މުހައްމަދު ޞަބާޙް (BACC)
ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތަތްތައް ނުވަތަ Non-Governmental Organisations (NGOs) އަކީ ގައުމުގެ ކުރިއެރުމާއި ތަރައްޤީއަށް ވަރަށް ބޭނުންތެރި މުއައްސަސާތަކެވެ. އެފަދަ ޖަމާޢަތްތައް އުފައްދަނީ ތަފާތު މަޤްޞަދުތަކުގައެވެ. ދީނީ، ޢިޖުތިމާއީ، އިންސާނީ، އުމުރާނީ، މަދަނީ އަދިވެސް އެހެނިހެން ގޮތްގޮތުން މުޖުތަމަޢަށް ޚިދުމަތްކޮށް ތަރައްޤީކުރުމަށްޓަކައެވެ. ހިލޭ ސާބަހަށް މަސއްކަތްކުރާ ޖަމަޢާތްތަކުގެ މުހިއްމު އެއްސިފައަކީ ސަރުކާރުގެ ނުފޫޒުން ސަލާމަތްވެ ،މިނިވަން މުސްތަޤިއްލު ގޮތެއްގައި ޖަމާޢަތްތައް ހިންގުމެވެ. ވަކި ސިޔާސީ ޕާޓީއެއްގެ ވަކިދަށުވެފައި ނުވުމެވެ.
ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތައް ނުވަތަ އެންޖީއޯސް ވިކިޕީޑިއާގައި މާނަކޮށްފައިވަނީ ތިރީގައި އެވާގޮތަށެވެ.
A non-governmental organization (NGO) is a legally constituted organization created by natural or legal persons that operates independently from any government
މިމާނައަށް ރިއާޔަތްކުރާއިރު، ފާހަގަކޮށްލެވޭ ކަމަކީ އެންޖީއޯސް އަކީ ޤާނޫނީ ހަމައިން އުފައްދާފައިވާ ސަރުކާރުގެ ނުފޫޒެއްނެތް މުސްތަޤިއްލު މިނިވަން ޖަމާޢަތެއްކަމެވެ.
މީގެ އިތުރުން އެންޖީއޯ މޮނިޓަރ www.ngo-monitor.org))ގައި އެންޖީއޯސް މާނަކޮށްފައިވާ ގޮތްވެސް ނަކަލުކޮށްލާނަމެވެ.
NGO Monitor defines NGOs as autonomous non-profit and non-party/politically-unaffiliated organizations that advance a particular cause or set of causes in the public interest.
މި މާނައަށް ބަލާއިރު އެންޖީއޯ އެއްގައި ހުންނަ މުހިއްމު ސިފަތަކުގެ ތެރޭގައި މިނިވަންވުމާއި، ވަކި ސިޔާސީ ޕާޓިއަކާ ގުޅިފައި ނުވުމާއި ޢާއްމު ފަރުދުންގެ މަސްލަޙަތު އިސްކޮށް ވަކިބަޔަކަށް ނުޖެހި ވިޔަފާރީގެ އެޞޫލެއްނެތި މަސްއްކަތްކުރުން ހިމެނެއެވެ.
އިސްވެ ދެންނެވުނު ސިފަތަކުގެތރެގައި ވާފަދައިން ވިޔަފާރީގެ އުޞޫލުން ހިންގާ ތަންތަނަށް އެންޖީއޯސް ނުވުމާއެކެ، ޖަމިއްޔާ ހިންގަން ބޭނުންވާ ފަންޑު ހޯދަންޖެހެނީ ސަރުކާރުންނާއި ހެޔޮ އެދޭ ފަރާތްތަކުންނެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތައްވެސް ހިމެނެއެވެ. މިގޮތުން ޖަމިއްޔާތައް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް މަސައްކަތް ކުރުމުގައި ތަނުގެ ރައްޔިތުންނާ ، ސަރުކާރުގެ މުއައްސާސަތަކާ، އަދި އެހެނިހެންވެސް ޖަމާޢަތްތަކާ ގުޅިގެން މަސައްކަތް ކުރުމަކީ މިފަދަ ޖަމާޢަތްތަކުގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އެހެންނަމަވެސް އެ ގޮތަށް މަސައްކަތް ކުރުމުގައި ސިޔާސީ ޕާޓީތަކުގެ ދަށުވެ، މިނިވަންކަން ގެއްލޭފަދަ ގޮތެއްގައި މަސައްކަތްކޮށް ގެން ނުވާނެއެވެ. އެހެނީ އެގޮތަށް މަސއްކަތް ކުރެވިއްޖެނަމަ ޖަމިއްޔާގެ ސިޔާސަތާ ފުށުއަރާނެތީއެވެ.
