ފިރިމީހާ ރާއްޖެއިން ބޭރަށް ފުރައިގެން ދަނީ ކީއްކުރަން ކަމެއް އަހަންނަކަށް ނޭނގެ އެވެ. އިނދެގެން އުޅޭތާ ހަތަރު އަހަރު ވަނީ އެވެ. ދެކުދިން އެބަތިއްބެވެ. ފިރިމީހާ އަކީ ސަރުކާރު އޮފީހެއްގައި އުޅޭ މީހެކެވެ. އެ ވަޒީފާއާ މެދު އަހަރެންގެ ހިތުގައި ޝައްކެއް ނެތެވެ. އޮފީސް ކަންކަމުގައި އަންނަ ކޯލުތަކާއި، އޮފީސް ތަމްސީލު ކުރާ ކަންކަމުގައި، އެކި ތަންނަށް އޭނަ އިންޓަރވިއު ވެސް ދެއެވެ. މައްސަލަ އަކީ، ރަސްމީ މަސައްކަތުގެ އިތުރުން ދެން އޭނަ ކުރަނީ ކީއްކަން އަހަންނަށް ނޭނގުމެވެ.
ސަރުކާރުން ލިބޭ ހައެއްކަ ހާސް ރުފިޔާއިން މާގިނަ ކަންތައްތަކެއް ނުކުރެވެއެވެ. ދެ ކުދިންނަށާއި، އަހަރުމެން ދެމަފިރިންނަށް ބޭނުންވާ ކަންތައްތައް އޮންނަނީ ނުކުރެވިފަ އެވެ. މަހުގެ ވިހި ވަނަ ދުވަހު ލާރިކޮޅު ހުސްވެއެވެ. އެހެން މަސައްކަތެއް ކުރަން ފިރިމީހާ އަށް ޚިޔާލު ދިނީ އަހަންނެވެ. ފުރަތަމަ ފެށި މަސައްކަތް ކާމިޔާބެއްނުވި އެވެ. ދެވަނަ އަށް ފެށި މަސައްކަތް ވަރަށް ކާމިޔާބެވެ. ލިބޭ އާމްދަނީ އެހާ ބޮޑެއް ނޫނެވެ. ބޮޑުވީ ކުރަންޖެހުނު މަސައްކަތެވެ.
ރައްޓެއްސަކާ ގުޅިގެން ފިރިމީހާ ތިން ވަނަ އަށް ފެށި މަސައްކަތުން، ނަސީބު އަހަރުމެންގެ އަތުގައި ހިފި ކަހަލަ އެވެ. އިތުރު ދިހަ ހާސް ރުފިޔާގެ އާމްދަނީއެއް ލިބެންފެށި އެވެ. ބައެއް މަސްމަހު އެ އަށް ވުރެ ގިނައިން ލިބެއެވެ. އެ ފައިސާ ލިބެންފެށުމުން، އަހަރުމެންގެ އެކައުންޓުގައި، ފަހަށް ފައިސާ ރައްކާކުރެވެން ފެށި އެވެ. ދަރިންގެ މުސްތަގުބަލާމެދު، ކޮންމެ ވެސް ކަހަލަ ފޮނި އުންމީދެއް ކުރެވެންފެށި އެވެ. އެހެންނަމަވެސް، އެކި ކަހަލަ ބިރުގަންނަ ހުވަފެންތައް އަހަންނަށް ފެންނަންފެށި އެވެ. ފައިސާގެ ކަނޑަކަށް އަހަރެން ގެނބޭތަނާއި، ކާނާއަކަށް ރަންބުރިތަކެއް ލިބިގެން، އެ ނުކެވި ބަނޑަށް މަރުވާތަނެވެ. ފެންނަ ކޮންމެ ބިރުވެރި ހުވަފެނެއް، ފައިސާ ނުވަތަ ތަނަވަސްކަމާ ގުޅިފައިވުމުން، އަހަރެންގެ ހިތުގައި ޝައްކު އުފެދެންފެށި އެވެ.
