ބައެއް މީހުންނަށް މައްސަލައަކަށް ނުވި ބުދުގެ "ބޮޑު މައްސަލަ"
މީގެ ހަތަރު އަހަރު ކުރިން ރާއްޖޭގެ ރިސޯޓެއްގައި ބުއްދާގެ ބިޔަ ބުދެއް ބަހައްޓައިގެން އިނގިރޭސި މަހުޖަނެއްގެ އުފަންދުވަސް ފާހަގަކުރި އެވެ. އެއީ އޭރުގެ ސަރުކާރުން ރާއްޖޭގައި ޣައިރު ދީންތައް ފަތުރައި ދިވެހީންގެ ހިތްތަކުން އެއްކައުވަންތަކަން ފުހެލުމަށް ކުރި ކަމެއް ކަމަށް ގިނަ އިލްމުވެރިން ތުހުމަތުކުރެއްވި އެވެ.
އިނގިރޭސިވިލާތުގެ ފަސް ވަނަ އަށް އެންމެ މުއްސަނދި މީހާ، ފިލިޕް ގްރީންގެ 55 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ފޯ ސީޒަން ރިސޯޓް (ބ. ލަނޑާގިރާވަރު) ގައި މާޗް 14- ،19 2007 ގައި ބުއްދާގެ ބިޔަ ބުދެއް ބެހެއްޓުމާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިން "ކެކި އަރައިގެން ދިޔަ" އެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިން ގިނަ އަދަދަކަށް ހިމެނޭ އަދާލަތު ޕާޓީ އާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އާއި އެމްޑީޕީގެ ދީނީ މަޝްވަރާ މަޖިލީހުގެ އިލްމުވެރިން ހިމެނެ އެވެ.
ނަމަވެސް އެ އިލްމުވެރިން ވެސް ބޮޑު ހިއްސާއެއްވެގެން އެ ވެރިކަން ވައްޓާލައި ގެނައި އައު ވެރިކަމުގެ ހިޔަލުގައި ތިބޭތާ މި މަހުގެ 11 ވަނަ ދުވަހު ތިން އަހަރު ފުރިގެން އެ ދިޔައީ، ހަމަ އެފަދަ މައްސަލައެއް ފެންމަތިކުރުވައިފަ އެވެ. ކުރީ ފަހަރު އެ ބުދު އެތެރެކުރީ އަމިއްލަ ބަޔަކު ކަމުގައި ވިޔަސް، މިފަހަރު އެ ފަދަ ބުދުތަކެއް ހިމެނޭ ބޮޑު މޮނިއުމެންޓެއް ރާއްޖެ އެތެރެކޮށް ބެހެއްޓީ ސަރުކާރުގެ ބޮޑު ބައިވެރިވުމެއް އޮވެގެންނެވެ.
އޭރު އެ ރިސޯޓްގައި ބެހެއްޓި ބިޔަ ބުދު މަނާކުރި ބައެއް އިލްމުވެރިންނަށް، މިއަދު ގެނައި ކުދި ބުދުތައް ފެންނަނީ، "އެ ކަހަލަ ކަމެއް ނޫން" ގޮތަށެވެ.
ލަނޑާގިރާވަރުގެ ބުދުގެ މައްސަލައިގައި އަދާލަތު ޕާޓީގެ އޭރުގެ ރައީސް އަދި މިހާރު އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އަހުމަދު އޭރު ވިދާޅުވެފައިވަނީ ލަނޑާގިރާވަރުގައި ހެދި ބުދުފައްޅިއަކީ ދިވެހި ރައްޔިތުންގެ އަގީދާއާ ކުޅެ، ދީނަށް މަލާމަތްކޮށް ފުރައްސާރަކުރުމާއި ދިވެހިންގެ އަގީދާ އަށް ގޮންޖެހުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށެވެ.
ނަމަވެސް، ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ޕާކިސްތާނުން ބެހެއްޓި މޮނިއުމަންޓްގައި ހުރި ބުއްދާ އާއި އެ ނޫން ބައެއް ބުދުދީނުގެ ކަލާނގެތައް ދައްކައިދޭ ބުދުތަކާ ބެހޭ ގޮތުން، ހުސައިން ރަޝީދު އިއްޔެ ވިދާޅުވީ "އެއީ އެ ގޮތަށް ހިނގާފައިވާ ކަމެއް ނޫން" ކަމަށެވެ.
