އިހަވަންދޫ މަދަރުސާގައި އިމާރާތްކުރަމުންދާ 3 ބުރި އިމާރާތުގެ ދެވަނަ ފަންގިފިލާ ފަޅައިގެންގޮސްފި
އިހަވަންދޫ މަދަރުސާގައި އިމާރާތް ކުރަމުންދާ 3 ބުރި އިމާރާތުގެ ދެވަނަ ފަންގިފިލާ ވަނީ ފަޅަފަޅައިގެން ގޮހެވެ. ދެވަނަ ބުރީގެ ޝީޓް ފަޅައިގެން ގޮސްފައިވަނީ އިމާރާތް ކުރުމުގައި ފަރުވާކުޑަވުމުގެ ސަބަބުންނެވެ. އަދި މަސައްކަތުގެ ދޯހަޅިކަމުގެ ސަބަބުން ކަމަށް ފާހަގަ ކުރެވެއެވެ.
މި އިމާރާތަކީ 12 ކުލާސް ރޫމުގެ އިމާރާތެކެވެ. މިއީ އިހަވަންދޫ މަދަރުސާ އެއްދަންފަޅިއަށް ކިޔެވުން ބަދަލުކޮށް، ވަށާޖެހޭ ތަޢުލީމަށް ސްކޫލްގެ ކިޔެވުން ބައްޓަން ކުރުމަށްޓަކައި އިމާރާތްކުރެވޭ 12 ކުލާސް ރޫމެވެ.
މިފަދަ 12 ކުލާސް ރޫމު އަތޮޅު ތަޢުލީމީ މަރުކަޒާއި، އަތޮޅު މަދަރުސާގައި އަންނަނީ އިމާރާތް ކުރަމުންނެވެ. މިފަދަ މައްސަލައެއް މި ދެ ރަށުގައި އަދި ނުހިނގައެވެ. އިހަވަންދޫ އާއި ދިއްދޫގައި ކުލާސްރޫމުތައް އެޅުމަށް ހަވާލުކޮށްފައިވަނީ އެއްބަޔަކަށެވެ.
އިހަވަންދޫގައި އިމާރާތްކުރާ 3 ބުރީގެ 12 ކުލާސް ރޫމު އިމާރާތް ކުރުމުގައި ފަރުވާކުޑަކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އިމާރާތުގެ ތަނބުތަކާއި ބެރިތަކަށް ބަލާލުން އެކަން އެނގެއެވެ. އިމާރާތް ކުރުމުގައި ވައިބްރޭޓްކުރުމުގައި ވަރަށް ބޮޑަށް ވައިބްރޭޓް ނުވެ ހުރިކަން ފާހަގަކުރެވެއެވެ.
އިމާރާތް ރޭނުމަށް ބޭނުންކުރާ ފުލްބުލޮކު ގާ ވެސް އިތްހަމަ ނުހެޖޭކަމަށް ރަށުގެ އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. ރޭނުމުގައި ބޭނުންކުރާ ގާ ވެސް އަޅަނީ ރަގަޅަށް ނުގަންނުވައި ވަރަށް ދޫދޫކޮށްނެވެ. އެހެންވެ، ގާ ދެރައެވެ. ވަރަށް އަވަހަށް ބިންދައިގެން ދެއެވެ. އަދި ޝީޓް އެޅުމާއި ތަނބުތައް އެޅުމުގައި ކިސަނޑު ވެލިވެސް ބޭނުންކުރާކަމަށް މަންޒަރު ފެންނަ މީހުން ބުނެއެވެ.
މިހެން ދިމާވުމުގެ ސަބަބުން ފަޅަފަޅައިގެން ގޮސްފައިވާތަން ތަޅައިނެގުމަށް ފަހު އަލުން ޝީޓް އެޅުމަށްވަނީ ކަމާބެހޭ ފަރާތްތަކުން ކޮންޓަކުޓަރަށް އަންގާފައެވެ.
ފަޅައިގެން ގޮސްފައިވާ ޝީޓް ތަޅައިނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ ދިވެހި ސަރުކާރުގެ ޚަރަދުގައި ފަރުނީޗަރާއެކު އަޅާ -/5,859,840 ރުފިޔާގެ އިމާރާތެކެވެ. މިއިމާރާތަށް މިހެން ދިމާވުމުން ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑު ވެއެވެ.
Comments