އެހެންކަމުން ވަކި ސިޔާސީ ޕާޓީއަކަށް ތާޢީދުކޮށް އެޕާޓީއެއްގެ ޕްރޮޕެގެންޑާ ފަތުރާން މަސައްކަތްކުރުމަކީ އެންޖީއޯސްގެ ސިފައެއްނޫނެވެ. ވަކި ސަރުކާރަކަށް ތާޢީދުކޮށް ޢާއްމު މަސްލަޙަތަށްވުރެ ސަރުކާރުގެ މަސްލަޙަތު އިސްކުރުމަކީ އެފަދަ ޖަމާޢަތަކުން ކުރާނެކަމަކަށް ޤަބޫލެއްނުކުރެވެއެވެ. އެޖަމާޢަތްތަކަކީ ރައްޔިތުންގެ ޚިދުމަތުގައިވާ ރައްޔިތުންގެ ތެރެއިން އުފައްދާފައިވާ ޖަމާޢަތްތަކެވެ. ސިޔާސީ އޮޔެވަރުގައި ޖެހި ރައްޔިތުން ބައިބައި ކުރަން އެފަދަ ޖަމާޢަތްތަކުން މަސައްކަތެއް ނުކުރާނެއެވެ. އަދި ކިއެއްތަ، އެބައިމީހުންގެ އަމާޒަކަށްވާނީ އަޚްވަންތަކަމާއި އެއްބައިވަންތަކަން މުޖުތަމަޢުގައި އަށަގެންނެވުމެވެ.
މިފަހަކަށް އައިސް އިހަވަންދޫގެ ލޮބުވެތި ރައްޔިތުންގެ ތެރޭގައި ދެކެވެމުން އަންނަ ރައްޔިތުން އެކަމަކާ ކަންބޮޑުވާ އެއްވާހަކައަކީ ކުލަބް ޕޯލް ސްޓަރ އަކީ ޑީއާރުޕީގެ ގޮތްޕެކެވެ. އަދި އިމަގުއަކީ އެމްޑީޕީގެ ގޮތްޕެކެވެ. ޤަބޫލް ކުރެވޭގޮތުގައި މި ޖަމްޢިއްޔާތަކުން ސިޔާސީ ޕާޓިތަކާ ބާއްވާ ގާތް ގުޅުން މީ މިވާހަކައިގެ އަޞްލުކަމުގައި ވެދާނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެން ވިސްނާލަންވީ ކަމަކީ، ކްލަބު ޖަމިއްޔާތަކުގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް މިނިވަންކަން ގެއްލިގެން ނުދާ ގޮތެއްގައި ސިޔާސީ ޕާޓީ ތަކުގެ އެހީތެރިކަން ހޯދުމަކީ މައްސަލައެއް ނޫން ކަމެވެ. އެ ޖަމާޢަތްތަކަކީ ވަކި ޕާޓީއަކަށް ތާޢިދުކުރާ، ވަކިޕާޓީއެއްގެ ސިޔާސީ ފިކުރާ އެއްގޮތަށް މަސައްކަތްކުރާ ބަޔަކަށް ނުވާހާ ހިނދު އެއީ އަޅުގަނޑުމެން އެކަމާ ކަން ބޮޑުވާންވީ ކަމެއްނޫނެވެ. ޢިޖުތިމާޢި ފައިދާއަށް ޓަކައި ވަކިއަތަކަށް ނުޖެހި މިނިވަން ގޮތެއްގައި ސިޔާސީ ޕާޓީއަކާއެކު ކަންކަމުގައި މަސައްކަތް ކުރުމަކީ އެ ޕާޓީއަކަށް ނިސްބަތްވުން ކަމަކަށް އަޅުގަނޑު ނުދެކެމެވެ. މިހިސާބުން ފެންމަތިވާ ސުވާލަކީ އިހަވަންދޫގައި ޙަރަކާތްތެރިވާ ދެ އެންޖީއޯއެސް ކަމުގައިވާ އިހަވަންދޫ މަސްވެރިންގެ ގުޅުމާއި، ކްލަބް ޕޯލްސްޓަރ ސިޔާސީ ޕަޓީތަކުގެ ދަށުވެފައިވަނީ ކިހާވަރަކަށް ބާއެވެ. އެސުވާލުގެ ޖަވާބާމެދު ގޮތެއް ނިންމުމަށް އަޅުގަނޑު މިދޫކޮށް ލަނީ ތިޔަ ކިޔުންތެރިންނަށެވެ.
Comments