Skip to main content
ރޯން އެކަނިމާއެކަނި
ބިންމާ

ލޯބީގެ އެންމެ ފަހު މަންޒިލަކީ ކައިވެންޏެވެ. އެކަމަކު، އަހަރެން މީހެއްދެކެ ލޯބިވީ ލޯތްބަށްޓަކާ އެވެ. ކައިވެންޏާއި ފިރިމީހާ އަކީ، އަހަރެންގެ ސިކުނޑީގައި ގެންގުޅުނު ދެލަފުޒެއް ނޫނެވެ. އެކި މީހުން ލޯބިވަނީ އެކި ސަބަބަށްޓަކާ އެވެ. އަހަރެން ލޯބިވި ސަބަބަކީ، އަހަންނާއި އިމްރާންގެ ޚިޔާލު އެއްގޮތްކަމުންނެވެ. އިމްރާންގެ ކިބައިގައިވާ އެ ސިފަ، އަހަންނަށް މާ ކަމުދިޔައީ އެވެ. ލޯބިވެވި، އަހުދުވެވި، ކައިވެންޏަކާ ހަމައަށް ދިޔައީ، ބަސްބުނި ހިދުންނެވެ. އެހާ ވެސް އަވަހަށެވެ. އަހަރުމެން ރައްޓެހިވެގެން އުޅުނީ ފަސް މަސްދުވަހު އެވެ. ލޯތްބަށް ފަސްމަސް ވީއިރު، ނިދުމުގެ ކުރިން އަހަންނަށް އިވެން ބޭނުންވާ އަޑަކީ އިމްރާންގެ އަޑަށް އޮތީ ވެފަ އެވެ. ހޭލާފައި އެންމެ ފުރަތަމަ އިވެން ބޭނުންވާ އަޑަކީ ވެސް ހަމަ އިމްރާންގެ އަޑެވެ. އިމްރާން ގެއްލިދާނެތީވެ އަހަރެންގެ ލޮލަށް ނިދިނާދެއެވެ. އޮފީހުގެ ކަމެއްގައި އޭނަ ރާއްޖެތެރެ އަށް ފުރައިފިއްޔާ އަހަރެންގެ އަރުން އެއްޗެއް ނުދިރެއެވެ. އަހަރެންގެ ބޮލަށް ލޯބި ސަވާރުވެފައިވާ މިންވަރަކީ، އިމްރާން ރުޅިވެއްޖެ ނަމަ، ދުވަހަކު ވެސް މީހެއްދެކެ ލޯބިނުވާން އަހަރެން ހުރީ ނިންމައިގެންނެވެ. 


ކީއްވެ އަހަންނާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނާހަނީ؟" އިމްރާން އެއް ފަހަރަކު ސުވާލުކުރި އެވެ. "ވެދާނެއްނު އަހަރެންމީ މީހެއްގެ ފިރިއަކަށް ވެސް. ނޫނީ، މާލޭގަ ގެދޮރު ނެތް މީހަކަށް ވެސް."
"މީހެއްގެ ހަސްބަންޑަށް ވެއްޖެއްޔާ ދެން ޑިވޯސް ވާނީ،" ފިކުރެއް ޚިޔާލެއް ނެތި އަހަރެން ބުނީމެވެ. "ދެން ތިބުނީ ގޭގެ ވާހަކަ. އަހަރެން ލޯބިވީ އިމްރާންގެ ގެދެކެއެއް ނޫނޭ. އެހެންނޫނަސް، އަހަރެންގެ ގެ އެބަހުއްޓޭ." 

