Skip to main content
ޕަރުވާނާ


ކިތަންމެ ވަރަކަށް ދޮންކުރިޔަސް، ދުނބުރިއެއް އަނބަކަށް ނުވާނެ އެވެ. ކިޔެވި ހުރިހާ އެއްޗެއްގެ ތެރެއިން، އަހަރެން އަބަދު ހަނދާން ހުންނަ ދެ ހަރުބަހުގެ ތެރެއިން އެއް ހަރުބަހަކީ އެއީ އެވެ. އަހަންނަކީ އަހަންނެވެ. އެ ހަގީގަތަށް ފުރަގަސްދޭނީ ކިހިނެތް ހެއްޔެވެ؟ އުންމީދާއި އިންތިޒާރު ވެސް ކުރެވިއްޖެ އެވެ. މާޔޫސްކަން ފިޔަވައި އަހަންނަށް ލިބުނީ ކޯޗެއް ހެއްޔެވެ؟ އަހަންނަށް ހިތްވަރުދޭކަށް އެކަކު ވެސް ނާދެއެވެ. މި ސިއްރު އެހެން މީހަކަށް އަހަރެން ކިޔައެއްނުދެމެވެ. ބޭކާރު ހަމްދަރުދީއެއް އަހަރެން ބޭނުމެއް ނުވާތީ އެވެ. 

 

އަންހެނުން އިސްވެ ލޯބި ހުށައެއްނާޅާނެ އެވެ. އެއީ ހުތުރުކަމެކެވެ. ތިމާ އަށް އެހެން މީހުން ކުރާ އިހުތިރާމު ގެއްލޭ ކަމެކެވެ. އެހެންވާން އަހަރެން ބޭނުމެއް ނޫނެވެ. ހާއްސަކޮށް ނިޔާޒު އެހެން ހިތަށްއަރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންދެކެ ނިޔާޒު ލޯބިވާކަމެއް އަހަންނަކަށް ނުވެސް އެނގެ އެވެ. އެންމެ ހިތްދަތިކަމަކީ އެއީ އެވެ. އެކަމަކު، ފެނުނު ފުރަތަމަ ދުވަހު، ނިޔާޒުދެކެ އަހަންނަށް ލޯބިވެވިއްޖެ އެވެ. އެއީ، ބޭއިޚުތިޔާރުގައި ވެވުނު ލޯތްބެކެވެ. ފުރަތަމަ ނަޒަރުން އުފެދުނު ލޯތްބެކެވެ. ހަމަލޮލަށް ނިޔާޒު ނުފެންނަނީސް، ދިރުމެއް ނެތް ފޮޓޯއަކުން އަހަރެންގެ ހިތުގައި އޭނަ ވަކިއަޅާލި އެވެ. އަހަރެންގެ އުމުރުން އޭރު އެންމެ 12 އަހަރެވެ. ޖެހިގެން އައި ދުވަހު އޭނަޔާ ހަތަރުކަޅި ހަމަވި އެވެ. އަހަރެންގެ ދެފައިން ވާގި ހުސްނުވީ ކިރިޔާ އެވެ. އޭރު އަހަންނަކީ ކުޑަކުއްޖެކެވެ. ނިޔާޒު ފެނުމާއެކު އަހަރެންގެ އަތްފައި ފިނިވެ، ހިތުގެ ވިންދު ދެގުނަ އަށް އަވަސްވަނީ ކީއްވެގެންކަމެއް، އޭރަކު ނުވެސް އެނގެ އެވެ. އަހަރެންގެ ދޫ ތަޅުލެވެއެވެ. އެހެން ދިމާލެއް ބަލަން ދެލޯ އުޒުރުވެރިވެ އެވެ. ރަކިވެފައި އަހަރެން ހުންނަމެވެ. އިސްޖަހަން ބޭނުންނުވެފަ އެވެ. އިސްއުފުލައިގެން ހުންނަން ޖެހިލުންވެފަ އެވެ.
އޭނަ އަކީ، ބޮޑުބޭބެގެ ރައްޓެއްސެއްގެ ދަރިއެކެވެ. އެހެންކަމުން، ދޭތެރެދޭތެރެއިން، ބޮޑުބޭބެގެ ގެ އަށް އޭނަ އާދެ އެވެ. އޭނަ ދެކިލަން ބޭނުމިއްޔާ، އަހަރެން ވެސް ޖެހެނީ ބޮޑުބޭބެގެ ގެ އަށް ދާށެވެ. ބޮޑުބޭބެގެ ގެ އަށް، އިރުއިރުކޮޅާ ދިޔުމަށްޓަކައި ދައްކާނެ މާގިނަ ބަހަނާތަކެއް އަހަންނަކަށް ނުވެސް އެނގެ އެވެ. އެންމެން ހީކުރީ، ބޮޑުބޭބެދެކެ އަހަރެން ވަރަށް ލޯބިވާކަމަށެވެ. އެއީ ދޮގެއް ނޫނެވެ. އެހެންނަމަވެސް، އެ ގެ އަށް އަހަރެން ދިޔައީ އެހެން މަގުސަދެއް ވެސް އޮތީމަ އެވެ.
