ހިތުގެ ތަޅުދަނޑި
ރަށު ސްކޫލުގައި އުޅުނުއިރު ވެސް، ސުދާ އަށް އެންމެންގެ ނަޒަރު ހުރީ ހުއްޓިފަ އެވެ. ސުދާ ރީތިކަމުންނެވެ. ސުދާގެ އާއިލާ އަކީ، ރަށު ފެންވަރުގައި ބަލާއިރު، ތަނަވަސް އާއިލާއެކެވެ. ޒުވާނުންނާއި، ހުސްހަށިބަޔަށް ތިބި މެދު އުމުރުގެ ފިރިހެނުން ވެސް ދުށްގޮތުގައި، ސުދާއާ ކައިވެނި ކުރެވިއްޖެ ނަމަ، ދިރިއުޅުން އެ ހިސާބުން ހަމައަކަށް އެޅުނީ އެވެ. އެ އެންމެން ސުދާގެ ފަހަތުން މުގޯލިއެޅިއިރު ވެސް، ސުދާގެ ހިތުގައި ފޮރުވިފައިވީ އެންމެ މީހެއް ތަސްވީރެއެވެ. އެއީ ޒިޔާދު އެވެ.
ރަށުގެ އެއްވެސް މީހަކަށް ހަގީގަތް ނޭނގުނު ނަމަ ވެސް، ސުދާ އާއި ޒިޔާދުގެ ގާތް ގުޅުމަށް ތިން އަހަރު ފުރެނީ އެވެ. ލޯބީގެ ގުޅުމެއް ސުދާ ހިންގާކަން ސުދާގެ މައިންބަފައިންނަށް އެނގޭ ދުވަހަކީ، ރަށުން ސުދާ ފުރަންޖެހޭނެ ދުވަހެވެ. ހާއްސަކޮށް، ޒިޔާދު ފަދަ އާދައިގެ މީހަކަށް ސުދާ ހިބައިން ދިނުމަކީ، ސުދާގެ އާއިލާ ރުހޭނެކަމެއް ނޫނެވެ. ސުދާ އަށާއި ޒިޔާދު އަށް ވެސް އެ ކަން އެނގެ އެވެ. ސުދާގެ މައިންބަފައިންނަށް ހުރިހާކަމެއް އެނގިހުރެ، ނޭނގޭކަމަށް ހަދައިގެން ތިބިކަމެއް، އެކަކަށް ވެސް ނޭނގެ އެވެ. ފަރުދާގެ އަނެއް ފަރާތުގައި އެމީހުން ރާވަމުންދިޔަ ރޭވުމެއް ސުދާ އާއި ޒިޔާދަކަށް ނޭނގެ އެވެ.
ގްރޭޑް ދިހައެއްގެ ކިޔެވުން ނިންމާފައި ސުދާ ގެ އަށް އައި ދުވަހު، މައިންބަފައިން ތިބީ ދަތުރަކަށް ތައްޔާރުވެގެންނެވެ. ތިމަންނަ މި ފުރަނީއޭ ޒިޔާދު ގާތުގައި ބުނަން ވެސް ސުދާ އަކަށް ފުރުސަތެއް ނުލިބުނެވެ. ހަމައެކަނި ދެތިން އަންނައުނު ހިފައިގެން ޖެހުނީ ފުރާށެވެ. ސުދާގެ ކޮންމެ ޚަރަކާތަކަށް ފާރަލައިގެން ތިބި މީހުން ހީކުރީ އެ މީހުން ދަތުރު ދިޔައީ ކަމަށެވެ. މީހުންގެ ލޯތަކަށް ކެހިދިނުމުގައި، ސުދާގެ މައިންބަފައިން ކުޅިފަސް ހޯދި އެވެ.