ރައްޓެހިންނާ ކުރި މަޝްވަރާގެ ނަތީޖާ އަކަށްވީ، ފިރިމީހާ ފައިސާ ހޯދާގޮތް އެނގެން އަހަރެން ބޭނުންވުމެވެ. އެއް ފަހަރު ހިތަށްއެރި އެވެ. އެއީ އަހަންނާ ބެހޭކަމެއް ހެއްޔެވެ؟ ހުރިހާ ފިރިން ކުރާ މަސައްކަތް އަނބިންނަށް އެނގޭނެ ހެއްޔެވެ؟ އަނެއް ފަހަރު ހިތަށްއެރި އެވެ. މަގޭ ފިރިމީހާ ދޮގެއް ހެދިއްޔާ މަށަށް އެނގޭނެ ހެއްޔެވެ؟ އޭނަ ދާހާ ތަނަކަށް އަހަންނަކަށް ނުދެވޭނެ އެވެ. އެންމެ ފަހުން އަހަރެން ނިންމީ، ފެންނަ ހުވަފެންތަކުގެ ވާހަކަ ފިރިމީހާ އަށް ކިޔާދިނުމަށެވެ.
"ހުވަފެނަކީ ބިލާހެއް!" ފިރިމީހާ ހަމަޖެހިލާފައި ބުންޏެވެ.
"ވެދާނެ ތީ ތެދަކަށް ވެސް،" އަހަރެން ބުނީމެވެ. "އެކަމަކު، ތި ކުރަނީ ކޮން ވިޔަފާރިއެއްކަން މަށަށް ބުނެދީފާނަން؟ މަސައްކަތްކުރާ ތަނެއް މާލޭގަ ނުހުންނާތީ އަހަރެން ވަރަށް އެބަ ބިރުގަނޭ."
"އަހަރެން ޑްރަގެއް ނުވިއްކަމޭ،" ވިސްނައިދޭ ކަހަލަ ރާގެއްގައި އޭނަ ބުންޏެވެ. "ﷲ ގަންދީ ހުވާކޮށްފަ މި ބުނަނީ."
ﷲ ގަންދީފައި، މަގޭ ފިރިމީހާ ދޮގެއް ނުހަދާނެ އެވެ. އެ ވަރުގެ އިތުބާރެއް ފިރިމީހާ އަށް ކުރަންޖެހެއެވެ. އެހެންނަމަވެސް، އަހަރެންގެ މޫނަށް ވެރިވެފައިވާ ނުތަނަވަސްކަން ފިލައިގެން ނުދާކަން ފިރިމީހާ އަށް ފާހަގަވި އެވެ.
"އަހަރެން ޑޮލަރު ވިއްކަނީ،" ފިރިމީހާ އެންމެފަހުން ބުންޏެވެ. "ބްލެކްގަ. އެހެން ބުނެފިއްޔާ މާ ހާސްވެދާނެތީވެ ނުބުނަންވެގެން މިއުޅެނީ. އަހަރެން ދަނީ ލަންކާ އަށް. ގޮއްސަ، އެ ތަނުން ޑޮލަރު ގަނެގެން މާލެ އަށް ގެނެސް، ބޮޑު އަގުގަ ވިއްކާލަނީ."
ފިރިމީހާގެ އެ ވިޔަފާރިއާ މެދު އަހަރެން އެހާ ހިތްހަމައެއްނުޖެހެ އެވެ. އެކަމަކު، އެ ފައިސާ އަހަރުމެންނަށް ވަރަށް މުހިންމެވެ. އެހާ ލުއި ގޮތަކަށް އެހާ ބޮޑު ފައިދާއެއް ހޯދޭނީ އެ ކަހަލަ ގޮތަކަށޭ ހިތަށްއެރި އެވެ. އަހަރެންގެ ފިރިމީހާ އަހަންނަށް ކަމެއް ސިއްރު ނުކުރީތީ ޝުކުރުކޮށްފައި، ދިރިއުޅުމާގެން ކުރިޔަށް ދިޔައީ އެވެ.