ބަލަބަލާ ހުއްޓައި، އަހަރުތައް ފާއިތުވަމުން ގޮސް، އަހަރެން ފުރާވަރަށް އެޅި އެވެ. ނިޔާޒުދެކެ ވެވިގެން މި އުޅެނީ ލޯބިކަން އަހަންނަށް ވިސްނުނީ އެ ހިސާބުންނެވެ. އެހެންކަމުން، އެ ޚިޔާލީފޮލާ ކެއްކުން ހުއްޓާލުމަށްފަހު، އެ ހަނދާންތައް ހިތުން ފުހެލަން މަސައްކަތް ފެށީމެވެ. ފަސޭހަ ކަމަކަށް ނުވި އެވެ. އެކިއެކި ކަންކަމުގައި، ބޮޑުބޭބެގެ ގެ އަށް އަހަރެން ދާންޖެހޭތީ އެވެ. މަދު ފަހަރެއްގައި މެނުވީ، ކޮންމެ ފަހަރަކު ވެސް ނިޔާޒު ފެނެ އެވެ. ލޮލަށް ނުފެންނަ ކަމެއް ހިތުން ފުހެލަން އުނދަގޫވާއިރު، ގިނަގިނައިން ލޮލަށް ފެންނަ މީހަކު ހަނދާންނައްތާލާނީ ކިހިނެތް ހެއްޔެވެ؟ ނިޔާޒު ފެނިއްޖެއްޔާ، ނުބަލާ ހުރުމަކީ އަހަންނަށް ކުޅަދާނަކަމެއް ނޫނެވެ. މޫނު އެހެން ދިމާލަކަށް އަނބުރައިގެން ހުއްޓަސް، ވައްކަޅިން އޭނަ އަށް ބެލެއެވެ.
ނިޔާޒުދެކެ އަހަރެން ވާ ލޯބި ހައްތަހާ އިތުރުވަމުންދިޔަ އެވެ. އެ ކަން އެނގެނީ އަހަންނަށް އެކަންޏެވެ. އަހަންނަށް ހީވާގޮތުގައި، އަހަންނާ ދޭތެރޭގައި ނިޔާޒުގެ ހިތުގައި އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ސަބަބުތަކުގެ ލިސްޓު ވަރަށް ދިގެވެ. އެ ހުރިހާ ކަމެއް އެހެން ހުއްޓަސް، ލޯތްބަކީ ކަނުއެއްޗެކޭ ބުނާ ބަހުގައި އެއްވެސް ހަގީގަތެއް ވާ ނަމަ، ފަހަރެއްގައި އަހަރެންދެކެ އޭނަ ލޯބިވެދާނެ އެވެ. ނޫނީ އެއީ އަހަރެންގެ ކުށްހީއަކަށް ވެސް ވެދާނޭ ހިތަށްއެރި އެވެ. ޔަގީންވާ އެއް ކަމެއް އޮތެވެ. ކުޑަމިނުން އަހަރެންގެ ނަން ވެސް އޭނަ އަކަށް ނޭނގޭނެ އެވެ. އެއީ ކިހާ ހިތްދަތިކަމެއްކަން އެނގޭނީ އަހަންނަށެވެ. ބޭއިޚުތިޔާރުގައި ނޫނީ، އަހަންނާ ދިމާލަށް ނިޔާޒު ބަލާ ވެސް ނުލަ އެވެ. ކީއްވެގެންކަން އަހަންނަށް އެނގެ އެވެ. އެހެންނަމަވެސް، ބޯހަރު އަހަރެންގެ ހިތަށް ވިސްނައިދޭނީ ކިހިނެތް ހެއްޔެވެ؟
ބޮޑުބޭބެގެ ގޭގައި ޕާރޓީއެއް އޮތް ދުވަހެކެވެ. އޭރު އަހަރެންގެ އުމުރުން 20 އަހަރެވެ. ޕާރޓީ އަށް ގެންނަންވާ ކޭކު ބަލާ ދާންޖެހިއްޖެ އެވެ. ޓެކްސީ އަށް ގުޅިތާ މާ ގިނައިރެއް ނުވެ ޓެކްސީ އައެވެ. ހަނި ގޯޅިއެކެވެ. ތަނަކަށް އެއްޗެއް ބަލާ ދެވޭގޮތަށް، ނަލަހެދިގެން ތިބީ ނިޔާޒު އާއި އަހަންނެވެ. ވިސްނާކަށް ވަގުތެއް ނުލިބުނެވެ. ދުއްވާ އެއްޗެހި ތޮއްޖެހި، ބަރުގޮނުގެ އަޑުން ޖައްވު ގުގުމާލި އެވެ. އަހަންނާއި އޭނަ އަށް ޓެކްސީގެ ތެރެއަށް، ކާރުގެ ދެ ފަރާތުން އެރުނީ އެކުއެކީގަ އެވެ. ރަނގަޅަށް ދޮރު ނުލެއްޕެނީސް ކާރު ދުއްވާލި އެވެ. ނިޔާޒު އަރާނެކަން އެނގުނު ނަމަ، އަހަރެން ނޭރީމުހެވެ. އަހަރެން އަރާކަން އެނގުނު ނަމަ، އޭނަ ވެސް ނޭރީސް ކަންނޭނގެ އެވެ. އެހެންނަމަވެސް، ޓެކްސީގެ ފަހަތު ޝީޓުގައި ތިބީ، އަހަރުމެން ދެމީހުން އެކަންޏެވެ. ފަހަރެއްގައި، އެއީ، އަހަރެންގެ ހިތުގެ އިހުސާސްތައް އޭނަ އަށް އިއްވާލަން ތަގުދީރު ތަނަވަސްކޮށްދިން ހަމައެކަނި ފުރުސަތު ކަމުގައި ވެސް ވެދާނެ އެވެ. ވައްކަޅިން އޭނަ އަށް އަހަރެން ބެލީމެވެ. ނިޔާޒު އެ ވަރު ވެސް ނުކުރި އެވެ. ފަހަތު ޝީޓުގައި އަހަރެން އިންހެން ވެސް އޭނަ އަށް ހިއެއްނުވި އެވެ. ވަރަށް ހިތްދަތިވި ވަގުތެކެވެ. ފެންކަޅިވި އެވެ. ހިތަށް ތަދުވި ވަރުން ހިންދިރުވާލަން އުނދަގޫވި އެވެ. ދެން ވެއްޓުނީ، ރިހޭ ފައި މައްޗަށް ފޮޔެވެ. އޭނަގެ ލޯބިވެރިޔާ އޭނަ އަށް ގުޅީ، އޭނަދެކެ އިންތިހާ އަށް ލޯބިވާ އަހަރެންގެ ހާޒިރުގަ އެވެ. ތަގުދީރުގެ ރޭވުން އެނގުނީ އެ ހިސާބުންނެވެ. ނިޔާޒު އަކީ އެހެން މީހެއްގެ ހައްގެކެވެ. އެހެން މީހެއްގެ މިލްކެކެވެ. އަހަންނަށް އެ ވަގުތު އެ ތަނުގައި އިނދެވުނީ އެ ހުރިހާ ކަމެއް އެނގެންވެގެންނެވެ.
އެ ދުވަހުގެ ޕާރޓީ އަށް، ނިޔާޒުގެ ލޯބިވެރިޔާ އައެވެ. ރޭގަނޑު އެވެ. އެ ދެމީހުން ވަރަށް ގުޅެއެވެ. ރީތިކަމުގެ ގޮތުންނެވެ. އިސްކޮޅުގެ ގޮތުންނެވެ. ކުލައިގެ ގޮތުންނެވެ. ތައުލީމުގެ ގޮތުންނާއި، މިޒާޖުގެ ގޮތުން ވެސްމެ އެވެ. ނިޔާޒުއާ އަޅާބަލާއިރު އަހަންނަކީ ކާކު ހެއްޔެވެ؟ އެ ފަދަ ރީތި ކޮންމެ ފިރިހެނަކު ބޭނުންވާނީ، އެކުގައި ހުންނައިރު، ތިމާ ފަޙުރުވެރިވާ ފަދަ އަންހެންކުއްޖެކެވެ. މުއްސަނދިކަމާއި، ރީތިކަމުގެ ގޮތުންނެވެ. ނިޔާޒު ފަޙުރުވެރިވާނެ އެއްވެސް ކަމެއް އަހަރެންގެ ނެތެވެ. އަހަރެންނަކީ އެހާ ރީތި ކުއްޖެއް ނޫނެވެ. ތަނަވަސްކަމެއް ނެތެވެ. އަހަރެންގެ އާއިލާ ދަންނަ މީހުން އެއް އަތުން ގުނާލެވޭނެ އެވެ. އަހަރެންގެ އިނގެރޭސި ފެންވަރު ދަށެވެ. ރީތި މޭކަޕް އަހަންނާ ބީރައްޓެއްސެވެ. ހަމައެހެންމެ، އަހަރެންގެ އިސްތަށިގަނޑުގައި ހައިލައިޓެއް ނެތެވެ. ސްޓައިލެއް ނެތެވެ. މީރު ވަސް ދުވާ ކޮންޑިޝަނަރ ގަނެވޭހާ ލާރިއެއް ނެތެވެ. ގެންގުޅޭ ފޯނުން ލަވައެއް ނުޖެހެއެވެ. އަރާފައި ހުންނަ ފައިވާން އުހެއް ނޫނެވެ. ގައިގެ ކުލަ އެހާ އައްޔެއް ވެސް ނުމެނޫންމެ އެވެ. އަހަންނަކީ ވަރަށް އާދައިގެ އަންހެންކުއްޖަކީމެވެ.