އަލަށް މަތިންދާބޯޓަށް އަރާއިރު، ބޯޓުން ދިމާވާނެ ކަމަކަށް ތައްޔާރުވާކަށް ނޭނގެ އެވެ. ކުރިން ކޮށްފައި ނުވާ ކަމަކަށް ވާތީ އެވެ. ކައިވެންޏަކީ ވެސް އެ ކަހަލަ ކަމެކެވެ. ހަޔާތުގެ ދިގު ދަތުރުގައި ތިމާ އަރާ ސަވާރީއެކެވެ. ކުރިން ތިމާ އުޅުނީ އެކަންޏެވެ. އެކަމަކު، އެ ސަވާރީގެ ފަހަތުގައި އެހެން މީހަކު އިންނާނެ އެވެ. އަހަރެން ހީކުރީ، އިމްރާންގެ ލޮލުން ފެށިގެން ފަޔާ ހިސާބަށް މަށަށް އެނގޭ ކަމަށެވެ. އެކުގައި އުޅެން، އިމްރާނަށް ވުރެ ފަސޭހަ އެހެން މީހަކު ނުހުންނާނެ ކަމަށެވެ. އެއީ، އަހަރެން ފަދައިން، އަލަށް ކައިވެނިކުރާ ކޮންމެ މީހަކު ކުރާ ކުށްހީއެކެވެ. ކައިވެނިކުރުމާއެކު "ލޯބިވެރިޔާ" ބަދަލުވާނީ "ފިރިމީހާ" އަށެވެ. އެ ކަން އަހަންނަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ 

އިމްރާން އަކީ، މަޑުމައިތިރި މިޔުޒިކު އަޑުއަހަން ފޫހިވާ މީހެއްކަމެއް، ކުރިން އަހަންނަކަށް ނޭނގެ އެވެ. އެއްވެސް މަންޒިލެއް ނެތި، ސައިކަލު ދުއްވާލަން ދާން ފޫހިވާ މީހެއްކަމެއް ވެސް ނޭނގެ އެވެ. ގިނަ ވަގުތު އިމްރާން ލާހިތްވަނީ ސޯޓާއި ޓީޝާޓުކަމެއް ވެސް ނޭނގެ އެވެ. އަހަންނާ ބައްދަލުކުރަން އޭނަ އައި ހުރިހާ އިރަކު އޭނަ ހުރީ، އަތްދިގު ގަމީހާއި ފަޓުލޫނު ލާފަ އެވެ. އެންމެ ފުރަތަމަ އިމްރާން ގެ އަށް އައި ދުވަހު ހުރީ، ގިރުވާން ނުހުންނަ ކަހަލަ ޓީޝާޓެއް ލާފަ އެވެ. އެހެންނަމަވެސް، އަހަންނަށް އެންމެ ރީތީ އަތްދިގު ގަމީހާއި ޓީޝާޓު ކަމުގައި ބުނުމުން، އެ ހިސާބުން ދެން އޭނަ ފެނުނީ އެ ގޮތަށް ހުންނަ ތަނެވެ. 

ކައިވެނިކޮށްގެން އަހަރެން ދިޔައީ އިމްރާންގެ ގެއަށެވެ. އިމްރާންގެ އަންބަކަށް އަހަރެން ވުމާއެކު، "އަސްލު" އިމްރާން ފެންނަން ފެށި އެވެ. ހަގީގަތުގައި، އަހަރެންނަށް ކަމުދިޔަ ހުރިހާ ސިފަ އަކީ، އިމްރާން ބޭރުފުށުން ލައިގެން އުޅުނު ތޮއްޓެކެވެ. އަހަރެންނަށް އޮޅުވާލައި، އަހަރެންގެ ހިތް ފަތަހަ ކުރުމަށްޓަކާ އެވެ. އެ މަޅީގައި އަހަރެން މިހިރީ ޖެހިފަ އެވެ. ރަނގަޅަށް ހައްޔަރުވެފަ އެވެ. އެކަމަކު، އިމްރާންއާ އަހަރެން ކައިވެނި ކުރި ސަބަބު ކަމުގައިވާ، ދެމީހުންގެ ޚިޔާލު އެއްގޮތްވުން ވެގެންދިޔައީ އަވާމެންދުރަކަށެވެ. ފިރިހެނުން އެހާ އޮޅުވާލަނީ ކީއްވެގެން ހެއްޔެވެ؟ ދަޅަދައްކައިގެން ޝިކާރަކުރާ އަނބިމީހާގެ ފަރާތުން އެ މީހުން އުންމީދުކުރަނީ ކޮން ފަދަ ލޯތްބެއް ލިބޭނެކަމަށް ހެއްޔެވެ؟ ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނެވެ. އިމްރާންގެ އާއިލާ އާއި އަހަރެންގެ އާއިލާ ވަރަށް ގުޅެއެވެ. އަހަރުމެން ކައިވެނިކުރި ފަހުން، ދެއާއިލާ ދެމެދުގައި އޮންނަނީ، އެއްބަނޑުއެއްބަފާ ކަހަލަ ގުޅުމެކެވެ. އެއީ، އަހަރެންގެ ބަލިފަޔަކަށް ހަދައިގެން އަހަންނަށް އުޅެވިދާނެ އެވެ. ލޯތްބާމެދު ކުރި ހުރިހާ އުންމީދެއް ފެނަށްވެގެން ދިޔަސް، "ހެޕީ ފޭސް" މޫނުމައްޗެއް އަޅާލައިގެން އަހަންނަށް ހުރެވިދާނެ އެވެ. ދަރިން ވެސް ހޯދިދާނެ އެވެ. އެއީ އަހަރެން ހުވަފެނުން ދުށް ކަހަލަ، އުފާވެރި ދިރިއުޅުމެއް ހެއްޔެވެ؟ 

