ރާއްޖޭގެ ބޯދާ ދީނުގެ ހަޔާތް
އިޔާޒު ނަސީމް
ދިވެހިރާއްޖެއަކީ އެއް ދީނަކަށް ތަބާވާ ރައްޔިތެއް ދިރިއުޅޭ ގައުމެކެވެ. މިއަދުގެ ދިވެހީންނަކީ ސައްތައިންސައްތަ މުސްލިމު ރައްޔިތެކެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީން މިކަން ކަށަވަރުކޮށް ދެއެވެ. ރާއްޖެއަށް އިސްލާމް ދީން އައުމުގެ ކުރީން، ދިވެހީންގެ ތެރޭގައި އޮތީ ހިންދޫ ދީނާއި ބޫދިއްޔަތުކަން ރާއްޖޭގެ ރަށްރަށުން ފެންނަން ހުރި އާސާރުތަކުން ސާބިތުވެއެވެ. މީގެ އިތުރުން ވަކި ނަމެއް ކިޔޭ ދީނަކަށް ނިސްބަތް ނުވެ، ވެށީގައިވާ ތަފާތު ދިރުންތަކަށާއި ރޫހާނީ ބާރުތަކަށް އަޅުކަން ކުރި ބަޔަކު ވެސް އެއް ޒަމާނެއްގައި ރާއްޖޭގައި އުޅުނުކަން އެނގެއެވެ. މިއީ ދިވެހިރާއްޖޭގެ ގަދީމީ ތާރީހުގެ ބައެކެވެ.
އިސްލާމް ދީން އައުމުގެ ކުރީން ހިޖާޒު ކަރައިގައި ވެސް އޮތީ ބުދަށް އަޅުކަން ކުރުމެވެ. އެހެން ނަމަވެސް އެއީ ބޫދިއްޔަތުގެ މަޒްހަބެއް ނޫނެވެ. އެހެނީ މައްކާގައި ބުއްދާގެ ބުދެއް ހުރި ވާހަކައެއް ތާރީހުން ފެންނާކަށެއް ނެތެވެ. ބޫދިއްޔަތު ފެތުރިގެން ގޮސްފައިވަނީ އިންޑިޔާއިންނެވެ. އަރަބި ކަރަ އޮތީ އިންޑިޔާގެ ހުޅަނގުގައެވެ. އިންޑިޔާގެ ހުޅަނގުން ބޫދިއްޔަތުގެ އަސަރުތައް ފޯރާފައިވަނީ އަފްޣާނިސްތާނާ ހަމައަށެވެ. މި އަސަރު އަރަބި ކަރައަކަށް ފޯރާފައެއް ނުވެއެވެ.
ދިވެހި ބަހުން ކޮންމެ ވައްތަރެއްގެ ބުދަކަށް ވެސް ބުދު ކިޔާތީ، މައްކާގައި އޮތީ ބުދުދީން ނުވަތަ ބޫދިއްޔަތު ކަމަށް ވިސްނިފައި އޮންނަނީއެވެ. ހަގީގަތުގައި އޭރު މައްކާގައި އޮތް "ބުދުދީން" އެންމެ ވައްތަރީ މިހާރަށް ބަލާނަމަ ހިންދޫދީނާއެވެ. އަނެއް ކޮޅުން ހިންދޫދީނުގެ އިސް ނަންތައް ސަމާވީ ދީންތަކުގެ މުހިންމު ފަރާތްތަކުގެ ނަންފުޅުތަކާ ވަރަށް އެއް ގޮތެވެ. މިސާލެއްގެ ގޮތުން ބަލާއިރު، ހިންދޫންގެ ތެރޭގައި "ބްރަހްމާ" މި ނަން އޮންނަ އިރު، މި ނަން "އިބްރާހީމް" ނުވަތަ "އަބްރަހަމް" އާ ވަރަށް އެއް ގޮތް ކަން ފާހަގަ ކުރެވެއެވެ. އިބްރާހީމްގެފާނުގެ އަނބިކަނބަލުންނަކީ ސާރާ ކަމުގައިވާއިރު، ހިންދޫންގެ "ބްރަހްމާ" ގެ ބައިވެރިޔާގެ ނަމަކީ "ސަރަސްވަތީ" އެވެ. މި ދެ ނަމުގައި ވެސް އެއް ގޮތް ކަން އެބަ ހުށްޓެވެ. އިބްރާހީމްގެފާނަށް ސާރާ ހަދިޔާ ކުރެއްވި، އަނބިކަނބަލުންނަށް "ހާޖަރު" ކިޔާއިރު، ހިންދޫންގެ ތެރޭގައި ސަރަސްވަތީގެ ހަދިޔާއަކީ "ގާޖަރް" އެވެ. އިބްރާހީމްގެފާނުގެ އަނެއް އަނބިކަނބަލުންނަށް "ޤަންޠޫރާ" ކިޔާއިރު، ބްރަހްމާގެ އަނެއް ބައިވެރިޔާއަކީ "ގަޔައްތްރީ" އެވެ. މި ނަންތަކުގެ އެއްގޮތް ކަމަށް ބަލާއިރު، އަރަބި ކަރައެކޭ އެއްފަދައިން އިންޑިޔާގައި ވެސް އިބްރާހީމްގެފާނުގެ ދީނަށް ބަދަލުތަކެއް ގެނެވިފައި އޮތީކަމަށް ބެލެވެއެވެ. އެހެންކަމުން، އަރަބި ކަރައަށް އިސްލާމް ދީން އައުމުގެ ކުރީން އެ ކަރަ އާއި އިންޑިޔާގައި އޮތީ އެއް ދީނެއް ނުވަތަ އެއް ދީނަކަށް ނިސްބަތްވާ ދެ މަޒްހަބެއް ކަމަށް ގަބޫލުކުރެވެއެވެ.