ކުރިން އަހަންނަށް ފެންނަމުންދިޔަ ހުވަފެންތަކަށް ނިމުމެއް ނައެވެ. އަހަރެން ނިންމީ، އެއީ ފިރިމީހާ ޤާނޫނީ ކުށެއް ކުރަމުންދާތީވެ، ހިތްބިރުގަންނާތީ ފެންނަ ހުވަފެނެއް ކަމަށެވެ. އެ ވިޔަފާރީގެ ވާހަކަ އެކުވެރިންނަށް ކިޔައިނުދެވޭނެތީވެ، އެ ހުވަފެނުގެ ވާހަކަ ވެސް މީހުން ކައިރީގައި ދެއްކުން އަހަރެން ހުއްޓާލީމެވެ.
އަހަރުމެންގެ އަތްމަތި ތަނަވަސްވަމުންދިޔައީ، ހީވެސް ނުކުރާހާ އަވަސް މިނެއްގަ އެވެ. ގޭގައި ހުރި ހުސްތަންކޮޅެއްގައި، ބުރުގާ ވިއްކާ ފިހާރައެއް ވެސް ފިރިމީހާ ހުޅުވައިދިނެވެ. އިމާރާތަށް ކުލިދައްކަން ނުޖެހޭތީ، އެ ފިހާރައިން ވެސް ރަނގަޅު ފައިދާއެއް ވަމުންދިޔަ އެވެ. ދޭތެރެއަކުން ފިރިމީހާ ލަންކާ އަށް ދެއެވެ. އަހަރެން ސުވާލެއް ނުކުރަމެވެ. އަންނަމުން، ފިހާރަ އަށް ބޭނުންވާ ސާމާނު ވެސް އޭނަ ގެނެއެވެ. އެއް ދޮނުގައި ދެބުޅި ޖަހައިގެން އަހަރެން ހުރީމެވެ.
އެތައް މަހެއް އެ ގޮތުގައި ހޭދަވުމަށްފަހު، މޫސުން ބަދަލުވާންފެށި އެވެ. ކަޅު ވިލާގަނޑެއްގެ ހިޔަނި އަހަރުމެންގެ ހަޔާތަށް އެޅެންފެށި އެވެ. ފިރިމީހާ އަށް ލިބެމުންއައި ފައިސާ މަދުވުމާއި، ފިކުރަކަށް ގެއްލިފައި ފިރިމީހާ އިންނަތަން އަހަންނަށް ފެންނަންފެށި އެވެ. އެންމެފަހުން، އެ މަސައްކަތުން އެއްވެސް ފައިސާއެއް ނުލިބި އެއް މަސް ވެއަތުވި އެވެ. ދެމަސް ވެއަތުވި އެވެ. އޭރު އަހަރެންގެ ފިހާރައިން ރަނގަޅު އާމްދަނީއެއް ލިބޭތީވެ، އަހަރުމެންގެ އަތްމަތި ދައްޗެއްނުވެ އެވެ. ބަލާލައިގެން އުޅުމުން ދެކޮޅުޖެހެ އެވެ. އެހެންނަމަވެސް، ފިރިމީހާގެ ފިކުރުބޮޑުވެ، ކެއުންބުއިމާއި ދުރުވެ، އާދަޔާ ޚިލާފަށް އޭނަ ބަސްމަދުވި އެވެ. އަހަރެން ކަންބޮޑުވީ އެކަމާ އެވެ.
"ކަމެއްނުވޭ!" އަހަރެން އަހާއިރަށް ފިރިމީހާ ދެނީ އެންމެ ޖަވާބެކެވެ.