ދިރިއުޅުމަކީ ފިނިފެންމަލުގެ ދާނެއް ނޫންކަން އެނގެއެވެ. އެކަމަކު، ކަށި ޖަންގަލީގެ ދާނެއް ވެސް ނުމެނޫންމެ އެވެ. އަހަރެންގެ މައިންބަފައިންނަށްޓަކައި ކެތްކޮށްލައިގެން އަހަންނަށް ހުރެވިދާނެ އެވެ. އެއްވެސް މީހަކު ބޭނުން ހުރިހާ ކަމެއް ފުރިހަމައެއް ނުވާނޭ ހިތަށްއެރުވިދާނެ އެވެ. ނުވަތަ، ފަހުން އަދި ރަނގަޅުވާނޭ ވެސް ހީކުރެވިދާނެ އެވެ. އަހަރެން ކެތްކުރީމެވެ. ފުރަތަމައިނުން އިމްރާން ކުރަންފެށި އެންމެ ހިތްދަތި "އަނިޔާ" އަކީ، އެއްވެސް ފައިސާއެއް އަހަންނަށް ނުދިނުމެވެ. ކޮންމެ އެއްޗެއް ބޭނުން ވިޔަސް އަހަރެން ޖެހެނީ ބުނާށެވެ. އެ ކަމަކީ އަހަންނަށް ވަރަށް އުނދަގޫ ކަމަކަށް ވި އެވެ. އަހަރެން ވަޒީފާއެއް އަދާކުރަން އިމްރާން ބޭނުމެއް ނޫނެވެ. މަހަކު ވަކި ވަރެއް އަހަންނަށް ދީފައި ބަހައްޓަން އިމްރާން އެއްބަހެއްނުވި އެވެ. އެއްޗެއް ގަންނަންވެގެން ބުނެފިއްޔާ ދެނީ ކިރިޔާ ފުދޭ ވަރަށެވެ. އެ އަގަށް އެ އެއްޗެއް ނުލިބިގެން އެނބުރި ގެ އަށް އަންނަން ވެސް ޖެހެއެވެ. 

"އަހަރެން ބާކީ ގެނެސްދޭނަމޭ،" އެއް ދުވަހަކު އަހަރެން ބުނީމެވެ. "އަވިގަނޑުގަ ދެކޮޅަށް ހިނގުމަށް ވުރެ ފަސޭހަވާނެއްނު!" 

"ތީ މައިންބަފައިން ފުއްގުޑިއެއްހެން ގެންގުޅުމުގެ ނަތީޖާ،" އިމްރާން ހިތްހަމަނުޖެހިފައި އެ ދުވަހު ބުންޏެވެ. "އަންބަކަށް ވީމަ ނަގަންޖެހޭ ޒިންމާތައް ދަސްކޮށްދެވިފަ ނެތީމަ ތިހެން ތި ވަނީ. މިހާރު ތި ކަހަލަ ޝަކުވާ ކުރަންޏާ، ކުއްޖަކު ލިބުނީމަ މަގޭ ބޯ ފަޅައިގެންދާނެއްނު. އަންހެނުންނަކަށް ނޭނގޭނެ ޝަކުވާކުރުން ނޫން އެހެން ކަމެއް ކުރާކަށް." 