"އެއީ [އައްޑޫގައި ބެހެއްޓި މޮނިއުމަންޓަކީ] 90 ޕަސެންޓް އިސްލާމީ ގައުމަކުން [ޕާކިސްތާނުން] ބެހެއްޓި އެއްޗެއް. އެއިން އިސްލާމީ ގޮތް ދައްކައިދެނީ. ތެދެއްމެ، ބުދުފައްޅި އައި ގޮތަކާއި އެ ހުރިހާ އެއްޗެއް އެއިން ރަމްޒުކޮށް އެބަދޭ. ރަމްޒުތަކެއް އެއިން ދައްކާފައި ހުރީ. ދެން ދިވެހި ރައްޔިތުންނެއް ނޭދެ. ވަރަށް ގިނަ ރައްޔިތުން އެއާ އިދިކޮޅު އެބަހަދާ. އެހެން ކަމަށްވެއްޖެއްޔާ އެ ހުރުން ރަނގަޅެއް ނޫން،" ޝައިޚް ހުސައިން ވިދާޅުވި އެވެ.
ހުސައިން ރަޝީދު އެހެން ވިދާޅުވި ކަމުގައި ވިޔަސް، ޣައިރު ދީންތަކުގެ ކަލާނގެތައް ރަމްޒުކޮށްދޭ ބުދުތަކަކުން އިސްލާމީ ގޮތް ދައްކުވައިދޭ ގޮތެއް ނުވިސްނެ އެވެ. އަދި ރަމްޒެއްގެ ގޮތުން ވިޔަސް، ޣައިރު ދީނުގެ ޝިއާރެއް ރަމްޒުކޮށްދޭ އެއްޗެއް ރާއްޖޭގައި ބެހެއްޓުމަކީ ގާނޫނީ ގޮތުން ވެސް މަނާ ކަމެކެވެ.
ލަނޑާގިރާވަރުގައި ބުދު ބެހެއްޓި މައްސަލަ ކުށްވެރިކޮށް އެ ކަންކުރި ބަޔަކު ހޯދައި އެ މީހުން ޝަރީއަތަށް ހުށަހެޅުމަށް ބަންޑާރަ ނާއިބަށް ގޮވައިލީ އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީންނެވެ. އެ މައްސަލައިގައި އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ލަނޑާގިރާވަރުގައި ބޮޑު ބުދު ބަހައްޓައިގެން ބޭއްވި ޕާޓީއަކީ މުސްލިމުންގެ ސަގާފަތާ ނުގުޅޭ ކަމެއް ކަމަށާއި އެ ކަމަށް މަގު ފަހިކޮށްދިން ހުރިހާ އެންމެންގެ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ.
ނަމަވެސް މިހާރު އެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަލްހާފިޒް އަހްމަދު ޒަކީ ވެސް ވިދާޅުވަނީ ސާކް ސަމިޓާ ދިމާކޮށް ބުދުތައް ހުރި މޮނިއުމަންޓެއް ބެހެއްޓުމަކީ "އެ ގޮތަށް ހިނގާފައިވާ ކަމެއް ނޫން" ކަމަށެވެ.
"އޭގައި އިންނަނީ އިންޑިއާގެ އަތްދަށުން މިނިވަންވެ އެ މީހުން އިސްލާމް ދީން ގާއިމުކުރި ކަމަށް ބުދު ދީނުގެ ތެރެއިން. އޭގެ ދަށު ބޯޑަރުގައި އިންނަނީ އަޅުކަންކުރަން ގެންގުޅޭ ބުދުގެ އެކި ފޮޓޯތަކެއް. ދެން މަތީގައި އިންނަނީ ހަނދުފަޅިއަކާއި ތަރިއަކާއި އެ މީހުންގެ ލޯގޯ ޖަހާފައި ފޮތް ބަރިއެއްގެ މަތީގައި [މުހައްމަދު އަލީ] ޖިނާހުގެ ފޮޓޯއެއް އޭނަގެ ބޯ ސިފަވާ ގޮތަށް،" ޒަކީ ވިދާޅުވި އެވެ.
