އަޅުގަނޑުމެންގެ ގިނަ އަދަދެއްގެ ޒުވާނުން ކަމެއް ނެތި، ތިބޭތަން އެބަފެނެވެ. އާމުދަނީއެއް ލިބޭނެ ވަޒީފާއެއް އަދާނުކުރާ ޒުވާނުން ގިނައެވެ. މިކަން މިހާރުވަނީ ގައުމީ މައްސަލައަކަށްވުމާ ގާތުގައެވެ. ރަށާއި ގައުމުގެ ކަންތައްތައް ހެޔޮ ގޮތުގައި ބައްޓަންކުރަން ތިބި ޒުވާނުން މިހާރުތިބީ ހެޔޮ ފައްތަރެއްގައެއް ނޫނެވެ. ރަގަޅު ހާލަތެއްގައެއް ނޫނެވެ. އަޅުގަނޑުމެންގެ ޒުވާނުންދަނީ ގޭންގް ހަރަކާތާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަނދެވެމުންނެވެ. މަސްތުވާތަކެއްޗަށް ދެވިހިފަމުންނެވެ. މާރާމާރީ އަށް މަގު ފަހިވަމުންނެވެ. މިނޫންވެސް އެތައް މައްސަލަތަކެއްގެ ތެރެއަށް ގެނބެމުންނެވެ. މިކަންމިހެން ވަމުން ދިއުމުގައި އާމްދަނީއެއް ލިބޭނެ ވަޒީފާއެއް އަދާނުކުރާ ޒުވާނުން އިތުރުވަމުން ދިއުންވެސް މިއީވެސް ސަބަބެކެވެ.
ވަޒީފާ އަދާނުކުރާ ޒުވާނުން އިތުރުވުމަކީ ގައުމީ މައްސަލައެކެވެ. އިޖުތިމާޢީ މައްސަލަތަކެއްގެ ފެންމަތިވުމުގެ އަލާމާތެކެވެ.
ގޭބިސީގެ އާމުދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާވޭ 2009/2010 ދައްކާގޮތުން، 2006 ގެ ބޯހިމެނުމުގެ ނަތީޖާއާ އަޅާބަލާއިރު ރާއްޖޭގައި ވަޒީފާ އަދާކުރާ ޖުމުލަ އަބާދީވަނީ 4 % ދަށަށް ގޮސްފައެވެ. ވަޒީފާ ނެތް މީހުންގެ ޕަސެންޓޭޖްވަނީ 4 ޕަސެންޓުން 11.8 ޕަސެންޓަށް މަތިވެފައެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް އޮތް ދެ އަހަރާއި ބައިގެ މުއްދަތުގައި ހިންގަން ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމް އިފްތިތާހު ކުރުމަށް ޖޫން 15 ވަނަ ދުވަހު އާރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ "މިހާރު ވެސް ރާއްޖޭގައި 30000 ވަޒީފާ އެބަ އޮތް" ކަމަށެވެ. މި 30000 ވަޒީފާއަށް ޒުވާނުންނަށް އަދާނުކުރެވެނީ އެވަޒީފާ އަދާކުރެވޭނެ ހުނަރު ޒުވާނުންގެ ކިބާގައި ނެތުމުންނެވެ. ނުވަތަ އެވަޒީފާތައް އަދާކޮށްގެން ލިބޭ އާމުދަނީން ދެކޮޅު ނުޖެހޭތީއެވެ.