ކޮންމެ ދީނެއްގައި ވެސް ތަފާތު މަޒްހަބުތައް ހުރެއެވެ. ދިވެހިރާއްޖޭގައި ބޫދިއްޔަތަށް ވުރެ ކުރީން ހިންދޫ ދީން އޮތް ކަމަށް ހެކި ލިބެއެވެ. އެހެން ނަމަވެސް މި ތަނުގައި އޮތީ ހިންދޫ ދީނުގެ ކޮން މަޒްހަބެއްކަން އަދި މިހާތަނަށް ކުރެވިފައި ހުރި ދިރާސާތަކުން ސާފެއް ނޫނެވެ. ބޫދިއްޔަތަށް ބަލާއިރު، އެ އަގީދާގެ ތަފާތު މަޒުހަބުތަކާ ގުޅުން ހުރި އާސާރީ ތަކެތި ރާއްޖެއިން ފެނިފައިވެއެވެ.
ދިވެހިރާއްޖޭގައި ބޫދީ ވެރިކަމެއް ގާއިމުވެ، ހިނގަމުން އައިކަން އެނގޭއިރު، އޭރު މި ތަނުގައި އޮންނާނީ ބޫދިއްޔަތުގެ ތޭހރަވާދަ މަޒްހަބު ކަމަށް ގަބޫލު ކުރެވެއެވެ. އޭގެ ފަހުން ބީސީން 270 ވަނަ އަހަރުގެ ފަހުން މިހާރުގެ އިންޑިޔާގެ ރަށެއް ކަމުގައިވާ ބައިރާތުން ބޫދިއްޔަތު އުނގަންނައިދޭން ރާއްޖެއަށް ބަޔަކު އައި ކަމަށް ލިޔުންތަކުން ފެނެއެވެ. ބޫދިއްޔަތު ފެތުރުމަށް އަޝޯކާ ރަސްގެފާނު ފޮނުއްވި ބަޔަކު އިންޑިޔާގެ ބައިރާތަށް ގޮސް ތޭހރަވާދަ ބޫދިއްޔަތު އެ ތަނަށް ތާރަފު ކުރިކަން އެނގޭތީ، ބައިރާތުން ރާއްޖެއަށް އައިސްފައިވާނީ ވެސް ތޭހރަވާދަ ބޫދިއްޔަތުކަމަށް ގަބޫލުކުރެވެއެވެ.
ބޫދިއްޔަތުގައި މައިގަނޑު އޮންނަނީ ދެ މަޒްހަބެވެ. އެއީ ތޭހރަވާދަ (ނުވަތަ ސްތަހވިރަވާދަ) ބޫދިއްޔަތާއި މަހާޔާނަ ބޫދިއްޔަތެވެ. ބައެއް މީހުން ވަޖްރްޔާނަ ބޫދިއްޔަތަކީ ވެސް ވަކި މަޒްހަބެއްގެ ގޮތުގައި ފާހަގަ ކުރެއެވެ. އެހެން ނަމަވެސް ބައެއް މީހުންގެ ނަޒަރުގައި މިއީ މަހާޔާނަ ބޫދިއްޔަތުގެ ގޮތްޕެކެވެ. ވަޖްރްޔާނަ ބޫދިއްޔަތަށް ތަންތިރީ، ތަންތްރަޔާނަ ނުވަތަ މަންތްރަޔާނަ ބޫދިއްޔަތޭ ވެސް ކިޔައެވެ. ދިވެހިރާއްޖޭގެ ތާރީހަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވާ ގޮތުގައި ބޫދިއްޔަތުގެ މަޒްހަބުތަކުގެ ތެރެއިން ހިންދޫ ބޫދިއްޔަތު ނުވަތަ ވަޖްރްޔާނަ ބޫދިއްޔަތު ދިވެހިރާއްޖެއަށް ތާރަފު ވެފައި ވަނީ މީލާދީން 985 އާއި 1014 އާ ދެމެދުއެވެ.
