Skip to main content

Amin Letter


ދިވެހި ގައުމަށް ............

މިއީ ޞާހިބުލް ފަހާމާ މުހައްމަދު އަމީން ވަރަށް އާލާސް ކަންފުޅާ އުޅުއްވާ ޙާލުކޮޅެއްގައި، ފަރުވާކުރެއްވުމަށްޓަކައި ކޮޅުބަށް ފުރާވަޑައިގަންނަ ގަންނަވަމުން، އޭނާގެ ލޯބިފުޅުވާ ދިވެހި ރަޢިއްޔިތުންނާއި މުޚާތަބުކުރައްވައި ޝާއިޢުކުރެއްވި ލިޔުމެކެވެ. މިލިޔުން ނަގާފައިމިވަނީ ސަރުކާރުގެ ޚަބަރު 117 ވަނަ ނަންބަރުންނެވެ. ( 1 ރަޖަބު 1372 )


ތިޔަ އެންމެ ބޭފުޅުންނަށާއި ، އެންމެ ކަނބަލުންނަށާއި ، ކަލުންނަށްވެސް މިހާރު އެގިވަޑައިގެންފައި ވާނޭ ފަދައިން ، ވަރަށް ބަލި ހާލެއްގައި އުޅެމުން، އަޅުގަނޑު މިއަދު ސިލޯނަށް ދިއުމަށް މިފުރަނީ އެވެ. އާދޭހެވެ! މާތް ރަސްކަނލާގެ އިރާދަ ފުޅު ކުރެއްވިޔާ ބޭސްކުޅައުމަށްޓަކައެވެ. ދިވެހި އުއްމަތުގެ ހެޔި ދުޢާ ތަކާއި އެކުގައެވެ.

ނަމަވެސް........... ޝައްކަކަށް ވަސްވާހަކަށް ތަނެއްނެތެވެ. ދުނިޔެއަކީ ދުނިޔެއެވެ. އިންސާނުންނަކީ އިންސާނުންނެވެ. ދުނިޔެވީ ޙަޔާތަކީ ގަރާރުކަމެއްނެތް ހަޔާތެކެވެ. އެހެންކަމުން އަޅުގަނޑުގެ ލޮބުވެތި ވަޠަނަށް ދެން އެނބުރި ނާދެވުން އެއީ ވަރަށްވެސް އެކަށީގެންވާ ކަމެކެވެ. މިދެންނެވި ފަދަ ގޮތުގެ މަތިން ، މާތްރަސްކަނލާގެ މިންވަރު ކުރައްވައިފި ނަމަ، އަޅުގަނޑުގެ އެންމެ ފަހު ނަޞޭޙަތަކީ މިއީ ކަމުގައި ގަބޫލުފުޅު ކުރެއްވުން ވަރަށްވެސް އެދެމެވެ.

ހަނދުމަފުޅު ކުރައްވާށެވެ. ދެދުނިޔޭގެ ސަލާމަތީ ، ދުނިޔޭގެ ތަހުޒީބާއި ތަމަށްދުންގެ ހަގީގީ ސިއްރުކަމުގައިވާ މާތް އިސްލާމް ދީނެވެ. އެދީނުގެ އަޞްލު އުޞޫލުތަކުގައު ހިފަހައްޓައިފި މީހަކީ ، މިއުއްމަތުގެ މާތް ނަބިއްޔާގެ މަތިވެރި އުޅުއްވުން ފުޅު ތަކަށް ތަބަޢަވެއްޖެ މީހަކީ ސަލާމަތްވެއްޖެ މީހެކެވެ. މި ދެންނެވި ގޮތުން އެއްކިބާވެއްޖެ މީހަކީ ގެއްލި ހަލާކުވެއްޖެ މީހެކެވެ. ދީނުގެ ފަރުޟުތައް ހަނދުމަކުރައްވާށެވެ. ޚާއްޞަކޮށް އިސްލާމުދީނުގެ ތަނބުކަމުގައިވާ ނަމާދާއި ގައިގޯޅިވެވަޑައިގަންނަވާށެވެ. ގައުމުގެ ދިފާޢީ އައްޑަނަތަކަކީ ތެދުވެރި ދުޢާކަމުގައި ހައްދަވާށެވެ.

