ގަބުރުސްތާނަކީ ހުރުމަތްތެރިވެގެންވާ ތަނެކެވެ. އިހުތިރާމްލިބިގެންވާ ތަނެކެވެ. އިހުތިރާމް ކުރަންޖެހޭ ތަނެކެވެ. އެހެންކަމުން ގަބުރުސްތާނުގެ ހުރުމަތްގެއްލޭފަދަ އެއްވެސް ކަމެއް ، އެއްވެސް މީހަކަށް ކުރެވިގެން ނުވާނެއެވެ. ގަބުރުތަކުގެ މަތީގައި ހިނގާބިނގާވެ ހަދައިގެން ނުވާނެއެވެ. ގަބުރުސްތާނަކީ ހިނގާ މަގަކަށް ހަދައިގެން ނުވާނެއެވެ. އަދި އަޅުކަން ކުރާތަނަކަށްވެސް ހަދައިގެން ނުވާނެއެވެ. އަދި ކީއްތޯ އެވެ. މީހުން ދިރިއުޅޭ ގޯއްޗަކަށްވެސް ހަދައިގެން ނުވާނެއެވެ. ގަބުރުސްތާނުގައިވާ ކަށްތައް ފީވެ ވެއްޔަށް ވުމަށް ދަންދެންނެވެ.
ގަބުރުތާނުގައިވާ ކަށްތައް ފީވެ ވެއްޔަށް ވުމުން އެސަހަރާއެއްގައި އިތުރު ކަށްވަޅުތަކެއް ނަހަދާނަމަ، ގަބުރުސްތާނު މިދެންނެވި ބޭނުންތައް ފުއްދުމަށް ބޭނުންކުރެވިދާނެ ކަމަށް ޢިލްމުވެރިން ދެކިލައްވައެވެ.
ނަމަވެސް ގަބުރުތަކުގެ މަތީގައި ފާޚާނާ އާއި އިސްކުރުބަރިއާއި ހިނަވާގެ ހެދުމުގެ އެއްވެސް ހައްޤެއް އެއްވެސް މީހަކަށް ލިބިގެންވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އަދި ހިނގާބިނގާވެ އުޅުމަށާއި މަސައްކަތްކުރަން ގެންގުޅޭ އާލާތްތައް ގަބުރުތަކުގެ މަތީ ބެހެއްޓުމުގެ ހައްގެއްވެސް ނޯންނާނެއެވެ. ސަބަބަކީ ފާޚާނާ އާއި އިސްކުރުބަރިއާއި ހިނަވާގެ ހަދާމީހުން އައުމުގެ ކުރިން ، ފާޚާނާއާއި އިސްކުރުބަރި އާއި ހިނަވާގެ ހަދާތަނުގައި ، މަރުވެފައިވާ މުސްލިމް އަޚާ ވަނީ މާކުރިން ވަޅުލާފައެވެ. އެ މުސްލިމް އަޚާ ދިރިހުއްޓާ ކުރާ އިހުތިރާމާއި ޤަދަރު އޭނާ މަރުވުމުންވެސް ކުރަން ޖެހެއެވެ. އޭނާގެ ގަބުރުމަތީގައި ފާޚާނާއެއް ހެދުމަކީ އޭނާއަށް ކުރެވޭ ކޮންފަދަ ބޮޑު ބޭއިންސާފެއްތޯ އެވެ.
ގަބުރުސްތާނުގައި ހިނގާބިނގާވެ އުޅުމާއި ގަބުރުސްތާނުގެ އިހުތިރާމް ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރުމަކީ އިސްލާމު ދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ.
އެހެންކަމުން ގަބުރުސްތާނަށް އުވަދޯންޏާއި މަސައްކަތްކުރަން ގެންގުޅޭ އާލާތްތައް އުކާލާފައި ބެހެއްޓުމާއި ގަބުރުތަކުގެ މަތީގައި ފާޚާނާއާއި އިސްކުރުބަރި ހެދުމަކީ ރަގަޅުކަމެއް ނޫނެވެ. މިހިސާބުން އިހަވަންދޫ އާސާރީ މިސްކިތުގައި ގަބުރުސްތާނުގައި ފާޚާނާއަކާއި އިސްކުރުބަރިއެއް ހަދަމުންދިއުމާމެދު ކިޔުންތެރިންގެ ކޮމެޓަށް އެދެމެވެ. މިކަމާމެދު ފެންނަގޮތެއް ކޮމެންޓްކުރައްވާށެވެ.
Comments