"އެހެންވީމާ އެއީ އޮޅުމެއްގެ ތެރެއިން ދިޔަ ކަމެއް. އެއްގޮތަކަށް ވެސް އަޅުކަންކުރަން ބުދު ބަހައްޓާ ނިޔަތުގައި ކުރި ކަމަކަށް ނުވާތީ ދެން އެ ކަންތައްތައް އެހާ ބޮޑުކޮށްލައިގެން އަޅުގަނޑުމެން އެ ކަމާ ދޭތެރޭ އެހާ ބޮޑެތި ވާހަކަތައް ދައްކަން ޚިޔާލުނުކުރީ އެއީ، ހަގީގަތުގައި ސަރުކާރުން ވެސް އެއީ އަޅުކަންކުރަން ބުދު ބަހައްޓާ ގޮތަށް ބެހެއްޓި އެއްޗެއް ނޫން،" ޒަކީ ވިދާޅުވި އެވެ.
ބަޔަކު އެ ތަކެއްޗަށް އަޅުކަން ނުކުރިޔަސް، އަދި ބަޔަކު އިސްލާމް ދީނުން ބޭރުނުވި ކަމުގައި ވިޔަސް، ޣައިރު ދީންތަކެއް ރަމްޒުކޮށްދޭ އެއްޗެއް ރާއްޖޭގައި ގެންގުޅުމާއި ބޭނުންކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ.
ސާކް ސަމިޓް ނިމިގެން ތިން ދުވަސްވީ އިރު ވެސް އެ މޮނިއުމެންޓް ނަގާފައި ނުވާ އިރު، އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުން ދެކެނީ ކޮން ގޮތަކަށްތޯ ދެންނެވުމުން ޒަކީ ވިދާޅުވީ އޭތި ބެހެއްޓީ ސާކް ސަމިޓަށްޓަކައި ކަމަށެވެ.
"ސާކް ސަމިޓްގެ ފަހުން އޭތި ނަގާނެ ކަމަށް ވިދާޅުވެފައި އޮތީ. އޭގެ ފަހުން އެ ބޭފުޅުން ކަންތައްކުރައްވާ ގޮތަކަށް ބަލާފައި އަޅުގަނޑުމެން އެއްޗެއް ބުނަން މިތިބީ. ދެން މިއަދުތާ ސަރުކާރު ވެސް ހުޅުވުނީ. އަޅުގަނޑުމެން މާ ލޯބިކުރާ ކަމެއް ނޫން އެއީކީ ބުދު ބެހެއްޓުމަކީ،" ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ޒަކީ އިއްޔެ ވިދާޅުވި އެވެ.
އެ ފަދަ ބުދު ބެހެއްޓުމަކީ ލޯބިކުރާ ކަމެއް ނޫން ކަމަށް ވިޔަސް، އެކަން ނުކުރުމަށް ނުވަތަ އެކަމާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި އަމުދުން އެމްޑީޕީއަކީ ވެރިކަންކުރާ ޕާޓީ ކަމަށްވާ އިރު، އެ ޕާޓީން ލޯބިނުކުރާ ކަމެއް ސަރުކާރުން ކުރާ އިރު އެކަން ހުއްޓުވަން އެއްވެސް ކަމެއް ނުކުރަނީ ކީއްވެތޯ ސުވާލު އުފެދެ އެވެ.
ސަރުކާރުން ކުރާ ބައެއް ކަންކަމަށް ގިނަ ދީނީ އިލްމުވެރިން ފާޑުކިޔަމުންދާ އިރު ވެސް، "ހަނުހުރުމުގެ" ސިޔާސަތެއް ދަމަހައްޓަމުން އަންނަ އިސްލާމިކް ފައުންޑޭޝަނުން ވެސް ޕާކިސްތާން މޮނިއުމެންޓާ ބެހޭ ގޮތުން ބުނަނީ، "އެއަށް ވުރެ ބޮޑެތި ކަންތައް އެބަހުރި" ކަމަށެވެ. އަދި އެ މައްސަލައިގައި އެ ޖަމިއްޔާ އިން ކަންތައްކުރަމުން ދަނީ އެ ޖަމިއްޔާގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ލަފާގެ މަތިން ކަމަށެވެ.