ޒިޔާދުގެ ހިތުގައި ޝައްކު އުފެދުނީ، ސުދާ އަށް ފޯނުން ގުޅަންއުޅެ އެ ކަން، އެތައް ފަހަރަކު ނާކާމިޔާބު ވުމުންނެވެ. މީހުން ބުނިގޮތުގައި އެ މީހުން ދަތުރުދިޔައީ އެވެ. އެކަމަކު، ފޯނުން ނުގުޅުމުން، ސުދާ ގޮވައިގެން މައިންބަފައިން ފިލީކަން ޒިޔާދު އަށް އެނގުނެވެ. ކެނޑިނޭޅި ހަތަރު ދުވަސް ވަންދެން ޒިޔާދު ކުރި މަސައްކަތުން އެނގުނީ އެންމެ އެއްޗެކެވެ. އެއީ، މައިންބަފައިންނާ އެކުގައި ސުދާ ހުޅުލެ އަށް ދިޔަކަމެވެ. އެއީ ވެސް، ރައްޓެއްސެއްގެ ރައްޓެއްސެއްގެ ފަރާތުން އެނގުނު ކަމެކެވެ. ސުދާ އަށް ކުރިން އެއްވެސް ކަމެއް ނޭނގޭކަމާއި، އެންމެ ފަހު ވަގުތު ޒިޔާދު އަށް އަންގާލަން ވެސް ސުދާ އަށް ވަގުތު ނުލިބުނީ އެވެ. ލޯބިވެރިޔާ އަށް ޒިޔާދު އިތުބާރުކުރެއެވެ. ސުދާގެ ހިތުގައި ޒިޔާދު އަށް އޮތް ލޯބި، ސުދާ އަށް ވުރެ ވެސް ބޮޑަށް ޒިޔާދަށް ވަޒަންކުރެވެ އެވެ. ވުމާއެކު، ކިރިޔާ ވެސް ދަނޑިވަޅެއް ލިބޭއިރަށް ޒިޔާދަށް ސުދާ ގުޅާނެކަން ޒިޔާދަށް ޔަގީނެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން، އެ ފޯނުކޯލުގެ އިންތިޒާރުގައި ޒިޔާދު ދުވަސްތައް ގުނަންފެށި އެވެ.
އެއް އަހަރާއި ހަތަރު މަސް ވީއިރު ވެސް، ސުދާގެ ކޯލެއް ނައެވެ. އެހެންނަމަވެސް، ސުދާއާ ބެހޭ ޚަބަރެއް ނަފީސާ ގެނެސްދިނެވެ. ނަފީސާ އަކީ ސުދާގެ އަވައްޓެރިއެކެވެ.
"ސުދާގެ މައިންބަފައިން އުޅެނީ އިންޑިޔާގަ ދިރިއުޅޭ ދިވެއްސަކާ ސުދާގެ ކައިވެނިކުރުވަން،" ނަފީސާ ބުންޏެވެ. "ކާޑު ޗާޕުކުރަން ދާންވެގެން އޮޓޯއެއް ހޯދަން ނުކުމެ ހުއްޓާ މަށާ ދިމާވީ. ސުދާ ވެސް ހުރި ކައިރީގަ. ވަރަށް ހަމަޖެހިފަ އޭނަ ވެސް ހުރީ."
ޒިޔާދުގެ ހިތް ކުދިކުދިވި ކަހަލަ އެވެ. ހިތަށްއެރި އެވެ. އެއީ ތެދެއްބާއެވެ؟
"ސުދާ ފޯނެއް ގެންގުޅުނުތަ؟" ޒިޔާދު އެހި އެވެ. "ނަންބަރު އެނގޭތަ؟"
"އޭނަ އޭރު ވެސް ހުރީ ފޯނުން މީހަކާ ވާހަކަދައްކަން،" ނަފީސާ ވިސްނާލާފައި ބުންޏެވެ. "މަ ނާހަން ނަންބަރެއް."
ރަށަށް އައި އެހެން މީހެއްގެ ފަރާތުން، އަނެއްކާ ވެސް ޒިޔާދު އަށް އެ ޚަބަރު ލިބުނެވެ.
