އަންހެނުންނާއި ކުޑަކުދިންނާއެކު ބަދްއަޚްލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އިހަވަންދޫން ނަރުހަކު ހައްޔަރުކޮށްފި
28, އޭޕްރިލް، 2011
ޝަހީދާ ސައީދު
ކުޑަކުދިންނާއި އަންހެނުންނާއެކު ބަދުއަޚްލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި ހއ. އިހަވަންދޫ ސިއްހީ މަރުކަޒްގެ ނަރުހަކު ހައްޔަރުކޮށްފިއެވެ.
މިއަދު ނޫހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ބަރަހަނާ ވީޑިއޯތަކެއްގެ މައްސަލައިގައި މިދިޔަ މާރޗްމަހުގެ ތެރޭގައި އިހަވަންދޫ ސިއްހީ މަރުކަޒްގައި މަސައްކަތް ކުރާ ނަރުހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިއީ ޒުވާން އުމުރުގެ ދިވެއްސެއް ކަމަށާއި، އަދިވެސް އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އަދި އެކަމާއި ބެހޭ އިތުރު މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަމީރު މިއަދު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިހަވަންދޫ ސިއްހީމަރުކަޒްގެ ނަރުހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށާއި، އަދި މިއީ ކޮންކަހަލަ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި މީހެއްކަން ނޭނގޭ ކަމަށެވެ. އަދި ސިއްހީމަރުކަޒްގެ ޑްރައިވަރަކުވެސް ހައްޔަރުކުރި ކަމަށާއި، އޭނާ މިހާރު ހުރީ އެރަށުގައި ކަމަށެވެ. އަދި މިކަހަލަ ވާހަކަތަކެއް ރަށު ތެރޭގައި ދެކެވެމުންދާ އަޑު އިވިފައިވާ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
އިހަވަންދޫން މިއަދު ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ އެރަށުގެ ސިއްހީމަރުކަޒުގައި ވަޒީފާ އަދާކުރާ، ޒުވާން އުމުރުގެ ނަރުހަކު ބަރަހަނާ ވީޑިއޯ ތަކެއްގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި ކަމަށާއި، އެވީޑިޔޯތަކުގެ މައްސަލައިގައި ސިއްހީމަރުކަޒްގެ ޑްރައިވަރަކަށް އުޅޭ ރަށުން ބޭރު މީހަކުވެސް ހައްޔަރު ކުރިކަމަށެވެ. ނަމަވެސް އެމީހާ މިހާރު އުޅެނީ އިހަވަންދޫގައި ކަމަށާއި، މިޑްރައިވަރަކީ ނަރުސްކުއްޖާ ހިތާވެގެން އުޅުނު މީހާ ކަމަށް އޭނާ ބުންޏެވެ.
މިވީޑިއޯތައް ލީކްކުރީ މި ޑްރައިވަރު ކަމަށާއި، ލީކް ވެފައިވާ ވީޑިއޯތަކާ ފޮޓޯތަކުގައި ނަރުސް އަންހެން ކުއްޖާ ކުޑަކުދިންނާއި އަންހެނުންނާއެކު ބަދުއަޚްލާގީ ޢަމަލުތައް ހިންގާ މަންޒަރު ފެންނަ ކަމަށްވެސް އޭނާ ބުންޏެވެ.
Comments