އޭނަ އަށް ދެވޭނެ ހަމައެކަނި އެއްޗަކަށް އަހަރެންގެ އުނގުގައި ވަނީ ލޯތްބެވެ. އަހަރެންގެ ޒީނަތްތެރިކަމަކީ އިއްފަތްތެރިކަމެވެ. އަހަރެންގެ މުއްސަނދިކަމަކީ އަހަރެންގެ އަބުރެވެ. އަހަރެންގެ މޭކަޕަކީ ތެދުވެރިކަމެވެ. އަހަރެންގެ މީރު ވަހަކީ އަހަރެންގެ ދީނީ އަގީދާ އެވެ. އެ ހުރިހާ ރޫހާނީ ސިފަ އަކީ، ލޮލަށް ފެންނަ ގޮތަށް ވިދާބަބުޅާ އެއްޗެއް ނޫނެވެ. ނިޔާޒުގެ ސަމާލުކަން އަހަންނަށް ނުލިބުނީ އެހެންވެއެވެ. އަހަރެން އެންމެ ލޯބިވި މީހާ އަހަންނަށް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. ހަގީގަތަކީ އެއީ އެވެ. ނޭނގެނީ ސަބަބެވެ. އަހަރެންގެ ހަޔާތަށް ނިޔާޒު އައި ނަމަ އަހަންނަށް ލިބޭނީ އުފާ ހެއްޔެވެ؟ އަހަންނަކަށް އެއެއް ނޭނގެ އެވެ. އިންސާނަކީމެވެ. ލޯބިވި މީހާ ނުލިބުމުން ހިތަށް ވަރަށް ތަދުވެއެވެ. އަހަންނަކީ ދުނިޔޭގައި އުޅޭ މީހެއްކަން ނުވެސް ދަންނަ މީހެއްދެކެ އުމުރަށް ލޯބިވެގެން އުޅޭނީ ކިހިނެތް ހެއްޔެވެ؟ އުނދަގުލުން ނަމަވެސް އަހަރެން ޖެހޭނީ ކަން އޮތް ގޮތް ގަބޫލުކުރާށެވެ. އެ ހަނދާންތަކާ ދުރަށް ދާށެވެ.
ނިޔާޒު ފެނުނުތާ ނުވަ އަހަރު ފުރޭނީ މި އަހަރު އެވެ. އަދި ވެސް އޭނަ ހުރީ ހުސްހަށިބަޔަށެވެ. އޭނަ ލޯބިވި އަންހެންކުއްޖާ އޭނަ އަށް ހެވެއް ނޫނެވެ. ވަފާތެރިއެއް ވެސް ނުވި އެވެ. އެހެން ފިރިހެނެއްގެ އުނގުގައި އެ އަންހެންކުއްޖާ ބޯއެޅީ އެވެ. އެކަމަކު، އެ އަންހެންކުއްޖާ އަށް އަދި ވެސް ނިޔާޒު އިންތިޒާރުކުރެއެވެ. ނިޔާޒު ފެންނަ ކޮންމެ ފަހަރަކު، އަހަރެންގެ ތުންފަތަށް ލުއިލުއި ހިނިތުންވުމެއް ވެރިވެއެވެ. ހިތަށްއަރައެވެ. ނިޔާޒުގެ ހިތަށް މި ވަގުތު އަރާނީ ކީކޭބާ އެވެ؟ އޭނަގެ ލޯބިވެރިޔާ މަތިން ހަނދާންވެގެން ވިޔަސް، ނުވަތަ އަހަރެންގެ ފުރަގަހުގައި ހުރި އޭނަގެ ރައްޓެއްސެއް ފެނިގެން ވިޔަސް، އަހަންނާ ދިމާލަށް ބަލާހެން ހީވާގޮތަށް އޭނަ ހީލާ ކޮންމެ ފަހަރަކު، އަހަންނަކީ ނަސީބުވެރިއެއް ކަމުގައި އަހަންނަށް އިހުސާސްކުރެވެ އެވެ. ހިތް އުފަލުން ފޮޅެވެ. އެއްވެސް މީހަކު ބޭނުން ހުރިހާ ކަމެއް ނުވާނެ އެވެ. ބައެއް އަންހެންކުދިން، އަހަންނަށް ވުރެ ހިތްވަރުގަދަވާނެ އެވެ. ކެރޭނެ އެވެ. އިސްވެ ލޯބި ހުށަ ވެސް އަޅާނެ އެވެ. އަހަރެން މިހިރީ ބާކީވެފަ އެވެ. ފެންކަޅިވެއެވެ. ޖެހޭނީ އާދަވާށެވެ.