ފިރިމީހާ ހޯދަން ގެ އަށް އަންނަ މީހުންގެ އަދަދު ގިނަވާންފެށި އެވެ. ބައެއް މީހުން ތަންކޮޅެއް ހިތްހަމަނުޖެހިފައި ވާހަކަދައްކާތަން އަހަންނަށް ފެނުނެވެ. ފިރިމީހާ ގެންގުޅުނު ސައިކަލާއި، ލެޕްޓޮޕާއި، އައިފޯނު ވިއްކާލި އެވެ. އެ ހިސާބުން ވެސް މައްސަލަ ހައްލެއްނުވި އެވެ. އެންމެފަހުން އަހަންނަށް މަޖުބޫރުވީ، ފިރިމީހާ ހޯދަން ގެ އަށް އަންނަ މީހުންނާ ސުވާލުކުރާށެވެ. ފުސްކަން ފިލާ މަންޒަރު ސާފުވީ އެ ހިސާބުންނެވެ. ކުރިއަށް އެތަކެއް ހާސްރުފިޔާ އެ މީހުންގެ އަތުން ނަގާފައި ބަދަލުގައި އެ މީހުންނަށް ޑޮލަރެއް ނުދެއެވެ. ބައެއް މީހުން އަތުން އައްޑިހަ ހާސް ރުފިޔާ ވެސް ނަގާފައިވެ އެވެ. މުޅި ޖުމުލަ މިލިޔަނަކާ ގާތްކުރާނެ އެވެ. އެ މީހުންގެ ތެރޭގައި، ބޭރުގައި ކިޔަވަންތިބި ދަރިންނަށް ޑޮލަރުކޮޅު ނުފޮނުވިފައި ތިބި މީހުންނާއި، ބޭހަށް ނުފުރިފައި ތިބި މީހުން ހިމެނެއެވެ. ފިހާރަ އަށް މުދާ ނުގެނެވިފައިތިބި މީހުންނާއި، ކުންފުނި ބަނގުރޫޓުވާން ތައްޔާރުވެފައިވާ މީހުން ވެސް ހިމެނެއެވެ.
"ކިހިނެތްވެގެން މި ހިސާބަށް ދިޔައީ؟" ފިރިމީހާއާ އަހަރެން ފަހުން ކުރިމަތިލީމެވެ. "ހާދަހާ ބައިވަރު ފައިސާއެކޭ އެ މީހުން އަތުން ނަގައިގެން ތި އުޅެނީ. ކޮބާ އެ ފައިސާ؟ ޑޮލަރު ނުލިބެންޏާ އެ ފައިސާ ހުންނަންވާނެއްނު!"
ފިރިމީހާ އިސްޖަހާލައިގެން އިނީ އެވެ. އެ ހަމަހިމޭންކަން، ހޮނުގުގުރިއަކަށް ވުރެ އަހަންނަށް އަޑުގަދަ އެވެ. ވަރަށް ބޮޑު ނުބައެއް ހިނގީކަން އަހަންނަށް ޔަގީންވި އެވެ.
"އެންމެ ލާރިއެއް ވެސް ނެތް!" މަޑުމަޑުން އޭނަ ބުންޏެވެ.
"އެހެން ކިހިނެތްވާނީ؟ ޑޮލަރު ނުލިބިއްޖެއްޔާ ދިވެހި ފައިސާ ހުންނަންޖެހޭނެއްނު!" އަހަރެން ބުނީމެވެ.
"އަހަރުމެން ބަލިވީ." ފިރިމީހާގެ އަޑު ވަރަށް މަޑެވެ.
"ހޮސްޕިޓަލަށް ހުރިހާ ފައިސާއެއް ހުސްވީ؟" އަހަރެން އެހީމެވެ. "ކޮން ކަހަލަ ބައްޔެއް ޖެހުނީ؟"
"އެ ކަހަލަ ބައްޔެއް ނޫނޭ!" އިސްއުފުލާލަމުން އޭނަ ބުންޏެވެ. "އަހަރުމެން ވިން ނުވީ."