އާސާރީ ތަންތަނުން ފެނުނު ހެކިތަކަށް ބަލާއިރު، ކާށިދޫ ކުރުހިންނަ ތަރާގަނޑަކީ ބުދު ފައްޅިއަކާއި އެއާ ގުޅޭ ބިނާތައް ކަމަށާއި، މި ތަން ވައްތަރު ވަނީ އެވޭލާ ޒަމާނުގެ ބަރުމާގެ ބުދު ފައްޅިތަކާ ކަމަށް ނަސީމާ މުޙައްމަދު ވިދާޅުވެއެވެ. އަދި ވިދާޅުވަނީ، އެހެން ނަމަވެސް ފ. ނިލަންދޫއިންނާއި ހައްދުންމަތީ ގަމުން ފެނުނު އާސާރުތައް ވައްތަރުވަނީ އިންޑިޔާގެ ސަންޗީ އާއި އަމަރާވަތީ އާއި ލަންކާގެ ބޫދީ ބައެއް ބިނާތަކާ ކަމަށެވެ.
ނަސީމާ މުޙައްމަދު ހާމަކުރައްވާ ގޮތުގައި ތާންތްރީ ބޫދިއްޔަތު ނުވަތަ ވަޖްރްޔާނަ ބޫދިއްޔަތުގެ އަސަރު ބޮޑަށް ފެނިފައި ވަނީ މާލެ އަތޮޅާއި އަރި އަތޮޅުންނެވެ. މިއީ އަވަށްޓެރި ލަންކާގައި މާ ބޮޑަށް އޮތް މަޒްހަބެއް ނޫނެވެ. ދިވެހިރާއްޖެއާ އަވަށްޓެރި ސިލޯނުގައި އޮތީ ބޫދިއްޔަތުގެ މަޒްހަބުތަކުގެ ތެރެއިން ތޭހރަވާދަ ބޫދިއްޔަތެވެ. ދެކުނުއިރުމަތީ އޭޝިޔާގެ ގައުމުތަކުގައި ވެސް އޮތީ މި މަޒްހަބެވެ. އެހެނަސް އިރުމަތީ އޭޝިޔާގައި ބޮޑަށް އޮތީ މަހާޔާނަ ބޫދިއްޔަތެވެ. މޮންގޯލިޔާ އާއި ޓިބެޓަށް ބަލާއިރު ފާހަގަ ކުރެވެނީ ވަޖްރްޔާނަ ބޫދިއްޔަތެވެ. އިންޑިޔާއަށް ބަލާއިރު، މި މަޒްހަބު ބޮޑަށް އޮތީ އިންޑިޔާގެ ބަންގާޅާއި އޮރިއްސާގެ އިތުރުން ވެސް އިރުމަތީ އިންޑިޔާގެ އެކި ހިސާބުތަކުގައެވެ. ހަމަ އެހެންމެ އިންޑޮނޭޝިޔާގައި ވެސް މި މަޒްހަބު އޮތެވެ. ބަންގާޅާއި އޮރިއްސާ އަދި އިންޑޮނޭޝިޔާ ހިސާބުން ރާއްޖެއަށް މީހުން އައިސް ވަޒަންވެރިވެފައިވެއެވެ. މި ގޮތުން އީސާއީ މީލާދުގެ މާ ކުރިން ވެސް އޮރިއްސާގެ ކަޅިންގާއިން ރާއްޖެއަށް މީހުން އައިސްފައިވާކަން ފާހަގަ ކުރެވެއެވެ. ދިވެހިރާއްޖެ އިސްލާމް ވުމަށް ފަހުގައި ވެސް މި ގުޅުންތައް އޮތެވެ. މަޝްހޫރު ރެހެންދި ޚަދީޖާގެ ކާފާފުޅު ޞަލާޙުއްދީނަކީ ބަންގާޅުގެ ބޭފުޅެކެވެ. އަދި ރާއްޖޭގެ ރަސްކަލެއް ކަމުގައިވާ ސުލްޠާން މުޙައްމަދު ޣިޔާޘުއްދީން އޮރިއްސާގެ ގަންޖާމުން ބޭފުޅަކާ ކައިވެނި ބައްލަވައިގަތްކަން ވެސް ތާރީހުން އެނގެއެވެ. އަދި ހަމަ އެހެންމެ ދިވެހީންނަކީ ޒަމާނުއްސުރެ އަސޭ އަށާއި ޖާވާއަށް (މިހާރުގެ އިންޑޮނޭޝިޔާ ހިމެނޭ ސަރަޙައްދަށް) ދަތުރު ކުރި ބައެކެވެ. އިންޑޮނޭޝިޔާގައިވާ ބޫދީ މަކާނެއް ކަމުގައިވާ ބޮރޮބުދުރުން ފެންނަނީ މަހާޔާނަ ބޫދިއްޔަތުގެ އަސަރެވެ. ދިވެހިރާއްޖޭގެ އުތުރުގެ ރަށްތަކުގެ ތެރޭގައި ހޮރުބަދޫ ކިޔާ ރަށެއް އޮތުމާއި، ހަމަ މި ސަރަހައްދުގައި ޖާވާކަރަ ކިޔާ ތަނެއް އޮތުމަކީ ވެސް އިންޑޮނޭޝިޔާގެ ބޮރޮބަދުރު އަދި ޖާވާއާ ދިވެހިރާއްޖެއާ ގުޅުމެއް އޮތް ކަމަށް ބެލެވޭ ކަންކަމެވެ.
ކުރީގައި ދިވެހީން ތިބި ދީންތައް ދޫކޮށް އިސްލާމް ދީނަށް ތަބާވެފައިވަނީ މީލާދީން 12 ވަނަ ގަރުނުގެ ތެރޭގައެވެ. އެއީ ހިޖްރީ ގޮތުން ބަލާއިރު 6 ވަނަ ގަރުނެވެ. ދިވެހިރާއްޖޭގެ ރަދުން އިސްލާމް ވެވަޑައިގެން ދިވެހި ވެރިކަމުގެ ރަސްމީ ދީނަކީ އިސްލާމް ދީން ކަމުގައި ހަމަ ޖެހުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ އަށް ވީ ހުކުރު ދުވަހުއެވެ. އެ ދުވަސް މީލާދީ ގޮތުން ދިމާވަނީ 26 ޖޫން 1153 އާ އެވެ.
ދިވެހިރާއްޖޭގެ ރަދުން އިސްލާމްދީނަށް ވެދެވަޑައިގަތީ ފާރިސްކަރައިގެ (މިހާރުގެ އީރާނުގެ) ރަށެއް ކަމުގައިވާ ތަބްރޭޒުން ވަޑައިގެން ހުންނެވި އައްޝައިޚް އަލްޖަލާލީ އަބުއްރިކާބި ޔޫސުފުއް ތަބްރީޒީގެ އަތްޕުޅު މައްޗަށެވެ. ދިވެހިރާއްޖެ އިސްލާމްވި ތާރީހާ މެދު، އައްޑުއަތޮޅު ގަމުގެ ހުކުރު މިސްކިތުގައި ބެހެއްޓުނު ލަކުޑި ފިލާ ފަތްކޮޅުގައި ވަނީ ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރުނީ ޝައިޚް ޖަލާލު ޔޫސުފުއް ތަބްރީޒީ ގެ އަތް މައްޗަށް ކަމަށެވެ. މާލޭ ހުކުރު މިސްކިތު ފިލާގައި ވެސް އައްޝައިޚް އަލްޖަލާލީ އަބުއްރިކާބި ޔޫސުފުއް ތަބްރީޒީއޭ އެބަ އޮތެވެ.
ދިވެހިރާއްޖެ އިސްލާމް ކުރެއްވީ މަޣުރިބު ކަރައިގެ (މޮރޮކޯގެ) އަބުލްބަރަކާތު ޔޫސުފް އަލްބަރްބަރީގެ އަތްމައްޗަށް މާ ފަހުގެ ތާރީހެއްގައި ކިޔަން ފެށުނީ މޮރޮކޯގެ ދަތުރުވެރިއެއް ކަމުގައިވާ އިބްނު ބަޠޫޠާ މާލޭ ހުކުރު މިސްކިތުގައި ހުރި ފިލާ ވިދާޅުވުމުގައި އެރި އޮޅުމެއްގެ ސަބަބުންނެވެ.
Comments