"އެ އިލްމުވެރިން ވިދާޅުވަނީ މޮނިއުމެންޓެއްގައި ބުދެއް ހުރުމެއް އެކަންޏެއް ނޫނޭ މައްސަލައަކަށް ވާންވީ. އެއަށް ވުރެ ބޮޑެތި ބުދުތައް ވެސް އެބަހުއްޓޭ މި ރާއްޖޭގައި މިހާރު ވެސް. ހަވިއްތަތަކާއި ދާރުލް އާސާރުގައި ހުރި ބުދުތަކާއި މާލޭގައި ހުރި ބޭރުގެ އެމްބަސީތަކުގައި ވެސް އެބަހުއްޓޭ އަޅުކަންކުރާ ބުދުތައް. ނައްތާލަންޏާ އެ ހުރިހާ ތަކެއްޗެއް ވެސް ނައްތާލަންވާނޭޔޭ. އެއީ ވެސް މައްސަލައެކޭ،" އިސްލާމިކް ފައުންޑޭޝަންގެ ރައީސް އިބްރާހީމް ފައުޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދީނީ ޝިއާރުތައް ފާޅުކުރުމާއި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ އެންމެ މުހިންމު ދައުރެއް އޮތީ އިސްލާމިކް މިނިސްޓްރީގައި ކަމަށްވާތީ، އެ މައްސަލައިގައި އެ މިނިސްޓްރީއާ އެކު އެ ޖަމިއްޔާ އިން ދަނީ މަޝްވަރާކުރަމުންނެވެ.
"ދިވެހި ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން ދީނެއް ފެތުރުން ނުވަތަ އެހެން ދީނަކަށް މީހުން ވެއްދުމަށް މަސައްކަތްކުރުމަކީ މަނާ ކަމެކެވެ. އަދި އިސްލާމް ދީން ފިޔަވައި އެހެން ދީނެއްގެ ޝިއާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް، ދިވެހި ރާއްޖޭގެ އެއްވެސް މުޖްތަމައެއްގައި އާންމުކޮށްގެން ގެންގުޅުމާއި އެ އެއްޗެއްގެ މައްޗަށް މީސްތަކުން ޝައުގުވެރިކުރުވުމަށް މަސައްކަތްކުރުމަކީ މަނާ ކަމެކެވެ." ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގައި ވެ އެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ މި ގަވާއިދުގައި ބުނާ ގޮތުން، އިސްވެ ދެންނެވުނު ކަންތައްކުރުން ހުއްދަވާ އެއްވެސް ހާލަތެއް ނެތެވެ. އެއީ މީހެއްގެ އުފަންދުވަސް ފާހަގަކުރަން ކަމަށް ވިޔަސް، ޖަލްސާއެއް ބާއްވަން ކަމަށް ވިޔަސް ނުވަތަ ސަމިޓެއްގައި ބޭނުންކުރަން ކަމަށް ވިޔަސް، މިއިން އެއްވެސް ކަމެއް ރާއްޖޭގައި ކުރުމަކީ މުޅިން މަނާ ކަމެކެވެ.
ނަމަވެސް މި ފަހަކަށް އައިސް، މި ގާނޫނާއި ގަވާއިދާ ޚިލާފު ކަންތަކެއް ހިނގައިގެން ދީނީ އިލްމުވެރިންނާއި ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއް ކަމަކީ، ޣައިރު ދީނުގެ މީހުން އަޅުކަންކުރާ ޒާތުގެ ބުދުތަކެއް ހިމެނޭ މޮނިއުމެންޓެއް (ހަނދާނީ ބިނާއެއް) އައްޑޫ ހިތަދޫގައި ބެހެއްޓުމެވެ. ދެ ވަނަ ކަމަކީ، ސާކް ސަމިޓްގައި ބޭނުންކުރި ރަސްމީ ކުރެހުންތަކުގައި، ޢީސާގެފާނު ރަމްޒުކޮށްދޭ ގޮތަށް ކުރެހުމެއް ހުރުމެވެ.
ސާކް ސަމިޓާ ދިމާކޮށް ފެންމަތިވި އަނެއް މައްސަލައަކީ ސަލާމްލެއްވި ޢީސާގެފާނުގެ ސޫރަ ރަމްޒުކޮށްދޭ ކުރެހުންތަކެއް ހުޅުލޭގަ އާއި އައްޑޫގައި އަދި ސަމިޓް ބޭއްވި ދަރުބާރުގޭގައި ބަހައްޓާފައި ހުރުމެވެ.