ޑޮލަރުގެ ވިޔަފާރި ފުޅާކުރުމަށްޓަކައި އެ މީހުން ކުރި ކަންތަކުގެ، ހަބަރަށް ވުރެ ހިތި ޙަޤީޤަތް އަހަންނަށް އަޑުއިވުނީ ދެނެވެ. ފިރިމީހާ ލަންކާ އަށް ދަނީ، ހަމައެކަނި ޑޮލަރު ގަންނާކަށް ނޫނެވެ. އޭނަ ދަނީ، އެ ފައިސާ ޑަބަލްކުރުމަށްޓަކައި ޖުއާކުޅޭށެވެ. ކަންތައް ހިނގައިދިޔަ ގޮތަކީ މި އެވެ. އެއް މިލިޔަނާ ގާތްކުރާ އަދަދަކަށް ފައިސާ ހިފައިގެން ގޮސް، އޭގެ އެއްބައިން ޖުއާކުޅެނީ އެވެ. އެ މީހުން އެ ކަން ފެށިތާ ކައިރީގައި، މުޅިން ވެސް ވީ ފައިދާ އެވެ. މަޑުމަޑުން އެ ކަމުގެ ތެރެއަށް ވަންނަމުން ގޮސް، އެ ތަނުން ލިބެންހުންނަ އެކިއެކި ބުއިންތަކަށް ފިރިމީހާ ޝައުގުވެރިވީ އެވެ. އެ އަށް ޚަރަދުތަކެއް ހިނގަންފެށީ އެވެ. "އެހެން" އުފާތަކާ ދިމާލަށް ވެސް ދީލާލެވުނީ އެވެ. ކުރަންޖެހުނު ޚަރަދު އިތުރުވީ އެވެ. އެ މީހުން ޖުއާގައި އަބަދު ވެސް ބަހައްޓަނީ، އަތުގައި ހުންނަ ފައިސާގެ ދެބައިކުޅަ އެއްބައެވެ. އެއް ފަހަރަކު އެ ބައި އެއްކޮށް އަތުން ދިޔައީ އެވެ. އެ ހިސާބުން ހުއްޓާލި ނަމަ، ލައްކައިން މީހުނަށް ދަރަނިވެރިއެއް ނުވީހެވެ. ޖުއާ އަކީ ދެވިހިފާ އެއްޗެކެވެ. ދަޅަތަކެއް ދެއްކިޔަސް، އާޚިރުގައި ބިކަހާލުގައި ޖައްސާ އެއްޗެކެވެ. އެއީ އަތްމަތި ތިޔާގިވާ ވިޔަފާރިއެއް ނަމަ، ދީނުގައި އެ ކަން ހަރާމެއްނުވީހެވެ. ހިތާމަ އަކީ، ތިމާ އަށް ގެއްލުންވީމަ، ދެން ވެސް އެ ތަނުން ސަލާމަތްވުމުގެ ބަދަލުގައި ދެން ހުރި ބައި ވެސް ބެހެއްޓި ކަމެވެ. އެ ފަހަރު ވެސް ވީ ގެއްލުމެވެ. އެ ހިސާބުން ހަތަރު އުދަރެސް ފެނުޖެހުނީ އެވެ.
އަހަރުމެން ސަލާމަތްވާން ކުރެވޭނެ ހަމައެކަނި ކަމަކީ، ގެއިން ފިރިމީހާ އަށް ލިބިފައިވާ ބިންކޮޅު ވިއްކާލުމެވެ. ދެކުދިން ގޮވައިގެން ކުލީ ކޮޓަރިއަކަށް ބަދަލުވުމެވެ. މިހާރު ބިންކޮޅު ގަންނާނެ މީހަކު ވެސް ހަމަޖެހިއްޖެ އެވެ. އެހެންނަމަވެސް، އަހަރުމެންގެ ދިރިއުޅުން ދެނެއް ހަމައެއްނުޖެހޭނެ އެވެ. ކުރިއަށް އޮތީ، ބާނި ބިޔަ، އޮއިގަދަ ކަނޑުތަކެވެ. އަހަރުމެންގެ ހަޔާތް ފުނޑުފުނޑުވީ އެވެ.
އެއްވެސް ދެމަފިރިއަކު، އެ މީހުންގެ ހުރިހާ ސިއްރެއް އަނެކާ އަށް ހާމައެއް ނުކުރާނެ އެވެ. އެއީ ލޯބިނުވާތީ ކުރާ ކަމެއް ނޫނެވެ. ގިނަ ފަހަރަށް އެ ފަދަ ކަންކަން ސިއްރުކުރަނީ، ކައިވެނި ދެމެހެއްޓުމަށްޓަކާ އެވެ. އަހަރެންގެ އެދުމަކީ މިއީ އެވެ. ދެމަފިރިންގެ ދެމެދުގައި ސިއްރެއް ނުބާއްވާށެވެ. ނަތީޖާ ގޯހުން ގޯހަށް ދިޔުމުން، ދެން ކުރަންޖެހޭ ހިތާމަ މާ ބޮޑުވާނެ އެވެ.
ނިމުނީ
Comments