"ސީދާ ސުދާގެ ބައްޕަ މަގޭ ގާތުގަ ބުނި ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހިއްޖޭ." އިސްމާއިލް ބުންޏެވެ.
ޒިޔާދުގެ ކުދިކުދިވެފައިވާ ހިތުގެ ކޮންމެ އެތިކޮޅެއް، އެތައް ގުނައަކަށް ފުނޑުފުނޑުވެގެންދިޔަ ކަހަލަ އެވެ. އިސްމާއިލް އަކީ ސުދާގެ ބައްޕަގެ ވަރަށް ގާތް އެކުވެރިއެކެވެ. އެ ކައިވެނީގެ ފުރިހަމަކަމުގެ ވާހަކަދައްކަމުން ގޮސް، ޗާޕުކުރި ކާޑު ވެސް އޭނަ ދެއްކި އެވެ. ޒިޔާދު ގަބޫލުކުރީ އެ ހިސާބުންނެވެ.
"އެކަމަކު މަށަކަށް މި ޕާޓީއަކަށް ނުދެވުނު،" އިސްމާއިލް ބުންޏެވެ. "އަހަރެން ބޮންބޭ އަށް ފުރަންޖެހުނީ."
މާޔޫސްވި ވަރުން ހަޔާތުގެ މިސްރާބު ނުބައި މަގަކަށް ދީލާލަން އުޅެނިކޮށް، ޒިޔާދުގެ އަތުގައި ހިފީ ބަދޫރާ އެވެ. އެހެން ނޫން ނަމަ، ޒިޔާދުގެ ހަޔާތަށް ކަޅު ވިލާގަނޑެއްގެ އަނދިރިކަން ނޭޅިއެއް ނުދިޔައީހެވެ.
"ހަޔާތަކީ، ކެހިވެރިއަކަށްޓަކައި ގުރުބާންކުރުމަށް ވުރެ މާ މުހިންމު ބޭނުމަކަށް ދެއްވާފައިވާ އެއްޗެއް،" ބަދޫރާ ނަސޭހަތްދިނެވެ.
"ޒިޔާދު މި ދުނިޔޭން ވަކިވިއޭ ކިޔާފަ ސުދާގެ ހިތަށް އެކައްޗެއް ވެސް އަރާނެތަ؟"
ޒިޔާދު އެ ވާހަކަ ގަބޫލުކުރި އެވެ. އަދި ބަދޫރާގެ އެހީގައި، ޒިޔާދުގެ ހަޔާތް މުޅިން އާފެށުމަކުން ފެށި އެވެ. ސުދާހަނދާންނައްތާލުމަކީ ޒިޔާދު އަށް ފަސޭހަކަމަކަށްނުވި އެވެ. އެހެންނަމަވެސް، ނުކުރެވޭ ވަރުގެ ކަމަކަށް ވެސް ނުވި އެވެ. ފަރުވާތެރިކަމާއި ލޯތްބާއެކު، މަރާމާތު ކޮށްފައިވާ ޒިޔާދުގެ ހިތް ބަދޫރާ އަށް ހަދިޔާކުރި އެވެ.
އެތައް މަހެއްގެ މިންނެތް މަސައްކަތުން، ފުރާނަދެކެ ޒިޔާދު އަލުން ލޯބިވި އެވެ. ދިރިހުންނަން ބޭނުންވި އެވެ. އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި، އެތައް ދުވަހެއް ބޭނުންވިޔަސް، ސިކުންތެއްގެ ތެރޭގައި ވެސް ތިމާ އަރިއަޅާލަފާނެ އެވެ. ޒިޔާދު އަށް ކުރެވުނު ތަޖުރިބާ އަކީ އެއީ އެވެ. އެއް ދުވަހެއްގެ ހެނދުނު އިރުއެރިއިރު ސުދާ ހުރީ ރަށުގަ އެވެ. އެއީ، ދަތުރުވަރެއްގައި، އާއިލާއާ އެކުގައި އޭނަ ރަށުގައި މަޑުކޮށްލި ފަހަރެކެވެ. ފިރިމީހާއެއް ނެތެވެ. ޒިޔާދު ކައިރީގައި، އެ ވަގުތު ބަދޫރާ ހުއްޓެވެ. ބަދޫރާ އަކީ ސުދާގެ ވެސް ރައްޓެއްސެކެވެ. އައިބުވިޔަ ނުދިނުމަށްޓަކައި، ބަދޫރާ އިސްވެ ސަލާމްކުރަން ސުދާ އަށް އަތްދިއްކުރި އެވެ. ސުދާ ސަލާމްކުރި އެވެ. ޒިޔާދު އަށް ވެސް އަތްދިއްކުރި އެވެ. އެ އަތުގައި ހިފަން ޒިޔާދު ބޭނުމެއްނުވި އެވެ. ޒިޔާދު އަށް އެނގެ އެވެ. ކޮންމެ ވެސް ސަބަބެއް މެދުވެރިވެގެން، ސުދާ ކުރި ކައިވެނި ރޫޅުނީ އެވެ. އެހެންނަމަވެސް، ދެން އަލުން ސުދާގެ އަތުގައި ހިފާ ކަހަލަ މާތް މީހަކަށް ވާކަށް ޒިޔާދު ބޭނުމެއް ނޫނެވެ. ލަދުވެތިކަމާއެކުގައި ސުދާ ޖެހުނީ ދާށެވެ.
"ތި ކުރީ ރަނގަޅު ކަމެއް ނޫން." ސުދާ ދިޔުމުން ބަދޫރާ ބުންޏެވެ.
"ބުނަން ބަދޫ،" ބަދޫރާގެ އަތުގައި ހިފަމުން ޒިޔާދު ބުންޏެވެ. "މީހަކާ އިންނަމުން، ކުޑަމިނުން މަށަށް ގުޅާލާފަ، ތިމަންނަ މި ކައިވެނިކުރަނީ، މައިންބަފައިން މަޖުބޫރުކުރީމައޭ ބުނި ނަމަ، އުމުރު ދުވަހަށް ވެސް އޭނަ އަށް މަ އިންތިޒާރު ކުރީމުސް. ކޮންމެ ދުވަހަކުން އޭނަ އެނބުރި އައި ނަމަވެސް، ވަގުތުން އޭނަގެ އަތުގަ ހިފީމުސް. މިއަދު އަހަރެން މި ނޫން އަތަކު ނުހިފާނަން."
ބަދޫރާ ހުރީ ފެންކަޅިވެފަ އެވެ. އެއީ، ސުދާ އަށް ޒިޔާދު ކަންތައްކުރި ގޮތުން ވެފައިވާ ދެރަކަމެއް ނުވަތަ ބަދޫރާދެކެ ޒިޔާދު ވީ ލޯތްބެއްގެ ބޮޑުކަމެއް ވީ އުފާކަމެއް ޒިޔާދު އަކަށް ނޭނގެ އެވެ. ހަމަ އެ ދުވަހުގެ ރޭގަނޑު، ޒިޔާދު އެކަނި ހުއްޓައި ސުދާއާ ދިމާވި އެވެ. ސުދާއާ ހަތަރުކަޅި ހަމަކުރަން ވެސް ޒިޔާދު ބޭނުމެއް ނޫނެވެ.
"ވަރަށް އުފާވޭ ޒިޔާދަށް ހެޕީ ލައިފެއް ލިބުނީމަ،" ފެންކަޅިވެފައި ސުދާ ބުންޏެވެ. "އެކަމަކު، މަ ހީކުރީ މަ އަންނަންދެން އިންތިޒާރުކުރާނެ ކަމަށް."
"ސުދާގެ ޑީސަންޓުކަން ނެތް ވަރު ވިސްނާލަބަލަ!" ޒިޔާދު ފޫހިވެފައި ބުންޏެވެ. "މައްސަލަ އަކީ މެރީ ކުރުމެއް ނޫނޭ. ކޮށްފަ މަށަށް އަންގާނުލިކަން މައްސަލަ އަކީ."