ހައްލަކީ އޭނަ މަތިން އަހަރެން ހަނދާންނައްތާލުމެވެ. އަހަރެން ކަހަލަ ކުދިންނަށް އޮތް ހަމައެކަނި ފަރުވާ އަކީ އެއީބާ އެވެ؟ އަހަރެންގެ ނަސީބުގައި އޭނަ ނެތްކަން، ދުވާލަކު އެތައް ފަހަރަކު ހިތަށް ވިސްނައިދެމެވެ. އޭނަ ހަނދާން ނުކުރުމަށާއި، އެ ކަމާ ނުވިސްނުމަށް ވެސް ނަސޭހަތްތެރިވަމެވެ. ކުރާނީ ކީއްހެއްޔެވެ؟ ކުޑަމިނުން މަގޭ ހިތް ވެސް މަށަށް ކިޔަމަނެއްނުވި އެވެ. އެކަނިވެރިކަން އިހުސާސް ވިޔަސް، މާޔޫސް ވިޔަސް އޭނަ މަތިން ވަރަށް ހަނދާންވެ އެވެ. ރޮވެއެވެ. އޭނަގެ ނަން، މަޑުމަޑުން ކިޔާލެވެއެވެ.
ބޮޑުބޭބެގެ ގެއިން، ކިތަންމެ ފަހަރަކު ނިޔާޒު ފެނެއެވެ. އަހަރެންގެ އިސްތަށިގަނޑުގައި ޖެހޭ ހިސާބުން އޭނަ ދެއެވެ. ގާވެފައި އަހަރެން ހުންނަމެވެ. އޭނަ ބަލައިލައިފި ނަމަ، ދެއަތް ދިއްކޮށްލާނަމޭ ހިތަށްއަރައެވެ. އެއީ، ކިހާ މޮޔަ ޚިޔާލެއް ހެއްޔެވެ؟ އަހަންނަކީ، ކިހާ ބޮޑު މޮޔައެއް ހެއްޔެވެ؟ ހަނދާ ދިމާލަށް އެންމެން ބެލިޔަސް، އެއްވެސް މީހަކާ ދިމާލަށް ހަނދެއް ނުބަލާނެ އެވެ.
އިސްވެ ލޯބި ހުށައަޅާނެ ހިތްވަރު މިހާރު އަހަރެންގެ އެބަހުއްޓެވެ. އެކަމަކު، އެ އަޑުއަހަންވީ މީހާ ހުރީ ކުރިއަށް ވުރެ ވެސް ދުރުގަ އެވެ. ހިބައިން ނުލިބުނަސް، މުޅި އުމުރު ދުވަހު މި ހިތުގައި އެ ނަން ދެމިހުންނާނެ އެވެ. ނުވަތަ ކޮންމެ ވެސް ދުވަހަކުން އަހަރެން އެ ނަން ހަނދާންނައްތާލާނަމެވެ. އެ ފަދަ ދުވަހެއް އަންނަންދެން އެ ހުޅުކޮޅު ވަށައިގެން މި ޕަރުވާނާ ޖެހޭނީ އެނބުރޭށެވެ. މި ވަގުތު، އަހަރެންގެ ހަނދާނަށް އަންނަނީ ދެވަނަ ހަރުބަހެވެ. އެހެން ނަމަވެސް ސުވާލެއްގެ ސިފައިގަ އެވެ.
"ވަޅި ރީތީ ތޫނިއްޔާ ހެއްޔެވެ؟ އަނބިރީތީ ހެވިއްޔާ ހެއްޔެވެ؟"
ނިމުނީ

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.