ޝަކުވާ ނުކޮށް ކެތްކުރަން އަހަރެން މަސައްކަތްކުރީމެވެ. އެކަމަކު، ކެތްތެރިކަމުގެ އެއްވެސް އަގެއް ނެތް ތަނެއްގައި ކެތްކުރާނީ މޮޔައެކެވެ. އަހަންނަށް ދަސްވި ފިލާވަޅަކީ އެއީ އެވެ. ކޮންމެ ތަނެއްގައި، ކޮންމެ ހާލެއްގައި ވެސް އަހަންނަށް އުޅެވިދާނެ އެވެ. އެހެންނަމަވެސް، އަންހެނަކަށް ގަދަރުނުކުރާ ފިރިޔަކު ކައިރިއަކު ނުހުރެވޭނެ އެވެ. ރުޅި އެއީ ކޯޗެއްކަން ނުވެސް ދަންނަ ކަމަށް އަހަރެން ހީކުރި އިމްރާންގެ ރުޅި ފެނިފައި، ރޯން ވެސް އަހަންނަކަށް ނޭނގުނެވެ. އަހަރެން ހުރީ ހައިރާންވެފަ އެވެ. ރައްޓެހިވެގެން އުޅުނުއިރު ލޯބިން ފިރުމި ދެއަތް، އަހަންނަށް އަނިޔާއެއް ކުރަން އިސްކުރާނެކަމަކަށް ހިއެއްނުކުރަމެވެ. އަހަރެންގެ ސިފަ އަށް، އޭރު ތައުރީފުކުރި ދުލުން އިމްރާން ބޭރުކުރި ހުތުރު ގިނަ ބަސްތަކުގެ މާނަ އަހަންނަށް ނުވެސް އެނގެ އެވެ. ނުރޮވުނު އެއް ސަބަބަކީ އެއީ ކަމުގައި ވެސް ވެދާނެ އެވެ. އެހެންނަމަވެސް ހިތަށްއެރި އެވެ. އަނިޔާ އަށް ކެތެއްނުކުރާނަމެވެ. 

އަހަރެންގެ ގެ އަށް ދާން އަހަރެން ނިންމީމެވެ. އެކަމަކު، އެއީ، ނިންމަން ފަސޭހަ ކުރަން އުނދަގޫ ކަމަކަށްވި އެވެ. މައިންބަފައިންނާ އެ ވާހަކަ ދައްކަން އެ ގެ އަށް ދިޔަ ދުވަހު، އަހަންނަށްޓަކާ އެ މީހުން ފަޚުރުވެރިވާ ވަރު އަހަންނަށް އެނގުނެވެ. 

"މީ ހަމަ މަގޭ ދަރިއެއް،" އަހަރެންގެ ގައިގަ ބައްދާލަމުން މަންމަ ބުންޏެވެ. "ކިހާ ބަޔަކު ކިއި، އެކަނި އުޅެންޖެހުނީމަ ތެޅިފޮޅިގެންފަ މީނަ ގެ އަށް އަންނާނޭ. މަ ބުނީމެއްނު، ބަލަންހުންނާށޭ." 