ސްކޫލްތަކާއި ކަމާބެހޭ އިދާރާތަކުން ޒުވާނުން މުޖުތަމަޢަށް ނެރުމަށް މާ އެކަށީގެންވާ ޕްރޮގްރާމުތަކެއް ނުހިންގެއެވެ. ސްކޫލްތަކުން ތަފާތު ހަރަކާތްތައް ހިންގައެވެ. އެހެނަސް މާއެދެވޭ ނަތީޖާއެއް ނުފެނެއެވެ. ގްރޭޑް 10 ނިންމާ މުޖުތަމަޢަށް ނުކުންނަ ކުދިންގެ ތެރެއިން ފަސްމާއްދާއިން ފާސްވާ ނިސްބަތް 60 ޕަސެންޓްވެސް ހާޞިލްކުރެވެނީ މަދު ސްކޫލަކަށެވެ. މިނަތީޖާ ނެރުމަށް ބައެއް ސްކޫލްތަކުން ކިޔެވުމަށް ކޮށި ދަށްކުދިން އިމްތިޙާނުގައި ސްކޫލް ނަމުގައި ބައިވެރިވެސް ނުކުރެއެވެ. ސާނަވީ ތަޢުލީމުން ރަގަޅު ނަތީޖާއަކާއެކު މުޖުތަމަޢަށް ނިކުންނަނީވެސް ނިސްބަތުން ވަރަށް މަދު ކުދިންކޮޅެކެވެ. ސްކޫލް ނިންމުމަށްފަހު ކުރާނެ ކަމެއް ނެތި، ވަޒީފާއެއް ނުލިބިގެން އުޅޭ ޒުވާނުން ވަރަށް ގިނައެވެ. ވަޒީފާވެސް އެހާމެ ތަދެވެ. ވަޒީފާއެއް ހޯދުން ނުހަނު އުނދަގުލެވެ. ވަޒީފާއެއް ލިބުނަސް ބައެއް ކުދިންގެ މަސައްކަތުގެ އަޚުލާޤް ވަރަށް ދަށެވެ. ތަޢުލީމުދިނުމުގައި ތަރުބިއްޔަތަށް ދެވޭ ސަމާލުކަންވަނީ ކުޑަވެފައެވެ.
އާބާދީގެ އެންމެ ބާރުގަދަ އެންމެ ވަރުގަދަ ބާރަކީ ޒުވާނުންނެވެ. އަންނަން އޮތް ޖީލުގެ އާރުކާޓީންނަކީ ޒުވާނުންނެވެ. އަދުގެ ޒުވާނުން ނުކުޅެދޭބަޔަކަށްވެ، ކަންކަންކުރުމުގައި ނުކުޅެދިއްޖެނަމަ، މާދަމާ އަޅުގަނޑުމެންގެ ރަށަކީ ނުވަތަ އަޅުގަނޑުމެންގެ ގައުމަކީ ނުކުޅެދޭ ގައުމަކަށް ވެދާނެއެވެ. ކަންކަން ދާނީ ބޮއްސުންލަމުންނެވެ. ރަށުފެންވަރާއި ގައުމީ ފެންވަރުން ބެލިނަމަވެސް މިއީ ރަށަށާއި ގައުމަށް ނުހަނު ގެއްލުންބޮޑު މައްސަލައެކެވެ. ޒިންމާދާރުކަމެއްނެތި އުޅޭ ޒުވާނުން ގިނަވުމުގެ ސަބަބުން އިޖުތިމާޢީ ފޭރާންދަނީ ދޯހަޅި ވަމުންނެވެ. ކުށްކުރުން އިތުރުވެ ތަފާތު މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ޒުވާނުން މަސައްކަތާއި ދުރުވެ ހީވާގިކަމެއްނެތުމުން ގެންނަން ޖެހޭ ބިދޭސީ މަސައްކަތުގެ މީހުން އަދަދު ލައްކައަށް އެރުމުން އިގުތިޞާދީ ގޮތުން ލިބޭގެއްލުން މާބޮޑެވެ.
ސިޔާސީ ތަޢައްސުބުން ދުރުވެ އިޚުލާސްތެރި ހިތަކުން މިހާރު ޒުވާނުންގެ ހާލަތު މިއޮތް ނާޒުކު ފައްތަރާމެދު ވިސްނައި ފިކުރުކޮށް މިފައްތަރުން ގައުމު ސަލާމަތް ކުރަންޖެހެއެވެ. ކުރިއާލައި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އަންނަން އޮތް ޖީލަށްޓަކައެވެ. އާވިސްނުންތަކަކާއި ޚިޔާލުތަކެއް ބޭނުންވެއެވެ. މިކަމަށް އާސިޔާސަތުތަކެއް އެކަށަ އަޅަން ޖެހެއެވެ. ވަގުތު ފާއިތުވެއްޖެނަމަ، މިހާރުވެސް މިރިހޭ ފައި މައްޗަށް ފޮއިވެއްޓުން ވަރަށް ގާތެވެ.
Comments