"މެރީ ކުރީއޭ؟" ހައިރާންވެފައި ސުދާ ބުންޏެވެ. "މަ؟ ކޮންއިރަކު؟"
"އިންޑިޔާގަ،" ޒިޔާދު ފަރުވާކުޑަ ގޮތަކަށް ބުންޏެވެ. "ދެން ފޭކުޖައްސާނެކަމެއް ނެތް. މަ ދުށީމޭ ކާޑު ވެސް."
"އާނ ބައްޕަ ކާޑު ވެސް ޕްރިންޓުކުރިއޭ،" ސުދާ ބުންޏެވެ. "ހީކުރީ އޭރުން މަ އެއްބަސްވާނެ ކަމަށް. ރައްޓެހިން ކައިރީގަ އެ ވާހަކަދައްކާ، ޑޭޓު ހަމަޖައްސާ، ބައްޕަ އަށް ކުރެވޭނެ ހުރިހާ ކަމެއް ކުރި. ދުނިޔޭގެ ލަދަށް ވެސް މަ އެ ކައިވެނި ކުރޭތޯ. އެކަމަކު، މަ ކިހިނެތް ޒިޔާދު ނޫން މީހެއްދެކެ ލޯބިވާނީ؟ މި ހިތުގަ ތި ނޫން އެއްވެސް މީހަކަށް، ދެން ވެސް ނެތޭ ތަނެއް."
ޒިޔާދު ހުރީ ބަސް ހުސްވެފަ އެވެ.
"ޒިޔާދަށް ގުޅަން މަ ހާދަ މަސައްކަތެއް ކުރީމޭ،" ފެންކަޅިވެފައި ސުދާ ބުންޏެވެ. "މަގޭ ފޯނު ބައްޕަ އަތުލީ. ގެއިން ނުކުތަކަ ނުދޭ. ބައްޕަގެ ފޯނަށް ތިމާގެ މީހަކު ގުޅައިފިއްޔާ މަށަށް ފޯނު ދެނީ ވެސް. އެންމެ ދުވަހެއް ވެސް ނުދާނެ ޒިޔާދު މަތިން ހަނދާންނުކުރާ. މަށަށް ވަރަށް ޔަގީންކަން އޮތް، ކޮންމެ ދުވަހަކު އަހަރެން އަޔަސް ޒިޔާދު އިންތިޒާރުކުރާނެކަން. މި ހިތުގެ ތަޅުދަނޑި އަހަރެން ދިނީ އެންމެ މީހަކަށް. ތީ އެ މީހަކީ. އިޓް ވޯސް އަ މިސްޓޭކް."
ޖެހިގެން އައި ދުވަހަށް އިރުއެރިއިރު ސުދާ ފުރައިގެން ހިނގައްޖެ އެވެ. ދިޔައީ ކޮންތާކަށް ކަމެއް ޒިޔާދަކަށް ނޭނގެ އެވެ. އެކަމަކު، ޒިޔާދުގެ ކޮޓަރީގެ ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ނޯޓަކާއެކު ތަޅުދަނޑިއަކާއި ކަންފަތުލާއެއްޗެއް، ޓޭޕްކޮޅަކުން ހަރުކޮށްލާފައި ހުއްޓެވެ. އެއީ ތެދެކެވެ. ސުދާގެ ހިތުގެ ތަޅުދަނޑި ޒިޔާދަށް ދިނެވެ. ޒިޔާދު އަށް ކުރެވުނު ހަމަ އެކަނި ކުށަކީ، ލޯބިވެރިޔާ އަށް ކުރި އިތުބާރުގައި ދެމިނުހުރެވުމެވެ. އެ ކުށުގެ ކައްފާރަ އަކީ ކޮބައިކަމެއް އަދި ވެސް ޒިޔާދަކަށް ނުވިސްނެ އެވެ.
ނިމުނީ

Comments