މި ފަދަ ކުރެހުންތަކާ ގުޅޭ ގޮތުން ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ 8 ވަނަ މާއްދާގައި ބުނެފައިވަނީ މިފަދައިންނެވެ؛ "މާތް ﷲ އަށް ނުވަތަ އެ ކަލާނގެ ރަސޫލުންނަށް ނުވަތަ ނަބީބޭކަލުންނަށް ރައްދުވާނޭ ގޮތަށް ހުތުރު އެއްޗެހި ބުނުމާއި އެ ކަލާނގެ އާއި ރަސޫލުންނާއި ނަބިއްޔުންގެ ގަދަރާއި ލޯބި ކުޑަވާނޭ ފަދަ ކަންކަމާ އެ ފަރާތްތަކާ ނިސްބަތްކުރުމަށް ވާހަކަދެއްކުމާއި ކުރެހުން ކުރެހުމާއި، މި ނޫން ވެސް ގޮތަކުން އެ ފަދަ ޝުއޫރު ފާޅުކޮށް ހެދުމަކީ މަނާ ކަމެކެވެ."
ނަމަވެސް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޝައިޚް ހުސައިން ރަޝީދު އަހްމަދާއި އެމްޑީޕީގެ ދީނީ މަޖިލީހުގެ ރައީސް ހާފިޒު ޒަކީ ވެސް އަދި އިސްލާމިކް ފައުންޑޭޝަނުން ވެސް ބުނަނީ އެފަދަ ކުރެހުމެއް ހުރި ކަން އެނގިފައިނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ މީޑިއާއެއްގައި އެ ވާހަކަ ފެތުރި، ބޮޑު މައްސަލައަކަށްވެ ބައެއް ސިޔާސީ ޕާޓީތަކުން އެކަން ކުށްވެރިކުރި އެވެ.
"ބިލްޑިން ބްރިޖްސް" ތީމަކަށް ބަލައިގެން ފަރުމާކޮށްފައިވާ އެ ކުރެހުން ކުރަހާފައިވަނީ މޯލްޑިވެސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން [އެމްއެމްޕީއާރްސީ]ގެ ޑިޒައިނިން ކޮންސަލްޓެންޓް މޫއިންކު ޕްރައިވެޓް ލިމިޓެޑުންނެވެ.
ދިވެހި އެ ކުންފުނީގެ ކްރިއޭޓިވް ޑައިރެކްޓަ އަލީ ސައީދު މި މަހުގެ 7 ވަނަ ދުވަހު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އެ ކުރެހުން ކުރަހާފައިވަނީ ކެބިނެޓުން ފާސްކުރި، ސާކް ގައުމުތަކުގެ ތައުލީމާއި ދީނާއި އަދި ސަގާފަތް ރަމްޒުކޮށްދޭ ފަސް ތީމެއްގެ މައްޗަށް ބަލައިގެން ކަމަށެވެ. އެ ކުރެހުމުގައި އީސާގެފާނުގެ ސޫރަ ހިމެނީ ސާކްގެ އަށް ގައުމުގައި 10 ދީނަކަށް މީހުން އަޅުކަންކުރާ ކަން ރަމްޒުކޮށްދިނުމަށް ކަމަށް ވެސް ސައީދު ވިދާޅުވެފައިވެ އެވެ.
ސާކް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް އިންނެވި ޝައިޚް ހުސައިން ރަޝީދު ވިދާޅުވީ އީސާގެފާނުގެ ސޫރަ ރަމްޒުކޮށްދޭ ކުރެހުމެއް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ތިއެއް އަޅުގަނޑު ނުދެކެމޭ. ނުދެކޭ އެއްޗަކަށް ކިހިނެއް އަޅުގަނޑަށް އެއްޗެއް ބުނަން އެނގޭނީ،" ސާކް ސަމިޓް ބޭއްވި ހޯލްގެ ސްޓޭޖްމަތީގައި އެ ކުރެހުން ހުރި ނޫންތޯ ދެންނެވުމުން ހުސައިން ވިދާޅުވީ "އެއަކުން އަޅުގަނޑަކަށް ތި ބުނާ އެއްވެސް އެއްޗެއް ސާފެއްނުވި" ކަމަށެވެ.
އެ ޖަލްސާ ގުރްއާނުގެ ބަރަކާތުން ފައްޓަވައިދެއްވި އެމްޑީޕީގެ ދީނީ މަޖިލީހުގެ ރައީސް އަލްހާފިޒް ޒަކީ ވެސް ވިދާޅުވީ އީސާގެފާނުގެ ސޫރަކޮށްދޭ ގޮތަށް އެއްވެސް ކުރެހުމެއް ހުރި ކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
"އީސާގެފާނު ސޫރަވާ ގޮތަށް ކޯންޗެއްގައިތޯ ހުރީ. އަޅުގަނޑު ނުދެކެން މި ކޮޅަކުން [އައްޑޫން]. ތި ކޮޅުގައި ހުރީތޯ މާލޭގައި،" ޒަކީ ވިދާޅުވި އެވެ.