ދެން އަޅުގަނޑު އެއްޗެއް ދަންނަވާނީ ސިޔާސީ ރޮނގުންނެވެ. އަޅުގަނޑުގެ ވާހަކަ ކުރުވެފައި ސާދާ އެވެ. އަޅުގަނޑަށް ޔަގީންވާގޮތުގައި މި ގައުމު މާތްރަސްކަނލާގެ ވާގިފުޅާލައިގެންސަލާމަތްވާނެ އޮތީ ހަމަ އެންމެ ގޮތެކެވެ. އަޅުގަނޑުމެންގެ ނައިބު ރައީސް ޞޯހިބުލްމަޖުދު އަލްފާޟިލް އިބްރާހިމް މުހައްމަދު ދީދީގެ ފަހަތްޕުޅުން ދިވެހި އުއްމަތުގެ އެންމެ ދަރިން ބިރެއްނެތި ސިހުމެއްނެތި ހިނަގަމުން ދިއުމެވެ. ޝައްކުކުރުމަކީ ހިތަށްވަސްވާސް ވެއްދުމަކީ ވަރަށް ގިނަފަހަރަށް އުއްމަތުގެ އެއްހަލާކެވެ. އިއްތިޙާދަކީ ، ވެރިއެއްގެ މައްޗަށް ހިތަށް ގެނެވޭ ޔަގީން ކަމަކީ، ގާތްގަނޑަކަށް ކޮންމެ ފަހަރަކުމެ އުއްމަތުގެ ސަލާމަތެކެވެ. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމެވެ. އަޅުގަނޑު ނެތިއްޖެ ނަމަ، އުއްމަތުގެ ބަހުސެއްނެތް ވެރިއަކީ އަލްފޟިލް އިބްރާހިމް މުހައްމަދު ދީދީ ކަމުގައި ގަބޫލުފުޅު ކުރައްވާށެވެ. އޭނާއަށް އުއްމަތު ހަމްދަރުދީއާއި ، އެހީތެރިކަމާއި، މަދަދުވެރިކަން ދެއްވާށެވެ. މާތްރަސްކަނލާގެ އަޅުގަނޑުމެންގެ ނާއިބުރައީސަށާއި، ދިވެހި ދަރީންނަށް ގައުމުގެ އެންމެހައި ކަންތައްތައް ހެޔޮގޮތުގެމަތިން ގެންދެވުމުގެ ތައުފީޤް ދެއްވާށިއެވެ.

އަޅުގަނޑު ދެން އެއްޗެއް ދަންނަވާލާހިތް އޮތީ ގައުމުގެ ވެރިންނާއި މުޚާތަބުކޮށެވެ. ވެރިންނަކީ ރައްޔިތުންގެ ޙާއްޞަކޮށް ނިކަމެތި ފަގީރު ރައްޔިތުންގެ ހާލު އަހުވާލު ބެލުމަށްޓަކައި މާތްރަސްކަނލާގެ އިސްކުރައްވާ ބަޔެކެވެ. ރައްޔިތުންނާއި މެދު ވެރީން އަދާކުރަންވެފައިވާ ހައްގުތައް ގިނަގުނަވެފައި ތަފާތެވެ. އެހައްގުތަކާއިމެދު ޚިޔާނާތްތެރިވެއްޖެ ނަމަ، އެކަމަށްޓަކައި އާޚިރަތްދުވަހުން ޖަވާބުދޭން ޖެހޭނޭކަމާއިމެދަކު ޝައްކެއް ނެތެވެ. ޚިޔާނާތްތެރިވެރީންގެ މަގާމަށް އެހެންވެރީން އިސްކުރައްވާނޭކަމުގައި އަޅުގަނޑުމެންގެ މާތް ދީން ވަރުގަދައަށް އަންގައިދެއެވެ. އާދޭހެވެ! ރައްޔިތުންގެ ހާލު ބައްލަވާށެވެ. ޙާއްޞަކޮށް ބާރެއް އާރެއްނެތް ނިކަމެތީންގެ ހާލު އިސްލާހު ކުރެވޭތޯ މަސައްކަތްކުރައްވާށެވެ. އެކަމުގެ ހެޔޮ ޘަވާބު މާތްރަސްކަނލާގެ ތިޔަބޭފުޅުންނަށް ދެއްވާށިއެވެ.

