ.
ދެން ކުޑައިރުކޮޅަކު ކުރިއަށް ހިނގާފައި ދިޔަތަނާ ވަރަށް ބޮޑަށް ދަންނަ މީހަކު ފެނިއްޖެއެވެ. އެމީހަކަށް އހަރެމެންވެސް ފެނިއްޖެއެވެ. މަށަށްވުރެން ކުރި އެމީހަކު ހީލަފިއެވެ. 32 ދަތް އެކޮށް ދައްކާލިއެވެ. މަވެސް ހީލީމެވެ. ދަތްތައް ދިލުވާލީމެވެ. އަރާހަމަވީމާ ސަލާމްކުރިއެވެ. ހާލު އަހުލުވާލު އަހާލުމުގެ ބަދަލުގައި ބުނީ "ކޮބާ ؟ މިގޮތަށް މަގުތަކުގައި ތިޔަރަށުގައި ތާރު އަޅައިފިތަ؟ "މިހެންނެވެ. މަވެސް ދެރަނުވަންވެގެން ބުނީމެވެ. " ތާރު ނުހިކޭނީސް މީހަކަށް އެރިގެން އޭނާ ތާރުމަގުމަތީ ހަރުލާފައި އެބަހުއްޓޭ" އެހެނީ މަށަކީވެސް ނުލާހިކު އެމްޑީޕީ ވެގެން އުޅުނު މީހެކެވެ. ދާއިރާގެ މެމްބަރު ހޮވަން މެމްބަރާއެކު އެމީހަކު ރަށަށްވެސް ދިޔައީމެވެ. އެހެންވެ ދިމާކޮށްލީ އެވެ. އަދި ބުންޏެވެ. މާދަމާ ތިމަންމެން ރަށަށް ރައީސް ވަޑައިގަންނަވައެވެ. މަވެސް ބުނީމެވެ. ތިރަށްވުރެން ކުރީން އަހަރުމެން ރަށަށެވެ. އެމީހަކާއެކު އިތުރު ދެމީހަކުވެސް ހުއްޓެވެ. އެމީހަކާއި އެދެމީހުން ދެއްކީ ސިޔާސީ ވާހަކައެވެ. ސަރުކާރުގެ ކަންތައްތައް ދޯހަޅިވާހަކައެވެ. ކަންތައްތައް ގޯސް ވާހަކަ އެވެ. ސިޔާސީ ވާހަކަ އަކީ މަވަރަށް ފޫހިވާ ވާހަކައަކަށް ވާތީ އާން، ހޫން، ކިޔައި އަދި ރަގަޅުވާނެ ބުނީމެވެ. އިދިކޮޅު ފަރާތްތަކުގެ އުނދަގޫ ބޮޑުކަމުން ކަމެއް ނުވަނީ އޭ ވެސް ބުނީ މެވެ. އެތައް އިރަކު ވާހަކަ ދެއްކުމަށްފަހު އެމީހަކާ ވަކީވީމެވެ.
އެމީހަކީ މުހައްމަދު ހަސަނެވެ. މާރަންދޫ މުހައްމަދު އެވެ. ސްކޫލްގެ ޓީޗަރެކެވެ. ލާންޗް ކެޕްޓަނެކެވެ.
ތިރިވަނަންތަޕޫރަމްގެ ތަރައްގީގެ މަޝްރޫޢުތައް ހުރީ ނުހަނު ބާރު އިސްޕީޑްގައެވެ. އަހަރުމެން ރާއްޖޭގައި ފުލެޓް އަޅާ ބާރުމިނުގައެވެ. މަޝްހޫރު ޖީޖީ ހޮސްޕިޓަލް މަރާމާތު ކުރަނީ އެވެ. މަގުތައް ހަދަނީ އެވެ. މަގުތައް ފުޅާކޮށް ބޮޑުވެސް ކުރަނީ އެވެ. މުރިންޖަޕާލަމް ޖަންގްޝަނުން ކޮސްމޯ ހޮސްޕިޓަލަށް ދާންއޮންނަ މަގުގައި ބުރިޖެއްވެސް އެބަހަދައެވެ. އެހެންވެ އެމަގު މިހާރު އޮތީ ބަންދުކޮށްފައެވެ.
އިންޑިޔާގެ 48 ސިޓީގެ ތެރެއިން ކޮޗީ އާއި ތިރިވަނަންތަޕޫރަމްއަކީ އިއާދަކުރަނިވި ހަކަތަ ތަރައްގީކުރުމަށް އިންޑިޔާގެ ސަރުކާރުން ނިންމަފައިވާ ދެ ސިޓީ އެވެ. ޔޫނިއަން މިނިސްޓްރީ އޮފް ނިއު ރިނެވަބަލް އެނަޖީން މިހާރުވަނީ މިމަޝްރޫޢުތައް ތިރިވަނަންތަ ޕޫރަމްގައި ފައްޓާފައެވެ. މިމަޝްރޫޢުގެ މަގްޞަދަކީ މި ސިޓީތަކަށް ބޭނުންވާ ހަކަތައިގެ 10 % ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ.
Comments