މާލޭގައި ނެތަސް، ހުޅުލެ އާއި އައްޑޫގައި ސާކް ސަމިޓް ބޭއްވި ދަރުބާރުގޭގައި އެ ކުރެހުން ހުރި ނޫންތޯ، ދެންނެވުމުން ޒަކީ ވިދާޅުވީ "އޭގައި ދެން އަޅުގަނޑަކަށް އެހާ ބޮޑަކަށް އަދި ބަލައިނުލެވޭ" ކަމަށާއި "އަޅުގަނޑުމެންނަށް އޭތި އެ ވަރަކަށް ނަގައި ނުގަނެވޭ،" ކަމަށެވެ.
އިސްލާމިކް ފައުންޑޭޝަނުން ވެސް ބުނީ އީސާގެފާނު ރަމްޒުކޮށްދޭ އެއްޗެއް ހުރިކަން އެނގިފައި ނެތް ކަމަށެވެ.
"އެނގިފައެއް ނެތް އީސާގެފާނުގެ ފޮޓޯއެއް ހުރި ކަމަކަށް. ދީނީ ޝިއާރުތައް ރަމްޒުކޮށްދޭ އެއްޗެހިތަކެއް އެބަހުރި. ދުއާ ކިޔާ ގޮތަށް ވެސް މީހަކު އެބަހުރި. އެއް ބަޔަކު އެ މަންޒަރު ސިފަކޮށްފާނެ އެއީ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ކަމަށް ވެސް. ސީދާ އެ ގޮތަށް [އީސާގެފާނު ސިފަކޮށްދޭ] ކުރެހުމެއް ހުރި ކަމަކަށް އަޅުގަނޑުމެންނަށް ފާހަގައެއް ނުކުރެވެނު،" ފައުޒީ ވިދާޅުވި އެވެ.
ބުދުތަކުގެ މައްސަލަ އާއި އީސާގެފާނުގެ ސޫރަ ކުރެހި މައްސަލައިގައި ފާހަގަކުރެވޭ އަނެއް ކަމަކީ ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ބޮޑު އަރައިރުމެވެ. އެއީ ދީނީ ކަމެއް ކަމަށް ދީނީ ޖަމިއްޔާތަކާއި ޖަމާއަތްތަކާއި ޕާޓީތަކުން ބުނި ކަމުގައި ވިޔަސް، އެ މައްސަލައިގައި އެއް ކުޑައެއްގެ ދަށަށް އެ ހުރިހާ ފަރާތްތަކަށް ނާދެވުނެވެ.
އިސްލާމިކް ފައުންޑޭޝަނުން އެއްޗެއް ނުބުނެގެން އަދާލަތުން ފާޑު ކިޔާފައިވާ އިރު، އިސްލާމިކް ފައުންޑޭޝަނުން ވަނީ އެކަން އިސްލާމިކް މިނިސްޓްރީގެ ބޮލަށް ޖަހައި، ހިކިފަސްތަނަށް އަރައިފަ އެވެ. ދެން ހުރި ދީނީ ޖަމިއްޔާތަކާއި ޖަމާއަތްތައް ވެސް ވަކިވަކިން ބަޔާންތައް ނެރެ އެކަން ކުށްވެރިކުރި އެވެ.
އަދާލަތު ޕާޓީން ވެސް އެކަންތައް ކުށްވެރިކޮށްފައިވާ އިރު، އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވެސް ޕާޓީގެ ޗާޓުން ބޭރުގައި ވިދާޅުވެފައިވަނީ، އެ ތަކެއްޗަކީ ގާނޫނީ ގޮތުން ރާއްޖެ އެތެރެކުރެވިގެންވާނެ އެއްޗެހިތަކެއް ނޫން ކަމަށެވެ. ބަޔަކު ދެކޮޅުހެދިޔަސް، ގާނޫނާއި ގަވާއިދުގައި ކޮންމެ ގޮތަކަށް އެކަން އޮތަސް، ކަން އޮތީ ވެ ނިމިފަ އެވެ.