އަޅުގަނޑު ލޯބިވާ އަޚުންނާއި އުޚުތުންނޭވެ! ދިވެހިންގެ މާތް ދީނަށާއި ފަޚުރުވެރި މިނިވަންކަމަށް، އަމިއްލަ ފުރާނަފުޅަށްވުރެ ބޮޑަށް ރައްކައުތެރިވެ ވަޑައިގަންނަވާށެވެ. ވިދާހައި އެއްޗަކީ ރަނެއްނޫން އިގޭތޯ އެވެ!

އަޅުގަނޑު މަރުވެ، ފަނާވެދިއުމަށްފަހު އަޅުގަނޑާއިމެދު ދިވެހި އުއްމަތް ހީކުރުން އަޅުގަނޑު އެދެނީ އެންމެ އެއްޗެކެވެ. އަޅުގަނޑު ގައިހުރި ހުރިހައި އުނިކަމަކާއިއެކުވެސް ދައުލަތަށާއި ރައްޔިތުންނަށް ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއިއެކު ޚިދުމަތް ކުރެވޭތޯ މަސައްކަތްކުރި، ވަފާތެރި ދިވެހި ދަރިއެއްކަމުގައެވެ.

އަޅުގަނޑުގެ ލޯބިވާ އަޚުންނާއި އުޚުތުންނަށް ، އަލްވަދާޢު ކިޔަނީ ޝުކުރުވެރި ހިތަކާއިއެކުގައެވެ. އަޅުގަނޑުގެ މިދިގުބަލީގައި އުއްމަތުގެ ފަރާތުން ފެންނަމުންދިޔަ ހަމްދަރުދީގެ ނިޝާންތަކަށް ޓަކައެވެ. ލިބެމުންދިޔަ ބަޔާންނުކުރެވޭ ފަދަ އެހީތެރިކަމަށްޓަކައެވެ.

މާތްރަސްކަނލާގެ ރުއްސެވިއްޔާ އަލްފާޟިލް އިބްރާހިމް މުހައްމަދު ދީދީ ނިޔަމިކަމުގެ ދަށުގައި ދިވެހި އުއްމަތް ހިނގަމުންދާނީ ކުރިއަށެވެ. އަޅުގަނޑުގެ އަމިއްލަ ދަރިފުޅާއި، އަޅުގަނޑުގެ ލޯބިވާ ބޭފުޅުންކޮޅާއި އަޅުގަނޑުގެ ދަރީންކަމުގައިވާ ދިވެހި އުއްމަތުގެ ދަރީން ނުގުޑާ ފަދަ އީމާނަކާއި ހިތަހަމަ ޖެހުމާއިއެކު އަޅުގަނޑު ވަކީލް ކުރަނީ އިންސާފުވަންތަ ރަހީމްވަންތަ ރަސްކަނލާގެއާއެވެ. މާތްރަސްކަނލާގެ އެކުދީންނަށާއި ދިވެހި އުއްމަތަށް އަބަދަށް ހެޔޮ ރަހުމަތްފުޅު ލައްވާށިއެވެ. ............. ޝުކުރިއްޔާ އަދި އަލްވަދާޢު !
23 ޖުމާދިލްއޫލާ 1372

ގައުމަށް ޚިދުމަތްކުރެވޭތޯ މަސައްކަތްކުރާ

މުހައްމަދު އަމީން

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.