ދައްކަން ދިޔަ ވާހަކަ އަހަންނަކަށް ނުދެއްކުނެވެ. އިމްރާން ބުނި އެއް ވާހަކަ އަހަރެން ޖެހުނީ ގަބޫލުކުރާށެވެ. އަހަންނަށް މިހެން ދިމާވީ، އަންބަކު ނަގަންޖެހޭ ޒިންމާތަކާ ދޭތެރޭގައި، ކުޑަކޮށް ވެސް އަހަންނަށް ވިސްނާލެވިފައި ނެތީމަ އެވެ. އަހަރެން އުޅެބޮޑުވީ ފިލްމުތައް ބަލައިގެންނެވެ. ވާހަކަފޮތްތައް ކިޔައިގެންނެވެ. އޭގައި ހުންނަނީ ލޯބިވެރިންގެ ވާހަކަ އެވެ. ލޯބީގެ ވާހަކަ އެވެ. އަހަރެއްގައި ތިން ސަތޭކަ ފަސްދޮޅަސް ފަސް ދުވަސް އޮވެއެވެ. ދުވާލަކު ސައުވީސް ގަޑިއިރު އަދި ގަޑިއަކު ފަސްދޮޅަސް މިނެޓު އޮވެއެވެ. ކޮންމެ މިނެޓަކީ ފަސްދޮޅަސް ސިކުންތެވެ. ޒަވާޖީހަޔާތަކީ، ސިކުންތުން ސިކުންތަށް ހާލަތު ބަދަލުވެގެންދާ އެއްޗެކެވެ. އެހެންނަމަވެސް، ހުވަފެނީ ފިލްމުތަކާއި ވާހަކަތަކުން އެ ކަމެއް އިހުސާސެއްނުވެ އެވެ. މީހެއްގެ އުމުރު ނުވަދިހަ މިނެޓުން ދައްކާލާއިރު ލޮލަށް ފެންނަނީ، ބަލާލަން ރީތި މަންޒަރުތަކެކެވެ. ހިތަށް ކުރެވެނީ ފޮނި އިހުސާސްތަކެކެވެ. ކައިވެންޏަކަށް ފަހުގައި، އަންބަކަށް ކުރިމަތިވާނެ ބުރަ އަދި ބޮޑު ޒިންމާ އަހަންނަށް ހަމަ ނޭނގުނީ އެވެ. 

އަނިޔާ އަށް ކެތްނުކޮށް، އެނބުރި މައިންބަފައިން ގާތަށް އަންނަން އަންނަން އަހަރެން ހުއްޓައި، މާސޫމް ހިތެއްގެ ވިންދު އަހަރެންގެ ހަށިގަނޑުން ޖަހަންފެށި އެވެ. އެ ހިސާބުން، ކުޅިގަނޑުގެ ކޮޅު ބަދަލުވީ އެވެ. އެނބުރި މައިންބަފައިން ގާތަށް އަހަރެން ހިނގައްޖެ ނަމަ، އެ މީހުން އަހަރެން ބަލާނެ އެވެ. ކުރިން ދިން ލޯބި ވެސް ދޭނެ އެވެ. އަހަންނަކީ، އެ މީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އެހެންނަމަވެސް، އަހަރެންގެ ހާލާމެދު އެ މީހުން ރޯނެ އެވެ. އަހަންނަށް ސިއްރުންނެވެ. އެއީ ޔަގީންކަމެކެވެ. އިމްރާން ކައިރީގައި އަހަރެން ހުރެއްޖެ ނަމަ، އެ ހިތްދަތިކަން ފޮރުވިފައިވާނީ އަހަރެންގެ ހިތުގަ އެކަންޏެވެ. އަހަރެންގެ ސަބަބުން، އެހެން ބަޔަކު ނުރޯނެ އެވެ. އެހެން ބަޔެއްގެ ނަޒަރުގައި، އަހަރެންގެ ނިންމުން ގޯސްވެދާނެ އެވެ. އަހަރެންގެ ނަޒަރުގައި، މައިންބަފައިން އަހަންނަށްޓަކައި އުފުލި ހުރިހާ ބުރަޔަކަށް އަހަންނަށް ޝުކުރުއަދާކުރެވޭނީ އެ ކަހަލަ ގޮތަކަށެވެ. އިމްރާންދެކެ ލޯބިވުމުން ފެށިގެން ކައިވެނިކުރުމާއި މަންމައަކަށް ވުން ވެސް އެއީ އަހަރެންގެ އަމިއްލަ ނިންމުމެކެވެ. ރޮންޏާ ރޯން ވެސް ޖެހޭނީ އަހަރެން އަމިއްލައަށެވެ. އެ ގޮތް އަހަރެންގެ ހިތަށް މާ ފަސޭހަ އެވެ.
ނިމުނީ

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.